މުޅި ފަޒާ ތެރޭ ގުގުމަމުން ދިޔައީ، ގޮނޑުދޮށުމަތީ ރާޅު ބިންދައިގެންދާ އަޑެވެ. ރާޅު ބިންދައިގެންދާ އަޑާއެކު، ގޮނޑުދޮށު ވެލިގަނޑުމަތި އަލިވަނީ، ރެދަނުގެ ނޫ ކުލައިންނެވެ. ތަރިތަކުގެ ބަބުޅުމާއެކު، ހަނދުވަރުގެ އައްޔާއި، ޖެހެމުންދާ ފިނި ވައިރޯޅިން ހިތްތަކަށް ތަސައްލީއެއް ލިބެގެން ދެއެވެ.
“ބޭނުންތަ އަހަރެން ރޫޔާގެ ފިރިއަކަށް ހަދަން؟”
އެ ރީތި މަންޒަރުގެ މެދުގައި ހުއްޓި ހުރީ، ރޫޔާއެވެ. އެހެނަސް، އެ ރީތިކަމަށް ތަޢުރީފުކުރުމުގެ ބަދަލުގައި، އޭނާއަށް ހުރެވުނީ، ރަޒާންގެ އަތުގައި އޮތް ފޮށްޓަށް ނަޒަރު ހުއްޓައިގެންނެވެ. ކުރިމަތިން ހާމަވެގެން ދިޔަ ކަންތައްތައް އަދިވެސް ރަނގަޅަކަށް އޭނާއަކަށް ފަހުމެއް ނުވާފަދައެވެ. ޖެހެމުންދާ ވަޔާއެކު، މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ދިޔައީ އޭނާގެ އެސްފިޔަތަކަށް އުނދަގޫ ކުރަމުންނެވެ.
“ރަޒާން..” އަޑުއައީ ހީކުރި ވަރަށް ވުރެ މަޑުންނެވެ. ލަސްލަހުން އޭނާ ރަޒާންގެ ކުރިމަތިން ދުރަށްޖެހިލުމަށްފަހު، އެނާ ރަޒާނަށް ވާގޮތަށް ހަށިގަނޑު ސީދާކުރިއެވެ. “މިއީ…” ފާއްދައިލި ކަރުނައާއެކު އޭނާ އިސްދަށަށް ޖަހައިލިއެވެ. ރަޒާންގެ ބަސްތަކުން އޭނާއަށް ކުރި އަސަރު ބޮޑެވެ.
“އެ ދުވަސްތައް ފާއިތުވީ މުޅިން ރޫޔާގެ ހަނދާނުގައި. ހަނދާން ނައްތައިލަން އުޅުނަސް، ހަނދާންއާވަނީ ރޫޔާގެ މަތިން. މިހެން ވީނަމަ މިހެންވާނޭ، އެހެންވީނަމަ އެހެންވާނޭ… ކޮންމެ ގޮތަކަށް ވިސްނިޔަސް، ފާއިތުވެ ވަގުތެއް އިޔާދަވެގެންނެއް ނުދާނެ. އެހެންވެ، އަހަރެން ބޭނުމީ، ކުރިއަށް އޮތް ވަގުތުތަކުގައި ރޫޔާ އުފާކުރަން.. ރޫޔާގެ އުފަލަކީ، އަހަރެން ރޫޔާގެ ފިރިއަކަށްވުން ވެއްޖިއްޔާ، އެކަންވެސް ކުރަން އަހަރެން މިހުރީ ތައްޔާރަށް.”
ހަޔާތުގައި އޭނާއަށް ލޯބި ވެވުނީ އެންމެ މީހެއް ދެކެއެވެ. އެ ލޯތްބަށް، މީގެ ހަތް އަހަރުކުރިން ނިމުމެއް އައީ އެނާ އުންމީދު ކުރި ގޮތާ ޚިލާފަށެވެ. ރަޒާންގެ ފުރަތަމަ ވަކިވުމުން އޭނާއަށް ކުރި އަސަރު އެނގޭނީ ޚުދު އޭނާއަށެވެ. ދިރިއުޅުމައިގެން ކުރިއަށް ދިޔައީ، އަމިއްލަ ހިތް އޮޅުވައިލަމުންނެވެ.
ހިތުގައި އެތަކެއް އިހުސާސްތަކެއް ފުނި ޖެހުނެވެ. އުފާވިއެއްކަމަކު، ބިރު އޭގެ ބާރު ފޯރުވާންފެށިއެވެ. އަނެއްކާވެސް އެ ދެމީހުންގެ ލޯތްބަށް ނިމުމެއް އައުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟ އެދުވަހެއް އަތުވެއްޖެނަމަ، އޭނާ ދެން ދެފައި މައްޗަށް ތެދުވަންނާނީ ކިހިނަކުން ހެއްޔެވެ؟
ވާނެ ގޮތަކާމެދު ބިރު ގަންނަހާހިނދަކު، ދިރިއުޅުމައިގެން ކުރިއަކަށް ނުދެވޭނެއެވެ. އޭނާއަށް އެކަން ވިސްނުނެވެ. ކަރުނަތަކާއެކު އެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ގެންނަމުން އޭނާ ވާއަތް ރަޒާނަށް ދިއްކޮށްލިއެވެ.
“ހަމަ އެހާ ބޭނުންތަ އަހަރެންގެ ފިރިއަކަށްވާން؟” ރޫޔާގެ އަޑުންވެސް ހިތަށް ލިބިފައިވާ އުފާވެރިކަން ރަޒާނަށް ފާހަގަވިއެވެ.
“ޝަރަފެއް. ޑރ. ރޫޔާގެ ފިރިމީހާއަށް ވުމުގެ ފުރުސަތު ލިބުނީތީ” އަމިއްލަ ހަށިގަނޑު ތެދުކޮށްލަމުން އޭނާ އެ ފޮށި ހުޅުވައިލިއެވެ. އޭގައި އޮތް އަނގޮޓި ނަގައި، ފޮށި އަނބުރާ ޖީބަށްލުމަށްފަހު، ރޫޔާގެ ކަށި އިނގިޔަށް އެ އަނގޮޓި ލެއްވިއެވެ. އަނގޮޓި ހެޔޮވަރުކަން އެނގުމާއެކު، އޭނާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.
އެ އަތުގައި ހިފުމަށްފަހު، އޭނާގެ ތުންފަތާ އެ އަތް ކައިރިކޮށްލިއެވެ. އަނގޮޓި މަތީ ބޮސް ދިނުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ. “އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤް، ހަޒްބެންޑް އޮފް ޑރ. ޢާއިޝަތު ރޫޔާ އިސްމާޢިލް..” އެ ޖުމުލަ އިވުމާއެކު ރޫޔާ މަޑުމަޑުން ބޯ ހޫރައިލުމާއެކު ރަޒާނަށް ހެވުނެވެ.
“ހަނދާންވޭތަ މިތަން މަތިން؟” އުދަރެހަށް ނަޒަރު ހިންގައިލަމުން ރަޒާން ރޫޔާ ކައިރިކޮށްލިއެވެ. މަޑުމަޑުން ރޫޔާ އޭނާގެ މޭމަތީ ބޯ އަޅައިލުމާއެކު އޭނާ ރޫޔާގެ އުނަގަނޑުގައި އަތް އަޅައިލިއެވެ.
“ރަށު އަތިރިއެއްނު މިއީ” ރަޒާންގެ ހިތުގެ ވިންދު އަޑުއަހަމުން ރޫޔާ ޖަވާބު ދިނެވެ. އެދެމީހުން އެހުރީ ރަށުގެ އިރުމަތި ފަރާތު އަތިރިއަކު ނޫނެވެ. ހަތް އަހަރު ކުރިން އެ ދެމީހުން، ދުނިޔެއަށް ސިއްރުން ބައްދަލުކުރަން އައީ މިތަނަކަށް ނޫނެވެ.
“ހޫމް.. ރަށުގެ އަތިރި. އަހަންނަށް ރޫޔާ ފެނުނީ މި ތަނުން.. ރޫޔާ އުޅުނީ ގޮނޑުދޮށުގައި މާއިޝާއާއި މާއިޝްއާއެއްކޮށް ކުޅެން. އަހަރެން އައީ ވަސީމްގެ ކައިވެންޏަށް.. އަހަރެމެން ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ މިތަނުގައި” ހަނދާނަށް އެ ހަވީރު ގެންނަމުން ރަޒާން ޖަވާބު ދިނެވެ. “އަހަރެންގެ ނަސީބުކަންނޭނގެ ރަށު ސްކޫލު މިތާ ކައިރީގައި އިންނަކަން..” ރަޒާން އެހެން ބުނުމާއެކު، ރޫޔާގެ ހުނުމުގެ އަޑު އޭނާއަށް އިވުނެވެ. އިސްދަށަށް ޖަހައިލުމަށްފަހު އޭނާ ރޫޔާއާ ހަތަރުކަޅި ހަމަކުރިއެވެ.
“ސާބަސް…” ރަޒާނަށް ބަލައިލުމަށްފަހު ރޫޔާ އަނެއްކާވެސް ރަޒާންގެ މޭމަތީ ބޯއަޅައިލިއެވެ.
***
ކޮޓަރިއަށް ވަދެވުމާއެކު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ވާއަތް ނަގައި، މޫނާ ސީދާކޮށްލަމުން، އަތުގެ ކަށި އިނގިލީގައި އޮތް ރިހި އަނގޮޓިއަށް ބަލައިލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ މޫނު މައްޗަށް އެރިއެވެ. ލަސް ހިނގުމެއްގައި ފިޔަވަޅުތައް އަޅަމުން ގޮސް، އޭނާ އެނދުގައި އިށީނީ، އެ އަނގޮޓިން ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ. ކާނާއަތު ބޮޑުވައި އިނގިލިން އޭނާ އެ އަނގޮޓި މަތީ ފިރުމަން ފެށިއެވެ.
***
“މަލަކޫ….ދޫނީ…” ރޫޔާ ކަރުއެލުވައިލުމަށްފަހު އުނަގަނޑުގައި ދެއަތް އަޅުވައިލިއެވެ. އޭނާއަށް އަތުނުވާންވެގެން، މަލަކު ދުވެފައި ގޯތި ތެރެއަށް ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރެފައި އޭނާ ބޯ ހޫރައިލިއެވެ.
“މިހާރު އެނގޭނު ދަރިފުޅު އަތުލަފިކުރަން މަންމަމެން ތެޅުނު ވައްތަރު. ހަތުމާ ބުނާކަށް، ހަމަ ރޫޔާހެން އެއުޅެނީ ތި މަލަކު” މެންދުރު ކާންވެގެން މޭޒުމަތި ތައްޔާރުކުރަމުން ދިޔަ ހަލީމާގެ އަޑު އިވިފައި ރޫޔާ ތުންދަމައިލިއެވެ. އޭނާ މަންމައާ ދިމާލަށް އެނބުރުނު ވަގުތު، ފަހަތުން މަލަކު އައިސް، ރޫޔާގެ ގަތާފައި އޮތް އިސްތަށިގަނޑަށް ދަމަން ފެށިއެވެ.
“ސާބަސް، ރޫދޮންތައަށް ތަދުވޭ ތިހެން ހަދަންޏާ” އަވަހަށް ގުދުވެފައި ރޫޔާ މަލަކު އުރައިލިއެވެ. ރޫޔާ މަލަކުގެ ބަނޑުގައި ގިލިގިލި ކޮށްޓަން ފެށުމާއެކު ހޭން ފެށިއެވެ.
“ހޫމް.. ރޫޔާ.. ކޮން އަނގޮޓިއެއް އަޅައިގެން ތިއުޅެނީ؟” ރޫޔާގެ އިނގިލީގައި އޮތް އަނގޮޓި ފެނުމާއެކު، އެވަގުތު އެ ތަނަށް އައި ހަތުމާއަށް ފެނިގެން އަހައިލިއެވެ. އެއާއެކު ރޫޔާ ހުއްޓުން އެރިއެވެ. ދޭނެ އުޒުރަކާމެދު ވިސްނަން ފެށިއެވެ.
“މިއީ… އަޅުގަނޑުގެ އަނގޮޓިއެއް.. ރީތިވެގެން އެޅީ؟”
“އެހެން” ޤަބޫލު ނުކުރަން ހުރެ ހަތުމާ ރޫޔާއަށް ދެލޯ ހަނިކޮށްލިއެވެ. ހަތުމާގެ ސަމާލުކަން އަމާޒުވެފައި ހުރީ އޭނާއަށްކަން އެނގުމާއެކު، އޭނާ އުޅުނީ އަވަހަށް އެއިން މިންޖުވާންށެވެ.
“ހޫމް.. ހަމަ އަނގޮޓިއެއް މީ”
“މަށަށްވެސް އެނގޭތީ އަނގޮޓިއެއްކަން. މަގޭ ސުވާލަކީ.. ކާކު ދިން އަނގޮޓިއެއް ހެއްޔޭތީ؟”
“މައްސަލައެއްތަ؟” ސުވާލުކުރާ ފަދަ ރާގަކަށް ރޫޔާ ޖަވާބު ދިނުމާއެކު ހަތުމާއަށް އިތުރަށް ޝައްކުވިއެވެ.
“ނޫން” ރޫޔާގެ އުރުން މަލަކު އަތުލަމުން ހަތުމާ ރޫޔާއަށް ރަނގަޅަށް ބަލައިލިއެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް އެއީ މީހަކު ދިން އެއްޗެއްކަން އަންގަންވެގެންނެވެ.
މެންދުރު ކައި ނިމިގެން ރޫޔާ ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުގައި އޮށޯތުމަށްފަހު އޭނާގެ ފޯނު ހުޅުވައިލިއެވެ. ރަޒާންގެ ފަރާތުން އެންމެ ފަހުން މެސެޖެއް ލިބުނީ ހެނދުނުގެ ވަގުތެއްގައެވެ.
ރަޒާން ކޮބައިތޯ ބަލަންވެގެން މެސެޖެއް ފޮނުވުމަށްފަހު، އޭނާ ފެންވަރަން އުޅުނެވެ. މިއަދު ހަވީރު، ޝަފަޤް ކުޑަ ސަޔަކަށް ދަޢުވަތު ދީފައި އޮތުމުން އޭނާ އުޅުނީ އަޞްރު ނަމާދު ވަގުތު ވުމުގެ ކުރިން ފެންވަރައި ރީތިވާންށެވެ.
އަޞްރު ނަމާދުކޮށް ނިމިގެން، ރޫޔާ އުޅުނީ ރީތި ވާންށެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މުޅި ގޭތެރެ ހަމަހިމޭންކަން އިހުސާސްވި، ރީތިވެ ނިމިގެން ކޮޓަރިން ނުކުތް ވަގުތެވެ. ލައިގެން ހުރި ސްކާރޓުގެ ފަސްބައިގައި ހިފައިގެން ހުރެ، ސިޑިން ފޭބިއެވެ. ސިޓިން ރޫމުގެ ސޯފާ ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ. ތެދަށް ބުނާނަމަ، ސިޓިން ރޫމު ސޯފާގައި އިށީނދެ އިން ރަޒާން ފެނިފައެވެ. ރަޒާން އީށިނދެ އިން ސޯފާގެ ކުރިމައްޗަށް ހުރި ސޯފާގައި އިސްމާޢިލާއި ވާފިރު ދެމީހުން އިށީނދެ ތިއްބެވެ. އެ ސޯފާ ކައިރީގައި ކޮޅަށް ހަލީމާއާއި އަހުމަދު ހުރި ތަން ފެނުމާއެކު ރޫޔާއަށް ހިންދިރުވައިލެވުނެވެ.
“ދޮން ކަނބުލޯ…” ސިޑި ކައިރީގައި ހުއްޓުން އަރައިފައި ހުރި ރޫޔާ ފެނުނީ އިސްމާޢިލަށެވެ. އިސްމާޢިލްގެ އަޑު އިވިފައި އެ އެންމެން އެނާއަށް ބަލައިލިއެވެ. “އާދެބަލަ.. މިތަނަށް…” އިސްމާޢިލް ކައިރީގައި އިން ހުސް ޖާގައަށް އިޝާރަތް ކުރުމާއެކު، ރޫޔާ މަޑު ފިޔަވަޅުތަކެއް އަޅަމުން، އެތަނުގައި އިށީނެވެ.
“ރަޒާން ތި އެދެނީ ބޭބެއާއި އިސްމާޢިލްގެ ކިބައިން ހުއްދަ” ވާފިރުގެ އަޑު މުޅި ސިޓިން ރޫމު ތެރޭ ފެތުރުނެވެ. ރޫޔާ އިސްދަށަށް ޖަހައިލުމަށްފަހު، ނޭވާއެއް ނެގީ، އޭނާގެ އަވަސްވެފައި ހުރި ހިތް ހަމައަކަށް އަޅުވަންށެވެ.
“ލައްބަ. އަޅުގަނޑު ބޭނުން ރޫޔާއާ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން” ރަޒާން ރޫޔާއަށް ކަޅިއެއް އެއްލުމަށްފަހު ޖަވާބުދިނެވެ.
“މީގެ ހަތް އަހަރު ކުރިން ރަޒާން ރޫޔާ ދޫކޮށްލާފަ ދިޔަ. ވަރަށް ހިތިކޮށް ކަންތައް ވެގެން ދިޔައީ. އެހެން އަލުން ރޫޔާއަށް ނުހަދާނެކަން އަހަންނަށް ނޭނގޭ..” ވާފިރުގެ ބަސް އިވިފައި ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. ހަށިގަނޑު ތެދުކޮށްލުމަށްފަހު އޭނާ ވާފިރާއި އިސްމާޢިލަށް ބަލައިލިއެވެ.
“ތެދެއް. އެނގޭ އަޅުގަނޑު ކަންތައް ކުރީ ރަނގަޅަކަށް ނޫން. އޭރުވެސް އަޅުގަނޑަށް އެނގޭ ރޫޔާއަކީ ހިތްތިރި، މަޢާފަށް އެދިއްޖެ ނަމަ، މަޢާފުކުރާނެ މީހެއްކަން. އަޅުގަނޑަށް އޭރު މަޖުބޫރުވީ އެ ކައިވެންޏަށް އެއްބަސްވާން. ރޫޔާ ކައިރީ އެކުގައި ވާނަމޭ ކިޔާފަ، އެހެން މީހަކާ ކައިވެނި ކުރަން އަޅުގަނޑަށް މަޖުބޫރު ވީކަން ރޫޔާއަށް އެނގޭ ވަގުތު، ރޫޔާ ބުނާނީ ކީކޭކަންވެސް އަޅުގަނޑަށް އެނގުނު. އެހެންވެ، އޭރު އަޅުގަނޑަށް މުހިންމުވީ ރޫޔާގެ މަޢާފަށް ވުރެ ރޫޔާގެ ރުޅިވެރިކަން. އަޅުގަނޑު ބޭނުންވީ ރޫޔާ އަޅުގަނޑު ދެކެ ރުޅި އަންނަން. އަޅުގަނޑު މަތިން ހަނދާން ނައްތައިލައި ދިރިއުޅުމައިގެން ކުރިއަށް ދާން.” ރަޒާންގެ ނަޒަރު ބަދަލުވީ ރޫޔާއަށެވެ.
“މިހާރު ހިތަށް އަރައި އެހެން ގޮތަކަށް އެކަންތަކާ މެދު ފިޔަވަޅު އެޅުނުނަމައޭ.. އެކަމަކު، ފާއިތުވި ވަގުތެއް އަނބުރާ ނުގެނެވޭނެ. އޭގެ ބަދަލުގައި، އަޅުގަނޑު ބޭނުންވަނީ، ކުރިއަށް އޮތް ވަގުތު ތައް ރޫޔާގެ އުފަލަކަށް ހަދަން.. ދިރިއުޅުމުގައި ރޫޔާގެ ހިތްވަރަކަށް ވާން”
ވާފިރު ބަލައިލީ އިސްމާޢިލަށެވެ. ވާފިރާ ހަތަރު ކަޅި ހަމަވުމުން އިސްމާޢިލް ބޯ ޖަހައިލިއެވެ. އެދެމީހުން މޫނު އަނބުރައިލީ، އިސްމާޢިލް ކައިރީގައި އިށީނދެ އިން ރޫޔާ އަށެވެ.
“ބޭބެއާ ހަމައެކަނި ލޭގެ ގުޅުން އޮތް މީހަކީ ބޭބެގެ ދަރިފުޅު ރޫޔާ…” އިސްމާޢިލް ރަޒާނަށް ބަލައިލިއެވެ. “އެކޮއެއަށްވެސް އެނގޭނެ ކަންނޭނގޭ، ކުރިން ކަންތައްވެގެން ދިޔަ ގޮތް. މިކަމުގެ ތެރެއަށް މާޒީ ގެންނާކަށް ބޭބެއެއް ނެތް. އެކޮއެއަށްވެސް އެނގޭނެ ކަންނޭނގޭ ބޭބެގެ ބަލިހާލު، ބޭބެގެ އެހާ ގިނަ ދުވަހެއް ނެތް. މާދަންވެސް މަރުވެދާނެ.” އިސްމާޢިލް ނޭވާއެއް ދޫކޮށްލިއެވެ. އިސްމާޢިލްގެ ބަސްތަކާއެކު ރޫޔާ އިސްނަގައި، ބައްޕައަށް ބަލައިލިއެވެ.
“ބައްޕާ…”
“ބޭބެ އަބަދުވެސް ބޭނުންވޭ ބޭބެގެ ކަނބޮލު އުފާކުރަން. އުފަލުގައި ބަހައްޓަން.. ބޭބެ އެއްފަހަރު އެކަން ކުރަން ފެއިލުވި. އަބަދުވެސް ވިސްނެނީ، ދޮންކަނބުލޮ އުފާކުރެވޭނީ ކިހިނަކުން ހެއްޔޭ. ބޭބެއަކަށް ނޭނގޭނެ ދޮންކަނބުލޮ އެންމެ ރަނގަޅުގޮތް. އެކަމަކު ބޭބެއަށް އެނގޭނީ އޭގެ ގޯހާ ރަނގަޅު ކިޔައިދޭން. އޭގެ ފަހު ބަސް ބުނަން އެނގޭނީ…” އިސްމާޢިލް މޫނު އަނބުރައިލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ. “ދޮން ކަނބޮލުއަށް” އިސްމާޢިލްގެ ބަހާއެކު ދެންތިބި އެންމެން ރޫޔާއަށް ބަލައިލިއެވެ.
ރޫޔާ ބައްޕައާ ހަތަރު ކަޅި ހަމަކޮށްލުމަށްފަހު އިސްދަށަށް ޖަހައިލިއެވެ. އަތުގެ ނޫފުށުން އޭނާގެ ކަރުނަތަށް ފޮހެލައި، ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އިސްނަގައި ބަލައިލީ ރަޒާނަށެވެ. ރަޒާންގެ ނަޒަރަށް އޭނާގެ ލޯ ސީދާވުމާއެކު އޭނާ ހިތް އަވަސް ވިއެވެ. ލަސް ލަހުން އޭނާ ބެލުން ބަދަލުކުރީ އޭނާގެ ދެ ބައްޕައާ ދިމާލަށެވެ.
“އަޅުގަނޑު ބޭނުން ކައިވެނި ކުރަން” ރޫޔާގެ މަޑު އަޑުން ބުނި ޖުމުލައާއެކު، ރަޒާންގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް އެރިއެވެ. ވާފިރާއި އިސްމާއިލް އެކަކު އަނެކަކަށް ބޯ ޖަހައިލުމަށްފަހު ރަޒާނަށް ބަލައިލިއެވެ.
“އެހެންވީމާ ބޭބެމެންގެ އެއްވެސް ޝަކުވާއެއް ނެތް ތި ކައިވެންޏަކަށް.. ” އިސްމާޢިލް ރަޒާނަށް ކުޑަ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ސޯފާއިން ތެދުވެ، އޭނާ ހިނގައިފައި ހުއްޓުނީ ރަޒާންގެ ކުރިމަތީގައެވެ.
އިސްމާޢިލްގެ އަތް އޭނާއަށް ދިއްކޮށްލައިފައި އޮތުމާއެކު ރަޒާން އެ އަތުގައި ހިފައި ސަލާމް ކޮށްލިއެވެ. މޫނުމައްޗަށް ވެރިވި ލުއި ހިނިތުންވުމާއެކު، އޭނާ ސޯފާއިން ތެދުވެ، ވާފިރާވެސް ސަލާމް ކޮށްލިއެވެ.
****
ގެއިން ނުކުތުމަށްފަހު ރޫޔާ މޫނު އަނބުރައިލީ ކުރިމަތީ ހުރި ރަޒާނަށެވެ. ހަތަރު ކަޅި ހަމަކުރުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލީ ލުއި ހިނިތުންވުމަކާއެކުއެވެ. މަޑުމަޑުން ރަޒާނާ ފިޔަވަޅު ހަމަކުރުމަށްފަހު މިސްރާބު ޖެހީ އަތިރިއަށެވެ.
ހަވީރުގެ ވަގުތުވުމުން، މަގުމަތި އެވަގުތު އޮތީ އެހެން ދުވަސްތަކާ ޚިލާފަށް ގިނަވެފައެވެ. ރޫޔާ ފެނުމާއެކު ޖޯއްޔަށް ނުކުމެ ތިބި އަންހެންވެރިން ރޫޔާއަށް ގޮވާ ހެދުމުން ރޫޔާ ވެސް އެމީހުންނަށް ޖަވާބު ދިނެވެ. އަތިރި މަގަށް އެޅުމާއެކު ރޫޔާ ރަޒާނަށް ކަޅި އެއްލިއެވެ.
“އަހަރެން ކައިރީ ބުނެވެސް ނުލާ…” ދެންމެ ގޭތެރޭ ވެގެން ދިޔަ ގޮތް މަތިން ހަނދާން ކުރަމުން ރޫޔާ ތުން ހަދައިލިއެވެ.
“އަސްލު ހުރީ އެހެން ހަދާކަށް ނޫން. މިސްކިތުން ނުކުތް ގަޑީގައި ވާފިރުބޭ އަށް އަހަރެން ފެނުނީ.” ރަޒާން މަޑުމަޑުން ރޫޔާގެ އަތުގައި ހިފައިލިއެވެ. ކުޑަކޮށް މޫނު އަރިކޮށްލުމަށްފަހު ރޫޔާގެ ލޮލަށް ބަލައިލިއެވެ. “ހިތް ހަމަ ނުޖެހިފަތަ؟”
“ނޫން. ތެދަށް ބުނާނަމަ.. އަސްލު އަހަރެން ހުރީ މަންމަމެން ކައިރީ އަހަރެމެން ދެމީހުންގެ ވާހަކަ ދައްކާނެ ގޮތް ނޭނގިފައި. ހަތޫ ދޮންތައަށްވެސް އަހަރެން މީހަކު ގެންގުޅޭކަން ޝައްކުވެގެން އުޅުނީ.. ރަޒާނާ އަލުން ގުޅުނު ވާހަކަ ބުނާނީ ކިހިނެއް؟” ރޫޔާ އުދަރެހަށް ނަޒަރު ހިންގައިލިއެވެ. “އެ އެންމެންނަށް ފެނުނު އަހަރެން އުޅުނު ގޮތް… އޭރު..”
ރަޒާން އޭނާގެ އަތަށް ބާރުކޮށްލުމާއެކު ރޫޔާ އެ ދެމީހުންގެ އަތަށް ބަލައިލިއެވެ. އިސް ނުނަގައި އޭނާ ނަޒަރު ބަދަލުކޮށްލީ ރަޒާންގެ މޫނަށެވެ. ސީރިއަސްވެފައި ހުރި ތަން ފެނުމާއެކު ރޫޔާގެ ބަހަށް މަޑު ޖެހުނެވެ.
“ރޫޔާ..” ރަޒާނާ ހަތަރުކަޅި ހަމަވުމާއެކު ރޫޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ. “އަހަރެންގެ ސަބަބުން ރޫޔާ އެޅި ކޮންމެ ކަރުނަ ތިއްކަކަށް…” ރޫޔާގެ ކޯތާފަތް މައްޗަށް ވެއްޓިފައި އޮތް އެސްފިޔަ އޭނާ ނަގައިދިނެވެ. “…އަހަރެން ރޫޔާއަށް ދިހަގުނަ އުފާވެރިކަން ހޯދައިދޭނަން. އެއީ އަހަރެންގެ ވަޢުދެއް”
އެސްފިޔަ ޖަހައިލަން ނޭނގިހުރެ އޭނާ ހުއްޓުން އެރީ ރަޒާން ދެން ބޭރުކުރި ބަސްތައް ފަހުމުވާން ފެށީމައެވެ. އޭނާ ލޯ ފެންކަޅިވާން އުޅޭހެން ހީވުމާއެކު ރަޒާނާ ވީ ނޫން ފަޅިއަށް މޫނު އަނބުރައިލުމަށްފަހު، ބޯ ހޫރައިލިއެވެ. ޤަބޫލުކުރަން ދަތިވެ ހުރެ އޭނާއަށް ކުޑަކޮށް ހެވުނެވެ.
“ދިހަ ގުނަ؟؟ ރަޒާން.. އަހަރެން ވަރަށް ގިނައިން ރުއިން. ދިހަ ގުނަ ވެއްޖިއްޔާ ހާދަ މަސައްކަތެކޭ..”
“އެ އުފާވެރިކަން ހޯދަން އަހަރެންގެ މުޅި ޢުމުރު ހޭދަކުރަން ޖެހުނަސް ހެޔޮ… ރޫޔާ ސްޕޮއިލް ކުރަން ބަހަނާ ދެއްކޭނީ އޭރުންނެއްނު”
“ސާބަސް…”
ރޫޔާ މަޑުމަޑުން ރަޒާންގެ މުލައްދަނޑީގައި ވިކައިލިއެވެ. “އަހަރެން ބަލާނަމޭ.. ރަޒާން ތި ކިޔާ ދިހަގުނަ އުފާވެރިކަން އަހަންނަށް ހޯދައިދޭނެ ގޮތް..”
“ރަނގަޅަށް ބަލައްޗޭ” ލޯބިން ރޫޔާގެ ނޭފަތުގައި ހިފަމުން ރަޒާން ހީލިއެވެ.
***
“ޝަފޫ… ލޯބި ކޭކެއް” މޭޒުމަތީ ބަހައްޓައިފައި އޮތް ކޭކު ފެނުމާއެކު މައިރާ ބުންޏެވެ. ޖީބުން ފޯނު ނަގައި، އެ ހުދު އައިސިނުން ރީތިކޮށްލައިފައި އޮތް ކޭކުގެ ފޮޓޯ ނެގިއެވެ.
“މަންމަ ކޭކު އެޅީ. އަހަރެން ޑެކޯ ކުރީ” ހެދިކާ އަޅައިފައި ހުރި ތަށިތައް ތަރުތީބު ކުރަމުން ޝަފަޤް ޖަވާބު ދިނެވެ.
“އަހަރެމެންގެ ލޯބި ބޭކަރ.. މިހާރު މި ވިސްނަނީ ކާކުބާއޭ ޒާޝާގެ ސްކޫލު އިންޓަވަލް ތައްޔާރުކުރާނީ، ޝަފް ވިހޭމަ؟ ރަށުގެ އެންމެން ކަހަލަ ގޮތަކަށް ޝަފްގެ ބޭކަރީއިން އެއްޗެހި ގަންނަނީ ވިއްޔާ” ޝެހެނާގެ އަޑާއެކު ޝަފަޤް ބޯ ހޫރައިލިއެވެ.
“އަހަރެން ވިހެޔޭ ކިޔާފަ ވިޔަފާރި ދާނީ ހަމަ ކުރިއަށް. މަސައްކަތް ކުރާން މީހުން އައްޔަން ކޮށްފަ ހުންނަނީ ކަމަކުއޭ. އަނެއްކާ ވަސީމްވެސް އެކަމުގައި އުޅޭ..”
“ލޯޔަރ، އަންޓްރަޕްރެނައު، ޑޮކްޓަރ… އަހަރެންގެ އެކުވެރިންނަކީ ހާދަ ޤާބިލު ކުދިން ކޮޅެކޭ..” ޝެހެނާ ފަޚުރުވެފައި ބުންޏެވެ.
“އޭތް.. ޝެހޭ.. ޝެހޭ ވެސް ވަކި ގޯހެއް ނޫން.. ކުދިންނަށް ޓިއުޝަން ދެމުން، ހެދުން ފަހަމުން، މޭކަޕުކޮށްދެމުން… ޝެހޭވެސް ތިއީ އަންޓްރަޕްރެނައު އެއް” މައިރާ ޝެހެނާގެ އުނަގަނޑުގައި ބައްދައިގަންނަމުން ބުންޏެވެ.
“އަހަރެމެން މެޓާނަލް އެޑްވައިޒް ހޯދަން ދާނީ ޝެހޭ ކައިރިއަށް.. ރޫ ކައިރިއަށް ބަލިވީމަ، މައި ކައިރިއަށް ވެން ޓްރަބަލް ވިތް ލޯ..” ގޮނޑީގައި އިށީނަމުން ޝަފަޤް ބުންޏެވެ.
“ޝަފް ކައިރިއަށް މޯރަލް ސަޕޯޓް ހޯދަން. ޝަފް ދޭނީ އެންމެ މޮޅެތި މޯރަލް އެޑްވައިޒް”
“ތި ރޫ ކޮބާތަ؟”
“ތި ކިޔާ ރޫ މިހުރީ” ޝަފަޤްގެ ގެއަށް ވަންނަމުން ރޫޔާ ޖަވާބު ދިނެވެ. އޭނާ މައިރާއާއި ޝެހެނާއަށް ބަލައިލުމަށްފަހު، ޝަފަޤްއަށް ނަޒަރު ހިންގައިލިއެވެ.
“ހޭއި.. ކިހިނެއް؟” ޝަފަޤްގެ ކޮނޑުގައި އަތް އަޅައިލަމުން ރޫޔާ އެހިއެވެ.
“ރަނގަޅު.. ކުޑަކޮށް ނާރވަސް ވެފަ” ޝަފަޤް ހީލިއެވެ.
“ރޫ…” މައިރާއަށް ރޫޔާގެ އަތުގެ އިނގިލީގައި އަޅައިފައި އޮތް އަނގޮޓި ފެނުމާއެކު ދެބުމަ ގޮށްޖަހައިލިއެވެ.
“އަނގޮޓި؟؟” ޝެހެނާ ރޫޔާގެ އެ އަތް ނަގައި ރަނގަޅަށް އެއަށް ބަލައިލިއެވެ.
“ރަޒާން؟” ޝަފަޤް އެނގެން ބޭނުންވެފައި ހުރެ އެހިއެވެ.
“ޔެސް؟” ވަސީމްގެ ފަހަތުން އެ ގެއަށް ވަދެގެން އައި ރަޒާން ފެނިފައި އެ ތިން މީހުންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. މައިރާއާއި ޝެހެނާ އެކަކު އަނެކަކަށް ބަލައިލިއެވެ. އެ ތިން މީހުން ތެރެއިން އެންމެ އަވަހަށް ވީ ގޮތް ރޭކާލަން ފެށީ ޝަފަޤެވެ.
“ރޫ..” ހެވިފައި ހުރެ ޝަފަޤް ރޫޔާއަށް ބަލައިލިއެވެ. އެކުވެރިޔާގެ އުފަލުގައި ބައިވެރިވާން ވެގެން ސޯފާއިން ތެދުވެ، ރޫޔާގެ ގައިގައި އޮޅުލައިގަތެވެ. ޝެހެނާއާއި މައިރާއަށްވެސް އެ އަނގޮޓި ރަމްޒުކޮށްދެނީ ކޮންކަމެއްކަން ވިސްނުމާއެކު، މޫނު މައްޗަށް އުފާވެރިކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. ދެ މީހުން ރޫޔާގެ ގައިގައި އޮޅުލައިގަނެ، ހެމުން ދިޔައިރު، އުފަލުގެ ކޮޅެއް ނެތެވެ.
___
އޭގެ އިރުކޮޅެއް ފަހެވެ.
“ކޭކު ފަޅަން އުޅެމާ!” ޝަފަޤް އަތަށް ވަޅި ލައިދެމުން ޝެހެނާ ވަސީމަށް އިޝާރަތް ކުރިއެވެ. ވަސީމްގެ މޫނުމަތިން ލިބެން އުޅޭ ދަރިފުޅުގެ ޖިންސު އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަން ފާޅުވެފައި ހުރިތަން ފެނުމާއެކު މައިރާ ބޯ ހޫރައިލިއެވެ. އަތުގައި ވީޑިޔޯ ކުރަމުން ދިޔަ ފޯނުން، ވަސީމްގެ މޫނަށް ޒޫމް ކޮށްލިއެވެ.
“ވަސީމް، ކޮންކަހަލަ ބޭބީ އެއް ބޭނުމީ؟” ހެވިފައި މައިރާ ސުވާލުކުރިއެވެ.
“ކޮންމެ ކަހަލަ ކުއްޖެއްވެސް އޯކޭވާނެ…” ބޯ ކަހަމުން ވަސީމް ޖަވާބު ދިނެވެ.
“ދޮގެއް.. މިއަދާ ހަމައަށް ދާން ދެން އޭނާ އާދޭސްކުރަމުން ދިޔައީ އަންހެން ކުއްޖެއް ލިބޭތޯ” ޝަފަޤް ވަސީމަށް ބަލަން ހުރެފައި ބުންޏެވެ.
“އަންހެން ކުއްޖެއްވިޔަސް ފިރިހެންކުއްޖެއްވިޔަސް ހެޔޮ… އަހަރެމެންގެ ބޭބީ ވާނީ ހަމަ އަހަރެމެންގެ ބޭބީއަށް ދޯ…”
“އޯވް…” އެ މަންޒަރު ބަލަން ހުރި ޝެހެނާގެ އަޑު އިވިފައި ޝަފަޤް ޝެހެނާއަށް ލޯ އަޅައިލިއެވެ.
“އޯކޭ.. ތިނެކަށް ކޭކު ފަޅާނީ… އެކެއް”
“ދެއް!”
“ތިނެއް”
ޝަފަޤާއި ވަސީމް ވަޅީގައި ހިފަހައްޓައިގެން ހުރެ، ކޭކުން ކުޑަ ތަންކޮޅެއް ފަޅައިލިއެވެ. ކޭކު ފަޅައިލުމާއެކު، އެތެރެއިން ފިޔާތޮށި ކުލަ ފެނިފައި ޝަފަޤް ހަޅޭއްލަވައިގަތެވެ. އަވަސް އަވަހަށް ވަސީމް ގައިގައި އޮޅުލައިގަތެވެ.
ޝެހެނާއާއި މައިރާގެ ހަޅޭކުގެ އަޑުވެސް މުޅި ސިޓިން ރޫމު ތެރޭ ގުގުމައިލިއެވެ. އެ އަޑުގެ ފަހަތުން ރޫޔާގެ ހުނުމުގެ އަޑުވެސް އިވުނެވެ.
“ކޮންގްރޭޓްސް… ޝަފް…”
އެ ތިން އެކުވެރިން ކައިރިއަށް ޝަފަޤް ޖެހިލުމާއެކު ތިން މީހުން އަވަހަށް ޝަފަޤްގެ އަތުގައި ހިފައިލިއެވެ. ފަހަރަކު މީހެއްގެ އަނގަޔަށް ކޭކު ފޮތި ލައިދެމުން ދިޔައިރު، އެ ހުރިހާ އެންމެންގެ މޫނު މަތިން ފެންނަމުންދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
***
ރާޝިދު ފޮނުވި ފައިލް ތައް ކިޔަން ކޮޓަރީގައި އިން ރޫޔާއަށް، ސިޓިން ރޫމުން އަޑުތަކެއް އިވޭހެން ހީވުމާއެކު، އެނދުން ތެދުވެ ދޮރު ހުޅުވައިލުމަށްފަހު ސިޓިން ރޫމަށް ބޯ ދިއްކޮށްލިއެވެ. ރަހާގެ ކޮޓަރި ދޮރުމަތީ މަޑުކޮށްގެން ހުރި ސާޖިދު ފެނިފައި ރޫޔާ ފުރަތަމަ މޫނު ހަދައިލެވުނެވެ. ދެވަނަ ސިކުންތުގައި ސާޖިދު ކައިވެނިކޮށްގެން އުޅެނީ ކާކާކަން ހަނދާންވުމާއެކު ނޭވާއެއް ދޫކޮށްލިއެވެ. ސާޖިދާއި ރަހާ ވަކިން އުޅެން އެޕާޓްމެންޓެއް ހޯދަން އުޅޭކަން ރޫޔާއަށް ހަނދާންވުމާއެކު، އޭނާ ކޮޓަރިން ނުކުމެ، ސިޓިން ރޫމު ސޯފާގައި ލެނގިލިއެވެ.
“އެޕާޓްމެންޓެއް ލިބޭ ވަރު ވެއްޖެތަ؟” ސާޖިދުގެ ސަމާލުކަން އޭނާއަށް ލިބުމާއެކު ރޫޔާ އެހިއެވެ. ރައްދުގައި ސާޖިދު ބޯ އަރިކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“ހޫމް.. އެޕާޓްމެންޓެއް ލިބުނީ…” ސާޖިދު ބުނިގޮތަކުން ރޫޔާގެ ދެބުމަ ގޮށްޖެހުނެވެ.
“ރަޒާންބޭ އަހަރެމެންނަށް ހަދިޔާއަކަށް ދިނީ، މި އިމާރާތުން އެޕާޓްމެންޓެއް” އެވަގުތު ކޮޓަރިން ސިޓިން ރޫމަށް ބޯ ދިއްކޮށްލި ރަހާގެ ޖުމުލައިން ރޫޔާ ހައިރާންވިއެވެ.
“އަހަރެމެން ކައިރީ ބުނި އެއްޗެއް އެނގޭތަ؟” ރަހާގެ ފަހަތުން ނުކުތް ލަމްޔާގެ ހެދުން ރީތިކޮށްލަމުން ރަހާ ރޫޔާއަށް ބަލައިލިއެވެ. “ދޮންތައަށް ރަނގަޅަކަށް ނުނިދިގެންނޯ އުޅެނީ، އަޅުގަނޑުމެން އުޅޭނެތަނަކާ މެދު ވިސްނަން ހަދައިގެން” ހަށިގަނޑު ސީދާކޮށްލުމަށްފަހު ރަހާ މޭމަތީ ހަށަން ބަނދެލިއެވެ.
“ސާބަސް…” ނިތްމަތީ އަތް ޖަހަމުން ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. އަނގަ ހަދައިލުމަށްފަހު އޭނާ ބަދިގެއަށް ވަދުނެވެ.
“އޯހް.. އަދި ހަނދާން ނެތިފައި މިހުރީ…” އޭނާ ސާޖިދަށް ބަލައިލިއެވެ. ލީނާގެ ވާހަކަ އަހަން ހުރެފައި ރޫޔާ އަނގަ ލައްޕައިލިއެވެ.
“ލަމްޔާ އަހާތަ؟…” ރޫޔާ އެހީ އެވަރަށެވެ. ޖަވާބުގައި ސާޖިދު ބޯ ޖަހައިލިއެވެ.
“މާދަން ދާން ކަމަށް މިއުޅެނީ.. ލަމް ގޮވައިގެން…”
“މާދަން؟” ބަތްކާތަށި ނަގަން ހުރި ރަހާ ހައިރާންވެފައި ސާޖިދަށް ބަލައިލިއެވެ. “އަހަންނަކަށް ނެތް ދެވެން މާދަމާއަކު… އެގްޒާމް..” ރަހާ ރޫޔާއަށް ބަލައިލިއެވެ. “ދޮންތާ؟”
ރޫޔާ ރަހާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭނާ ދެން މޫނު އަނބުރައިލީ ސޯފާ މަތީ އޮށޯވެ އޮތް ލަމްޔާއަށެވެ. އޭނާ ގޮތް ދޫކޮށްލުމަށްފަހު ބޯ ޖަހައިލީ އެއްބަސް ވާންވެގެންނެވެ.
“އޯކޭ… މާދަން ހަވީރު… މަ އަންނާނަން ރޫ ބަލާ”
***
ގޮނޑީގައި އިށީނދެ އިން ރޫޔާ ހިންދިރުވައިލުމަށްފަހު ކައިރީގައި އިން ލަމްޔާއަށް ކަޅި އެއްލިއެވެ. އެއްޗެކޭ ނުބުނެ، މަޑުން އިން އެ ކުޑަކުއްޖާގެ ހާލަތާމެދު ފިކުރުބޮޑުވެ ހުރެ، ރޫޔާ އެ މުޅި ތަނަށް ބަލައިލިއެވެ. ކުރިމަތީގައި އެ ކޮޓަރި ވަކިކޮށްފައި އޮތް ބިއްލޫރިގަނޑުން އޭނާގެ ސޫރަ ފެނުމާއެކު ނޭވާއެއް ދޫކޮށްލެވުނެވެ.
ބިއްލޫރިގަނޑުގެ އަނެއް ފަރާތުން، އަޑެއް އިވުމާއެކު ރޫޔާއާއި ލަމްޔާ އެކީ އެދިމާލަށް ބަލައިލިއެވެ. އަންހެން ފުލުހަކާއެކު އެކޮޓަރިއަށް ވަދެގެން އައި ލީނާ ފެނިފައި ރޫޔާ ދެލޯ މަރައިލިއެވެ. އޭނާ މިތަނަށް އައީ ވަކި އަންނަ ހިތަކުންނެއް ނޫނެވެ. ލަމްޔާއަށްޓަކައިއެވެ.
“މަންމާ!” ޖެހިލުންވެ ހުރެ ލަމްޔާ ލީނާއަށް ގޮވައިލި އަޑު އިވިފައި ލީނާ އިސްނަގައި ބަލައިލިއެވެ. ލަމްޔާ ފެނުމާއެކު އޭނާގެ މޫނު މައްޗަށް އުފާވެރިކަމުގެ ކުލަވަރު އެރިއެވެ.
“މަންމަގެ ދޫނީ… ދޫނި ރަނގަޅުތަ؟ އާއްޗާ.. މަންމަގެ ދޫނި ހާދަ ރީތި ހެދުމެއް ލައިގެން..” ބިއްލޫރިގަނޑު ކައިރީ މަޑުކޮށްލަމުން ލީނާ ރަނގަޅަށް ލަމްޔާއަށް ބަލައިލިއެވެ. ލަމްޔާގެ ފަހަތުގައި ހުއްޓިހުރި ސާޖިދު ފެނިފައި ލީނާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
“ލަވް… ސާޖިދު…”
“ލީނާ…”
“ރަނގަޅުތަ؟ ކިހިނެއްވަނީ.. ކުރިން ފިހުނުތަންތަން؟” ހިތި ހިނިތުންވުމެއް ތުންފަތަށް ގެންނަމުން އޭނާ އަހައިލިއެވެ.
“ކުރިއަށްވުރެ ރަނގަޅު….”
“ދެޓްސް..ގުޑް..” އޭނާ ދެން ބަލައިލީ ލަމްޔާ ކައިރީގައި އިން ރޫޔާއަށެވެ. އޭނާ ފުރަތަމަ ހީކުރީ އެގޮނޑީގައި އިނީ ރަހާކަމަށެވެ. އެހެނަސް ރޫޔާގެ ސޫރަ ފެނުމާއެކު، އަރު ތެރެއިން ހިތި ރަހަ ލާން ފެށިއެވެ. ހިތުތެރޭ އަނދަމުންދާ ނަފްރަތުގެ ހުޅުކޮޅަށް އެ ސިފަ ދިޔައީ ދަރު އަޅަމުންނެވެ.
“ހުވާ… ސާޖިދަށްވެސް ގެންނަން އެނގުނީ ކަލޭ” ލީނާ އަމިއްލަ ނަފްސަށް މަލާމަތްކުރާ ފަދަ ގޮތަކަށް ހޭންފެށިއެވެ. “އަހަރެންނަށް މަލާމަތްކުރަންތަ އޭނާ ތި ގެނައީ”
“ލީނާ”
“ހޫމް.. ހުއްޓަލަންވީތަ؟ ކޮން ކަމެއް ހުއްޓަންވީ؟” ލީނާ ރޫޔާއަށް ލޯ އަޅައިލިއެވެ. ރޫޔާއާ ކަޅި ސީދާ ވުމާއެކު އޭނާގެ މޫނުމައްޗަށް އަރައިފައި އިން ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“އެނގޭތަ އަހަރެން ކީއްވެކަން ކަލޭ ދެކެ ރުޅި އަންނަނީ؟ އެނގެން ބޭނުންތަ؟” ރޫޔާއަށް އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ ލީނާ ކުރިއަށް ގެންދިޔައެވެ.
“ވަކި އަހަންނަށްވުރެ ރީތިވެގެންނެއްނޫން، ވަކި އަހަންނަށް ވުރެ މޮޅުވެގެންނެއް ނޫން.. އަހަންނަށް ވުރެ މާ ފުރިހަމަ ވީމަ..”
“އަހަރެން ބޮޑުވީ ކަލޭއަށްވުރެ މުއްސަނދިކޮށް. ކަލޭ ބައްޕަ ޖަލަށް ދިޔަ. އަނިޔާވެރިކަން ފެނިގެން ބޮޑުވީ.. އަހަރެން ދިރިއުޅެ ބޮޑުވީ ފުރިހަމަކަން މަތީ… ދެން ކީއްވެ ކަލޭއަށް ހުރިހާ މޮޅެއް ލިބެންވީ؟ އަހަރެންވެސް ވަކި ގޯހެއް ނޫން. އަހަރެންވެސް ކިޔެވިން. އަހަރެންވެސް ވަޒީފާއަކަށް ދިޔައިން. އެކަމަކު، އެންމެން ލޯބިވަނީ.. އެންމެން ފަޚުރުވެރިވަނީ ކަލޭ ދެކެ…ސާޖިދުވެސް.. ލަމްޔާވެސް… އެނގޭތަ އެއިހުސާސް؟ އެނގޭތަ އެއްވެސް ނަމެއްނެތް ފަޤީރެއް އައިސް އަހަންނަށްވުރެ މާ ފުރިހަމަ ދިރިއުޅުމެއް އުޅޭ މަންޒަރު ފެނުމުން ކުރެވޭ އިހުސާސް؟؟”
“ލިނާ…” ސާޖިދު އުޅުނީ އަވަހަށް ލީނާ ހަމައަކަށް އަޅުވަންށެވެ.
“ޝަޓްއަޕް..” ސާޖިދަށް މޫނުވެސް އަނބުރައިނުލާ ލީނާ ހަރުއަޑުން ބުންޏެވެ. ލީނާގެ ހަރުއަޑު އިވިފައި ލަމްޔާ ކަންފަތުގައި އަތް އެޅިއެވެ.
“އަހަރެންނަށްވުރެ ފަޤީރު މީހަކު އައިސް، އަހަރެން ބޭނުންވި އެތި ޖަހައިގަނެގެން ދާ މަންޒަރު ބަލަން ކުޅަދާނަ ވާނީ ކިހިނަކުން؟ ބުނެބަލަ، ޑރ. ރޫޔާ” ރޫޔާގެ ނަޒަރުން ވަކި ނުވެ ހުރެ ލީނާ އެހިއެވެ. ރުޅިވެރިކަމާއެކު، އޭނާގެ ލޮލުން ފާއްދައިލި ކަރުނަ، އެ ކޮޓަރިގައި ދިއްލައިލެވިފައިވާ ބޮކީގެ އަލިތެރެއިން ވިދައިލިއެވެ.
“އަހަރެން އެއްވެސް ކަމެއް ނުކުރަން.. ލީނާ ތި ކިޔާހާ…”
“އެޔޭ މައްސަލައަކީ.. އަތުން ފައިން އެއްވެސް މަސައްކަތެއްނުކޮށް އެންމެންގެ ސަމާލުކަން ކަލޭ ހޯދި. ކަލޭ ހަމައެކަނި ބުދެއްހެން އިންނަން ޖެހުނީ، އެންމެންގެ ލޯތްބާއި ސަމާލުކަން ހޯދަން. އެނގޭތަ އަހަރެން ކިހާ މަސައްކަތެއް ކުރިކަން، މީހުން އަހަރެންދެކެ ލޯބިވާން؟ އެ މަސައްކަތްތައްވެސް ހަލާކުކޮށްލީ ކަލޭ. ނުވިތާކަށް ކަލޭގެ ކޮއްކޮ އައިސް އަހަރެންގެ އާއިލާވެސް ޖަހާގަތުނީ..” އަތުގެ ނޫފުށުން އޭނާގެ ކަރުނަތައް ފޮހެމުން ލީނާ ރޫޔާއަށް ލޯ އަޅައިލިއެވެ.
“ކޮބާ މިތަނުގައި އިންސާފުވެރިކަން؟”
މުޅި ކޮޓަރި ހަމަހިމޭންކަމުގެ ތެރެއަށް ވަދެގެން ދިޔައެވެ. އެ ނާޒުކު ވަގުތުކޮޅު، ރޫޔާއަށް އެތަކެއް އެއްޗެއް ވިސްނުނެވެ. އޭނާ ނޭވާއެއް ދޫކޮށްލުމަށްފަހު، ބިއްލޫރިގަނޑު ކައިރިއަށް ޖެހިލިއެވެ. މޫނު މަތީ އެއްވެސް އަސަރެއް ނެތަސް، އެ ދެލޮލުގައި ވަނީ ހަމްދަރުދީއެވެ.
“ލީނާ.. އަހަރެންގެ ދިރިއުޅުން ތިހާ ފަސޭހައެއް ނޫން.” ލީނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ތެދެއް. އަހަރެން ބޮޑުވީ ލީނާއަށްވުރެ ދަތި ހާލުގައި. އަހަރެންގެ ބައްޕަ ޖަލަށްވެސް ދިޔަ.. އެދުވަހުން ފެށިގެން އަހަރެން އަމިއްލަ ނަފްސަށް ނަފްރަތުކުރަމުން ދިޔަ. އެގޮތަށް ދުވަސްތައް ހޭދަކުރަމުން ދިޔައިރު އަހަންނަށް ވިސްނުނު އެއްޗެއް ބުނަންތަ؟”
ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނައާއެކު ރޫޔާ ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “ހިތުތެރޭ ނަފްރަތާއި ހަސަދަވެރިކަން އޮތްހާ ހިނދަކު ހަގީގީ އުފާވެރިކަމެއް ނުލިބޭނެ. ލީނާއަށްވީ އެހެން. އެ ނަފްރަތުގެ ސަބަބުން މިއަދު ލީނާ އަތުގައި އެކައްޗެއްވެސް ނެތް.”
ރޫޔާ އިސްދަށަށް ޖަހައިލުމަށްފަހު އެ ކަރުނަ ފޮހެލިއެވެ. ނޭވާއެއް ނަގަމުން އޭނާ އަނެއްކާވެސް ލީނާއަށް ބަލައިލިއެވެ.
“ތެދަށް ބުނާނަމަ، ސާޖިދު ނުލާހިކު ލޯބިވި ލީނާ ދެކެ، ލީނާއާއި ސާޖިދު އެކުގައި ފެނުނު ދުވަހު އަހަންނަށް އެކަން އެނގުނު. ކައިވެނި ކުރި ދުވަހުވެސް. ދުވަހަކުވެސް ނުދެކެން ސާޖިދު އެގޮތަށް އަންހެން ކުއްޖަކާ ދިމާލަށް ބަލާ ތަނެއް.. ލަމްޔާވެސް. އަހަރެމެން މިހެން އުޅުނަސް، ލަމްޔާ އަބަދުވެސް އަހާ ލީނާގެ ހާލާމެދު. އެދުވަހު ލީނާ އެގޮތަށް ކަންތައްތައް ކުރިޔަސް… ލަމްޔާއާއި ސާޖިދު ލީނާ ކައިރިން ދުރުކުރީ އަހަންނެއް ނޫން.”
ރޫޔާގެ ބަސްތައް ސިކުނޑީގައި ވިސްނެން ފެށުމާއެކު، ލީނާގެ މޫނު މައްޗަށް އެރިކުލަވަރު ރޫޔާއަށް ފެނުނެވެ. ސާޖިދާއި ލަމްޔާ އޭނާއާ ދުރުވި ސަބަބު ރޭކާލުމާއެކު އޭނާ އިސްދަށަށް ޖަހައިލެވުނެވެ.
“ހިތު ތެރޭ ނަފްރަތު ގެންގުޅެންޏާ އެއްވެސް ކަމެއް ރަނގަޅަކަށް ނުވާނެ، އެ ނަފްރަތު ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް.” ގޮނޑިން ތެދުވަންނަމުން ރޫޔާ ލީނާއަށް ފަހުފަހަރަށް ބަލައިލިއެވެ. “ލީނާއަށް އޮތް އިޚްތިޔާރެއް އެއީ، އެ ނަފްރަތު ދޫކޮށްލައި، ދިރިއުޅުން އަލުން އިޔާދަކުރުން، ނޫނީ އެ ނަފްރަތުގެ ހުޅުކޮޅުތެރޭ އަބަދަށް އަނދައިގެން ދިޔުން…” މަޑުމަޑުން އެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު، ރޫޔާ އެކޮޓަރިން ނުކުތެވެ.
One Comment
Comments are closed.


MIPaatuves varahreethi