___
ލެޕްޓޮޕްގެ ސްކްރީނަށް އަރުވައިފައި އިން ވީޑިޔޯ ނިމުމާއެކު، މުޅި ކޮޓަރި ހަމަހިމޭންވެރިވިއެވެ. އެ އަނދިރި ކޮޓަރި އެކީ ފަޅުވިއެވެ.
ލެޕްޓޮޕް ބަހައްޓައިފައި އިން މޭޒު ކުރިމަތީ މަޑުކޮށްގެން ހުރި ރޫޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. މަޑުމަޑުން ނަމަވެސް، އެ ވީޑިޔޯ އިން ފެނުނު މަންޒަރު ދެނެގަންނަން ފެށުމާއެކު މާނެވާ ލެވެން ފެށުނެވެ. ތުރުތުރު އަޅަމުންދާ އަތާއެކު އޭނާ އަނގަމަތީ އަތް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހިތަށް ވެރިވި ބިރާއެކު އޭނާގެ ދެލޯ ފުސްވާންފެށިއެވެ.
ލެޕްޓޮޕުން އިތުރު ވީޑިޔޯ އެއް ފެށުމާއެކު ރޫޔާ އެއަށް ނަޒަރު ހިންގައިލިއެވެ. އެ ވީޑިޔޯ އިން އިވެމުންދާ އަޑު މުޅި ކޮޓަރި ތެރޭ ގުގުމައިލިއެވެ. ފެންނަމުންދާ މަންޒަރު ތަކަކީ ރޫޔާއަށް ބަލަން ކުޅަދާނަވި ކަމެއް ނޫނެވެ. އަވަސްއަވަހަށް އަތުގައި ހުރި ބާރެއް ލައިފައި ލެޕްޓޮޕް ގެ ބަންދުކޮށްލިއެވެ. އެއާއެކު މުޅި ކޮޓަރި ހިމޭންވިއެވެ. އޭނާގެ ނޭވާލާ އަޑު ފިޔަވައެވެ.
ފުންނޭވާތަކެއް ލަމުން އޭނާ މޫނު އަނބުރައިލީ އެނދާ ދިމާލަށެވެ. ސީދާ ބަހުން ބުނާނަމަ، އެނދުގެ ގޮދަނޑިމަތީ އޮތް ގަނޑުތަކަށެވެ. ބެލްކަނީ ލައިޓުން އެކޮޓަރިއަށް އެޅިފައިވާ އަލިން، އެ ގަނޑުތަކުގައި ހުރި ސޫރަތައް ފާޅުވިއެވެ. އެ ފޮޓޯ ގަނޑުތަކުގެ ދަށުގައި، ލިޔުންތަކެއް ލިޔެފައިވާ ގަނޑުތަކުން އެކި މީހުންގެ ނަންތައް ސާފުވިއެވެ.
އޭނާ ހަމަ ރަނގަޅަށްވެސް އެ މަޅީގައި ޖެހި ގައިދުވެއްޖެއެވެ.
މޭޒުމަތީ އޮތް ފޯނު ރިންގުވާ އަޑަށް ރޫޔާ އަވަހަށް ނަޒަރު ހިންގައިލެވުނީ އެ ފޯނަށެވެ. ސްކްރީނަށް، ނަން ނެތް ނަމްބަރު އަރައިފައި އޮތެއް ކަމަކު، ގުޅަނީ ކާކުކަން އޭނާއަށް އެނގުނެވެ. އެ ގުޅަނީ ކީއްވެގެންވެސް ކަން އެނގުނެވެ.
އޭނާ ފޯނު މޭޒުމަތިން ނުނަގައި، އެކޯލު ޤަބޫލުކޮށްލުމަށްފަހު، ސްޕީކަރަށް ލިއެވެ. އިވިގެން ދިޔަ ބަރު ފިރިހެން އަޑާއެކު ރޫޔާ ދެލޯ މަރައިލައި ތަގުޅިކޮށްލެވުނެވެ.
“ޑރ. ރޫޔާ.. ކިހިނެއްތޯ؟” އެ އަޑުގެ ވެރިޔާގެ ސުވާލަށް ރޫޔާއަށް ޖަވާބެއް ނުދެވުނެވެ. އެއަށްވުރެ އޭނާގެ ހާލު މާ ގޯހެވެ.
“އެ ވީޑިޔޯ ފެނުނީ ދޯ..” ރޫޔާގެ ފަރާތުން ރައްދެއް ނުލިބުނުން އެ މީހާ އަށް ވެގެން އުޅޭ ގޮތް އެނގުނެވެ. “ދެން އެނގޭ ދޯ ކަންތައްތައް ކުރަންވީ ގޮތް… އަހަރެންނަށް އުނދަގުލެއް ނުވާނެ ޑރ. ރޫޔާއަށް ފިލާވަޅެއް ދޭން. އެކަން ކުރަން އަހަރެން ކިތަންމެ ދެރަވިޔަސް، ޑރ. ރޫޔާ އަހަރެންނަށް މަޖުބޫރުކޮށްފިއްޔާ ކުރާނަން.” އެމީހާގެ ކޮންމެ ބަހާއެކު ރޫޔާގެ އަތް ގޮށްމުއްކަވައިލެވުނީ ބާރަށެވެ. އިނގިލީގެ ނިޔަފަތި ހަންގަނޑުތެރެއަށް ވަދެ، އަތުގެ ހަންގަނޑު ފަޅައިގެންގޮސް، ލޭ އަންނަން ފެށީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“އެހެންވީމާ، ޑރ. ރޫޔާ ކަން ކުރަންވީ ކިހިނެކަނުން ވިސްނޭދޯ.. ރަނގަޅަށް ކަންތައް ކޮށްފިނަމަ، އަހަރެން އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭނަން”
އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ރޫޔާ އެންމެ ފަހުން އަނގަ ހުޅުވައިލިއެވެ. އެ އެންމެންގެ ރައްކާތެރިކުރަން ޔަޤީން ކުރަންވެގެންނެވެ.
“އަހަރެން އެ އިންވެސްޓިގޭޝަން ކުރިއަކަށް ނުގެންދާނަން” އެ ބަސްތައް ބޭރުކުރުންވީ އުނދަގުލަކަށެވެ. އެހެނަސް މަޖުބޫރުވީއެވެ.
“ރަނގަޅު، ތި ބަސްތަކާ އެއްގޮތަށް އަމަލު ކުރަންޏާ އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ…” އެއާއެކު އެ ކޯލް އެކޮޅުން ކަނޑައިލިއެވެ. ހަމަހިމޭންވުމާއެކު، ރޫޔާ ދެފައި މައްޗަށް ވެއްޓުނެވެ. ލޭ ފައިބަމުންދާ އަތް އަނގަމަތީ އަޅައިލުމަށްފަހު އޭނާ އެނދުމަތީ އޮތް ގަނޑުތަކަށް ބަލައިލިއެވެ.
އޭނާގެ ދިރިއުޅުން، ނަމާން ހުވަފެނަކަށް ވީ ކޮން އިރަކު ހެއްޔެވެ؟
***
(މީގެ ފަސް ދުވަސް ކުރިން….)
“ޔޫޝާ ވީ ޔޫ.ކޭ ގައޭ؟” ކޮފީ ގިރަން އިން ރޫޔާއަށް ރަޒާންގެ ބަސްތައް އިވެފައި ދެބުމަ ގޮށްޖަހައިލެވުނެވެ. އޭނާ ސައިތަށިން ސަމުސާ ނަގައި، އެ ސިންކު ތެރެއަށް ލުމަށްފަހު ރަޒާނަށް ބަލައިލިއެވެ. “ކީއްވެ ކުއްލިއަކަށް ޔޫކޭއަށް ދިޔައީ؟” ރަޒާން ކުރިމަތީ ކޮފީތަށި ބަހައްޓަމުން އޭނާ އެހިއެވެ.
“ޔޫޝާގެ މަންމަ ކައިރިއަށް. އަދިވެސް އަސްލުވެގެން އުޅޭ ގޮތެއް ނޭނގޭ.. ޔުއާންމެންވެސް ވީ ޔޫ.ކޭގައި.” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ރަޒާން ޖަވާބު ދިނެވެ. އޭނާ ނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“ދެން ރަޒާން ތި އުޅެނީ ތި ބިޒްނަސް މީޓިން ނިންމާފަ ޔޫޝާ ހޯދަންތަ؟” ރަޒާން ކުރިމަތީ އިން ގޮނޑީގައި ރޫޔާ އިށީނެވެ.
“ހޫމް. މިހާރުވެސް މިއުޅެނީ މީހަކު ހަޔަރ ކޮށްގެން. އެކަމަކު ނަސީރުގެ ގޮތް އެނގޭތީވެ އެނގޭ މިކަން އެހާ ފަސޭހަ ނުވާނެކަން…ކިހިނެއްވީ؟” ރަޒާން ހިފައިލީ، މޭޒުމަތީ އޮތް ރޫޔާގެ އަތުގައެވެ.
“ކަމެއްނުވޭ. ޔޫޝާއަކީ އަހަރެންގެ އެކުވެރިއެއް. ރަޒާންގެ އެކްސް ވައިފަށް ވިޔަސް،” ރޫޔާގެ ރައްދު އިވިފައި ރަޒާނަށް ކުޑަކޮށް ހެވުނެވެ. ރޫޔާގެ އަތަށް ބާރުކޮށްލުމަށްފަހު އޭނާ އެ އަތުން ދޫކޮށްލިއެވެ.
“ތިހެން ބުނީމަ މި ހަނދާންވީ.. ރޫޔާ މިއައު ބަލައްޗޭ.. ގޭގެ ކާޑު ދޭނަން މިރޭ..”
“އެނޫން ނަމެއް ކިޔާކަށް ނޫޅެންތަ؟”
“އޭތި މިހާރު ރުޅިއާދޭ މިއައު ނޫން އެހެން ނަމެއް ކިޔާފަ ގޮވާފިއްޔާ”
“ރަޒާންގެ ކަންތައްތައް.” ރޫޔާ މޫނު ކުނިކޮށްލުމަށްފަހު ގޮނޑީގައި ލެނގިލިއެވެ.
“ކޮބާ ރޫޔާގެ ބައްޕަ؟” ވާހަކަ ބަދަލުކޮށްލަންވެގެން ރަޒާން އެހިއެވެ.
“ރަހާގެ އެޕާޓްމެންޓްގައި. ރަހާގެ އެގްޒާމް ދުވަސްވަރު ވީމަ ބައްޕަ އުޅެނީ ލަމް ބަލަން.. ލަމްއަށް ދެ ކާފަ ލިބުނީމަ ހުންނަނީ ހަމަ ފޯރީގައި…” ރަޒާނަށް ލަމްޔާގެ ނަން އިވިފައި ބޯ ހޫރައިލިއެވެ. “ދެން އަހަރެން ދިޔާމަ ރޫޔާ ވަރަށް ފޫހިވާނެދޯ”
“ނޫން. ޝަފަޤް އަންނާނެ މާދަން ނޫން އަނެއް ދުވަހު. ޑޮކް އަށް ދައްކަން”
“ދެރަވެއްޖެ، ލޯބިވާވަރު މި އެނގުނީ…” ރަޒާން ގޮނޑިން ތެދުވެ ކޮފީ ތަށި ހިފައިގެން ސިންކު ކައިރީ މަޑުކޮށްލިއެވެ. “އަދި އެއްކަމެއް. އަހަރެންގެ އެޕާޓްމެންޓްވެސް ބަލާލަ ދެއްޗޭ. އުޅޭނެ ހެލްޕަރެއް. އެކަމަކުވެސް…”
“ރަޒާންގެ މަންމަމެންނެއް ނާންނާނެތަ؟ ރަޒާން އަދި އަހަރެން އެމީހުންނަށް ތަޢާރާފުވެސް ނުކުރޭ”
“ހަމަ ޖެހިބަލަ، ތިކަން ކުރެވޭނޭ އަހަރެން ޔޫ.ކޭ އިން އައިސް… ހަމައެކަނި ދެހަފްތާ..” ރޫޔާގެ ކޮލުގައި ހިފައިލަމުން ރަޒާން ޖަވާބު ދިނެވެ.
“ދެހަފްތާ…” ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ރަޒާނަށް ބަލައިލިއެވެ. އެ ދެ ހަފްތާ ތެރޭ ކަންތައްވެގެން ދާނީ ކިހިނަކުންބާއެވެ؟
***
ދޮރު ހުޅުވުނު އަޑު އިވިފައި ބަދިގޭގައި ރިހަ ހޫނު ކުރަން އުޅުނު ރޫޔާ އުނދުން ނިއްވައިލުމަށްފަހު ދޮރަ ދިމާލަށް ހިނގައިގަތެވެ. ޝަފަޤް އަތުލަފިކޮށްގެން ސިޓިން ރޫމުގެ ސޯފާގައި އިށީނި ވަސީމަށް ނަޒަރު ހިންގައިލުމަށްފަހު ރޫޔާ އުޅުނީ ޝަފަޤަށް ފެންތަށްޓެއް ތައްޔާރުކުރުމުގައެވެ.
“ރޫ.. ކޮން އިރަކު މާދަން ޑިއުޓީ ނިމެނީ…؟” ރޫޔާ ދިއްކޮށްލި ފެންތަށީގައި ހިފަމުން ޝަފަޤް އަހައިލިއެވެ.
“ތިނެއް ޖަހާއިރު. ކިހިނެއްވީ؟”
“އަހަންނާއެކު ޑޮކް އަށް ޓެސްޓް ރެސަލްޓް ދައްކަން ދާނަންތަ؟” ޝަފަޤްގެ ސުވާލާއެކު ރޫޔާ ވަސީމަށް ބަލައިލިއެވެ.
“ޝަފޫ ބިރުގަނެގެން އެއުޅެނީ.. މާ ފިކުރު ބޮޑުކޮށްގެން.. ޝަފް، އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ… ކޮންމެ ކަމެއްވިޔަސް އަހަރެންވެސް، ރޫ ކަމަނަވެސް ހުންނާނީ ޝަފް އާއެކު..”
“އެކަމަކުވެސް….”
“ޝަފް… އަދި ގޯސްވެފައެއް ނެތެންނު.. ސޯ ކާމް ޑައުން.. އަހަރެން ދާނަމޭ ޝަފް އާއެކު ކޮންސަލްޓޭޝަނަށް.”
“އޯކޭ…”
***
އަތުގައި ސްމާޓް ކާޑު، މެޝިނުގައި ޖެއްސުމާއެކު ދޮރު ހުޅުވުނު މަންޒަރު ބަލަމުން ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. އަރައިގެން ހުރި ފައިވާން ބޭލުމަށްފަހު އޭނާ ރަޒާންގެ ފަޅު އެޕާޓްމެންޓަށް ވަދުނީ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުންނެވެ.
“ތާރާ…” އެއްވެސް ރައްދެއް ނައުމުން ރޫޔާ އުނަގަނޑުގައި ދެއަތް އަޅައިލިއެވެ. ލަސް ފިޔަވަޅު ތަކެއް އަޅަމުން އޭނާ ފަރުވާތެރިކަމާއެކު ބުޅާގެ ހިލަމެއް ވޭތޯ އުޅުނެވެ. ތާރާއަށް ގޮވިއެއް ކަމަކު، ޖަވާބެއް ނައުމުން ރޫޔާ މޫނު ކުނިކޮށްލިއެވެ. އޭނާ ފުންނޭވާއެއް ނެގުމަށްފަހު އެ ބުޅަލަށް ރަޒާން ދިން ނަމުން ގޮވަންފެށީ ލަދުންނެވެ.
“މިއައޫ….” ބުޅާގެ އަޑުން ރޫޔާ ގޮވަމުން އޭނާ ބިންމައްޗަށް ތިރިވެ، ސޯފާ ދަށްވެސް ބެލިއެވެ. ބަދިގޭގެ ކަބަޑުތައް ހުޅުވިއެވެ. ސިޓިން ރޫމުން އެއްވެސް އިޝާރާތެއް ނުލިބުމުން އޭނާ ގޮސް ވަދުނީ ރަޒާންގެ ކޮޓަރިއަށެވެ.
އަނދިރިކޮށްފައި އޮތް ކޮޓަރީގެ ބޮކި ދިއްލައިލުމާއެކު، އެ ކޮޓަރީގެ މުއްސަނދިކަން ރޫޔާގެ ލޮލަށް ހާމަވިއެވެ. ކަޅުކުލައިން ކުލަ ލެވިފައިވާ ފާރާއެކު ކަޅު ކުލައިގެ ފަރުނީޗަރުތައް މުޅި ކޮޓަރި ތެރޭގައި އަތުރައިލެވިފައި ގޮތުން އެ ކޮޓަރީގެ ތަނަވަސްކަން ހާމަވެގެން ދެއެވެ. ސީލިންގުން ތަޅުންގަނޑާ ހަމައަށް އަންނަ ބިއްލޫރި ކުޑަދޮރާއި، ހުދު ފަރުދާއާއެކު، ރޫޔާއަށް ފާހަގަވީ، ބެލްކަންޏަށް ނުކުންނަން ހަދާފައި އިން ބިއްލޫރި ދޮރެވެ.
“މިހާ ކަޅުކުލަ ދެކެ ލޯބިވާ މީހަކު ނުދެކެން…” ރަޒާންގެ ހެދުންތައް އަޅާ އަލަމާރިން ކަޅު ގަމީސްތައް ފެނިފައި ރޫޔާ އަނގަހަދައިލިއެވެ.
“މިއައު…” އަލަމާރިތެރެއިން މިއައުގެ އަޑު އިވިފައި ރޫޔާ އަވަހަށް އަޑު އިވުނު ދިމާލަށް ގުދުވެލިއެވެ. ފަތްޖެހިފައިވާ ފަޓުލޫނު ތަކުތެރޭ ފިލަން ވަދެ އިން ބުޅާ ފެނިފައި ރޫޔާ ބުމަ އަރުވައިލިއެވެ. “ސާބަސް… ” އަތުތެރެއަށް ބުޅާ ގެންނަމުން ރޫޔާ އެ އަލަމާރީގެ ދޮރު ލައްޕައިލިއެވެ. “ބައްޕަ މަތިން މިސްވީ ދޯ؟” އެވަގުތު ބޮލަށްވެރިވި ޚިޔާލާއެކު ރޫޔާ ބޯ ހޫރައިލިއެވެ. “ބައްޕަ؟ ހައް!” އެނދުމައްޗަށް ބުޅާ ދޫކޮށްލަމުން ރޫޔާ އަނެއްކާވެސް މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ.
“މިއައު ބައްޕަ…. ފިޓިން ނޭމް ފޯ ރަޒާން..ދޯ” ބުޅަލުގެ ބޮލުގައި ފިރުމަމުން ރޫޔާ އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ އެ އެނދުގައި އިށީނުމަށްފަހު ވިސްނަން ފެށިއެވެ. ފޯނު ނަގައިފައިވެސް ގުޅަން ޖެހިލުންވީ ރަޒާން ބިޒީވާނެހެން އިހުސާސްވުމުންނެވެ.
އަތުގައި އޮތް ފޯނު ކުއްލިއަކަށް ވައިބްރޭޓު ވާހެން ހީވުމާއެކު ރޫޔާ އަވަހަށް ފޯނަށް ބަލައިލިއެވެ. ވައިބަރ މެދުވެރިކޮށް ރަޒާން އޭނާއަށް ގުޅަނީކަން އެނގުމާއެކު އޭނާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލުމަށްފަހު އޭނާ ދެފައި މައްޗަށް ތެދުވިއެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ބެލްކަންޏަށް ނުކުތެވެ.
“ހޭއި…” ރަޒާންގެ އަޑު ކަންފަތުގައި ޖެހުމާއެކު ރޫޔާގެ ހިނިތުންވުން ފުންވިއެވެ.
“ހޭއި ޓު ޔޫ…” ވެފައި ހުރި ރަކިކަން ފޮރުވަން ވެގެން ރޫޔާ އަވަހަށް ޖަވާބު ދިނެވެ.
“ކީއްކުރަނީ؟”
“ރަޒާންގެ އެޕާޓްމެންޓްގައި، ބުޅަލާއެކު..” މީގެ އިރުކޮޅެއްކުރިން ވީ ކަންތައްތައް ޚިޔާލުކުރަމުން ރޫޔާ ޖަވާބު ދިނެވެ.
“އެހެން.. އަނެއްކާ އޭތި ރޫއަށް އުނދަގޫ ކުރޭތަ؟” ލެޕްޓޮޕުން އަޅުވައިފައި އިން ފޮޓޯ ގަނޑަށް ބަލަން އިނދެފައި ރަޒާން އެހިއެވެ. ސްކްރީންގައި ރޫޔާ އުނަގަނޑުގައި ދެއަތް އަޅުވައިލައިގެން ހުރެ، މިއައު އަށް ގޮވަން ހުރި މަންޒަރު އެރުމާއެކު އޭނާއަށް ހެވުނެވެ. އަވަހަށް ވީޑިޔޯ ހުއްޓައިލުމަށްފަހު ކަންފަތުގައި ޖަހައިފައި އިން ފޯނަށް ސަމާލުކަން ދިނެވެ.
“ނޫން.. ނުލާހިކު ބަސްއަހާ..” ރޫޔާގެ ބަސް އިވިފައި އޭނާ ބޯ ހޫރައިލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމަށްފަހު މަޑު ޖެހިލިއެވެ.
“ޝަފަޤް މެން ކިހިނެއް؟” ވާހަކަ ބަދަލުކޮށްލަން ވެގެން ރަޒާން އެހިއެވެ.
“އޯކޭ. މާދަން ޓެސްޓުގެ ނަތީޖާތައް ލިބޭނެ…”
“އެހެން… ދެން ރޫޔާ މާދަން ކޮން ކަމެއް ކުރަން ތި ވިސްނަނީ؟”
“ދެން… ހަމަ ނޯމަލް… ޑިއުޓީ.. އޭތި މީތި…”
“އަހަރެން މަތިން މިސް ވާކަށް ވަގުތެއް ނެތް ދޯ؟”
ރަޒާންގެ ބަހާއެކު ރޫޔާ ނިތްމަތީ އަތުން ޖަހައިލެވުނެވެ. މަޑުން މަޑުން ބޯ ހޫރައިލުމަށްފަހު އޭނާ ބޭރުން ފެންނަން އޮތް ކަނޑަށް ނަޒަރު ހިންގައިލިއެވެ. “ތިހެން ކޮންމެހެން ހާމަކުރަން ޖެހޭތަ؟”
“ހޫމް.. އޭރުން ދޯ އަހަންނަށް އެނގޭނީ އަވަހަށް އަންނަން.”
“ރަޒާން…” ގަތް ލަދުން ރޫޔާއަށް ރަޒާންގެ ނަމަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަށެވެ.
“ޔެސް ލޯބީ..؟” ރަޒާންގެ އަޑުން، ރޫޔާއަށް އޭނާ ހީލައިގެން ހުރިކަން އެނގުނެވެ. ތުން ދަމައިލަމުން ރޫޔާ ބެލްކަނީގެ ރެއިލިންގައި ލެނގިލުމަށްފަހު އަނދިރިވެފައިވާ އުޑުމައްޗަށް ބަލައިލިއެވެ. އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރެފައި އަނގަ ހުޅުވައިލީ، ރަޒާން އަހަން ބޭނުންވެފައިވާ ބަސްތައް ބޭރުކޮށްލަންށެވެ.
“ރަޒާން… މަތިން ވަރަށް މިސްވޭ.. ސޯ..” އެއްއަތުން އޭނާގެ މޫނު ފޮރުވައިލެވުނެވެ. “އަވަހަށް އާދޭ އަހަރެން ގާތަށް…”
ފޯނުން ކުއްލިއަކަށް އަޑު މަޑުވުމާއެކު ރޫޔާ ދެބުމަ ގޮށްޖަހައިލެވުނެވެ. ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ސްކްރީނަށް ބަލައިލިއެވެ. ރަޒާންގެ ކޯލު ސްކްރީންގައި އިންތަން ފެނުމާއެކު އޭނާ އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
“ރަޒާން…” ކުޑަކޮށް ހާސްވެފައި ރޫޔާ ރަޒާނަށް ގޮވައިލެވުނެވެ.
“ރޫޔާ…” ރަޒާން ގޮވައިލީ މަޑުމަޑުންނެވެ. ވާނުވާ ނޭނގި ހުރެ ރޫޔާ ހަށިގަނޑު ސީދާކޮށްލެވުނީ ބޮލަށް އެކި ޚިޔާލުތައް ސަވާރުވާން ފެށީމައެވެ. އަނެއްކާ ރަޒާނަށް ކަމެއްވީބާއެވެ؟
“ރަޒާން.. ކަމެއް ވީތަ؟”
“ހޫމް.. ވަރަށް ބޮޑު ކަމެއްވެގެން މިއުޅެނީ…” ރަޒާންގެ ޖަވާބު އައީ ވަރަށް ސީރިއަސްކޮށެވެ.
“ކިހިނެއްވީ؟”
“އަހަރެންގެ ބިޒްނަސް މީޓިންއެއް އަދި ނުނިމޭ. މާދަންވެސް އެބައޮތް ބޮޑު ބައްދަލުވުމެއް.”
“އެއްޗެއް ގެއްލުނީތަ؟”
“ޔެސް…”
“ކޮންޗެއް؟”
“މީޓިންނަށް ދާ ހިތް. މިހާރުން މިހާރަށް ބޭނުންވަނީ ރޫޔާ ގާތަށް ދާން..”
…..
“ރަޒާން…” ހިތަށް ވެރިވި ބިރު ފިލައި ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ޤަބޫލުކުރަން ދަތިވެ ހުރެ ރޫޔާ ބޯ ހޫރައިލެވުނީ އިޚްތިޔާރުން ބޭރުގައެވެ.
“ޔެސް. ޓިކެޓް ނަގަންވީތަ މާދަމާއަށް؟”
“ނޫން. ބައްދަލުވުން ނުނިމެނީސް ތި ވެބްސައިޓާ ގާތްވެސް ނުވާތީ…”
“ރޫޔާ.. އައި އޭމް ޖޯކިން.” ރަޒާންގެ އަޑާއެކު ރޫޔާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އަނބުރާ ކޮޓަރިއަށް ވަދުމަށްފަހު އެނދުގައި އިށީނެވެ.
“އެކަމަކުވެސް.. އަހަރެން ބޭނުމެއްނޫން އަހަރެމެން ދެމީހުންގެ ގުޅުމުގެ ސަބަބުން އެކަކު އަނެކަކުގެ ވަޒީފާއަށް ބުރު އަރަން. އެހެންނޫނަސް،”
“ރޫޔާ… ޑީޕް ބްރެތް” ރަޒާންގެ އަޑާއެކު ރޫޔާ ނޭވާއެއް ނަގައިލިއެވެ. “އަހަރެން އެހެން ބުންޏަސް ނޫޅެމޭ މަސައްކަތް ދޫކޮށްލާފަ ރާއްޖެ އަންނަން..”
“އޯކޭ… ޖަސްޓް…ބީ ސޭފް…”
“ޔޫ ޓޫ”
***
“ކޮބާތަ ވަސީމް؟”
މެމޯ ނަމްބަރ ސްކްރީނަށް އެރުމާއެކު ޝަފަޤް އިސްނަގައި ބަލައިލީ ވަސީމް ފެންނަން ނެތީމައެވެ. ކައިރީގައި އިން ރޫޔާ ގޮނޑިން ތެދުވެ، ޝަފަޤް އަތުލަފިކޮށްލަމުން ފާޚަނާއިން ނުކުތް ވަސީމަށް އިޝާރަތްކޮށްލިއެވެ. “ތިއޮއް އަންނަނީ”
“ނަމްބަރ އެރީ ދޯ؟ ރޫ، ފައިލް ހިފައިގެން އާދެބަލަ” ރޫޔާ އަތުން ޝަފަޤް އަތުލަމުން ވަސީމް ގޮސް މިސްރާބު ޖެހީ ޑޮކްޓަރ ބަލާ ކޮޓަރިއަށެވެ. ފަހަތުން ރޫޔާ އަރައިގެން ހުރި ބޫޓުގެ ކަށި އަޑު އިވިގެން ދިޔައެވެ.
ދޮރު ހުޅުވުމާއެކު ވަސީމްގެ ފަހަތުން އެ ކޮޓަރިއަށް ވަތް ރޫޔާ ފެނިފައި، ޑޮކްޓަރ ކޭޓް ހައިރާންވިއެވެ. ޝަފަޤާއި ވަސީމަށް އޭނާ ނަޒަރު ހިންގައިލިއެވެ. ޑޮކްޓަރ ރޫޔާއަކީ ތަންކޮޅެއް ކުރިން އޭނާއާއެކު ކޭސްއެއްގައި މަސައްކަތް ކުރި ޑޮކްޓަރެކެވެ.
“ޑޮކްޓަރ ރޫޔާ. ޕޭޝަންޓްގެ ފެމިލީތަ؟” ކޭޓްގެ ސުވާލާއެކު ރޫޔާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ބެސްޓް ފްރެންޑް.. ޕޭޝަންޓް އެދުނީމަ އައީ ދެން” ރޫޔާ ދިވެހި ބަހުން ޖަވާބު ދިނުމާއެކު ކޭޓްގެ ހިނިތުންވުން ފުންވިއެވެ.
“ޑޮކްޓަރ ރޫޔާ ބުނީ، ޑޮކްޓަރ ކޭޓް އުޅެނީ ދިވެއްސަކާ މެރީކޮށްގެންނޭ”
“ޔެސް… ހަބީ ދިވެހި ބަސް ދަސްކޮށްދިނީ.. އެނީވޭސް. ޝަފަޤް ކިހިނެއްތަ؟” ޝަފަޤް ދިއްކޮށްލި ގަނޑުތަކުގައި ހިފަމުން ކޭޓް ސުވާލުކުރަން ފެށިއެވެ. ޝަފަޤްގެ ޖަވާބުތައް އަޑުއަހަމުން، އަތުގައި އޮތް ގަނޑުތައް ކިޔަން އިން ކޭޓްގެ މޫނުމައްޗަށް އެރި ކުލަވަރު ފާހަގަވީ ރޫޔާއަށެވެ. ހިތުގެ ކަނަކުން ކަމެއް ގޯސްވެއްޖެކަން ބުނަންފެށީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“ޝަފަޤް، ޓެސްޓުން ދައްކާ ގޮތުގައި ޝަފަޤްގެ ލޭގެ ޕްރެޝަރ ހުރީ މަތީގައި، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން އެބަހުރި، ލިވަރ އެންޒައިމްތައް ހުރީ އާދައިގެ މިންވަރަށްވުރެ ބަދަލުވެފައި.. އެހެން ގޮތަކުން ބުނާނަމަ..” ކޭޓް ރޫޔާއަށް ކަޅި އެއް އެއްލުމަށްފަހު ޝަފަޤަށް ބަލައިލިއެވެ. “މިއީ ޕްރިއެކްލެޕްސިއާގެ އަލާމާތެއް”
ޑޮކްޓަރުގެ ބަހާއެކު ޝަފަޤްގެ ނޭވާ ހުއްޓުނު ފަދައެވެ. އޭނާ މަޑުމަޑުން ނޭވާއެއް ނެގުމަށްފަހު ޑޮކްޓަރަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައެވެ.
“ދެން ބޭބީ؟” އޭނާގެ އަޑު ބޭރުވީ ހީކުރިވަރަށްވުރެ ބަލިކަށިކޮށެވެ.
“އިރާދަކުރެއްވިއްޔާ އަދި ބޭބީ ރަނގަޅު. ހިތުގެ ވިންދު ވަރުގަދަ، ފަސް މަހަށް ބަލާއިރު ހެދިބޮޑުވަމުން އަންނަނީ ރަނގަޅަށް. އެކަމަކު ޕްރިއެކްލެމްޕްސިއާ ޕްރޮގްރެސްވެއްޖިއްޔާ ގޯސްވެދާނޭ. ފަހަރެއްގައި ދުވަސް ނުފުރާ ވިއްސަންވެސް ޖެހިދާނެ”
“ނޮޓް އަގޭން” ތުރުތުރުއަޅަމުންދާ އަތަކާއެކު ޝަފަޤް އެނާގެ މޫނު ނިވާކޮށްލިއެވެ. ފާއްދައިލި ކަރުނަތައް ފޮހެލުމަށްފަހު އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ފުންނޭވާއެއް ނެގިއެވެ.
“ޕްރޮޓީން-ޓު-ކްރިއޭޓިނިން ރޭޝިއޯ ހުރީ ކިހިނެއް؟ ޕްލޭޓްލެޓް ކައުންޓާއި ލިވަރ ފަންކްޝަން ޕެނަލް ޗެކްކުރިންތަ؟” ޑޮކްޓަރަށް އެ ސުވާލު އަމާޒުވީ ރޫޔާގެ ފަރާތުންނެވެ. އެ ސުވާލާއެކު ކޭޓް ބޯ ޖަހައިލުމަށްފަހު އެ ގަނޑުތައް ރޫޔާއަށް ފެންނަގޮތަށް މޭޒުމަތީ ބޭއްވިއެވެ.
“ޕްރޮޓީން-ޓު-ކްރިއޭޓިނިން ހުރީ މަތީގައި، ޕްލޭޓްލެޓްސް މިވަގުތަށް ރަނގަޅު. އަހަރެމެން ކޮންމެ ހަފްތާއަކު މޮނީޓަރ ކުރަން ޖެހޭނެ، ލިވަރ އެންޒައިމް ހުރީ ކޮޑަކޮށް މަތީގައި.” ޑޮކްޓަރ ޝަފަޤަށް ނަޒަރު ބަދަލުކޮށްލިއެވެ. “ބަލިވެ އިނީ އައި.ވީ.އެފް ހަދައިގެން ދޯ؟”
އެސުވާލާއެކު ޝަފަޤް ބޯ ޖަހައިލިއެވެ. “ޔެސް، ދެ އަހަރު ވަންދެން މަސައްކަތް ކުރިން. ދެ ފަހަރަށް އައި.ވީ.އެފް ހެދިން، ފުރަތަމަ ފަހަރު ފެއިލްވި، މިއީ ދެވަނަ ފަހަރު.”
“އޭގެ ކުރިން ބަލިވެއިންތަ؟”
މުޅި ކޮޓަރި ކުއްލިއަކަށް ހަމަހިމޭންވިއެވެ. ޝަފަޤްގެ މަޒީ އެނގޭ ހާލު ރޫޔާ އެއްޗެކޭ ނުބުނެ ހުރީ ޝަފަޤަށް އެ ފުރުސަތު ދޭންވެގެންނެވެ.
“ޔެސް. ދެފަހަރު މިސްކެރީޑްވި، ފަސްޓް ޓްރައިމިސްޓަރ ތެރޭ. ތިން ވަނަ ޕްރެގްނެންސީ…” ޝަފަޤްގެ އަޑު ބެދުނެވެ.
“އެއީ މީގެ ތިން އަހަރު ކުރިން. އަށާރަ ހަފްތާއާ ހަމައަށް ދެވުނު. އެކަމަކު ޝަފަޤަށް ޕްރިއެކްލެމްޕްސިއާ އާއި ހެލްޕް ސިންޑްރޮމް ޖެހުނު. އެފަހަރު ވަރަށް ބޮޑަށް… ޝަފަޤް ސަކަރާތްވި” ޝަފަޤަށް ފުރިހަމަ ނުކުރެވުނު ބައިތައް ފުރިހަމަކުރީ ވަސީމެވެ. “ޕްރެގްނެންސީ ޓާރމިނޭޓް ކުރަން ޖެހުނީ..”
އެއްޗެކޭ ނުބުނެ ކޭޓް އިރުކޮޅެއްވަންދެން ވިސްނަން އިނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝަފަޤަށް ބަލައިލީ އޯގާތެރިކަމާއެކުއެވެ. “ކުރިންވެގެން ދިޔަ ކަންތައް ތަކުރާރުވުމުގެ ފުރުސަތު ވަރަށް ބޮޑު.”
“ދެން އަހަރެން ހަދަންވީ ކިހިނެއް؟”
“ފުލް ބެޓް ރެސްޓް. ހަފްތާއަކު ދެފަހަރު ޗެކަޕް. ލޭގެ ޕްރެޝަރ ދަށްކުރަން ބޭސް ދޭނަން. އަވަހަށް ވިއްސަން ޖެހިއްޖެ ހާލަތަކަށް ރެޑީ ވާން އަޅުގަނޑު ކޯޓިކޯސްޓެރޮއިޑްސް ޕްރެސްކްރައިބް ކުރާނަން…”
“މިއަށްވުރެ ގޯސްވެއްޖިއްޔާ؟”
“ވިއްސަން ޖެހެނީ. ޕްރިމެޗުއަރ ކޮށް.”
***
“ޝަފް…” ޝަފަޤް އޮތް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ރޫޔާ އެކޮޓަރިއަށް ވަދުނީ، އަތުގައި އޮތް ސޫޕްތަށި ހިފައިގެންނެވެ.
“ހޭއި ބޭބްސް” އަތުގައި އޮތް ފޯނު ތިރިކޮށްލަމުން، ޝަފަޤް އެނދުމަތީގައި އިށީނެވެ. ރޫޔާ ދިއްކޮށްލި ތަށީގައި ހިފުމަށްފަހު އޭނާ ލުއިކޮށް ހިނިތުންވެލިއެވެ.
“ކިހިނެއް މިހާރު؟”
“އޯކޭ…” ސަމުސަލުން ސޫޕް ބޮމުން ޝަފަޤް ޖަވާބުދިނެވެ.
“ރަޒާން މެސެޖު ކުރި. ވަސީމް އޭނާ ކައިރީ ވެގެން އުޅޭގޮތް ކިޔައިދީނިއްޔޯ..”
“އެހެން…” ޝަފަޤް މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“ރޫ… އައި އޭމް ސޮރީ.. އަހަރެމެން މިއުޅެނީ އެހެން ތަނެއް ހޯދޭތޯ… ވަސީމްގެ މަންމަމެންވެސް އެބައުޅޭ މާލޭ އަންނަން. އެހެންވެ…”
“ޝަފް.. ޝަފް..ޗިލް… އިޓްސް ހޭންޑަލްޑް.. މި އެޕާޓްމެންޓާ ޖެހިގެން އިން އެޕާޓްމެންޓް އެހުރީ ޝަފްމެންނަށް ދީފަ. ތިން ކޮޓަރި އެޕާޓްމެންޓެއް. ހަމަ މި އެޕާޓްމެންޓް ކަހަލަ. ވަސީމްގެ މަންމަމެން އަންނަންދެން ގޭތެރޭގެ މަސައްކަތް ކުރަން ސްޓާފެއްވެސް ހުންނާނެ.. ސޯ ހާސްނުވޭ..” ޝަފަޤްގެ އަތުގައި ހިފައިލަމުން ރޫޔާ ބުންޏެވެ.
“ރޫ…”
“ރަޒާން އެންޑް އައި އިންސިސްޓް… އޯކޭ.. ވަސީމާއެކު ރަޒާން އެކަމާ ބެހޭގޮތުން މަޝްވަރާކުރަމުން އެދަނީ. އެހާވަރަށް ނުވިސްނާ އެކަމާމެދު. ތިންކް އޮފް ދި ބޭބީ އެންޑް ޔޫ. ދެން ހުރި ކަންތައްތަކަށް ވޮރީވާން އަހަރެމެންނަށް ދޫކޮށްލާ”
“އެކަމަކުވެސް…”
“ނޯ އެކަމަކުވެސް.. ޝަފް ދޫނީ… އަހަރެންވެސް ބޭނުން މި ބޭބީ ހެޔޮހާލުގައި ދުނިޔެއަށް އަންނަން. ޝަފް ރަނގަޅު ހާލުގައި ހުންނަން. ސޯ ޕްލީޒް… ލެޓް އަސް ހޭންޑަލް އެވްރިތިން އެލްސް.. އޯކޭ؟”
“އޯކޭ…” ސޫޕް ތަށި ސައިޓް މޭޒުމަތީ ބެހެއްޓުމަށްފަހު ޝަފަޤް ރޫޔާގެ ގައިގައި އޮޅުލައިގަތެވެ. ރޫޔާވެސް ޝަފަޤަށް އުނދަގޫ ނުވާ ގޮތަށް ބައްދައިލިއެވެ.
“ޝީޝް، ރެސެޕްޝަނިސްޓުން ގުޅާއެބަ” ރޫޔާގެ ފޯނު ރިންގު ވާ އަޑު އިވިފައި އޭނާ ދުރަށް ޖެހިލިއެވެ. އެނދުމަތީ އޮތް ފޯނު ނަގައި ކަންފަތުގައި ފޯނު ޖައްސައިލިއެވެ.
“ޔުނިޓް 14އޭ ދެއްތޯ؟” އެކޮޅުން އިވުނު ސުވާލާއެކު ރޫޔާ އާނއެކޭ ބުންޏެވެ.
“ޑެލިވެރީއެއް އައިސް އެބައޮތް ތި އެޕާޓްމެންޓަށް”
ރޫޔާގެ ދެބުމަ ގޮށް ޖަހައިލެވުނެވެ. އޭނާ އެއްވެސް އެއްޗަކަށް އޯޑަރެއް ނުދެއެވެ. ވިސްނަން އިނދެފައި އޭނާ ތެދުވިއެވެ.
“ޝަފް.. މި އަންނަނީ ރެސެޕްޝަނަށް ގޮސް…”
ލިފްޓުން ނުކުމެ، ރޫޔާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ހުއްޓުނީ ރިސެޕްޝަން ކައުންޓަރ ކައިރީގައެވެ. ކައުންޓަރުގައި އިން ފިރިހެން ކުއްޖާއަށް ރޫޔާ ފެނުމާއެކު، އަވަހަށް ގުދުވެފައި ނެގީ އާދައިގެ ރަތް ފޮށިގަނޑެކެވެ. އޭނާ އެ ފޮށިގަނޑު ރޫޔާއަށް ދިއްކޮށްލުމުން ރޫޔާ އޭގައި ހިފި ލުއި ހިނިތުންވުމަކާއެކުއެވެ. ހިތުން އެއީ ރަޒާން ދިން ސަޕްރައިޒެއް ކަން ޔަޤީންވިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ރޫޔާ އަވަހަށް އެފޮށިގަނޑު ހުޅުވައިލިއެވެ. އޭގެ ތެރޭ ފަތް ޖަހައިފައި އޮތް ރަތާއި ކަޅު ހެދުން ފެނިފައި އޭނާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ. އެހެނަސް އެއްލި ކަޅިއަކުން، އެ ފޮށިގަނޑުތެރޭ އޮތް ކަރުދާސް ފެނިފައި އޭނާގެ ހިނިތުންވުން ގަނޑުވިއެވެ. އެ ހެދުން އެނދުމަތީ ބޭއްވުމަށްފަހު އޭނާ އެ ފަތްޖަހައިލެވިފައި އޮތް ގަނޑުކޮޅު ނަގައި ހުޅުވައިލިއެވެ. ގަނޑުކޮޅުގައި އޮތް ތާރީޚާއި ގަޑީގެ އިތުރުން ރެސްޓޯރެންޓުގެ ނަން ފެނިފައި އޭނާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. ގޮތްނޭނގޭ ބިރެއް އެ ހިތު ތެރެއަށް ވަދެގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއްޗެއް ވިސްނިގެން އޭނާ އެ ގަނޑުކޮޅު އަނބުރައިލިއެވެ. ގަނޑުގެ ފަހަތުގައި ލިޔެވިފައިވާ ނަން ފެނިފައި އޭނާ ދެލޯ ބޮޑުވީ އެ ފޮށިގަނޑު ފޮނުވީ ކާކުކަން ވިސްނިގެންނެވެ.

