Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 48

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 9, 2026 6 Mins Read
0 Comments

ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާއަކީ އޭނާ ކަމުގައި އެރިކްއަށް ގަބޫލު ކުރެވުނެވެ. އުނދަގޫ ދަތި ރާސްތާއަކަށް ފަހު މިއަދު އޭންއަށް އެވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައި ކަމަށް އޭނާ ޤަބޫލު ކުރެއެވެ. އެހުރިހާ ނިޢުމަތްތަކަށް އެރިކް ޝުކުރުވެރިވެއެވެ.

 

މިންހާ އާއި އެރިކް އަލުން ގުޅި ދެއާއިލާއަށް ވެސް އެ ޚަބަރު ދިނެވެ. ދެވަނަ ފަހަރަށް ކާރާއާ ކުރިމަތިލާން ކުޑަކޮށް މިންހާ ޖެހިލުންވިއެވެ. އެހެނަސް އެރިކް އެކޭ އެއްފަދައިން ކާރާ ވެސް މިންހާ އަލުން ބަލައިގަތީ އުފަލާ އެކުގައެވެ.

 

މަސް ދުވަސް ތެރޭ މިންހާ އަދި އެރިކްގެ ކައިވެނި ކުރެވެން ހަމަޖެހުނެވެ. ރިސޯޓުގެ ބަދަލުގައި މިންހާ ބޭނުންވީ އަމިއްލަ ގޭގައި ކައިވެނި ކުރާށެވެ. ޕާޓީ ވެސް ގޭގެ ޓެރަހުގައި ބައްވާށެވެ. ތިން ދުވަސް ފަހުން ، ޒާޔާ އާއި އަހާން ފިޔަވާ އެންމެން މާލެ ދިޔައެވެ.

 

ރާއްޖޭގައި އޭނާގެ އެހާ ގިނަ ސަޕޯޓަރުން އުޅޭކަން އެރިކްއަށް އެނގުނީ މާލެއަށް ލެފި ވަގުތުގައެވެ. ކޮންމެސް ގޮތަކުން އޭނާ މާލެ އަންނަކަމުގެ ޚަބަރު ދިވެހި އާސެނަލް ސަޕޯޓަރުންނަށް ލިބުމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ ތިއްބެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާއަށް ލިބުނުކަން، އެރިކްއަށް ރަނގަޅަށް އިހުސާސް ކުރެވުނީ އެވަގުތުގައެވެ. ލަންޑަން އާއި ފްރާންސްގެ ސަޕޯޓަރުންނަށް ވުރެ ދިވެހި ސަޕޯޓަރުން އޭނާއަށް ޚާއްސަވިއެވެ. އެރިކްގެ އިޒުނައާއެކުގައި ނޫނީ އެމީހުން ފޮޓޯވެސް ނުނެގިއެވެ. މާގިނައިރު ތިބެން ނުހަދާއި އިހުތިރާމާއެކު އެރިކްއަަށް މަރުހަބާ ކިޔާފައި އެންމެން ކަހަލަ ގޮތަކަށް ދިޔައެވެ.

 

އެޕާޓްމެންޓް ދޮރު ހުޅުވާލުމަށް ފަހު ޔޫސުފް ވަނެވެ. އޭނާ ފަހަތުން ދެކުދިން ގޮވައިގެން ނަވާރް ވެސް ވަނެވެ. ނަވާރް ކޮނޑުމަތީ ކުޑަ އާރާޝް ނިދާފައި އޮތުމުން އޭނާ މަޑު ނުކޮށް ގޮސް ވަނީ ކޮޓަރިއަށެވެ. ލައިޝާ ބޭނުންވީ މިންހާ އަދި އެރިކްއާއެކު ސިޓިންރޫމްގައި މަޑު ކުރާށެވެ.

 

ލިވަޕޫލްގައި ދިރިއުޅޭތީވެ މާލެއަކީ ލައިޝާއަށް ވެސް އާތަނެކެވެ. ކޮންމެ އަހަރަކު ޗުއްޓީއަށް ރާއްޖެއައި ކަމުގައި ވިއަސް ރާއްޖެގެ މާހައުލަކަށް ނުހޭނެއެވެ. އުފަންވީން ސުރެ ލިވަޕޫލްގައި އުޅޭތީވެ ލައިޝާ ވާހަކަ ދައްކަނީ ވެސް އެމީހުން ދައްކާ ގޮތަށެވެ. ދިވެހިން ބަސްތައް ބުނާ އިރު ވެސް ސްކައުސް އެކްސެންޓެއް ހުރެއެވެ. ލައިޝާއަށް ދިވެހި ދަސްކޮށްދޭން ނަވާރް ވަރަށް މަސައްކަތް ކުރެއެވެ. ގޭތެރޭގައި އިނގެރޭސިން ވާހަކަ ދެއްކުން އޭނާ އޮންނަނީ ޔޫސުފްއަށް ވެސް މަނާ ކޮށްފައެވެ.

 

ސޯފާގައި އިށީންދެފައި ލައިޝާ ޓީވީ ހުޅުވާލިއެވެ. އޭގެން އެންމެ ފަހުން އަޅުވާފައި ހުރީ އާރާޝް އާއި މާނީ ޅައިރުގެ ފޮޓޯ އާއި ވީޑިއޯއެވެ. ކޮންމެ ލަނޑެއް ޖަހާފައި އާރާޝް މާނީއަށް އެލަނޑު ޚާއްސަ ކުރާތަނެވެ. ބައެއް މެޗުތައް ނިންމާފައި ޔޫސުފްއާ މާނީ ގޮވައިގެން ދަނޑުގައި އުޅޭ މަންޒަރެވެ. ފުޓުބޯޅަ ދަނޑެއްގައި އެންމެ ފުރަތަމަ މިންހާ ފެނުނު ވީޑިއޯއަކީ ރިއާލްމެޑްރިޑްއާ އެކު ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރުމަށް ފަހު އާރާޝް އުފާފާޅު ކުރިއިރުގައެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު ހެން އާރާޝް ދުވެފައި ދިޔައީ އޭނާގެ އާއިލާ ގާތަށެވެ. މެޑްރިޑް ޖާރޒީއެއް ލައްވާފައި ހުރި މިންހާއަށް އޭރު އަހަރެއްވެސް ނުވާނެއެވެ. ޔޫސުފް ވެސް ވަރަށް ކުޑައެވެ. އާރާޝް ގޮސް މާނީގައިގައި ބައްދާލިއެވެ. އެއަށްފަހު މިންހާ އުރާލާފައި އޭނާގެ ކޮލަށް ބޮސް ދިނެވެ. ބައްޕަ ފެނުމުން ކުޑަ ކުޑަ މިންހާ ވެސް ހިނިތުންވެފައި އަޑުލައްވަމުން ދިޔައެވެ. އެއަށްފަހު އާރާޝް ޔޫސުފްވެސް އުރާލިއެވެ. ރަން މެޑަލް ބަލާ އާރާޝް ދިޔައީ ދެކުދިން ވެސް ގޮވައިގެންނެވެ.

“މިވީ ދެއަހަރު ތެރޭ މި ވީޑިއޯތައް ބަލާއިރުގަ ބައެއް ފަހަރު ހިތަށް އަރާ، އޭރު އެރިކްއާ ކައިވެނި ކުރެވުނު ނަމައޭ…އޭރަށް އެރިކްގެ ކޮންމެ ކާމިޔާބިއެއް ފާހަަގަ ކުރިއިރު ގާތުގަ އަހަންނަށް ވެސް ހުރެވުނީސް” “މިންހާ އަދިވެސް އަހަރެންނަށް އިތުރު ކާމިޔާބީ ހާސިލް ކުރެވޭނެ އިންޝާﷲ…އެދުވަހުން އިރާދަކުރެއްވިއްޔާ މިންހާ ހުންނާނީ އަހަރެން ގާތުގަ…” މިންހާ ދެރަވެފައި އިނުމުން އޭނާގެ ހިތްހަމަ ޖައްސަދޭން އެރިކް މަސައްކަތް ކުރިއެވެ. މިންހާ އަމިއްލަ ނަފްސު ކުއްވެރި ކުރުމަކީ އެރިކް ބޭނުންވާ ގޮތެއް ނޫނެވެ.

“އެރިކް އެބުނީ ތެދެއް މިންކޯ…ބައްޕަ ވެސް ކެރިއަރުގެ ފުރަތަމަ ކާމިޔާބީތައް ހޯދީ މަންމަ ނުލާ..މިންކޮ އަދި އެރިކްއާ ދެއަހަރު ދޯ ވަކިން ތިއުޅުނީ..މަންމައާ ބައްޕަ ފަސް އަހަރު ވަންދެން ބޮޑު ފައިޓެއްގަ އުޅުނީ…” ޔޫސުފް އޭނާއަށް އެނގޭ މިންވަރެއް މިންހާއަށް ބުނެދިނެވެ. މަންމަ އާއި ބައްޕަގެ ލޯބި ގާތުން ފެނިފައި ހުއްޓަސް އެ ދެމީހުންގެ މާޒީއެއް މާ ބޮޑަކަށް މިންހާ އަދި ޔޫސުފްއަކަށް ވެސް ކުރިއަކުން ނޭންގެއެވެ. މިންހާ އާއި އެރިކްގެ ވަކިވުމަށް ފަހު ނަވްޔާ ވަނީ އާރާޝް އާއި މާނީގެ ލޯބީގެ ވާހަކަ ޔޫސުފްއަށް ކިޔާދީފައެވެ. ބައެެއް ފަހަރު ދިމާވާ ކަންކަމުން ހަގީގީ ލޯބިވެރިން ވެސް ވަކިވާން ޖެހޭ ފަހަރު އަންނަކަން ބުނެދިނުމަށެވެ. ވަގުތާއެކު އެކަކު އަނެކަކު ގާތަށް އެނބުރި އަންނާނެ ކަމަށް ވެސް ނަވްޔާ ބުންޏެވެ.

 

ޓެރަހުގައި ބޮޑު ކެއުމެއް އެރޭ ހެދިއެވެ. ސުފުރާ މަތިން ފެންނަން ހުރީ ހުސް ދިވެހި ބާވަތްތަކެވެ. އެރޭގެ ކެއުން ޚާއްސަ ކުރެވިފައިވަނީ މިއާ އަދި އެރިކްއަަށެވެ. އިނގެރޭސި ވިލާތުގައި އުޅޭއިރު ލިބޭ ދިވެހި ކެއުމާއި ސީދާ ރާއްޖޭގައި ހަދައި ދިވެހި ކެއުން ވަރަށް ތާފަތެވެ. ތާޒާ މަހުން ގަރުދިޔަ އާއި ފިހުނު މަސް އަދި ރިހަ ކައްކާފައި ހުއްޓެވެ. އިޝްމާގެ ކެއްކުމަކީ ހުރިހާ ކުދިންނަށް ވެސް ވަރަށް ކަމުދާ ކެއްކުން ގަނޑެކެވެ. ރާއްޖެ އައިސްފައި ކޮންމެ ފަހަރަކު ވެސް އެންމެނަށް ބޮޑު ކެއުމެއް، އިޝްމާ ހަދަން ޖެހެއެވެ.

ބަދިގެ ތެރޭގައި އިޝްމާއަށް އެހީތެރިވާން މިއާ އުޅުނެވެ. ދިވެހި ކެއުން ތައްޔާރު ކުރަން މިއާ ދަސްކުރަމުން ދިޔައެވެ. ލަންޑަންގައި އުޅޭއިރު ވެސް މަހެއް ލިބިއްޖެނަމަ އޭގެއިން ރިހަ ކައްކާ ވަގުތު ކައިރީގައި މިއާ އުޅެއެވެ. އިޝްމާ ކައްކާހާއި މީރުކޮށް ނުކެއްކުނަސް މިއާއަށް ވެސް މިހާރު ދިވެހި ކެއުން ތައްޔާރު ކުރަން ކޮންމެސް ވަރަކަށް އެނގެއެވެ. ކައިވެންނަށް އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ވީނަމަވެސް، މިއާ އާއި އިޝްމާގެ ގުޅުން ވަރަށް ރަނގަޅެވެ. އަލައިކާ އެކޭ މިއާއެކޭ އެއްވެެސް ތަފާތެއް ނުކުރެއެވެ. މިލީއަށް މިއާ ބަނޑުބޮޑު އިރުވެސް މަންމަ ކާރާއެކޭ އެއްވަރަށް އިޝްމާގެ ލޯބިވެސް ލިބުނެވެ. މިއާ ވިހެއީ ވޯލްޑްކަޕް ދުވަސްކޮޅުގައި ލަންޑަންގައެވެ. މިއާ ގާތަށް އިޝަލް އަންނަން ހުއްދަ ލިބުނީ އެންމެ ދުވަހަކަށެވެ. ނަސީބަކުން މިއާ ވިހެއީ އެ ދުވަހުއެވެ. ވިހައިގެން ހަތަރު ގަޑިއިރު ނުވަނީސް އިޝަލް އެނބުރި ދާން ޖެހުނެވެ. އެ ވަގުތު މިއާއަށް އެހީވެދިނީ އިޝްމާއެވެ.

 

ބައެއް ރޭރޭ މިއާއަށް ނިދަން ފުރުސަތު ދީފައި މިލީ ބަލަން އިޝްމާ އިނދެއެވެ. މިއާއަށް ރަނގަޅު އެއްޗިހި ކައްކާފައި ކާންދެއެވެ. އަކްމަލް ކުޅެން އުޅުނު ދުވަސްވަރު އޭނާ ކުރި ތަޖުރީބާތައް ވެސް މިއާއާ އިޝްމާ ހިއްސާކުރިއެވެ. އިޝްމާއެކޭ އެއްފަދައިން މިއާގެ ބޭބެ އަދި ފިރިމީހާއަކީ ވެސް ފުޓުބޯޅަ ކުޅުންތެރިންނަށް ވުމުން އެއްކަހަލަ ތަޖުރިބާތަކެއް ވަނީ ދެމީހުންނަށް ވެސް ކުރެވިފައެވެ. މިއާ އާއި އިޝްމާގެ ގާތްކަން ފެނުމުން ބައެއް ފަހަރު އިޝަލް ޝަކުވާވެސް ކުރެެއެވެ. މިއާ އައުމުން މަންމަ އޭނާ މަތިން ހަނދާންނައްތާލީއޭ ކިޔާފައެވެ. ސަމާސާއަށް ޝަކުވާ ކުރިނަމަވެސް އަސްލަކީ ، އެކަމާ މެދު އިޝަލް އުފާކުރާ ކަމެކެވެ. މިއާ އާއި ކައިވެނި ކުރަން ބޭނުންވާކަން އޭނާ ފުރަތަމަ ވެސް ހިއްސާ ކުރި މަންމައާއެވެ. އެ ދުވަސްކޮޅަކީ އެރިކް އާއި މިންހާ ރުޅިވި ދުވަސްކޮޅު ކަމުން އޭނާ ކުޑަކޮށް ޖެހިލުން ވެސްވިއެވެ. މަންމަ ދިން ނަސޭހަތަކީ ވަރަށް ވިސްނުމަށް ފަހު، މިއާގެ ކައިވެންނަށް އެދުމަށެވެ. މިންހާ ކަމުދިޔަ ފަދައިން ކާރާއަށް އިޝަލް ވެސް ކަމުދިޔައެވެ. އެރިކް އާއި މިންހާގެ ވަކިވުމުގެ ސަބަބުން މިއާ އާއި އިޝަލްގެ ކައިވެންނަށް ދެކޮޅެއް ނެހެދިއެވެ. އެއާ ޚިލާފަށް ބެހްރަދް އެކަމާ ދެކޮޅު ހެދިއެވެ. މިންހާ އާއި އިޝަލް އަކީ ދެބެއިންގެ ދެދަރިންނަށް ވީމައެވެ. މިންހާ ފަދައިން އިޝަލްގެ ހިތުގައި ވެސް ޝައްކު އުފެދިދާނެތީއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ހިތްހަލާކުވާކަށް ބެހްރަދް ނޭދެއެވެ. އެހެނަސް އެރިކް އަދި ކާރާ ވިސްނައިދިނުމާއެކު، ބެހްރަދް އެއްބަސްވިއެވެ. ދެ އައިލާ ވާހަކަ ދެއްކުމަށްފަހު އެދެމީހުންގެ ކައިވެނި ފްރާންސްގައި ކުރެވުނެވެ. ކައިވެންނަށް ފަހު ކޮންމެ ދުވަހެއްގައި މިއާ ދެކެ ލޯބިވާ ވަރު އިޝަލް އަމަލުން ދައްކަމުން ދިޔައެވެ. މިއާ ދެރަވާ ގޮތަކަަށް އިޝަލް އެއްވެސް ކަމެއް ނުކުރެއެވެ. ކުރާ ކޮންމެ ކަމެއް ވެސް ކޮއްދެނީ ލޯތްބާއެކުއެވެ. ކައިވެންނަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އެކަން ބަދަލެއް ނުވެއެވެ. މިލީގެ ކަންކަން ކުރަނީ ވެސް ވަރަށް ކުރާހިތުންނެވެ. މިލީ އުފަންވި ފުރަތަމަ ދުވަސްކޮޅު އެކުގައި ހޭދަނުކުރެވުނީތީވެ، މިހާރު ކިރިޔާ ވަގުތެއް ލިބުނަސް އެކުއްޖާއާ ދުރަށް ނުދެއެވެ. އިޝަލް ގޭގައި އުޅޭ ވަގުތެއް ނަމަ، މިލީ އުރަން މިއާއަށް ވެސް ނުލިބެއެވެ. މިރޭވެސް މިލީ ގޮވައިގެން އުޅެމުން ދިޔައީ އިޝަލްއެވެ.

 

އެރިކް އަދި މިއާއަށް ވެސް ދިވެހި ކެއުން ވަރަށް ކަމުދިޔައެވެ. އެރިކްއަށް އެންމެ ކަމުދިޔައީ ރޮށްޓާ ރިހާކުރުދިޔަ އެވެ. ބޯރޮށީގެ ފަސް ރޮށި މޮޑެގެން ކެއެވެ. އެންމެ ފަހުން އެހާ ގަދަޔަށް އޭނާ ކެއީ ކޮންއިރަކު ކަމެއް ވެސް ހަނދާނެއް ނެތެވެ. މިވީ ދެތިން އަހަރު އޭނާ ކެއުން ބެހެއްޓީ އާސެނަލް ޓީމުގެ ނިއުޓްރީޝަނިސްޓްގެ ޕްލޭނާއި އެއްގޮށެވެ. ރަނގަޅު ބުންވަރެއްގައި އެންމެ މަތީ ލެވެލްގެ ފުޓުބޯޅަ އޭނާއަށް ކުޅެވުމުގެ އެއް ސަބަބަކީވެސް އެއީއެވެ.

އެހާ ގިނައިން ކެއުމުގެ ސަބަބުން ހިނގުން ވެސް ވީ ދަތިކަމަކަށެވެ. އަތް ދޮވެގެން އެރިކް ގޮސް އިށީނީ ހިޔާނުކޮށް ހުރި ތަންކޮޅުގައި އިން އުނދޯލީގައެވެ. ގިނަ ދުވަސްވެފައި ހުރުމާއެކު އެރިކް އިށީނުމާއެކު އުނދޯލިން އަޑު ކިއެވެ. އެރިކްއާ އެކު މިންހާ ވެސް އުނދޯލީގައި އިށީނެވެ. “ކެއުން ހާދަ މީރޭ…މާދަން މަ ޖެހޭނެ ދެގުނައަށް ޖިމް ޖައްސަން…އެހާ ވަރަށް ވެސް ކެވިއްޖެ..” ބަނޑުގައި އަތް އަޅާލަމުން އެރިކް ބުންޏެވެ. މިންހާއަށް ހެވުނެވެ. ދިވެހި ކެއުން ކައިފިނިމަ އޭނާ ވެސް އުޅެނީ އެހެންނެވެ. މިރޭ އޭނާ ވަރަށް ހިއްވަރުކޮށްފައި މަދުން ކެއީއެވެ. ގިނައިން ކައިފިނަމަ އުޅެންޖެހޭ ތަކުލީފު މަތިން ހަނދާންކޮށްލާފައެވެ. މިންހާ އާއި އެރިކް އެކަނި ތިބެން މާ ގިނައިރެއް ނުލިބުނެވެ. އިޝަލް އައިސް މިންހާ އުނދޯލިން ނެގިއެވެ. މިންހާ ޖެހިގެން އިން ޖޯއްޔަށް ދާން ބުނެފައި އިޝަލް މިލީ ގޮވައިގެން އުނދޯއްޔަަށް އެރިއެވެ. އެރިކް ފެނުމުން މިލީ ކަރުން އަޑު ލައްވާފައި ހީނލިއެވެ. އޭނާ އުރާށޭ ބުނާފަދަ ގޮތަކަށް އެރިކް ގާތަށް ވެއްޓިގަތެވެ. “އަނހާ މިލީ ކިހިނެއްތި ހެދީ؟” މިލީ އެރިކް ގާތަށް ދާން ބޭނުންވުމުން އިޝަލް ކުޑަކޮށް ދެރަވިއެވެ.

މިލީއާ އެކު ސަމާސާ ކުރަމުން ދިޔަ އެރިކްއަށް ބަލަހައްޓައިގެން ހެވިފައި މިންހާއަށް އިނދެވުނެވެ. އަމިއްލަ ދިރިއުޅުން ފަަށައިގެން އެމީހުންގެ އަމިއްލަ ދަރިންނާއި އެކު އެރިކް ސަމާސާ ކުރާނެ ގޮތް ސިފަ ކުރެވުމާއެކު މިންހާގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.

އެރިކްއާ އެކު މިލީ އިނުމުން މިއާ ގާތަށް ހިނިއައެވެ. އެކަމާ އިޝަލްއާ ދިމާކޮށްލިއެވެ. މިއާ ފެނުމުން ދެން މިލީ ބޭނުންވީ މިއާ ގާތަށް ދާށެވެ. މިލީ ނިދިއައިސްގެން އާފުރުމާއެކު މިލީ ނިންދަވަން ދާން މިއާ ތެދުވިއެވެ. ހަމަ އެ ނޭވާގައި އިޝަލް ވެސް މިއާ ފަހަތުން ހިނގައިގަތެވެ.

 

“އެލެކް އިޒް ރިއަލީ އޮބްސެސްޑް ވިތް ދެމް” ހިނި އައިސްފައި ހުރެ އެރިކް ބުނެލިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ކޮއްކޮއަށްޓަކައި އުފާވިއެވެ. އިޝަލްވީ އޭނާ ހީކުރި ވަރަށް ވުރެވެސް، މިއާއަށް ރަނގަޅު ފިރިއަކަށެވެ. މިއާދެކެ ލޯބިވާ ވަހަކާ އިޝަލް އޭނާ ގާތު ބުނި ދުވަސް މަތިން އިއްޔެ ފަދައިން އެރިކް ހަނދާން އެބަހުއްޓެވެ. މިއާ ގާތު އެކަން ހާމާ ކުރަން ނުކެރިގެން އިޝަލް އުޅުނު ގޮތް އެންމެ ގާތުން ފެނުނީ ވެސް އޭނާއަށެވެ. މިއަދު އެކަން ބަދަލަވު ދުރުގައި މަންޒަރު ބަލަން ތިބޭ މީހުންނަށް ވެސް އިޝަލް މިއާދެކެ ވާ ލޯބި ހާމަވެގެން ދާނެއެވެ.

 

މާލޭގައި މާ ގިނަ ތަނަކަށް ބޭރަށް ދެވޭކަށް ނޯވެއެވެ. ފަތިސް ނަމާދުކޮށްގެން ޔޫސުފްއާއެކު ޖިމަށް ގޮސްފައި ގެއަށް އައިސް ފެންވަރައިގެން ނާސްތާ ކުރަނީއެވެ. ނާސްތާއަށް ފަހު އިޝަލްއާ އެކު ޕީއެސް ކުޅެނީއެވެ. ދެން މެންދުރު ކައިގެން ކުޑަކޮށް އަރާމުކޮށްލާފައި ހަވީރު މިންހާއާ އެކު ގޭގައި އުޅޭ ކުދި ގުރޫޕު ގޮވައިގެން ކޮންމެސް ކުޅިވަރެއް ކުޅެނީއެވެ. މިންހާއާ ދެމީހުން އެކަނި ވަގުތު ހޭދަކުރިޔަކަ އެކަކުވެސް ނުދެއެވެ.

 

ހަފްތާއެއް ފަހުން ޒާޔާ އާއި އަހާން ވެސް މާލެއައެވެ. އެއާއެކު އިތުރަށް މިންހާ ގެއްލޭހެން އެރިކްއަށް ހީވިއެވެ. ކައިވެނި ކުރިއެއް ކަމަކު ޒާޔާ، މިންހާއާ އެކު މާ ގިނަ ވަގުތު ހޭދަކުރެއެވެ. އެރިކް އެކަމާ އަހާން ގާތު ޝަކުވާ ކުރިއެވެ.

 

ފަތިސް ނަމާދަށް ފަހު މިންހާ ޓެރަހަށް އެރީ ކޮފީ ތަށްޓެއް ބޯށެވެ. ވިއްސާރަ ވިލާ ނަގާފައި ވުމާއެކު އުޑު މަތި ފެންނަމުން ދިޔައީ ބަނަކޮށެވެ. ދުންފިނީގެ ސަބަބުން މުޅި ޖައްވުގައި ވަނީ ފިނިހިފާފައެވެ. މިންހާއަށް ވިސްނެމުން ދިޔައީ އަންނަ ހަފުތާގައި ކުރެވޭ އޭނާގެ ކައިވެންނާ މެދުގައެވެ. އެރިކްއަކީ އޭނާއަށް އެންމެ ހެޔޮ ބައިވެރިޔާ ކަމާމެދު ޝައްކެއް ނުކުރެެވެ. ކުރީ ފަހަރުގައި އޭނާ ހިތުގައި އުފެދުނު ޝައްކުގެ ޒައްރެއްގެ މިންވަރުވެސް މި ފަހަރު ހިތުގައި ނެތެވެ. ވިސްނުމުން ދިޔައީ އޭނާގެ މައިންބަފައިންނާ މެދުގައެވެ. އޭނާގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހުގައި އެމީހުން ނެތުމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.

“މިންކޮ އެކަނި މިތާ ކީއްކުރަނީ؟” މިންހާ ވިސްނުންތަކުން ދުރުވީ ނަވާރް އައިސް ވާހަކަ ދެއްކުމުންނެވެ. ފަހަކަށް އައިސް ދެކުދިންނާ ހެދި އުޅެން ޖެހުމުގެ އިތުރަށް މިންހާ ރާއްޖެ ބަދަލުވުމުން ، ނަވާރްއަށް މިންހާއާ އެކު ވަގުތު ހޭދަކުރެވޭ ގޮތްވަނީ ނުވެފައެވެ. އާންމު ގޮތެއްގައި އޭނާ ފަތިހަށް ހޭލަ ވަގުތު ކުޑަ އާރާޝް ވެސް ހޭލައިގެން އުޅޭނެއެވެ. ފަތިސް ގަޑީ އެކުއްޖާ އެހެން މީހެއް ގާތަށް ދާކަށް ބޭނުމެއް ނުވެއެވެ. މިއަދު ހޭލި ގޮތަށް ބޭނުންވީ ޔޫސޫފްއާ އެކީގައި އުޅޭށެވެ.

މިންހާ ހިތުގެ އުދާސްތައް ނަވާރްއާ ހިއްސާކުރިއެވެ. ނަވާރް ސިކުންތެއް ވެސް މަޑުކުރުމެއް ނެތި މިންހާ ގައިގައި ބައްދާލިއެވެ. އެއާއެކު އެއޮށް ހުރިހާއިރު ނުރޯން ކުރި މަސައްކަތްވީ ބޭކަރެވެ. އަޑުން އަޑުނަގައި ނުރޮއެ ކަމުގައި ވިއަސް މިންހާ ލޮކުން ކަރުނަތައް އޮހިގަތެވެ. ނަވާރްގެ އޯގާތެރިކަން ލިބުމާއެކު އިތުރަށް ހިއްވަރު ކުރަން އޭނާ ކޮންމެހެން މަސައްކަތް ނުކުރީއެވެ. ހިތަށް ލުއެއް ލިބޭނީވެސް ރޯލުމުން ކަން ވިސްނުނީކަންނޭންގެއެވެ.

 

އިޝަލްއާ އެކު އެރިކް އެއާޕޯޓަށް ދިޔައީ މަންމަމެންނާއި ކޮއްކޮމެން ބަލައެވެ. ފަތިސް ގަޑިއަށް ވުމުން މީހުން ވެސް ފުދޭވަރަކަށް މަދެވެ. ދެމީހުން ވެސް ތިބީ އަވި އައިނާއި ތޮއްޕަކުން މޫނު ފޮރުވައިގެންނެވެ. އެމީހުން ތިބޭތާ މާގިނައިރެއް އެރިކްގެ އާއިލާ އެރައިވަލް އިން ނުކުތެވެ. ކާރާ އާއި ބެހްރަދްގެ މޫނު މަތިން ވަރުބަލި ކަން ފެެންނަމުން ދިޔައެވެ. އެއާ ޚިލާފަށް ކޮއްކޮމެން ފެންނަމުން ދިޔައީ ވަރަށް ތާޒާ ކޮަށެވެ. އަރްޔަން ފުރަތަމަ ވެސް ގޮސް ސަލާން ކުރީ އިޝަލްއާއެވެ. އިޝަލް ގާތު ރާއްޖޭގެ ރީތި ކަމުގެ ވާހަކަ ބުނެލިއެވެ. އޭނާ ވެސް ބޭނުންވަނީ ރާއްޖޭ ކުއްޖަކާ ކައިވެނި ކުރަން ކަމަށް ބުންޏެވެ. “އެންމެ ރަނގަޅު ..އެހެންވީމަ މިހާރުންސުރެ އަރްޔަންއަށް ކުއްޖެއް ހޯދަދޭންވީ ދޯ…”އިޝަލް މަޖާވެލައިފައި ބުންޏެވެ.

 

ކާރާ އާއި ބެހްރަދް އައުމުން އިޝްމާ އާއި އަކްމަލް މެހެމާންދާރީ އަދާކުރިއެވެ. ޔޫރަޕާއި ރާއްޖޭގެ ތަފާތުކަން އެމީހުންނަށް ރަނގަޅަށް ވިސްނައިގަނެވުނީ ހަމަ ލޮލަށް ފެނުނީމައެވެ. އެމީހުން އައި ވަގުތު މިންހާ ފެންނަން ނެތުމުން، މިންހާ ކޮބައިތޯ ކާރާ އެހިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެންމެ ފަހު މެސެޖު – 4

Next

އެންމެ ފަހު މެސެޖު – 5

Next
September 9, 2026

އެންމެ ފަހު މެސެޖު – 5

Previews
September 9, 2026

އެންމެ ފަހު މެސެޖު – 4



All Right Reserved!