މަންޒިލް 49
ފޯނުން ވާހަކަ ދެކެވުނު ކަމުގައި ވިއަސް ކާރާ އާއި ބެހްރަދާއި ކުރިމަތިލާން މިންހާ ޖެހިލުންވިއެވެ. އެމީހުން އެއާޕޯޓުން ގެއަށް އައި ވަގުތަށް ނުނިކުމެވުނީ ވެސް އެހެންވެއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ ހިތް އަވަސް ވެފައި ހުރިވަރުންނެވެ. އެރިކް އޭނާއަށް މެސެޖު ކުރީ އެހެން ހުއްޓައެވެ. މަންމަ އެބަ ހޯދާކަމަށް ބުނެފައި އަވަހަށް އައުމަށް އެދުނެވެ.
މިންހާގެ ހިތަށް ފިނިކަން ލިބުނީ އެންމެ ފުރަތަމަ ދުވަހެކޭ އެއްވެސް އެއްގޮތަށް ކާރާ އޭނާއަށް މަރުހަބާ ކިޔުމުންނެވެ. ކާރާ އަމިއްލައަށް އައިސް މިންހާ ގައިގައި ބައްދާލުމުން، މިންހާ ދެލޯ މަރާލުމަށް ފަހު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ބެހްރަދް ވެސް، ސަލާން ގޮވާފައި އޭނާގެ ހާލު އެހިއެވެ.
ސައި ބޮއެގެން ކާރާމެން އަރާމު ކުރަން ދިޔުމުން ތަށިތައް ނެގުމުގެ މަސައްކަތުގައި މިންހާ އާއި މިއާ އުޅުނެވެ. ވާހަކައިގައި ތިބެގެން ނިކަން އަވަހަށް ތަށިތައް ނަގައި ދޮވެ، ތަން ސާފު ކުރިއެވެ. އިޝަލް އަދި އެރިކް ދުރުގައި ހެވިފައި ތިއްބެވެ.
ދެ ދުވަސް ފަހުން އޮންނަ ކައިވެންނަށް ތައްޔާރު ވުމުގެ މަސައްކަތް ފެށުނެވެ. ކޭޓަރިންނާއި ޑެކޯގެ ކަންކަން ހަމަޖެއްސީ ޔޫސުފްއެވެ. ގޭގެ ޓެރަސްގައި ޕާޓީ އޮންނާތީވެ ތަން ތައްޔާރު ކުރަން މާ ދުރަށް ދާކަަށް ވެސް ނުޖެހެއެވެ. ކައިވެންނަށް ފަހު މިންހާ އާއި އެރިކް އުޅެން ދެ ކޮޓަރީގެ އާ އެޕާޓްމެންޓެއް ވެސް ތައްޔާރު ކުރަމުން ދިޔައެވެ. އެޕާޓްމެންޓަށް ބޭނުންވާ ފަރުނީޗަރުގެ މަސައްކަތް ޔާޒް ކުރަމުން ދިޔައެވެ. އޭނާއަށް އެހީވުމަށް އެރިކް ވެސް އުޅުނެވެ.
ގެ ހުންނަ އިމާރާތުގެ އެންމެ ތިރީގައި ހުންނަ ގުދަނަށް ޔޫސުފް އާއި މިންހާ ދިޔައެވެ. އެ ބޮޑު ގުދަނުގައި ގިނަ އަދަދެއްގެ ސާމާނު ހުއްޓެވެ. ބޭނުންނުކޮށް ބަހައްޓާފައި ހުރި ހެދުމުން ފެށިގެން، މިންހާ މެން ކުޑައިރު ބޭނުން ކުރި ކުޅޭ ސާމާނު ވެސް ރައްކާކޮށްފައި ހުއްޓެވެ. ގުދަނެއް ކަމަކު އެތަން އޮތީ ވަރަށް ތަރުތީބު ކޮށެވެ. އެއްޗިހި ބަހައްޓާފައި ހުރީ ނަން ޖަހައި އެއީ ކާކުގެ އެއްޗެއްކަން ވަކިވާ ގޮތަށެވެ. އަދި ފަސޭހައިން ނެގޭވެސް ގޮތަށެވެ.
މިންހާ ގޮސް ހުއްޓިލީ ބޮޑު އަލާމާރިއެއް ކުރިމަތީގައެވެ.
އޭގެ ތެރޭގައި ހުރީ ކޮނޑުގައި އަޅުވާފައި ހުރި ، އެގޭ ހުރިހާ ކުދިންގެ ކައިވެނި ހެދުންތަކެވެ. އަފްރީންގެ ހެދުމުން ފެށިގެން ގޮސް، ޒާޔާގެ ހެދުން ވެސް މިހާރު ވަނީ އެ އަލަމާރީގައި އަޅުވާފައެވެ.
ތިރީސް އަހަރަށް ވުރެ ގިނަ ދުވެސް ވެފައި ހުރި މާނީގެ ކައިވެނި ހެދުން މިންހާ ނެގިއެވެ. ގަދަ މެރޫން ކުލައިގެ ހެދުން އަދިވެސް އެންމެ އާ ހެދުމެކޭ އެއްފަދައެވެ. މިންހާ ހެދުން އަލަމާރިން ނެގިއެވެ. އަތުން މަޑު މަޑުން ހެދުމުގައި ފިރުމާލިއެވެ. މަޑުމަޑުން ހެދުން ގެނަސް މެއާލާ ބޮނޑި ކޮށްލާފައި، ލޯ މަރާލީ މަންމަ މަތިން ހަނދާން ކުރަމުންނެވެ.
“ކައިވެނި ކުރާ ވަގުތު މަަންމަ ނެތަސް، މިހެދުން ލައިފި ނަމަ މަންމަ ގާތުގަ ހުރި ކަމުގެ އިހުސާސްވާނެ..ތެންކްޔޫ ދޮންބޭ..މި އައިޑިއާ ދިނީމަ!” މިންހާ ޔޫސުފް ގައިގައި ބައްދާލިއެވެ.
ހެދުން ހިފައިގެން މިންހާ ފުރަތަމަ ވެސް ދިޔައީ އިޝްމާ ގާތަށެވެ. އެ ހެދުން ފެނުމުން އިޝްމާ ވެެސް ފެންކަޅި ވާ ގޮތްވިއެވެ. އަމިއްލަ އިހުސާސްތައް އިޝްމާ ހަމައަކަށް އެޅުވުމަށް ފަހު ހެދުން ޑްރައި ކްލީން ކުރަން ލިއެވެ.
ކައިވެނީގެ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް އެރިކް ނުތަނަވަސް ވަމުން ދިޔައެވެ. އުފަލުގައި މިންހާ ނުގެންގުޅެވިދާނެތީ ކަންބޮޑުވާން ފެށިއެވެ. އޭނާގެ ސަބަބުން މިންހާ ހިތުގައި ޖެހި ރޯންޖޭހިދާނެތީއެވެ. އެފަދަ ވިސްނުން ތަކުން ސިކުނޑިއަށް ބުރަވަމުން ދިޔައެވެ. ކުރަން ހުރި މަސައްކަތަށް ވެސް ދެވެނު ސަމާލުކަން ކުޑަވިއެވެ.
ޔާޒް ދެތިން ފަހަރު ގޮވާލުމުން ވެސް އެރިކްއަށް އަޑު އިވުނުހެން ވެސް ހީނުވެއެވެ. އޭނާއަށް އަތްގާތް ކޮށްދޭން ހުރެފައި ކުއްލިއަކަށް އެރިކް އެހެން ދުނިޔެއަކަށް ގެއްލިއްޖެއެވެ. ހަދަން އިން ފިލާގަނޑު ބޭއްވުމަށް ފަހު ޔާޒް އަތް ފޮޅާލިއެވެ. އެރިކްއަށް ވެފައި ހުރީ ކިހިނެއްކަން ކޮންމެސް ވަރަކަށް އޭނައަށް ރޭކައިލިއެވެ. އެރިކް ކޮނޑުގައި އެއް އަތް ބާއްވާލާފައި، އަނެއް އަތުން ޔާޒް ފިނި ފެންފުޅިއެއް ދިއްކޮށްލިއެވެ. ސިހިފައި ޚިޔާލުތަކުން އެރިކްއަށް ނުކުމެވުނެވެ. ނުތަނަވެސް ވެފައި ހުރި ވަރުން ފެންފުޅި އެއްކޮށް އޭނާއަށް ދަމާލެވުނެވެ. އެރިކްގެ މޫނަށް އަރާފައި ހުރި ކުލަވަރުން ޔާޒްެއަށް ހެވުނެވެ. އަނގަމަތީ އަތް އަޅާލީ އެ މަންޒަރު އެރިކްއަށް ފެނުނަ ނުދޭށެވެ.
ޔާޒް އެރިކް ގާތު އިށީންދެފައި އޭނާގެ ތަޖުރިބާ ކިޔައިދޭން ފެށިއެވެ. އޭނާ އާއި އައިރާގެ ކައިވެނި ކުރެވުނު ގޮތް ކޮންމެސް ވަރަކަށް ޔާޒް ކިޔައިދިނެވެ. ބޭނުމަކަށްވީ އެރިކްގެ ހާސްކަން ފިލުވަދިނުމެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. އެރިކްގެ މޫނު މަތިން ހާސްކަން ފިލައިގެން ދިޔަހެން ހީވިއެވެ.
މިންހާ އަވަދިނެތި އުޅެމުން ދިޔައީ އޭނާގެ ސާމާނުތައް ޕެކްކުރާށެވެ. އޭނާ މިހާރު އުޅޭ ކޮޓަރިން ބޭނުން ނުކުރާ ސާމާނުތައް ކުނި ފޮށިގަނޑަށް އަޅަމުން ދިޔައެވެ. ބޭނުން ހުރި އެއްޗިހި ތަރުތީބުން ވަކިވަކި ފޮށިތަކަށް އަޅަމުން ދިޔައެވެ. ބައެއް އެއްޗިހި އުކާލަން ވީތޯ ނޫނީ ބަހައްޓަންވީ ތޯއާ މެދު ވިސްނަން ފަނަރަ ވަރަކަށް މިނެޓު ދެއެވެ. އުކާލާ ފޮށިގަނޑަށް އަޅައިފައި ވެސް، ގިނަ ސާމާނު އޭނާ އަނބުރާ ނެގިއެވެ. ދެތިން ގަޑިއިރު ވީއިރުވެސް މިންހާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ކޮޓަރީގައި ހުރި ޝެލްފުން ބޮޑު ފޮތްބޮނޑިއެއް ހިފައިގެން މިންހާ ދިޔައީ ގުދަނަށްލާ ފޮށިގަނޑަށް އަޅާށެވެ. ފޮތްތައް ބަރުކަމުން އޭނާއަށް އުފުލެނީ ކިރިޔާއެވެ. ފަޔަށް ހެދުނު ގޮތަކުން ފޮތްތަކާ އެކީ މިންހާ ވެއްޓުނެވެ.
މާއިޒް އަށް ބާރު އަޑެއް އިވުމާއެކު މިންހާ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭނާ އެބަޔަށް އައީ ނަވްޔާ ހަވާލު ކުރި އެއްޗެއް ލާށެވެ. އެއްކުއްޖެގެ ވެސް ހިލަމެން ވާން ނެތުމުން އޭނާ އުޅުނީ އެނބުރި ދާށެވެ.
ކާޕެޓް މައްޗަށް ވެއްޓުނު ގޮތަށް ނުތެދުވިފައި މިންހާ އޮތެވެ. އޭނާއަށް ފުރަތަމަ ވެސް ގޮވާލެވުނީ ބައްޕައަށެވެ. އަނިޔާއެއް ވެއްޖެ ނަމަ އަދިވެސް، އޭނާއަށް ގޮވެނީ ބައްޕައަށެވެ. ބައްޕަ ނިޔާވިތާ އެތައް އަހަރެއް ވީ ނަމަވެސް އެ އާދައެއް ނުކެނޑެއެވެ. ބައްޕަ ނާންނާނެކަން ވިސްނުމާއެކު މިންހާއަށް ރޮވުނެވެ. މާއިޒްއަށް ގޮސް ވަދެވުނީ އެގަޑިއަށެވެ. ނިކަން އަވަހަށް ގޮސް މިންހާ ނަގައިދިނެވެ. އަޑު ނުނިކުތް ކަމުގައި ވިއަސް، މިންހާގޭ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މިންހާ ގެންގޮސް ގޮނޑިއެއްގައި ބައިންދާފައި، ވެރިފައި ހުރި ފޮތްތައް މާއިޒް ނެގިއެވެ. އެހުރިހައި ފޮތެްް އެއްފަހަރާ އުފުލަން މިންހާ އުޅުނީތީވެ މާއިޒްއަށް ބޯހޫރައިލެވުނެވެ. ފޮތްތަކާ އެއްކޮށް ސިޓީ އުރައެެއްވެސް ވެއްޓިފައި އޮތެވެ. މާއިޒް އެނަގާފައި މިންހާއަށް ދިނީ މުހިންމު ލިޔުމަކަށް ވެދާނެތީއެވެ. މީގެ ކުރިން އެ ސިތީ އުރަ މިންހާއެއް ނުދެކެއެވެ. އެއީ ކޯޗެއްތޯ ބެލުމަށް މިންހާ އަވަސް ވެގަތެވެ. އޭގެތެރޭގައި އޮތީ ގިނަ ދުވެސް ވެފައި އޮތުނުގެ ސަބަބުން ކުލަ ވެއްޓިފައި އޮތް ގަނޑެކެވެ. ލަސް ލަހުން މިންހާ އެގަނޑު ހުޅުވާލިއެވެ.
***
ބައްޕިގެ ލޯބިވާ ޕްރިންސަސްއަށް،
މިއަދު މިއީ ހަޔާތަށް އަނެއްކާ ވެސް އުފާވެރިކަން ގެނުވި ދުވަހެއް…އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު ދަރިފުޅު އުރާލުމުގެ ފުރުސަތު މި ލިބުނީ…ޕްރިންސެސްގެ ދޮންބެ އުފަންވީ ދުވަހު ވެސް މިކަހަލަ ސިޓީއެއް ލިޔުނިން…އުއްމީދަކީ ކޮންމެސް ދުވަހަކުން ދަރިފުޅަށް މި ސިޓީ ލިބުން…މި ވަގުތު ދަރިފުޅު އޮތީ ވަރަށް ލޯބިކޮށް ނިދާފަ… ސިޓީ ލިޔަން ވަގުތު ވެސް މި ލިބުނީ އެހެންވެ..ހެހެހެ..މިންހާ މިއީ މަންމި އާއި ބައްޕި ޚިޔާރު ކުރި ނަން ދަރިފުޅަށް.. މާނައަކީ ހަދިޔާ….ދަރިފުޅު ފުރަތަމަ އުރާލި ވަގުތު ކުރެވުނު އިހުސްސާތަކަކީ ބަޔާން ކޮށްދެވޭ ވަރަށް ވުރެ ފުން އިހުސާސްތަކެއް…ދަރިފުޅު ދޫކުރަން ވެސް ބޭނުމެއް ނުވި…މުޅި އުމުރަށް މި އަތުގެ ހިމާޔަތުގެ ދަށުގައި ގެންގުޅެން ބޭނުމީ….މި ހިތް މިވަނީ ދަރިފުޅަށްޓަކައި ލޯބިން ފުރިފަ…ދަރިފުޅު ބޮޑުވެގެން ފަހަރެއްގަ ހިތަށް އަރާފާނެ ބައްޕި އަތުގަ ހުރި އެންމެ އަގު ހުރި އަދި ބައްޕަ އެންމެ ފަޚުރުވެރިވާ ތަކެއްޗަކީ ޕޯލްޑްކަޕް ތަށްޓާއި ބެލެންޑިއޯ އެވޯޑޭ…އެއީ ރަނގަޅު ހީއަކަަށް ނުވާނެ…ބައްޕިގެ އަމާޒަކީ މިންހާ އާއި ޔޫސުފް ބޮޑުވެގެން އެ ގޮތަށް ހިތަށް ނޭރުން..ހަގީގަތަކީ ތިދެކުދިންތީ ބައްޕައަށް ލިބުނު އެންމެ އަގުހުރި އަދި އެންމެ ފަޚުރުވެރިވާ ހަދިޔާ…ފުޓުބޯޅަ ތަރި އާރާޝްއަށް ވުރެ ދަރިފުޅުމެންގެ ބައްޕަގެ ގޮތުގައި އެންމެ މަތީ ވަނަ ހާސިލު ކުރުން ދެން އެންމެ ބޮޑު ހުވަފެނަކީ…ބައްޕި އަބަދުވެސަ ދަރިފުޅު ދެކެ ވަރަށް ލޯބިވާނަން..(މަންމި ގާތުގަ ނުބަނައްޗޭ.. މިހާރު މިންކޮ ތިއީ ބައްޕިގެ ފޭވަރިޓް ގާލް)..
ބައްޕަގެ ދުޢާއަކީ ދަރިފުޅު އަބަދުވެސް އުފަލުގައި ހުރުން..
މިންކޮދެކެ ލޯބިވާ ބައްޕި.
***
ބައްޕަގެ ފަރާތުން ލިބުނު އެ ސިޓީއަކީ މި ވަގުތަށް އޭނާ ނުހަނު ބޭނުންވެފައި ހުރި ސިޓީއެކެވެ. އެ ކިޔަމުން ދިޔަ ވަގުތު ކަރުނައިގެ ތެރެއިން ހިނިތުން ވެސް ވެވުނެވެ. މިއޮށް ހުރިހައި ދުވަސް ވީއިރު އެ ސިޓީ އޭނާއަށް ނުފެނި އޮތީ، މިއަދު އެ ކިޔަން ލިބެން އޮތީމައި ކަމުގައި މިންހާ ޤަބޫލު ކުރިއެވެ. “ހީ އިޒް ދި ބެސްޓް ޑޭޑް އެވާރ…” މިންހާގެ އަޑު ކުރަކިވެގެން ދިޔައެވެ. “މިންކޮއަށް ފެނެއެއްނު އިޝަލް މިލީ ގޮވައިގެން އުޅޭ ގޮތް…އާރާޝް ވެސް އުޅުނީ އެހެން…ގޭގަ ހުންނަ ވަގުތެއް ވެއްޖެޔާ މިންކޮ އުރައިގެން އުޅޭނީ…އިންޓަވިއު ތަކުގަ ވެސް އަބަދުވެސް މިންކޮ އާއި ޔޫސުފްގެ ވާހަކަ ދައްކާނެ..ހީ ވޯޒް ރިއަލީ ޕްރައުޑް އޮފް ޔޫ ޓޫ…”އެއީ ކުރިން އަޑުއިވިފައި ހުރި ވާހަކަތަކަށް ވިއަސް، ކޮންމެ ފަހަރަކު ވެސް މިންހާގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.
އަކްމަލް، މާއިޒް އަދި އަހުސަމްގެ ފަރާތުން އަބަދުވެސް އާރާޝްގެ ވާހަކަތައް އޭނާއަށް އިވެއެވެ. ޚާއްސަކޮށް އަހުސަމްގެ ފަރާތުންނެވެ. ކުޑަ އިރުންސުރެ އާރާޝްގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވުމުން، އާރާޝްގެ ގިނަ ކަންކަން އަހުސަމަށް އެނގެއެވެ. އެކުވެރިޔާގެ ހަނދާންތައް އަހުސަމް، އުފަލާއެކު އާކުރެއެވެ. ބޮޑުބޭބެމެންގެ ހެޔޮކަމަށް މިންހާ އަބަދުވެސް ޝުކުރެވެރިވާނެއެވެ. ބައްޕަ އޭނާދެކެ، ވާ ވަރަށް ލޯބި ނުވިއަސް އެ ތިން މީހުން ވެސް އަމިއްލަ ދަރިއެއް ފަދައިން މިންްހާދެކެ ލޯބިވާކަން އެ މީހުންގެ އަމަލުތަކުން އަބަދުވެސް ދައްކައެވެ. މިއަދުވެސް މާއިޒް އެވަނީ އެ ކަން ސާބިތުކޮށްދީފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Hama fenkalhi vehje 🥺
Vrh vrh reethi maasha allah ❤️
When next?