ގޭގެ ބަދިގޭގައި ގޭގެ ބަދިގޭގައި ޝައުހާ ސީލިންގް ތެރޭގައި އުޅުނުއިރު، އޭނާއަށް ނޭނގި ނަމަވެސް ގޭސް ހޮޅިއަކަށް ވަނީ ގެއްލުންވެފައެވެ. ގޭގެ ކަރަންޓު ޝޯޓެއްގެ ސަބަބުން އެތަނުގައި ރޯވެ، ގޭސް ސިލިންޑަރުތައް ގޮވީއެވެ. މުޅި ވިލާ ސިކުންތެއްގެ ތެރޭގައި އަލިފާނުގެ ބޮޑު ގުޅައަކަށް ބަދަލުވިއެވެ. ބޯ ވާރޭ ވެހެމުންދިޔަ ނަމަވެސް، އަލިފާނުގެ ރަތް ކުލައިގެ ބޮޑެތި ދޫތައް އުޑާ ހަމައަށް އުފުލިގެން ދިޔައެވެ. ވިލާގެ ބޮޑެތި ބިއްލޫރިގަނޑުތައް ތެޅި، ވަށައިގެންވާ ގަސްތަކުގައި ރޯވިއެވެ. ރައްޔާންގެ މުޅި ދިރިއުޅުމުގެ އަނދިރި ސިއްރުތަކާއި، އޭނާ ފޭރިގަތް މިލިއަނުން ގުނާލެވޭ މުދާގަނޑާއި ފައިސާތައް އޭނާގެ ދެލޯ ކުރިމަތީގައި އަޅިއަށް ވަމުން ދިޔައެވެ.
……..
“ނޫން! މަގޭ ފައިސާތައް! މަގޭ ފައިލްތައް! މަގޭ ހުރިހާ އެއްޗެއް!” ރައްޔާން މޮޔައެއް ފަދައިން ހަޅޭއްލަވައިގަތެވެ. އޭނާގެ މުޅި ހަޔާތުގެ މަސައްކަތް ނެތިގެންދާތަން ފެނުމުން އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. އޭނާގެ ސަމާލުކަން އެއްކޮށް ގެއްލުނު މި ރަން ވަގުތުކޮޅު ބަލައި، ޝައުހާ އޭނާގެ ވޭނަށް ބެލުމެއް ނެތް، ޖީބުގައި އޮތް ތޫނު ވަޅި ބާރަށް އަތަށް ހިފާލިއެވެ. އޭނާގެ ހިތް ބުންޏެވެ، މިއީ އޭނާގެ އެންމެ ފަހު ހަނގުރާމައެވެ. މަންމަގެ ފުރާނަ ދުއްވާލި މީހާގެ ކުރިމަތީގައި އޭނާ ކަނޑުވެގެން މަރުވާކަށް ބޭނުމެއް ނޫނެވެ.
ރައްޔާން އަލުން ލޯންޗާ ދިމާލަށް އެނބުރި، ޝައުހާ މުޅިން ނައްތާލަން ބަޑި ދިއްކުރިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޔަވެފައިވާ މީހެއްގެ އަސަރުތަކެވެ. ނަމަވެސް ޝައުހާ އޭނާގެ ކޮނޑުގެ ބާރު ވޭނަށް ބެލުމެއް ނެތް، ލޯންޗުގެ ތަޅުމުން މައްޗަށް ފުންމައި، ސީދާ ރައްޔާންގެ ހަށިގަނޑާ ދިމާލަށް ކަނޑުގެ ތެރެއަށް ފުންމާލިއެވެ. ދެމީހުން އެކުގައި ކަނޑުގެ ފިނި، ރާޅު ބާރު ލޮނުގަނޑުގެ ތެރެއަށް ވެއްޓުނެވެ.
ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ދެމީހުންގެ މެދުގައި ނުރައްކާތެރި، މަރުގެ ހަނގުރާމައެއް ހިނގިއެވެ. ރައްޔާން އޭނާގެ ބޮޑު ދެއަތުން ޝައުހާގެ ކަރުގައި ހިފައި، ފެނުގެ އަޑިއަށް އޮއްބަން މަސައްކަތް ކުރިއެވެ. ޝައުހާ ފެނުން މައްޗަށް އަރަން ތަޅފޮޅަމުން ދިޔައެވެ. އޭނާގެ އަނގައާއި ނޭފަތަށް ލޮނު ވަދެ، ނޭވާ ހުއްޓެން ކައިރިވިއެވެ. އޭނާގެ ދެލޮލަށް ކަނޑުގެ ކަޅު އަނދިރިކަން ވެރިވަމުން ދިޔަ ވަގުތު، އޭނާގެ ބަލި މަންމަގެ މައުސޫމް މޫނު އޭނާގެ ދެލޯ ކުރިމަތިން ސިފަވިއެވެ. މަންމަ މަރުވީ މި މީހާގެ ސަބަބުންނެވެ. އެ ހަނދާނުން އޭނާގެ ހަށިގަނޑަށް އާދަޔާ ހިލާފު ބާރެއް ލިބުނެވެ.
ޝައުހާ އޭނާގެ ކަނާތުގައި އޮތް ތޫނު ވަޅި، ރައްޔާންގެ ބަނޑަށް ބާރަށް ކޮއްޕާލިއެވެ. އެއްފަހަރަކު ނޫނެވެ. އޭނާގެ ހުރިހާ ބާރެއްލާފައި ތިން ހަތަރު ފަހަރަކު ވަޅި ވައްދާލިއެވެ. ރައްޔާންގެ ދެލޯ ބޮޑުވެ، އޭނާގެ އަނގަމަތިން ލޭގެ ބޮކިތައް ނިކުތްތަން ވާރޭގެ ތެރެއިން ފެނުނެވެ. އޭނާގެ ހަށިގަނޑުން ބާރުދޫވެ، ޝައުހާގެ ކަރުން އަތް މުޅިން ދޫކޮށްލިއެވެ. ކަނޑުގެ ފިނި ލޮނުގަނޑު ރައްޔާންގެ ހަށިގަނޑުން ނިކުތް ރަތް ލެއިން ކުލަވެގެން ދިޔައެވެ. ރައްޔާންގެ ބިޔަ ހަށިގަނޑު މަޑުމަޑުން ކަނޑުގެ ފުން، ކަނު އަނދިރިގަނޑުގެ ތެރެއަށް ގެނބިގެން ދިޔައެވެ. އޭނާގެ އަނިޔާވެރިކަން ކަނޑުގެ އަޑީގައި ކަފުންވިއެވެ.
ޝައުހާ ފެނުން މައްޗަށް ބޯހިއްލާލައި، ފުން ނޭވާއެއްލިއެވެ. އޭނާގެ ކަރުތެރެއިން ލޮނުތައް ބޭރުވިއެވެ. އޭނާގެ ކޮނޑުން އަންނަމުންދިޔަ ލޭގެ ސަބަބުން މުޅި ހަށިގަނޑުން ބާރުދޫވެ، އޭނާ އޮޔާދާން ފެށިއެވެ. ލޯންޗުގައި އޮތް ލަމްހާ، އޭނާގެ ހުރިހާ ބާރެއްލާފައި ހަޅޭއްލަވައި، ލޯންޗުގެ ކެބިން ތެރޭގައި ނިދާފައި ތިބި ފަޅުވެރިން ހޭލެއްވީ ހަމަ އެވަގުތުއެވެ. އެމީހުން ހޭލައިގެން ބޭރަށް ނިކުތްއިރު މުޅި މަންޒަރު އޮތީ ބަދަލުވެފައެވެ.
ރަށުގެ މެދުގައި ހުރި ބޮޑު ވިލާ ވަނީ އަލިފާނުގެ ބޮޑު ތޫފާނެއްގެ ތެރޭގައެވެ. މުޅި އުޑުމަތި ވަނީ ރަތްކުލައިން ދިއްލިފައެވެ. އަދި ކަނޑުގެ ތެރޭގައި ލޭގެ ތެރޭގައި ޝައުހާ ހޭނެތިގެން އޮޔާދާތަން އެމީހުންނަށް ފެނުނެވެ. އެމީހުން އަވަސްއަވަހަށް ކަނޑަށް ފުންމާލައި، ޝައުހާ ނަގައި ލޯންޗުގެ ތަޅުމުގެ މައްޗަށް އެރުވިއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތެވެ. މުޅި މޫނު ވަނީ ދޮންވެފައެވެ.
“ކޮބައި ރައްޔާން ބޮސް ؟ މިތަނަށް ކިހިނެއްވީ؟” ކެޕްޓަން ބިރުން، ތުރުތުރުއަޅާ އަޑަކުން އަހާލިއެވެ. އޭނާ ހުރީ ކުރިމަތިން ފެންނަމުންދިޔަ އަލިފާނުގެ މަންޒަރުން ސިހިފައެވެ.
“އޭނާ މަރުވެއްޖެ… އޭނާ ކަނޑުގެ އަޑިއަށް ހިނގައްޖެ. އަހަރެމެންނަށް ދެން އޭނާގެ އުނދަގުލެއް ނުވާނެ. އަވަހަށް ލޯންޗް ދުއްވާ! މި ބިރުވެރި ރަށުން އަހަރެމެން ސަލާމަތްކޮށްދީ!” ލަމްހާ ރޮމުން، އާދޭހާއެކު ބުންޏެވެ. އޭނާ ޝައުހާގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.
ކެޕްޓަން ބޭކާރު ސުވާލުތައް ކުރުން ހުއްޓާލައި، ލޯންޗުގެ ބާރު އިންޖީނުތައް ސްޓާޓްކޮށް، މާލެއާ ދިމާލަށް މިސްރާބުޖެހިއެވެ. ލޯންޗު ބާރު ދުވެލީގައި ރާޅުތައް ފަޅާލާފައި ދާން ފެށިއެވެ. ކަނޑުގެ ބާރު ރާޅުތަކުގެ ތެރެއިން ލޯންޗު ދިޔައީ ދެކޮޅަށް ތަޅެމުންނެވެ. ޝައުހާ ލޯންޗުގެ ތަޅުމުގައި އޮށޮވުނެވެ. އޭނާގެ ކޮނޑުން އަދިވެސް ލޭ އަންނަމުން ދިޔައެވެ. ލަމްހާ ފިރުކެމުން އައިސް ޝައުހާގެ ބޮލުގައި ހިފާލައި، އޭނާގެ ހެދުމުން ބައެއް ވީދާލައި ޝައުހާގެ ކޮނޑުގައި ބާރަށް އައްސާލިއެވެ.
ދެމީހުން އެކުގައި ފަސްބަލާލިއިރު، އެ ބިރުވެރި “ހިމޭން ރަށް” އަލިފާނުގެ ތެރޭގައި އަޅިއަށް ވަމުން ދިޔައެވެ. އެމީހުންގެ އަޅުވެތިކަމުގެ ހަނދާންތައް އެ އަލިފާނުގެ ތެރޭގައި ފޮހެވެމުން ދިޔައެވެ. ރައްޔާންގެ ހުރިހާ އަނދިރި ސިއްރުތަކެއް އެ އަލިފާނުގެ ތެރޭގައި އަންދާ އަޅިއަށް ހަދަމުން ދިޔައެވެ. ޝައުހާ މަޑުމަޑުން ދެލޯ މަރާލިއެވެ. އޭނާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. މަންމަގެ މަރުގެ ބަދަލު ހިފިއްޖެއެވެ. އޭނާ މިހާރު މިވަނީ މިނިވަންވެފައެވެ.
ފަތިހުގެ ރަން އަލިކަން ދުނިޔެއަށް ވެރިވަމުން ދިޔައިރު، ތޫފާން ވަނީ މަޑުމަޑުން މައިތިރިވާން ފަށާފައެވެ. ޝައުހާ މަޑުމަޑުން އަލުން ދެލޯ ހުޅުވާލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ފުން ވަރުބަލިކަމެކެވެ.
“ލަމްހާ…” ޝައުހާ ވަރަށް ބަލި އަޑަކުން ގޮވާލިއެވެ.
“ޝައުހާ! ޝައު ސަލާމަތްވެއްޖެ. އަހަރެމެން މާލެއާ ވަރަށް ކައިރިވެއްޖެ،” ލަމްހާ ޝައުހާގެ ފިނިވެފައިވާ އަތުގައި ބާރަށް ހިފާލިއެވެ. “ޝައު ތިޔަ ދެއްކި ހިތްވަރަކީ މަގޭ ދިރިއުޅުން އަލުން އަނބުރާ ހޯދައިދިން ސަބަބު. އަހަރެން ދުވަހަކުވެސް ޝައޫގެ ތިޔަ ހެޔޮކަން ހަނދާނެއް ނައްތައެއް ނުލާނަން. ޝައޫ ތިއީ މަގޭ ކޮއްކޮއެއް ފަދަ ކުއްޖެކެވެ.”
މަގޭ މަންމަ…” ޝައުހާގެ ލޮލުން ކަރުނަ ފޮދެއް ފޭބިއެވެ. “މަންމަ ދިޔައީއެވެ. އަހަރެން އެކަނިވީއެވެ. އަހަރެން ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟”
“ނޫން، ޝައޫ. ޝައޫ އެކަނިވިޔަކަ ނުދޭނަން. މިއަދުން ފެށިގެން އަހަރެން ޝައޫ އަށް އެހީވާނަން. އަހަރެމެން ދެމީހުން އެކުގައި އާ ދިރިއުޅުމެއް ފަށާނަން. ރައްޔާންގެ ކިބައިން އަހަރެމެން ސަލާމަތްވީ ހަމައެކަނި ޝައޫގެ ހިތްވަރުންނެވެ،” ލަމްހާ ޝައުހާއަށް ހިތްވަރުދިނެވެ.
ލޯންޗު މާލޭގެ ފަޅަށް ވަދެ، ނަަމާން ދަތުރު ނިމުމަކަށް އައީއެވެ. އަތިރިމަތީގައި ފުލުހުންގެ ބޮޑު ފައުޖެއް ތައްޔާރަށް ހުއްޓެވެ. ލޯންޗުގެ ކެޕްޓަން ވަނީ ދަތުރުމަތީގައި ފުލުހުންނަށް ހުރިހާ ވާހަކައެއް ރޭޑިއޯއިން ކިޔައިދީފައެވެ. ޝައުހާއާއި ލަމްހާ ލޯންޗުން ބޭލުމާއެކު، އެމީހުން އެމްބިއުލާންސްއަށް އަރުވައިގެން ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. މާލޭގެ ހެނދުނުގެ ތާޒާ ވައިރޯޅިތައް އެމީހުންގެ މޫނުގައި ޖެހުނުއިރު، އެމީހުންނަށް އިހުސާސްވަމުން ދިޔައީ ހަގީގީ މިނިވަންކަމެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމެޖެންސީ ރޫމްގެ ރަތް ބޮކި ދިއްލިފައި ހުއްޓެވެ. މުޅި ހިސާބުގައި ވަނީ ބޭހުގެ ވަހާއި، މެޝިންތަކުގެ ބީޕް އަޑާއި، ނުތަނަވަސްކަމެވެ. ޝައުހާ އޮތީ އޮޕަރޭޝަން ތިއޭޓަރުގައެވެ. އޭނާގެ ކަނާތު ކޮނޑަށް އަމާޒުވި ރައްޔާންގެ ބަޑީގެ ވަޒަން ނެގުމުގެ ނުރައްކާތެރި އޮޕަރޭޝަން ދިޔައީ ކުރިއަށެވެ. ލޭ މާބޮޑަށް އޮހޮރުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު އޮތީ ވަރަށް ކުޑަކޮށެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ މަދުވުމުގެ ސަބަބުން، ޑޮކްޓަރުން ދިޔައީ އިތުރު ލޭ އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ލޭގެ ޕްރެޝަރު ދަށްވަމުން ދިޔުމަކީ ޑޮކްޓަރުންގެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
ބޭރުގައި ހުރި ފިނި ގޮނޑިއެއްގައި ލަމްހާއާ އިނީ ފޮތިގަނޑަކުން ބޯ ނިވާކޮށްގެންނެވެ. އޭނާގެ ހަށިގަނޑު ވަނީ އަނަރޫފަވެ، މަސްތަކެއްގެ ބަންދުގެ ސަބަބުން މުޅިން ބަލިކަށިވެފައެވެ. ނަމަވެސް އޭނާގެ ދެލޮލުން މިހާރު ފެންނަމުން ދިޔައީ ބިރުވެރިކަމުގެ ބަދަލުގައި ކާމިޔާބީގެ ކަރުނައެވެ. އޭނާގެ ވަށައިގެން ފުލުހުންގެ ބޮޑު ފައުޖެއް ހުއްޓެވެ. ފުލުހުންގެ އިސް އޮފިސަރުން ދިޔައީ ލަމްހާގެ ބަޔާން ރެކޯޑު ކުރަމުންނެވެ. އޭނާގެ ކޮންމެ ލަފުޒަކުން ކޯޓު ރޫމްތަކާއި މުޅި ގައުމު ސިއްސުވާލާނެ ފަދަ ހަގީގަތްތައް ހާމަވަމުން ދިޔައެވެ.
“މީގެ ދެއަހަރު ކުރިން އަހަރެން ރާއްޖެއިން ބޭރަށް ދިޔައީ ކަމަށް ބުނެ ރައްޔާން ހެދީ ބޮޑު ދޮގެއް،” ލަމްހާ ކުރެހިފައިވާ، ތުރުތުރުއަޅާ އަޑަކުން ކިޔައިދިނެވެ. “އޭނާ މަގޭ ހުރިހާ މުދަލަކާއި ރިސޯޓްތަކުގެ ހިއްސާ އަމިއްލަ ނަމަށް ބަދަލުކުރުމަށްފަހު، އެ އެކަހެރި ވިލާގެ ތިންވަނަ ބުރުގައި އަހަރެން ހިިލިހިލާ އަޅުވައި ބަންދުކުރީ. އަހަރެން ސަލާމަތްކުރީ އެ މައުސޫމް އަންހެންކުއްޖާ، ޝައުހާ. އޭނާގެ އަމިއްލަ ފުރާނަ އަތަށްލައިގެން، ސީލިންގް ތެރެއިން ފިރުކެމުން ގޮސް ކުރި މަސައްކަތުން އަހަރެން މިއަދު މިނިވަންވީ. އޭނާއަށް ދޭނެ އެއްވެސް ގެއްލުމެއް ދީގެން ނުވާނެ. އޭނާއަކީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން މަލާއިކަތެކެވެ. އޭނާ އެހީނުވިނަމަ އަހަރެން މަރުވީހީ އެ ކަނު ގޮޅީގައެވެ.”
ފުލުހުންގެ އޮފިސަރުން އެ ވާހަކަތައް އަޑުއަހާފައި ސިހުނެވެ. ރާއްޖޭގެ އެންމެ ނުފޫޒުގަދަ މަހުޖަނުގެ ފަހަތުގައި މިފަދަ އަނދިރި، ނުރައްކާތެރި ސިއްރެއް އޮވެދާނެ ކަމަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ. މުޅި މާލެއަށް އެ ޚަބަރު ފެތުރެން ފެށީ ހަލުވިކަމާއެކުގައެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެ ޚަބަރު އަރައި، މީހުންގެ މެދުގައި ބޮޑު ސުވާލުތަކެއް އުފެދުނެވެ. ރައްޔާންގެ ރަހުމެއްނެތް ކެހިވެރިކަމުގެ ވާހަކައިން މުޅި މުޖުތަމައު ސިއްސުވާލިއެވެ.
އެވަގުތު އޮޕަރޭޝަން ތިއޭޓަރުގެ ރަތް ބޮކި ނިވި، އިސް ޑޮކްޓަރު ވަރުބަލިކަމާއެކު ބޭރަށް ނިކުތެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކާމިޔާބީގެ ކުލަވަރެވެ. ލަމްހާ އަވަސްއަވަހަށް ތެދުވެ ޑޮކްޓަރުގެ ގާތަށް ދިޔައެވެ. އޭނާގެ ހިތް ބާރަށް ތަޅެމުން ދިޔައެވެ.
“އޮޕަރޭޝަން ކާމިޔާބު. ވަޒަން ވަނީ ނެގިފައި. ލޭ މާބޮޑަށް އޮހޮރުމުގެ ސަބަބުން އޭނާ ވަރަށް ބަލިކޮށް ހުރީ، ނަމަވެސް މިހާރު ހާލު ވަރަށް ހަމަޖެހޭ. އޭނާގެ ހިތްވަރު ވަރަށް ގަދަ،” ޑޮކްޓަރުގެ ޖަވާބުން ލަމްހާގެ ހިތަށް ފުން ހަމަޖެހުމެއް ލިބުނެވެ. އޭނާ ބިމަށް ތިރިވެ، މާތް الله އަށް ޝުކުރު ކުރިއެވެ. ޝައުހާ އައިސީޔޫއަށް ބަދަލުކުރެވުނުއިރު، އޭނާގެ ނޭވާލުން ހުރީ މެޝިންތަކުގެ އެހީގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ދިޔައީ މަޑުމަޑުން އާލާވަމުންނެވެ. އޭނާގެ ޒުވާން ފުރާނަ މަރުގެ ތުންފަތްމަތިން އެނބުރި އައީއެވެ.
ތިންދުވަސް ފަހެވެ. ޝައުހާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. އޭނާ އޮތީ ހޮސްޕިޓަލުގެ އާންމު ވޯޑެއްގައެވެ. އޭނާގެ ކައިރީގައި އަބަދުވެސް ފާރަވެރިއެއް ފަދައިން ލަމްހާ އިނދެއެވެ. ޝައުހާ ދެލޯ ހުޅުވާލުމާއެކު، އޭނާގެ ހަނދާނަށް ފުރަތަމަވެސް އައީ އޭނާގެ މަންމަ އާއި ލަމްހާ އެވެ. އޭނާގެ ލޮލުން ހޫނު ކަރުނަ ފޮދެއް ކޯތާފަތް މައްޗަށް ފޭބިއެވެ.
“ލަމްހާ… މަގޭ މަންމަ…” ޝައުހާގެ އަޑުގައި ވަނީ ހިތްހަލާކުވުމުގެ އަސަރެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ މަންމަ ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށެވެ.
“ޝައޫ… ހިތްވަރުކުރޭ. ޝައޫ މަންމަގެ ޖަނާޒާގެ ހުރިހާ ކަމެއް ފުލުހުންނާއި އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސީން ގުޅިގެން ވަނީ ވަރަށް ފުރިހަމައަށް ނިންމާފަ. މަންމަ ވަނީ މާލޭގެ އާސާރީ ގަބުރުސްތާނުގައި ފަސްދާނުލެވިފަ. މަންމައަށްޓަކައި ހެޔޮ ދުޢާކުރޭ،” ލަމްހާ ޝައުހާގެ ފިނިވެފައިވާ އަތުގައި ބާރަށް ހިފާލިއެވެ. ޝައު މަންމަ މަރުވީ ރައްޔާންގެ ރަހުމެއްނެތް ކެހިވެރިކަމުން. އެކަމަކު ހަނދާންކުރާތި، ރައްޔާންއަށް އޭނާގެ ހައްގު އަދަބު ލިބިއްޖެ. އޭނާގެ ހަށިގަނޑު ކަނޑުގެ އަޑިން ފުލުހުންގެ ޑައިވަރުންނަށް ވަނީ ފެނިފަ. އޭނާގެ ނިމުން އައީ އޭނާގެ އަމިއްލަ ފާފަތަކުގެ ތެރެއަށެވެ. އޭނާ ކުރި ހުރިހާ އަނިޔާއެއްގެ ބަދަލު އޭނާއަށް ލިބިއްޖެއެވެ. އޭނާގެ މުއްސަނދިކަމެއް ނުވަތަ ބާރެއް އޭނާ ސަލާމަތެއް ނުކޮށްދިނެވެ.”
ޝައުހާ ބޯޖަހާލިއެވެ. އޭނާގެ ހިތަށް ލިބުނީ ފުން ހަމަޖެހުމެކެވެ. އޭނާގެ މަންމަ ދުނިޔޭގައި ނެތް ނަމަވެސް، މަންމަގެ ފުރާނައަށް އިންސާފު ލިބިއްޖެއެވެ. ރައްޔާންގެ ބިރުވެރި “ހިމޭން ރަށް” ވަނީ އަލިފާނުގެ ތެރޭގައި އަޅިއަށް ވެފައެވެ. އޭނާ ފޭރިގަތް ހުރިހާ މުދަލަކާއި ބާރެއް ވަނީ ދާދި ސިކުންތުކޮޅެއްގެ ތެރޭގައި ފަނާވެގެން ގޮސްފައެވެ. އޭނާގެ ހަޔާތުން ބޮޑު ބިރުވެރިކަމެއް ފިލައިގެން ދިޔައެވެ.
މާލޭގެ ކޯޓު މެދުވެރިކޮށް، ރައްޔާންގެ މުޅި މިލްކިއްޔާތާއި މުދާގަނޑުގެ މައްސަލަ ބެލެން ފެށުނެވެ. ރައްޔާން މަރުވެފައިވީ ނަމަވެސް، އޭނާ މަކަރާއި ހީލަތުން އަތުލާފައިވާ ހުރިހާ މުދަލެއް އޭގެ ހަގީގީ ވެރިންނަށް ރައްދުކޮށްދޭން ކޯޓުން ހުކުމްކުރިއެވެ. ލޯޔަރުންގެ ބޮޑު ޓީމަކުން ދިޔައީ ރައްޔާންގެ ބޭންކު އެކައުންޓްތަކާއި، ރިސޯޓްތަކުގެ ހިއްސާގެ ކަންތައްތައް ދިރާސާ ކުރަމުންނެވެ. ލަމްހާގެ ބަފާފަރާތުން ލިބުނު ހުރިހާ ރިސޯޓްތަކުގެ ހިއްސާއާއި ފައިސާތައް ލަމްހާއަށް އަލުން އަނބުރާ ލިބުނެވެ. އަދި ޝައުހާގެ ބަފާފަރާތުގެ ބިންތަކުގެ މިލްކުވެރިކަންވެސް ރައްކާތެރިކަމާއެކު ޝައުހާއަށް ލިބިގެން ދިޔައެވެ.
މުޅި ރާއްޖޭގެ މީޑިއާތަކުގައި ދެކެވެމުން ދިޔައީ ޝައުހާގެ ހިތްވަރުގަދަ ވާހަކައެވެ. ނިކަމެތި އަންހެންކުއްޖަކު، ގަދަ ތޫފާނެއްގެ ތެރޭގައި، ސީލިންގް ތެރެއިން ފިރުކެމުން ގޮސް ނުރައްކާތެރި މަހުޖަނެއްގެ ކިބައިން ސަލާމަތްވި ގޮތުގެ ހަގީގީ ހާސިލްކަމަކީ އެންމެންގެ ހިތްތައް ސިއްސުވާލި ކަމަކަށް ވިއެވެ. އޭނާއަކީ މިހާރު ބިރުކުޑަ އަންހެނެއްގެ މިސާލެކެވެ. މީހުން އޭނާއަށް މަގުމަތިން ފެނުމުންވެސް އިހުތިރާމް ކުރަން ފެށިއެވެ. އޭނާގެ ނިކަމެތިކަން ބަދަލުވީ ގަދަރުވެރިކަމަށެވެ.
ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު، ލަމްހާ ޝައުހާ ގޮވައިގެން ދިޔައީ އޭނާގެ އަމިއްލަ ބޮޑު ގެއަށެވެ. އެގޭގައި ދެމީހުން އެކުގައި އާ ދިރިއުޅުމެއް ފެށިއެވެ. ދެމީހުންގެ މެދުގައި އުފެދުނީ އާދަޔާ ހިލާފު ކުލުނެއް އަދި އާއިލީ ގުޅުމެކެވެ. އެމީހުންނަކީ ހަމައެކަނި ރައްޔާންގެ މަޅިން ސަލާމަތްވި ދެމީހުންނެއް ނޫނެވެ. އެއީ އެކަކު އަނެކަކުގެ ފުރާނަ ސަލާމަތްކޮށްދިން ދެބެއިން ފަދަ ލޯބިވާ ދެމީހުންނެވެ. އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއް މިހާރު ފެށެނީ ހިނިތުންވުމަކާއެކުގައެވެ.
……………
މީގެ ހަ މަސް ފަހެވެ. ޝައުހާ އިނީ މާލޭގެ އާ، ހިތްގައިމު ގޭގެ ބެލްކަނީގައި ކޮފީއެއް ހިފައިގެން ބޭރު ބަލާށެވެ. ހަވީރުގެ ރީތި ވަގުތެވެ. އުޑުމަތި ވަނީ ރަން ރީނދޫ ކުލައަކުން ފެވިފައެވެ. ކަނޑުގެ ފާލަމުން އަންނަ ތާޒާ ވައިރޯޅިތައް އޭނާގެ މޫނުގައި ޖެހެމުން ދިޔައެވެ. އޭނާގެ ކޮނޑުގެ ޒަޚަމް މިހާރު ވަނީ މުޅިން ފަސޭހަވެ، ހަމައެކަނި ކުޑަ ލަކުނެއްގެ ނިޝާނެއް ހުއްޓެވެ. އޭނާގެ މޫނުމަތިން މިހާރު ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރެވެ. މަންމަގެ ހަނދާންތައް ހިތުގައި ހުރި ނަމަވެސް، އޭނާ މިހާރު ވަނީ މާޒީގެ ބިރުވެރިކަމުން މުޅިން ސަލާމަތްވެފައެވެ.
ލަމްހާ ހިނގާލާފައި ކޮޓަރިން ނިކުމެ، ޝައުހާގެ ގާތަށް ހުއްޓުނެވެ. އޭނާގެ އަތުގައި ބާނާފައި އޮތް ބައު… ރޫޅިފައިވާ ކަރުދާސްކޮޅެއް އޮތެވެ. އެއީ އެ ބިރުވެރި ރޭ، ވިލާގެ ތިންވަނަ ބުރުގެ ސިއްރު ކޮޓަރީގެ ދޮރުދަށުން ޝައުހާއަށް ފެނުނު ޒާހިޔާގެ ލޭގެ ސިޓީއެވެ. އެ ކަރުދާސްކޮޅުގައި އަދިވެސް ހިކިފައިވާ ރަތް ކުލައިގެ އަކުރުތައް ފެންނަން ހުއްޓެވެ.
“ޝައުހާ… މި ކަރުދާސްކޮޅު ފެނުމުން ޝައޫ އަދިވެސް ހަނދާންވޭ ދޯ؟” ލަމްހާ މަޑުމަޑުން އަހާލިއެވެ. އޭނާގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.
“ލައްބަ… އެއީ މަގޭ ހަޔާތުގެ އެންމެ ބިރުވެރި ސިކުންތުކޮޅު،” ޝައުހާ އެ ސިޓީއަށް ބަލާލިއެވެ. “ނަމަވެސް އެ ސިޓީއަކީ އަހަރެމެން ދެމީހުންގެ ހަޔާތް ސަލާމަތްކޮށްދިން ސަބަބު. އެ ސިޓީގެ ސަބަބުން އަހަންނަށް ރައްޔާންގެ ހަގީގަތް އެނގުނީ. އެ ސިޓީގެ ސަބަބުން އަހަރެން ލަމް ހުރި ތަން ަޯދުނީ. އެއީ އަހަރެމެންގެ ދިރިއުޅުމުގެ އެންމެ ބޮޑު މުުޢުޖިޒާތެވެ. އެ ސިޓީ ނުވިނަމަ އަހަރެމެން މިއަދު މިތަނަކު ނުތިބޭނެއެވެ.”
“އާނ، ޝައޫ. އެއީ މަގޭ ހަޔާތުގައި ލިޔުނު ‘އެންމެ ފަހު ސިޓީ’. އަހަރެން ހީކުރީ އެ ސިޓީ އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް. އަހަރެން ހީކުރީ އަހަރެން އެ އަނދިރިގޮޅީގައި އޮވެ މަރުވާނީ ކަމަށް،” ލަމްހާގެ ލޮލުން ކަރުނަ ހިލުނެވެ. “އެކަމަކު ޝައޫ ފަދަ ހިތްވަރުގަދަ އަންހެންކުއްޖަކު މި ދުނިޔޭގައި އުޅޭކަން އެއީ މަގޭ ނަސީބު. ޝައޫގެ ސަބަބުން އަހަރެން މިއަދު މިނިވަންވެ، އަމިއްލަ ދިރިއުޅުން އަލުން ލިބުނީއެވެ. އަހަރެމެންގެ މާޒީގެ އަނދިރިކަމުގެ ތެރެއިން އުފެދުނު މި ގުޅުމަކީ އަހަރެންގެ ހަޔާތުގެ އެންމެ އަގުބޮޑު ހަދިޔާއެވެ.”
ޝައުހާ ލަމްހާގެ ސިޓީ އަތަށް ނަގައި، މަޑުމަޑުން ފަތްޖަހާލިއެވެ. “މި ސިޓީ އަހަރެމެން އަބަދުވެސް ރައްކާކުރާނަން. މިއީ ހަމައެކަނި ބިރުވެރިކަމުގެ ނިޝާނެއް ނޫން. މިއީ އަހަރެމެންގެ މިނިވަންކަމާއި، ހިތްވަރުގެ އެންމެ ބޮޑު ހެކި. އަހަރެމެންގެ މާޒީގެ އަނދިރިކަން ފިލުވައިދިން އަލިކަން. މި ސިޓީ ބަލާލާ ކޮންމެ ފަހަރަކު އަހަންނަށް ހަނދާންވާނީ، ކޮންމެ ފަދަ ބޮޑު އަނދިރިކަމެއްގެ ފަހަތުގައިވެސް އަލިކަމެއް ވާނެކަމެވެ. އަދި ކިތަންމެ ބާރުގަދަ އަނިޔާވެރިއަކަށްވެސް އިންސާފުގެ ކުރިމަތިން ސަލާމަތް ނުވެވޭނެކަމެވެ.”
ދެމީހުން އެކުގައި ހިނިތުންވެލަމުން، އޮއްސެމުންދިޔަ ރީތި އިރާ ދިމާލަށް ބަލަން ތިއްބެވެ. އެކަހެރި ބިރުވެރި “ހިމޭން ރަށް” މިހާރު ވަނީ މާޒީގެ އަޅިއަށް ވެފައެވެ. އެމީހުންގެ ކުރިމަތީގައި އޮތީ އުންމީދުން ފުރިގެންވާ، ސިއްރުތަކާއި އަނިޔާވެރިކަމުން ސަލާމަތްވެފައިވާ އާ، އަލިގަދަ މުސްތަގުބަލެކެވެ. ދެމީހުން އެކުގައި އަތްގުޅާލައިގެން ތިބިއިރު، އެމީހުންނަށް އެނގެއެވެ، ދިރިއުޅުމުގައި ކޮންމެ ފަދަ ތޫފާނެއް އައި ނަމަވެސް، ހިތްވަރާއެކު ކުރިމަތިލައިފިއްޔާ ކާމިޔާބީ ލިބޭނެއެވެ. އެމީހުންގެ ހިތްތަކުގައި ވަނީ އާ އުންމީދެއްގެ ދިރުމެވެ. އަދި އެ ދިރުން ދުވަހަކުވެސް ފަނޑުވެގެންނެއް ނުދާނެއެވެ.
ނިމުނީ…💗☺️
One Comment
Comments are closed.


OMG 💀 last part vs vrh Habeys MA 😍💯
Shauha Haadha hiyvaru gadha eyy Masha Allah
Rayyaan vx maru. eii Haadha nubai meehekey 😭
Shauha and lamha ah Happy ending eh libunyma Shaba vx vrh happy 😀💗 Bye Shauha and lamha 👋🏻
Curiously waiting for a new story When’s next?
Lysm and Tc 💗✌🏻