މަންޒިލް 47
އަތިރިމަތީގައި ރާޅު ކިރިޔާ ނުޖަހާ ހިސާބުގައި، ހުދު ކުލައިގެ މޭޒަކާއީ ދެގޮނޑު ހުއްޓެވެ. އޭގެ ވަށައިގެން ހިތެއްގެ ބައްޓަމަށް ރޮއެކޮށްފާއި ހުރި އުއްބަތި އަތުރާފައި ހުއްޓެވެ. މޭޒު ކައިރީގައި ކަޅު ސޫޓެއްގައި ހުރި ޒުވާނެއް މަޑުކޮށްގެން ހުއްޓެވެ. ލަސް ހިނގުމެއްގައި މިންހާ އާއި އެރިކް އެ މޭޒާއި ހަމައަށް ދިޔައެވެ. އެއާއެކު އިހުތިރާމާއެކު އެ ޒުވާނާ މަރުހަބާ ކިޔެވެ. މިންހާ އިށީންނަށް އެރިކް ގޮނޑި ދަމައިދިނެވެ. ދެމީހުން އިށީންދެ ހަމަޖެހުމާއެކު އެ ޒުވާނާ ރިސޯޓުގެ ރެސްޓޯރަންޓް މެނޭޖަރުގެ ގޮތުގައި ތަޢާރަފުވެލިއެވެ. އެ ވަގުތު އޭނާ އެހުރީ މިންހާ އާއި އެރިކްގެ ޚިދުމަތުގައެވެ. އެރޭ މެނޫގައި ހުރި ތަކެތީގެ ތަފްސީލެއް މެނޭޖަރު ދިނެވެ.
އޯޑަރު ނަގައިގެން މެނޭޖާރ ދިއުމާއެކު ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. މޫދުން ރާޅު ޖަހައި އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެެވެ. އެމީހުން ތިބީ ޕްރައިވެޓް ބީޗެއްގައި ކަމުން އިތުރު ބަޔަކު ވެސް އެ ހިސާބުގައި ފެންނާކަށް ނެތެވެ. އެރެއަށް ޚާއްސަކޮށް އެރިކް ވަނީ މުޅި ބީޗު އެއްކޮށް ކުއްޔަށް ނަގާފައެވެ. އެރެއަކީ ވަރަށް ފުރިހަމަ ރެއަަކަށް ހަދަން އެރިކް ބޭނުމެވެ.
އުޑުމަތި ސާފު ރެއެއްކަމުން ތަރިތަށް ވަށައިގެން ފެންނަން ހުއްޓެވެ. ހަނދުވަރުގެ އަލިވެސް ފަނޑުކޮށް މުޅި ސަރަހައްދަށް ވެރިވެފައިވެއެވެ. އުއްބަތި ރޮއެކޮށްފައި ހުރުމުން އޭގެ އަލިކަން ވެސް ފެތުރިފައި ހުއްޓެވެ. ވަރަށް ވެެސް ހިތްގައިމު މަންޒަރެކެވެ.
ދެމެދަށް ވެރިވެފައި ވަނީ ހިމޭން ކަމެވެ. ހީވަނީ ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނަން ތިބި ހެންނެވެ. ކޮންމެހެން ދައްކާނެ ވާހަކައެއް ނެތިގެންނެއް ނޫނެނެވެ. ހިއްސާ ކުރާނެ އެތައް ކަމެއް ދެމީހުންގެ ހިތުގައި ވެސް އެބަހުއްޓެވެ. ދުލާއި ހަމައަށް ލަފްޒުތައް ނުގެނައި ކަމުގައި ވިއަސް ދެ ލޮލުން އެތައް ކަމެއް ބުނެދެމުން ދިޔައެވެ. އެރިކްގެ ތޫނުވީ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް މިންހާއިން ވަކި ނުވެއެވެ. އެ ދެލޮލުން އެކަނި ވެސް ހިތުގައިވަނީ ކީކޭކަން ވަރަށް ސާފެވެ. މިންހާގެ ހާލަކީ ވެސް އެއީއެވެ. ހީވަނީ އެރިކް ގެއްލިދާނެތީ ބިރުން އެސްފިޔަ ޖަހަން ވެސް ނުކެރިފައި އިންހެންނެވެ.
“މީގެ ދެއަހަރު ކުރިން އަހަރެން ބުނިން ފުޓުބޯޅައިން ދެވެން އޮތް އެންމެ ކުރިއަކަށް އަހަރެން ގޮސްފައި އެނބުރި މިންހާ ހޯދަން އަންނާނަމޭ…މިއަދު އަހަންނަށް ފުޓުބޯޅަ ފުރިހަމަ ވެއްޖެ…ހުރިހާ ކާމިޔާބީއެއް ހޯދިއްޖެ……ދެން އަހަރެން ބޭނުންވަނީ ކުޅުމާއި ދުރަށް ގޮސް، އެންމެ ލޯބިވާ ފަރާތާ އެއްކޮށް ރަނގަޅު ދިރިއުޅުމެއް ފަށަން…މިންހާ ވިލް ޔޫ މެރީ މީ؟” އެރިކް އޭނާ ހިތުގެ އަޑު އިއްވީ ރޭގަނޑުގެ ކެއުމަށް ފަހުއެވެ. ކެއުމަށް އިންސާފު ކުރިއިރު ވެސް ދެމެދުގައި މާ ސީރިއަސް ވާހަކަތަކެއް ނުދެކެވެއެވެ.
އެރިކްގެ ބޭނުމަކީ ކޮބައިކަން ކުރިން ވެސް މިންހާއަށް އެނގުނު ނަމަވެސް އެރިކްގެ ސުވާލުން ފެންކަޅިވާ ގޮތްވިއެވެ. ދެއަހަރު ކުރިން އެރިކްއާ އޭނާއަށް ކައިވެނި ކުރެވެން ނެތް ސަބަބު ހިއްސާ ކުރުމުން އޭނާދެކެ ރުޅި އައިސް އެއްޗިހި ކިއުމުގެ ބަދަލުގައި އޭނާގެ ނަޒަރިއްޔާތު ވެސް ގަބޫލުކުރިއެވެ. އެ ވަގުތުގެ ގޮތުން އޭނާއަކީ ދިރިއުޅުމެއް ފެށެން ނެތްކަމުގައި ވިއަސް، އެކަމަށްޓަކައި މަސައްކަތް ކުރިއެވެ. ރޮއެ ހިތާމަކޮށް ރުޅި އައުމުގެ ބަދަލުގައި އިތުރަށް މަސައްކަތް ކުރަން ލިބުނު ހިތްވަރަކަށް އެކަން ހެދިއެވެ. ޒުވާން އުމުރުގައި ގަދައަޅާ މަސައްކަތްކޮށް ފުޓުބޯޅައިން ހުރިހާ ވަނައެެއް ހާސިލް ކުރީ އޭނާއާ އެކު ރަނގަޅު ދިރިއުޅުމެއް ފަށާށެވެ. ސާފު ތެދުވެރި ލޯތްބަކީ އެއީއެވެ. ލޯތްބާއެކު އެރިކް މިންހާގެ ހުވަފެންތަކަށް ވެސް އިހުތިރާމު ކުރިއެވެ. ޤަދަރު ކުރިއެވެ.
މިއޮށް ހުރިހާ ދުވަހު މިންހާ ހީކޮށްގެން ހުރީ އޭނާގެ މަންޒިލަކީ ރާއްޖޭގައި ދިރިއުޅުން ކަމަށެވެ. އެއީ މުޅިންހެން ރަނގަޅު ގޮތް ނޫންކަން މިރޭ މިންހާއަށް ޔަގީންވެއްޖެއެވެ. ދެ އަހަރު ދުވަސް އެރިކްއާ ވަކިން އުޅެވިއްޖެއެވެ. ރާއްޖޭގައި ދިރިއުޅުނު ނަމަވެސް، ވޭތުވެ ދިޔަ ދެ އަހަރު މިންހާއަށް ހަގީގީ އުފާވެރިކަމެއް ނުލިބެއެވެ. އެއީ ކީއްވެކަން މިހާރު ޔަގީނުން ވެސް އޭނާއަަށް ވިސްނިއްޖެއެވެ. ދެ އަހަރު ކުރިން ހިތުގައި އުފެދުނު ޝައްކު ފިލައިގެން ގޮސްފިއެވެ. އޭނާގެ މަންޒިލަކީ އެރިކްއެވެ.
މޭޒު މަތީގައި އޮތް އެރިކްގެ އަތުގައި ހިފާލިއެވެ. ފެންކަޅިވެފައި ހުރެވެސް ހިނިތުންވެލިއެވެ. “ރިކް…ދެން ބޭނުމެއް ނޫން ދުވަހަކު ވެސް ވަކިވާކަށް..މަށަށް އޯކޭ ރިކްއާ އެކު ލަންޑަންގަ އުޅެން ވެސް…ރިކް އަދި ވަރަށް ޔަންގް.. އެނގޭ ލިބެން އޮތް ހުރިހާ ތަށްޓެއް އެރިކް ހޯދާއިފިކަން…ޔޫ ޝުޑް ސްޓިލް ޕްލޭ ފޯރ އާސެނަލް.. ތާރޓީ ވީމަ ރިޓައާރ ކުރިއަސް އޯކޭ…ނޫނީ ރާއްޖޭގެ ޓީމަކަށް އޭރަށް އަހަރުމެންގެ ކުދިން ގޮވައިގެން ރާއްޖޭގައި އުޅެވޭނެ…އައި އޭމް ސޮރީ މިދިޔަ ދެއަހަރުުގަ އެރިކްއަށް ސަޕޯޓުދޭން ކައިރީގައި ނުހުރެވުނީމަ..އެކަމާ ވަރަށް ދެރަވޭ..” އެރިކްގެ ކިބައިން މިންހާ މާފަށް އެދުނެވެ.
“އަހަރުމެން ދެ މީހުންނަށް ވެސް ރަނގަޅަކަށް ކަންނޭންގެ އޭރުގަ އެކަން އެވީ…އޭރުގަ ކައިވެނި ކުރިނަމަ ފަހަރުގައި އަހަރުމެންނަށް މިއަދު އުފަލުގައި ނޫޅެވި ވެސް ދާނެ…ހުރިހާ ކަމެއް ވެސް އެވީ އެކަން ވާންޖެހޭ ގޮތަށް…މިންހާ ބުނީ ރަނގަޅަށް…ދިރިއުޅުމެއް ފަށަން ލޯބި އެކަންނަކުން ނުފުދޭ…ދެމީހުންގެ ދެމެދު އިހުތިރާމާއި ގަދަރު އަދި އިއްޒަތް ވެސް ވަރަށް މުހިންމު…އެހެންވީމަ މާފަށް ނޭދޭ…އިންޝާﷲ އަހަރުުމެންނަށް އޮތީ ފާގަތި މުސްތަޤުބަލެއް..” އެރިކްގެ ހިތުގައި މިންހާއަށްޓަކައި އެއްވެސް ބުރަކަމެއް ނެެތެވެ. އެއަށްވުރެ އޭނާ މިންހާ ދެކެ ލޯބިވެއެވެ. މިންހާ ވެސް އޭނާދެކެ ލޯބިވާކަން އެނގެއެވެ. އެވަރު އެރިކްއަށް ފުދެއެވެ.
މިންހާއާ އެކު އެރިކް ރިސޯޓުތެރޭގައި ހިނގާލިއެވެ. ރާއްޖޭގައި މިންހާ ދިރިއުޅެން ބޭނުންވަނީ ކީއްވެގެކަން ކޮންމެސް ވަރަކަށް އެރިކްއަށް ވިސްނުނެވެ. މޫދު ކައިރީ ގޮނޑުދޮށުގައި ލޯބިވެރިޔާއާ އެކު ހިނގާލުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.
ދެ ޒުވާނުން ގޮސް މަޑުކޮށްލީ ފާލަމެއް މަތީގައެވެ. ހަނދުވަރުގެ އަލިން މޫދު ފެންނަނީ ވަރަށް ރީތިކޮށެވެ. ތިލަ ހިސާބެއް ކަމުން އެވަގުތު މޫދުގައި އުޅެމުން ދިޔަ ބައެއް ކުދި މަސްތައް ފެންނަމުން ދިޔައެވެ. ވަރަށް ފޯރީގައި މިންހާ އެރިކްއަށް އެ މަސްތައް ދައްކަމުން ދިޔައެވެ. ކަޅި ޖެހުމެއްވެސް ނެތި ހިނިތުންވެފއި މިންހާގެ ހަރަކާތްތައް ބަލަން އެރިކް އިނެވެ. މިންހާގެ އެ ހިނިތުންވުން ދެކުމަށް އޭނާ އިންތިޒާރު ކޮށްގެން ހުންނަތާ ކިހާ ދުވަހެއް ވެއްޖެއެވެ.
އެރިކްގެ ހިލަމެއް ނުވުމުން މިންހާ އެރިކް ކޮބައިތޯ ބަލާލިއެވެ. އެރިކް ހުރީ އެއްކަކޫ މައްޗަށް ތިރިވިއެވެ. އޭނާ އަތުގައި އަނގޮއްޓި އެއް ލާފައި އިން ފޮއްޓެއް އޮތެވެ. “ކުރިން ވެސް މަށަށް އެހިއްޖެކަން އެނގޭ…ވެލް ތާރޑް ޓައިމް އިޒް އަ ޗާރމް…މިންހާ ހަސަން އާރާޝް..ވިލް ޔޫ މެރީ މީ؟” “ޔެސް..އައި ވިލް މެރީ ޔޫ..” ހިނިތުންވެފައި ހުރެ އެރިކްއަށް އޭނާގެ އަތް މިންހާ ދިއްކޮށްލިއެވެ. ފަރުވާތެރި ކަމާއެކު ފޮށިން އަންގޮއްޓި ނަގާފައި މިންހާ އަތުގައި އަޅުވައި ދިނެވެ. މިންހާގެ ހިތަށް އިތުރަށް އެނގުންވެލީ އެރިކް އަޅުވައިދިން އަންގޮއްޓި ފެނިފައެވެ. އެއީ ކައިވެނި ކުރިދުވަހު ބައްޕަ އާރާޝް، މަންމަ މާނީ އަތުގައި އަޅުވައިދިން އަނގޮއްޓިއެވެ. ސުވާލުގެ ނަޒަރަކުން އެރިކްއަށް ބަލާލެވުނީ އެ އަންގޮއްޓި އެރިކްއަށް ލިބުނީ ކިހިނެއްތޯކަން އޮޅުން ފިލުވުމަށެވެ.
ދެމަސް ދުވަސް ކުރިން އޭނާގެ ރޭވުން އެރިކް ޔޫސުފްއާ ހިއްސާކުރިއެވެ. ތަންކޮޅެއް ކުރީގައި މިންހާ ވަނީ މާނީގެ އަންގޮއްޓީގެ ވާހަކަ އެރިކްއާ ހިއްސާކޮށްފައެވެ. އެހެންވެ އޭގެ މަތިން އެރިކް ހަނދާން ހުއްޓެވެ. ރާއްޖެ އައުމުގެ ކުރިން ޔޫސުފް ގާތުން އެ އަންގޮއްޓި މިންހާއަށް ދިނުމުގެ ހުއްދަ އެރިކް ހޯދިއެވެ. ޔޫސުފް ވަގުތުން އެރިކްއަށް އަންގޮއްޓި ދިނެވެ.
“އައި ލަވް ޔޫ ސޯ މަޗް އެރިކް..” މިންހާ އުނގަނޑުގަައި ހިފައި ގެނަސް އޭނާގެ ގަޔާ އެރިކް ކައިރިކޮށްލިއެވެ. ނުހަނު ގާތުން މިންހާގެ ރީތި މޫނަށް އެރިކް ބަލާލިއެވެ. ފެހި ކުލައިގެ ތޫނު ނަޒަރުން މިންހާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މޫނަށް ރަތްކުލަ އަރައިގެން ދިއުމާއެކު ލަދުން އިސްޖަހައިލިއެވެ. އޭރުވެސް އެރިކްގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.
“އައި ލަވް ޔޫ މޯރ މިންހާ…ދެން ދުވަހަކުވެސް އަހަރެން ގާތުން ދުރަށް ނުދެވޭނެ..މިންހާ މާދަން ވެސް އިންނަން ހުރިއްޔާ އަހަރެން މިހިރީ މާދަން ވެސް ކައިވެނި ކުރަން ތައްޔާރަށް” އެރިކް ބޭނުމީ މިހާރުން މިހާރަށް ވެސް ކައިވެނި ކުރާށެވެ. ދެ އަހަރު ދުވަސް މަޑު ކުރެއްވިއްޖެއެވެ. ދެން އިތުރަށް މަޑު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ ރަނގަޅު ގޮތެއްވެސް ނޫނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





