ޒާޔާ-2 (ފަނަރަވަނަ ބައި)
ބުނަން ނުބުނަން ހުރެފައިވެސް މަލައިކާ އެންމެ ފަހުން ޒާޔާ ގާތުގައި ދެބަފައިން ވީތަން ބުނެފިއެވެ. “ޒަމްލާ ހުރީ އިޒްވާގެ ގޭގަ. ލިއަމް… ލިއަމް އޮތީ ޖަލުގަ.” ޒާޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެވުނީއެވެ. ޒަމްލާ މާލޭގައި ހުރިއިރު ވެސް، މިހުރިހާ ދުވަހު އޭނާއަށް ޒަމްލާ ހޯދޭ ކަމަކަށް، ނުވަތަ ފެންނަ ކަމަކަށް ނުވިއެވެ. ލިއަމް ވެސް ހަމަ ބަންދުވީހެއްޔެވެ؟ އަނެއްކާ އެ ބުނި އިޒްވާއަކީ ކާކު ހެއްޔެވެ؟ އެ ނަމަކީ ޒާޔާއަށް އަޑު އިވިފައިވާ ނަމެކޭ އޭނާގެ ހިތް ބުނަންފެށިއެވެ. އެހެނަސް، އެއީ ކާކުކަމެއް އޭނާގެ ސިކުނޑިއަށް ދެނެގަނެވޭ ގޮތެއް ނުވިއެވެ.
“އިޒްވާ.. އެއީ ކާކު؟” ޒާޔާއަށް ވައި އަޑުން އިޒްވާގެ ނަން ކިޔައިލެވުނެވެ. މަލައިކާއާ ސުވާލުކުރުމުން އިޒްވާ އަކީ ފުލުހެއް ކަމަށް ބުންޏެވެ. ޒާޔާ ވިސްނަން ފެށިއެވެ. އިޒްވާ ކިޔާ ދެ ތިން މީހަކު އޭނާ ދަނެއެވެ. އަނެއްކާ މަލައިކާ އެ ބުނީ އެތަނުން އިޒްވާއެއްގެ ވާހަކައެއް ހެއްޔެވެ؟ އެކަމަކު އޭގެ ތެރެއިން އެއްވެސް މީހަކު އޭނާގެ ދަރިފުޅާ ހަވާލުވެދާނެހެން އެއްގޮތަކަށް ވެސް ހިއެއްނުވެއެވެ.
މަލައިކާ ބުނި ނަމާއިމެދު ވިސްނަން އިނދެ ޒާޔާ، މަލައިކާއަށް ބަލައިލިއެވެ. އޭރު މަލައިކާ ބުމަ އަރުވައިލީ ކީކޭހޭ އަހާފަދަ ގޮތަކަށެވެ. “ފުލުހެއްކަން އެކަނިތަ މަލައިކާއަށް އެނގެނީ؟ އާދައިގެ ފުލުހެއްތަ އެއީ ހަމަ؟” ޒާޔާ އެހިއެވެ. ޒާޔާގެ ރާގު ހުރި ގޮތުން، ކަމެއް ތަޙުޤީޤު ކުރާހެން ހީވެއެވެ. “ކިޔާދިނުމަށްވުރެ ބޮޑަށް އޭނާ ޒާޔާއަށް ފެނުނިއްޔާ ރަނގަޅުވާނީ.” މަލައިކާ ބުންޏެވެ. ޒާޔާ ބަލަން އިންދައި ކޮޓަރީގައި ހުރި އަލަމާރި އަލިވާން ފެށިއެވެ. ފޯނެއްގެ ސްކްރީނުން ދިއްލިފައިވާ އަލި ފަދައިން އެ އަލި ފެންނަމުން ދިޔައެވެ. އަދި މަޑުމަޑުން އެ އަލީގެ ތެރެއިން ފުލުހުންގެ އިމާރާތް ފެންނަން ފެށިއެވެ.
މަލައިކާ ޒާޔާއަށް ދައްކަމުން ދިޔައީ އޭނާގެ ލޮލަށް ކުރިން ފެނިފައިވާ މަންޒަރުތަކެވެ. މަލައިކާގެ ސިކުނޑި ތެރޭ މަންޒަރުތައް ކުރެހެމުން ދިޔަވަރަކަށް އެ އަލިގަނޑު ތެރެއިން މަންޒަރުތައް ފެންނަމުން ދިޔައެވެ.
ފަނޑު އަލިކަމުގެ ތެރޭ ޒާޔާއަށް ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވިއެވެ. އޭނާގެ ދެ ލޮލަށް މި ފެންނަނީ ހަމަ ޙަޤީޤީ މަންޒަރުތަކެއް ހެއްޔެވެ؟ އެނގޭ ކަމަކީ، މަލައިކާ ޒާޔާއަށް ދޮގެއް ނުހަދާނެކަމެވެ.
އަލިގަނޑުގެ ތެރެއިން ކޮމިޝަނަރުންނަށް ޚާއްޞަ ޔުނީފޯމު އަޅައިގެން ހުރި އަންހެން މީހާގެ ސޫރަ ފެނި ޒާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހައިރާންކަމާއެކު އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައީ އިޒްވާއަކީ ކާކުކަން އޭނާއަށް އެނގުނީމައެވެ.
މަޤާމުން ވަކިކުރިކަމުގެ ލިޔުން އޭނާގެ މޭޒުމައްޗަށް ޖެހި މީހާގެ ސޫރަ، ޒާޔާގެ ހަނދާނަށް އަތުވެއްޖެއެވެ. އެ ސޫރައިގެ ކުލަނުވާ މަންޒަރުތަކެއް ކުރީގައިވީއިރު އޭގައި ކުލަޖެހިގެން މި ދިޔައީ އަދި ކިރިޔާއެވެ. ވީ ހައިރާންކަމުގައި ޒާޔާއަށް އެއްޗެއް ބުނަން ނޭނގި އިންދާ މަލައިކާ، އަލިގަނޑު ނިއްވައިލިއެވެ.
“ޒާޔާ… އިޒްވާ އެ މަގާމުގަ އެހުރީ ނުހައްގުން. ހައްގަށް ލޯބިކުރާ މީހެއް ނަމަ މިއަދު އެތަނުގެ ހާލަތު އެހާ ދަށަކަށް ނުދާނެ… އާނ.. އަދި ލިއަމްގެ ހުރިހާ އެއްޗެއް ހޯދަން އޭނާ މަސައްކަތް ކުރޭ…” މަލައިކާއަށް ކިޔައިދެވުނީ އެވަރަށެވެ. އެއީ ދެން ބުނަން ހުރި ވާހަކަތައް ބުނެވިއްޖެއްޔާ ޒާޔާ އަނެއްކާވެސް ހިތާމަތަކުގެ ކަސްތޮޅުގައި ބަނދެވިގެން ހިނގައިދާނެހެން އޭނާއަށް ހީވާތީއެވެ.
ޒާޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ޒާޔާ އެދުނެވެ. މަލައިކާ މަޑުމަޑުން ޒާޔާގެ ގާތަށް ދާން ފެށިއެވެ. އަދި ޒާޔާ ކައިރީގައި އިށީންދެ ޒާޔާގެ ބޮލުގައި ފިރުމާލަދިނެވެ. އެއަށްފަހު ވަރަށް ފުން ނަޒަރަކުން ޒާޔާގެ މޫނަށް ބަލައިލިއެވެ. އުމުރުން ސާޅީހާ ގާތްކުރިޔަސް، ޒާޔާގެ ރީތި ދެލޮލާއި އޮމާން މޫނުމަތިން މައުސޫމްކަން ނޫން އެހެން އެއްޗެއް ނުފެންނަ ފަދައެވެ. މަލައިކާ ހިތަށް އެރިއެވެ. މިހާ ލޯބި، އަޚުލާޤު ރަނގަޅު އިންސާނަކަށް މިފަދަ ޙާލަތްތައް މެދުވެރިވުން އެއީ، އެފަދަ މީހަކަށް ވެވޭ ބޭއިންސާފެކެވެ.
“ހުރިހާ ވާހަކައެއްވެސް، އަހަންނަށް އެނގޭ މިންވަރަކުން ޒާޔާއަށް ކިޔައިދޭން ބޭނުން. އެކަމަކު އެއަށްވުރެ މާ މުހިއްމު ޒާޔާގެ ނަފްސާނީ ދުޅަހެޔޮކަން. ދެރަނުވާށެކޭ ނޫން އަހަރެން މި ބުނަނީ. ޒާޔާ އަނެއްކާވެސް ހިތާމަޔާ ހިތްދަތިކަމުގަ އުޅެން އަހަރެން ނޭދެން.” މަލައިކާ ބުންޏެވެ. މަލައިކާގެ ހިތުގައި ޒާޔާއަށްޓަކައިވި އޯގާތެރިކަން އެވަގުތު ޒާޔާއަށް އަންދާޒާ ކުރެވުނެވެ.
ޒާޔާގެ ހިތަށް އެރިއެވެ. ‘ގިނަ ބައެއް ނޫނަސް، މަދު ބަޔަކު އޭނާއަށް އެހީތެރިވެދޭން ހާދަ މަސައްކަތެއް އެބަ ކުރެއެވެ. އަމިއްލަ އެދުމަކާ ނުލާ އެ ބަޔަކު އަހަންނަށް އެ ވެދޭ އެހީތެރިކަމަށް އެއްބާރުލުން ދޭން ޖެހޭނެއެވެ.’
“ﷲ އިރާދަކުރެއްވިއްޔާ ދެން އަހަރެން ހިތާމަ ކުރާކަށް ނުޖެހޭނެ. އެއީ އަހަރެން މިހާރު ޤަބޫލުކުރާ ގޮތް. މަލައިކާއެއްނު ބުނީ ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާނުލާށޭ. އެކަލާނގެ ކުޅަދުންވަންތަކަމާ އޯގާވަންތަކަމުގެ ސަބަބުން މިއަދު އަހަރެންގެ އަމިއްލަ ނަފްސަށް ޔަޤީންކަން ލިބިގެންދިޔައީ.” ޒާޔާގެ ފަރާތުން އެ އިވުނު ވާހަކަތަކަކީ، ޒާޔާގެ ދުލުން މަލައިކާގެ ކަންފަތަށް އިވޭނެ ވާހަކަތަކެއްކަމަށް މަލައިކާ އުއްމީދުކޮށްގެން ހުރި ވާހަކަތަކެއް ނޫނެވެ. އެކަމުގެ ސަބަބުން މަލައިކާއަށް ލިބުނު ހައިރާންކަމާ އެއްވަރަށް އުފާ ވެސް ވިއެވެ.
“ޕްލީޒް މަލައިކާ. ކިޔާދީ އަހަންނަށް ހުރިހާ ވާހަކައެއް. އަހަރެންގެ ފުރާނަފަދަ ފިރިމީހާއާ ދަރިފުޅު އެއީ.” ވާހަކަދައްކަމުން ގޮސް، ފަހު ޖުމްލަ ބުނިއިރު ޒާޔާގެ އަޑު ކުރެހިއްޖެއެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް އޭނާގެ ހިތަށް ވަމުން ދިޔައީ، އެތައް ޒަމާނަކަށްފަހު، ފިރިމީހާއާ އަންހެން ދަރިފުޅުގެ ޚަބަރެއް ލިބުމުންނެވެ.
މަލައިކާއަށް އެނގޭ މިންވަރަކުން، ހުރިހާ ވާހަކަތަކެއް ޒާޔާއަށް ކިޔައިދިނެވެ. ޒަމްލާގެ ރައްކާތެރިކަމަށް ޓަކައި އޭނާ ކުރާ މަސައްކަތާ، ޒަމްލާ، އޭނާގެ މައިންބަފައިން މަތިން ހަނދާންކުރާވަރު ކިޔައިދިނެވެ. އަމިއްލައަށް މަރުވުމުގެ ޚިޔާލުން އެކުއްޖާ ދުރުކުރަން މަސައްކަތްކޮށްދިން ވާހަކަ ވެސް މަލައިކާ ބުންޏެވެ. އަދި އިޒްވާ ޒަމްލާއާ ދޭތެރޭ ކަންތައް ކުރާ ގޮތާ، ޒާޔާމެނަށް ސިހުރު ހަދާނެކަމަށް އިޒްވާ ބުނި ވާހަކައާ، ޒާޔާގެ ސިފައިގައި ހުރެ އިޒްވާއަށް އުނދަގޫކުރި ކަމަށް ބުންޏެވެ.
ލިއަމް ޖަލުގައި ދުވަސްތައް ހޭދަކުރި ގޮތް ވެސް މަލައިކާ ކިޔައިދިނެވެ. އެއީ، ލިއަމް ޒާޔާދެކެ ލޯބިވާވަރު ޒާޔާގެ ހިތަށް ހާމަވެގެން ދިޔަ ވަގުތުކޮޅެކެވެ. ލިއަމްގެ ހިތުގައި ޒާޔާއަށްޓަކައިވާ ލޯބި ފަހުމުވެގެން ދިޔަ ހިނދު، މަލައިކާ ޚިއްޞާ ކުރި ވާހަކަތަކާ ބެހޭގޮތުން އެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ.
“ކީއްވެ ލިއަމް ޖަލުގަ އޮންނަން ޖެހުނީ؟” ޒާޔާއަށް އަހައިލެވުނެވެ. “ނޭނގެ. އެނގޭ ކަމަކީ ލިއަމްއަށް އެ ލިބެނީ އޭނާއަށް ޙައްޤު އަދަބެއް ނޫންކަން. އިޒްވާ ވެސް މަދުމަދުން ޒިޔާރަތްކުރާނެ އޭނައަށް. އެކަމަކު އިޒްވާ އެ ދަނީ ލިއަމްއަށް ބިރުދައްކަން.” މަލައިކާ ބުންޏެވެ. އޭރު ޒާޔާގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
މަލައިކާއަށް ދާން ޖެހުނީ ނިހާން ޒާޔާގެ ފޯނަށް ގުޅަން ފެށީމައެވެ. ޒާޔާއަށް ނަޞޭޙަތް ދީ ބޮލުގައި ފިރުމާލަދިނުމަށް ފަހު މަލައިކާ އެތަނުން ޣައިބުވީ، ފަހުން އަންނާނަށް ކަމަށް ބުނެއެވެ.
ފޯނު ކޯލަށް ޖަވާބު ދެމުން ޒާޔާ ކޮޓަރިން ނުކުތެވެ. އޭރު ޒާމިލްމެން ފެނުމާއެކު އޭނާގެ މޫނުމަތީގައިވި ކުލަވަރުތައް ވަގުތުން ބަދަލުކޮށްލިއެވެ. “ހިނގަ ކޮފީއަކަށް.” ޒާޔާ ކައިރިއަށް އައިސް ޒާމިލް ބުންޏެވެ. ޒާޔާ ނުދާނަމޭ ބުނިހާއިރުން، ޒާމިލް ޒާޔާގެ އަތުގައި ހިފައިގެން ބަދިގެއަށް ހިނގައިގަތެވެ.
ކާމޭޒު ކައިރީ ބައްޕަމެން ތިބިއިރު، މޭޒުމަތީ ފޮއިލް ޕެކްތަކެއް ހުރިތަން ޒާޔާއަށް ފެނުނެވެ. އެއީ ކޯއްޗެއްހޭ އެހުމުން، ޒާމިލް ޒާޔާ ގާތުގައި އިށީނުމަށް ބުންޏެވެ. ޒާޔާ ކާމޭޒު ކައިރީ އިށީނުމުން ޒާމިލް ވެސް އިށީނެވެ. އަދި ޕެކްތައް ހުޅުވުމަށް ޒާޔާ ގާތުގައި ބުންޏެވެ.
ޕެކްތައް ހުޅުވައިލިއިރު، ދެ ޕެކުގައި ބަޓަރ ޗިކެން ހުރިއިރު ދެން އިން ދެ ޕެކުގައި ހުރީ ފަރާޓާއެވެ. “މަންމަ ކޮފީއަކަށް ނުދާނަމޭ ބުނީމަ އެއައީ ކޮފީ ހިފައިގެނެއްނު.” ނިހާން ބުންޏެވެ. ނިހާން އެހެން ބުނުމުން އެންމެނަށްވެސް ހީނލެވުނެވެ. އަދި ޒާޔާ، ޒާމިލާއި ލާއިމަށް ޝުކުރު އަދާކުރީ އޭނާއަށް މީރު ކެއުމެއް އެ ދެ ދަރިން ގެނެސްދިނީތީވެއެވެ.
އެންމެން ވާހަކައިގައި ތިބެ ކަމުން ދިޔައިރު ދޭތެރެއަކުން މަލައިކާ ދެއްކި ވާހަކަތައް ޒާޔާގެ ހަނދާނަށް އަންނަމުން ދިޔައެވެ. އޭގެން ކޮންމެ އިރަކު، ޒާޔާގެ މޫނަށް ރުޅިވެރިކަމުގެ އަސަރުތައް ފާޅުވަނީ އޭނާގެ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ނިހާންމެނަށް އޭނާގެ މޫނުމަތީގެ ކުލަވަރުތައް ފާހަގަވުމުގެ ކުރިން ޒާޔާ، ހަމަޖެހިފައިވިކަމުގެ ކުލަވަރު މޫނުމައްޗަށް ގެނުވައެވެ.
**********
ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ޒާމިލް ފިޔަވައި ދެން ތިބި މީހުން އެމީހެއްގެ ކޮޓަރިތަކަށް ވަނެވެ. އިރުކޮޅަކު ފޯނުން ޚަބަރުތަކެއް ކިޔަން އިނުމަށްފަހު ޒާމިލް ދިޔައީ ޑިއުޓީއަށް ދާން ތައްޔާރުވުމަށެވެ. ދިހަ ވަރަކަށް މިނެޓް ފަހުން ޒާމިލް ކޮޓަރިން ނުކުމެ ބަދިގެއާއި ސިޓިންގް ރޫމް ނިއްވާލާފައި ގެއިން ބޭރަށް ނުކުތެވެ. އަދި ދޮރު ތަޅުލުމަށްފަހު މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވައިލީ ޕޮލިސް ސްޓޭޝަނާ ދިމާލަށް ދިޔުމުގެ ނިޔަތުގައެވެ.
*******
އޮރެންޖް ކުލައިގެ ފަނޑު އައްޔަކުން އަލިކުރެވިފައިވާ ކޮޓަރިތެރޭ ޒާޔާ އިނީ އޭނާގެ ކިޔަވާ މޭޒުދޮށުގައެވެ. ޒާޔާގެ ކުރިމަތީ އޮތް ބޮޑު ފައިލަށް އެ މޭޒުމަތީ ހުރި ކުޑަ ލޭމްޕްގެ އަލި އެޅިފައިވިއެވެ. އެ ފައިލުގައި ހުރީ އެކި އެކި މީހުންގެ ‘ސީ.ވީ’ އެޓޭޗް ކުރެވިފައެވެ. އެ ފައިލަށް ސަމާލުކަން ދީގެން ފަހަރަކު ގަނޑެއް ބަލަމުން ދިޔަ ޒާޔާގެ ދެލޯ ހޯދަމުން ދިޔައީ އިޒްވާގެ ތަސްވީރު ހަރުކުރެވިފައިވާ ސީ.ވީ ފެނޭތޯއެވެ.
އިޒްވާގެ ސީ.ވީ ފެނުމާއެކު ޒާޔާ އެ ގަނޑު ފައިލާ ވަކިކޮށްލިއެވެ. އަދި ފައިލް އެއްފަރާތްކޮށްލުމަށްފަހު ކައިރީގައި އޮތް ޓެބްލެޓް ހުޅުވައިލިއެވެ. ފުލުހުންގެ އިދާރާގައި ޒާޔާ މަސައްކަތްކުރިއިރު އޭނާއަށް ދީފައިވާ ވަކި މެއިލްއާއި ޕާސްވޯޑު ހަނދާން ހުރީތީ އެ މެއިލްއަށް ލޮގިން ވެވޭތޯ ބެލިއެވެ. ޒާޔާ ހީކުރި ގޮތާ ޚިލާފަށް ވަރަށް ފަސޭހައިން އެ މެއިލްއަށް ލޮގިން ވެވުނެވެ.
ފުލުހުންނާ ގުޅުން ހުރި އެކިއެކި ވެބްސައިޓުތަކަށް ވަދެ އިޒްވާއާ ބެހޭގޮތުން އެނގުނު މައުލޫމާތެއް ވިއްޔާ ޒާޔާ ދިޔައީ އެއްކުރަމުންނެވެ. އެންމެ އަކުރެއް ވައްޓައިނުލާ އެ އިން ގޮތަށް ވަކި އެޕެއްގައި ޒާޔާ އެ ތަކެތި ރައްކާކުރަމުން ދިޔައީ އިޒްވާއާ ދެކޮޅަށް ދައުވާ ކުރަން ބޭނުންވެފައިވި ވަރުންނެވެ.
ދިރާސާ ކުރަމުން ދިޔައި ޒާޔާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލީ ފުލުހުންގެ މައި ވެބްސައިޓުން އިޒްވާގެ އެއްވެސް މައުލޫމާތެއް ފެންނަން ނެތީމައެވެ. ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ގޮނޑީގައި ލެނގިލި ޒާޔާގެ ހިތަށް އެރީ ‘މިއީވާ ފިނޑި މީހެއްތާއެވެ.’
އެރެއަށް މަސައްކަތް ނިންމައިލުމަށްފަހު ޒާޔާއަށް އެނދުގައި ބުރަކަށި ޖައްސައިލެވުނުއިރު ބާރަ ގަޑި ބައިވަނީއެވެ. ބޯ ދަށަށް އަތްލައްވައިލައިގެން އޮތް ޒާޔާ ވިސްނަމުން ދިޔައީ މި ވާހަކަތައް ޒާމިލާ ޚިއްޞާކުރާނެ ގޮތަކާ މެދުއެވެ. އޭނާގެ ދަރިފުޅު ވެސް މަސައްކަތްކުރަނީ އެ އިދާރާގައި ކަމަށް ވާތީ ހުރިހާ ވާހަކަތަކެއް ޚިއްޞާ ކުރަން އެންމެ އެކަށޭނަ މީހަކީ ޒާމިލްކަމަށް ޒާޔާއަށް ޤަބޫލުކުރެވުނީ އެހެންވެއެވެ. ޒާމިލް ނޫނަސް ލާއިމް އަދި ބައްޕަގެ ފަރާތުން އެހީތެރިކަމާ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ އިތުބާރާ ޔަޤީންކަމާއެކީ، އެރޭގެ އަރާމު ނިދި ލިބިގަތުމަށްޓަކައި ޒާޔާ ދެލޯ މަރައިލިއެވެ.
-ނުނިމޭ-

