އެވަގުތު ޔޮޓުގެ މެދުނުކެނޑި އިވެމުންދިޔަ އެލާރމްގެ އަޑުގެ ތެރެއިން ފޭދިގެން ފުލުހުންގެ ސައިރަންގެ އަޑު ފަނޑުކޮށް އިވެންފެށިއެވެ.
*****
ފުލުހުންގެ ލޯންޗުތަކުގެ ނޫ އަދި ރަތްކުލައިގެ ސްޓްރޯބް އަލިތަކުން ލޮނުގަނޑު ދިއްލިގެން ދިޔައިރު، ބާރު ދުވެލީގައި އައި ފުލުހުންގެ ފަސް ލޯންޗެއް ހިނދުކޮޅެއްގެ ތެރޭގައި މެރީނާ ވަށާލައި ބަންދުކޮށްލިއެވެ.
ތާރިޤުގެ މޫނުމަތީގެ ކުލަވަރު ވަގުތުން އޮއްސިގެން ދިޔައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ކިބައިން ފެނުނު ކިބުރުވެރިކަމާއި ބޮޑާކަމުގެ ބަދަލުގައި، މުޅި މޫނުމަތިން މިހާރު ފެންނަމުން ދިޔައީ ޖެހިލުންވުމާއި ސިހުމެވެ. ނާއިލް މަޑުމަޑުން ތާރިޤުގެ ގައިން ދޫކޮށްލުމަށްފަހު ތެދުވެ، ބިންމައްޗަށް ވެއްޓިފައި އޮތް ޕެލިކަން ފޮށި ނެގިއެވެ.
“ތެދުވޭ!” ފަރުހާން ހަރުކަށި އަޑަކުން އަމުރުކޮށްލިއެވެ. އަދި ތާރިޤުގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައި، އޭނާގެ އަތުގައި އޮތް ފިސްތޯލަ އަތުލުމަށްފަހު، ޖީބުން ނެގި ޕްލާސްޓިކް ކަސްތޮޅުން (ޒިޕް-ޓައިއިން) ތާރިޤުގެ ދެއަތް ފަހަތަށްލައި ބަނދެލިއެވެ. އެފަދަ ކޮންމެ ކަމަކަށްވެސް ފަރުހާން ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެއަށްފަހު އަތުގައި އޮތް ބަޑި ދިއްކޮށްލައި، އަނެއް ދެ ގާޑުން ކަކޫމައްޗަށް ތިރިކުރުވިއެވެ. އޭރު އައިރާ ހުރީ ދެން ހުރި މީހާގެ އަތުން ވެއްޓުނު ބަޑި ފައިދަށުލައި ފިއްތައިގެންނެވެ. ފަރުހާން އެ ދެ ގާޑުންގެ އަތްފައިވެސް ބަނދެ، އެމީހުންގެ ހަރަކާތްތައް އެއްކޮށް ހުއްޓުވައިލިއެވެ.
ކަންކަން ހަމައަކަށް އެޅުމާއެކު، އައިރާ ކޮންސޯލަށް ޖަހާފައި އިން ސެޓެލައިޓް ޑްރައިވް ނައްޓައި ޖީބަށް ކޮށްޕައިލުމަށްފަހު، ނާއިލާ ދިމާއަށް އެނބުރުނެވެ. އިސްތަށިގަނޑު ހޭވި، ނޭވާ ކޮޅަށް ހުރި ނަމަވެސް، ރޭވުން ކާމިޔާބުވުމުގެ ފަޚުރުވެރި ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވެއެވެ. އިތުރު ބަހެއް ބުނުމެއްނެތި، އައިރާ ކުއްލިއަކަށް ކުރިއަށް ޖެހިލައި ނާއިލްގެ ގައިގައި ބާރަށް ބައްދައިލިއެވެ.
އެ ވަގުތުކޮޅު ދެމިގެންދިޔައީ މަދު ސިކުންތުކޮޅަކަށެވެ. އެހެންނަމަވެސް ނާއިލަށް ހީވީ މުޅި ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ. ފުލުހުންގެ ސައިރަންގެ އަޑާއި، ބިންދާލާ ރާޅުތަކުގެ އަޑުގެ އިތުރުން ތާރިޤުގެ ހަޅޭކުގެ އަޑުވެސް އޭނާއަށް ނީވޭ ކަހަލައެވެ. ކުއްލިއަކަށް ލިބުނު ހައިރާންކަމާއެކު ނާއިލް ހުއްޓުން އަރާފައި ހުރިއިރު، ލަދުން އިސްޖަހައިލެވުނެވެ.
“ހަމަ އަސްލުވެސް ފިލްމީ ބަތަލެއްހެން ހީވަނީ ބްރޯ! އެންޑް ސީން ކުޅެ ނިމުނީތަ؟” ޔޮޓުގެ އިންޓަކޮމް ސިސްޓަމުން ޒަޔާންގެ އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ.
“ނާއިލް އަވަސްކުރޭ! ފުލުހުން އެތިބީ ފާލަމަށް އަރައި! ރޭވުމާ އެއްގޮތަށް އަވަހަށް ތިތަނުން ސަލާމަތްވޭ!” ޖެހިގެން އައި ސިކުންތުގައި ރިޝްވާންގެ އަޑު އިވިގެން ދިޔައެވެ. އެއާއެކު އެމީހުން އަވަސްވެގަތީ އެތަނުން ފިލައިގެން ދިއުމަށެވެ
.
* ތިން އަހަރު ފަސް *
މާލޭގެ އުޑުމަތި ބައްދާލާފައި އޮތީ ބޯ، ކަޅު ވިލާތަކުންނެވެ. ދުވާލުގެ އަލިކަން މުޅިން ފަނޑުވެ، މުޅި ޖައްވަށް ވެރިވެފައިވަނީ ބިރުވެރި، ތޫފާނީ އަނދިރިކަމެކެވެ. އާސަހަރާގެ ހިމޭން މާހައުލު ގުގުމަމުން ދިޔައީ ގަސްތަކުގެ ފަތްތަކަށާއި ތެމިފޯވެފައިވާ ބިމުގެ ފަސްގަނޑަށް ހުއްޓުމެއްނެތި އޮހެމުންދިޔަ ބޯ ވާރޭގެ އަޑުންނެވެ.
ނާއިލް ހުއްޓިގެން ހުރީ ތާޒާކަމާއެކު އަޅާފައިވާ ފަސްގަނޑެއްގެ ކައިރީގައެވެ. އަތުގައި އޮތް ކަޅު ކުޑައިގެ ފޮތިގަނޑުމައްޗަށް ވާރޭގެ ބޮޑެތި ތިކިތައް ބާރަށް ޖެހެމުންދިޔަ ނަމަވެސް، އެ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރާހެންނެއް ހިޔެއްނުވެއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅިތަކާއި ވެހެމުންދިޔަ ތޫފާނީ ވާރޭގެ ކުރިމަތީގައި އެ ކުޑަކުޑަ ކުޑައިން ލިބޭނެ މާބޮޑު ހިޔާވަހިކަމެއް ވެސް ނެތެވެ. ކުރިމަތީގައި ހުރި މަހާނަގަލުގައި ކަނޑާނަގާފައިވާ ނަމަށް ނާއިލްގެ ނަޒަރު ހުއްޓިފައިވިއިރު، ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ހޫނު ކަރުނަތައް، މޫނުމަތީގައި ބީހެމުންދިޔަ ފިނި ވާރޭތިކިތަކާ އެކުވަމުން ދިޔައެވެ.
“އައިރާ…” ނާއިލްގެ ތުންފަތް ފޫއަޅުވާފައި ނުކުތް އެ މަޑުމައިތިރި، ނަމަވެސް ވޭނީ އާހާއެކު އޭނާއަށް ކަކޫމައްޗަށް ތިރިވެވުނެވެ. ތެމިފޯވެފައިވާ ފަސްގަނޑުގައި އަތް ޖައްސާލުމާއެކު، ހިތް މޭތެރެއަށް ފަޅައިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.
އެއީ މީގެ ހަފްތާއެއް ކުރިއެވެ. ތޯރިޤު ޖަލަށްލީތާ ތިން އަހަރު ފާއިތުވެގެން ދިޔައިރު، އެމީހުން ހީކުރީ އެމީހުންނަށް ހުރި ނުރައްކާތައް ފިލައިގޮސްފި ކަމަށެވެ. ދިރިއުޅުން ހަމައަކަށް އެޅި، ނާއިލްއާއި އައިރާގެ ގުޅުމަށް އަލުން އާ ދިރުމެއް ލިބޭނޭކަމުގެ އުއްމީދީ ހުޅުކޮޅު ރޯވަމުން ދިޔައެވެ. ނަމަވެސް، އެ ހުރިހާ އުއްމީދެއް އަނދާ އަޅިއަށްވެގެން ދިޔައީ ބަނދަރުމަތީގައި ހިނގައިދިޔަ ކުއްލި، ނާމާން ހާދިސާއަކުންނެވެ.
އައިރާ އެ ހާދިސާ ހިނގައިދިޔަ ރޭގައި އިންސްޕެކްޓް ކުރަން ދިޔަ ޚާއްޞަ ކޮންޓޭނަރު ގޮވި ބާރު އަޑު އަދިވެސް ނާއިލްގެ ކަންފަތުގައި ގުގުމަމުން ދެއެވެ. އުތުރިއަރައިގެންދިޔަ އަލިފާނުގެ ހޫނުގަނޑާއި، ވަށައިގެން ބުރައިގެން ދިޔަ ދަގަނޑު ކުނޑިތަކުގެ ތެރެއިން އައިރާގެ ފުރާނަނެތް ހަށިގަނޑު ފެނުނު ހިނދު، ނާއިލްގެ ދުނިޔެ އެއްކޮށް ހުއްޓުނު ފަދައެވެ. ފުލުހުންގެ ތަހުގީގުން އެއީ ކޮންޓޭނަރުގައި ހުރި ކެމިކަލެއް ލީކުވެގެން ހިނގި “އިއްތިފާގީ އެކްސިޑެންޓެއް” ކަމަށް ނިންމައި ފައިލް ލައްޕާލި ނަމަވެސް، ނާއިލްއާއި އޭނާގެ ޓީމަށް ކަށަވަރުވާ ހަގީގަތަކީ އެއީ އައިރާގެ ފުރާނަ ދުއްވާލުމަށް ދުރާލައި ރާވައިގެން ދިން ނުރައްކާތެރި ހަމަލާއެއް ކަމެވެ.
ސުކޫލްދައުރުގައި ނިމުނު ގުޅުމަށްފަހު، އެތައް އަހަރެއް ވަންދެން ހިތުގެ ފުންމިނުގައި ފޮރުވައިގެން އުޅުނު ލޯބި، ހާމަކުރުމަށް ގަސްތުކޮށްގެން ދިޔަ ދުވަހު އެފުރުސަތު ނުލިބި، އައިރާ ވަކިވެދިޔައީ އަބަދުގެ އަބަދަށެވެ. އާސަހަރާއިން ނުކުމެގެން ނާއިލް ސީދާ ދިޔައީ ޒަޔާންގެ ޑިޒައިނިންގ ކޮންޕެނީ “ޕިކްސެލް އެންޑް ޕަލްސް” ގެ އެންމެ އެތެރޭގައި ހުންނަ ސިއްރު ކޮޓަރިއަށެވެ. ދޮރު ހުޅުވާލުމާއެކު މޫނުގައި ބީހިގެންދިޔައީ ގަނޑުފެންފަދަ ފިނިކަމެކެވެ. މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދިޔަ ބޮޑެތި ސާވަރުތަކުގެ މަޑު އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް އެތަނަކު ނެތެވެ. މުޅި ކޮޓަރީގެ އަނދިރިކަން ފޫއަޅުވަމުން ދިޔައީ އެތައް މޮނިޓަރަކުން ފެތުރެމުންދިޔަ ނޫ އަދި ފެހި ކުލައިގެ ފަނޑު އަލިންނެވެ.
ކޮޓަރީގެ މެދުގައި ހުރި ބޮޑު މޭޒު ކައިރީގައި ޒަޔާން އިނީ ދެއަތުން ބޮލުގައި ހިފަހައްޓައިގެންނެވެ. ދުވަސްތަކެއް ވަންދެން ނުނިދައި، ސްކްރީންތަކަށް ބަލަހައްޓައިގެން އިނުމާއިއެކު، ތިން އަހަރު ވަންދެން އެކުގައި އުޅުން އެކުވެރިޔާ ވަކިވެދިޔަ ފުން ހިތާމައިގެ ސަބަބުން އޭނާގެ ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ. ވަރުބަލިކަން މޫނުމަތިން ފެންނަން ހުރި ނަމަވެސް، ކީބޯޑުމަތީގައި އޭނާގެ އިނގިލިތައް ހަރަކާތްތެރިވަމުން ދިޔައީ ހިތުގައި އުފެދިފައިވާ ބަދަލުހިފުމުގެ ރުޅިވެރިކަމުގެ ބާރުގައެވެ.
ކޮޓަރީގެ އެއްކަނެއްގައި ރިޝްވާން އިނީ 9 މިލިމީޓަރުގެ ޕިސްތޯލައެއް ރޫޅާލައިގެން ސާފުކުރާށެވެ. މޫނުމަތިން އެއްވެސް ޝުޢޫރެއް ފާޅުނުވި ނަމަވެސް، އަތުގެ އަވަސް ހަރަކާތްތަކުން އެތެރެހަށީގައި އުތުރިއަރަމުންދާ ޖަޒުބާތުތައް ހާމަވެއެވެ. ބަނދަރުގެ ސެކިއުރިޓީގެ އެންމެ އިސް މީހާގެ ގޮތުގައި ހުރެ، އަމިއްލަ ލޯކުރިމަތީގައި އައިރާގެ ފުރާނަ ގެއްލިގެން ދިޔައިރު އޭނާއަށް ބަލަން ހުރުން ނޫން ކަމެއް ނުކުރެވުމުން، އުފެދުނު ކުށްވެރިކަމުގެ އިހުސާސް ދިޔައީ އޭނާގެ ހިތް ކުދިކުދި ކުރަމުންނެވެ. އޭނާ އެ ހަތިޔާރު ތައްޔާރުކުރަމުން ދިޔައީ ބަދަލުހިފުމަށް ކެތްމަދުވެފައިހުރެގެންނެވެ.
އަނެއްފަރާތުގައި ފަރުހާން ހުރީ ބޮޑު ވައިޓްބޯޑެއްގެ ކުރިމަތީގައެވެ. ފަރުހާންގެ މޫނުމަތިން ފެނިގެންދަނީ ނުރައްކާތެރި ސީރިއަސްކަމެކެވެ. އެ ބޯޑުގައި ހަރުކޮށްފައިވަނީ ގޮވި ކޮންޓޭނަރުގެ ބައިތަކުގެ ފޮޓޯތަކާއި، ކެމިކަލް އެނަލިސިސް ރިޕޯޓްތަކުގެ އިތުރުން ސަރަހައްދުގެ ޗާޓުތަކެވެ. ހެކިތަކާއި ފޮޓޯތަކުގެ ދެމެދު ގުޅުވައިދީފައިވާ ރަތް ކުލައިގެ ރޮނގުތަށް ގޮސް ހުއްޓިފައިވަނީ ސުވާލު މާކަކާއެވެ.
“މިއީ އެއްވެސް ހާލެއްގައި އާދައިގެ ގޮވުމެއް ނޫން ނާއިލް!” ނާއިލް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އަޑަށް، ފަރުހާން ފަސްއެނބުރި ބަލައިލަމުން ބުންޏެވެ. އޭނާގެ އަޑުގައި ވަނީ ފުން ހިތާމައަކާއި ސީރިއަސްކަމެކެވެ.
ފަރުހާން ބޯޑުގައިވާ އަނދައި އަޅިޔަށް ވެފައިވާ ދަގަނޑުކޮޅެއްގެ ފޮޓޯއަކަށް އިނގިލި ދިއްކޮށްލިއެވެ. “އެމީހުން ބޭނުންކޮށްފައި އެވަނީ ސީ-4! އެ ކޮންޓޭނަރުގެ ތަންޑު ނައްޓައި ދޮރު ހުޅުވާލުމާއެކު އޮޓޮމެޓިކުންގޮވާގޮތަށް ފަރުމާކޮށްފައި އޮތް ވަރަށް މޮޅު، ނުރައްކާތެރި ދަންތުރައެއް އެއީ. ޓްރިގަރ މެކޭނިޒަމް ހުރީ ސީދާ ދޮރު ކުރިމަތީގައި ހުންނަ މީހަކަށް އެންމެ ސިކުންތެއްގެ ފުރުސަތުވެސް ނުލިބި، ވަގުތުން ފުރާނަ ދާނެކަން ކަށަވަރުވާ ގޮތަށް ސެޓްކޮށްފައި!”. ފަރުހާން ފުން ނޭވާއެއް ދޫކޮށްލަމުން ނާއިލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“މިއީ މާލޭގެ އާދައިގެ ގޭންގަކަށް ނުވަތަ މަގުމަތީގެ ކުދިކުދި ބަޔަކަށް ރާވައިލެވޭނެ ވަރަށްވުރެ މާ ފަންނީ، މާ ނުރައްކާތެރި ކަމެއް. މީގެ ފަހަތުގައި އޮތީ އަހަރުމެން ހީނުކުރާ ވަރުގެ ބިޔަ ބޮޑު ނެޓްވޯކެއް… އަދި އެއީ ވަރަށް ބާރުގަދަ ބައެއްކަން އިނގެނީ! އެކަމަކު އައިރާ އަށް އަހަރުމެން އިންސާފު ހޯދަ ދޭނަން”. އެންމެ ފަހު ޖުމްލަ ބުނެލިއިރު ފަރުހާންގެ އަޑުގައި ވީ ރުޅިވެރިކަމެވެ (ނުނިމޭ).

