ހަޑިމިލޭރު – 8
އަޑު ޖެހުމާއިއެކު ނާއިލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އޭނާ އައިރާގެ ކުރިމައްޗަށް އަރައި، އޭނާގެ ހަށިގަނޑުން އައިރާ ނިވާކުރިއެވެ. އެވަގުތު ބްރިޖަށް އެރީ ދެވަނަ އެހެން މީހެއް ނޫނެވެ.
****
ތޯރިގު ހުރީ ސާފު ހުދު ކުލައިގެ ފޮތި ގަމީހެއްގައެވެ. އޭނާގެ އަތުގައި ރިހިކުލައިގެ ފިސްތޯލައެއް އޮތްއިރު، އޭނާގެ ދެފަރާތުގައި ހަތިޔާރު އެޅި ދެ ސެކިއުރިޓީ ގާޑުން ތިއްބެވެ. ތާރިގު ފެންނަފެނުމަށް ކުށްވެރިއަކާ ވައްތަރު އެއްގޮތެއްވެސް ނެތެވެ. އޭނާ ވައްތަރީ ހިތްގެޔޮ އޯގާތެރި މީހަކާއެވެ. މޫނުމަތީގައި ވީ މައުސޫމުކަމެވެ. ނަމަވެސް އެ މައުސޫމުކަމުގެ ފަހަތުގައި ފޮރުވާލެވިފައިވާ ނުލަފާކަން އެމީހުންނަށް އެވަގުތު ހާމަވަމުންދިޔައެވެ.
ތޯރިގު ހުރީ ރޮނގުދެމި ހުދު ކުލައިގެ ގަމީހެއްގައެވެ. ކެބިންގެ އެލް.އީ.ޑީ ބޮކިތަކުގެ އަލީގައި އޭނާގެ ވާ އަތުގައި އޮތް އަލިމަހުން ޖަރީކުރެވިފައިވާ ރަންކުލައިގެ ގަޑި ވިދަމުން ދިޔައިރު، އޭނާގެ ކަނާ އަތުގައި އޮތް ރިހިކުލައިގެ ފިސްތޯލަ ހިފަހައްޓާފައިވަނީ ފަރުވާކުޑަ ގޮތަކަށެވެ.
“ހަމަ މިހާރު ކޮންސޯލާ ދުރަށް ޖެހޭ!” ތާރިގު ބުންޏެވެ. އޭނާގެ އަޑުގައި ހުރީ ރުޅިވެރިކަމާއި ބޮޑާކަމެވެ. ހީވަނީ ނޯކަރަކަށް ހެނދުނުގެ ނާސްތާއަށް އޯޑަރު ދިން ހެންނެވެ.
“ފަރުހާން، ދޯ؟ ކުރީގެ ކޯސްޓްގާޑު މީހެއްނު ތިއީ! އަދި ކުޑަކުޑަ އައިރާ! ކަލޭގެ ބޮޑުބެގެ އަނގަގަދަ ކަމަކީ ފެންނަ ފެނުމަށް ބަލާއިރު އާއިލީ ކަމެއްހެން ހީވަނީ!”. ތޯރިގު މަލާމާތުގެ ހިނިގަނޑެއް ޖަހައިލުމަށްފަހު ބުނެލިއެވެ.
އައިރާގެ ދަތްކުނޑި ވިކާލިއެވެ. އެއާއެކު އޭނާގެ ކޯތާފަތުގެ މަސްތަކަށް ލޮޅުން އަރާގެން ދިޔައެވެ. ނަމަވެސް އޭނާ ހުރީ ފަހަތަށް ޖެހޭކަހަލަ ގޮތަކަށް ނޫނެވެ. އޭނާ ނާއިލްގެ ފަހަތުގައި ގުޑިވެސް ނުލައި ހުއްޓެވެ. އޭނާގެ އަތް ސިއްރުސިއްރުން ކުރިއަށް ގެންގޮސް، ނާއިލްގެ އަތުކުރީގައި ހިފާ ފިއްތާލިއެވެ. އެއާއިއެކު އެ އަތުގައި ވީ ތުރުތުރުލުމުން އައިރާ ބިރުގަނެފައި ވީވަރު ނާއިލްއަށް އިހުސާސްވެގެން ދިޔައެވެ.
އެމީހުންގެ ފަހަތުގައި ހުރި ސްކްރީނުން ‘ޑޭޓާ ސެންޑިން: 78%…’ ފެންނަން ހުއްޓެވެ. އެއިން އުފެދިފައިވާ ނޫކުލައިގެ އަލި ސީލިންގަށް އެޅިފައި ހުއްޓެވެ.
“ކައެ ތިޔަ އައީ މާ ލަހުން ތޯރިގު!”. ނާއިލް ބުންޏެވެ. އޭނާ އެއް ފިޔަވަޅު ކުރިއަށް ޖެހިލައި، ތޯރިގަށް ސްކްރީން ނުފެންނާނެހެން ނިވާކުރިއެވެ. އޭރުވެސް އޭނާ ހުރީ އައިރާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭނާ އައިރާގެ އަތުގައި އިނގިލިތަކުން ފިރުމައިލީ ހަމަޖެހުމަށް އިޝާރާތްކުރުމަށެވެ. ތޯރިގުގެ އަތުގައިވީ ފިސްތޯލަ ފެނުމުން ނާއިލްގެ ހިތުގައި ބިރުވެރިކަން އޮތް ނަމަވެސް، އަޑު ހަމަޖައްސައިގެން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.
“އެ ލިޔެކިޔުންތަކުގައި ހުރި އެއްޗެއް މުޅި މާލެއަށް މިހާރު ލީކުވެފަ ވާނީ! ކަލޭގެ މީހުން ރަފީގުގެ ގަޔަށް ބަޑިޖެހުމުގެ ކުރިން އޭނާ ވަނީ އެކަން ކަށަވަރުކޮށްފައި!”. ނާއިލް އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވީ ރުޅިވެރިކަމެވެ.
“ރަފީޤަކީ ނިކަމެތި ފިނޑިއެއް! ދެން ތި ލިޔެކިޔުންތަކާ މެދު ކަންބޮޑުވާނީ ކާކު؟ ތި ތިން މީހުން ގެއްލުނު ވާހަކަ ނޫސްތަކަށް ލިބުމުން އެ ޚަބަރު މާ ހިޓުވާނެ! އޭރަށް ތި ފައިލުތަކުގެ ބޭނުމެއް އެއްވެސް މީހަކަށް ނޯންނާނެ!”. ތޯރިގު މަޑުމައިތިރި ހިނިތުންވުމަކާއެކު ބުންޏެވެ. އޭނާގެ މޫނުމަތީގައި ވީ މަލާމާތުގެ ނަޒަރެވެ.
އެހެން ބުނުމަށްފަހު ތޯރިޤު އޭނާގެ ފިސްތޯލަ އަމާޒުކޮށްލިއެވެ.
އެވަގުތު ކުއްލިއަކަށް، ފަޅުތެރޭގެ ހިމޭންކަން މުގުރާލަމުން، ލޯންޗުގެ ދަށު ފަންގިފިލާއިން ވަރަށް ބާރުގަދަ އަޑެއް މުޅި ސަރަޙައްދަށް ގުގުމާލިއެވެ. އެ އިވުނު ބާރު އަޑާއެކު މުޅި ކެބިން ތެޅިގަތެވެ.
އެއީ ރިޟްވާން ޔޮޓުގެ ފަހަތުކޮޅުގައި ހުރެ، ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ އެލާރމް ޖެއްސުމުން އިވުނު އަޑެކެވެ.
އެވަގުތު އެތަނުގައި ތިބި ދެ ފާރަވެރިން ސިހިގެން ގޮސް، ބޭއިޚްތިޔާރުގައި އަޑު އައި ދިމާލަށް ބަލައިލިއެވެ.
“ލެޓްސް ގޯ!” ނާއިލް ހަޅޭއްލަވައިގަތެވެ.
ނާއިލް ދުއްވައިގަތެވެ. އޭނާގެ ގައިގައި ހުރިއްޔާ ހުރި ބާރެއްލާފައި ތޯރިޤުގެ ގައިގައި ޖެހިގަނެ، އޭނާ ކޮއްޕާ ވައްޓައިލިއެވެ. އަދި އެއަށްފަހު ތޯރިގުގެ އަނގަމަތީގައި ބޮނޑިއެއް ލަނޑައިލިއެވެ. އެވަގުތު ތޯރިގު އަތުގައި އޮތް ފިސްތޯލައިން ދިޔަ ވަޒަން، ބާރު އަޑަކާއެކު ފަހަތުގައި ހުރި ބިއްލޫރިގަނޑު ފޫއަޅުވައިލިއެވެ.
ހަމަ އެވަގުތު، ފަރުހާން އޭނާގެ ބިޔަ ހަށިގަނޑުގެ ބޭނުންކޮށް، ކައިރީގައި ހުރި ގާޑު، ދޮރުގެ ގެ ކައިރީގައި ޖައްސައި ފިއްތާލިއެވެ. އެއަށްފަހު އޭނާގެ ބަޑި އަތުލިއެވެ. އައިރާ އޭނާގެ އަތުގައި އޮތް ދަގަނޑު މަރުތޭލައިން ހުށިޔާރުކަމާއެކު ދިން ހަމަލާ، ދެވަނައަށް ހުރި ފާރަވެރިޔާގެ އަތުކުރިއަށް އަމާޒުވިއެވެ. އެއާއެކު އޭނާގެ އަތުގައި އޮތް ބަޑި ކަހާލައިގެން ގޮސް ޔޮޓުގެ ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ.
‘ޑޭޓާ ސެންޓެޑް ޓު 4 ރެސިޕިއެންޓްސް!’.
މި ހަލަބޮލިކަމުގެ ތެރޭގައި، ޓާމިނަލް ކޮންސޯލުން އިވުނު ތޫނު އިންޒާރުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. ތޯރިގު ގަދަހަދަމުން ނާއިލް އޭނާގެ ގައި މަތިން ދުރަށް ފޮނުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ނާއިލް އޭނާގެ އަތުން ތޯރިގުގެ ކަރުގައި ހިފަހައްޓައި ބާރުކޮށްލިއެވެ. އޭރު ނާއިލް އިނީ ތޯރިގުގެ މޭމަތީގައި އިށީންދެގެންނެވެ.
“ކައެގެ ކަންތައް ނިމިއްޖެ ބުރޯ!” ނޭވާކުރުވެފައި ހުރި ނާއިލް، ތޯރިގުގެ ބިރުން ސިހިފައިވާ ދެލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.
“ހުރިހާ މަޢުލޫމާތެއް މިހާރު ހުންނާނީ ޕޮލިހުންނަށް ލިބިފަ!”.
ނާއިލް އެހެން ބުނެލުމަށްފަހު އަނެއްކާވެސް ތޯރިގުގެ އަނގަމަތީގައި ގޮއްމުށުން ޖެހުމުން އޭނާގެ އަނގަފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އެވަގުތު ޔޮޓުގެ މެދުނުކެނޑި އިވެމުންދިޔަ އެލާރމްގެ އަޑުގެ ތެރެއިން ފޭދިގެން ފުލުހުންގެ ސައިރަންގެ އަޑު ފަނޑުކޮށް އިވެންފެށިއެވެ. (ނުނިމޭ).
2 Comments!
Comments are closed.


v nice
r u onepiece fan eh btw..?
Yesss