Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (34)

Thea reminisces
Thea reminisces Level 210 Stories
August 29, 2026 11 Mins Read
1 Comment

“ސޯ.. ދެމީހުން” ބެލްކަނީ ރެއިލިން ކައިރީ މަޑުކޮށްގެން ހުރި މައިރާ ކަޅި އެއްލީ، ސިޓިން ރޫމްގައި ރާޝިދާ ވާހަކަ ދައްކަން ހުރި ރަޒާނަށެވެ. “ރައްޓެހިވީ؟؟” އޭނާ ރޫޔާއަށް ބަލައިލިއެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ނަޒަރު ހިންގައިލީ، ބޭރުން ހާމައަށް އޮތް ނޫ ކަނޑަށެވެ. އޭނާ ރެއިލިން ގައި ހިފައިލުމަށްފަހު މަޑުމަޑުން ބޯ ޖަހައިލިއެވެ.
“ސީރިއަސްލީ؟”
“މައި. ތެދަށް ބުނާނަމަ، އަހަރެންވެސް ހީކުރީ އަހަރެން މޫވް އޮންވި ކަމަށް. އެކަމަކު ފަހުން ވިސްނުނީ އެއީ އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިން އެއްޗެއްކަން.. އެއްކަލަ ދުވަހު، ލަމްއާއި ރަޒާން ކިރިޔާ އެކްސިޓެންޑް ވި ދުވަހު އެނގުނީ އަހަރެން އަމިއްލަ ނަފްސަށް އޮޅުވައިލައި އުޅެމުން ދާކަން”
“ދެން ރޫ އާއި ރަޒާން..” .

މައިރާ ބޯ ހޫރައިލުމަށްފަހު ފެންނަން އޮތް މަލަމައްޗަށް ބަލައިލިއެވެ. “ރޫ.. ތެދަށް ބުނާނަމަ، އަހަންނަށް އެނގޭ.. ރޫއަށް ރަޒާންގެ މަތިން މޫވް އޮން ނުވާކަން…” މައިރާ ވިސްނަން ހުރެފައި ބުންޏެވެ. “ރޫއަށް އެހެން ކަންތައްތައް ރަނގަޅަށް ސިއްރުކުރެވޭ، ބަޓް ވެން އިޓް ކަމްސް ޓު ރަޒާން…”
“އައި ސަކްސް..” ރޫޔާގެ ކޮނޑުން މައިރާގެ ކޮނޑުގައި ޖަހައިލަމުން ރޫޔާ ޖުމުލަ ފުރިހަމަކޮށްލިއެވެ.
“ސަކްސް އިޒް އޭން އަންޑަރސްޓޭޓްމެންޓް” މައިރާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
“ރޫ އުފާވަންޏާ އަހަންނަށް އޯކޭ. ޝަފް މެންވެސް.. ” މައިރާ ރޫޔާގެ ކޮނޑުގައި ބޯ އަޅައިލަމުން ބުންޏެވެ.
***
ރަޒާން ނަޒަރު ހުއްޓި ހުރީ، ކޮފީ ބޯން އިން ރާޝިދަށެވެ.
“އަހުމަދަކީ، މީގެ ހަތް އަހަރު ކުރިން ޢާއިޝާގެ ހިތް ހަލާކުކޮށްލި މީހާ ދޯ..” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު އޭނާ ރަޒާނަށް ބަލައިލިއެވެ.
“ހޫމް.. ”
“ދެން ތިބުނީ، އެއްކަލަ ދުވަހު، ބޭބެ އަހުމަދަށް ޢާއިޝާގެ ފޮޓޯ ދެއްކި ދުވަހު، އެ ފޮޓޯގައި އިނީ ޢާއިޝާކަންވެސް އެނގުނޭތަ؟” ރަޒާން ބޯ ޖަހައިލިއެވެ.

ކޮފީތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ރާޝިދު ސޯފާގައި ލެނގިލިއެވެ.
“ދެން ޔޫޝާ؟”
“ދެމީހުން ވަރިވެގެން އުޅޭތާ ކިތައްމެ ދުވަހެއް. ރޫޔާ މާލެއައުމުގެ ކުރިން އަހަރެމެން ދެމީހުން ވަރިވި” ރާޝިދު އުޅުނީ ސީރިއަސްވާންށެވެ. އެހެނަސް މޫނުމައްޗަށް އެރި ކުލަވަރުތައް އޭނާއަކަށް ހިފަހައްޓައެއް ނުލެވުނެވެ.
“ބޭބެއެއް ނޫޅެން ތި ކުދިންގެ ކަންތަކުގެ ތެރެއަށް ވަންނާކަށް… އެކަމަކުވާ ދޯ… ދަރިފުޅުމެންގެ ޑްރާމާ އެނގިފައި ބޭބެއަށް މަޖާނުވެ ނުހުރެވުނީ..” ބޯ ހޫރަމުން ރާޝިދު ބުނިއެވެ.
“ބޭބެ ރުޅިއައިސްގެންނެއް ނޫން ތިހުރީ؟” ރަޒާން ރާޝިދަށް ބުމަ އަރުވައިލިއެވެ.
“ކީއްކުރަން؟ ބޭބެގެ ސަބަބުން ލޯބިވާ ދެމީހުން ގުޅުނީ. ބޭބެ އުފާއެއްނު ކުރަންވީ.. ދެކުދިންގެ ކައިވެންޏަށް ދުވަސް ގުނަން ފަށާނަން.”

“ކާކުގެ ކައިވެންޏެއް؟” ބެލްކަނިން ސިޓިންރޫމަށް ވަދުނު ރޫޔާއަށް، ރާޝިދުގެ ޖުމުލައިގެ ފަހު ބަސްތައް އިވުމާއެކު ސުވާލުކުރިއެވެ.
“ކާކު ހެއްޔޯ؟ މިތާނގަ އެންމެ އަވަހަށް ކައިވެނި ކުރަން އޮތީ ކޮން ދެމީހުންނެއްތަ؟” ރާޝިދު ސަމާސާގެ ރާގަކަށް ބުންޏެވެ.
“ބޭބެވެސް ދޯ..” ރޫޔާ ލަދުން ހުރެ ބޯ ހޫރައިލިއެވެ.

***
ރާޝިދާއި މައިރާ އެ އެޕާޓްމެންޓުން ދިޔުމާއެކު ރޫޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މައި ދޮރު ލައްޕައިލުމަށްފަހު އޭނާ ސިޓިން ރޫމަށް ވަދެ، ސޯފާ މަތީ އިށީނދެއިން ރަޒާނަށް ލޯ އަޅައިލިއެވެ.
“އެވަރުން ނާންނާށޭ ބުނީމަވެސް…” ބޯ ހޫރަމުން ރޫޔާ ދެއަތް އުނަގަނޑުގައި އަޅުވައިލިއެވެ.
“މައްސަލައެއްތަ؟ ކޮންމެވެސް ދުވަހަކުން އަހަރެމެން ދެމީހުންގެ ގުޅުން އެންމެންނަށް އެނގޭނެ ދޯ” ރަޒާންގެ ރައްދު އިވިފައި ރޫޔާ ސޯފާ މަތީ އޮތް ކުޑަ ބާލީސް ނަގައި ރަޒާނާ ދިމާލަށް އެއްލައިލިއެވެ.
“އެކަމަކުވެސް..” ރޫޔާ ދެފައި ތަޅަމުން ހިނގައިގަތީ ބަދިގެއަށެވެ.
ރޫޔާ ބަދިގެއަށް ވަދެ، ކަބަޑު ހާވަން އުޅޭ މަންޒަރު ބަލަން އިން ރަޒާން ސޯފާއިން ތެދުވެ، ބަދިގެ މޭޒު ކައިރީ މަޑުކޮށްލިއެވެ. ކަބަޑުން ތަށްޓެއް ނަގައި، އެޔަށް ހަނޑޫ އެޅުމަށްފަހު، ސިންކު ކައިރީ މަޑުކޮށްލިއެވެ. ތަށި ތެރެއަށް ފެން އެޅުމަށްފަހު އޭނާ ފެށީ ބަތް ކައްކަން ވެގެން ހަނޑޫ ދޮންނާށެވެ.

“ކޯންޗެއް ހަދަން ތިއުޅެނީ؟”
“ގަރުދިޔައާއި ބަތާ”
“އެހެން” ރޫޔާ ކައިރީގައި މަޑުކޮށްލުމަށްފަހު، ރަޒާން ރޫޔާއަށް ރަނގަޅަށް ބަލައިލިއެވެ.
“ކޮބާ ރަހާމެން؟”
“ރަށުގައި” އެއްޗެއް ހަނދާންވެގެން ރޫޔާގެ އަތް ހުއްޓުން އެރިއެވެ. “އެހެން ބުނީމަ މި ހަނދާންވީ… ދެން އަންނަ ހަފްތާ ރަށަށް ދާން މިއުޅެނީ. ރަހާއާއި ސާޖިދް ކައިވެންޏަށް..” ރޫޔާ އަނެއްކާވެސް ހަނޑޫ ދޮންނަން އުޅުނެވެ.
“ކިތައް ދުވަހަށް” ސިންކު ފާރުކައިރީ އިން މަސްކޮށާ ބޯޑު ނަގަމުން ރަޒާން އެހިއެވެ.
“އެއް ހަފްތާ… އެހާ ގިނަ ދުވަހު މަޑުކުރެވޭކަށް ނެތް..”

ބަތް ކޮޅު ކައްކަން ޖެއްސުމަށްފަހު ރޫޔާ ސިންކު ކައިރީގައި މަޑުކޮށްލި ވަގުތަކީ، ރަޒާން މަސްކޮށާ ނިމުނު ވަގުތުކޮޅެވެ. ކޮށި މަސްކޮޅު ސާފުކުރުމަށްފަހު، ދެމީހުންވެގެން ކެއްކުމުގައި އުޅުނެވެ.
“ރޫޔާގެ ބައްޕަ ކޮބާ؟”
“ރަށުގައި. ކުޑަ ބައްޕަ ބުނީ ބައްޕަ ކައިރީ ރަށަށް އަންނާށޭ ކައިވެންޏަށް ކަންތައްތައް ތައްޔާރު ކުރަން..” ލުއި ހިނިތުންވުމަކާއެކު ރޫޔާ ބުންޏެވެ.
“ކުޑަ ބައްޕަ އެއީ ވާފިރު ބޭ ދޯ..” ވިސްނަން ހުރެފައި ރަޒާން އެހިއެވެ.
“ހޫމް..”
“ކޮބާ މިހާރު މާއިޝާއާއި މާއިޝް؟ ވަރަށް ބޮޑުވެފައި ދޯ މިހާރު ތިބީ” މާއިޝާގެ މަތިން ހަނދާންވުމާއެކު ރަޒާން ރޫޔާއަށް ބަލައިލިއެވެ.
“ބޮޑޭ ބުންޏަސް، މިހާރު އެގާރަ އަހަރު. އަނެއްކާ ދެކޮއްކޮ ތިބޭ، މަލަކު، މާއިން.. މާއިނަށް މިހާރު އެއްއަހަރު ވާން އުޅޭނެ…” ރޫޔާ ކޮއްކޮމެންގެ މަތިން ހަނދާން އާކޮށްލިއެވެ. “މާއިޝާ ކުރިން ވަރަށް އެހި، އޭނާ ކޮނޑަށް އެރުވި ބޭބެ ކޮބާ ހެއްޔޭ…”
“ދެން މިހާރު؟”
“މިހާރުގެ ގޮތެއް ނޭނގޭ ބުނާކަށް..”
ރަޒާން އިތުރަށް އެއްޗެކޭ ނުބުނެ ބޯ ޖަހައިލިއެވެ. އޭނާ ރޫޔާ އަށް ބަލައިލި ވަގުތު، އެ ފިރިހެންވަންތަ މޫނުމައްޗަށް ކުޑަ ހިނިތުންވުމެއް އެރިއެވެ.
“ރޫޔާ ކުޑައިރު ހުންނަ ގޮތް ބަލާލަން ބޭނުން.”
“އެ ކީއްކުރަން؟” ގަރު ނަގަމުން ރޫޔާ އެހިއެވެ.
“އޭރުން ދޯ އެނގޭނީ އަހަރެމެންގެ ފިއުޗަރ ކިޓްސް ހުންނާނެ ގޮތް..”
“ރަޒާން!!” ރޫޔާ ދެ ތުންފަތް ފިއްތަމުން ބޯ ހޫރައިލިއެވެ. ގަރުދިޔަ ކައްކާ ނިމުމުން އުނދުން ނިއްވައިލުމަށްފަހު އޭނާ ރައިސް ކުކަރގެ މަތި ނަގައި އެތެރެ ބަލައިލިއެވެ.
“އަހަރެން ބޭނުމީ ރޫޔާހެން ލޯބި ކުއްޖެއް”
ރޫޔާ ރަކިވި ވަރުން އަވަހަށް މޫނު ފޮރުވައިލިއެވެ. ބަތް ކެކެން ވަގުތު އޮތުމާއެކު އޭނާ ގޮނޑީގައި އިށީނެވެ. އޭނާއާ ކައިރީގައި އިން ގޮނޑީގައި ރަޒާންވެސް އިށީނެވެ. “ދެޓްސް ނޮޓް ހައު ހެރެޑިޓީ ވޯކްސް…” ރޫޔާ ގޮނޑީގައި ލެނގިލިއެވެ.

“ބައޮލޮޖީ ލެކްޗަރ އެއް ލިބެން ކަންނޭނގޭ މިއުޅެނީ” ރަޒާން ރޫޔާގެ ކޮލުގައި ހިފަމުން ބުންޏެވެ. “އެކަމަކުވެސް، ޚިޔާލުކޮށްބަލަ، ރޫޔާ ކަހަލަ ކުޑަކުއްޖެއް.. ބަސްއަހާ، މޮޅު. އެކަމަކު ވަރަށް މޮޅު ވާނެ ތަންތަނަށް އަރަން.. ގަހާއި ފާރަށް އެރުމުގެ ބަދަލުގައި އެކުއްޖާ އަރާނީ އަލަމާރިއާއި ކަބަޑު މައްޗަށް…” ރޫޔާގެ އަތުގައި ހިފައިލުމަށްފަހު، ރަޒާން ކުޅެން ފެށީ ރޫޔާގެ ކަށި އިނގިލީގައެވެ.
“ހަމަ އެހާ ބޭނުންތަ އަހަންނާއެކު ދިރިއުޅުމެއް އުޅެން؟ އަހަރެން ވަޒީފާއަށް ދާން ބޭނުންވެއްޖެނަމަ” ރޫޔާ ވިސްނަން ހުރެފައި އަހައިލިއެވެ.
“ދެން ރޫޔާ ވަޒީފާއަށް ދާނީ.. ސިމްޕަލް”
“ދެން ރަޒާން؟؟…” ރޫޔާ ހާސްވެފައި ރަޒާނަށް ބަލައިލިއެވެ.
“ލޯބީ.. ނޭނީސް. އެހާ ހާސްނުވެބަލަ. ރޫޔާއަށް ނޭނީސް ކަމަކު ނުދަންޏާ އަހަރެން ގޭގަ ކުދިން ބަލަމުން މަސައްކަތް ކުރެވޭނެއެއްނު” ރޫޔާގެ ކޮލަށް ދަމަމުން ރަޒާން ޖަވާބު ދިނެވެ.
“ސީރިއަސްކޮށް؟”
“ހޫމް..” ރޫޔާގެ ކަށި އިނގިލި ދޫކޮށްލުމަށްފަހު އެ އަތުގައި ރަޒާން ހިފިއެވެ. “ވީ އަރ އަ ޓީމް..” ރަޒާން އެ އަތުގެ ނޫފުށުގައި ފިރުމަމުން ބުންޏެވެ.
***

ޖޯލީގައި އޮށޯވެ އޮތް މައިރާގެ މޫނުމައްޗަށް އަރައިފައިވާ ލާނެއް ކުލަވަރު ފެނިފައި ޝެހެނާ ބުމަ އަރުވައިލިއެވެ. އޭނާ ކޮނޑު ޖައްސައިލީ ކައިރީގައި ހުރި ޝަފަޤްގެ ކޮނޑުގައެވެ.
“މައި.. ކޮންކަމެއް ފޮރުވަން ތިއުޅެނީ؟” ދެއަތް އުނަގަނޑުގައި އަޅުވަމުން ޝެހެނާ މައިރާއަށް ލޯ ހަނިކޮށްލިއެވެ.
“މަ ނޫޅެން ކަމެއް ފޮރުވާކަށް” ޝެހެނާއަށް މޫނު އަނބުރައިލަމުން މައިރާ ޖަވާބު ދިނެވެ.
ޝެހެނާ އެއްޗެކޭ ނުބުނެ ގުދުވެލީ، ޝަފަޤްގެ ބަނޑާ ދިމާލަށެވެ. މަޑު މަޑުން ޝަފަޤްގެ ބަނޑުމަތީ އަތް ބާއްވައިލުމަށްފަހު ތުއި އަޑުން ވާހަކަ ދައްކަން ފެށިއެވެ.
“ދޫނީ.. އަޑު އިވޭކަމަށް ނަހަދާ. ދޫނީގެ މައި ދައްތަ އެހާ އަވަހަށް ދޮގު ހަދަން ދަސްކޮށްދޭން އެއުޅެނީ. ދޫނީ ވާން ޖެހޭނީ ދޫނީގެ މަންމަހެން ތެދުވެރި ކުއްޖަކަށް…”
“ޝެހޭ ސޭމަށް ވުރެ ކެތްތެރިކަން ކުޑަހެން ހީވަނީ…” މަންޒަރު ބަލަން އިން މައިރާ ބޯ ހޫރައިލިއެވެ.
“ކީއްވެ ނުވާންވީ؟ ނުވަ އަހަރު ފަހުން އަހަރެން ނޫން އެހެން މީހަކު ބަނޑުބޮޑުވީ.. ކަލޭއާއި ރޫޔާ ދެމީހުން ތިބޭ ތިހެން ހުއްސަރި ބައިކޮށް..” ޝެހެނާގެ ބަހަށް ޝަފަޤް ނޭވާއެއް ދޫކޮށްލުމަށްފަހު ޝެހެނާގެ އަތުގައި ހިފައިލިއެވެ. “ތި ދެމީހުންނަށް ވާވަރަށް އަހަރެމެން ކުދިން ހޯދަންވީ ތޯއްޗެއް” ޝެހެނާ ދެން ބުނި ޖުމުލައާއެކު ޝަފަޤް ބިރެއް ފެނިގެން ޝެހެނާއަށް ބަލައިލިއެވެ.
“ޝެހޭ، އަހަންނަކަށް ހިޔެއް…”
“އެހުރީ ލޯންޗު” ރަށުގެ ބަނދަރު ތެރެއަށް ވަދުނު ލޯންޗަށް އިޝާރަތް ކުރަމުން، މައިރާ ޖޯލިން ތެދުވިއެވެ.
“މައިރާ.. ޝެހެނާ.. ތި ކުދިންވެސް އައީދޯ ރޫޔާއަށް މަރުހަބާ ކިޔަން…” އެ ތިން މީހުންގެ ފަހަތުން ހަލީމާގެ އަޑު އިވުމާއެކު، އެންމެން ފަހަތަށް ބަލައިލިއެވެ. ހަލީމާ ކައިރީގައި އަހުމަދާއި މާއިޝާއާއި މާއިޝް ހުއްޓުހުރިއެވެ.
“ހޫމް.” މައިރާ ހިނިތުންވެލި ގޮތް ފެނިފައި ހަލީމާވެސް ދެބުމަ ގޮށްޖެހުނެވެ. އޭނާ ޝެހެނާއާއި ހަތަރު ކަޅި ހަމަވުމާއެކު ޝެހެނާ ކޮނޑު އަރުވައިލިއެވެ.
“އެކޮއެ އަށް އަދި ކިރިޔާ ރަށަށް އަންނަން އެނގުނީ.. ދޯ އިސްމާޢިލް” ޕިކަޕު ބަނދަރާ ކައިރިކުރަމުން ވާފިރު އެންމެނަށް އިވޭވަރަށް ބުންޏެވެ.

ފުރަތަމަ ލޯންޗުން ނިކުތީ ފަޅުވެރިއެކެވެ. އެއަށްފަހު އެހެން ދަތުރުވެރިޔެކެވެ. އެއަށްފަހު ނިކުތީ ރޫޔާއެވެ.
“ރޫޔާ”

ވާޓަރު މައްޗަށް ރޫޔާ އެރުމާއެކު އެންމެން އެކީ އޭނާއާ ކައިރިވިއެވެ. ފަހަރަކު މީހަކާ ސަލާމް ކުރުމަށްފަހު ރޫޔާ ހުއްޓުނީ ޝަފަޤްމެން ކައިރީގައެވެ.
“ޝަފޫ، ޝެހޭ…” ރޫޔާ އެދެމީހުންގެ ގައިގައި އޮޅުލައިގަތެވެ.
“ރޫ….”
“ހައި ރޫ” މައިރާ ލާނެއް ގޮތަކަށް ހީލަމުން، އެ ތިން މީހުން ގައިގައި އޮޅުލައިގަތެވެ. މައިރާގެ ރާގު ހުރި ގޮތް އަޑު އިވިފައި ރޫޔާ ބުމަ އަރުވައިލިއެވެ.
“މައި ކިހިނެއްވެގެން ތިއުޅެނީ؟” ރޫޔާ ދުރަށްޖެހިލަމުން އަހައިލިއެވެ.
“ކަމެއް ނުވޭ.. ޝެހޭ މެން ބުނީ އަހަރެމެން ދެމީހުން ހުއްސަރި ބައިކޮށް ތިބޭށޯ… އަހަރެން ހުރެފާނަން ސިންގަލްކޮށް، ރޫއަށް އެކަން ވާނެތަ؟”
މައިރާ ކުރި ސުވާލަށް ތިން މީހުން މައިރާއަށް ބަލައިލިއެވެ. ޝެހެނާއާއި ޝަފަޤް ރޫޔާއަށް ނަޒަރު ގެންދިޔައެވެ.
“ރޫ.. މައިރާ އެދައްކަނީ ކޮން ވާހަކައެއް؟” ޝެހެނާގެ ސުވާލު އޭނާއަށް އަމާޒުވުމާއެކު ރޫޔާ އަވަސްއަވަހަށް ބޯ ހޫރައިލިއެވެ. އޭނާ މައިރާއަށް ދެލޯ އަޅައިލިއެވެ.
“މިހާރަކު އެއްނޫން. ފަހުން” ޕިކަޕު ކައިރީ މަޑުކޮށްގެން ހުރި އޭނާގެ ޢާއިލާއަށް ނަޒަރު ހިންގައިލަމުން ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
ވާފިރު އޭނާއަށް ގޮވާ އަޑު އިވިފައި، ހަތަރު މީހުން ޕިކަޕު ކައިރިއަށް ގޮސް ހުއްޓުނެވެ.

***
ގޭގެ ގޯތި ތެރެއަށް ވަދެވުމާއެކު، މާއިޝާ ދުވެފައި އައިސް ރޫޔާގެ އުނަގަނޑުގައި އޮޅުލައިގަތެވެ. ފަހަތުން ފަސް އަހަރުގެ މަލަކްވެސް އައިސް ރޫޔާގެ ފައިގައި އޮޅުލައިގަތެވެ.
“ރޫ ދޮންތާ!” ރޫޔާ މަލަކް އުރައިލުމާއެކު މަލަކް ރޫޔާގެ ކަރުގައި ބައްދައިގަތެވެ.
“ރޫ ދޮންތާ” ގޭގެ ފެންޑާ ދޮރުމަތީ މަޑުކޮށްލި މާއިޝަށްވެސް ރޫޔާ ފެނުމާއެކު އުފަލުގެ ކޮޅެއް ނެތެވެ.

“ރޫޔާ.. ތި އައީ ދޯ” ކުޑަކުޑަ މާއިން އުރައިގެން ހުރި ހަތުމާ ފެނުމާއެކު ރޫޔާ މަލަކް ތިރިކޮށްލިއެވެ. ލަސް ލަހުން އޭނާ ހިނގައިފައި ގޮސް ހުއްޓުނީ ހަތުމާ ކުރިމަތީގައެވެ. މާއިންގެ މޫނަށް ބަލަން އިރުކޮޅެއް ވަންދެން ހުރިއެވެ. އޭނާ ކުއްލިއަކަށް ފެންކަޅިވާން ފެށިއެވެ.

“އައްދެ! ރޫޔާ..” އަހުމަދަށް ރޫޔާގެ ކަރުނަތައް ފެނުމާއެކު ކުޑަކޮށް ހާސްވާން ފެށިއެވެ.
“އަޅޭ، މާއިން.. ދޮންތިގެ މާއިން” ހަތުމާ ރޫޔާއަށް މާއިން ދިއްކޮށްލުމާއެކު ރޫޔާ މާއިން އުރައިލިއެވެ. ލޯބި ގޮތަކަށް މާއިން ރޫޔާއަށް ބަލަން އިންތަން ފެނުމާއެކު ރޫޔާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. “ސަލާމް، މިއީ މާއިންގެ ބޮޑު ދޮންތަ، އިނގޭ” މާއިންގެ ކޮލުގައި ކޮށްޓައިލަމުން ރޫޔާ އެހެން ބުނުމާއެކު މާއިން ހީލިއެވެ.
“އަޅޭ… ލޯބިކަން، މާޝާﷲ” އޭނާ ހަތުމާއަށް ބަލައިލިއެވެ. “ދޮންބެ ދައްތަ ކިހިނެއްތަ؟” ހަތުމާގެ އަތުގައި ހިފައިލަމުން ރޫޔާ އެހިއެވެ.
“ރަނގަޅު އަލްޙަމްދުﷲ..” ހަތުމާ ރޫޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “އަހަރެންނަށް އަބަދުވެސް އެނގޭ ރަހާ ރޫޔާއަށް ވުރެ ކުރިން އިންނާނެކަން، ދޯ އަހުމަދު؟” ހަތުމާ ކައިރީ މަޑުކޮށްލި އަހުމަދަށް ދޯ ދެމުން އޭނާ ބުންޏެވެ. “އަހުމަދު އެހުރީ ވަރަށް ދެރަވެފަ، ތެދަށް ބުނާނަމަ” ހަތުމާގެ ރާގުގައިވަނީ ސަމާސާވެރިކަމެވެ.
“ދެރަ ނުވާންވީ ކީއްވެ؟ އަހަރެންގެ ކޮއްކޮ ވިއްޔާ؟ އިހަކަށް ދުވަހު އުޅުނީ އެ ކޮއްކޮ އަހަރެންގެ ކޮނޑަށް އަރައިގެން..” ބޯ ހޫރަމުން އަހުމަދު ބުންޏެވެ. “ދެން ދުވަސްކޮޅަކުން ފެންނާނީ ރޫޔާވެސް…”
ރޫޔާ މޫނު ކުނިކޮށްލި މަންޒަރު ފެނިފައި އަހުމަދު ހުއްޓައިލިއެވެ.
“ދެންވެސް އުޅޭ އެތެރެއަށް ވަންނަން…”

ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެގެއަށް ރަނގަޅަށް ބަލައިލިއެވެ. ކުރިން އެގޭ ގޯތި ތެރޭ ވާތް ފަޅީގައި އިންނަ ގުދަނުގެ ބަދަލުގައި އިނީ ދެ ބުރިއަށް ނަގައިފައިވާ ގެއެކެވެ.
“ރޫޔާ ހަމަ ކުރިން އުޅުނު ކޮޓަރި.” ވާފިރާއި އިސްމާޢިލް ގޯތިތެރެއަށް ވެއްދި ފޮށީގައި ހިފަމުން އަހުމަދު އެގޭގެ ސިޓިން ރޫމަށް ވަދުނެވެ. “ރަހާވެސް އުޅެނީ ވަކި ކޮޓަރިއެއްގައި..” ސިޑި މައްޗަށް އަރަމުން އަހުމަދު ބުންޏެވެ.

ފޮށިތައް ކޮޓަރިއަށް ވެއްދުމަށްފަހު އަހުމަދު ނުކުތް މަންޒަރު ބަލަން ހުރި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެ ކޮޓަރިއަށް ވަދެ މުޅި ތަނަށް ނަޒަރު ހިންގައިލިއެވެ. މުޅި ކޮޓަރި ފާރުގައި ހުދު ކުލައިން ކުލަ ލެވިފައިވާއިރު، އެ ކޮޓަރީގެ ފަރުނީޗަރުވެސް ވަނީ އާކޮށްފައެވެ. ދެ އެނދުގެ ބަދަލުގައި އިނީ ކުއިން ސައިޒް އެނދެކެވެ. ކުރިއަށްވުރެ ބޮޑަށް އެކޮޓަރީގެ ޖާގަ ހުރިކަން ފާހަގަ ކުރެވުނެވެ. ފަހަރެއްގައި އެއީ ރަހާ ނެތް ކަމުގެ ފަޅުކަމަށްވެސް ވެދާނެއެވެ. އެ ކޮޓަރިއަކީ އެދެބެއިން އެކީ ބޭނުން ކުރި ކޮޓަރިއެވެ. މިއަދު، އެކޮޓަރި ބޭނުން ކުރަނީ އޭނާ އެކަންޏެވެ.
“ރޫ…” ކޮޓަރި ތެރެއަށް ވަދެގަތް މައިރާގެ އަޑު އިވިފައި ރޫޔާ މޫނު އަނބުރައިލިއެވެ. މައިރާގެ ފަހަތުގައި މަޑުކޮށްގެން ހުރި ޝަފަޤާއި ޝެހެނާ ފެނިފައި ރޫޔާ ނިތްކުރީގައި ފިރުމައިލެވުނެވެ.
“ރެސްޓް ކުރަން ސްޕޭސް ދޭންވިދޯ” ޝަފަޤް ޝެހެނާގެ އަތުގައި ހިފައިލިއެވެ. އެ ދެމީހުން ކޮޓަރިން ނުކުންނަން ދާން އުޅޭތަން ފެނުމާއެކު ރޫޔާ ގޮވައިލިއެވެ.
“އޯކޭއޭ. މިތާ އިށީނދެބަލަ.” އެނދަށް އިޝާރަތް ކުރަމުން ރޫޔާ ބުންޏެވެ.
“ޔަޤީންތަ؟” ޝަފަޤް އަހައިލިއެވެ. ޖަވާބުގައި ރޫޔާ ބޯ ޖަހައިލިއެވެ.

ޝަފަޤާއި މައިރާ އިށީނީ އެނދު މަތީގައެވެ. ޝެހެނާ ގޮނޑީގައެވެ. ރޫޔާ ގޮސް ހުއްޓުނީ ޝަފަޤްގެ ކުރިމަތީގައެވެ. އޭނާ ގުދުވެލައިފައި ޝަފަޤްގެ ބަނޑަށް ބަލައިލިއެވެ.
“ކިތައް މަސް މިހާރު؟” ރޫޔާ ކުޑަކޮށް ހީލިއެވެ.
“ފަސް މަސް” ރޫޔާގެ އަތުގައި ހިފައި އޭނާގެ ބަނޑުމަތީ ބާއްވަމުން ޝަފަޤް ޖަވާބު ދިނެވެ.
“ބެބީގެ ޖެންޑަރ އެނގޭތަ؟” ރޫޔާ އަހައިލިއެވެ. ޝަފަޤްގެ ތުންފަތް މައްޗަށް އަރައިފައިވާ ހިނިތުންވުން އިތުރަށް ފުންވިއެވެ. “މާދަން ނޫން އަނެއް ދުވަހު އެނގޭނެ..”
“ދެން ބުނެބަލަ، ކޮން ވާހަކައެއް ފޮރުވައިގެންތަ ތިއުޅެނީ؟” ޝެހެނާ ރޫޔާއަށް ސުވާލު އަމާޒުވުމާއެކު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހަށިގަނޑު ސީދާކޮށްލުމަށްފަހު އޭނާ ގޮސް އިށީނީ އެނދުމަތީ ހެޑްބޯޑު ކައިރީގައެވެ
“މީ.. މީގެ ދެ މަސް ކުރިން…” ރޫޔާ ނަޒަރު ތިރިކުރަމުން ފެށިއެވެ. “އަހަންނާއި… ރަޒާން… މިއީ” ކޮލު މަސްގަނޑުގައި ދަތް އަޅައިގެން ހުރެ އޭނާގެ އެކުވެރިންނަށް ބަލައިލިއެވެ. “އެނގޭނު.. ގޮޓް…ބެކް…”
“ވަޓް؟”
“ހުވާ” ޝެހެނާއާއި ޝަފަޤްގެ އަޑު މުޅި ކޮޓަރީގައި ގުގުމައިލިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ނަޒަރު ގެންދިޔައީ މައިރާއަށެވެ. “އެހެންވެ ދޯ މައިރާ އެހާ…”
“ހޫމް. އަހަރެން އަތުގައި އެބައޮތް ފޮޓޯގަނޑެއްވެސް… މަޑުކޮށްބަލަ” ޖީބުން ފޯނު ނަގަމުން މައިރާ ފޯނު ހުޅުވައިލުމަށްފަހު ފޮޓޯގަނޑެއް ސްކްރީނަށް އަރުވައިލިއެވެ. ޝަފަޤަށް އެ ފޮޓޯ ފެނުމާއެކު އަނގަމަތީ އަތް އަޅައިލެވުނެވެ. މައިރާ ޝެހެނާއަށް ފޯނު ދެއްކުމާއެކު ޝެހެނާގެ ދެލޯ ބޮޑުވިއެވެ.
“ކޮން ފޮޓޯ ގަނޑެއް؟” މައިރާގެ އަތުން ފޯނު ޖަހައިގަންނަމުން ރޫޔާ އެހިއެވެ. ފޯނުގެ ސްކްރީނަށް އަރައިފައިވާ ފޮޓޯގަނޑު ފެނުމާއެކު ރޫޔާ ހުއްޓުން އެރިއެވެ.
އެއީ ރަޒާން ރޫޔާގެ އެޕާޓްމެންޓަށް މާ ބޮނޑި ހިފައިގެން އައި ދުވަހުއެވެ. ރާޝިދު ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދޭންވެގެން އެދެމީހުން ސޯފާގައި އިށީނދެގެން އިން އިރު ނަގައިފައިވާ ފޮޓޯގަނޑެކެވެ. ރަޒާނާ ކައިރީގައި އޭނާ އިން އިރު، އޭނާގެ އަތް ވަނީ ރަޒާންގެ އަތުގެ ތެރޭ، އިނގިލިތައް ލާމެހި އެކައްޗަކަށް ވެފައެވެ. އޭނާގެ އުނގުމަތީގައި ރަޒާން ދިން މާބޮނޑި އޮތެވެ.

“ޢާއިޝަތު ރޫޔާ އިސްމާޢިލް…” ޝެހެނާ އެނާގެ ނަން ބާރަށް ގޮވައިލިއެވެ.
“އަހަރެން ނެތް އެއްވެސް އެއްޗެކޭ ބުނާކަށް” ޝަފަޤް ދެއަތް އުރައިލިއެވެ.
“ކިހިނެތްވީ މިކަން؟ ސްޕިލް ދަ ޓީ”

ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވީ ގޮތް ކިޔައިދޭން ފެށިއެވެ. ޝަފީޤްގެ ވަސިއްޔަތުން ފެށިގެން، ނަސީރުގެ ބާރު އެޅި ކައިވެނީގެ ވާހަކަ އޭނާ ކިޔައިދިނއެވެ. ހައަހަރު ފަހުން އޭނާ ރަޒާންގެ އެޕާޓްމެންޓް ކުއްޔަށް ނަގައިގެން ދިރިއުޅުމައިގެން ކުރިއަށް ދިޔަ ވާހަކަ އިން، އެ ދެމީހުންގެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކުގެ ވާހަކައެވެ. އޭނާ ނުބުނީ ނަސީރުގެ އަނިޔާވެރިކަމުގެ ވާހަކައާއި ވައްކަމުގެ ވާހަކައެވެ. ހޮސްޕިޓަލުގެ ޕާކިން އޭރިޔާ ތެރޭ އޭނާއަށް މީހަކު ހަމަލާ ދިން ވާހަކަ ހާމަ ނުކުރާކަން މައިރާއަށް ފާހަގަވެގެން، އޭނާ ރޫޔާއަށް ބަލައިލިއެވެ.

“މަޑުކޮށްބަލަ… ރަޒާން އެބުޅާ.. އެޑޮޕްޓު ކުރީ؟” ޝެހެނާ އެ ވާހަކަތަކާ މެދު ވިސްނަން ހުރެފައި ސުވާލުކުރިއެވެ.
“ހޫމް. އެ ބުޅާ އެޑޮޕްޓް ކުރި. ބުޅަލަށް ދިން ނަމަކީ މިއައު”
“ސީރިއަސްކޮށް؟”
“ޔަޕް. އެއީ ވެގެން ދިޔަ ގޮތް..” ރޫޔާ ކުޑަގޮތަކަށް ހީލަމުން އޭނާގެ ތިން އެކުވެރިންނަށް ބަލައިލިއެވެ.
“ވާއު.. މިބުނީ.. ރަޒާން އޭރު ކަންތައް ކުރީ އަސްލު ރަނގަޅަކަށް ނޫން، އެކަމަކު އަހަރެންނަށްވެސް ވިސްނޭ ދޯ. ވެގެން ދިޔަ ކަންތައްތަކަކީ ތި ދެމީހުންގެ ކުށެއް ނޫން” ޝަފަޤް ރޫޔާގެ ފައިގައި ފިރުމަމުން ބުންޏެވެ.
“ތެދެއް.. އަހަރެންގެ އުންމީދަކީ ތި ދެމީހުން އުފަލުގައި އުޅުން…” ޝެހެނާ ރޫޔާގެ އަތުގައި ހިފައިލިއެވެ.

***
ރޭގަނޑު ކައި ނިމިގެން ތަށި ދޮވެ، ތަން ސާފުކޮށްފައި ރޫޔާ ނުކުތީ ފެންޑާއަށެވެ. ޖޯލީގައި އޮށޯވެ އޮތް ވާފިރު ފެނިފައި ރޫޔާއަށް ހީލެވުނެވެ. އަތުގައި ހުރި ފެންފޮދު ފޮޅަމުން އޭނާ ގޮސް އިށީނީ ވާފިރު ކައިރީގައެވެ.
“ކުޑަ ބައްޕާ..” ފޯނުން ޚަބަރު ކިޔަން އިން ވާފިރަށް ރޫޔާގެ އަޑު އިވިފައި އެނާ އެ ފޯނު ތިރިކޮށްލިއެވެ. ރޫޔާއަށް ބަލައިލުމަށްފަހު އޭނާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ރޫޔާ ދަރިފުޅާ…” ވާފިރު ގޮވައިލުމާއެކު ރޫޔާ ބޯ ޖަހައިލިއެވެ.
“ކުޑަ ބައްޕަ ކިހިނެއްތަ؟” ވާފިރުގެ އުނގުމަތީ އޮތް ފޯއްތަބައް ނަގައި، އޭގެ ތެރޭ އޮތް ފޯއްވަޅި އަތަށް ނެގިއެވެ. ދެތިން ފޯއް ފޮތި ކޮށުމަށްފަހު އޭނާ އަނގަޔަށް ފޯއްކޮޅަކާއި ބިލެއްކޮޅެއް އަނގަޔަށް ލިޔެވެ.
“ރަނގަޅު..” ވާފިރު ނޭވާއެއް ދޫކޮށްލުމަށްފަހު ވިސްނައިލިއެވެ. “މާދަން ރޭ ވަރަށް ފޯރި އޮންނާނެ.. ދަރިފުޅު އެކަނި ކައިވެނި ނުކޮށް ހުރި މީހަކަށް ހުންނާނީ”
“ރަނގަޅެއްނު. މަންމައާއި ބައްޕައާއި ކުޑަ ބައްޕަ ބަލަން ހުންނާނީ އަޅުގަނޑު” ރާގަކަށް ރޫޔާ ޖަވާބު ދިނެވެ.
“ރަނގަޅެއްނޫން ހެއްޔޯ؟ ތިހެން ބުނާނެ މިހާރު. ނޭނގެ ،މާދަން ސޮރެއް ގެނެސް އުޅެފާނެ އިންނަން” ސަމާސާގެ ރާގަކަށް ވާފިރު ރައްދު ދިނެވެ.
“ކުޑަ ބައްޕަ ތިހެން ބުނާއިރު ހީވަނީ ކުޑަ ބައްޕަ އަޅުގަނޑު ފޮނުވާލަން އުޅޭހެން…” އެވަގުތު ރޫޔާއަށް މައިދޮރު މަތީ މަޑުކޮށްގެން ހުރި ހަލީމާ ފެނުނެވެ.
“މަންމާ، ކުޑަ ބައްޕަ އެއުޅެނީ އަޅުގަނޑު އަވަހަށް ފޮނުވާލަންވެގެން. އަވަހަށް ކައިވެނި ކުރާށޯ” ހަލީމާ ފެނުމާއެކު ރޫޔާ ބޭރު ކުރި ޖުމުލަ އިވިފައި ވާފިރު ބޯ ހޫރައިލިއެވެ.
“ކުޑަ ބައްޕައެއް ނުބުނޭ ތިހެންނަކުންނެއް.” ހަލީމާ ހިނގައިފައި އައިސް އިށީނީ ރޫޔާ ކައިރީ އިން ހުސް ޖޯލީގައެވެ. “ކުޑަ ބައްޕަ ބުނީ ކޮންމެވެސް ދުވަހަކުން ރޫޔާވެސް މީހަކާ އިންނާނެ ވާހަކަ..” ހަލީމާ ރޫޔާ އަތުގައި ހިފައިލިއެވެ. “ނޫންތަ؟”
ރޫޔާ ވިސްނައިލެވުނީ ރަޒާންގެ މަތިންނެވެ. ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެދެމީހުން ދެއްކި ވާހަކަތަކާމެދު ވިސްނައިލެވުނެވެ. އެދެމީހުންގެ ވާހަކަތައް ހުރިގޮތުން، އެދެމީހުން އަވަސް މުސްތަޤުބަލެއްގައި ކައިވެނި ކުރަން އުޅޭހެން ހީވިއެވެ.
“ބަލާބަލަ، ކޮންމެވެސް މީހެއްގެ ޚިޔާލުގައި އެހުރީ މިހާރުވެސް” ވާފިރުގެ އަޑު އިވިފައި ރޫޔާ ވާފިރަށް ބަލައިލީ މޫނު ކުނިކޮށްލަމުންނެވެ. އޭނާ ހަލީމާއަށް ނަޒަރު ބަދަލިކޮށްލިއެވެ. “މަންމާ…” ޝަކުވާގެ ރާގަކަށް ރޫޔާ ގޮވަންފެށިއެވެ.
“ވާފިރުވެސް ދޯ. ރޫޔާ އިންނަން ވީމަ އަހަރެމެން ކައިރީގައި ބުނާނެއެއްނު.. ދޯ ދަރިފުޅާ” ރޫޔާގެ ބޮލުގައި ފިރުމަމުން ހަލީމާ ބުންޏެވެ. ރޫޔާ ކުޑަކުއްޖެއްހެން ތުން ދަމަމުން ހަލީމާގެ އުނގުމަތީ ބޯ އަޅައިލިއެވެ. ޖޯލީގައި އިށީނދެ އިނދެ، މަންމަ އުނގުގައި ބޯ އަޅައިގެން އިންނަން އުނދަގޫވިޔަސް އޭނާ އެގޮތަށް އިރުކޮޅެއްވަންދެން އޮތެވެ.
***

ރަހާގެ ކޮޓަރި ދޮރުގައި ޓަކި ޖެހުމަށްފަހު ރޫޔާ އެދޮރު ހުޅުވައިލިއެވެ. މަޑުމަޑުން އެކޮޓަރިއަށް ވަދެ، ފަހަތުން ދޮރު ލައްޕައިލުމަށްފަހު، އޭނާގެ ކޮއްކޮއަށް ބަލައިލިއެވެ.
“ރޫ.. ކޮމެންޓެއް ދީބަލަ. ރަހާ ވަރަށް ރީތި ދޯ” އިށީނދެ އިން ރަހާ ކައިރިން ދުރަށް ޖެހިލަމުން ޝެހެނާ އެހިއެވެ. ކައިވެނީގެ ހުދު ހެދުމުން ޖަރީވެގެން އިން ރަހާ ފެނުމާއެކު ރޫޔާގެ ހިތަށް އަސަރު ކުރިއެވެ. ފުންނޭވާއެއް ނަގަމުން އޭނާ ފިޔަވަޅު އެޅީ، އެ ކޮއްކޮއާ ދިމާލަށެވެ.
“ރަހާ. މާޝާﷲ” ރަހާގެ ފަހަތުގައި ހުއްޓެމުން ރޫޔާ ބުންޏެވެ. ރަހާގެ ކޮނޑުމަތީ އަތް އަޅައިލުމަށްފަހު، ރޫޔާ ލޯގަނޑަށް ބަލައިލިއެވެ. ލޯގަނޑުން ރަހާއާއި ހަތަރު ކަޅި ހަމަކުރެވުމާއެކު ރޫޔާ ހިނިތުންވެލިއެވެ.
“ދޮންތާ…”
“އޯކޭ.. އަހަރެން މިދަނީ ބޭރަށް.” އެ ދެބެއިންނަށް ވަގުތު ދޭންވެގެން ޝެހެނާ އަވަހަށް އެކޮޓަރިން ނުކުތެވެ.
“ރަހާ.. ވާއު.. އަސްލުވެސް ރަހާ ވަރަށް ރީތި…” ނޭފަތް ދަމަމުން ރޫޔާ ބުންޏެވެ.
“ދޮންތަ ރޮނީތަ؟؟” ރަހާ ގޮނޑިން ތެދުވެ، ރޫޔާގެ އަތުގައި ހިފައިލިއެވެ. އޯގާތެރިކަމާއެކު ރޫޔާގެ ކަރުނަތައް ފޮހެލިއެވެ.
ރޫޔާއަށް ހެވުނެވެ. ރަހާގެ އަތަށް ބާރުކޮށްލުމަށްފަހު، ރަހާ ލައިގެން ހުރި ހެދުމަށް ބަލައިލިއެވެ. “އަދި މިއައީ ނަސޭހަތް ދޭންވެގެން ކަމަށް..” ރޫޔާ ނޭވާއެއް ނަގައިލިއެވެ.
“ރަހާ..” ދޮރު ހުޅުވުނު އަޑަށް ދެމީހުން އެކީ ދޮރަށް ނަޒަރު ހިންގައިލިއެވެ. އެކޮޓަރިއަށް ވަދެގެން އައި ހަލީމާއާއި ވާފިރު ފެނިފައި ރަހާ ފެންކަޅިވިއެވެ.
“އައްދޭ! މޭކަޕް ހަޑިވެދާނެ…” ހަލީމާ ރަހާގެ އަތުގައި ހިފަމުން، މޭޒުމަތީ އޮތް ޓިޝޫ ނަގައި، ރަހާގެ ލޯ ކައިރި ސާފުކުރަން ފެށިއެވެ.
“ދަރިފުޅާ..” ވާފިރު ކުރިއަށް ޖެހިލިއެވެ. ރަހާއަށް ބަލަން ހުރެފައި އޭނާ ހިނިތުންވެލިއެވެ. “މިއަދު ދަރިފުޅު ވެގެން ދާނީ މީހެއްގެ އަނތްބަކަށް. ބައްޕަމެންނާ ވަކިން ދިރިއުޅުމެއް ފެށިގެން ދާނެ މިރޭ. އެކަމަކު ބުނަން، މި ޢާއިލާ އަބަދުވެސް ވާނީ ދަރިފުޅާއެކު. ދަރިފުޅަށް އެ ދިރިއުޅުން އުނދަގޫވަންޏާ، މަންމައާއި ބައްޕަގެ އެހީ ހޯދަން ޖެހިލުން ނުވާތި. މީހެއްގެ އަނތްބަކަށް ވުމުގެ ކުރިން ތިއީ އަހަރެމެންގެ ދަރިފުޅު.އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެ..” ވާފިރު ރަހާގެ އަތުގައި ހިފައިގެން ހުރެ ބުނި ބަސްތަކުން ރަހާއަށް ރޮވުނެވެ. ބައްޕާއޭ ކިޔައިފައި ގޮވައިލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އަވަހަށް ވާފިރު ގައިގައި ބައްދައިގަތެވެ.
***

ކައިވެނީގެ ހަފްލާ ނިމުމާއެކު ވަލީމާ ޕާޓީ ފެށިގެން ދިޔައެވެ. ސްކޫލުގެ މާލަން އޮތީ ރަށުގެ އެކި އުމުރު ފުރައިގެ މީހުންތަކުން ފުރައިލެވިފައެވެ. އެކި ކަންކަމުގައި ޢާއިލާގެ އެކި މީހުން އުޅުނެވެ. ސާޖިދުގެ މަންމަ ފާތުން ދައްތައާއި ހަލީމާ އުޅުނީ ލަމްޔާ ފަހަތުގައެވެ.

އަތުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު، ރޫޔާ މާލަމުން ބޭރަށް ނުކުތެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ސްކޫލު ގޯތި ތެރެއިން ނުކުމެ، ބޭރު މަގުގައި މަޑުކޮށްލިއެވެ. ސްކްރީނަށް އަރައިފައިވާ ރަޒާންގެ ނަން ފެނިފައި ރޫޔާއަށް ހީލެވުނެވެ.
“ހަލޯ…” ކަންފަތުގައި ފޯނު ޖައްސައިލުމަށްފަހު ރޫޔާ ގޮވައިލިއެވެ.
“ރޫޔާ..” ރަޒާންގެ ބަރު އަޑު އިވުމާއެކު ރޫޔާ ކުޑަކޮށް ރަކިވިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އޭނާ ހިނގައިގަތީ ހަނދުވަރުގެ އަލީގައި ބަބުޅަމުން ދިޔަ އަތިރިއާ ދިމާލަށެވެ.
“ހޫމް. ކަމެއްވީތަ؟” އަރައިގެން ހުރި ފައިވާން އަތަށް ނަގަމުން ރޫޔާ ގޮނޑުދޮށަށް ފޭބިއެވެ. ހަނދުގެ ރިހި އަލިކަން، ކަނޑުގެ އަނދިރިކަމުގެ ތެރެއަށް ފެތުރިފައިވާއިރު، އޮމާން ރާޅުތައް ގޮނޑުދަށަށް ބިންދައިލި ވަގުތު، ވެލިގަނޑު މަތިން ނޫ ކުލައިގެ ފަނޑު އަލިކަމެއް ފާޅުވަމުން ދިޔައެވެ. އެ މަންޒަރު ފެނުމާއެކު ރޫޔާއަށް އާޝޯހުވިއެވެ.
“ރެދަން…” ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކު ރޫޔާއަށް ހެވުނެވެ. މަޑުމަޑުން އޭނާ ގޮސް، ގޮނޑުދޮށުގެ ރާޅު ޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.

“ގޮނޑުދޮށުގަ ތަ ތިހުރީ؟” ފޯނުން ރަޒާންގެ އަޑު އިވުމާއެކު ރޫޔާ އަވަހަށް އުޅުނީ ރަޒާނަށް އެ މަންޒަރު ދައްކަންވެގެންނެވެ. ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު އަވަހަށް ވީޑިޔޯ ކޯލަށް ބަދަލުކޮށްލިއެވެ. ރެދަން ފެންނަ ގޮތަށް އޭނާ ކެމެރާ ރަނގަޅުކޮށްލިއެވެ.
“ރަޒާން… ރެދަން އަރާ…ފަ” ސްކްރީން ފެނިފައި ރޫޔާ ހުއްޓުން އެރިއެވެ. ތެދަށް ބުނާނަމަ، ރަޒާންގެ ސޫރައިގެ ބަދަލުގައި ސްކްރީނުން ފެންނަން އިނީ އޭނާގެ ފުރަގަހެވެ. ހިތަށް ވެރިވި ޚިޔާލާއެކު އޭނާ އަވަހަށް ފަސް އެނބުރި ބަލައިލިއެވެ.
“ފެނޭ.. ނުލާހިކު ރީތިކޮށް..” ފޯނު ކަނޑައިލުމަށްފަހު ރަޒާން ހިނގައިގަތީ ރޫޔާ ހުރި ތަނާ ދިމާލަށެވެ. ފޯނު ޖީބަށްލަމުން އޭނާ ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ.
“މިއީ.. ކިހިނެއް…ކޮން…” ވާނުވާ ނޭނގިހުރެ ރޫޔާ ސުވާލުކުރަން ފެށިއެވެ. ރޫޔާގެ މޫނުމައްޗަށް އެރި ކުލަވަރު ފެނިފައި ރަޒާނަށް ހެވުނެވެ. “ސަޕްރައިޒް..މައިރާ އަށް އެނގޭނެ.” ރޫޔާގެ އަތުގައި އޭނާ ހިފައިލިއެވެ. މަޑުމަޑުން އޭނާ ގޮނޑުދޮށް މަތީ ހިނގަން ފެށީ އެއަތް ދޫކޮށްލުމެއް ނެތިއެވެ. “ވަސީމް ބުނި އަންނާށޭ.. އަހަރެން ބުނީ ވަސީމް ކައިރީ އަހަރެމެން ދެމީހުންގެ ވާހަކަ..” ރޫޔާއާއެކީ ހިނގަމުން ރަޒާން ބުންޏެވެ. އޭނާ ރޫޔާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށްފަހު ކަޅި ހިންގައިލީ، ރެދަން އަރައިފައިވާ މޫދަށެވެ.
“ދެން ތިއައީ… އަހަރެން ކައިރީ ނުބުނެ؟” ރާޅު ޖެހޭ ހިސާބުގައި މަޑުކޮށްލަމުން ރޫޔާ އަހައިލިއެވެ. އޭނާ ހެދުމުގެ ފަސްބައި ހިއްލައިލުމަށްފަހު ފައި ތެތްމައިލިއެވެ.
“ބުނީމަކައެއް ސަޕްރައިޒެއް ނުވާނެއެއްނު” ރޫޔާގެ ފަހަތުގައި މަޑުކޮށްލުމަށްފަހު ރަޒާން ރޫޔާގެ އުނަގަނޑުގައި ބައްދައިލިއެވެ. ރޫޔާގެ ކޮނޑުގައި ބޯ އެޅުމަށްފަހު އޭނާ އުދަރެހަށް ނަޒަރު ހިންގައިލިއެވެ.
“ސުވާލެއް ހިފައިގެންނޭ މިއައީ”
“ފޯނުން ތި ސުވާލު ނުކުރެވޭތަ؟” ރަޒާނަށް ލޯ އަޅައިލަމުން ރޫޔާ ރަޒާން ކޮނޑުގައި ބޯ ޖައްސައިލިއެވެ.
“ނޫން. އެއަށްވުރެ އެ ސުވާލު މާ ބޮޑު” ރަޒާން އެހެން ބުނެފައި ޖީބުން ފޮށްޓެއް ނެގިއެވެ. އެ ފޮށި އެ ދެމީހުންގެ ކުރި މައްޗަށް ގެނައުމަށްފަހު އޭނާ ރޫޔާގެ ކަންފަތާ ކައިރިވެލިއެވެ.
“ހަތް އަހަރު” ރަޒާންގެ ބަހާއެކު ރޫޔާގެ ހަށިގަނޑު ފިނިވިއެވެ. “އަހަންނަށް ރޫޔާ އެނގުނުތާ ހަތް އަހަރު ފާއިތު ވަނީ. ރޫޔާއާ ނުލާ ހަ އަހަރު ފާއިތު ވެއްޖެ. ހަތް ދިހަ ދެ މަސް. ތިން ސަތޭކަ ތޭރަ ހަފްތާ. ދެހާސް އެއްސަތޭކަ ނުވަދިހަ އެއް ދުވަސް.” ރޫޔާ އިސްނެގުމަށްފަހު ރަޒާނަށް ބަލައިލިއެވެ.
“އެ ފާއިތުވެ ދިޔަ ދުވަސްތަކުގައި އަހަރެމެން ދެމީހުން ކައިވެނިކޮށް، ދިރިއުޅުމެއް ފެށުނީސް. ޢާއިލާއެއް ބިނާކޮށް، އެކަކު އަނެކަކުގެ އުފަލާއި ހިތާމަ ތަކުގައި ބައިވެރިވެ، އެކަކު އަނެކަކުގެ އެކުވެރިޔާއަށްވެ، ވާހަކަތައް ހިއްސާކޮށް، ދެމީހުން އެކީ ކައްކާ، ސަމާސާކޮށް..” ރަޒާންގެ ކޮންމެ ބަހާއެކު، ރޫޔާގެ ހިތް އަވަސްވީ ބޮޑުކަމެއް ވާން އުޅޭހެން އިހުސާސްވުމުންނެވެ

“ބޭނުންތަ އަހަރެން ރޫޔާގެ ފިރިއަކަށް ހަދަން؟”

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ނަހަމަ – ކުރުވާހަކަ

Next

ހިތުގެ މަގުތައް-12

Next
August 29, 2026

ހިތުގެ މަގުތައް-12

Previews
August 29, 2026

ނަހަމަ – ކުރުވާހަކަ

One Comment

  1. Vy says:
    August 30, 2026 at 12:04 am

    🥹🥹🥹❤️❤️❤️❤️

Comments are closed.



All Right Reserved!