Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (33)

Thea reminisces
Thea reminisces Level 210 Stories
August 27, 2026 11 Mins Read
0 Comments

މުޅި ސަމާލުކަން ދީފަ ހުރީ ދެންމެ ރަޒާނާއި ލަމްޔާ ވެއްޓުނު ތަނަށެވެ. އެކްސިޑެންޓް ވި ކާރު ޕާކުކޮށްފައި އޮތް ގޮތުން، އޭނާއަކަށް އެދެމީހުންނެއް ނުފެނެއެވެ. އޭނާގެ ފަހަތުން މަގަށް ނިކުންނަންވެގެން ދުވެފައި އައި ޕޮލިސް މީހާގެ ކޮނޑު، އޭނާގެ ގައިގައި ޖެހުމާއެކުވެސް، އޭނާއަށް ހޭވެރިއެއް ނުވިއެވެ. ފަހަތުން ރަހާގެ ހަޅޭކުގެ އަޑު އޭނާގެ ކަންފަތަށް ވާސިލެއް ނުވިއެވެ. އޭނާއަކީ ޑޮކްޓަރެކެވެ. މިކަހަލަ ހާލަތުގައި އެންމެ އަވަހަށް ދުއްވައިގަންނަން ޖެހޭނީ އޭނާއެވެ. އެކަމަކު އޭނާއަށް އެ ފިޔަވަޅު މަތިން ގުޑައެއް ނުލެވުނެވެ.

ކާރުގެ އަނެއް ފަރާތުން، މީހުންގެ އެހީއާއެކު ތެދުވި ރަޒާން، އޭނާއަށް ފެނުނީ ފުސްވެފައިވާ ދެލޮލަކުންނެވެ. ރަޒާންގެ އަތުން ލަމްޔާ އަތުލައިގަނެ، ރަހާ ރޮއެގަނެ މަންޒަރުވެސް ފެނުނެވެ. ލަމްޔާއަށް އަނިޔާއެއް ވެފަ ހުރިތޯ ބަލަން އުޅުނު ފިރާޝްވެސް އޭނާއަށް ފެނުނެވެ. ޕޮލިހުންނާއި އެހެން މީހުންވެސް އެދެމީހުންގެ ހާލު ބަލަން އުޅުނު މަންޒަރުވެސް ފެނުނެވެ.
ހުއްޓުން އަރައިފައި އޭނާއަށް ހުރެވުނީއެވެ.

***

ޕޮލިހުންގެ އެދުމުގެ މަތިން، ލަމްޔާއާއި ރަޒާނަށް އިތުރު އަނިޔާއެއް ލިބިފައި ހުރިތޯ ބަލަންވެގެން ހޮސްޕިޓަލަށް ގެނެވުނެވެ. ޚަބަރު ލިބިގެން، މައިރާގެ އެހީގައި ސާޖިދު އީ.އާރަށް އައެވެ. އެ ހާދިސާއާ ބެހޭގޮތުން މައުލޫމާތު ހޯދަންވެގެން އުޅުނު ޕޮލިހުންނަށް އެއްބާރުލުން ދީގެން، ދެން ތިބި މީހުން އުޅުނެވެ.
ލަމްޔާ ހޮސްޕިޓަލުން ދޫކޮށްލެވޭ ވަރުވުމާއެކު ރޫޔާ، ރަހާއާއި ލަމްޔާ ދިޔައީ ރޫޔާގެ އެޕާޓްމެންޓަށެވެ. އޭރު ރޭގަނޑުވަނީ އެވެ.

އެހުރިހާ އިރު، ރޫޔާ އެއްވެސް މީހަކާ ދިމާލަށް އިސްވެގެން އެއްވެސް އެއްޗެއް ބަހެއް ބަދަލުކޮށްފައެއް ނުވެއެވެ.

ގެއަށް ވަދެވުމާއެކު، ރަހާއާއި ލަމްޔާ ދިޔައީ ރަހާގެ ކޮޓަރިއަށެވެ. ރޫޔާވެސް އޭނާގެ ކޮޓަރިއަށް ވަދުނެވެ. ދޮރު ލައްޕައިލުމަށްފަހު، އަތުގައި އޮތް ދަބަސް މުށިގަނޑު މައްޗަށް ދޫކޮށްލިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެފައި ހުރި ފަދަ ގޮތަކަށް އޭނާއަށް ހިނގައިގަނެވުނީ ޑްރެސިން ޓޭބަލާ ދިމާލަށެވެ. މޭޒުގައި އަތް ވިއްދައިލަމުން ގުދުވެ، އެންމެ ތިރީ ވަތްގަނޑު ހުޅުވައިލިއެވެ. އެ ވަތްގަނޑަށް އެއްޗެހި އެޅިފަހުން، މިއީ އެ ކަބަޑު ހުޅުވި ފުރަތަމަ ފަހަރެވެ.
ހިރަފޫހާއި ކުނޑިތަކުގެ ތެރޭގައި އޮތް އެތި ފެނުމާއެކު އޭނާ ފެންކަޅިވިއެވެ. ގިސްލުމުގެ އަޑު ބޭރުވިޔަނުދިނުމަށްޓަކައި އޭނާ އަނގަމަތީ އަތް އެޅިއެވެ. މުޅި މީހާގެ ހަށިގަނޑުން ވަރުދޫވެ، އޭނާ އެތަނުގައި އުޑުފައިން އިށީނެވެ. ނަޒަރު ވަކިނުކޮށް ބަލަން އިނީ، އެ ކަބަޑު ތެރޭ އޮތް އޭނާއާ ރަޒާންގެ ފޮޓޯ ފްރޭމަށެވެ.

އޭނާއަށް އެ ފްރޭމް އެއްލައިނުލެވުނީ ކީއްވެގެންކަން އެނގުނީ އަދި ކިރިޔާއެވެ.
އޭނާއަށް މިހުރިހާ ދުވަހު އެ ފްރޭމް ދެކެން ބޭނުން ނުވީ ކީއްވެގެން ކަންވެސް އެނގުނެވެ.
ކޮންމެ ހަގީގަތެއް އޭނާއަށް ސާފުވަމުން ދިޔަ ވަރަކަށް، އޭނާގެ ގިސްލުމުގެ އަޑު ބާރުވިއެވެ. ކޯތާފަތު މަތިން ދަތުރުކުރަމުންދިޔަ ހޫނު ކަރުނަތައް އޮހެގެން ވެއްޓުނީ، އެ ފްރޭމްގެ ބިއްލޫރިގަނޑު މައްޗަށެވެ. ކޮންމެ ތިތްކަކާއެކު، ހިރަފޫސްވެފައި އިން ފޮޓޯގަނޑު ސާފުވަމުން ދިޔައެވެ. ބެލްކެނީގެ އޮރެންޖު އަލިން، އެ ފޮޓޯގައި ހުއްޓިހުރި ރޫޔާއާއި ރަޒާންގެ ހިނިތުންވުމަށް އެޅިގެން ދިޔައެވެ.

***

މިއުވާން އޮތް އެނދު ކައިރީ އިން ގޮނޑީގައި އިށީނދެ އިން ރަޒާން ވިސްނަމުންދިޔައީ ވޭތުވެ ދިޔަ ގަޑިއިރުތެރޭ ވެގެން ދިޔަ ކަންތައްތަކާ މެދުއެވެ. ރޫޔާގެ ޢަމަލުތަކާމެދު ވަކިން ހާއްސަކޮށް ފިކުރުކުރެވުނެވެ.
“އޭތް.. ކޮން ޚިޔާލެއްގައި؟” އަތުގައި އޮތް އޫ ރަޒާންގެ މޫނު ކުރިމަތީ ހޫރަމުން މިއުވާން ގޮވައިލިއެވެ. ހޭވެރިކަންވެގެން، ރަޒާން މިއުވާނަށް ބަލައިލިއެވެ.
“މަ މިދަނީ…” ގޮނޑިން ތެދުވަންނަމުން ރަޒާން ގަމީހުގެ އަތުކުރި ރަނގަޅުކޮށްލިއެވެ.
“ކޮންތާކަށް؟”
“މި ހުރިހާ ދުވަހު އަހަރެން ނުކޮށް ދޫކޮށްލި ކަންތައް ކުރަން”
***

ރޫޔާ ކޮޓަރި ދޮރު ހުޅުވައިލުމާއެކު، ރަހާ އެތެރެއަށް ވަދެގަތެވެ. އޭނާގެ އަތު ތެރޭ ނިދާފައި އޮތް ލަމްޔާ، ރޫޔާގެ އެނދުމަތީ ބާއްވަމުން އޭނާ ރޫޔާއަށް ކަޅިއެއް އެއްލިއެވެ.
“ދޮންތާ؟ އޯކޭތަ؟” ލަމްޔާ ގައިމަތީ ރަޖާގަނޑު އަޅަމުން ރަހާ އެހިއެވެ.
“ހޫމް.. އޯކޭ..” ގަދަކަމުން ހިނިތުންވެލަމުން ރޫޔާ ޖާވަބު ދިނެވެ.
“މިދަނީ ސާޖިދު ކައިރިއަށް..” ރަހާ ހަށިގަނޑު ތެދުކޮށްލަމުން ބުންޏެވެ. “އިސްމާޢިލް ބޭ ކޮބާ؟ މިއަދު ނުވެސް ފެނޭ؟” ރަހާގެ ފަހަތުން އެކޮޓަރިން ރޫޔާވެސް ނުކުތެވެ.
“މާފުށީގައި. ރައްޓިއްސެއްގެ ކައިވެންޏަކަށް ގޮއްސަ ވީ..”
“އޯކޭ… ލަމް ހޭލާފިއްޔާ މަށަށް ގުޅައްޗޭ.. ދެން އުޅޭ އެއްޗެއް ކާން.. ހުންނާނެ ރިހަ ހަދާފަ” ރަހާ ރޫޔާގެ ގައިގައި ކުޑަކޮށް ބައްދައިލަމުން ބުންޏެވެ.
“އޯކޭ..”

ރަހާގެ ފަހަތުން މައިދޮރު ލެއްޕުމާއެކު ރޫޔާ ގޮސް ވަދުނީ ބަދިގެއަށެވެ. ކަބަޑުން ކާތަށި ނެގުމަށްފަހު، އުނދުން ކައިރީގައި މަޑުކޮށްލިއެވެ. ރިހަ އަޅާ ސަމުސާ ނަގައި، ތަށްޓަށް ރިހަ އެޅުމަށްފަހު ކާމޭޒު ދޮށުގައި އިށީނެވެ. މަޑުމަޑުން ކަމުން ދިޔައިރު، އޭނާއަށް އަނެއްކާވެސް ރޮވުނެވެ. އޭނާގެ ހާލާމެދު ފިކުރު ކުރެވުނީ އިންތިހާއަށެވެ. ފުނި ޖެހިފައި ވިސްނުންތަކުގައި އޭނާ ދިޔައީ ޣަރަޤުވަމުންނެވެ.

ކަރުނަތަކާއެކު އޭނާ ކައި ނިންމައިލުމަށްފަހު، ތަށި ދޮވެ، ފެންބޮއެ ހަދައި ގޮސް އިށީނީ ސޯފާގައެވެ. ސޯފާމައްޗަށް ދެފައި ނަގައި ބޯ އަޅައިލީ ކަކޫ މަތީގައެވެ. ދޫކޮށްލެވިފައިވާ ދިގު އިސްތަށިގަނޑުގެ ދަށުގައި، އޭނާގެ މުޅި ހަށިގަނޑު ނިވާވިއެވެ.

އެގޮތަށް އޭނާއަށް އިނދެވުނީ ކިތައް އިރަކު ކަމެއް ނޭނގޭއެވެ. ބޯ ހިއްލައިލީ މީހަކު ބެލް އަޅާއަޑު އިވިފައެވެ.

ދެފައި މައްޗަށް ތެދުވުމަށްފަހު، ކޯތާފަތް މަތީ ހުރި ތެތް ރޮނގުތައް ފޮހެލައި، އޭނާ ހިނގައިގަތީ ދޮރާ ދިމާލަށެވެ. ޕީޕް ހޯލުން ބޭރުގައި މަޑުކޮށްގެން ހުރި ރަޒާން ފެނުމާއެކު އޭނާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވައިލެވުނީ އަމިއްލަ ނަފްސަށް ބާރު ފޯރުވުމުގެ ކުރިންނެވެ.

ދޮރު ހުޅުވުމާއެކު ރަޒާނަށް އެންމެ ފުރަތަމަވެސް ފެނުނީ ރޫޔާގެ ރަތްވެފައިވާ ދެލޮލެވެ. ރޫޔާ ރޯން އިންނަތާ އިރެއް ވެއްޖެކަން އޭނާއަށް ވިސްނުނެވެ.
“ރޫޔާ…” މަޑުމަޑުން ރަޒާން ގޮވައިލިއެވެ.

ރޫޔާއަށް ހުރެވުނީ ރަޒާނަށް ބަލަންށެވެ. އޭނާއަށް އެވަގުތު އެތަކެއް އިހުސާސެއް ކުރެވުނެވެ. އެކަމަކު އޭގެ ކުރިން…

ރޫޔާ ފަހަތަށް ޖެހިލުމަށްފަހު، ސިޓިން ރޫމު ހުރަސްކޮށް ވަދުނީ އޭނާގެ ކޮޓަރިއަށެވެ. ރޫޔާ މައިދޮރު ލައްޕަން ނޫޅޭތީވެ، ގޭތެރެއަށް ވަންނަން ލިބުނު ދަޢުވަތެއްކަމަށް ދެކިގެން ރަޒާން އެ އެޕާޓްމެންޓު ތެރެއަށް ވަދުނެވެ. އަނދިރިކޮށް އޮތް އެ ސިޓިން ރޫމަށް ކިރިޔާވެސް އަލިކަމެއް ލިބިފައިވަނީ، ހުޅުވައިލެވިފައިވާ ބެލްކަނީން، ބޭރުން އެތެރެއަށް އެޅިފައިވާ އަލިކަމެވެ. އޭނާ ގޮސް ހުއްޓުނީ ސޯފާ ކައިރީގައެވެ.

ރޫޔާ ކޮޓަރިއަށް ގޮސް، ޑްރެސިން ޓޭބަލް ކައިރީ މަޑުކުރުމަށްފަހު، ވަތްގަނޑުން ނެގީ އެ ފްރޭމް ގަނޑެވެ. އަތުގެ ނޫފުށުން އޭގެ ހިރަފޫސް ފޮޅައިލުމަށްފަހު، ދެ އަތުން އޭގައި ހިފަހައްޓައިގެން ހުރެ، އޭނާ އެކޮޓަރިން ބޭރަށް ނިކުތެވެ. އިސްދަށަށްޖަހައިގެން ހުރެ، އެ ފްރޭމަށް ބަލަމުން ދިޔައިރު، އޭނާގެ ދެލޯ އަނެއްކާވެސް ފެންކަޅިވިއެވެ. ރަޒާންގެ ކުރިމަތީ މަޑުކޮށްލުމަށްފަހު އޭނާ ނޭވާއެއް ނެގިއެވެ. އިސްނަގައި ހަތަރު ކަޅި ހަމަކޮށްލުމާއެކު ދެލޯ ފުސްވިއެވެ.
“އަހަންނަކަށް…” އިތުރު ނޭވާއެއް ނަގައިލެވުނެވެ. “މިއެއް އެއްލައެއް ނުލެވުނު” އަޑު ބޭރުވީ، ބަލި ޤަބޫލުކުރި މީހެއް ފަދައިންނެވެ. ހަޤީގަތަށް ދެކޮޅު ހަދަން ހުއްޓައިލި މީހެއް ފަދައިންނެވެ.

“ހަތް އަހަރު… ވެގެން ދިޔައިރު” ރޫޔާ ރޮވެން ފެށުނެވެ. “އަހަންނަށް އެންމެ އުނދަގޫވީ..” އޭނާ އަނެއްކާވެސް އެ ފްރޭމަށް ބަލައިލިއެވެ. “މި ފްރޭމް އެއްލާލަން..”
ގިސްލެވެން ފެށުމާއެކު ރޫޔާއަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާ އަދިވެސް ބުނަން ބޭނުންވާ އެތަކެއް އެއްޗެއް އެބަހުއްޓެވެ.
‘އަހަރެން ރަޒާން މަތިން ހަނދާނެއް ނައްތައެއް ނުލެވުނު’
‘އަހަރެން ރަޒާން ދެކެ ރުޅި އެއް ނާދޭ..’
‘އަހަރެން ބޭނުން ރަޒާނާއެކު ވާން.’
‘އަހަރެން….އަހަރެން އަދިވެސް ލޯބިވަނީ ރަޒާން ދެކެ’
އޭނާ އަށް އެބަސްތަކެއް ބޭރެއް ނުކުރެވުނެވެ. އޭނާ އިސްދަށަށް ޖަހައި، އެ ފްރޭމަށް ނަޒަރު ހިންގައިލިއެވެ.

ރަޒާން އެ ފްރޭމްގައި ހިފައިލިއެވެ. މަޑުމަޑުން ރޫޔާގެ އަތުން އެ ފްރޭމް ނެގުމަށްފަހު ކޮފީ މޭޒުމަތީ ބޭއްވިއެވެ. އެއަށްފަހު، ރޫޔާގެ އިސްޖެހިފައިވާ މޫނު ދެއަތުގެ ތެރެއަށް ގެނައެވެ. އިސް އުފުލައިލުމަށްފަހު، ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.
“ރޫޔާ.”ރަޒާންގެ އަޑު އިވުމާއެކު އޭނާ ލޯ ހުޅުވައިލިއެވެ. ރޫޔާގެ މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލުމަށްފަހު ރަޒާން ރޫޔާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ދެން ނުޖެހޭނެ ރޫޔާއަށް އެ ފްރޭމް އެއްލާލަން އުޅޭކަށް.ދެން ދުވަހަކުވެސް ނުޖެހޭނެ” ރޫޔާގެ ނިތްކުރީގައި އޭނާގެ ނިތް ޖައްސައިލަމުން ބުންޏެވެ.
“އަހަރެން މިހުރީ ރޫޔާއާއެކު..”
ރޫޔާއަށް ރަޒާންގެ ބަހާއެކު ރޮއެގަނެވުނީ ކުއްލިއަކަށެވެ. ރަޒާނަށްވެސް ކުރި އަސަރެއްގެ ބޮޑުކަމުން، އޭނާގެ އަތު ތެރެއަށް ރޫޔާ ގެނައެވެ. ރޫޔާ އޭނާގެ މޭމަތީ ބޯ އަޅައިލިއެވެ. ރަޒާން ރޫޔާގެ ބޮލުގައި ފިރުމަން ފެށިއެވެ. މޫނު އަނބުރައިލުމަށްފަހު އޭނާ ރޫޔާގެ ސިކުނޑިވަޅުގައި ތުން ޖައްސައިލިއެވެ.
“އައި އޭމް ހިއަރ…”
“ރަޒާން….”
“ޔެސް.. އައި އޭމް ހިޔަރ”
“އަހަރެން ހީކުރީ ހަމަ އަސްލަށްވެސް…ރަޒާން.. ކާރު…”
“އެނގޭ.. އަހަރެން މިހާރު މިހުރީ ރޫޔާ ގާތުގައެއްނު…”
“ދެން ދޫކޮށްފަ ނުދައްޗޭ… ޕްލީޒް…”
“ނުދާނަން. އެއަށްވުރެ މާބޮޑަށް ރޫޔާ ދެކެ ލޯބިވޭ.”

____

ރޫޔާގެ ކޮޓަރިން ލަމްޔާ ކުކުރަން ފެށި އަޑު އިވިފައި ދެމީހުން ދުރަށް ޖެހިލިއެވެ. ކަރުނަތައް ފޮހެލުމަށްފަހު ރޫޔާ އަވަހަށް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ރަޒާންވެސް އޭނާގެ ފަހަތުން އައެވެ.
އެނދުގައި އިށީނދެ، ދެލޯ އުނގުޅަމުން ރޯން އިން ލަމްޔާ ފެނިފައި ރޫޔާ އަވަހަށް އެނދުގައި އީށީނުމަށްފަހު، ލަމްޔާ ނަގައި އޭނާގެ އުނގުމައްޗަށް ލިއެވެ. މަޑުމަޑުން ލަމްޔާއަށް ގޮވަމުން އޭނާ އުޅުނީ ވެގެން އުޅޭ ގޮތް ހޯދަންވެގެންނެވެ.
“ރޫއްތާ.. ލަމް ގެ މަންމަ…” ރޫޔާގެ ހެދުމުގެ ކަރުވަޅުގައި ހިފައިގެން ހުރެ ލަމްޔާ ރޮއެގަތެވެ.
އެ ހިނދުކޮޅު ތެރޭ ރޫޔާއަށް، ލަމްޔާއަށް ކުރަމުންދާ އަސަރު އިހުސާސްކުރެވުނެވެ. ލޯ ކުރިމަތީ އަމިއްލަ މަންމަ އަތުގައި ވަޅިއެޅި މަންޒަރުން ފެށިގެން، މަރުގެ ތުންފަތް މަތިން ކިރިޔާ ސަލާމަތްވި ބައްޕަގެ ހާލަތު އިހުސާސްކުރެވިފައި އެ ކުޑަ ފަސް އަހަރުގެ ކުއްޖާއަށް ކުރާނެ އަސަރު ބޮޑުވާނެއެވެ. ދިރިއުޅުމުގެ ހަޤީގަތް އެ ކުޑަ ދުނިޔޭގެ ހުވަފެނަށްވެސް ވާސިލްވިއެވެ.
“ލަމް… އިޓްސް އޯކޭ.. ދެން އެހެންނެއް ނުވާނެ…” ރޫޔާ ލަމްޔާގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ.

މަންޒަރު ބަލަން ހުރި ރަޒާން ރޫޔާއާ ކައިރިއަށް ޖެހިލިއެވެ. އެއްޗެކޭ ނުބުނެ، އޭނާ ރޫޔާގެ އަތުން ލަމްޔާ ނެގިއެވެ. ރަޒާންގެ ކޮނޑުގައި ބޯ އަޅައިގެން ރޯން އޮތް ލަމްޔާގެ ބުރަކަށީގައި ފިރުމަމުން، އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ. މަޑުމަޑުން ލަމްޔާގެ ކަންފަތް ކައިރީ އެއްޗެކޭ ކިޔަމުން ދިޔައިރު، ރޫޔާއަށް ލަމްޔާގެ ރުޔުމުގެ އަޑު މަޑު ވަމުން ދިޔަކަން ފާހަގަވިއެވެ. ލަމްޔާ ރަނގަޅަށް ނިދަނީ ކަން ޔަޤީން ވުމާއެކު، ރަޒާން އޭނާ އެނދުމަތީގައި ބާއްވައިލިއެވެ. ރަޖާގަނޑު ރަނގަޅުކޮށްލުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ.
“ތެރަޕިސްޓަކަށް ދައްކަން ނޫޅެންތަ؟” ރޫޔާގެ އަތުގައި ހިފަމުން އޭނާ އަހައިލިއެވެ.
“ނޫން. މާދަމާ ފަސްޓް ސެޝަން….” ރޫޔާގެ އަތަށް ރަޒާން ދަމައިލުމުން އޭނާ ތެދުވިއެވެ.

ރަޒާން ގޮސް ހުއްޓުނީ ބެލްކަނީ ދޮރުމަތީގައެވެ. ކާޕެޓު މަތީ އިށީނުމަށްފަހު، އޭނާ ފާރުގައި ލެނގިލިއެވެ. ކުރިމަތީ އޮތް ހުސް ޖާގައަށް އިޝާރަތް ކުރަމުން އޭނާ ރޫޔާއަށް ބަލައިލިއެވެ.
“އާދެބަލަ މިތަނަށް…”
ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ރަޒާންގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. އޭނާގެ ބުރަކަށި ރަޒާނަށް ވާގޮތަށެވެ. ރޫޔާ އިށީނުމާއެކު، ރަޒާން އޭނާގެ އުނަގަނޑުގައި ދެއަތް އަޅުވައިލުމަށްފަހު، ރޫޔާ ކައިރިކޮށްލިއެވެ.
“މިހެން އިރުކޮޅެއް ވަންދެން…” ރޫޔާގެ ކޮނޑުގައި ރަޒާން ބޯ އަޅައިލިއެވެ.
ރޫޔާގެ ގައިން ވަރު ދޫކޮށްލުމަށްފަހު، ރަޒާންގެ މޭމަތީ އޭނާވެސް ލެނގިލިއެވެ. އެއް އަތް ގެންދިޔައީ، އޭނާގެ އުނަގަނޑުގައި ހިފައިގެން ހުރި ރަޒާންގެ އަތާ ދިމާލަށެވެ. ރަޒާންގެ އަތް މަތީ އޭނާ އަތް ބޭއްވުމަށްފަހު، މަޑުމަޑުން ބޮޑުވާ އިނގިލިން، ރަޒާންގެ އަތުގެ ނޫފުށުމަތީ ފިރުމަން ފެށިއެވެ.
“ލަމް ކައިރީ ކީކޭ ރަޒާން ބުނި؟” ރޫޔާ ވިސްނަން ހުރެފައި އަހައިލިއެވެ.
“ރޫއްތާއާއި، ރަޒާންބެ ލަމް ކައިރީ ހުރި ވާހަކަ. ލަމްގެ ބައްޕަ ހޮސްޕިޓަލުގައި އޮތެއްކަމަކު، ބައްޕަވެސް ލަމް ދެކެ ލޯބިވާކަން، ރާއްތަވެސް.. މައިރާވެސް.. ލަމް ބިރުގަންނަން ނުޖެހޭނެކަން… ލަމް ހޭލަންދެން ރަޒާންބެ ހުންނާނެ ވާހަކަވެސް” ރޫޔާ ނަޒަރު ހިންގައިލީ އެނދުގައި ނިދާފައި އޮތް ލަމްޔާއަށެވެ.

“ހަތް އަހަރު…” ރޫޔާގެ ބަހާއެކު ރަޒާން ބޯ ހިއްލައިލިއެވެ. “ހާދަ ވަގުތެކޭ އެ ގެއްލުނީ.. ތެދަށް ބުނާނަމަ… ކަންތައް މިހެން ނުވިނަމަ، އަހަރެމެން ދެމީހުން ކައިވެނި ކުރެވުނީސް، ރަޒާނަށް އަހަރެންގެ ރެސިޑެންސީ ގްރެޖުއޭޝަން ފެނުނީސް،” ރޫޔާގެ އަޑު ކުރެހުނެވެ. “އަހަރެމެންނަށް ޢާއިލާއެއް ބިނާ ކުރެވުނީސް…” ރޫޔާ ދެލޯ މަރައިލުމަށްފަހު އޭނާގެ ފަޔަށް ބަލައިލިއެވެ. “އެންމެ މީހެއްގެ ދަހިވެތިކަމުގެ ސަބަބުން… އެ ނަސީބު ގެއްލުނީ…އިޓްސް ސޯ އަންފެއަރ.”

ރަޒާން ރޫޔާގެ ދަތްދޮޅީގައި އިނގިލި އަޅުވައިލުމަށްފަހު، ރޫޔާގެ މޫނު އޭނާއަށް ވާގޮތަށް އަނބުރައިލިއެވެ.
“އެނގޭ.. ދެން އެހެނަކުން ނުވާނެ…” ރަޒާންގެ އަޑުގައި ވަނީ ސާބިތުކަމެވެ. ރޫޔާ އެއްޗެކޭ ނުބުނެ ރަޒާންގެ ނިތްކުރީގައި އޭނާ ނިތްކުރި ޖައްސައިލިއެވެ.
“އަހަންނެއް ދެން ބޭނުމެއްނޫން ދުރުގައި ހުންނާކަށް. އަހަރެމެން ދެމީހުންގެ ދެމެދުގައި އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އުޅެން ވަރުބަލިވެއްޖެ…” ރޫޔާ ރަޒާނާ ހަތަރު ކަޅި ހަމަ ކޮށްލުމާއެކު، އެ ދެލޮލުގައި ފާއްދައިލި ކަރުނަތައް މިނިވަންގެން ދިޔައެވެ.
“ދެން ނުޖެހޭނެ އެހެން އުޅޭކަށް.” ރޫޔާގެ ކަރުނަތައް ފޮހެލަމުން ރަޒާން ބުންޏެވެ.
“އަހަރެންވެސް ގެއްލުނު ދުވަސްތަކާއި ވަގުތުތަކާއި މެދު ވިސްނަން.. އަބަދުވެސް.. އެއްވެސް މީހަކަށް ނޭނގޭނެ، އަހަރެން މި ދިރިއުޅުން ދޫކޮށް ރޫޔާ ކައިރިއަށް ދާން ބޭނުންވީ ވަރެއް. އެކަމަކު ބައްޕައަށްޓަކައި..” ރަޒާން ރޫޔާގެ ސިކުނޑިވަޅުގައި ތުންފަތް ޖައްސައިލިއެވެ. “ރޫޔާ ރާއްޖެ އަންނަން އެނގުމާއެކު އަހަރެން ބޭނުންވީ ރޫޔާ އަހަރެން ކައިރިއަށް ގެންނަން. ރާޝިދު އެ މަގު ކޮށައިދިނީ. އެނގޭ ކަންތައް ފެށުނީ ގޯސްކަންކަން. އެނގޭ ރޫޔާ ދޫކޮށްލުން ކަން އެންމެ ރަނގަޅީ.. އެކަމަކު އަހަންނަކަށް ރޫޔާ ދޫކޮށްނުލެވުނު. އެ ޚިޔާލުވެސް ވެގެން ދިޔައީ އަހަންނަށް ވޭނަކަށް.”
ރަޒާން ހާމަކުރި ކަންތައްތަކާމެދު ވިސްނަން އިނދެފައި ރޫޔާއަށް ހެވުނެވެ. “އެއްހާސް ރުފިޔާގެ ރެންޓް.. ”
“އައި ވޯޒް ޑެސްޕަރޭޓް” ރޫޔާގެ މޫނުމައްޗަށް އެރި ހިނިތުންވުން ފެނިފައި ރަޒާން ހީލިއެވެ. “ރޫޔާ ދެކޮޅު ހަދާނެކަން ހީވީމަ އަހަރެން އަވަހަށް ވިސްނީ ރޫޔާ މަޑުކުރެވޭނެ ގޮތެއް. ހިތަށް އެރީ ރެންޓް ފްރީކޮށްދޭންވީބާއޭ.. އެކަމަކު އެހެން ހަދާފިއްޔާ، ރޫޔާ އިތުރަށް ދެކޮޅު ހަދާނެކަން އެނގޭތީވެ ނުބުނީ.. ޓަޗިން ސްޓޯރީ ފޯ ދަ ކިޓްސް” ރަޒާން އެހެން ބުނުމާއެކު، ރޫޔާ ބޯ ހޫރައިލީ ޤަބޫލުކުރަން ދަތިވެފައެވެ. އެހެނަސް އޭނާގެ މޫނު މަތިން އެ ލުއި ހިނިތުންވުން ފިލައިގެނެއް ނުދެއެވެ.
“ރަޒާން.. ތެންކިޔު.” ވިސްނަން ހުރެފައި ރޫޔާ ބުންޏެވެ.
“ކޮންކަމަކާ؟”
“މިރޭ މިގެއަށް އައެތީ” ރަޒާން ރޫޔާ އިތުރަށް ކައިރިކޮށްލިއެވެ. އޭނާ މޭ މަތީގައި ރޫޔާއަށް ބޯ އެޅުމާއެކު، ރަޒާންގެ ހިތުގެ ވިންދު އިހުސާސް ކުރެވުނެވެ.
“ވެލް ތެންކިޔު…” ރަޒާން ރޫޔާގެ މޫނަށް ބަލައިލިއެވެ.
“ކޮންކަމަކާ؟”
“އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދިނީމަ” އެ ކުޑަ ވަގުތުކޮޅު ތެރޭގައި ބަދަލުކުރެވުނު ބަސްތަކުން އެތައް ވާހަކައެއް އެދެމީހުންނަށް އެނގުނެވެ. ހަ އަހަރު ދުވަހުގެ ވޭނުން ފެށިގެން، އެ ދެ ހިތުގައި ފޮރުވަމުން ދިޔަ ލޯތްބާއި ބެހޭ ގޮތުންނެވެ. މާޒީގެ ހަނދާންތަކުން މިންޖުނުވެ، ދިރިއުޅުމައިގެން ކުރިއަށް ދާން ޖެހުނު ގޮތެވެ. އެކަކު އަނެކަކުގެ އިހުސާސްތައް ބަންޑުން ކޮށްލެވުނީ، މަދު ޖުމުލަތަކަކުންނެވެ.

ރޫޔާ އާފުރޭތަން ފެނުމާއެކު ރަޒާންގެ ހިނިތުންވުން ފުން ވިއެވެ. ރޫޔާ އިން ގޮތް ރަނގަޅުކޮށްލުމަށްފަހު، އޭނާ ރޫޔާގެ ބޯ ގެނެސް މޭ މަތީ ބޭއްވިއެވެ.
“ނިދަން އުޅޭ ދެން.. އަހަރެން ހުންނާނަން ރޫޔާއާއެކު..”
“ރަޒާންވެސް ނިދާތި…”
“ހޫމް…”

ރޫޔާ ނިދެން ދެން ރަޒާން އިނީ ރޫޔާއަށް ބަލަންށެވެ. ރޫޔާގެ ނޭވާ ހަމައަކަށް އެޅުމާއެކު، ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. އިސްދަށަށް ޖެހުމަށްފަހު އޭނާ ރޫޔާގެ ނިތްކުރީމަތީ ލުއިކޮށް ބޮސް ދިނެވެ.
“ލަވް ޔޫ.. ނޫރުލް ޢައިން”
***

ޑިސްޗާޖު ޕޭޕަރުތައް ހިފައިގެން ރޫޔާ ވަދުނީ ސާޖިދު އޮތް ކޮޓަރިއަށެވެ. ސާޖިދު ކައިރީ މަޑުކޮށްގެން ހުރި ހަމްދާނާއި ފާތުން ދައްތަ ފެނިފައި ރޫޔާ ހީލިއެވެ. ފަހަތުން ދޮރު ލައްޕައިލުމަށްފަހު އޭނާ ގޮސް މަޑުކޮށްލީ ސާޖިދު ކައިރީގައެވެ.
“ފާތުން ދައްތާ…” ރޫޔާ ގޮވައިލިއެވެ.
“ރޫޔާ އެކޮއެ.. އެކޮއެ ދޯ މިސޮރުގެ ޑޮކްޓަރަކީ” ސާޖިދުގެ އަތުގައި ލޯބިން ޖަހައިލަމުން ފާތުމަ ރޫޔާއަށް ބަލައިލިއެވެ.
“ތެދެއް. ރޫޔާ ދައްތަތަ ދޮންބެ އޮޕަރޭޝަން ކުރީ؟” ގޮނޑީގައި އިށީނދެއިން ހަމްދާން ހަށިގަނޑު ތެދުކޮށްލަމުން އަހައިލިއެވެ.
“ހޫމް.”
“އެހެން ވިއްޔާ، ރޫޔާ ދައްތަގެ އަތް ދޮންބެގެ ބަނޑުތެރޭއަށް ލިން ދޯ؟” ހަމްދާން އަމިއްލަ އަތުގެ މުލައްދަނޑީގައި ހިފައިގެން ހުރެ ރޫޔާއަށް އެ އަތް ދައްކައިލިއެވެ.
“ހަމްދާން!!” ސާޖިދު ހަމްދާނަށް ދެލޯ އަޅައިލިއެވެ
“ސާބަސް ދަރިފުޅާ!!” ފާތުމަ ބޯ ހޫރައިލިއެވެ.
“ކޫލް.. މަވެސް ވާން ވީ ކަންނޭނގޭ ސާރޖަންނަކަށް” ހަމްދާން އެއް ބުމަ އަރުވައިލުމާއެކު ސާޖިދު ނޭވާއެއް ދޫކޮށްލިއެވެ.
“ހުވާ މިބުނީ.. ރޫ.. އަޅާނުލާ.. ޕޭޕާރ ހިފައިގެން ދޯ ތިއައީ”
ރޫޔާ ސާޖިދަށް ނަޒަރު ގެންދިޔައެވެ. ޒަޙަމްތަކަށް ގޭގައި ފަރުވާ ދޭންވިގޮތާއި، ރަނގަޅުވަންދެން ކަންތައްތައް ކުރަންވީ ގޮތް ކިޔައިދިނުމަށްފަހު ރޫޔާ އެ ކޮޓަރިން ނިކުތެވެ.

***
މައިރާ ކުރިމަތީ ކޮފީތަށި ބެހެއްޓުމަށްފަހު ރޫޔާ އޭނާގެ ފޯނު ހުޅުވައިލިއެވެ. ޔޫޝާ އެންމެ ފަހުން ފޮނުވި މެސެޖު ހުޅުވައިލުމަށްފަހު އޭނާ މައިރާއަށް ފޯނު ދައްކައިލިއެވެ. އެއަށްފަހު ސޯފާ މަތީ އިށީނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ހުޅުވައިފައި އިން ބެލްކަންޏަށް ބަލައިލިއެވެ. ހަވީރުގެ ފިނިވައި އެ ސިޓިން ރޫމުގެ ތެރެއަށް ވަދެގެން އަންނައިރު، އޭނާގެ ހިތަށް ކުޑަ ލުއި ކަމެއް ލިބުނެވެ.

“ޔޫޝާ އިނީ އަހަރެންގެ ނަމްބަރ ވެސް ބްލޮކް ކޮށްލާފަ. އަހަރެން ރައްޓެއްސިއްގެ ފޯނުން ޔޫޝާގެ ނަމްބަރ އަށް ގުޅީމަ ބުނި ފޯނު ސާރވިސުން ބޭރުކަމަށް..”
މައިރާ ވިސްނައިލުމަށްފަހު ބުންޏެވެ.
“ދެން އޭގެ މާނައަކީ.. ނަސީރަށް ފަޅައެރީއޭ ތަ؟” ރޫޔާ ހަށިގަނޑު ސީދާކޮށްލިއެވެ.

މައިރާ ނޭވާއެއް ދޫކޮށްލުމަށްފަހު، މޭޒު މަތިން ކޮފީތަށި ނަގައި ކޯވަރެއް ބޯލިއެވެ. “ބޮޑަށް ހީވަނީ ތިހެން..” މައިރާ ރޫޔާއަށް ބަލައިލިއެވެ. “ދެން ކިހިނެއް ހަދާނީ؟”
ރޫޔާ ސޯފާގައި ލެނގިލުމަށްފަހު، ސޯފާގެ ބެކްރެސްޓުގައި ބޯ އަޅައިލިއެވެ. ތެދެކެވެ. އޭނާ އެކަން ހުއްޓައިލަންވީ ހެއްޔެވެ؟ ނޫނީ ކުރިއަށް ދާންވީ ހެއްޔެވެ؟ ލޯ މަރައިލުމާއެކު ހިތު ލޮލަށް ސިފައިވީ، އޭނާއަށް ބަރޯސާވެގެން އުޅޭ ބަލިމީހުންނެވެ. އޭނާގެ ފަރާތުން ޢިލްމު އުނގެނެން އުޅޭ ރެސިޑެންޓުންނެވެ. އޭނާ އާއެކު މަސައްކަތް ކުރާ ނަރުހުންގެ މަތިންނެވެ. ޑރ. ރާޝިދުގެ މަތިންނެވެ. ޔޫޝާގެ މަތިންނެވެ.

“ހަމަ ކުރިއަށް ދާނީ…” ރޫޔާ ބުންޏެވެ. “ޔޫޝާ ކަމެއްވެގެން ޕުލް އައުޓް ކުރީ.. އަހަރެންގެ ހިތް ބުނަނީ އެހެން. އަހަރެމެންނާ އެއްބައި ވި ފުރަތަމަ ދުވަހުވެސް ޔޫޝާއަށް އެނގޭ ކޮންމެވެސް ދުވަހަކުން ނަސީރަށް އޭނާގެ ބައިވެރިވުން އެނގޭނެކަން. އަހަރެމެން މިކަން މިހާރު ހުއްޓައިލައިފިނަމަ، ޔޫޝާގެ މަސައްކަތް ވެގެން ދަނީ ފެނަށް..” ރޫޔާ މައިރާއަށް ބަލައިލިއެވެ. އެއަޑުގައިވަނީ ސާބިތުކަމެވެ.

“އޯކޭ. ރޫ ބޭނުންވާ ގޮތެއް..” މައިރާ ފޯނު ހާވަމުން ޖަވާބު ދިނެވެ. “އެކަމަކު ކުރިންވެސް ބުނިހެން.. އެ ފައިލް ތަކުގެ އަސްލު ލިބިގެން ކޭސް އެއް ބިލްޑް ކުރެވޭނީ.. ޔޫޝާ ނެތަސް އަހަރެމެންނަށް މަޢުލޫމާތު ހޯދޭނެ ގޮތް ހެބަހުއްޓެއްނު…”
“ތިބުނީ…” ރޫޔާ ހަށިގަނޑު ސީދާވިއެވެ.
“ޑރ. ރާޝިދު”

***
ފާރުގައި ހަރުކޮށްފައި އޮތް ގަޑިއަށް ރޫޔާ އިރުއިރުކޮޅާ ނަޒަރު ހިންގައިލެވެނީ ރާޝިދު އަންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.
“މައި.. ޔަޤީންތަ؟” ރޫޔާ ކައިރީގައި އިން މައިރާއަށް މޫނު އަނބުރައިލިއެވެ.
“ރޫ އެއްނު ޑރ. ރާޝިދާ އެންމެ ގާތްކޮށް އުޅެނީ…” މައިރާ ދެއަތް އުރައިލައިގެން ހުރެ ބުންޏެވެ.

ދޮރުގެ ބެލް އަޑު އިވިފައި މައިރާ ގޮސް ދޮރު ހުޅުވިއެވެ. މައިރާގެ ފަހަތުން އެގެއަށް ރާޝިދު ވަދެގެން އައި މަންޒަރު ފެނިފައި ރޫޔާ ސޯފާއިން ތެދުވިއެވެ.
“ކޮން ވާހަކައެއް ދައްކަން ވެގެން މިއުޅެނީ؟” ލުއި ގޮތަކަށް ހީލަމުން ރާޝިދު ސޯފާގައި އިށީނެވެ.

ރައްދުގައި ރޫޔާ ބަލައިލީ މައިރާއަށެވެ. މައިރާވެސް ބަލައިލީ ރޫޔާއަށެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ނަޒަރު ބަދަލުކޮށްލީ ރާޝިދަށެވެ.
“ބޭބެ.. މީ.. ހޮސްޕިޓަލުގެ ކަމެއް..” ރޫޔާ ހަށިގަނޑު ސީދާކޮށްލުމާއެކު މޫނު މައްޗަށް އެރި ސީރިއަސްކަން ފެނިފައި ރާޝިދުވެސް ސީރިއަސްވިއެވެ.
“ބުނެބަލަ..”
ރޫޔާ މޭޒުމަތީގައި ބާއްވައިފައި އޮތް ފައިލް ނަގައި، އެ ފައިލް ތެރޭ ހުރި ގަނޑުތައް ނަގައި ރާޝިދަށް ފެންނަ ގޮތަށް މޭޒުމަތީ ބޭއްވިއެވެ. އޭނާ ރާޝިދަށް އެ ކިޔަން ފުރުސަތު ދިނުމަށްފަހު ވާހަކަ ފެށިއެވެ.
“ހޮސްޕިޓަލުން ކޮންމެވެސް ބައެއްވެގެން ބޭސްތައް ޑިވާޓްކޮށް، އެމްބެޒެލް ކުރަމުންދާކަން އެނގޭތަ؟” ރޫޔާގެ ސުވާލާއެކު ރާޝިދު އިސްއުފުލައިލައި ރޫޔާއަށް ބަލައިލިއެވެ. “އަހަރެން ބޭނުން އެކަން ހުއްޓުވަން. ކޮންމެ ގޮތެއްވިޔަސް، އޭގެ ގެއްލުން ލިބެނީ ޕޭޝަންޓުންނަށް. ވަޒީފާ ދަމަހައްޓަންށޭ ކިޔާފަ އަހަރެން ހަނު ހުންނާކަށް ބޭނުމެއްނޫން..”
ރާޝިދު ރޫޔާގެ ބަސްތައް އަޑު އިވިފައި ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެގަނޑުތައް ތިރިކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“އެހެންވެ ދޯ ޔޫޝާ ރޫޔާގެ ނަމްބަރ ހޯދި…”ރާޝިދު ބުނި ބަސްތަކުން މައިރާއާއި ރޫޔާ ދެބުމަ ގޮށްޖެހުނެވެ. “ބޭބެއަށް އެނގޭ” އެދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު، ރާޝިދަށް ބަލައިލިއެވެ. ދެމީހުންގެ ނަޒަރުގައި ނުބުނެވި ހުރި ސުވާލުތައް އިހުސާސްވުމާއެކު ރާޝިދު އެ ގަނޑުތައް އަނެއްކާވެސް ނެގިއެވެ.
“ދެން ކީއްވެ އެއްޗެކޭ ނުބުނީ؟”

ރާޝިދު އެ ގަނޑުތަކަށް ބަލަން ހުރެފައި ރޫޔާއަށް ބަލައިލިއެވެ. އެ މޫނުމައްޗަށް އަރައިގެން ދިޔަ މާޔޫސްކަން ފެނިފައި ރޫޔާ ހުއްޓުން އެރިއެވެ.
“ބޭބެ އަށް އެނގޭ މިކަން ވެގެން އުޅޭކަން، ރޫޔާ މި ހޮސްޕިޓަލަށް ޖޮއިން ކުރުމުގެ ކުރިން. ބޭބެވެސް އުޅުނިން މިކަން ކަމާބެހޭ ފަރާތަށް އަންގަން، އެޑްމިންނަށްވެސް އެންގިން، ފަހުން ރޭކާލަން ފެށީ މިއީ ބާރު ހުރި މީހުން ކުރަމުން އަންނަ ކަމެއްކަން. ބޭބެއާއެކު އުޅުނު އެހެން ޑޮކްޓަރެއް އެމީހުން ހޮސްޕިޓަލުން ވަކިކޮށްލި. އޭނާ ޑީޕޯޓް ކޮށްލި. އޭނާ ހޮސްޕިޓަލުން ވައްކަން ކުރިކަމަށް ތުހުމަތުކޮށް، އޭނާގެ ލައިސެންސް ބާތިލްކުރި.. ހަމައެކަނި ބޭބެއަށް ފިލާވަޅެއް ދޭންވެގެން. އެހިސާބުން ބޭބެ ހުއްޓައިލީ…” ރާޝިދުގެ އަޑުން އޭނާ ލަދުގަނެފައި ހުރި ވަރު އެނގެއެވެ. އޭނާ ނޭވާއެއް ދޫކޮށްލުމަށްފަހު އެ ގަނޑުތައް އެއްލިއެވެ.

“އަޅުގަނޑަށްވެސް އެނގޭ ތިކަން…” ރޫޔާ ރާޝިދާ ހަތަރު ކަޅި ހަމަކޮށްގެން ހުރެ ބުންޏެވެ. “އަޅުގަނޑަށް އެނގޭ، ކޮންމެވެސް ދުވަހަކުން ނަސީރަށް މި ތަހުގީގު އެނގޭނެކަން، ނޫނީ މިހާރު އެނގިފައި އޮންނާނީ.. އެކަމަކުވެސް، އަޅުގަނޑު ބޭނުމެއް ނޫން ޕޭޝަންޓުންނަށް ގެއްލުންވާނެ ގޮތަށް ކަންތައްތައްދާން ދޫކޮށްލާކަށް. އެހެންނޫނީ އަހަންނަކަށް ޑޮކްޓަރ އެއް ނުކިޔޭނެ…” ރޫޔާ އަޒުމާއެކު ކުރިއަށް ދިޔައެވެ.
ރާޝިދު ރޫޔާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށްފަހު ބަލައިލީ މައިރާއަށެވެ. މައިރާއަށް ރާޝިދުގެ ނަޒަރު އިހުސާސްވުމާއެކު ބޯ ޖަހައިލީ އެއްބަސްވާންވެގެންނެވެ.
ގޮތް ދޫކޮށްލުމަށްފަހު ރާޝިދުވެސް އެންމެ ފަހުން ބޯ ޖަހައިލިއެވެ. “މައްސަލައެއް ނެތް، ބޭބެ އެހީވާނަން. ބޭބެ އަތުގައި އޮންނާނެ އާރކައިވް އެކްސެސް، ދެން ބޭނުންވާ އެއްޗެއްވެސް ބޭބެއަށް ލިބޭނެ އުނދަގުލަކާ ނުލާ…” ރާޝިދަށް، ރޫޔާގެ ނަޒަރުގައިވާ ސާބިތުކަން ފެނިފައި ހިތަށް ހިތްވަރެއް ލިބުނެވެ. އޭނާ ބައިވެރިވާން އެ އުޅެނީ އޭގެ މުސްތަޤުބަލު އޮތް ގޮތް ނޭނގޭ ކަމަކަށެވެ. އެހެނަސް، މީހުންގެ ހައްގަށްޓަކައި، ރޫޔާ އަތުކުރި އޮޅައިލައިގެން އެހުރީ އެ ބިރަށް ފުރަގަސް ދީގެންނެވެ.
ރޫޔާއާއި މައިރާ އެކަކު އަނެކަކަށް ބަލައިފައި ހިނިތުންވެލިއެވެ. މައިރާ ފުންނޭވާއެއް ނެގުމަށްފަހު އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ. ރާޝިދު ކައިރީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ދެމީހުން މަޝްވަރާ ކުރަން ފެށިއެވެ. ރޫޔާ ސޯފާއިން ތެދުވެ، ބަދިގެއަށް ވަދެ އުޅުނީ އެ ދެމީހުންނަށް ކޮފީއާއި ބިސްކޯދު ތައްޔާރު ކުރަންށެވެ.

ޓްރޭއެއް މަތީ ކޮފީތަށްޓާއި، ބިސްކޯދު ތަށި ބެހެއްޓުމަށްފަހު، އޭނާ އެ ޓްރޭ ހިފައިގެން މަޑުކޮށްލީ ކޮފީ މޭޒު ކައިރީގައެވެ. ކޮފީ މޭޒުމަތީ ތަށިތައް އަތުރަމުން ދިޔަ ވަގުތު އޭނާގެ ފޯނަށް މެސެއްޖެއް އައެވެ. ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސައިލުމަށްފަހު އޭނާ ފޯނު ނަގައި މެސެޖު ކިޔައިލިއެވެ.
“މައި… އަވަހަށް އެއްޗެހި ފޮރުވާ…” ރޫޔާ މޭޒުމަތީ ހުރި ގަނޑުތައް ނަގަން ފެށިއެވެ. “ރަޒާން އެބަ އާދޭ!”

“ކީއްވެ!!” ވާނުވާ ނޭނގި ހުރެ މައިރާ އަހައިލިއެވެ. މައިރާއާއި ބައިވެރިވާން ވެގެން ރާޝިދުވެސް ރޫޔާއަށް ބަލަން ހުރިއެވެ.
“އެއީ، އަހަރެން އަދި ބޭނުމެއް ނޫން ރަޒާނަށް މިކަން އެނގެން..” ގަނޑުތައް ނަގައި، މޭޒުގެ ވަތްގަނޑަށް ލަމުން ރޫޔާ ބުންޏެވެ. ތެދަށް ބުނާނަމަ، އޭނާ ރަޒާން އެކަމުގެ ތެރެއަށް ވައްދަން ބޭނުންނުވަނީ އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. ރަޒާންގެ އަތުން ގެއްލޭނެ އެއްޗެހި ގިނަވެގެންނެވެ. ނަސީރަށް ރަޒާން ބައިވެރިވެގެން އުޅޭ ހިސާބުން ރަޒާންގެ ޢާއިލާއާއި ވިޔަފާރީއަށް ގެއްލުންވާގޮތަށް ކަންތައްތައް ކުރާނެކަން އޭނާއަށް ޔަޤީނެވެ.

“ރޫ. އަހަރެންގެ ސުވާލަކީ ކީއްވެގެން ރަޒާން މިގެއަށް އަންނަނީ؟” މައިރާ އުނަގަނޑުގައި ދެއަތް އަޅުވައިގެން ހުރެ ކުރި ސުވާލުން ރޫޔާ ހުއްޓުން އެރިއެވެ. އިސް އުފުލައިލައިފައި މައިރާއަށް ބަލައިލިއިރު، ހީވީ، އޭނާ ވަގަކަށް ވެގެން އުޅެނިކޮށް ފަޅަ އެރިހެންނެވެ.
“ރެންޓް ދައްކާ ދުވަހެއް ނޫން މިއަދަކީ..” މައިރާ ބޯ އަރިކޮށްލުމަށްފަހު ރޫޔާއަށް ދެލޯ ހަނިކޮށްލިއެވެ.
“ރޫ…”
“ނަތިން…” ދޮރުގައި ބެލް ޖެހި އަޑު އިވިފައި ތިން މީހުންގެ ނަޒަރު ދިޔައީ މައިދޮރަށެވެ. ރޫޔާ އަވަސްއަވަހަށް ފިޔަވަޅުތައް އަޅަމުން، ދޮރު ކައިރީ މަޑުކޮށްލިއެވެ. ފަހަތުން މައިރާވެސް އައެވެ. މޭމަތީ އަތް ހަށަން ބަނދެގެން އޭނާ ހުރީ ރޫޔާއަށް ބަލަންށެވެ.
ދޮރު ހުޅުވައިލުމާއެކު، ރޫޔާގެ އަތުގައި ޖެހުނީ މާބޮނޑިއެކެވެ. ރަތާއި ހުދު ކުލައިގެ ކާރނޭޝަން މާ ބޮނޑި ފެނުމާއެކު ރޫޔާ ދެލޯ ބޮޑުވިއެވެ. އޭނާ މަޑުމަޑުން ނަޒަރު ގެންދިޔައީ، ދޮރު މަތީ މަޑުކޮށްލައިގެން ހުރި ރަޒާނަށެވެ.
“މިއީ…” މާބޮނޑީގައި ހިފަމުން ރޫޔާ ރަނގަޅަށް ދޮރު ހުޅުވައިލިއެވެ.
“ރޫ… ފްލާވާރސް؟؟” ރޫޔާގެ އަތުގައި މާބޮނޑިފެނިފައި މައިރާ އަނގަ ހުޅުވުނެވެ. އޭނާއަށް ލޯ ކުރިމަތިން ފެންނަމުންދާ މަންޒަރުތަކާ މެދު ވިސްނުމާއެކު އަނގަމަތީ އަތް އަޅައިލެވުނެވެ. މައިދޮރު ހުރަސްކޮށް، އެ އެޕާޓްމެންޓް ތެރެއަށް ވަދުނު ރަޒާން ރޫޔާގެ އަތުގައި ހިފައިލުމަށްފަހު، ހީލި ގޮތް ބަލަން ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ.
“އަހުމަދު..” މައިރާގެ ފަހަތުގައި މަޑުކޮށްލި ރާޝިދަށްވެސް އެ މާބޮނޑި ފެނުނެވެ. އޭނާ ރޫޔާއަށް ކަޅި އެއްލުމަށްފަހު ރަޒާނަށް ބަލައިލިއެވެ.
ގަތް ލަދުން ރޫޔާ އެހެން މީހުންނަށް މޫނު ފޮރުވައިލިއެވެ. ރޫޔާގެ ފަރާތުން ފެނުނު ޢަމަލުން މައިރާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.
“ރާޝިދުބޭ.. ކީއްކުރަނީ މިތާ؟” ރަޒާން ރާޝިދު ކައިރިއަށް ޖެހިލަމުން އެހިއެވެ. އޭނާ ރާޝިދުގެ ކުރިމަތީ މަޑުކޮށްލުމާއެކު ރާޝިދު ސުވާލުކުރަން ފެށިއެވެ.
“ބޭބެއެއްނު ތި ސުވާލު ކުރަން ޖެހޭނީ؟ އަހުމަދު ކީއްކުރަން މިގެއަށް ތިއައީ؟ އެވެސް.. މާބޮނޑިއެއް ހިފައިގެން…” ރާޝިދުގެ ސުވާލު އިވިފައި ރަޒާން މޫނު އަނބުރައިލީ ރޫޔާއަށެވެ. ތުންފަތަށް ކުޑަ ހިނިތުންވުމެއް ގެންނަމުން އޭނާ ރޫޔާއާ ހަތަރު ކަޅި ހަމަކުރިއެވެ.
“ތެދެއް ރޫޔާ. އަހަރެން މިގެއަށް މިއައީ ކީއްކުރަން؟؟”
_____

 

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އާއެކޭ ލޯބިވޭ… ފަސްދޮޅަސްތިންވަނަބައި (މަލާހާގެ އެނގިގެންދިޔަ ހަޤީޤަތް)

Next

ހިތުގެ މަގުތައް-11

Next
August 27, 2026

ހިތުގެ މަގުތައް-11

Previews
August 27, 2026

އާއެކޭ ލޯބިވޭ… ފަސްދޮޅަސްތިންވަނަބައި (މަލާހާގެ އެނގިގެންދިޔަ ހަޤީޤަތް)



All Right Reserved!