ނޭދެން ވަކިވާކަށް 38 ވަނަ ބައި
އެ މެސެޖު ކިޔާލުމާއިއެކު ޔޫލީގެ ހިތަށް ލިބުނު އަނިޔާ އިތުރަށް ބޮޑުވެ، ނަފުސު ބިރުވެރިކަމުން ވަށާލިއެވެ. އޭނާ އަވަސްއަވަހަށް އެ ފައިލާއި ފޮޓޯތައް ގިފްޓް ބޮކްސްގެ ތެރެއަށް ލައި، ސޯފާގެ ދަށުގައި ފޮރުވާލީ މާންއަށް ފެނިދާނެތީއެވެ.
*****
މާންއާއި ޒޯޔާ ތިބީ މާންގެ ކެބިންގައެވެ. ދެމީހުންގެ ސަމާލުކަން ހުއްޓެވިފައިވަނީ، ކުރިމަތީގައިވާ މޭޒުމަތީގައި ފަތުރާލެވިފައިވާ ރިސޯޓު ޕްރޮޖެކްޓުގެ ކުރެހުންތަކަށެވެ.
“މަންނު… އަދިވެސް އަހަރެންނާއިމެދު ހިތްހަމަނުޖެހިފައިތަ؟” މަސައްކަތް ނިންމާލުމަށްފަހު ކުރެހުންތައް އެއްކުރަމުން، ޒޯޔާ މާޔޫސީ ރާގެއްގައި އަހާލިއެވެ.
“ކޮންކަމަކާ؟” މާންއަށް ޒޯޔާގެ ވާހަކައިގެ މިސްރާބު ރަގަނޅަށް އެނގުނު ކަމުގައިވިޔަސް އޭނާ ކޮށްލީ ސުވާލެކެވެ.
“އަހަރެންނަށް ޔަގީން އެނގޭނެކަން … އަސްލު އަހަރެންނަށް ވެސް މިހާރު ވިސްނިއްޖެ .. މަންނުގެ ދިރިއުޅުމުގަ ޔޫލީ މަންނު އަށް މުހިންމު ވަރު… އެހެންވީމަ މަންނު އަށް ދެން އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނާނެ.. އެކަމަކު އަހަރެން އަބަދުވެސް ބޭނުން މަންނު ގެ ރައްޓެއްސެއްގެ ގޮތުގަ ހުންނަން… އެ މަގާމު ވެސް އަހަރެންނަށް ނެތްތަ؟” އޮމާންކަމާއި އެކު ޒޯޔާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ޒޯޔާއަކީ އަހަރެންގެ ޅަ އުމުރުން ފެށިގެންވެސް އަހަރެންގެ ރައްޓެއްސެއް …. އެ މަގާމަކީ ޒޯޔާއަށް އަބަދުވެސް އަހަރެންގެ ދިރިއުޅުމުން ލިބޭނެ މަގާމެއް.” މާން ޖަވާބު ދިނެވެ.
“މަންނު ޔޫލީ ދެކެ ވަރަށް ލޯބިވާކަން އެނގޭ އަހަރެންނަށް .. އެކަމަކު ހަމަ ހީވަނީ މަންނު ގެ ފަރާތުން އެ ލޯބި ޔޫލީއަށް ހާމަ ކޮށްދެވޭބާއޭ؟ ” ޒޯޔާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލީ، ހެޔޮއެދޭ ތެދުވެރި އެކުވެރިއަކު އަހާލާ ފަދަ އޯގާތެރި ގޮތަކަށެވެ.
“ކިހިނެއްވީ ތިހެން އެހީ؟” މާން ދެލޯ ހިމަ ކޮށްލަމުން ޒޯޔާއަށް ބަލައިލިއެވެ.
“ވެދާނެ އަހަރެންނަށް މަންނު އެނގޭތީކަމަށް” ޒޯޔާ ފުން ނަޒަރަކުން މާންއަށް ބަލައިލަމުން ބުނެލިއެވެ. މާން އެއްޗެއް ނުބުނެ ބުމަ އަރުވާލިއެވެ.
“މަންނު އަސްލުވެސް…. އެކްސްޕްރެސް ޔުއަރ ސެލްފް ބެފޯ އިޓްސް ޓޫ ލޭޓް” އެހެންބުނެ ފަސް އެބުރިލިއިރު ޒޯޔާގެ މޫނުމަތީގައިވި އޯގާތެރި ކުލަވަރު މުޅިން ގެއްލި، ނުލަފާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ މަޅި ޖަހައިފިއެވެ. ދެން އޭނާ ފާރަވެރިވެ ބަލާނީ އެ މަޅިއަށް މާން ފެތޭތޯއެވެ. މިއީ ކޮންފަދަ ނުބައި، މަކަރުވެރި ކުޅިވަރެއް ހެއްޔެވެ!
*****
މާން އޮފީސް ނިންމާލުމަށްފަހު ގެއަށް އައިސް ކޮޓަރިއަށް ވަނީ ޒޯޔާ ދެއްކި ވާހަކަތަކުން ހިތަށް ލިބުނު ހިތްވަރާއިއެކުގައެވެ. ‘އެކްސްޕްރެސް ޔުއަރސެލްފް ބެފޯ އިޓްސް ޓޫ ލޭޓް’ ޒޯޔާގެ އެ ޖުމްލައިން މާންއަށް ވިސްނުނީ، އޭނާގެ ހިތުގައި ޔޫލީއަށްޓަކައިވާ ފުން ލޯބި އަވަހަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ.
މާން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަތް އިރު، އެނދުގެ ކަނެއްގައި މާޔޫސްކަމާއިއެކު، މޯޅިވެފައި އިން ޔޫލީ ފެނުމުން މާންގެ މޫނުމަތީގައިވި ހިނިތުންވުން އިސާހިތަކު ފަނޑުވެގެން ދިޔައެވެ. ޔޫލީގެ މޫނުމަތިން ފެންނަމުންދިޔައީ ފުން ހިތާމައާއި، ހިތްދަތިކަމުގެ އަސަރުތަކެކެވެ.
“ޔޫލީ… ކިހިނެއްވީ؟” މާން ކަންބޮޑުވުމާއިއެކު ގޮސް ޔޫލީގެ ކައިރީގައި އެނދުމަތީގައި އިށީނެވެ.
“ކަމެއް ނުވޭ…” ޔޫލީ އިސްޖަހާލަމުން، މާންގެ ނަޒަރާ ދުރުވެލިއެވެ. އޭނާގެ އަޑުގައިވި ތުރުތުރު މާންއަށް ސިއްރެއް ނުވިއެވެ.
މާން ޔޫލީގެ މޫނުމަތިން އެ ފެންނަ މޯޅިކަން ކަނޑުވާލައި، އޭނާގެ އުފާވެރިކަން އަނބުރާ ގެނެސްދޭން ބޭނުންވިއެވެ. ޒޯޔާގެ ވާހަކަތަކުގެ ސަބަބުން އަމިއްލަ އިހުސާސްތައް ހާމަކުރަން ލިބުނު ހިތްވަރާއިއެކު، މާން މަޑުމަޑުން ޔޫލީގެ ހަށިގަނޑު އޭނާގެ މޭގައި ބޮނޑިކޮށްލަމުން، ފަހަތުން އޭނާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. އަދި ޔޫލީގެ ކަންފަތާ ނުހަނު ގާތަށް ގުދުވެލައި، އޯގާތެރިކަމުން ފުރިގެންވީ އަޑަކުން، އޭނާގެ ހިތުގެ ފުން މިނުން ޔޫލީއަށްޓަކައި ލިޔެފައިވާ ޅެންބައިތު މަޑުމަޑުން ކިޔައިދޭން ފެށިއެވެ.
“ތިޔައީ މަގޭ މިހިތް އެދޭ މިތުރާ އިނގޭ މިކައުނުން… ތިޔަ އާޝިގާގެ ލޯތްބަށް އެދެނީ އިނގޭ މިޖާނުން…”
މާންގެ އަޑުން އެ ޅެންބައިތު އިވުނު ސިކުންތުގައި، ޔޫލީގެ މުޅި ހަށިގަނޑު ގަނޑުވި ފަދައެވެ. އޭނާގެ ހިތް ކުދިކުދިވެ، ނޭވާ ތާށިވެގެން ދިޔައެވެ. އެއީ މިއަދު އޭނާއަށް ލިބުނު ފައިލް ތެރެއިން، ކުރަހާލާފައިވި ޒޯޔާގެ ފޮޓޯގެ މަތީގައި، ލިޔެފައިވަނިކޮށް އޭނާއަށް ފެނުނު ޅެންބައިތެވެ! އެއީ މާން ލިޔުނު އެއްޗެއް ނޫންނަމަ މާން އަށް އެ ޅެން ބައިތު ކިޔަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭގައި އެވަނީ ހަގީގަތް ހެއްޔެވެ؟ މާން އެއީ ކެހިވެރިއެއް ހެއްޔެވެ؟ ޔޫލީއަށް މާންގެ ފަރާތުން އެ ފެންނަ ލޯތްބާއި އަޅާލުމަކީ ކުށްހީ އެއް ހެއްޔެވެ؟ ވިސްނި ވަރަކަށް ޔޫލީގެ ބޮލަށް ދިޔައީ ބަރުވަމުންނެވެ.
މާން އެ ކިޔަމުންދަނީ ޒޯޔާއަށްޓަކައި ހަދާފައިވާ ޅެމެއްކަމަށް ޔޫލީއަށް ނިންމުނެވެ. ޔޫލީއަށް ނޭނގުނު ކަމަކީ، އެއީ ހަގީގަތުގައި މާންގެ ފޮތުގައި ޔޫލީގެ ތަސްވީރު ކުރެހުމަށްފަހު އެ ތަސްވީރު މަތީ ޔޫލީއަށްޓަކައި މާން ލިޔުނު ޅެމެއްކަމެވެ.
“ތިޔަ ނަން ވެޔޭ މިހިތުގާ ވިދުވާލި ނަލަ އަކުރުން…” މާން ޔޫލީގެ ކޯތާފަތުގައި ތުންފަތް ޖައްސާލަމުން އިތުރަށް ކުރިއަށް ދިޔައެވެ.
ނަމަވެސް ޔޫލީއަކަށް ދެން ކެތެއް ނުކުރެވުނެވެ. މާންގެ އެ އަމަލަކީ ޒޯޔާގެ ހަނދާންތަކުގެ ތެރޭގައި އިނދެ ކުރާ ކަމެއްކަމުގެ ކުށްހީގައި، ޔޫލީގެ ދެލޮލުން ކަރުނަތައް އޮހެން ފެށިއެވެ. އޭނާ މާންގެ އަތުގެ ތެރެއިން މަޑުމަޑުން ރެކިގަނެ، އެނދުން ތެދުވިއެވެ.
“މާން… ޕްލީޒް، ހުއްޓާލާ…” ޔޫލީގެ އަޑު ތުރުތުރުއަޅައިގެން ދިޔައެވެ. އޭނާގެ ކޯތާފަތްމައްޗަށް ކަރުނަތައް އޮހެމުންދިޔައިރު، މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ހިތާމައާއި ތަކުލީފެވެ.
މާން ހައިރާންވެފައި ޔޫލީއަށް ބަލައިލިއެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުން، ޔޫލީއަށްޓަކައި ހަދާފައިވާ ޅެމެއް ކިޔާދީ އޭނާގެ ހިތުގެ ހާލް ޔޫލީއަށް ހާމަ ކޮށްދޭން މަސައްކަތް ކުރުމުން، ޔޫލީގެ ދެލޮލުން ކަރުނަ އޮހޮރެންވީ ކީއްވެގެންކަމެއް މާންއަކަށް ނުވިސްނުނެވެ. މާން ހައިރާންކަމާއިއެކު އެނދުން ތެދުވެ، ޔޫލީއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ އިންތިހާގެ ކަންބޮޑުވުމާއި ސުވާލުތަކެވެ.
“ޔޫލީ… ކިހިނެއްވީ؟ އަހަރެން ކުރި ކަމަކުންތަ ތި ރޮނީ؟” މާންގެ އަޑުގައިވީ މަޑުމައިތިރި، ނަމަވެސް ސިހުން އެކުލެވިފައިވާ ރާގެކެވެ. އޭނާ އަތް އުފުލާލައި ޔޫލީގެ ކަރުނަތައް ފޮހެދޭން އުޅުނެވެ.
ނަމަވެސް ޔޫލީ އިސްޖަހާލަމުން ފަހަތަށް ޖެހިލިއެވެ. ހިތުގައިވާ ގަދަފަދަ ތަކުލީފާއި، ޒޯޔާގެ ބިރުވެރިކަމުން މުޅި ނަފުސު ވަނީ ބަލިކަށިވެފައެވެ. މާންގެ އެ ތެދުވެރިކަމެއް ނެތްކަމަށް ހީވާ އޯގާތެރިކަމުން އޭނާގެ ހިތް މިވަގުތު އިތުރަށް ކުދިކުދިވަނީއެވެ.
“ނޫން މާން… އަހަރެންގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަނީ…” ޔޫލީ ގިސްލުން ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން، މަޑުމަޑުން ބުނެލިއެވެ. “އަހަރެން ބޭނުމީ އެކަނިވެލަން… ޕްލީޒް… އަހަރެން ނިދާލަން ބޭނުން”
‘ޔޫލީ އަހަރެންގެ ހިތުގެ ފުން މިނުން ލޯބި ހާމަ ކުރީމާ މިފަދަ ރައްދެއް ދޭނީ އޭނާ ހިތުގައި ކުށްވެރި ކަމުގެ އިހުސާސް އެއް ވާތީއެއްނު.. އޭނާގެ ހިތުގައި ވަނީ ކާކު؟؟ އަހަރެން ހީކުރީ ފެނުނު ކަންކަމަކީ ކުށްހީ ކަމަށް ނަމަވެސް ޔޫލީގެ މޫނުމަތިން އަހަރެންގެ ލޯބި ހާމަ ކުރުމުން އެ އިހުސާސް ތައް ފެންނާނީ އޭނާގެ ހިތުގައި އެހެން ކަންތައްތަކެއް ވީމާ ތާ…’ އަނދާގަތް ހިޔާލުތަކުގެ ސަބަބުން މާންގެ މޫނުމަތިން ފެނުނު އޯގާތެރިކަން މާޔޫސްކަމާއި ނުރުހުމުގެ އަސަރުތަކަކަށް ބަދަލުވެގެން ދިޔައެވެ. އޭނާގެ އަމިއްލަ ނަފުސުގައިވާ ޕޮސެސިވްކަމާއި، ޔޫލީ އޭނާއާ ދުރުވާން އުޅޭ ކޮންމެ ފަހަރަކު އުފެދޭ ގޮތްނޭނގޭ މާޔޫސްކަން އިތުރުވިއެވެ. ޝައްކާއި ވަހުމުން ހިތް ކަޅިވާން ފެށިއެވެ.
ލިބުނު މެސެޖާއި، އެ ފައިލުގައިވާ އިންޒާރުތަކުގެ މަތިން ހަނދާންވުމާއިއެކު، ޔޫލީގެ ދޫ ބަންދުވިއެވެ. މާންގެ ކުރިމަތީގައި ޒޯޔާގެ ނަން ގަނެގެން، އެދެމެދުގައިވާ މާޒީގެ އަލިފާން އަލުން ރޯކުރާކަށް އޭނާއަކަށް ހިއްވަރެއް ނުލިބުނެވެ.
ޔޫލީ އިތުރަށް އެއްޗެއް ނުބުނެ، ކަރުނަތައް ފޮހެލަމުން، އެނދަށް އަރާ އަނެއް ފަރާތަށް އެނބުރި އޮށޯތެވެ.
މާންގެ ފުން ދެލޮލުން ޔޫލީއަށް ބަލަހައްޓައިގެން ހުރީ އިންތިހާގެ މާޔޫސްކަމާއި، ހިތްހަމަނުޖެހުމާއެކުގައެވެ.
“އެންމެ ރަނގަޅު،” މާންގެ އަޑު މުޅިން ފިނިވެ، ބީރައްޓެހިވެގެން ދިޔައެވެ. “ޔޫލީ ބޭނުން ގޮތެއް.”
މާން ސައިޑް ޓޭބަލް މަތީގައި އޮތް ކާރުގެ ތަޅުދަނޑި ނަގައި، ބާރު ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުމެގެން ދިޔައެވެ. ދޮރު ބާރަށް ލެއްޕުނު އަޑާއިއެކު، ޔޫލީ ކުޝަންގައި މޫނު ފޮރުވާލައި، ބާރަށް ރޮއިގަތެވެ.
އެދެމެދުގައިވި ކުށްހީގެ ފާރު އިތުރަށް އުސްވެއްޖެއެވެ. ޒޯޔާއާއި ރިލްވާން އުއްމީދުކުރި ފިތުނައިގެ އޮށް އިންދި، މާންއަށް ހަގީގަތް ނޭނގި ޔޫލީގެ އަމަލުތަކުން ހިތުގައި ޝައްކުތައް އުފެދުނުއިރު، ޔޫލީއަށް ގަބޫލުކުރެވުނީ މާންގެ ހިތުގައި އަދިވެސް ވަނީ ޒޯޔާ ކަމަށެވެ.
*****
ރޭގަނޑުގެ ހިމޭން ވަގުތެވެ. މާހިންއާއި ޝިފްނާ ތިބީ މާހިންގެ ކޮޓަރީގައި ހުރި ބެލްކަނީގައެވެ. ބޭރުން ޖެހެމުންދިޔަ ފިނި ރޯޅިން ސަލާމަތްވުމަށްޓަކައި ޝިފްނާ އިނީ މާހިންގެ މޭގައި ބޯއެޅެލައިގެން، އޭނާގެ އަތުގެ ތެރޭގައި ބޮނޑިވެލައިގެންނެވެ. ޝިފްނާގެ ހަށިގަނޑު ނިވާކޮށްލާފައިވަނީ ހަމައެކަނި މާހިންގެ ގަމީހުންނެވެ. އެ އިހުސާސް ތަކަކީ މިހާރު އެ ދެ ލޯބިވެރިންނަށް އާންމު ކަމަކަށް ވެއްޖެއެވެ. އެކުގައި ވަގުތު ހޭދަކުރުން ކޮންމެ ދުވަހެއްގެ ތާވަލުގައި ހިމެނިގެން ގޮސްފައިވިއެވެ.
މާހިން މަޑުމަޑުން ޝިފްނާގެ އިސްތަށިގަނޑުގައި އަތުން ފިރުމާލިއެވެ. އަތު ތެރޭގައިވާ ޝިފްނާގެ ހަށިގަނޑުގެ ހޫނުކަމުން އޭނާގެ ހިތުގެ ނާރުތަކަށް އަސަރުކުރުވައި، ނޭނގޭ ހަމަޖެހުމެއް ގެނެސްދެއެވެ. ނަމަވެސް، އެ ހިނދުކޮޅުގެ ހިތްގައިމުކަމުގެ ތެރެއިންވެސް، އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އަދިވެސް ޔޫލީ ހާސިލް ކުރުމެވެ. އަމިއްލަ ހިތުގެ އަސްލާއިމެދު އުފެދިފައިވާ ގޮތްނޭނގޭ އޮޅުންބޮޅުމުގެ ތެރޭގައި މާހިން ވަނީ ހާސްވެފައެވެ. އޭނާގެ މަންޒިލް އޭނާއަށް ސާފު ކަމުގައި އޭނާގެ ހިތަށް ވިސްނާދެމުން ދިޔައެވެ. އޭނާގެ އަމަލުތައް ބައްޓަން ކުރަމުން އެދަނީ ހަމަ އެ ކާމިޔާބީއަށް ވާސިލް ވުމަށް ނޫން ހެއްޔެވެ؟ އާއެކެވެ.. މަގު އޮޅި ކައްސާލާކަށް އޭނާ އަކަށް ވަގުތެއް ނެތެވެ. ކޮންމެ ސިކުންތަކީ ޔޫލީ އޭނާ އާއި އިތުރަށް ދުރަށް ދާން ލިބޭ ފުރުސަތެކެވެ.
“ޝިފޫ…” މާހިންގެ އަޑު ނުހަނު މަޑުމައިތިރިއެވެ. އޭނާ ޝިފްނާގެ ކޯތާފަތުގައި އަތްޖައްސާލަމުން މޫނަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަ ފުރިހަމަ އިތުބާރު ފެނި، މާހިންގެ ހިތަށް ކުޑަ ރިހުމެއް އިހުސާސް ވިއެވެ. ނަމަވެސް، އޭނާ އަވަސްއަވަހަށް އެ އަސަރުތައް ފޮހެލަމުން ހަމަ ޖެހިލިއެވެ.
“ޔެސް ، ލަވް؟” ޝިފްނާ ބުނެލިއެވެ.
“އަހަރެން ހިތަށްއަރަނީ… ދޮންބެ އާއި ޔޫލީގެ ކަންތައް ދާގޮތުން” މާހިން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެދެމީހުންގެ މެދުގައި ކޮންމެވެސް ބޮޑު ކަމެއް އުޅޭހެން ހީވަނީ. ޝިފޫއަށް ކޮންމެވެސް ވަރަކަށް އެނގޭނެ ދޯ؟ ޔޫލީ ކޮންމެވެސް ވާހަކައެއް ހިއްސާ ކުރި ދޯ އަސްލު ބުނަން އިފް ދޭ އަރ ސްޓްރަގްލިން ވީ ނީޑް ޓު ހެލްޕް .. އެކަމް އެކަން ވެސް ވާނީ އަހަރެންނަށް އެނގިގެންނު މައްސަލަ”
މާހިންގެ އަޑުގައިވި ހެޔޮއެދޭ ރާގާއި، އޭނާގެ އޯގާތެރި ހަރަކާތްތަކުން ޝިފްނާގެ ހިތް މުޅިން މަޑުވެގެން ދިޔައެވެ.
“މާހިން ތިއީ ވަރަށް ރަނގަޅު މީހެއް…” ޝިފްނާ މާހިންގެ މޭގައި އަތް ޖައްސާލަމުން އިސްޖަހާލިއެވެ. “އަސްލު… އެދެމީހުންގެ މެދުގައި އަދިވެސް އެއްވެސް ގުޅުމެއް ނުހިނގާ. މާން އަދިވެސް ނިދަނީ ސޯފާގައި”
އެ ޖުމުލައާއިއެކު މާހިންގެ ހަރަކާތްތައް ސިކުންތުކޮޅަކަށް ހުއްޓުނެވެ. އޭނާގެ އަތުގެ ތެރޭގައިވާ ޝިފްނާ ގަޔާ ގާތަށް ދަމާލާ ހިފަހައްޓާލިއިރު، އެ ހަބަރާއެކު އޭނާގެ ދެލޮލުގެ ވިދުން ފަޑުވެ އަނދިރިކަން އެކުލެވޭ ތޫނު އަސަރެއް ފާޅުވިއެވެ. މާންއާއި ޔޫލީގެ މެދުގައިވާ އެ ފާރުގެ ސަބަބުން، އޭނާގެ ހިތުގައިވާ މަގުސަދު ހާސިލުކުރުމަށް ފިޔަވަޅެއް ކައިރިވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.
“ރިއަލީ؟” މާހިން ނުހަނު މަޑުން އަހާލިއެވެ.
“ޔެސް، ޔޫ އިސް ސަފަރިންގ. އިފް ވީ ކޭން މޭކް އިޓް ބެޓަރ ދެން އިޓް ވޮޑް ބީ އަ ރިއަލީ ބިގް ހެލްޕް ފޮ ހަރ… އަހަރެންގެ ހިތަށް އަސަރުކުރޭ ޔޫ އެހެން އުޅޭތީ” ޝިފްނާ ބުންޏެވެ.
މާހިން ގުދުވެލައި، ޝިފްނާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އެއީ އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝިފްނާއަށްޓަކައި އުފެދުނު ތެދުވެރި އޯގާތެރިކަމެކެވެ. ނަމަވެސް، އެ ހޫނުކަމުގެ ތެރޭގައިވެސް އޭނާގެ ސިކުނޑީގައި ވަނީ އެހެން ހިޔާލުތަކެކެވެ. މާހިންގެ ނަޒަރު ހުއްޓިފައިވީ ދުރުގައިވާ އަނދިރިކަމުގެ ތެރެއަށެވެ.
“ޝިފޫ، ޝެއަރ ކުރީމަ ވަރަށް އުފާވެއްޖެ” މާހިން ޝިފްނާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފާލިއެވެ. “އަހަރެމެން އެބަޖެހޭ އެމީހުންނަށް އެހީވާން. އެކަމަކު މިއީ އަހަރެމެން ދެމީހުންގެ މެދުގައި އޮތް ސިއްރެއް އިނގޭ؟”
ޝިފްނާ މާހިންއަށް އިތުބާރުކުރަމުން ބޯޖަހާލައި، އޭނާގެ މޭގައި އިތުރަށް ބޮނޑިވެލިއެވެ. މާހިން ޝިފްނާ ހަށިގަނޑުގައި އަތް ވަށާލައިގެން ހުރިއިރު، އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ އަމިއްލަ އިހުސާސްތަކުގެ ތެރޭގައި މަގުއޮޅިފައިވާ، ނަމަވެސް އެދޭ މަންޒިލަށް ދިއުމަށް ގޮތްދޫނުކުރާ މީހެއްގެ ނުރައްކާތެރި ހިމޭންކަމެކެވެ.
***ނުނިމޭ***
4 Comments!
Comments are closed.




Not yooly suffering again 😓 I wish smthn bad happens to Zoya and rilvaan 🔪
Thank you for the comment . Yes I also wish that these two gets what they deserve… lets see dho
No way. Zoyaa gandaa. Adhi mi maahin ves miulheni haadha achikohnney fahari fahathun. Yoolyand Maan fakeeru kihineh vaane baa ekudhinge gulh7mah
Koklila modi 🥰 WISH ves hama mi huhnany bunaane ehcheh neyngifa mimyhun ulhey gothun.. maan aa yooly ge gulhun varah ves bodu thoofaaneh thereah vahnan ulhey kahala dho 🤔