ނޭދެން ވަކިވާކަށް 39 ވަނަ ބައި
ޝިފްނާ މާހިންއަށް އިތުބާރުކުރަމުން ބޯޖަހާލައި، އޭނާގެ މޭގައި އިތުރަށް ބޮނޑިވެލިއެވެ. މާހިން ޝިފްނާ ގެ ހަށިގަނޑުގައި އަތް ވަށާލައިގެން ހުރިއިރު، އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ އަމިއްލަ އިހުސާސްތަކުގެ ތެރޭގައި މަގުއޮޅިފައިވާ، ނަމަވެސް އެދޭ މަންޒިލަށް ދިއުމަށް ގޮތްދޫނުކުރާ މީހެއްގެ ނުރައްކާތެރި ހިމޭންކަމެކެވެ.
*****
ފޫހިކަމާއި އެކު ޔޫލީ އިނީ ސްޓަޑީގައި ވާހަކަ ފޮތެއް ހިފައިގެންނެވެ. ވާހަކަ ފޮތް އަތުގައި އޮތް ނަމަވެސް އޭނާގެ ނަޒަރު ވަނީ ދުރަށް ހުއްޓިފައެވެ. އެ ސިކުނޑި ވަނީ މާ ދުރުގައެވެ. އެ ސިކުނޑީގައި އެބުރެމުން ދިޔައީ މާންގެ ހިޔާލުތަކެވެ. އޭނާގެ ސިކުނޑިއާއި ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔައީ އޭނާގެ ހިތުގެ އާދޭހަށް އިޖާބަ ދޭންވީތޯއެވެ؟ އޭނާގެ ހިތް މާންގެ ލޯތްބާއި އަޅާލުމަށް އެދި ގޮވަމުން ދިޔަ ނަމަވެސް ޝައްކުތަކުން ފުރިފައިވީ ސިކުނޑި އެކަމަށް ހުރަސް އަޅައެވެ. އެ ހިޔާލްތަކުން އޭނާއަށް ހަމަ ހޭވެރިކަން ވީ އަތުތެރޭ އޮތް ފޯނު ރިންގް ވާ އަޑަށެވެ.
“ހަލޯ.. ވަޓް .. އަސްލުވެސްތަ؟ .. ޔެސް މި ހުޅުވަނީ އިނގޭ” ޔޫލީ ފޯނަށް ޖަވާބު ދިނުމަށް ފަހު އަވަސް އަވަހަށް ގޭގެ ބޮޑު ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭނާއަށް ފިޔަވަޅުތައް މަޑުޖައްސާލާ ހަށިގަނޑަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. މިހާރު އޭނާ ގޭ ތެރޭގައި ލާ ކަށްވެސް މާ ކުރު ހެދުމެއް ނެތެވެ. ނަމަވެސް އޭނާއަށް ލެވިފައި ހުރީ އެކަށީގެންވާ ހެދުމެއްތޯ ބަލައިލެވުނީ މާންގެ މަތިން ހަނދާން ވެފައެވެ.
ގޭގެ ބޮޑު ދޮރު ހުޅުވާލި އިރު ދޮރުމަތީ ހިތްގައިމު ހިނިތިންވުމެއްގައި މާހިން ހުއްޓެވެ.
“ކޮބާ ޝިފް ނާދޭތަ؟” ވަށާ ލޯ ހަރަކާތަކޮށްލަމުން ޔޫލީ އަހާލިއެވެ.
“އަޅެ އަހަރެން އަންނަހާ ތާކަށް ޝިފޫ ގެންނަން ކޮންމެހެން ޖެހޭތަ؟” ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތް މޫނުމަތިން ދައްކާލަމުން މާހިން ބުނެލިއެވެ.
“ނޫނޭ .. އެހެނެއް ނޫން .. ދެން ރުޅި ނާއިސް އާދޭ އެތެރެއަށް” ޔޫލީ އަވަސް އަވަހަށް ތަން ދައްކާލަމުން ބުނެލިއެވެ.
“އާ…. އަވަހަށް ހިނގާ.. ހެދިކާ ހިފައިގެން މި އައީ .. ދެން ސައި ތައްޓެއް ހަދަން އެނގޭ ވަރު ވާނެބާ؟” ލާނެތް ކަމާއި އެކު މާހިން ބުނެލީ ޔޫލީއާއި ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ.
“ހުމްމް.. ސައި ހަދަން އެނގެއޭ.. ނުޖެހޭ ދޯ ދިމާ ކުރާކަށް…” ތުން އަބުރާލަމުން ޔޫލީ ބުނެލީ ފޫހި ރާގެއްގައެވެ.
“ހާ.. ހާ .. ދެން ކުޓުވާނީއެއް ނޫން ދޮންބެ ކައިރީ” އެ ބަސް މާހިން ބުނެލީ ކިތަންމެ ސަކަ ރާގެއްގައި ނަމަވެސް އޭނާ ޔޫލީއަށް ބަލަމުން ދިޔައީ ހުށިޔާރު ކަމާއި ވިސްނުންތެރި ކަމާއެކުގައެވެ. އޭނާ އެއްޗެއް ނަގައިގަންނަން އުޅޭ ފަދައަކުންނެވެ.
“ނޫޅެން .. އައި ކޭން ހޭންޑަލް މައި ސެލްފް” ޔޫލީގެ ރައްދު އައީ މަޑުމޮޅި ރާގެއްގައެވެ. ޔޫލީއަކަށް މާހިންގެ ނަޒަރުގެ ތަފާތު ކަމެއް އިހްސާސްއެއް ނުވިއެވެ. މާންގެ ނަން މާހިން ބުނުމުގެ ސަބަބުންވެސް އޭނާގެ ހިތުގައި ރިއްސާލިއެވެ. މާން ގާތު އޭނާ ވާހަކަ އެއް ބުނާނީ ކިހިނެއް ހެއްޔެވެ. އެ ދެމެދުގައި ހީވަނީ ބޯ ފާރެއް ވާހެނެވެ.
މާހިންގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ.
ހެދިކާ ކޮތަޅު ބަދިގެ އައިލެންޑް މަތީ ބާއްވާލައިފާ މާހިން ކައިރީ އިން ގޮނޑީގައި އިށީނެވެ. ޔޫލީ ފެން ހޫނު ކުރަން ޖައްސާލުމަށްފަހު ތައްޓެއް ނަގައި ހެދިކާ ކޮތަޅު ހުސްކޮށްލިއެވެ. އޭނާ ދެ ޖޯޑުނަގައި ސައި ހަދަން ތައްޔާރުވެލިއެވެ.
“އަރ ޔޫ ހެޕީ؟” މާހިން އަހާލީ އާދައިގެ ރާގެއްގައެވެ.
“ޔެސް.. ހަމަ ވަރަށް ހެޕީ… ކިހިނެއްވީ؟” ޔޫލީ ހިނިތުންވުމެއް މޫނު މައްޗަށް ވެރި ކުރުވަމުން ޖަވާބު ދިނެވެ.
“ކަމެއް ނުވޭ.. ޔޫލީ ފުރަތަމަ ފެނުނު ދުވަހާ ތަފާތުކަމުން .. ހީވަނީ ޔޫ ލޮސްޓް ދަ ސްޕާކް ހެން” މާހިން ވިސްނުންތެރި ކަމާއެކު ޔޫލީއަށް ނަޒަރު ހުއްޓާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
“ހައްހައް.. ސްޕާކް ގެއްލުނީ ނޫން ކަމަށްވެސް ވެދާނެ ދޯ.. މެޗުއަރ ވީ ކަމަށް … އެންގަރ މެނޭޖް ކުރަނީ ކަމަށްވެސް ވެދާނެނު” ޔޫލީ ވަރަށް ވިސްނުންތެރި ކަމާއެކު ޖަވާބު ދިނެވެ.
“ޕޮސިބަލް ހަމަ… މީހަކާ އިނީމަ ހުރިހާކަމެއްވެސް ދަސްވީ ކަންނޭގެ” ލާނެތް ރާގެއްގައި މާހިން ބުންޏެވެ.
“ކޮންމެ މީހަކަށްވެސް ދިރިއުޅުމެއް ފެށީމާ ބަދަލްތަކެއް އަންނާނެ.. މާހިން ވެސް މީހަކާ އިންނަން ވީ ދެން އޭރުން އެނގިދާނެ ތި އަނގަ ގަޑު މައިތިރި ވާވަރު.” މޫނު މައްޗައް އެރި ޖަންބު ކުލަ މާހިންނަށް ސިއްރު ކުރުމަށް އެބުރިލަމުން ޔޫލީ ވާހަކަ ދެއްކިއެވެ. އަދި އޭނާ ވާހަކައިގެ މިސްރާބު ވިސްނުންތެރި ކަމާއެކު މާހިންނަށް ބަދަލު ކޮށްލިއެވެ.
“އަހަރެން ބޭނުން ވާ ކުއްޖާ ހަމަ އާ ބަސް ބުނީ ތިކަން ކުރަން ވީ… އެކަމަކު އަހަރެން ތިހެން ޗޭންޖް އެއް ނުވާނެ އަދި މީހަކާ އިނީ އޭ ކިޔާފަ”
“ތިޔަ ކުއްޖާގެ ކަންތަކާ އުޅުނީމަ ދޯ އާ އެކޭ ވެސް ބުނާނީ” ޔޫލީއަށް ހީވީ މާހިން ދައްކަނީ ޝިފްނާގެ ވާހަކަ ކަމަށެވެ.
“އުޅެމޭ އެބަ” މާހިންގެ ޖަވާބު ވަރަށް ކުރެވެ.
ސައި ބޮއެ ނިމުމުން މާހިން ސޯފާ ގައި އިށީންދެލީ ޓީވީ ހުޅުވާލަމުންނެވެ.
“އޭ އާދޭ .. އެކަނި ފިލްމު ބެލޭތަ ދެން” ޔޫލީ އެތެރެއަށް ދާން ހިނގައިގަތުމުން މާހިން ސޯފާ ގެ ސީޓުގައި ޖަހާލަމުން ގޮވާލިއެވެ.
މާހިން ގޮވުމުން ޔޫލީ އައިސް ސޯފާގައި މާހިންގެ ކައިރީ އިށީންދެލިއެވެ.
“ރީތި ފިލްމެއް ބަލަންވާނީ” ނެޓްފްލިކްސް އިން ފިލްމެއް ހޯދަން މަސައްކަތް ކުރަމުން މާހިން ބުނެލިއެވެ.
މާހިން އަޅުވާލީ އެކްޝަން ފިލްމެކެވެ. ޔޫލީގެ މާބޮޑު ސަމާލުކަމެއް ފިލްމަށް ނެތަސް އޭނާ މާހިން ކައިރި އިނެވެ.
ފިލްމު ބެލުމުގައި ގަޑިއިރެއްވީ އިރު ޔޫލީއަށް ނިދިއްޖެއެވެ. ސޯފާގެ އަތްގަޑުގައި ބޯ އަޅައިލައިގެން އޭނާ އޮތީ އަރާމު ނިދީގައެވެ. މާހިން ޔޫލީއަށް ބަލައިލިއިރު އެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އެ ހިތުގައި އެ ސޫރަ ފެނިގެން ތަފާތު ވިންދެއް ނުޖެހިއެވެ. އޭނާގެ ޖަޒުބާތުތަކަށް މިވަނީ ކީއް ހެއްޔެވެ؟ އޭނާގެ ހިތުގަ ރާނީ ފެނި އެ ހިތް ކުރިން އަވަސްވާހެން އަވަސް ނުވަނީ ކީއްވެ ހެއްޔެވެ؟ މަޑު މަޑުން ބޭ އިހްތިޔާރުގައި މާހިން އަށް ކޮޅަށް ތެދުވެވުނެވެ. އަދި ޔޫލީގެ ކޯތާފަތުގައި އަތް ބީއްސާލިއެވެ. ގަދަ ނިދީގައި އޮތް ޔޫލީ ކުޑަކޮށް ހަރަކާތްކޮށްލާ ބުމަ ކައިރިކޮށްލި ނަމަވެސް އޭނާ އޮތީ ނިދީގެ ތެރޭގައެވެ.
“މާހިން” އެތެރެއަށް ވަދެގެން އައި މާންއަށް ފެނުނު މަންޒަރުން މާންގެ އަޑުގައި ހަރުކަށިކަންވިއެވެ. ނަމަވެސް އެ އަޑު ބާރެއް ނޫނެވެ. އޭނާގެ ނަޒަރު ހުއްޓިފާވީ ނިދިފައި އޮތް ޔޫލީއަށެވެ.
“ ދޮންބޭ .. ފިލްމު ބަލަން އިންދާ ޔޫލީ އަށް ނިދުނީ…” އާދައިގެ ރާގެއްގައި މާހިން ބުނެލިއެވެ.
އިތުރަށް ބަހެއްވެސް ނުބުނެ މާން ގޭތެރެއަށް ވަނެވެ. ނަމަވެސް އޭނާގެ އެތެރެ ހަށީގައި ހިފާފާވި އަލިފާންގަނޑުގެ ހުޅު އިންތިހާއަށް ބޮޑުވެފައިވިއެވެ.
“ޔޫލީ .. ޔޫލީ .. ހޭލަބަލަ ދެން .. ނިދަން ވޭތަ ފިލްމު ބަލަމުން” މާހިން ޔޫލީއަށް ގޮވާލްމުން އޭނާގެ އަތުގައިވެސް ޖަހާލިއެވެ.
“ ހޫމް ހޭލެވިއްޖެއޭ… ފޫހި ފިލްމު ބަލަންޏާ ވާނީ އެހެން” ޔޫލީ ތުން އަބުރާލަމުން ރައްދު ދިނެވެ.
“ ހޫމް އަހަރެން މިދަނީ މަންޖެ ފިރިކަލުން ވަޑައިގަންނަވާފި.. މޫޑު އެހާ އެއްނޫން ކަންނޭގެ… “ މާހިން ހަމަ އޭނާގެ ސަކަ ރާގުގައި ބުނެލިއެވެ. އަދި ޔޫލީގެ ނޭފަތުގައި އިގިލިން ޖަހާލުމަށްފަހު ދާން ހިނގައިގަތެވެ.
މާހިން ދިޔަތަން ބަލަން ހުރި ޔޫލީގެ ވިސްނުމުގައިވީ މާންއެވެ. ގެއަށް އަޔަސް މާން އޭނާއާއި ވާހަކައެއް ނުދައްކައެވެ. މާޔޫސް ކަމާއެކު ޔޫލީ އަނެއްކާވެސް ސޯފާގައި އިށީންދެލިއެވެ.
މަތީގައި އެ މަންޒަރު ބަލަން ހުރި މާންގެ އަތް މުއްކަވާލެވުނީ އޭނާގެ ހިތުގައި ކެކި އަރަމުން ދިޔަ ރުޅިވެރިކަން ކޮންޓްރޯލް ކޮށްލުމަށެވެ.
*****
ޔޫލީ އާއި މާންގެ ދޭތެރޭ އުފެދެމުން ދިޔަ ދުރުކަން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ބޮޑުވަމުންނެވެ. ދެ ހިތުގައި ވީ ލޯބި ވަނީ ކަނެއްގައި ފޮރުވާލެވިފައެވެ. ދެމީހުންގެ ދޭތެރޭ އުފެދެން ފެށި ގާތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ފަޑުވަމުން ދިޔައިރު ދެމީހުން ކުރެ އެކަކުވެސް ވާހަކަ ދައްކާ އެކަންކަމާއި ކުރިމަތިލާން ބޭނުން ނުވާ ކަހަލައެވެ. މާން ގޭގައި ހޭދަ ކުރާ ވަގުތުތައް މަދުވެ ދެމީހުން ދިމާވާން ލިބޭ ފުރުސަތުތައް ދިޔައީ ހަނި ވަމުންނެވެ.
ނާއިލްގެ ބަލި ހާލަތު ހުރި ގޮތުން ގިނަ ވަގުތު އޭނާ އެޅެނީ ކޮޓަރީގައެވެ. ނަމަވެސް ޔޫލީ ނާއިލް އާއި އެކު ބޭރަށް ގޮސްލާ ހަދަން ވަރަށް އިސްކަންދެއެވެ. އެ ގޮތުގެ މަތިން ނާއިލްއާއި ހަވާލުވެ ހުރި ނަރުސް ކުއްޖާ އާއި ޔޫލީ ނާއިލް ގޮވައިން ބޭރަށް ދިޔަ ދުވަހެކެވެ. މާންއާއި ދެމީހުން ދޭތެރޭ ބޯ ފާރެއް ވީ ކަމުގައި ވިޔަސް ޔޫލީ ބޭރަށް ދާ ކަމަށްވަންޏާ މާން އެދުނު ފަދައިން މާން އަށް އެކަން އަބަދުވެސް އަންގައެވެ. އެގޮތުގެ މަތިން ޔޫލީ ބޭރަށް ދިޔައީ މާންއަށް މެސެޖެއް ކޮށްލުމަށްފަހުގައެވެ.
އެމީހުންގެ މިސްރާބު ހުރީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. ކާރުގެ ދަތުރު ދިޔައީ ވަރަށް ހިމޭންކޮށެވެ. ނާއިލްގެ ތޫނު ނަޒަރު ޔޫލީގެ މޫނަށް ހުއްޓިފާވިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ މޫނުން ފެނުނު ވިދުން ގެއްލިފާވިއެވެ. އެ ލޮލުގައި ވަނީ ހިތާމައެވެ. އެ މޫނުން ފެންނަނީ މާޔޫސް ކަމެވެ. ނާއިލްގެ ތަޖުރިބާކާރު ސިކުނޑި އޭނާއަށް އިންޒާރެއްދޭ ފަދައެވެ.
މަންޒިލަށް ކާރު މަޑުކޮށްލުމުން ޔޫލީއާއި ނަރުސް ކުއްޖާގެ އެހީގައި ޖޯދިޝް ނާއިލް ފޮރޮޅުލީ ގޮޑިއަށް ލިއެވެ. ގޮޑި ދުއްވުމާއި ހަވާލްވީ ޔޫލީއެވެ.
“ދަރިފުޅާ ، ހުރިހާ ކަމެއް ރަނގަޅުތަ؟ ދަރިފުޅު ބަލީތަ؟” ބެންޗެއްގައި އިށީންދެ ހަމަ ޖެހިލެވުމުން ނާއިލް ވާހަކަ ދައްކަން ފެށިއެވެ. ޖޯދިޝް އާއި ނަރުސް ކުއްޖާ މަޑުކޮށްލައިގެން ތިބީ ތަންކޮޅެއް ދުރުގައެވެ.
“ކިހިނެއްވީ ބައްޕާ… އަޅުގަނޑު ހަމަ ރަގަނޅޭ” ޔޫލީ ތުންފަތްމައްޗަށް ހިނިތުން ވުމެއް ވެރި ކުރުވަމުން ބުނެލިއެވެ.
“ބައްޕަ އަށް ތިޔަ މޫނުގެ އަސަރުތައް ފޮރުވާނީ ކިހިނެއް؟ ބުނެބަލަ ދަރިފުޅާ ބައްޕަ އަށް މި ކުރެވުނީ ކުށެށްތަ؟ މާންއާއި މެދު ދަރިފުޅު ހިތްހަމަ ނުޖެހެނީތަ؟” ނާއިލް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މާން ވަރަށް ރަގަނޅޭ ބައްޕާ… އެއީ ވަރަށް ރަގަނޅު ފިރިއެއް… އައި އެމް ހެޕީ އޭ.. ތިހާ ވޮރީ ނުވެބަލަ” ޔޫލީއަށް އޭނާގެ ބަލި ބައްޕަ އާއި އެ ވާހަކަތައް ހިއްސާ ކުރާނެ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ބައްޕަ އަމިއްލަ ނަފުސު ކުއްވެރި ކުރާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރަން އުދަގޫވެ އޭނާއަށް ކެހި ދިނީ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަ ތިއްކެވެ.
“ދަރިފުޅާ ޔޫލީ .. ބައްޕަ އަށް އޮޅުވާނުލާ.. ދަރިފުޅަށް މާން ދެކެ ލޯބި ނުވެވުނީތަ؟ މާން ދަރިފުޅަށް އަނިޔާވެރިވީތާ؟ ދަރިފުޅުގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުވެ ދަރުފުޅު މާންއާއިއެކު ތަންތަނަށް ދާން ފެށީމަ ބައްޕަ ހީކުރީ”
“ނޫނެކޭ ބައްޕާ .. މާން އެއް އަނިޔާއެއް ނުކުރޭ.. މާން ވަރަށް ރަގަނޅޭ… އަޅުގަނޑު ވަރަށް ލޯބި ވެސް ވޭ މާން ދެކެ…. ” ނާއިލް ގެ ވާހަކަ މެދުކަނޑާލަމުން ޔޫލީ ބުނެލިއެވެ. “އެކަމަކު މާން އަށް މިއީ މަޖުބޫރީ އެއްހެން އަޅުގަނޑަށް ހީވަނީ.. އަޅުގަނޑުގެ ދިރިއުޅުމުގައި މީހަކު ނެތް ނަމަވެސް މާންގެ ދިރިއުޅުމުގައި މީހަކު ހުރެދާނެއެއްނު.. އެކަމާ ވިސްނާ ނުލެވުން އެއީ މާންއަށް ވެވުނު ބޭއިންސާފެއްނޫންތަ؟” ޔޫލީ އިތުރު ކޮށްލިއެވެ. އޭނާގެ ލޯ ފެންކަޅި ވެފާވީ އިރު އެ މޫނުމަތި ވަނީ މިލާ މޯޅި ވެފައެވެ.
“މާން އަކީ ކަމެއް މަޖުބޫރަކުން ކުރެވޭ ކަހަލަ އިންސާނެއް ނޫން .. އޭނާ ބޭނުން ނުވާ ކަމެއް އޭނާ ނުކުރާނެ.. ތިފަދަ މީހަކު އެ ދިރިއުޅުމުގަ ހުރި ނަމަ މާން އެ ދުވަހު އިންކާރު ކުރާނެއެއްނު” ނާއިލް ބުނެލީ ވިސްނުންތެރިކަމާ އެކުގައެވެ.
“ބައްޕަ މާން އަށް އެ ފުރުސަތު ދިނިންތަ؟ އޭނާ އަހަރުމެނާއި ދޭތެރޭ ހަމްދަރުދީ ވީ ނޫން ކަމެއް ކިހިނެއްތަ އެނގެނީ؟ އޭނާގެ އެ އަޅާލުމުގެ ފަހަތުގައި ވާ އެއްޗެއް އަޅުގަނޑަކަށް ނޭނގެއޭ ބައްޕާ” ޔޫލީގެ ހިތުގައި ވާ ހަމަނުޖެހުން މަޑުމަޑުން ބޭރުވަމުން ދިޔައެވެ.
“ދަރިފުޅަށް ތިހެން ހީވާނެ ސަބަބެއް ވެސް އޮންނަން ވާނެ ދޯ… ދަރިފުޅު ލޯބިވާކަން މާން އަށް އެނގޭތަ؟ އަދި މާންގެ ހިތުގައިވީ އެއްޗެއް ހޯދަން ދަރިފުޅު އުޅުނިންތަ؟” ނާއިލްގެ ދުރު ވިސްނޭ ސިކުނޑި އޭނާއަށް ބުނެދެނީ އެ ދެމެދުގައި ވީ ދުރުކަމާއި ހަމަނުޖެހުމުގެ އަސްލަކީ އެ ދެމީހުންގެ ދެމުދުގައި ވާހަކަ ހިއްސާ ކުރެވުމުގައި ހުރި ދުރުކަން ކަމެވެ.
“ކިހިނެއްތަ އަޅުގަނޑަށް ކެރޭނީ މާން އާއި އެ ގޮތަށް ވާހަކަ ދައްކަން” ޔޫލީގެ މޫނު މަތިން ލަދުވެތިކަން ފާޅުވިއެވެ. އޭނާއަށް މާންއަށް ޝައްކު ކުރެވޭ ކަހަލަ ޕެކޭޖެއް ލިބުނު ވާހަކަ ސިއްރެއް ގޮތުގައި ބޭއްވީ އެއީ ކިހާވަރެއްގެ ހަގީގަތެއް ވާ ކަމެއްކަން ހުދު އޭނާއަށް ވެސް ނޭނގޭތީއެވެ.
“ބައްޕަ އަށް ހީވަނީ ދަރިފުޅުމެން ދެމަފިރިން ކަމުގައި ވިޔަސް ދެމެދުގައި ވަރަށް ދުރުމިން އެބަހުރިހެން .. ތިޔަ ދުރުމިން ފިލުވާލެވޭނީ ވާހަކަ ދައްކައިގެން ދަރިފުޅާ.. މާން އަށް އެ ސުވާލުތައް ކުރޭ އަދި ޖަވާބު ހޯދަން މަސައްކަތް ކުރޭ.. އޭރުން ތިޔަ ގުޅުމަށް ހަމަޖެހުން ލިބޭނެ” ނާއިލް ބުނެލިއެވެ.
“މާން އަޅުގަނޑު ދެކެ ލޯބި ނުވަންޏާ؟” ޔޫލީ ކޮށްލި ސުވާލު ކޮށްލީ ނާއިލް އާއި ނަމަވެސް އެ ސުވާލު އަމާޒުވެފާ ވަނީ ހުދު އޭނާގެ ނަފްސާއެވެ.
“ބައްޕަގެ ހިތެއް ނުބުނޭ މާން ލޯބި ނުވާނަމަ މިކަން ކުރިއަށް ގެންދާނެ އެކޭ…” ދުރަށް ބަލަހައްޓައިން އިނދެ ނާއިލް ބުނެލިއިރު އެ ލޮލުގައިވާ ވިދުން ގަދަ ވެފައި ވަނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.
*****
ސިންގަޕޫރުގެ ހިތްގައިމު ހޮޓަލުގެ ބޮޑު ރީތި ހާބަތުހުރި ކޮޓަރި ތެރޭގައި މާޝާ އާއި ރާހިލް ތިބި އިރު ދެމީހުންގެ މޫނު މަތީގައި ވެސް ވަނީ ހިތްދަތިކަމާއި މަޔޫސީގެ އަސަރުތަކެވެ. ދެމީހުން ތައްޔާރުވަމުން ދިޔައީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ޑޮކްޓަރަށް ދައްކަން ދިއުމަށެވެ.
ރާއްޖެއިން ވެސް ވަނީ ރަހިމުގެ ކެންސަރު މާޝާ އަށް ޖެހިފައި ހުރިކަމަށް ޑޮކްޓަރުން ބުނެފައެވެ. ނަމަވެސް އެ ދެމަފިރިން އެކަން ގަބޫލް ކުރަން ބޭނުން ނުވުމުގެ ސަބަބުން އިތުރަށް ޔަގީން ކުރުމަށް ސިންގަޕޫރަށް އައީއެވެ.
ހޮސްޕިޓަލަށް ގޮސް ޑޮކްޓަރުގެ ކޮޓަރި ކުރިމައްޗަށް ހުއްޓިލާ ކުޑަ ވަގުތު ކޮޅަކަށް މާޝާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ރާހިލް މަޑުމަޑުން މާޝާގެ އަތުގައި ހިފާލާ ގާތްވެލިއެވެ. މާޝާ ރާހިލްއަށް ބަލާލަމުން ބޯ ޖަހާލިއިރު އެ ދެ ލޮލުގައި އެއްވެސް ދިރިމެއް ނެތެވެ. ފުން ނޭވާއެއް ލަމުން މާޝާ އެތެރެއަށް ވަދެލިއެވެ.
ޑޮކްޓަރު އޭނާގެ ކުރިމަތީގައި އޮތް ފައިލް ލައްޕާލުމަށްފަހު، މާޝާއާއި ރާހިލްގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން އިނެވެ. އަދި މަޑުމައިތިރިކަމާއެކު ވާހަކަދައްކަން ފެށިއެވެ.
“އައި އެމް އެފްރައިޑް ދަ ރިސާލްޓްސް އަރ ދަ ސޭމް… އިޓް ކޮންފަރމްސް އޮވޭރިއަން ކެންސަރ”
މާޝާ ޑޮކްޓަރަށް ކަޅި ޖަހާ ނުލާ ބަލަހައްޓައިގެން އިން އިރު އެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގަތެވެ. ދެން ޑޮކްޓަރު ބުނާނެ ވާހަކަ ވެސް އޭނާއަށް އެނގޭ ކަހަލައެވެ.
“ވަރަށް އަވަހަށް ފަރުވާ ފަށަން ޖެހޭ… ކެންސަރު އުފެދިފައިވާ ތަނާއި، ދަރިމައިވާ ގުނަވަންތަކަށް މީގެ އަސަރު ފޯރާފައިވާ މިންވަރަށް ބަލާއިރު، ދަރިމައިވުމުގެ ގާބިލުކަން ރައްކާތެރިކުރެވޭނެ ފަދަ ސާޖަރީއެއް ހެދުމަކީ މި ހާލަތުގައި ރައްކާތެރިކަމެއް ނޫން.” ޑޮކްޓަރު ވާހަކަ ކުރިއަށް ގެންދިޔައެވެ. (އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުން)
” ތި ބުނީ ؟” އެ ސުވާލު މާޝާ ކޮށްލި ނަމަވެސް ހައިރާން ކަމުގެ އެއްވެސް އަސަރެއް އެ އަޑުގައި ނެތެވެ.
“ސާޖަރީގައި ދެ އޯވަރީއާއި ފެލޯޕިއަން ޓިއުބުގެ އިތުރުން، ރަހިމުވެސް ނަގަންޖެހޭނެ.. އެހެން ވީމާ މާޝާ އަށް ދެން ދަރިއަކު ނުލިބޭނެ..” މަޑުމަޑުން ޑޮކްޓަރު ބުނެލިއެވެ.
މާޝާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައިރު ރާހިލްގެ ލޯ ވެސް ވަނީ ފެން ކަޅި ވެފައެވެ. ރާހިލް މާޝާއާ ދިމާއަށް އެނބުރިލި ނަމަވެސް، މާޝާއަކަށް ރާހިލްގެ ދެލޮލަށް ބަލާލާނެ ހިތްވަރެއް ނުލިބުނެވެ. ރާހިލް މަޑުމަޑުން މާޝާ ގާތް ކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެ އަމަލުން އޭނާ ބުނެދޭން ބޭނުންވަނީ ކޮންމެ ހާލަތެއްގައި ވެސް އޭނާ ވަނީ މާޝާ އާއި އެކުގައި ކަމެވެ.
***ނުނިމޭ***
4 Comments!
Comments are closed.




❤️
Thank you for the heart Toy 😊
Alhey yooli gos suvaalukohlaane nama dho. Mi maahinves mihen ulhe bondieh boane adhi. Varah reethi mi partves. Wish hws you feeling now? hope your fine.
Thank You koklila modi for the comment… yooly dhen kanthah kuraa gotheh balan jeheynee dho.. maahin ves e ulheny varah hadi koh adhi dho… Adhives varah balikoh miulheny hama kiriyaa mi post kohlevuny part ves 😔 naseebehnu dhen part kiyaalan libunu kan ..