Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު-21

Vaahaka_by_Az
Vaahaka_by_Az Level 110 Stories
August 26, 2026 4 Mins Read
1 Comment

ފަތިހުގެ ވަގުތަށް ވުމުން ދުންފިނީގެ އަސަރު މާހައުލުގައި ހިފާފައި ހުރިއެވެ. ކުދި ވިނަގަސްތަކުގެ ފަތްތަކުގައި ފިނި ހިފާފައި ހުރިއިރު ޝަބްނަމްގެ ތިކިތަކެއް ފަދައިން ވިދަވިދާ ހުއްޓެވެ. ރަށުތެރެ އަމާން ވެފައި ހިތްފަސޭހައެވެ. މީހެއްގެ ހިލަމެއް ނުވި ކަމުގައި ވިޔަސް ކާޅާއި ކޮވެލި އެއް ރާގަކަށް ގޮވަމުން ދާއަޑު އިވެއެވެ. ފަތިސް ވެއްޖެ ކަމަށް ހާ ތަކުގެ ރިވެތި އަޑުން އިއުލާނު ކުރަމުން ދެއެވެ. ދުރުދުރުން ކުދި ދޫނި ސޫފިތަކުގެ އަޑު އިވެއެވެ. ހިތްގައިމު މާހައުލެކެވެ. ޤުދުރަތީ މަންޒަރު ތަކާއި  އަޑުތަކުން ހިތަށް ހަމަޖެހުން ލިބިދެއެވެ.

އާދައިގެ މަތިން އަޒާންއަށް ނުނިދުނު ރެއެކެވެ. އެބިރުވެރި ހުވަފެން ފެނުމުން ނިދަން އުނދަގޫވެ މޭފިތޭ ގޮތްވަނީއެވެ. ފަތިސް ނަމާދު ކޮއްލައިގެން ގެސްޓުހައުސް ގެ ބޭރުގައި އޮންނަ ބިއްދޮށު މަގަށް ނުކުތީ ހިތްހަމަ ޖައްސާލުމަށެވެ. މަގުގެ އަނެއްފަރާތުގައި  ހުރި ރުއްގަނޑުގައި އެލުވާފައި ހުރި ހެއްލާ ޖޯލިތަކުން ޖޯއްޔެއްގައި އޮށޯވެލައިގެން އޮތެވެ. އިރު ނޭރިއަސް ޖައްވައް އޮތީ އަލިކަން ފެތުރިފައެވެ. އަޒާން އެހެން އޮއްވާ ފެނުނީ ކުރިމަތިން އަންހެން ކުއްޖަކު ހުރަސް ކޮއްލިތަނެވެ. ޔަޤީންނުވެފައި ކުޑަކޮށް ބޯހިއްލާ ބަލާލިއިރު އެދަނީ އާޔަތު ނޫން ދެވަނަ މީހެއް ނޫނެވެ. ޖޯލިން ތެދުވެ އަޒާން ވެސް މަޑުމަޑުން އާޔަތުގެ ފަހަތުން ހިނގަމުން ދިޔައީ އެދެމެދުގައި ފުދޭވަރަކަށް ދުރުމިން ބަހައްޓާފައެވެ.

…………………………

އޮފީހުގެ ބައެއް މަސައްކަތްތައް ކުރަން އާޔަތު އިނީ ނުނިދިގެނެވެ. ނިދަން އުޅެއުޅެ އެކަންވީ ނާކާމިޔާބެވެ. މަސައްކަތުގެ ތެރެއަށް ގެއްލިފައި އިންދާ ފަތިސް ނަމާދުގެ ބައްގި ގޮވުމުން ނަމާދުކޮއްލައިގެން އާޔަތު ބޭނުންވީ އިރުއަރާ މަންޒަރު ބަލާލަން ދާށެވެ. ރަށުގެ ފުއްޓަރު ފަރާތް އޮންނަނީ ފުދޭވަރަކަށް ގެއާ ކައިރީގައެވެ.

ފަތިހުގެ ހިމޭން ހިތްގައިމު މާހައުލުން އާޔަތު ހުރީ ހިތްހަމަޖެހިފައެވެ. މަޑު ރާގެއް ލައްވަމުން ހިނގަމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ. ފުއްޓަރު މަގުން ނުކުމެވޭއިރު ދެފަރާތުގައި ބޯ ދިއްގާ ގަސްތައް ހެދިފައިވާއިރު މަގު އޮންނަނީ ރީތިކޮށް ކޮށާ ސާފުކޮއްފައެވެ. މަގުގެ ކޮޅަށް ދޭވޭއިރު މޫދު ފެންނަން އޮވެއެވެ. އޮމާން ހުދު ދޮންވެލިގަނޑަށް ރާޅު ބީއްސާލާތަން ބަލާލަން ނުހަނު ހިތްގައިމެވެ. ހިމުން ދޮންދެލިގަނޑުގައި ފައިއަޅާކޮންމެ ފަހަރަކު ފައިތިލަ ގެނބިގެން ދެއެވެ. މާތްالله ގެ  ކުޅަތުންވަންތަ ކަމެވެ. އަޖައިބެއްފަދަ ރީތި ޤުދުރަތީ މަންޒަރަށް ގެއްލިފައި ހުރި އާޔަތު ސިހިގެން ދިޔައީ މީހަކު ފަހަތުން އައިސް ބުރަކަށީގައި ބީހިލުމުންނެވެ. ނުވިސްނާ ހުރި އާޔަތު އަތް މަޅާލީ އެމީހަކުގައިގަ ޖެހުމަށެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި އަޒާން އާޔަތުގެ އަތުގެ ހަމަލާއިން ރެކުނެވެ.

”އަޒާން!!!….މިތާގަ ކީއްތިކުރަނީ؟؟ އާޔޫ ފޮލޯވިން މީ؟“ އަޒާންކަން ޔަޤީން ވުމުން އާޔަތު ތުން އަނބުރާލިއެވެ.

”ހެއި ލިލީ…..ވަޓް އިފް އައި ޑިޑް ފޮލާ ޔޫ……ހެހެހެހެ“ އާޔަތު އަށް ވީގޮތުން އަޒާންއަށް މަޖާވިއެވެ.

”ދެން ވަރަށް ފޫހިވޭ“ އާޔަތު ހަށަން ބަނދެލަމުން އަނެއް ފަރާތަށް އެނބުރުނެވެ. ހަޤީގަތުގައި އާޔަތު ކިތަންމެ ގޮތް ދެއްކި ކަމުގައި ވިޔަސް އަޒާން ހުރުމުން އާޔަތުއަށް ގޮތްނޭގޭ ހިތްހަމަޖެހުމެއް ލިބުނެވެ.

އިރުއަރާ މަންޒަރު ބަލަން އާޔަތު ހުރީ ގެއްލިފައެވެ. އިރުގެ ދޯދިތައް ވިލާތައް ފޫއަޅުވާލާފައި ދާގޮތުގެ ފުރިހަމަ ކަމެވެ. އިރުގެ ދަޅަ ކަނޑަށް އެޅިފައިވާއިރު ޖަވާހިރެއް ފަދައިން ވިދާލާ ގޮތެވެ. ކޮންމެ މަންޒަރެއް އާޔަތު ދިޔައީ ފޯނުގައި ރައްކާކުރަމުންނެވެ.

ކުދި ކިރު ކަކުނިތައް އެސޮރުމެންގެ ހޮރުން ނުކުމެ ވެލިގަނޑުމަތީ ކޮޅުކޮޅަށް ދުވަމުން ދާގޮތް އާޔަތުއަށް މަޖާވިއެވެ. ކަކުނިތައް ފަހަތުން އެހިފޭތޯ ދުވަމުން ދިޔައެވެ.

އެހިތްގައިމު މަންޒަރަށް އަޒާން ހުރީ ގެއްލިފައެވެ. ފޯނުނަގައި ފޮޓޯއެއް ނަގާލެވުނީ އެވަގުތު ކޮޅު ފަހަށް ރައްކާކުރުމަށެވެ.

”އެބައުޓް ދެޓް…..އަހަރެން އުޅެފީމޭ އަޒާން ކައިރީ އަހަންވެގެން…..ކީއްވެ އަހަރެންގެ ފޮޓޯ ތި ނަގަނީ؟….އެދުވަހު ޕަރީ ފެންގަނޑު ކައިރިން ވެސް ދުށިން ނެގިތަން“ އަޒާން ފޮޓޯ ނެގިތަން މިފަހަރުވެސް އާޔަތުގެ ލޮލުގައި އަޅައިގަތެވެ.

”ކިހިނެއްވީ…..މީހުން ފޮޓޯ ނަގަނީ ރީތި އެއްޗެހީގެ އެއްނު…..އަހަރެންނަށް ރީތި ވީމަ މިނެގީ ފޮޓޯ…..ބަރަވެލިތަކާއި ކަކުނިތައް ކިހާ ރީތި ދޯ“ އަޒާން ވާހަކަ އޮޅުވާލިއެވެ.

”އެހެންނުވާނެ އަހަރެންގެ ފޮޓޯ ތިނެގީ…..ޑިލީޓް ކުރޭ އެހެންޏާ ކޭސް އެއް ކުރަން  ޖެހޭނީ ދެން“ އާޔަތު ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

”އޯކޭ ކޭސް އެއް ކުރިޔަސް….. ޑާލިން! އިފް ޔޫ ޑޫ އިޓް އައި ވުޑް ޓޭކް އިޓް ހެޕީލީ“ އަޒާން އެއްލޯ މަރާލަމުން އާޔަތުއާއި ގާތްވެލިއެވެ.

”މަޖަލެއްނޫން ދެން…“ މިފަހަރު އާޔަތުއަށް ވެސް ހެވުނެވެ.

……………………

ހެނދުނުގެ ނާސްތާ އެންމެން ކުރީ އެކީގައެވެ. އެއަށްފަހު މަސައްކަތަށް ތައްޔާރުވެލައިގެން އެންމެން ނުކުތެވެ. ފެކްޓްރީއަށް ދާން ބައެއް މީހުން ކާރުގަ ނައްޓާލިއިރު އަނެއްބައި މީހުން ސައިކަލުތަކުގައި ނައްޓާލިއެވެ.

ފުރަތަމަ ފިރިހެނުން ދިޔައީ ދޯނިތައް ދޮށަށް  މަސް ބަލައެވެ. އޭރު އަންހެނުންތައް ފެކްޓްރީ ބިއްދޮށު މަސް ކެއްކުމަށް ޙާއްސަކޮށް ހަދާފައި ހުރި ތަނުގައި ތެލިތައް ދޮވެ އުނދުން ތައްޔާރު ކުރުމުގައި އުޅެއެވެ. އާއިލާގެ އެންމެން ބައިވެރިވާ ދުވަހެއް ކަމުން މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން ހަމައެކަނި ފެކްޓްރީތެރޭގައި މަސްދަޅު ބަންދުކުރުމުގެ

މަސައްކަތް ހަވާލުކުރިއެވެ.

ރާޔާ އާއި މައުރާ އަދި ޔާވިންއަށް ހަވާލު ކުރީ އިޒްޔަން ބެލުމުގެ މަސައްކަތެވެ. ފެކްޓްރީގެ އޮފީސްބައިގައި އެކުދިން މަޑުކުރިއެވެ.

7 ޓަނު މަސް ހިފައިގެން އައިސް ބައްޕަމެން އުޅުނީ މަސްކެނޑުމުގައެވެ. އަޒާން އާއި ލިއަމް އަދި މީކައިލް އާއި ޔުވާން ވެސް މަސްކެނޑުމުގައި ބައިވެރިވިއެވެ. މަސްކަނޑަން ދަސްކުރަން މީކައިލް މާގިން އިރެއް ނުނެގިއެވެ. ދެމަސް ކަނޑާލިއިރަށް ދަސްވެއްޖެއެވެ. ފޯރީގައި މަސްކަނޑަމުން ދިޔަވަރަކަށް އަންހެނުން  މަސްކައްކަމުން ދިޔައެވެ. މެންދުރަށް ކެއްކީވެސް ފެކްޓްރީގައެވެ.

 އެމަންޒަރު ބަލާލާ ކޮންމެ މީހަކުގެ ހިތް ވެސް ލޯބިން ފުރޭނެއެވެ. އެ އާއިލާ އެހާވެސް އެކުވެރިއެވެ. އެކަކު އަނެކަކަށް އޮންނަ އޯގާތެރިކަމާއި ލޯތްބެވެ. މި މުޖުތަމައުން މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

”ޒިޔާއްތަ މެން އަންނާނެ މާދަމާ ވާނެ ވަރުގަދަ ކެއުމެއް ތައްޔާރު ކޮއްލަން…… މިފަހަރު މިއޮތީ މުޅި އާއިލާ އެއްތަން ވެފަ…..ބޮޑު ދަތުރެއް ވެސް ރާވަންވާނެ ދޯ“ ރާމިޒާ ބުނެލިއެވެ.

އެއާއިލާގެ އެންމެ ހަގު އަންހެން މީހާ ޒިޔާދާ އާއި އޭނާގެ ކުދިންކޮޅު އުޅެނީ ފިރިމީހާގެ ރަށުގައެވެ. ޗުއްޓީ ދުވަސްކޮޅަށް ވުމުން ރަށަށް އަންނަނީއެވެ.

މަންމަމެން ބޮޑު ތިންތެލީގައި މަސް ކައްކަމުންދާ ވަރަކަށް އެމަސްތައް ނަގައިގެން ބޮޑު ދުމަށީގައި އެތުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ޔަލްވީއާއި އާޔަތެވެ. މަހީރް އާއި މެހެކް އަށް ހަވާލުކުރީ ބައްޕަމެން މަސް ކެނޑުމުން މަސްތައް މަންމަމެނަށް ގެނެސްދިނުމަށެވެ. ނަމަވެސް މަސައްކަތް ކުރަމުން ދިޔައީ މަހީރް އެކަނިއެވެ. ވަރުބަލިވެއްޖެ ކަމަށް ބުނެފައި މެހެކް ގޮނޑިއެއްގައި އިށީދެގެން އިނީ ފޯނާ ކުޅޭށެވެ. އެއްވެސް މީހަކު އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ. އެންމެން ވެސް މެހެކް ދެކެ އިންތިހާއަށް ލޯބިވެއެވެ. މާމަ ދަރިން ތެރެއިން އެންމެ ދޮށީ ޔުވާންއަށް ވުމުން ޔުވާން އިންނަން އުޅޭ ކުއްޖާ ވަރަށް ޙާއްސައެވެ.

 ނަމަވެސް މަހީރް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ހުރިހާ މަސައްކަތެއް ކުރަން ޖެހުނީ މަހީރް އަށް އެކަނިއެވެ.

……………………………….

މަސައްކަތް ނިންމާލާފައި އެންމެނަށް ގެއަށް ދެވުނުއިރު ރޭގަނޑު 9 ޖަހާ ބޮޑުވެއްޖެއެވެ. ވެފައިހުރި ވަރުބަލިކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާ ވެލައިގެން އަރާމް ކޮއްލާށެވެ. ގެއަށް އައިސް ވަތްތާ 10 ވަރަކަށް މިނެޓު ތެރޭގައި އަދީލް އަށް ފޯނު ކޯލެއް އައެވެ. ފެކްޓްރީގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ހަބަރެވެ.

އަދީލް އެންމެނަށް އެޙަބަރު ދިނެވެ. ލިއަމް އަވަސްވީ ކައްދޫ ބޭސްގައި ތިބި ސިފައިންނަށް އެޚަބަރު ދިނުމަށެވެ. އެއަށްފަހު ފެކްޓްރީއަށް ދާން އަވަސްވެގަތެވެ. ލިއަމް ދާން އުޅުމުން ޔަލްވީ ލިއަމްގެ އަތުގައި ހިފެހެއްޓިއެވެ. ލިއަމްއަށް ކަމެއް ވެދާނެތީ ހިތް ބިރުގަންނަނީއެވެ.

”އިޓްސް އޯކޭ ޕްރިންސެސް އައިވިލް ބީ ބެކް ސޫން“ ލިއަމް ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ.

”ޕްލީޒް ބީ ކެއާފުލް“ ޔަލްވީ ލިއަމްގެ އަތުން ދޫކޮއްލިއެވެ. ލިއަމް ބޯ ޖަހާލާފައި ކާރުގައި ދިޔައީ އަދީލްވެސް ގޮވައިގެންނެވެ.

އޭރު ޔާފިއު ޕޮލިސް ޓީމް އާއެކު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ފުލުހުންނާއި ސިފައިން ވެގެން އެތައް މަސައްކަތަކުން އަލިފާންގަނޑު ނިއްވާލިއެވެ. ފެކްޓްރީގެ ބޮޑުބައެއް އޭރު އޮތީ އަނދާފައެވެ. ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.

އަދީލް އާއި ޔާސިރު ގެއަށް ވަތްއިރު ތިބީ މިލާ މޯޅިވެފައެވެ. އޭރު އެންމެން ސިޓިންރޫމަށް އެއްވެފައި ތިއްބެވެ. އެންމެންގެ މޫނުމަތީގައިވެސް ވީ ކަންބޮޑުވުމުގެ އަސަރެވެ.

” ވަރަށް ހިތާމަވެރި ވަގުތެއް މީ މިއާއިލާއަށް……އެތައް އަހަރެއްގެ ބުރަ މަސައްކަތް އެދިޔައީ ބިމާ ހަމަވެގެން……ފެކްޓްރީގެ ބޮޑުބައެއް  އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިއަށް ވެފަ“ ޔާސިރު ދެރަވެލާފައި ކަރު އެލުވާލިއެވެ.

”ދަރިފުޅުމެން ދެރަ ނުވޭ…..ރިޒުޤު ދެއްވާ ފަރާތުން ދެއްވާނެ…..އަހަރުމެން ޖެހޭނީ ހެޔޮހިތުން އަބަދުވެސް އެކަމަށް އެދި ދުޢާ ކުރަން…… އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް ނުހަދާނެ……މިވެސް ބަލާ މީ އިމްތިޙާނެއް ކަމަށް …….އަހަރުމެން ވާނެ އިމްތިޙާން ތަކަށް ކެތްތެރިވާން “ މާމަ ބެލީ ދަރިންނަށް ހިތްވަރު ދެވޭތޯއެވެ.

”އެތެދެއް ދަރިފުޅުމެން ތީ އަބަދުވެސް ބައްޕަމެން ދޭ ނަސޭހަތް އަޑުއަހަގެން ކުރިއަށްދާ ކުދިބައެއް….. އެހެންވީމަ ހިތްވަރު އެލުވާނުލާ އަހަރުމެން އެންމެން ވެގެން އަލުން ފެކްޓްރީ ނަގާ ކޮޅަށް ޖަހާނީ……އަބަދުވެސް ވާނެ އެންމެން އެކުގައި ވެގެން އުޅެން“ ކާފަ ވެސް ހިތްވަރު ދިނެވެ.

އެ އާއިލާ އެހެން އެއޮންނަނީ އެދެމަފިރިންގެ ހިތްވަރުންނެވެ. އެދެމަފިރިން އެކުދިންނަށް ދީފައިވާ ހެޔޮ ތަރުބިއްޔަތުގެ ނަތީޖާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

އެންމެ ފަހު ސިޓީ ـ 7

Next

ހިޔަނިހެން 13

Next
August 26, 2026

ހިޔަނިހެން 13

Previews
August 26, 2026

އެންމެ ފަހު ސިޓީ ـ 7

One Comment

  1. Zdmr says:
    August 26, 2026 at 9:39 pm

    Mehek kuri kameh hen heevany. Poor maheer had to do all works alone:( I love liam and azaan sm💗

Comments are closed.

Next Episodeތަޤުދީރު – 3←


All Right Reserved!