Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނުލޯބި

ހަޑިމިލޭރު – 6

ޝނކސ
ޝނކސ Level 110 Stories
August 22, 2026 3 Mins Read
0 Comments

“ރިޟްވާން! އިންޖީނު އިސްޓާޓް ކުރޭ، އަހަރެމެން މިދަނީ ހުޅުމާލެއަށް!” ނާއިލް ތެދުވެ، ދޯނީގެ މަތީގައި އަޅާފައިހުރި ލަކުޑި ބެރި ތަކުގެ ތެރެއިން ބެރިއެއްގައި ހިފަހައްޓާލަމުން ބުންޏެވެ.

*****

ރިޟްވާން އިތުރު ބަހެއް ނުބުނެ، ބޯޖަހާލުމަށްފަހު ޒަޔާންގެ ކައިރިން ދެމިގަނެގެން ގޮސް ދޯނީގެ ފަހަތުގައި ހުރި ކުޑަ އިންޖީނު ރޫމަށް ވަނެވެ. އިރުކޮޅެއްގެ ތެރޭގައި، ދޯނީގެ އިންޖީނު ބާރު އަޑަކާއެކު އިސްޓާޓްވެ، މުޅި ދޯނި ގުޑުވާލިއެވެ. ނާއިލްގެ ފައިދަށުގައި ހުރި ފިލާގަނޑުތައްވެސް އިންޖީނުގެ ގުޑުމަށް ތުރުތުރުލަމުން ދިޔައެވެ. އެ ކުޑަ މުދާ އުފުލާ ދޯނި ބަނދަރުން ނުކުމެ، މާލޭގެ އުތުރު ފަރާތު ނެރުން ކަނޑުގެ އަނދިރިކަމުގެ ތެރެއަށް މިސްރާބު ޖެހިއެވެ. ކުލަގަދަ ބައްތިތަކުން ދިއްލިފައިވާ މާލޭގެ މަންޒަރުތައް މަޑުމަޑުން އެމީހުންގެ ފަހަތަށް އޮބެމުންދިޔައެވެ. ކުރިމަތީގައި އޮތީ ހުޅުމާލެއާ ދެމެދު އޮތް ފުން ކަނޑުގެ ސަރަހައްދެވެ. އެއީ ދުނިޔޭގެ މުއްސަނދިންގެ ލަގްޒަރީ ޔޮޓްތަކުން ފުރިފައިވާ މެރީނާ އޮތް ތަނެވެ.

ނާއިލް އިނީ ދޯނީގެ އަރިމަތީ ފިލާގަނޑުގައި ލެގިލައިގެން، ކަނޑުގެ ކަޅު ރާޅުތަކަށް ބަލަހައްޓައިގެންނެވެ. ދޯނި ދުއްވާފައި ދިޔައިރު ބޭރަށް ބުރައިގެންދާ ލޮނުތިކިތައް އޭނާގެ މޫނަށް ބުރަމުން ދިޔައެވެ. އެ ލޮނުތިކި ތަކުން ކުރަމުންދިޔަ ފިނި އިހުސާސް ވާވަރަށް އޭނާގެ ބޮލުގައި ވީ ހައިޖާން މާ ބޮޑެވެ.

އައިރާ މަޑު ހިނގުމެއްގައި އައިސް ދޯނީގެ ފިލާގަނޑުގައި އަތްވިއްދާލައިގެން ނާއިލްގެ ކައިރީގައި މަޑުކޮށްލިއެވެ. އޭނާގެ ތެތް އިސްތަށިކޮޅުތަށް ވަނީ ނިތްކުރީގައި ތަތްވެފައެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަން އޮތް ހުޅުމާލެ ބްރިޖުގެ ބައްތިތަކަށެވެ.

“ހާދަ މަޑުމަޑުން؟” އިންޖީނުގެ ގަދަ އަޑުގެ ތެރެއިން އޭނާ ބުންޏެވެ.

“އެކި ކަންކަމާ ބޯ ގާނަނީ!”. ދޯނީގެ ބޭރުން އުދަރެހަށް ބަލަހައްޓައިގެން ހުރެ ނާއިލް ޖަވާބުދިނެވެ.

“މީގެ ބާރަ ގަޑިއިރު ކުރިން، އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަހަރުމެން މަރާމާތު ކުރި ދޯންޏެއްގެ މަސައްކަތަކަށް ލިބެންޖެހޭ ލާރިކޮޅު ވަގުތަށް ނުލިބިގެން އުޅުން! އެކަމަކު މިހާރު މިދަނީ މަސްދޯންޏެއްގައި، ބޮޑު މުއްސަންޖެއްގެ ސުޕަރ ޔޮޓަށް ވަގަށް އަރަން!”. އައިރާ ވާހަކަދައްކަން ފެށުމުން ނާއިލް އޭނާގެ މޫނަށް ބަލައިލިއެވެ. އައިރާ އެހެން ބުނެލުމަށްފަހު މަޑުމަޑުން ހީނލިއެވެ. އެއީ މުޅި އެ ރޭގެ ތެރޭގައި އޭނާގެ މޫނުމަތިން ނާއިލަށް ފެނުނު ފުރަތަމަ ހިނިތުންވުމެވެ. އެ ހިނިތުންވުމާއެކު، އޭނާގެ މޫނުމަތިން ފެންނަން ހުރި ހަރުކަށިކަމާއި ރައްކާތެރިވުމުގެ ސިފަތައް ފިލައިގެން ދިޔަ ކަހަލައެވެ.

“ނާއިލް! ނާއިލްއަށް މިކަމުން ދުރުވެވެން އޮތެއްނު!”. ނާއިލްއާއި ދިމާއަށް އެނބުރިލަމުން އައިރާ ބުންޏެވެ.

“ރަފީގު މޫދަށް ވެއްޓުނު ވަގުތު އެ ފޮށި ބަނދަރުމައްޗަށް ދޫކޮށްލާފައި ނާއިލަށް ފިލުނީސް! ތިއީ މީހަކަށް އެއްވެސް އެއްޗެއް ދަރާފައި އޮތް މީހެއް ނޫން! ނާއިލްގެ އާއިލާ މީހެއްވެސް ހުރީއެއްވެސް ނޫން!”. އައިރާ ނާއިލްއާއި ދިމާލަށް ސީރިއަސް ނަޒަރަކުން ބަލައިލުމަށްފަހު ބުނެލިއެވެ.

“އަހަރެން ފިލައިގެން ނުދިޔައީ އެހެންވެ ކަންނޭންގެ!”. އައިރާއާ ދިމާއަށް އެނބުރެމުން ނާއިލް ބުންޏެވެ. ދޯނީގެ ފުރާޅުގައި ހުރި ފެހިކުލައިގެ ނެވިގޭޝަން ބައްތީގެ ފަނޑު އަލީގައި، އައިރާގެ މޫނު ފެންނައިރު ނުލާހިކު ހިތްގައިމެވެ.

“އަހަރެންގެ އާއިލާއެއް ނެތް އައިރާ! އެކަމަކު ޒަޔާން އެބަހުރި! އެއީ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާ! އަދި މިވަގުތު… އަހަރެންގެ ކައިރީގައި އައިރާވެސް ތި ހުރީ! ތޯރިގަކީ މި ގައުމުގެ ދެބައިކުޅަ އެއްބައި ރިސޯޓުތަކުގެ ވެރިޔާއަށް ވީތީ، އޭނާއަށް ވަކި ބޭނުންހާ އެއްޗެއް ހަދާކަށް ނުދޭނަން!” ނާއިލް އައިރާއަށް ބަލަންހުރެ އިތުރުކޮށްލިއެވެ.

އައިރާ ނާއިލްގެ މޫނަށް ބަލަހައްޓައިގެން ހުރީ އޭނާގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. އެވަގުތު އިންޖީނުގެ އަޑާއި ރާޅުތަކުގެ އަޑުވެސް ދުރުން އިވޭ ވަރަށް މަޑުވެގެން ދިޔަ ކަހަލައެވެ. އައިރާ އޭނާގެ އަތް ދިއްކޮށްލާފައި، ނާއިލްގެ ޖޯޒީގައި ހިފާ އޭނާއާ ކުޑަކޮށް ކައިރިކޮށްލިއެވެ. ނާއިލް އިސްކޮޅުން ދިގުކަމުން އައިރާ އަރަނީ ނާއިލްގެ ކަނދުރާއާއި ހިސާބަށެވެ.

“މާ ބޮޑަށް ހިތްމޮޅުވާން ނޫޅޭ!” އައިރާ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު ނާއިލްއާއި ދިމާލަށް ބުނެލިއެވެ. ނަމަވެސް އޭނާގެ އަޑުގައިވަނީ އޯގާތެރިކަމެވެ.

“ކުރިއަށް އޮތް ތިރީސް މިނެޓު އަހަރެމެން ސަލާމަތުން ތިބެން އެބަޖެހޭ! އިޓްސް އަ މަސްޓް!”. ނާއިލްގެ ޖޯޒީން އަތް ދޫކޮށްލުމަށްފަހު އައިރާ އެހެން ބުނެލިއިރު އޭނާގެ އަޑުގައިވީ ސީރިއަސްކަމާއި ހާސްކަމެވެ.

“ގާއިސް! ތި ދައްކާ ފިލްމީ ވާހަކަތައް މެދުކަނޑާލަން އެބަޖެހޭ!”. ކެބިން ތެރޭގައި ހުރި ޒަޔާން ލާނެއް އަޑަކުން ގޮވާލިއެވެ. އޭނާ އިނީ ފިނިކަމުން އޭނާގެ ދެ އަތް ގާނަ ގާނައެވެ.

“އަހަރެމެން މިހާރު މިވަނީ ހުޅުމާލޭ މެރީނާގެ ސަރަހައްދަށް ވަދެފައި. ރިޟްވާން ބުނީ ތެޔޮ އަޅާ ތަނުގެ ޑިއުޓީ ބަދަލުވާ ވަގުތުކޮޅާ ދިމާވާން ބާކީ އޮތީ ތިން މިނެޓޭ!” ޒަޔާން ނާއިލްއަށް ވާނުވާ އަންގައިލިއެވެ.

ފަރްހާން ވަރުގަދަ ނައިލޯން ރޯނުގަނޑަކާއި ނަރު ކަނޑާ ކައްޓެއް ހިފައިގެން ދޯނީގެ ފަހަތަށް ނުކުތެވެ. އޭރު ރިޝްވާން ހުރީ އޭނާއަށް އިރުޝާދު ދިނުމަށް ހުންގާނުގައެވެ.

“ރިޟްވާން މައި އިންޖީނު ނިވާލައިފި. މިހާރު އަހަރެމެން މި ދަނީ މީގަ އިންނަ ކުޑަ އިލެކްޓްރިކް މޯޓަރުގައި! އެއީ އެމީހުންގެ ސެންސަރުތަކަށް އަހަރެމެންގެ އަޑު ނީއްވުމަށްޓަކައި! އޭރަށް ރާޑަރަކަށްވެސް ނާރާނެ!” ފަރުހާން ނާއިލްމެންނަށް އަޑުއިވޭ ވަރަަށް ގޮވާލިއެވެ.

އިންޖީނުގެ ބާރުގަދަ އަޑު ކުއްލިއަކަށް ކެނޑި، އޭގެ ބަދަލުގައި އިލެކްޓްރިކް ބެކަޕް މޯޓަރުގެ މަޑު އަޑު އިވެން ފެށިއެވެ. ދޯނީގެ ދުވެލި މަޑުވެ، މެރީނާގެ އަމާން ފެންގަނޑުގެ ތެރެއިން ހިޔަންޏެއް ފަދައިން އެ ދޯނި ކުރިއަށް ކަނޑަމުން ދިޔައެވެ.

އެންމެން އެހެން ތިއްބައި، އިރުކޮޅަކުން ކުރިމަތީގައި އޮތް އަނދިރިގަނޑުގެ ތެރެއިން ތޯރިގުގެ އަގުބޮޑު ‘އޯޝަން ހޮރައިޒަން’ ފެނިލިއެވެ. އެއީ ނުވަދިހަ ފޫޓުގެ، ތިން ބުރިއަށް ހަދާފައިވާ ކަޅާއި ހުދުކުލައިގެ ވަރަށް ފުރިހަމަ ޔޮޓެކެވެ. އޭގެ މަތީ ބުރީގެ ކުޑަދޮރުތަކުން ފަނޑު ރީނދޫ އަލިކަމެއް ފެންނަން ހުރިއިރު، ޔޮޓުގެ ފަހަތުގައި ހުރި ރިހިކުލައިގެ ނިޝާން ބޯލީގެ ބައްތިތަކުގެ އަލީގައި ވިދަމުންދިޔައެވެ.

“އެ އޮތީ އެ ޔޮޓު!”. ފަރްހާން އޭނާގެ އަތުކުރީ ގަޑިއަށް ބަލާލަމުން ބުންޏެވެ.

“ގަޑިން ފަތިހު 4:14. ރޭގަނޑު ޑިއުޓީގައި ތިބި މީހުން މިހާރު އެދަނީ ޑިއުޓީއިން ފައިބައިގެން!”. ފަރްހާން އިތުރުކޮށްލިއެވެ.

ނާއިލް އޭނާގެ އަތުގައި އޮތް ފޮށީގެ ފަށް އޭނާގެ ކޮނޑުގައި އަޅުވާލިއެވެ. އެއަށްފަހު އައިރާއަށް ބަލާލިއިރު، އައިރާ ހުރީ އޭނާގެ އުނަގަނޑުގައި އޮތް ކުޑަ ދަގަނޑުބުރި ނަގައި އައިސްދާނެ ހަމަލާއަކަށް ތައްޔާރުވެގެންނެވެ. އައިރާ ނާއިލަށް ބަލާލާފައި ތައްޔާރަށް ހުރިކަން އަންގައިލިއެވެ.

“ހިނގާބެ ސަޅި ރިވެންޖެެއް އެގޮލާއަށް ދޭން!” ނާއިލް ނުރައްކާތެރި ބެލުމަކުން އެ ޔޮޓަށް ބަަލައިލުމަށްފަހު ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ޖެހިލުން ކުޑަކަމެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

ހިތުގެ މަގުތައް-10

Next

ތަޤުދީރު-19

Next
August 22, 2026

ތަޤުދީރު-19

Previews
August 22, 2026

ހިތުގެ މަގުތައް-10



All Right Reserved!