ނޭދެން ވަކިވާކަށް 35 ވަނަ ބައި
“ވަޓްސް ގޮއިން އޮން” އެ އަޑަށް ދެ މީހުންވެސް ކުޑަކޮށް ސިހުނެވެ. ޝިފްނާގެ މޫނުމަތިން ފެންނަން ހުރީ ހައިރާންކަމެވެ. ވާނުވާ ނޭނގި ބަލަހައްޓައިގެން ހުރީ ޖަވާބަކަށް އިންތިޒާރު ކުރާފަދަ ގޮތަކަށެވެ.
“ހާއި ބެސްޓީ…” މޫނުމަތިން އެއްވެސް ނުތަނަވަސްކަމެއް ދައްކާނުލައި، އެ އާދައިގެ ‘ބަބްލީ’ ރާގުގައި ޔޫލީ ޝިފްނާއަށް ގޮވާލަމުން ކައިރިއަށް ޖެހިލިއެވެ. “ރީޑް ދަ ރޫމް…” ޝިފްނާއަށް އެކަނި އަޑުއިވޭ ވަރަށް ޔޫލީ ސިއްރުސިއްރުން ބުނެލުމާއިއެކު، ޝިފްނާ ހަލުވިކޮށް ވަށައިގެން ބަލައިލިއެވެ. ތެދެކެވެ. މާހައުލުގެ ވައި ދެނެގަންނާކަށް އޭނާއަކަށް ގިނައިރެއް ނުނެގިއެވެ. މާ ދުރުނޫން ހިސާބެއްގައި ތިބި ސާދާއާއި ދީނާ އެ ދިމާއަށް ބަލަހައްޓައިގެން ތިބެ ކޮންމެވެސް ވާހަކަތަކެއް ދައްކަނީއެވެ. ކެބިން އިން ނިކުތް ޒޯޔާގެ މޫނުމަތި ވަނީ ބަނަވެފައެވެ. އެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިއާއި ހިތްހަމަ ނުޖެހުމެވެ.
އަވަސް އަވަހަށް ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވަމުން ޝިފްނާ ޔޫލީއަށް ބަލާލައި ބޯ ޖަހާލިއެވެ. އެނގިއްޖެޔޭ ބުނާފަދަ ގޮތަކަށެވެ.
“ލެޓްސް ގޯ .. މާން ވިލް ޖޮއިން އަސް އެނގޭ” ޔޫލީ ޝިފްނާއަށް އަންގާލިއެވެ.
ތިން މީހުން އެކުގައި ގޮސް ލިފަޓަށް އެރިއެވެ.
” ޔޫ މާރކްޑް ޔުއަރ ޓެރިޓޮރީ ދޯ؟” ޝިފްނާ ލާނެއް ހިނިތުންވުމަކާއިއެކު ވަރަށް މަޑުމަޑުން ޔޫލީ ގާތު އަހާލީ މާން އަށް ނީވޭވަރަށެވެ.
“ޔެސް ޝީ ޑިޑް” މާންގެ އަޑަށް ޝިފްނާ ދެލޯ މަރާ ފިއްތާލަމުން އަޑު ނުނިކުންނަ ވަރަށް ‘ޝި*’ އޭ ބުނެލިއިރު ޔޫލީގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވެ އޭނާ ޝިފްނާ އަށް ލޯ އަޅާލިއެވެ.
“ޑިޑް އައި؟” އެބުރިލަމުން މާންއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ސާބިތުކަމާއިއެކު އަހާލިއިރު އެ އަޑުގައި ފަސްޖެހުމެއް ނެތެވެ.
އެ ރީތި ދެލޮލަށް ބަލައިލަމުން މާން ހިނިތުންވެލީ، އެކަމާ އިތުރަށް އެއްޗެއް ނުބުނާނަމޭ ބުނާ ފަދަ ގޮތަކަށެވެ. ލިފްޓް ހުޅުވުމާއިިއެކު އޭނާ ޔޫލީއާ ގާތްވެލަމުން އެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އެ ލުއި ބީހުން އިހުސާސްވުމުން ޔޫލީ އިސްއުފުލާލައި މާންގެ މޫނަށް ބަލައިލިއެވެ. މާންގެ ކޮންމެ ބީހުމަކުންވެސް ޔޫލީގެ މުޅި ހަށިގަނޑުގައި ބުނެދޭން ނޭނގޭ ތަފާތު ޖަޒުބާތުގެ އޮއިވަރެއް ދަތުރުކޮށްލައެވެ. ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް، އެ ހިތް މާންގެ އަތްމައްޗަށް ދޫވެގެންދާކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ. އެ ހިތުގެ ވިންދު އަވަސްކުރުވާ އިތުރު އިންސާނަކު މި ދުނިޔެމަތީގައި ޔޫލީއަކަށް ނުވެއެވެ. އެ އިހުސާސްދެކެ އޭނާ އިންތިހާއަށް ބިރުގަންނަނީވެސް އެހެންވެގެންނެވެ. މާންއަށް ފުރިހަމައަށް އިތުބާރު ނުކުރެވޭއިރު، އޭނާގެ މުޅި ހިތް މާންއަށް ހަދިޔާކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި މާންގެ ހިތުގައި އޭނާއަށްޓަކައި އޮތީ ކޮންކަހަލަ އިހުސާސެއްކަމެއްވެސް ޔޫލީއަކަށް ނޭނގެއެވެ. މާން ދުވަހަކުވެސް އޭނާއާ ދިމާއަށް ސީދާ ލޯބީގެ ބަހެއް ބުނެފައެއް ނެތެވެ.
“ޔޫލީ… ސިޓް” ޚިޔާލުތަކުގެ ފުން ކަނޑުން ޔޫލީއަށް ހޭވެރިކަން އައީ މާންގެ އަޑަށެވެ. އޭރު ރެސްޓޯރެންޓްގެ މޭޒާ ހިސާބަށް އެމީހުންނަށް ވަނީ އާދެވިފައެވެ.
ތިން މީހުން ހަމަޖެހިލާ ކައި އެއްޗިއްސަށް އޯޑަރު ދިނެވެ. ޝިފްނާގެ ބަސް މަދުވެފައި ވަނީ މާންގެ ސަބަބުންނެވެ. އޭނާއަށް މާ ގިނަ ވާހަކަ ދައްކާކަށް ނުކެރުނެވެ.
“ޝިފްނާ ، އަހަރެންނަށް ފޮތެއް ހޯދަދީބަލަ؟” މާހައުލުގެ ހަމަހިމޭންކަން ދުއްވާލަމުން މާން ވާހަކަ ދެއްކިއެވެ.
“ޔެސް” އަވަސްއަވަހަށް މާންއަށް އަދަބުވެރިކަމާއިއެކު ޝިފްނާ ޖަވާބު ދިނެވެ.
“ދަ މިސްޓޭކް.. އަ ސްޓޯރީ ބުކް” ކާން އިން ޔޫލީއަށް ނަޒަރު ސީދާ ކޮށްލަމުން މާން ބުނެލިއެވެ.
ސިއްސައިގެން ދިޔަ ވަރުން ޔޫލީ ކޮށިއެރިއެވެ. އަދި ވަގުތުން ދެލޯ ބޮޑުކޮށްލަމުން މާންއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދޮން މޫނުމައްޗަށް އިސާހިތަކު ގަދަ ރަތްކުލައެއް ފެތުރިގެން ދިޔައެވެ. ޔޫލީގެ މޫނުމަތިން ފެނުނު އެ މައުސޫމު، ލަދުވެތި އަސަރުތަކުން މާންގެ ހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ.
“ޔޫލީ… ކެއަރފުލް” މާން އަވަސްއަވަހަށް ފެންތަށި ނަގައި ޔޫލީއަށް ދިއްކޮށްލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ސަމާސާ އަސަރެއް ނުފެނުނު ނަމަވެސް، އެ ތޫނު ދެލޮލުގައިވި ކުޑަކުޑަ ލާނެތްކަމުން، އޭނާ އެކަން ކުރީ ގަސްދުގައި ކަން ޔޫލީއަށް ފަހުމުވިއެވެ.
“އެއީ… ރޮމޭންޓިކް ވާހަކަފޮތެއް ނޫންތަ؟ މާން އެކަހަލަ ފޮތް ވެސް ކިޔުއްވަންތޯ؟” މާންގެ ހައިބަތުގެ ކުރިމަތީގައި ޖެހިލުންވެފައި އިން ޝިފްނާ، ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ. ޝިފްނާގެ އަޑުގައިވީ އޮފީހުގެ މާހައުލުގައި މާންއަށް ދޭ ފަދަ އިހުތިރާމާއި އަދަބުވެރިކަމެވެ.
“އެއީ ރޮމޭންޓިކް ވާހަކައެއްތަ؟” މާން މޭޒުމަތީގައި ދެއަތް ޖޯޑުކޮށްލަމުން، ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އޭނާގެ ނަޒަރު ޔޫލީއަށް ހުއްޓިފައިވިއެވެ. “އަހަރެން އެ ފޮތަށް އިންޓްރެސްޓްވީ އެއީ ކޮން ކަހަލަ ވާހަކައެއްކަން އެނގިގެންނެއް ނޫން. އެ ފޮތް ކިޔާލާހިތްވީ ކުއްޖަކު އެ ފޮތް ކިޔާއިރު ވަށައިގެންވާ މާހައުލުވެސް ހަނދާންނެތޭހާ އެ ފޮތް ޝައުގުވެރިހެން ހީވީމަ”
މާންގެ އެ ނުސީދާ، ފުން ބަސްތަކުން ޔޫލީގެ ކޯތާފަތަށް އިތުރަށް ޖަންބުކުލަ ފެތުރިގެން ދިޔައެވެ. މާން ސީދާ ލޯބީގެ ބަހެއް ނުބުނި ކަމުގައިވިޔަސް، އޭނާ ޔޫލީގެ ކޮންމެ ކަމަކަށް އެހާ ފާރަވެރިވާކަން އެނގުމުން ޔޫލީގެ ހިތް ތެޅިލިއެވެ. އޭނާ މޭޒުމަތީގައި އޮތް އޭނާގެ ފޯނާއި އިނގިލިތަކުން ކުޅެލަމުން، އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ. “މާން… ކޭން ޔޫ ޕްލީސް ސްޓޮޕް”
“އޯކޭ…” މާން ފޯނު ނަގައި މޭޒުމަތީގައި ބައްވަމުން، ޔޫލީއަށް ފުންކޮށް ބަލައިލިއެވެ. އޭނާ މޭޒުމަތީގައި އޮތް ޔޫލީގެ އަތާ ކައިރިއަށް އަތް ޖައްސާލި ނަމަވެސް، އަތުގައި ނުހިފައެވެ. އެހެންނަމަވެސް އެ ކުޑަކުޑަ ދުރުމިނުންވެސް މާންގެ އޯގާތެރިކަން ޔޫލީއަށް އިހުސާސްވިއެވެ. “ސްޓިލް އައި ޑޫ ވޯންޓް ޓު ރީޑް ދެޓް ސްޓޯރީ.”
އެ ޖުމުލައިގައިވި ނުސީދާ މާނައިން ޔޫލީގެ ހިތުގެ ވިންދު އަނެއްކާވެސް އަވަސްވެގެން ދިޔައެވެ. މާންގެ ސީރިއަސްކަމުގެ ފަހަތުގައިވާ އެ ފޮނި އިހުސާސްތަކުން ޔޫލީގެ ހިތުގައިވާ ބިރުވެރިކަން މަޑުމަޑުން ފިލައި، މާންއަށްޓަކައިވާ ލޯބި އިތުރަށް ވަރުގަދަވަމުންދާކަން އޭނާއަށް އިހުސާސްކުރެވުނެވެ.
ޝިފްނާ އިސްޖަހާލައިގެން އިނދެ، އެކަނި އިވޭވަރަށް ލުއިކޮށް ހީލިއެވެ. މާންގެ ސީރިއަސް މިޒާޖުގެ ފަހަތުގައި ޔޫލީއަށްޓަކައިވާ ހާއްސަ އަޅާލުން އޭނާއަށް ފާހަގަކުރެވުނެވެ. ނަމަވެސް އެ ހިތުގައި ޝައްކެއް ވިއެވެ. ޔޫލީ އޭނާ އާއި ހިއްސާ ކޮށްފާވި ވާހަކަތަކާއި މާންގެ އަމަލުތަކާއި ނުބައްދަލުވަނީ ކީއްވެ ހެއްޔެވެ؟ އެ ދެމީހުންގެ ގުޅުން ރަގަނޅުވަނީ ބާވައެވެ؟
*****
އޮފީސް ނިންމާލުމަށްފަހު މާން ގެއަށް އައިއިރު، މުޅި ގެއަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ޔޫލީ އުޅޭތޯ ބަލައިލަން ސްޓަޑީ ރޫމާއި ކޮޓަރީގެ ދޮރު ހުޅުވާލި ނަމަވެސް، އެތަނުން އޭނާގެ ހިލަމެއް ނުވިއެވެ. ‘އަދިވެސް ޔޫލީ ޝިފްނާ އާއި އެއްކޮށް ދިޔަ ގޮތަށް ގެއަށް ނާންނަނީ ހެއްޔެވެ؟’ އުޑުމަތި ބަނަކޮށްލައި، ބޯކޮށް ވާރޭ އޮއްސާލި ވަގުތު މާން ފޯނު ނަގައި ޔޫލީއަށް ގުޅާލިއެވެ.
“ކޮން ތާކު؟” ފޯނު ނެގުމާއިއެކު މާން އަވަސް ރާގަކަށް އަހާލިއެވެ.
“މި… ޝިފްއާއެކު ޝޮޕިންގއަށް ގޮސް އުޅެނިކޮށް ބޯކޮށް ވާރޭ ވެހެން ފެށީމާ ދެމީހުން އައީ ޝިފްމެން ގެއަށް” ޔޫލީގެ އަޑުގައި ކުޑަކޮށް ނުތަނަވަސްކަން ވިއެވެ. “ޓެކްސީއެއްވެސް ނުލިބިގެން ސްޓަކް ވެފަ”
“ލޮކޭޝަން ފޮނުވާ” މާންގެ ޖަވާބު ކުރުވެފައި ސާފެވެ. “އަހަރެން މި ދަނީ ބަލާ.”
“ނޫން… ވާރޭ އެބަވެހޭ، މާން ނާޔަސް…” ޔޫލީ ބުނަން އުޅުނު ޖުމުލަ މާން ކަނޑާލިއެވެ.
“ލޮކޭޝަން ފޮނުވާ” އެހެން ބުނެފައި މާން ފޯނު ކަނޑާލިއެވެ. އެ ބަހުގައި އިތުރަށް ބަހުސް ކުރުމުގެ ޖާގައެއް ނެތެވެ.
ވިއްސަކަށް މިނެޓު ތެރޭގައި މާންގެ ކާރު ޝިފްނާމެން ގޭގެ ދޮރާށި ކުރިމައްޗަށް ހުއްޓާލިއެވެ. ކުޑައެއްގެ ނިވާކަމުގައި ޔޫލީ އަވަސްއަވަހަށް ގޮސް ކާރުގެ ކުރީ ސީޓަށް އެރިއެވެ.
ވާރޭގެ ސަބަބުން މަގުތަކުގައި ވަނީ ތޮއްޖެހުން ބޮޑުވެފައެވެ. ކާރު ދުއްވާލާނެ މިންވަރުގެ ޖާގައެއްވެސް ނުލިބި، މަގުމަތީގައި ހުއްޓެމުން ކަހަލަ ގޮތަކަށް ކުރިއަށް ދިޔައެވެ. ކާރުގެ ބިއްލޫރިގަނޑުގައި ވާރޭގެ ތިކިތައް ބާރަށް ޖެހެމުންދިޔަ އަޑު ފިޔަވައި، އެތެރޭގައިވަނީ ފުން ހިމޭންކަމެކެވެ.
އޭސީގެ ފިނިކަން ގަދަވެގެން ގޮސް، ޔޫލީއަށް ދެއަތް ދެއަތާ ޖައްސާލައި، އަމިއްލަ ހަށިގަނޑުގައި ބައްދާލެވުނެވެ. އޭނާ އިނީ ކާރުގެ ދޮރާ ދިމާއަށް ކުޑަކޮށް އެނބުރި، ވާރޭގެ މަންޒަރަށް ނަޒަރު ހުއްޓާލައިގެންނެވެ.
އެއްވެސް ބަހެއް ބުނުމެއްނެތި، މާން އޭސީ ނިއްވާލިއެވެ. އަދި ފަހަތު ސީޓަށް އަތް ދިއްކޮށްލުމަށްފަހު، އޭނާގެ ކޯޓު ނަގައި، މަޑުމަޑުން ޔޫލީގެ ކޮނޑުމަތީގައި އަޅުވާލަދިނެވެ.
ޔޫލީ ސިއްސައިގެން ގޮސް މާންއާ ދިމާއަށް ބަލައިލިއެވެ. ކޯޓު ރަނގަޅުކޮށްލަން އުޅުނު ވަގުތު، މާންގެ އަތްތިލައާއި ޔޫލީގެ އިނގިލިތައް ބީހިގެން ދިޔައެވެ. ދެމީހުން ކުރެ އެކަކުވެސް އެ ވަގުތުކޮޅު ހަރަކާތްކުރަން ނުކުޅެދިފައިވާ ކަހަލައެވެ. އެ ދެމީހުންނަށް ވަގުތު ހުއްޓުނު ފަދައެވެ. އެ ލުއި ބީހުމުން ދެމީހުންގެ ހަށިގަނޑުގައިވެސް ކަރަންޓުގެ އޮއިވަރެއް ދަތުރުކޮށްލި ފަދައެވެ.
މާންގެ ފުން، ތޫނު ދެލޯ ސީދާވެފައިވަނީ ޔޫލީގެ ދެލޮލަށެވެ. އެ ދެލޮލުން ފެންނަން ހުރި ޖަޒުބާތުތަކާއި އަޅާލުމުން ޔޫލީގެ ހިތުގެ ވިންދު އަވަސްވެ، ނޭވާ ކުރުވިއެވެ. މާން ލޯބީގެ ބަހެއް ނުބުނި ކަމުގައިވިޔަސް، އެ ހިމޭންކަމުގެ ތެރޭގައިވާ “އިލެކްޓްރިކް” ގާތްކަމުން ދެމީހުންގެ ހިތުގައިވާ އިހުސާސްތައް ސިއްރުކުރަން އުނދަގޫވިއެވެ.
“ކޯލްޑް؟” މާންގެ އަޑު އައީ ވަރަށް މަޑުން، އެހާމެ އޯގާތެރިކޮށެވެ.
“ނޫން… މިހާރު އޯކޭ” ޔޫލީ އިސްޖަހާލަމުން، މާންގެ ކޯޓުގެ ވަސް ޖެހޭހާ ގާތަށް ކޯޓު ދަމާލަމުން އެ ހަށިގަނޑު ބޮނޑިކޮށްލިއެވެ. އެ ކޯޓުން ދުވަމުންދިޔަ މާންގެ ސެންޓުވަހާ އެކުވި މާންގެ ފިރިހެންވަންތަ ވަހުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ރައްކާތެރިކަމެއް އިހުސާސްކުރުވިއެވެ.
މާން މަޑުމަޑުން އަތް ދުރަށް ޖައްސާލުމަށްފަހު، އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވުނު ނަމަވެސް، ކާރު ތެރޭގައިވި ބަރު ހިމޭންކަމުގެ ތެރެއިން ދެމީހުންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ ފަދައެވެ.
ކޮޓަރި ތެރެއަށް ވަދެވުމާއިއެކު، ޔޫލީ ކޮނޑުމަތީގައި އޮތް މާންގެ ކޯޓު ނަގައި، ނުހަނު ރީތިކޮށް އެތަނުގައި ހުރި ހަރެއްގައި އަޅުވާލިއެވެ. އަދި އޭނާ ހިފައިގެން އައި ކޮތަޅުތައް ސޯފާމަތީގައި ބެހެއްޓިއެވެ.
މާން އަތުކުރީގައި އޮތް ގަޑި ނަގައި މޭޒުމަތީގައި ބޭއްވުމަށްފަހު، ޔޫލީއާއި ކައިރިއަށް ޖެހިލިއެވެ. “ހިތްހަމަ ޖެހޭ ވަރަށް ޝޮޕިންގ ކުރެވުންތަ؟”
“ނޮޓް ރިއަލީ… ހަމައެކަނި ބޭނުންވާ މަދު އެއްޗެއް ގަނެވުނީ… އެންޑް ވާރޭ ވެހެންފެށީ” ޔޫލީ މަޑުމަޑުން ބުނެލަމުން، ކޮތަޅުތަކުން އެއްޗެހި ނަގަން ފެށިއެވެ. ކުދިކުދި ސާމާނުތަކާއި، ބައެއް ސްކިންކެއާ އެއްޗެހި ނެގުމަށްފަހު، އެންމެ އަޑީގައި އޮތް ކުޑަކުޑަ، ރީތިކޮށް ބަންދުކޮށްފައިވާ ފޮށްޓެއް އޭނާ ނަގާ ބާއްވާލަމުން މާންއަށް ނަޒަރު ހިންގާލިއެވެ.
ޔޫލީ އޭނާއަށް ބަލައިލި ގޮތުން މާންގެ ތޫނު ނަޒަރު އެ ފޮށްޓަށް ހުއްޓުނެވެ. “ތީ؟” ބުމަ އަރުވާލަމުން އޭނާ ބުނެލިއެވެ.
ޔޫލީގެ ހަރަކާތްތައް ކުއްލިއަކަށް ހުއްޓުނެވެ. އޭނާގެ މޫނުމައްޗަށް އިސާހިތަކު ލަދުވެތިކަން ފެތުރިގެން ދިޔައެވެ. “އެއީ… މިއީ” އޭނާ އަނެއްކާވެސް އެ ފޮށި ނެގިއެވެ.
ޔޫލީ ޖަވާބުދޭން ފަސްޖެހުމުން، މާން މަޑުމަޑުން ގުދުވެލައި، ޔޫލީގެ އަތުގައި އޮތް ފޮށީގައި ހިފާލިއެވެ. ޔޫލީ މަޑުމަޑުން ފޮށި ދޫކޮށްލުމުން މާންއަށް އޭގެ މަތި ހުޅުވާލިއެވެ.
އެ ފޮށީގެ ތެރޭގައި އޮތީ ނުހަނު އޮމާން، ކަޅުކުލައިގެ ފިރިހެން ޓައީއެކެވެ. އެއީ އަގުބޮޑު އަދި ކްލާސިކް ޑިޒައިނެކެވެ.
މާން އެ ޓައީއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އޭނާގެ މޫނުމަތިން އަސަރެއް ނުފެނުނު ނަމަވެސް، އެ ތޫނު ދެލޮލުން ހައިރާންކަމާއި، އޭގެ ފަހަތުގައިވި އުފާވެރިކަން ޔޫލީއަށް ފާހަގަކުރެވުނެވެ. އިސާހިތަކު އެ މޫނުމަތީވި އުފާވެރިކަން ގެއްލި ބުމަ އަރުވާލިއެވެ.
“ތިސް އިސް ފޮ؟ ޔޫލީ ކޮން ފިރިހެނަކަށް ..” މާންގެ އަޑު އައީ ވަރަށް މަޑުންނެވެ. އޭނާ އިސްއުފުލާލައި ޔޫލީގެ ދެލޮލަށް ބަލައިލިއެވެ.
“ނޯ .. ނޯ ތީ ފިރިހެނަކަށް ނޫން” ޔޫލީ އަވަސް އަވަހަށް މާނެގެ ޖުމުލަ މެދުކަނޑާލަމުން ޖަވާބު ދިނެވެ.
ޔޫލީގެ ކިބައިން ފެނުން ލަދުވެތިކަމުގެ ސަބަބުން މާންއަށް އެއްޗެއް ނަގައިގަނެވުނެވެ. އަދި ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިހުތިޔާރުގައެވެ. “އެހެންވިއްޔާ ފިރިހެން ޓައީ އެއް އަންހެނަކަށްތަ ތި ގަތީ؟” ޔޫލީއާއި އިތުރަށް ގާތްވެލަމުން މާން އަހާލިއެވެ.
ޔޫލީ އިސްޖަހާލަމުން، އިނގިލިތަކުން ހެދުމުގެ ކަނުގައި ހިފާލިއެވެ. އޭނާގެ މޫނަށް ވެރިވެފައިވީ ޖަންބު ކުލައިން އޭނާގެ ލަދުވެތިކަން ހާމަވެއެވެ. “ނޫނެކޭ އެހެންނެއް ނޫން… ޝޮޕިންގްގައި އުޅެނިކޮށް ފެނުނީމާ… މާންއާ ވަރަށް ގުޅޭނެހެން ހީވެގެން ގަތީ”
“ތިބުނީ މީ އަހަރެންނަށް ގަނެދިން އެއްޗެކޭތަ؟” މާން ޔޫލީއާއި ގާތަށް ޖެހިލިއެވެ. ދެމީހުންގެ މެދުގައިވި ދުރުމިން މުޅިން ނެތިގެން ދިޔަ ފަދައެވެ.
ޔޫލީގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ. މާންގެ ހަށިގަނޑުން ދުވާ ފިރިހެންވަންތަ ވަހާއި، އޭނާގެ ފުން ނަޒަރު ޔޫލީގެ މޫނަށް ހުއްޓިފައިވުމުން، ޔޫލީގެ ނޭވާ ތާށިވާކަހަލަ އިހުސާސްއެއް ކުރެވުނެވެ.
މާން ޔޫލީގެ ދަތްދޮޅީގައި އިނގިލިތަކުން ހިފާލުމަށްފަހު، މަޑުމަޑުން އޭނާގެ މޫނު އުފުލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު، ޔޫލީގެ ހަށިގަނޑުން ހީބިހި ނަގާލިއެވެ.
“އައި ލައިކް އިޓް… ތެންކިއު” މާންގެ އެ ފުން ނަޒަރާއި، އަޑުގައިވި މަޑުމައިތިރިކަމުން ޔޫލީގެ މުޅި ހިތް މާންއަށް ހަދިޔާ ކުރެވުނެވެ.
***ނުނިމޭ***
4 Comments!
Comments are closed.




Alhey eyoh nimuniey. Kiyaa hithun huhtaa Varah reethi mi adhuge bai. Dhen ithuru vilaagandeh dhemeehunge dheythera na ee aa kithznme haaves ragalhu
Nimeny eyh dho maa avahah…. Thank you for the loabi loabi comment koklila modi.. Miadhu theenee varah inthizaaruga eyh dho first one to comment.. Hama bodukoh Shukuriyyaa 🙂 Thee varah Inthizaaru kurevey comment ekey… 🙂 Anhaa mioh gadha vihsaara dhuvas kolhu vilaa gadu thah hama ahnan thahyaarah ohnaany .. nun tha ..??
Aww. I really really loved this part. You really know how to keep us reading and coming back for more. 😉
Awwwwn BlackOrchid.. You are too kind…. I am really so so happy to have a comment like this… This is the most happiness I actually gain from writing this story.. The amazing comments.. Thank You alot 🙂 … I really love this… I will try to keep the story interesting 🙂 🙂