އަހަރެންގެ ދިރިއުޅުމުގެ ހުރިހާ އުންމީދުތަކެއް އެކީގައި ފުނޑުފުނޑުވެ، މުޅި ދުނިޔެ މަތިން އަހަރެން މުޅިން ފޫހިވެއްޖެއެވެ. ހިތާމައިގެ ބޮޑުކަމުން ހަށިގަނޑުން ހަކަތަ ހުސްވެ، އަމިއްލަ ފައިމައްޗަށް ކޮޅަށް ހުންނާނެހާ ހިތްވަރުވެސް އެއްކޮށް ނެތިދިޔައެވެ. ހިތާމައިގެ ފުން ކަނޑަކަށް ގެނބި، ހޭވެރިކަން ނެތް ހާލެއްގައި އެތައް އިރަކު އޮންނަން ޖެހުމުގެ ސަބަބުން، އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ލޯބިވާ ދަރިފުޅުގެ ކަށިނަމާދާއި، ޖަނާޒާގެ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ އެންމެ ފަހު ފުރުޞަތުންވެސް އަހަރެން މަޙްރޫމްވިއެވެ. އެ މައުސޫމް މޫނުގައި ބޮސްދީ ވަދާއީ ސަލާމް ކޮށްލުމުގެ ނަސީބުވެސް އަހަންނަކަށް ނުލިބުނެވެ.
ނަމަވެސް، އަހަރެންގެ ހިތް ކުދިކުދިވެ، އެންމެ ބޮޑު ހައިރާންކަމަކާއި ޝައްކެއް އުފެދުނީ އެ ހުރިހާ ހިތްދަތި ވަގުތުތަކެއް ފާއިތުވެގެން ދިޔައިރުވެސް، އެ އަންހެނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނުތަން ނުފެނުމުންނެވެ. އަމިއްލަ ބަނޑުން ވިހޭ، ލެއިން އުފެދުނު ލޯބިވާ ދަރިއަކު ދުނިޔެއިން ވަކިވެދިޔައިރު، ކަންފުޅެއްވަރުގެ ހިތާމައެއްގެ އަސަރުވެސް އޭނާގެ މޫނުމަތިން ނުފެނުނެވެ. އޭނާގެ އެ ހިމޭންކަމާއި ފަރުވާކުޑަކަމަކީ ފަހެ ކޮންފަދަ ރަހުމެއްނެތް، ހިލަހިތެއްގެ ވެރި އިންސާނެއްގެ ސިފައެއް ހެއްޔެވެ؟
ދަރިފުޅު ނިޔާވިތާ ހިތާމަވެރި ތިން ދުވަސް ފާއިތުވެދިޔަ ފަހުން، އަހަރެންގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ހޯދުމަށްޓަކައި، ކުޑަ ފިރިހެން ދަރިފުޅު އަތުލަފިކޮށްގެން އަހަރެންގެ މައިދައިތަ (އަނބިމީހާގެ މަންމަ) ގެ ގެއަށް ދިޔައީމެވެ. އެ ގެއަށް ވަދެ ހަމަޖެހިލިތަނާހެން، މައިދައިތަ ގިސްލަމުން ބުނެދިން ބިރުވެރި ހަގީގަތުން އަހަރެންގެ މުޅި ހަށިގަނޑު ގަނޑުފެންކޮޅަކަށް ވެގެން ދިޔައެވެ. ބޮލަށް ހޫނުފެން އެއްޗެއް އޮއްސާލި ފަދަ ހޫނުކަމަކާއި ތޫނު ރިހުމެއް މުޅި ސިކުނޑިއަށް ވެރިވިއެވެ.
ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮއްސަމުން، ތުރުތުރުއަޅާ އަޑަކުން މައިދައިތަ ބުންޏެވެ. “އެ މައުސޫމު ދަރިފުޅު ދުނިޔެ ދޫކޮށް އެދިޔައީ ހަމަ އެ ރަހުމެއްނެތް އަންހެނާގެ އަނިޔާތަކުގެ ސަބަބުންނެވެ!”
އޭނާ އެ ކުޑަކުޑަ ފުރާނައަށް ކުރި ހުރިހާ އަނިޔާތަކާއި، ދިން ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ތަކުލީފުތައް މައިދައިތައަށް ހުރީ އެކި ފަހަރުމަތިން ލޮލުން ފެނިފައެވެ.
އަހަރެންގެ ލޯބިވާ ދަރިފުޅު މި ދުނިޔެއާ ވަކިވެދިޔަ ހިތާމަވެރި ދުވަހުގެ ހަނދާންތައް، އަދިވެސް އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވަނީ ފިލައިނުދާނޭ ފަދަ ވޭނީ ތަދެއްގެ ގޮތުގައެވެ. އެ މައުސޫމް ފުރާނަ ކުއްލިއަކަށް އެހާ ބޮޑަށް ބަލިވެ، ހާސްވާންޖެހުނު އަސްލު ސިއްރަކީ ކޮބައިކަން އެނގުނު ދުވަހު، އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ދަރިފުޅަށް ޓިއުޝަން ފިލާވަޅު ނުބައިކޮށް ހެދުނު ކަމަށްޓަކައި، ރަހުމެއްނެތް އެ އަނިޔާވެރި އަންހެނާ ކަންތައްކުރީ އިންސާނިއްޔަތުކަމުގެ އެއްވެސް ކުލަވަރެއް ނެތް ގޮތަކަށެވެ. އެ ކުޑަކުޑަ ދަރިފުޅު ގޮވައިގެން ފާޚާނާއަށް ވަދެ، ފެންވަޅުގެ އަނދިރި ފުންމިނަށް ދަރިފުޅު ތިރިކޮށް، މަރުގެ ބިރު ދައްކައި ނަފްސާނީ އަދި ޖިސްމާނީ ބޮޑު އަނިޔާއެއް ދިނީއެވެ. ދަރިފުޅު ހޮސްޕިޓަލަށް ގެންދަން މަޖުބޫރުވީ، އެ ބިރުވެރިކަމުގެ ތެރޭގައި ސިހި، ނޭވާ ކުރުވެ ހާސްވުމުގެ ސަބަބުންނެވެ.
މި ބިރުވެރި އަދި އަނިޔާވެރި ޙަޤީޤަތް އަހަންނަށް ފަޅާއެރި ހިސާބުން، އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އޮތް އެންމެހައި ކުލުނަކާއި ލޯތްބެއް އެކީގައި ފުހެވި، އެ މަޤާމު ނަފުރަތާއި ފޫހިކަމަށް ބަދަލުވެގެން ދިޔައެވެ. ދެން ދުވަހަކުވެސް އެފަދަ ހިތްހަރު އަންހެނަކާއެކު އެއް ފުރާޅެއްގެ ދަށުގައި ދިރިނޫޅުމަށް އަހަރެންގެ ހިތުގެ އަޑިން ޢަޒުމް ކަނޑައެޅީމެވެ.
ދުވަސްތައް މި ހިތްދަތިކަމުގައި ފާއިތުވަމުން ދަނިކޮށް، އަހަރެމެން ދިރިއުޅޭ ގޭގެ ކައިރީގައި ހުރި ގެއެއްގެ ކޮޓަރިއެއްގެ ތެރެއިން، ބޭރު ފިރިހެނަކާއެކު ނަހަމަ ގުޅުމެއް ހިންގަން އުޅެނިކޮށް އޭނާ ކުށުގެ ވެށިން ފަޅާއަރައި، “ރެޑް-ހޭންޑެޑް” ކޮށް އަތުލައިގަނެވުނެވެ. އެއީ މީގެ ކުރިންވެސް އޭނާ ސިއްރުން ގުޅުން ބާއްވަމުން ދިޔަ ފިރިހެނާއެވެ. އެ ދުވަހަކީ އަހަރެން ނުހަނު ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އައި ވަގުތެވެ. އޭނާގެ އަމިއްލަ އަތުން މި ކައިވެނީގެ ނިމުން ގެނައުމަށް އެދޭނެ ވަގުތަކަށް އަހަރެން ހުރީ ބަލަބަލައެވެ. އެ ފުރުޞަތު ފަހިވުމާއެކު، އެއްވެސް ޖެހިލުމެއްނެތި، ވަގުތުން އޭނާ އަހަރެންގެ ދިރިއުޅުމުންނާއި ހިތުގެ ދޮރުން އެއްކޮށް ބޭރުކޮށް، ވަރިކޮށްލީމެވެ.
ވަރިކުރިތާ ހަފްތާއެއް ފާއިތުވެގެން ދިޔުމަށްފަހު، ކައިވެނީގެ ރަސްމީ ދަފްތަރުން އެ ގުޅުން ކަނޑާލައި، ސިއްކަ ޖެހުމަށްޓަކައި އަހަރެމެން ކޯޓުގެ ހުރުމަތްތެރި މަޖިލީހަށް ހާޒިރުވީމެވެ. މައްސަލައިގެ އަޑުއެހުމުގައި، އިސްވެ ވަރިވާން އެދުނީ ކާކުތޯ އިއްޒަތްތެރި ޤާޟީ ސުވާލުކުރެއްވި ހިނދު، އެއްވެސް ލަދުވެތިކަމެއް ނެތި އެ އަންހެނާ ކުރިއަށް ޖެހިލައި، އަމިއްލައަށް ވަރިވާން އެދުނީ ތިމަންނާ ކަމުގައި އިޢުތިރާފުވިއެވެ. އެ ވަގުތަކީ އަހަރެމެންގެ ކުޑަކުޑަ ފިރިހެން ދަރިފުޅުގެ އުމުރުން އެންމެ އަހަރެއްވެސް ފުރިހަމަނުވާ ދުވަސްވަރެކެވެ.
ނަމަވެސް، ވަރިވުމުގެ ރަސްމީ ކަންތައް ނިމުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ފަސްއެނބުރި ބަލާލުމެއްނެތް އެ އަންހެނާ އަނެއްކާވެސް އަހަރެންގެ ގާތަށް އައިސް، އަލުން ކައިވެނިކުރުމަށް އެދި އާދޭސްކުރަން ފެށިއެވެ.
އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ކުރިން ފެނުނު ބޮޑާކަމާއި ކިބުރުވެރިކަމުގެ ބަދަލުގައި، މާޔޫސްކަމާއި ދެރަވުމުގެ އަސަރެވެ. އޭނާ ހީކުރީ އަހަރެންގެ ހިތަކީ އަބަދުވެސް އޭނާ ކުޅެން އޮތް ކުޅޭކުޅޭ އެއްޗެއް ކަމަށެވެ. ބޭނުންވުމުން އެއްލާލައި، އަނެއްކާވެސް ބޭނުންވުމުން ނަގައި ޖީބަށް ލެވޭނެ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް، އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ވީ ލޯތްބާއި އިޙްތިރާމް ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފައެވެ.
އޭނާ ރޮމުން، ކުރީގެ ކުށްތަކަށް މަޢާފަށް އެދި، އަލުން ދިރިއުޅުން ފަށަން އެދުނު ވަގުތު، އަހަރެންގެ ހިތުގައި އެއްވެސް ޖަޒުބާތެއް ނެތެވެ. އެއްވެސް ފަސްޖެހުމެއްނެތި، ވަރަށް ސާބިތުކަމާއެކު އަހަރެން ވަގުތުން ބުނީމެވެ. “އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ކަލޭ ފަދަ އިންސާނަކާ އަހަރެން ކައިވެންޏެއް ނުކުރާނަމެވެ!”
އެ ޖުމްލައާއެކު އަހަރެން ފަސްއެނބުރި ހިނގައިގަތީ، އަހަރެންގެ ޢިއްޒަތާއި އަބުރު ރައްކާތެރިކޮށް، ކުރިމަގަށް އުއްމީދީ އާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އިންސާނަކަށް އެއްފަހަރު ދެވޭ އިތުބާރު ގެއްލުވާލުމަށްފަހު، ދެވަނަ ފަހަރަށް އެ އިތުބާރު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އޭނާއަށް ވިސްނައިދެމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Vrh interesting 😍
When’s next?
insha allah soon