އަސްލު ތެދަށް ބުނާނަމަ، އަހަރެންގެ މުޅި ނަފްސު ވަނީ އެކީއެކަށް ރޫޅި، ހިތް މަރުވެފައެވެ. ދުނިޔޭގެ އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ލިބޭނެ ފަދަ ޒައްރެއްގެ މިންވަރުވެސް މިއަދު އަހަރެންގެ ހަޔާތަކު ނެތެވެ. ޒަމީރު ބުނަނީ ދިރިއުޅުމުގެ މި ބުރަ ދަތުރުން އަހަރެން ވަރުބަލިވެ، ފޫހިވެއްޖެ ކަމަށެވެ.
އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު، ފޮނި ހުވަފެންތަކަކާއެކު ދިރިއުޅުން ފެށީ އަމިއްލަ ގޭގައި އެންމެ ކޮޓަރިއެއް ދިރިއުޅެވޭ ވަރަށް ހަދާލައިގެންނެވެ. އެއީ ދަތި ނަމަވެސް އުފާވެރި ދުވަސްތަކެކެވެ. ރެޔާއި ދުވާލު، ދިރުމެއްނެތް ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ލޮނު ބޮމުން، ދަލާއި ލޭ އެއްކޮށްގެން އަހަރެން މަސައްކަތް ކުރީ އަހަރެމެންގެ ދިރިއުޅުން އާރާސްތު ކުރުމަށެވެ. އެގޮތުން ގޭގެ ބާކީބައި ރީތިކޮށް ހަދައި، އެންމެ ޒަމާނީ ފެންވަރަށް ނިންމާލުމުގެ އުންމީދީ މަސައްކަތް ފެށުނެވެ. އެހެން ނަމަވެސް، ތަޤުދީރުގެ ނިޔާ ވަރަށް ހިތިވެފައި ރަޙުމުކުޑައެވެ. ހުރިހާ ކަމެއް ނިމުމަކާ ގާތްވެފައި ވަނިކޮށް، މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައި، އަހަރެންގެ ދުނިޔެ ބިމާ ހަމަކޮށްލި ހިތްދަތި، ހިތްފަޅައިގެންދާ ފަދަ ޣައްދާރުވުން ކުރިމަތިވިއެވެ.
އެ ހިސާބުން އަހަރެންގެ ހަޔާތުގެ އުންމީދީ ދަންމަރު އެއްކޮށް ނިވި، އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ. އިތުބާރުގެ ލޮލުން ދެކެމުން އައި ހުރިހާ ކުލަތަކެއް ފުސްވެ، ހިތް މުޅިން މާޔޫސްވިއެވެ. އެދުވަހު އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އަހުދުކުރީމެވެ. ދެން ދުވަހަކުވެސް އެއްވެސް އަންހެނަކަށް މި ހިތުން ޖާގައެއް ނުދޭނަމެވެ. ކައިވެނީގެ މާތް ގޮށަކުން ދެވަނަ ފަހަރަށް އެއްވެސް އިންސާނަކާ މި ހަލާކުވެފައިވާ ހިތް ގުޅުވާކަށް ދެން އަހަރެންގެ ހިތްވަރެއް ނެތެވެ.
މިފަދަ ފުން އަނދިރިގަނޑެއްގެ ތެރޭގައި، މާޔޫސްކަމުގެ ކަރުނައިން ދުވަސްތައް ގުނަމުން ދިޔައިރުވެސް، އަހަރެންގެ ކުޑަކުޑަ ފިރިހެން ދަރިފުޅުގެ މަތިން އަހަރެން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައެއް ނުލަމެވެ. ހިތް ކިތަންމެ ކުދިކުދިވެ، ރޫޅިފައިވީ ނަމަވެސް، އެ މައުސޫމް ފުރާނައަށްޓަކައި އަހަރެން އަދާކުރަންޖެހޭ ބައްޕައެއްގެ ވާޖިބާއި ޒިންމާއަކަށް ކުޑަވެސް އިހުމާލެއް ނުވަމެވެ. ގަވާއިދުން އޭނާއާ ބައްދަލުކޮށް، ލޯތްބާއި ކުލުނު އޮއްސަމުން ދިޔައީމެވެ. ދަރިފުޅަށް ބޭނުންވާނެ އެންމެހައި ކަންކަމާއި، ޚަރަދުތައް އެއްވެސް އުނިކަމެއް ނެތި ފުރިހަމައަށް އަދާކުރަމުން ދިޔައީމެވެ.
އެހެން ނަމަވެސް، ކޮންމެ ފަހަރަކުވެސް އަހަރެންގެ ހިތް ކަތިލެވެނީ އެންމެ ކަމަކާ ހެދިއެވެ. އަހަރެން ދަލާއި ލެއިން ހޯދާ ފައިސާއާއި، ދަރިފުޅުގެ ހައްޤުގައި ދޭންޖެހޭ ހުރިހާ ތަކެއްޗެއް ކޮންމެ މަހަކު ހަވާލުކުރަން ޖެހެނީ، އަހަރެންގެ މުޅި ދިރިއުޅުން ވިރުވާލައި، ހިތުގައި ދުވަހަކު ފަސޭހަނުވާނެ ޒަޚަމްތަކެއް އެޅި، އެ ރަޙުމެއްނެތް އަންހެނާގެ އަތްމައްޗަށް ކަމުގައި ވާތީއެވެ. ދަރިފުޅުގެ މޫނަށް ބަލާލުމަށްފަހު، އެ އަންހެނާއާ ކުރިމަތިލާން ޖެހޭ ކޮންމެ ސިކުންތަކީ އަހަރެންގެ ހިތް އަނެއްކާވެސް ޒަޚަމްވެ، ލޮނު އެޅިގެންދާ ފަދަ ވޭނީ ވަގުތުކޮޅެކެވެ.
މާޒީގެ ހިތި ހަނދާންތަކާ އެކު ދިރިއުޅުމުގެ ދުވަސްތައް ވާރޭގެ ތިކިތަކެއް ފަދައިން ފާއިތުވަމުން ދިޔައެވެ. ކެތްތެރިކަމުގެ ފާރުތައް ވަރުގަދަކޮށްގެން ހުއްޓައި، އެއްދުވަހަކު އަހަރެންގެ ހިތް ކުދިކުދިކޮށް، ދެލޯ ކަރުނައިން ފުރާލި ހިތްދަތި ހާދިސާއެއް ހިނގިއެވެ.
އެއީ ހަވީރުގެ ވަގުތެވެ. އެ އަންހެނާ ގެއަށް އައިސް ވަނީ ރުޅިވެރިކަމާއި ނަފްރަތުން ފުރިގެންވާ ގޮތަކަށެވެ. އެއްވެސް ކުށެއް ނެތް، މައުސޫމު ތުއްތު ފިރިހެން ދަރިފުޅު އޭރު ދިޔައީ ބިރުން ގޮސް ހުއްޓުމެއް ނެތި ރޮމުންނެވެ. އޭނާއަށް އެ ދަރިފުޅު ނުބެލޭނެ ކަމަށާއި، ބޭނުން ނުވާ ކަމަށް ބުނެ ހަޅޭއްލަވައިގަތުމަށްފަހު، އެ ތުއްތު ފުރާނަ ގެނެސް އަހަރެންގެ އުނގަށް ޖަހައިފިއެވެ. އޭރު އަހަރެންގެ ދަރިފުޅުގެ އުމުރުން ފުރިހަމަވީ އެންމެ އަހަރެކެވެ.
އެއީ އަދިވެސް މަންމަގެ އޯގާތެރި އުނގާއި ގާތުންދޭ ކިރަށް ނުހަނު ބޭނުންވެފައިވާ އުމުރެކެވެ. މަންމަގެ ވަސް ނުލިބި، އެ ތުއްތު ކުއްޖާގެ ރުއިން ހުއްޓުވުމަކީ އަހަންނަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިހާނަކަށް ވިއެވެ. ދަރިފުޅު އަހަންނަށް ހޭނެން ދުވަސްކޮޅެއް ނެގިއެވެ. ނަމަވެސް، މާތް ﷲ ގެ ރަޙްމަތްފުޅާއެކު، އެ ދަތި އުނދަގޫ ދުވަސްތަކުގައި އަހަންނަށް އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ވެދިނީ އަހަރެންގެ މާތް، އޯގާތެރި މަންމައެވެ. މަންމަގެ ކުލުނުން ފުރިގެންވާ ބެލެހެއްޓުމާއި ލޯބީގެ ސަބަބުން، ދަރިފުޅަށް މަންމައެއްގެ އުނިކަން އިހުސާސް ވިޔަނުދީ ބޮޑުކުރެވުނެވެ.
އަހަރެމެންގެ ލޯބީގެ ހިޔަލުގައި ދަރިފުޅު ހެދިބޮޑުވަމުން ދިޔައީ ވަރަށް އުފާވެރިކޮށެވެ. އޭނާއަށް ތިން އަހަރު ފުރުނުއިރު، އޭނާއަކީ ނުހަނު ވިސްނުންތޫނު، ބަސްއަހާ ކުއްޖެކެވެ. އަހަރެން ދަސްކޮށްދިން ގިނަ އަކުރުތަކާއި ބަސްތައް ވަރަށް ފަރިތަކަމާއެކު ކިޔަން ދަނެއެވެ. އެ ތުއްތު ދުލުން “ބައްޕާ” އޭ ކިޔައި ގޮވާލާ ކޮންމެ ފަހަރަކު، އަހަރެންގެ ހުރިހާ ހިތާމަތަކެއް ފިލައިގެން ދެއެވެ.
ނަމަވެސް، އެ އުފާވެރިކަން ދެމިގެން ދިޔައީ މަދު ދުވަސްކޮޅަކަށެވެ. އަހަރެންގެ ދަރިފުޅަށް ތިން އަހަރު ފުރުނުތަނާހެން، އަނެއްކާވެސް އެ އަންހެނާ ކުއްލިއަކަށް ފާޅުވިއެވެ. އަދި އެއްވެސް ޙައްޤަކާ ނުލައި، އަހަރެންގެ އަތުން ދަރިފުޅު ޖަހައިގަންނަން އުޅުނެވެ. ދަރިފުޅަށް ކަންތައް ވާނުވާ އެނގުނު ފަދައެވެ. އޭނާ ދާން ބޭނުންނުވެގެން، އަހަރެންގެ މޭގައި ދެއަތުން ބާރަށް ބައްދައިގަނެ، “ބައްޕާ ދޫނުކުރައްޗޭ” ބުނާ ފަދަ ގޮތަކަށް ރޮއެ ގިސްލަމުން ދިޔައެވެ.
އެ މައުސޫމު ދަރިފުޅުގެ ރުއިމުން ހިލަހިތެއްވެސް ފުރޭނިގެންދާނެއެވެ. އެހެނަސް، އެއްވެސް އިންސާނީ ރަހުމެއް، މައިވަންތަކަމުގެ ކުލުނެއް ނެތި، އަހަރެންގެ އަތްދަނޑިމަތިން ދަރިފުޅު ވަކިކޮށް، ދަމާކޫއްތާފައި ކަހަލަ ގޮތަކަށް ގޮވައިގެން ހިނގައްޖެއެވެ. ދަރިފުޅު ދަމުންވެސް ބަލަމުން ދިޔައީ އަހަންނާ ދިމާއަށެވެ. އެ މަންޒަރު ފެނި އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު ވަކިވެދިޔުމުން، އަހަރެންގެ ހަޔާތް އަނެއްކާވެސް އަނދިރި، ފުން ވަޅުގަނޑަކަށް ވެއްޓި، މުޅި ދުނިޔެ އެކުގައި ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ.
އެ ރަޙުމެއްނެތް އަންހެނާ އަހަރެންގެ އަތުން ލޯބިވާ ދަރިފުޅު ޖަހައިގަނެގެން ގެންދިޔަ މަންޒަރު ހިތަށް ސިފަވާ ކޮންމެ ފަހަރަކު، މޭފަޅައިގެން ނުދަނީ ކިރިޔާއެވެ. އެ ދުވަހަށްފަހު ފާއިތުވެގެންދިޔަ ބަރާބަރު އެއް މަސްދުވަހަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އަނދިރި، އެންމެ ވޭންދެނިވި ދުވަސްތަކެވެ. އަހަރެންގެ ލޮލުގެ ނޫރު ފަދަ ތުއްތު ދަރިފުޅުގެ މޫނު ކިރިޔާވެސް ދެކިލުމުގެ ފުރުޞަތެއް، އަދި އެ އަޑު އިވުމުގެ ނަޞީބެއްވެސް އޭނާ އަހަންނަކަށް ނުދިނެވެ.
ހިތާމައާއި މާޔޫސްކަމުގެ ތެރޭގައި އިނދެ އަހަރެންގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. މި ހުރިހާ ޖެއްސުމަކާއި، ހިތްދަތިކަމާއި، ބޭއިންސާފެއް އޭނާ އެ ކުރަނީ ހަމައެކަނި އަހަރެންގެ ހިތް ކުދިކުދިކޮށް، ޒަޚަމްތަކުގައި ލޮނުމިރުސް އަޅައި، އަހަންނަށް ދެރަދިނުމުގެ ނުބައި މަޤްޞަދުގައެވެ. އޭނާގެ އަމިއްލަ އެދުމާއި ކިބުރުވެރިކަމަށްޓަކައި، މިއަދު އަހަރެންގެ މައުސޫމު ކުޑަކުޑަ ދަރިފުޅު އެވަނީ ދެކޮޅަށް ޖަހާ ފުޓުބޯޅައަކަށް ހަދާފައެވެ. އަހަރެން މަޖުބޫރުކޮށްގެން، އަލުން އަނބުރާ އޭނާގެ ދަލުގައި ޖައްސައި ކައިވެނި ކުރުވުމަށްޓަކައި ކުޅޭ ނުބައި، މަކަރުވެރި ޑްރާމާއަކަށްވެސް މިކަން ވެދާނެއެވެ.
ނަމަވެސް، މި ފިނޑި ޢަމަލުތަކުގެ ސަބަބުން އެންމެ ބޮޑު ނަފްސާނީ ގެއްލުމަކާއި އަސަރެއް ކުރާނީ އެއްވެސް ކުށެއްނެތް އަހަރެމެންގެ ތުއްތު ދަރިފުޅަށްކަން އޭނާއަށް ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ހިލަހިތެއް ލިބިފައިވާ މީހަކަށްވާތީ، ވިސްނުނަސް ފަރުވާލެއް ނެތީ ހެއްޔެވެ؟
ދަރިފުޅު އަހަންނާ ވަކިކޮށްގެން ގެންގޮސް އުޅުނު ދުވަސްތަކުގައި، ހިތް ކުުޅެދިގެން ދިޔަނަމަވެސް އަހަރެން އޭނާ ދިރިއުޅޭ ގެއަކަށް ނުދަމެވެ. ސަބަބަކީ އެއީ އަހަރެން އެ ގެއަށް ގެންގޮސް އަނެއްކާވެސް އޭނާގެ މަޅީގައި ޖެއްސުމަށްޓަކައި ރާވައިގެން ކުޅޭ “ގޭމެއް” ކަން އަހަންނަށް ވަރަށް ރަނގަޅަށް ސާފުވާތީއެވެ. އެހެންކަމުން، ބައްޕައެއްގެ ވާޖިބަށް އެއްވެސް އުނިކަމެއް ނާަންނާނެހެން، ދަރިފުޅަށް ބޭނުންވާ އެންމެހައި ޚަރަދުތަކާއި ކާބޯތަކެއްޗާއި އަންނައުނު އަހަރެން ފޮނުވަމުން ގެންދިޔައީ އިތުބާރު ހިފޭ އެހެން މީހަކު މެދުވެރިކޮށެވެ.
އެހެން ނަމަވެސް، އޭނާގެ ނުބައި ރޭވުންތައް ކާމިޔާބު ނުވުމުން، މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާގެ އަސްލު ސޫރަ އަނެއްކާވެސް ދައްކާލިއެވެ. އަހަރެން ދަރިފުޅަށް އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ބުނެ، މުޅި ރަށު ތެރޭގައި އަހަރެންގެ އަބުރު ކެއްސައިލުމަށް ދޮގު އިލްޒާމްތައް އަޅުވައި ބަދުނާމު ކުރިއެވެ. އަދި ރުޅިވެރިކަމާއެކު، އަނެއްކާވެސް ދަރިފުޅު ގެނެސް އަހަރެންގެ ބޮލަށް ޖަހައި، އަހަރެންގެ އަތްމައްޗަށް ދޫކޮށްލައިފިއެވެ.
އޭރު، އެތައް ހިތާމައަކާއި އަނިޔާއެއްގެ ތެރެއިން ބޮޑުވަމުން އައި އަހަރެންގެ ލޯބިވާ ފިރިހެން ދަރިފުޅަށް ހަތަރު އަހަރު ފުރިއްޖެއެވެ. އެ މައުސޫމު ކުއްޖާގެ ލޮލުން ފެންނަމުންދިޔަ ހައިރާންކަމާއި ބިރުވެރިކަން ފެނި، އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ހިތާހިތުން އަޒުމް ކަނޑައެޅީމެވެ؛ މި ދުނިޔެ ކިތަންމެ ގަދަފަދަ ރާޅުތަކަކުން އަހަރެމެން ވަށައިލިޔަސް، ދަރިފުޅަށްޓަކައި ކަނޑުގެ ލޮނުގަނޑު ފަދަ ހިތި މި ދިރިއުޅުމާ އަހަރެން ހިތްވަރާއެކު ކުރިމަތިލާނަމެވެ.
ދަރިފުޅުގެ ވަރުބަލިވެފައިވާ މޫނުމަތިންނާއި، ހިކި އަނަރޫފަވެފައިވާ ހަށިގަނޑުން ފެންނަމުން ދިޔައީ ވޭނީ ތަސްވީރެކެވެ. މީގެ ކުރިން އަހަންނާއި އަހަރެންގެ މަންމަ ނުހަނު ލޯތްބާއި ކެތްތެރިކަމާއެކު އޭނާއަށް ދަސްކޮށްދިން އަލިފުބާގެ އަކުރުތަކާއި، އަދަބުއަޚްލާޤުގެ އެންމެހައި ކަންކަން ހުރީ ދަރިފުޅުގެ ސިކުނޑިން މުޅިން ފޮހެވިފައެވެ. އޭނާގެ މަންމަގެ ގާތުގައި ހޭދަކުރި ދުވަސްތަކުގައި، ކުޑަކުއްޖެއްގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ ތަރުބިއްޔަތަށާއި ތަޢުލީމަށް ކުޑަވެސް ސަމާލުކަމެއް ދީފައި ނުވާކަން ވަރަށް ރަނގަޅަށް ސާފުވިއެވެ.
އަޅާނުލުމުގެ އިމަކީ ހަމައެކަނި ތަޢުލީމެއް ނޫނެވެ. ދަރިފުޅުގެ ކެއިންބުއިމުގެ އާދަތައް ހުރީ ބިރުގަންނަ ދަރަޖައަކަށް ގޯސްވެފައެވެ. ގޭގައި ކައްކާ ފައިދާހުރި، ތާޒާ ކާނާގެ ބަދަލުގައި އޭނާއަށް ދީފައިވަނީ ފިހާރަތަކުން ލިބޭ ޕެކެޓް ކާނާއާއި، ފޮނި ލުއިކާނާ އަދި އެކި ވައްތަރުގެ ޕެކެޓް ބޯކިރެވެ. ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުލިބޭ މިފަދަ އެއްޗެހީގެ ސަބަބުން ކުއްޖާގެ ދިފާޢީ ނިޒާމު ހުރީ މުޅިން ބަލިކަށިވެފައެވެ. ގެއަށް އައިތާ ދެތިން ދުވަސް ނުވަނީސް، ދަރިފުޅު ގަދައަށް ހުންއައިސް، ބަނޑުގައި ރިއްސައި، މުޅި ކުއްޖާ ވަރުދެރަވެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ހާސްކަމާއި ބިރުވެރިކަމާއެކު އަހަރެން ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދެއްކީމެވެ. ޓެސްޓްތަކުގެ ނަތީޖާއަށްފަހު ޑޮކްޓަރު ދެއްވި ޚަބަރުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. ޑޮކްޓަރު ވިދާޅުވީ ކުއްޖާގެ ސިއްހަތު މިހާ ދަށަށް ދިޔައީ، އެއްވެސް ވަރަކަށް ގޭގައި ކައްކާފައި ހުންނަ ފައިދާހުރި ކާނާއެއް ނުލިބި، މުޅިންވެސް ގެއްލުންހުރި ލުއިކާނާ ކާންދީފައި ހުރުމުގެ ސަބަބުން ކަމަށެވެ. އެ ޖުމްލަތައް ވެގެންދިޔައީ އެ ދަރިފުޅުގެ މަންމަގެ އިހުމާލާމެދު އަހަރެންގެ ހިތުގައި އޮތް ރުޅިވެރިކަމާއި ނަފުރަތު އިންތިހާއަށް އިތުރުކުރުވި ކަމަކަށެވެ.
ނަމަވެސް، މާޔޫސްވެ އަތްއުރާލައިގެން ތިބޭކަށް އަހަރެމެން ބޭނުމެއް ނުވިއެވެ. އަހަރެންގެ އޯގާތެރި މަންމަ، މާމަދަރިފުޅުގެ ހާލަތު ބަދަލުކުރުމަށްޓަކައި ރެޔާއި ދުވާލު އެއްކޮށްލައިގެން އަޅާލަން ފެށިއެވެ. ފައިދާހުރި ތަރުކާރީ ސޫޕާއި، ތާޒާ ކާނާ އަމިއްލަ އަތުން ތައްޔާރުކޮށް، ގަޑިން ގަޑިއަށް ބޭސްދީ، ލޯތްބާއި ކުލުނުން ފުރިގެންވާ ފަރުވާއެއް ދޭން ފެށިއެވެ.
މާތް ﷲ ގެ ރަޙްމަތްފުޅާއި މަންމަގެ ބުރަ މަސައްކަތުން، ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދަރިފުޅުގެ ކުލަވަރު ރަނގަޅުވެ، މޫނުމައްޗަށް ދިރުން ލިބި، ސިއްހަތު އިޔާދަވާން ފެށިއެވެ. ދަރިފުޅު އަލުން ހީނލައި، ދުވެ ސަކަރާތްޖަހަން ފެށި މަންޒަރު ފެނި، އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ވަރުގަދަ އަޒުމެއް ކަނޑައެޅީމެވެ. އަމިއްލަ އެދުމާއި ފަރުވާކުޑަކަމުން ފުރިގެންވާ، އެ ރަހުމެއްނެތް އަންހެނާގެ އަތްމައްޗަށް އަހަރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު ދެން ދުވަހަކުވެސް ދޫކޮށެއް ނުލާނަމެވެ. މި ދަރިފުޅުގެ ރައްކާތެރިކަމާއި އުފާވެރި މުސްތަޤްބަލަކީ އަހަރެންގެ މުޅި ދިރިއުޅުމުގެ އެންމެ ބޮޑު މަޤްޞަދެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
