Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހަޑިމިލޭރު – 5

ޝނކސ
ޝނކސ Level 110 Stories
August 19, 2026 3 Mins Read
0 Comments

އެވަގުތު، ބޭރުގައި ހިނގަމުންދިޔަ ނުރައްކާތެރި ކަންތައްތަކާއި، ފަހަތުން އަޅުވާލާފައި ތިބި މީހުންނާއި، ބޯވަމުންދިޔަ ވާރޭގެ މަތިންވެސް ނާއިލް ހަނދާން ނެތުނު ކަހަލައެވެ. އޭނާ ހުރީ އައިރާގެ ރީތިކަމަށް ގެއްލިފައެވެ. ހިތާހިތުން ‘މާޝާ ﷲ’ އޭ ނާއިލް ބުނެލިއެވެ.

*****

“ދެން އޯކޭ އަތުން ދޫކޮށްލިއަސް!” ނާއިލް އައިރާއާއި ދިމާލަށް ބަލައިލުމަށްފަހު މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑު އައިރާއަށް އިވިގެންދިޔައީ އެ ދޯނީގެ އިންޖީނުގެ އަޑުގެ ތެރެއިންނެވެ. އައިރާއަށް ހޭވެރިކަންވީ ދެނެވެ. ދެމީހުންނަށް ތިބެވުނު ގާތްކަން އިހުސާސްވުމުން އޭނާގެ މޫނުމަތިން ކުޑަ ރަތްކަމެއް ފެނިގެންދިޔައެވެ. އޭނާ ވަގުތުން ނާއިލްގެ އަތުން ދޫކޮށްލުމަށްފަހު، މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތްދަށަށް ލައްވާލައި، ވާރޭކޯޓު ރީތިކޮށްލިއެވެ.

“އަމް ސޮރީ!،” ލަދުން ހުރެ ނާއިލަށް ބަލައިލުމަށްފަހު އައިރާ ބުންޏެވެ. ނާއިލް އެވަރުގެ ކަމެއް ނޫނޭ ބުނެލުމަށްފަހު ޒަޔާން ކޮބާތޯ ބަލައިލިއެވެ. ނާއިލް ބަލައިލިއިރު، އޭނާ އިނީ މަސްދާގަނޑުތަކެއްގެ މަތީގައި އިށީނދެގެންނެވެ.

“މި ކަމުގެ ތެރޭގައި އަހަރެން މަރުވެއްޖެނަމަ، އާދޭސްކޮށްފައި ބުނަން ބުރޯ، މައެ ބްރައުޒާ ހިސްޓްރީ ފޮހެލާތި! ހުވާ ބިއްލާހި މި ބުނީ!”. ޒަޔާން ތުރުތުރުލަމުން ފާޑަކަށްހުރެ ބުނެލިއެވެ.

“މަޑުން ހުރެބަލަ ޒަޔާން!” ފަރްހާން ދޯނީގެ ފަރުދާގަނޑުގައި ހުރި ކުޑަ ލޯވަޅަކުން ބޭރު ބަލަމުން ބުންޏެވެ.

“އެ ހައިލަކްސް މިހާރު ބޮޑުތަކުރުފާނު މަގަށް އަޅާނީ. މާލެ ބުރުޖަހާފައި އެމީހުން އެނބުރި އަންނަން ހޭދަވާނީ ގާތްގަނޑަކަށް 20 މިނެޓު!”. ނާއިލް އެހެން ބުނުމަށްފަހު ދެ އަތުގެ އުޅަނބޮށި ކަކުލުގައި ވިއްދާލަމުން، އެ ކުޑަ ދޯނީގެ ތެރޭގައި ތިބި މީހުންނަށް ބަލާލިއެވެ.
ބިރުންގޮސް ނޭވާކުރުވެފައި ހުރި ޒަޔާންގެ އިތުރުން ދެން ތިބީ ރިޟްވާނާއި، ފަރްހާނާއި، އޭނާގެ ގާތުގައި އިން އައިރާއެވެ.

އުމުރުން ސަތާރަ އަހަރުގެ ރިޟްވާނަކީ އިންޖީނުގެ މަސައްކަތްތަކަށް ނުހަނު ކުޅަދާނަ، ޒުވާނެކެވެ. ފަރްހާނަކީ ކުރިން ކޯސްޓްގާޑުގައި އުޅުނު، ނަމަވެސް އެތަނުގެ މީހުންގެ ކޮރަޕްޓް އަމަލުތަކުގައި ބައިވެރި ނުވުމުން ވަޒީފާއިން ވަކިކޮށްފައިވާ އުމުރުން ތިރީސް އަހަރުގެ މީހެކެވެ. އަދި ދެން ހުރީ އައިރާއެވެ.

“ދެން އެންމެން އަޑުއަހާ!” ނާއިލް ފުން ނޭވާއެއް ލުމަށްފަހު އޭނާގެ އަތުގައި އޮތް ފޮށި އެންމެންގެ މެދުގައި ބަހައްޓަމުން ބުންޏެވެ.

“އަހަރެމެން ރޭވުމެއް ރާވަން އެބަޖެހޭ. ތޯރިގުގެ ޔޮޓު އޮތީ ހުޅުމާލޭ މެރީނާގައި ދޯ؟”. އެހެން ބުނުމަށްފަހު އޭނާ ރިޝްވާނަށް ބަލައިލިއެވެ.

“އާނ!” ދެތިން ސިކުންތު ވަންދެން ރިޟްވާން އޭނާގެ ފޯނު ހާވައިލުމަށް ފަހު ބުންޔެވެ.

“އެއީ ‘އޯޝަން ހޮރައިޒަން’. ތިން ބުރީގެ ސުޕަރ ޔޮޓެއް. ތެޔޮ އަޅާ ތަނުގައި މަސައްކަތްކުރާ މަގޭ ރައްޓެއްސަކު ބުނި މީގެ ގަޑިއެއްހާއިރު ކުރިން ތޯރިގުގެ މީހުން ފަސްހާސް ލީޓަރުގެ ޑީސަލަށް އޯޑަރު ދިން ވާހަކަ. އެމީހުން އެ ތައްޔާރުވަނީ ދަތުރަކަށް ދާކަށް ނޫން. އެ އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށް މުޅިން ފުރައިގެންދާން!” ރިޝްވާންގެ އަޑުގައިވީ ސީރިއަސްކަމެވެ.

“އެ ޔޮޓް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުވެ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ، ރާއްޖޭގެ ފުލުހުންނަކަށް އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ! އަދި އޭނާ އާއި ބެހޭގޮތުން އަހަރުމެންގެ އަތުގައި މި ހުރި ހުރިހާ އެއްޗެއްގެ ބޭނުނއ ކެނޑޭނެ އޭރަށް!”. ފަރްހާން އޭނާގެ އުނގުމަތީގައި އޮތް ބޮޑު ރެންޗުމަތީގައި އަތް ބާއްވާލަމުން ބުންޏެވެ.

“އެހެން ވެއްޖެނަމަ، ތި އަތުގައި އޮތް ޑްރައިވްގެ އެއްވެސް ބޭނުމެއް ނޯންނާނެ!”. އޭނާ އިތުރުކޮށްލިއެވެ.

“އެހެންވީމާ އޭނާ ފުރައިގެންދިޔަ ނުދޭނީ!” އައިރާ ނާއިލްގެ ދެލޮލަށް ބަލާލަމުން ބުންޏެވެ. އޭނާގެ އަޑުގައިވަނީ ސާބިތުކަމެވެ.

“އެ ޔޮޓް ތެޔޮ އަޅަން އޮއްވައި އަހަރެމެން އެއަށް އަރާނީ!”. އައިރާ އެތަނުގައި ތިބި އެންމެނަށް ބަލައިލުމަށްފަހު ބުނެލިއެވެ. ޒަޔާން ދެލޯ ބޮޑުކޮށްލުމަށްފަހު އައިރާއަށް ބަލާލީ، އައިރާ އެ ބުނީ އަމިއްލަ ފުރާނަ ނީލަމަށް ލުން ފަދަ ކަމެއް ކުރުމަށް ކަމަށް ވާތީއެވެ.

“ތިހިރީ މޮޔަވެފައިތަ؟ އެ ޔޮޓުގައި ސެކިއުރިޓީން އެބަތިބި! އެއީ މިތިބަ ފަރްހާން ކަހަލަ ރެންޗު ހިފައިގެން ތިބޭ ބައެއް ނޫން! އެމީހުން އަތުގައި އަސްލު ބަޑި ހުންނާނެ!”. ޒަޔާން އައިރާއާއި ދިމާލަށް ބަލައިލުމަށްފަހު ފާޑަކަށއ ހުރެ ބުނެލިއެވެ.

“ސެކިއުރިޓީން ތިބި ނަމަވެސް، އެމީހުން ފޫހިވެފައި މިހާއިރު ވާއިރު ތިބޭނީ! ސަމާލުކަން ކުޑަވާ ވަގުތުތައްވެސް އަންނާނެ!”. އައިރާ އޭނާގެ ފޯނުން މެރީނާގެ ޗާޓެއް ދައްކާލަމުން ބުންޏެވެ.

“ހުޅުމާލޭ ތެޔޮ އަޅާ ތަނުގައި ތިބޭ ގާޑުންގެ ޝިފްޓް ބަދަލުވާނީ ފަތިހު 4:15 ގައި! އެވަގުތު ގާތްގަނޑަކަށް ފަނަރަ މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭނެ! އެއީ ރޭގަނޑު ޑިއުޓީގައި ތިބޭ މީހުން ހެނދުނު ޑިއުޓީއަށް އަންނަ މީހުންނާ މަސައްކަތް ހަވާލުކުރަން ދާ ވަގުތު! މި ދޯނީގައި ދާނަމަ، އެމީހުންގެ ރާޑަރަށް ފާހަގަނުވެ އަހަރެމެންނަށް ޔޮޓުގެ ފަހަތަށް ކައިރިކުރެވިދާނެ! ޕްލަސް މިއީ ރިޝްވާނުގެ ފެމިލީ ދޯންޔެއް!”. އައިރާ އޭނާގެ ސިކުނޑީގައި އޮތް ޕްލޭން ހާމަކޮށްލިއެވެ. ނާއިލް އައިރާގެ ފޯނަށް ބަލާލުމަށްފަހު، ދެން ބަލާލީ އައިރާގެ މޫނަށެވެ.

“ޔޮޓަށް އެރުމަށްފަހު ދެން ޕްލޭންއަކީ؟” ނާއިލް ސުވާލުކުރިއެވެ.

“އަހަރެމެން އެ ޔޮޓް ހިފާކަށް ނޫނީ ގޮއްވާލާކަށް ނުޖެހޭނެ، ނާއިލް!” އައިރާ ނާއިލްއާއި ގާތަށް ޖެހިލިއެވެ. އެވަގުތު އޭނާގެ އިނގިލިތަކުގައި ހުރި ރިހި އަނގޮޓިތައް ނާއިލްގެ އަތުގައި އޮތް ފޮށީގައި ޖެހުނު އަޑު އިވިލިއެވެ.

“އަހަރެމެން ކުރަންޖެހޭ ކަމަކީ، ޒަޔާންގެ އަތުގައި އޮތް ޑްރައިވް އެ ޔޮޓުގެ މައި ސިސްޓަމަށް ގުޅާލުން. އެއާއެކު، އެ ޑްރައިވްގައި ހުރި، ހުރިހާ މައުލޫމާތެއް އެއްފަހަރާ ކޯސްޓްގާޑަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާލެވޭނެ!” އައިރާ އިރުކޮޅަކު ވިސްނާލުމަށްފަހު ބުނެލިއެވެ.

“އޭރަށް އަހަރުމެން ޖެއްސި 5 ގަޑިއިރުގެ ޓައިމަރ ގެ ބޭނުމެއް ނެތެއްނު ދޯ ޒަޔާން!”. ނާއިލް ޒަޔާން އަށް ދޯ އެއް ދިނެވެ. އައިރާގެ އެ ވާހަކަތަކުން ނާއިލަށް އާދަޔާ ހިލާފު ހިތްވަރެއް ލިބުނު ކަމުގެ އިހުސާސް ކުރެވުނެވެ. މިއީ ރިސްކު ބޮޑު ކަމެކެވެ. ނުރައްކާތެރި ރޭވުމެކެވެ. ނަމަވެސް، އެ ހަތަރު މީހުންނަށް ބަލާލުމުން، މި ވަދެވިގެން މިއުޅޭ ކަށިބޯ ޖަންގަލިން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ މިއީކަން އޭނާއަށް ޔަގީންވިއެވެ.

“ރިޟްވާން! އިންޖީނު އިސްޓާޓް ކުރޭ، އަހަރެމެން މިދަނީ ހުޅުމާލެއަށް!” ނާއިލް ތެދުވެ، ދޯނީގެ މަތީގައި އަޅާފައިހުރި ލަކުޑި ބެރި ތަކުގެ ތެރެއިން ބެރިއެއްގައި ހިފަހައްޓާލަމުން ބުންޏެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

ހިޔަނިހެން 11

Next

މަލާމާތް ލޯބި – 17

Next
August 19, 2026

މަލާމާތް ލޯބި – 17

Previews
August 19, 2026

ހިޔަނިހެން 11



All Right Reserved!