ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ޒިވްޔާ އޭނާގެ ތެރަޕީ ސެޝަން ތަކަށް ދިޔައެވެ. ކޮންމެ ދުވަހަކު ހޭލުމަށްފަހު ދިރިއުޅުމާއި ކުރިމަތިލުން ޒިވްޔާއަށް ވެގެން ދިޔައީ ބޮޑު ވޭނަކަށެވެ. އޭނާ ދިޔައީ ހިނދެއް ހިނދަކަށް ޑިޕްރެޝަނަށް ވެއްޓެމުންނެވެ. އަނދިރީގެ ފުން ކަނޑަކަށެވެ.
ޒިވްޔާ ނަފްސާނީ ސިއްހަތު ގޯސް ވަމުން ދިޔަ މަންޒަރު އެންމެ ގާތުން ދެކެމުން ދިޔައީ އޭނާގެ މައިންބަފައިންނާއި އެންމެ ގާތް އެކުވެރިންނެވެ. އެ މަންޒަރު ފެނުމުން އެމީހުންގެ ހިތުގައި ވެސް ނުފިލާ ވޭނެއް އުފެދިގެން ދިޔައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޔަޝްމީ ޒިވްޔާ ގާތު ވާހަކަ ލިޔުމުގެ މުބާރާތުން ޒިވްޔާއަށް އެއްވަނަ ލިބުން ވާހަކަވެސް ބުންޏެވެ. އެވާހަކަ އަޑު އިވުމުންވެސް ޒިވްޔާގެ ހިތަކަށް އެންމެ ޒައްރެއްގެ މިންވަރުގެ ވެސް އުފާވެރިކަމެއް ނުލިބުނެވެ. އޭނާއަށް ލިބުނީ އިތުރަށް ހިތާމައެވެ. އޭނާއަކީ ލިޔުންތެރިއެކޭ އޭނާ ބުނަން ލަދުގަނެއެވެ. އޭނާ މިހާރު ނުލިޔާތާ މިހާރު 2 މަސްވީއެވެ. އޭނާ ކޮލެޖަށް ނުދާތާ ވެސް މިހާރު ދެމަސް ވީއެވެ. އޭނާގެ އުންމީދުތައް ވެސް ކުދިކުދިވެފައި ވާ ކަހަލައެވެ.
ދެމަސް ފާއިތުވެގެން ދިޔައިރު އޭނާއަށް އެ ގޮތް ނޭނގޭ މީހެއްގެ ފަރާތުން އިތުރު 3 ހަދިޔާ ވަނީ ލިބިފައެވެ. އެކި އެކި ދުވަސްތައް މަތިންނެވެ. ކޮންމެ ޕާރުސަލެއް ވެސް ޕެކް ކޮށްފައި ހުންނަގޮތުން ހީވަނީ ޓޭޕުން ބަނދެފައި އޮންނަހެނެވެ. އަދި ކޮންމެ ހަދިޔަލަކާއި އެކު ނޯޓެއް ވެސް ޒިވްޔާއަށް ލިބުނެވެ.
އޭނާއަށް ޗޮކޮލެޓްފޮށި ލިބުންތާ 10 ވަރަކަށް ދުވަސް ފަހުން އިތުރު ހަދިޔަލެއް ލިބުނެވެ. އޭގައި ވަނީ ވާހަކަ ފޮތެކެވެ. އޭގައި ޖަހާފައިވަނީ:
‘ދިސް ވަން ލުކްޑް ލޯންލީ އޮން ދި ޝެލްފް. ތޯޓް އިޓް ކުޑް ކީޕް ޔޫ ކޮމްޕެނީ ފޯ އެ ވައިލް.
- އިފް ދިސް ބުކް ބިކަމްސް ޔުއަ ފޭވްރިޓް، އައި ވުޑް ލައިކް ޓު ޓޭކް ފުލް ކްރެޑިޓް.
އިފް އިޓް ޑަޒްންޓް، އައި ހޭވް ނޯ އައިޑިއާ ހޫ ސެންޓް ދިސް ޓު ޔޫ.’
…………..
ތިންވަނަ ހަދިޔަލަކަށް އޭނާއަށް ލިބުނީ ހާބަލް ސައި ފޮއްޓެކެވެ. އޭގެ ނޯޓުގައި ލިޔެފައިވަނީ:
‘އެޕޭރެންޓްލީ ދިސް ހެލްޕްސް ޕީޕަލް ރިލެކްސް. އިފް އިޓް ޑަޒްންޓް، އެޓްލީސްޓް ޔޫ ވިލް ބީ ހައިޑްރޭޓެޑް.
- ސްޓިލް ވޯކިން އޮން މައި ޕާރްސަލް ވްރެޕިން ސްކިލްސް.’
…………..
އޭނާއަށް ލިބުނު ހަތަރުވަނަ ހަދިޔަލަކީ ޕޮޓެއްގައި އިން ކުޑަ ކެކްޓަސް ގަހެކެވެ.
‘އައި އާސްކްޑް ފޯ އެ ފްލަވާ ދެޓް ލާސްޓްސް ލޯންގް. ބަޓް އެކޯޑިން ޓު ދި ލޭޑި ފްލާވާސް ހޭވް ކޮމިޓްމެންޓް އިޝޫސް. ދިސް ވަން ސަވައިވްސް ލޯންގާ.
- ކޮންގްރެޖުލޭޝަންސް.
ނައު ޔޫ ހޭވް އެ ރެސްޕޮންސިބިލިޓީ.
ޕްލީޒް ޑޯންޓް ލެޓް އިޓް ޑައި.
އައިމް ވެރީ އެޓޭޗްޑް ޓު އިޓް.’
……………
އެއިން ކޮންމެ ހަދިޔަލެއް ވެސް ޒިވްޔާ ލީ އޭނާގެ އަލަމާރި އަށެވެ. އޭނާއަށް ލިބުން ވާހަކަ ފޮތް ވެހެވެ. އަދި ލިބުން ޗޮކްލެޓްފޮއްޓާއި ހާބަލް ސައި ފޮއްޓެވެ. އެހެންނަމަވެސް ލިބުން ކެކްޓަސް ގަސް އޭނާ ބޭންދީ އޭނާގެ މޭޒުމަތީގައެވެ. އެއަށް ފެންދީ ކަންތައް ކުރަނީ ދުމްޔާއެވެ. އެއާމެދު ޒިވްޔާގެ ފަރުވަލެއް ނެތެވެ. އޭނާއަށް އަމިއްލަ ނަފްސު ރަނގަޅަށް ނުބެލޭއިރު ގަހެއް ބަލާނީ ކިހިނެއް ހެއްޔެވެ؟ މި ހަދިޔާތައް ފޮނުވަނީ މީ ހާދަހައިވާ ހެއްވާ މީހެކެވެ. އެހެންނަމަވެސް ޒިވްޔާ އެއީ ކާކުތޯ ވިސްނާކަށް ވެސް ބޭނުމެއް ނުވިއެވެ.
އެނދުމަތީގައި އިށީނދެގެން އިން ޔަޝްމީ އިނީ އޭނާގެ އުނގުގައި ބޯއަޅައިގެން ނިދިފައި އޮތް ޒިވްޔާގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލައެވެ. ޔަޝްމީ އެގެއަށް އައިސް އެއިނީ އަޒްހިރާއި ދުމްޔާ ބިޒްނަސް ޕާޓީ އަކަށް ދާން ޖެހިގެން ޔަޝްމީ ގާތު ޒިވްޔާ ބަލާދިނުމަށް އެނދުމުންނެވެ. ޒިވްޔާ އެކަނި ނުބައިންދަންށެވެ.
ޒިވްޔާ ކުޑަކޮށް ފުރޮޅެލިއެވެ. އެއާއެކު އޭނާ ލާފައި ހުރި ހެދުން ކުޑަކޮށް އުފުލި އޭނާގެ ބަނޑުން ބައެއް ފެނުނެވެ. ޔަޝްމީ ކުޑަކޮށް ސިހުނެވެ. ޒިވްޔާގެ ގައިގައި ހުރި ޒަހަމް ތަކަކީ ޔަޝްމީއަށް އަލަށް ފެނިފައިވާ އެއްޗެއްސެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ވަރަށް ނުފެނެއެވެ. ޒިވްޔާ އެ ހާދިސާއަށް ފަހު ލާފައި ހުންނަ ބޮޑެތި ހެދުން ތަކުންނެވެ. ޔަޝްމީގެ ހިތަށް އެންމެ ތަދުވީ ޒިވްޔާގެ ފޫޅާއި ހިސާބުން ތިރިއަށް ހަރުވާޅުގެ ތެރެއަށް ގޮސް ގެއްލިފައިވާ ލަކުނު ފެނިފައެވެ. އެއްކޮށް ފެންނަން ނެތް ނަމަވެސް އެ ލަކުނުގެ ދިގުމިން ޔަޝްމީއަށް ވަރަށް ވެސް ރަނގަޅަށް އެނގެއެވެ. ފޫޅާއި ހިސާބުން ދަށްބަނޑުގެ އެތައް އިންޗި ތިރިއަށް އިން އެ ލަކުނު ބޮޑުމީހެއްގެ ނިޔަފަތިހާ ފުޅާވާނެއެވެ.
ޔަޝްމީ ޒިވްޔާގެ ހެދުން ރަނގަޅުކޮށްލިއެވެ. އެވަގުތު ޒިވްޔާގެ ބަނޑުގައި މަޑުމަޑުން ޔަޝްމީގެ އަތް ޖެހުމާއެކު ޒިވްޔާ ސިހިފައި ހޭލިއެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ޔަޝްމީ އާއި ދުރަށް ޖެހުން ގޮތުން ހީވީ ގައިގައި އަލިފާން ޖެހިގެން ދުރަށް ޖެހުނު ހެނެވެ.
ޒިވްޔާގެ ހަނދާނެއް އައީ އަތެކެވެ. އެއަތް އޭނާގެ އަނގަމަތީގައި އަޅައި ނޭވާ ނުލެވޭ ވަރުކޮށްލިއެވެ. އެއާއެކު ޒިވްޔާ ތެޅިގަތެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ހަޅޭލަވައިގަތް އިރު ހީވަނީ މަރަށް ތެޅޭ މަހެއް ހެނެވެ. އޭނާގެ އަރުގައި ނޭވާތާށިވި ކަހަލައެވެ. އޭނާގެ ލޮލަށް ކަރުނަތައް އެއްވިއިރު، އޭނާގެ ކޮޓަރި ފުސްވެގެން ދިޔައެވެ. ހަމަ އެއާއެކު އޭނާއަށް އަސްލާއި ހަނދާންތައް އެއްވެގެން ދިޔައެވެ. ހަގީގަތަކީ ކޮބައިކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އޭނާގެ ގައިގައި އެ އިހްސާސްވާ އަތްތިލަ ހެއްޔެވެ؟ ނޫނީ އޭނާއަށް ފުސްކަމުގެ ތެރެއިން ފެންނަ އަމިއްލަ ކޮޓަރި ހެއްޔެވެ؟
“ނޫން.. ނޫން.. އަތް ނުލާ. ނޯ! ޕްލީޒް..” ޒިވްޔާއަށް ކިޔެމުން ދިޔައީ ކީކޭ ކަމެއް ވެސް ނޭނގެއެވެ. ޒިވްޔާ އަމިއްލަ ގައިގައި އަތް ވަށާލިއެވެ. އައްޑަނައެއް ފަދައިނެވެ. އޭނާގެ ގައިގައި އަތްލަމުން އެދިޔައީ ހަޑިމުޑުދާރު އަތުން ސަލާމަތްވެވޭތޯއެވެ.
ތަންކޮޅެއް ދުރުން މީހެއްގެ އަޑު އިވުނެވެ. އެއާއެކު ޒިވްޔާ އިތުރަށް ދުރަށް ޖެހިލިއެވެ. ބޭއިޚްތިޔާރުގައެވެ. ނަމަވެސް އަނެއްކާވެސް އެއަޑު އިވުނެވެ. އަންހެން އަޑެކެވެ. ދަންނަ އަޑެކެވެ. އެއީ ކާކު ބާވައެވެ؟
“ޒިވީ..” އެއަޑުގައި ވަނީ މޮޅިވެރިކަމެވެ. ހިތާމައެވެ. އެއީ ކާކު ހެއްޔެވެ؟
ޒިވްޔާ އިތުރަށް އަމިއްލަ އަތްތެރެއަށް ބޮނޑިވެލިއެވެ. އަދިވެސް އޭނާއަށް ތަންދޮރު ވަކި ނުވާ ފަދައެވެ.
ޒިވްޔާއަށް ވީ ގޮތުން ޔަޝްމީ ސިހުނެވެ. “ޒިވީ..”
ޔަޝްމީގެ އަތް ޒިވްޔާގެ ގައިގައި ޖެހުނީ ހަމަ ކިރިޔާއެވެ. އޭނާގެ ދެލޯ ބޮޑު ވެގެން ދިޔައީ އޭނާގެ އެންމެގާތް އެކުވެރިޔާ އޭނާއާއި ދުރަށް ޖެހުނުގޮތުންނެވެ. އަމިއްލަ ގައިގައި އަތް ވަށާލި ގޮތުންނެވެ. އޭނާގެ ހަށިގަނޑު ތުރުތުރުއަޅަން ފެށިގޮތުންނެވެ. ޒިވްޔާގެ ދެލޮލުން ފެންނަމުން ދިޔައީ ހަމައެންމެ ޖަޒްބާތެކެވެ. ބިރެވެ. ރުޅިވެރިކަމެއް ނޫނެވެ. ނަފްރަތެއްވެސް ނޫނެވެ. ހިތާމައެއް ވެސް ނޫނެވެ. ބިރެވެ. ނޭނގި ނަމަވެސް ޒިވްޔާގެ ލޮލުގައި އެވާ ބިރު އަމާޒުވެފައިވަނީ ޔަޝްމީ އާއި ދިމާއަށެވެ. ހީވާ ކަހަލައެވެ. ޒިވްޔާއަށް އެއީ ޔަޝްމީކަން ވެސް ނޭނގެއެވެ.
ޒިވްޔާއަށް ވީގޮތް ފެނިފައި ޔަޝްމީގެ ހިތް ކުދިކުދި ވީ ކަހަލައެވެ. އޭނާ ޒިވްޔާއާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހުއްޓުނެވެ. އޭނާ ޒިވްޔާގެ ގައިގައި މިވަގުތު އަތްލައިފިނަމަ އިތުރަށް ޒިވްޔާ ސަކަރާތް ވެދާނެއެވެ. އޭނާ ޒިވްޔާގެ ގައިގައި އަތްލައިފިނަމަ އެއީ ޒިވްޔާއަށް ވޭނަކަށް ވެދާނެއެވެ.
ޔަޝްމީ އޭނާގެ އަތް ޒިވްޔާއާއި ދިމާއަށް ދިއްކޮށްލައިގެން އިރުކޮޅެއް ވަންދެކަށް ހުއްޓެވެ. ހަދަންވީ ގޮތެއް ނޭނގިފައެވެ. އެކުވެރިޔާއަށް އެހީތެރިވާންވީ ކިހިނެއްކަން ނޭނގިފައެވެ. އިރުކޮޅެއްފަހުން ޔަޝްމީ އޭނާގެ އަތް ތިރިކޮށްލިއެވެ. މިވަގުތު އޭނާގެ ކޮންމެ ހަރަކާތެއް ވެސް ގެންނަން ޖެހޭނީ ވަރަށް ވެސް ބަލައިގެން ކަން އޭނާއަށް އެނގުނެވެ.
“އައި.. އައިމް ސޮރީ..” ޔަޝްމީގެ އަޑު އައީ ކުރުހިގެނެވެ. “އައި.. އައި ޑިޑްންޓް މީން ޓު..”
ނަމަވެސް ޒިވްޔާގެ ފަރާތުން ޖަވާބެއް ނައެވެ. އޭނާގެ މުޅިހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. ޔަޝްމީ ހިންދިރުވާލިއެވެ. އޭނާ ޒިވްޔާގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. ޒިވްޔާ ގެނެސް އޭނާގެ މެޔާއިލައި ބޮނޑިކޮށްލުމަށްފަހު ހިތްވަރުދޭން ބޭނުންވިއެވެ. ދުނިޔޭގެ ނުބައި ކަމުން ސަލާމަތް ކޮށްދޭން ބޭނުންވިއެވެ. ނަމަވެސް ޒިވްޔާގެ ހާލު އެއަށްވުރެ މާ ނާޒުކު ކަން ޔަޝްމީ އަމިއްލަ ނަފްސަށް އަންގައި ނަސޭހަތްތެރިވިއެވެ.
ޔަޝްމީ ޒިވްޔާ އާއި މާ ދުރުނުވާނެ ހިސާބެއްގައި ކަކޫ ޖަހައި ތިރިވެލިއެވެ. ޒިވްޔާ އާއި އެއްވަރު ވެލަމުންނެވެ. ޒިވްޔާ އެކަނިވެރި ނުވާނެހާ ކައިރީގައެވެ. އަދި ޒިވްޔާ ހާސް ނުވާނެހާ ދުރުގައެވެ.
“އިޓްސް އޯކޭ..” ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ލޮލަށް އެއްވި ކަރުނަތައް ހިފަހައްޓާލަމުންނެވެ. “މީ ޔަޝްމީ.. ޔުއަ ބެސްޓް ފްރެންޑް.. އައިމް ރައިޓް ހިޔާ.. ޔޫ ޑޯންޓް..” ޔަޝްމީގެ އަޑު ކުރުހުނެވެ. އެހެން ކަމުން ހިންދިރުވާލުމަށް ފަހު ކަރު ކެހިލިއެވެ. “.. ޒިވީ ޔަޝްއާ ދިމާއަށް ނުބެލިޔަސް މައްސަލައެއް ނޫން އެއީ.. ޒިވީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫންނަމަ އެވެސް މައްސަލައެއް ނޫން ހަމަ. ޔަޝް.. ޔަޝް ހުންނާނަން މިތާ.. ޒިވީ ކައިރީ.. އައިމް ހިޔާ ފޯ ޔޫ ޒިވީ.. އޯލްވޭސް..”
ޒިވްޔާއަށް އެމީހެއްގެ އަޑު އިވެމުން ދިޔައެވެ. ބުނަމުން ދިޔަ ބަސްތައް ސާފުވާން ފެށިއެވެ. އެ ދަންނަ އަޑަކީ އޭނާގެ އެންމެގާތް އެކުވެރިޔާގެ އަޑެވެ. ޔަޝްމީގެއެވެ. ޒިވްޔާގެ ފުން ނޭވާލުން ހަމައަކަށް އެޅެން ފެށިއެވެ. އޭނާގެ ކޮޓަރިތެރެ ސާފުކޮށް ފެންނަން ފެށިއެވެ. އެއްކޮށެއް ނޫނެވެ. ތަންދޮރު އެނގޭނެހާ ވަރަށެވެ. އޭނާގެ އިނގިލިތަކުގައި އޭރުވެސް މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ދެންވެސް އޭނާގެ ހަށިގަނޑުގައި ވަށާލެވިފައިވާ އަމިއްލަ ދެއަތް ދުރުކޮށެއް ނުލިއެވެ. ހީވާ ކަހަލައެވެ. އޭނާ އެދެއަތުގެ ތެރެއިން ނުކުމެއްޖެނަމަ އޭނާ ކުދިކުދިވެގެން އަޅިއަށް ވެދާނެއެވެ. ޒިވްޔާ ބަލަހައްޓައިގެން އިނީ ބިންމައްޗަށެވެ.
ޒިވްޔާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެކަން ޔަޝްމީއަށް ނަގައިގަނެވުނެވެ. ނަމަވެސް ދެންވެސް ޒިވްޔާއާއި ކައިރިއަކަށް ނުޖެހުނެވެ. ޒިވްޔާއަށް އުނދަގޫ ވެދާނެތީއެވެ. އޭގެ ބަދަލުގައި މޭޒުމަތީގައި ހުރި ފެންޖަގާއި ބިއްލޫރިތަށި ނަގައި، އެތައްޓަށް ފެންފޮދެއް އެޅިއެވެ. އަދި އެ ތަށި ޒިވްޔާ އާއި ކައިރީގައި ބިންމަތީގައި ބެހެއްޓިއެވެ.
ޒިވްޔާ އެ ފެންތައްޓަށް ބަލާލިއެވެ. އެވަގުތު އޭނާގެ ކަރުތެރެ ހިކިފައިވާ ވަރު އިހުސާސް ކުރެވުނީ ކަހަލައެވެ. ނަމަވެސް ދެންވެސް އެފެންތައްޓާއި ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. އެއަކަށް އަތް ދިމާކޮށްވެސް ނުލިއެވެ.
ޔަޝްމީ ހިންދިރުވާލިއެވެ. “އައިމް ސޮރީ.”
ޒިވްޔާ ޔަޝްމީ އާއި ދިމާއަށް ބަލާވެސް ނުލިއެވެ. އޭނާގެ ދެލޯ އަމާޒު ވެފައި ވަނީ އެފެންތައްޓަށެވެ. ނަމަވެސް އޭނާ ޔަޝްމީއަށް ޖަވާބެއްގެ ގޮތުގައި މަޑުމަޑުން ދެކޮޅަށް ބޯ ހޫރާލިއެވެ. އޭނާގެ ބަހުގެ ޖަވާބު އައީ އަދި އިރުކޮޅެއް ފަހުންނެވެ. “ޔޫ ޑިޑްންޓް ޑޫ އެނީތިން..”
“އެކަމް.. ޔަޝް އާ ހެދި.. އައި.. އައި ސްކެއަރޑް ޔޫ..”
“އައި ނޯ.. ބަޓް.. އެއީކީ ޔަޝް ގަސްތުގައި ކުރި ކަމެއް ނޫން…” ޒިވްޔާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔަޝްމީގެ ދެލޮލަށް ކަރުނަ އެއްވިއެވެ. އެކަން ޒިވްޔާއަށް ނުދެއްކުމަށްޓަކައި ޔަޝްމީ ވަގުތުން މޫނު އަނބުރާލިއެވެ.
ޒިވްޔާ ވެސް އިސްޖަހާލުމަށްފަހު އަމިއްލަ އަތަށް ބަލާލިއެވެ. އޭނާއަށް އެގޮތަށް އެވީ ކީއްވެ ހެއްޔެވެ؟ ޔަޝްމީގެ އަތް އޭނާގެ ބަނޑުގައި ޖެހިލީ ކިރިޔަ ކިރިޔާއެވެ. އެހެންވީއިރު އެގޮތަށް އޭނާ އަމަލު ކުރަންވީ ސަބަބެއް ނެތެވެ. އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. ވީއިރު އޭނާއަށް ވިސްނާލުމަށް ސިކުންތެއް ދިނުމެއް ވެސް ނެތި އޭނާގެ ހަށިގަނޑު އެގޮތަށް އަމަލު ކުރީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އެވަގުތު އެ ފެނުނީ ކޮން އަތެއް ހެއްޔެވެ؟
ޒިވްޔާގެ ލޮލުން ކަރުނައިގެ އާރެއް ނީރާލިއެވެ. އިސާހިތަކު އެ ކަރުނަތައް އޭނާގެ ކޯތާފަތުގައި ބޮސްދީފިއެވެ. “ޔަޝް.. އަހަރެން.. ޒިވީ.. ޒިވީ އަކަށް ނޭނގޭ ޒިވީއަށް ވާ ގޮތެއް.. އައި ޑޯންޓް ނޯ ވަޓްސް ރޯންގް.. ވިތު މީ..”
ޔަޝްމީއަށް ހީވީ މީހަކު އޭނާގެ ބަނޑުގައި ލަޓިބުރިއަކުން ޖެހީ ހެނެވެ. ނަމަވެސް ހިތްވަރުކޮށްފައި ބުނެލިއެވެ. “ޒިވީ.. ނަތިން އިޒް ރޯންގް ވިތު ޔޫ.”
އެއާއެކު ޒިވްޔާގެ ތުންފަތް ފޫއަޅުވާލާފައި ބޭރުވީ މަޑު ހުނުމެއްގެ އަޑެވެ. އެ ހުނުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އެއްވެސް އިހްސާސެއް ނެތެވެ. ދުވަހަކުވެސް ދިރިއުޅުމުގެ ފޮނިކަން އިހްސާސް ނުވާ މީހެއްގެ ހުނުމެކެވެ. ނަމަވެސް މާގިނަ އިރު ނުވަނީސް އެހުނުން ބަދަލުވެގެން ދިޔައީ މަޑު ގިސްލުމަކަށެވެ.
ޔަޝްމީ އެންމެ ދެރަވީ އޭނާގެ އެކުވެރިޔާއަށް އެހީތެރިވާންވީ ކިހިނެއްކަން ނޭނގުމުންނެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ޒިވްޔާ މައިތިރިވިއެވެ. އަދި އެއްކަލަ ފެންތަށި ނަގައި ފެންފޮދެއް ބޯލިއެވެ. އެއަށްފަހު ދެ އެކުވެރިން ވެސް ހަމަހިމޭންވިއެވެ. ޒިވްޔާ އޭނާގެ އެނދުގައި ލަށް ގަނެލައިގެން އިނީއެވެ. ބިންމަތީގައެވެ. އޭނާ އާއި ފުދޭވަރަކަށް ދުރުގައި ޔަޝްމީވެސް އިނެވެ.
އެ އެކުވެރިކަމުގައި، ފުރަތަމަ ފަހަރަށް ޔަޝްމީ ޒިވްޔާ ހެއްވާކަށް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ހުރީއެވެ. ޒިވްޔާއަށް ފަސޭހަވާނެ ހިސާބުގައެވެ. ހަމަހިމޭން ކަމާއެކުގައެވެ. އަބަދުވެސް ޒިވްޔާގެ ކައިރީގައި ދެގޮތެއް ނުވެ ޔަޝްމީ ހުންނާނެކަން އަންގައި ދެމުންނެވެ. ކޮންމެ ހާލެއްގައި ވެހެވެ. ޒިވްޔާ އާއި ޔަޝްމީގެ އެކުވެރިކަން ކުރިން ގޮތަށް ބަދަލުވާން ކިތަންމެ ދުވަހެއް، މަހެއް، އަދި ކިތަންމެ އަހަރެއް ވިޔަސް ޔަޝްމީ ހުންނާނެއެވެ.
…………….
Hope you enjoyed this episode as well.
Shyyyms
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Oh nooo…
This literally made me cry…
Poor zivy… 😭😭😭
Aikan? Is it that dude who’s sending her gifts…?
It’s so nice… Keep going sis…
When’s the next part..?
Curiouslyyyy waitinnn…
🫶🏻🫶🏻🫶🏻🫶🏻
We’ll see who the mysterious person is dhw.
insha’Allah will upload next episode is soon🩷