ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. އެރޭގެ ރީތި ހަނދުވަރުން މަގުތަކުގައި ފަނޑު އަލި ކަމެއް ވިއެވެ. އެހެނަސް މުޅި މާލެ ވަނީ ނިދާފައި ކަހަލައެވެ. އެހާ ވެސް ހަމަ ހިމޭނެވެ. ދޭތެރެއަކުން ފަނިފަކުސާ ގޮވާ އަޑު ނޫނީ އިތުރު އަޑެއް ނީވެއެވެ.
ޒިވްޔާ އިނީ މޭޒު ދޮށުގައެވެ. އޭނާގެ ލެޕްޓޮޕް ލައްޕާލާފައި ވާ އިރު އަތުގައި މަޑު ތުރުތުރެއް ވިއެވެ. އެ ދޮން މޫނު މަތީގައި ވާ ކުލަ ވަރުން އޭނާގެ ހިތާއި ސިކުނޑި ހަނގުރާމަ ކުރަމުން ދިޔަ ކަން ސާބިތު ވަމުން ދިޔައެވެ. ކޮންމެ އަކަސް ހިތްވަރު ކޮށްލާފައި ޒިވްޔާ އޭނާގެ ހިތާއި ދެކޮޅަށް ލެޕްޓޮޕް ހުޅުވާލިއެވެ. އަދި އޭނާ ލިޔަމުން ގެންދާ ޑޮކިއުމެންޓަށް ވަދެލިއެވެ. ހިތް ވަރު ކޮށްފައި ދެން އިން އެޕިސޯޑު ލިޔަން ރެޑީ ވެލިއެވެ.
އެ ހުދު ކުލައިގެ ޕޭޖް ފެނިފައި އޭނާ ހުއްޓުން އެރިއެވެ. ހީވާ ކަހަލައެވެ. އެ ޕޭޖު ވެސް އެމަޑު ކުރަނީއެވެ. ޒިވްޔާއަށް ޓަކައެވެ. އެ ހުސް ޕޭޖަށް އަކުރުތަކެއް އަރާތޯއެވެ. ޒިވްޔާ ތުރުތުރު އަޅާހާލު ކީބޯޑުގައި އަތް ޖައްސާލިއެވެ. ދެންވެސް އޭނާ މަޑު ޖެހުނެވެ. އޭނާއަށް ކޮމްޕިއުޓަރުން ލިޔަން އެނގެއެވެ. އެންމެ ކުރިއްސުރެ ޓައިޕް ކޮށްކޮށް ގޮސް އޭނާގެ އިނގިލިތައް ވަނީ އެކަމަށް ހޭނިފައެވެ. ފަރިތަވެފައެވެ. ނަމަވެސް މިއަދު އެ އިނގިލިތައް ހަރަކާތް ކުރަން ދެބަސްވާ ކަހަލައެވެ. އެކަމަށް ނުކުޅެދިފައިވާ ކަހަލައެވެ. ލިޔަންވީ ގޮތް ވެސް ހަނދާންނެތިފައިވާ ފަދައެވެ.
އޭނާގެ ސިކުނޑީގައި ލިޔަންވީ ބަސްތަކާއި ޖުމްލަތައް ވިއެވެ. ނަމަވެސް އެބަސްތައް އޭނާއަށް ބީރައްޓެހިފަދައެވެ. ޒިވްޔާ ހިތްވަރުކޮށްފައި މަޑުމަޑުން ޖުމްލައެއް ލިޔެލިއެވެ. އަދި އެ ޖުމްލަ ކިޔާލިއެވެ. ދެވަނަ ސިކުންތުގައި ފެނުނީ ޒިވްޔާ އެ ޖުމްލަ ފިލުވާލި ތަނެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ޖުމްލައެއް ލިޔެލިއެވެ. އެއާއެކު ދެން ވެސް އެ ޖުމްލަ ވެސް ފިލުވާލިއެވެ. އެގޮތަށް އެތަކެއް ފަހަރު ތަކުރާރުވިއެވެ. އެތަކެއް އިރެއް ވަންދެކަށެވެ. އެންމެ ފަހުން ޒިވްޔާ ލެޕްޓޮޕަށް ބަލަހައްޓައިގެން އިންގޮތަށް އިނީއެވެ.
އޭނާގެ ސިކުނޑީގައި ވާ ބަސްތައް އޭނާގެ އަޑަކާއި ވައްތަރެއް ނޫނެވެ. އޭނާގެ ލިޔުމަކާއި ވައްތަރެއް ނޫނެވެ. އެ ލަފްޒުތައް އޭނާއަށް ބީރެއްޓެއްސެވެ. ހީވާ ކަހަލައެވެ. މީގެ ކުރިން ރޭގަނޑު ދަންވަރުން ފެށިގެން އިރު އަރަންދެން ވާހަކަ ލިޔެލަ ލިޔެލާ އިންނަ އެ ޒިވްޔާ ވެސް މިހާރު އޭނާގެ ހަނދާންތަކުގެ ތެރޭގައިވި ފަރުދާގެ ތެރެއަށް ގޮސް ގެއްލިއްޖެއެވެ. އޭނާ ރަނގަޅަށް ވެސް އެކަނިވެރި ވެއްޖެއެވެ.
ޒިވްޔާގެ ދެލޮލުން ދިލަ ނަގާހެން ހީވިއެވެ. ކަރުނައިންނެވެ. އޭނާއަށް ނުލިޔެވުނީތީއެއް ނޫނެވެ. އޭނާ ލިޔަން ބޭނުންވާތީއެވެ. އޭނާ ވަރަށް ބޭނުމެވެ. އޭނާގެ ސިކުނޑީގައިވާ ހައިޖާނުގަނޑު ލިޔުމުގެ ތެރެއަށް ދޫކޮށްލާށެވެ. އެ ވޭނުން ލުޔެއް ލިބޭތޯއެވެ. އޭނާ ލިޔަން ކިތަންމެހާ ވެސް ބޭނުމެވެ. އޭނާގެ ސިކުނޑީގައި އެތައް އެތައް ސުވާލުތައްވިއެވެ. އެތައް އިހުސާސެކެވެ. އޭނާއަށް ބަޔާން ކުރަން ނޭނގޭ އެތައް ޖަޒުބާތެކެވެ. އެހެނަސް ލިޔަން އުޅޭ ކޮންމެ ފަހަރަކު އެބަސްތައް އޭނާގެ ސިކުނޑިން ފިލައިދާ ފަދައެވެ.
އޭރުވެސް އެ ހުދުކުލައިގެ ޕޭޖު އޭނާގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ. އެ ކާސަރ ވެސް ދިއްލިފައި ނިވެމުން ދިޔައެވެ. ދިއްލިފައި ނިވެނީއެވެ. އަނެއްކާވެސް ދިއްލިފައި ނިވެނީއެވެ. ކެތްތެރި ކަމާއެކީގައެވެ. ޒިވްޔާގެ ފަށުވި ބަސްތައް އަމުނާލާނެ އިރެއްގެ އިންތިޒާރުގައެވެ. އެ މަޑުކުރެވުނީ ލިޔުންތެރިކަމުގެ ހުނަރު މަތިން ހަނދާންނެތިފައިވާ ލިޔުންތެރިއަކަށް ކަމެއް ނޭނގިހުރެއެވެ. ލިޔަންވީގޮތް ނޭނގިފައިވާ ލިޔުންތެރިއަކަށެވެ.
ޒިވްޔާ އޭނާގެ ތުރުތުރު އަޅަމުން ދިޔަ ދެއަތުން ލެޕްޓޮޕް ލައްޕާލިއެވެ.
ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލިޔުންތެރިޔާ ‘އޭރިއެލް’ގެ ކުޅަދާނަ ގަލަމުގައި ތަޅު އެޅުނެވެ. ހިތްވަރާއެކު ފަށުވި އިބާރާތްތަކުން ލިޔަމުން އައި އެ ލިޔުންތެރިޔާގެ ލިޔާނެ ބަސްތައް ހުސްވެގެން ދިޔައީއެވެ.
…
އެތައް އިރަކުން ލެޕްޓޮޕަށް ބަލަހައްޓައިގެން އިނދެފައި ޒިވްޔާ އަނެއްކާވެސް ލެޕްޓޮޕް ހުޅުވާލިއެވެ. އަދި އެސްފިޔަ ވެބްސައިޓަށް ވަދެލިއެވެ. އޭނާގެ އެންމެ ފަހުން އަޕްލޯޑު ކުރި އެޕިސޯޑު ހުޅުވާލައި ކޮމެންޓް ސެކްޝަނަށް ގޮސްލިއެވެ. އެ ކޮމެންޓް ސެކްޝަން ވަނީ ފުނި ޖެހިފައެވެ.
“އޭރިއެލް، ކޮބާ ދެން އިން ބައި؟”
“ޕްލީޒް އަޕްޑޭޓް. ވީ މިސް ޔޫ.”
“ހާދަ ދުވަހެއް ވެއްޖޭ. އާ ޔޫ އޯކޭ؟”
“ވެން ނެކްސްޓް ޕާޓް ކިޔާލަން ލިބޭނީ؟”
“އިޒް އެވްރީތިން އޯކޭ.. ކުރިން ކޮމެންޓްސް އަށް ރިޕްލައި ވެސް ކުރާނެ..”
“އަޕްޑޭޓް ނުކުރިޔަސް ޕްލީޒް ޓެލް އަސް ޔޫ އާ އޯލްރައިޓް.”
ޒިވްޔާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ‘އިންކޮގްނިޓޯ’ގެ ކޮމެންޓް ތަކެވެ.
އިންކޮގްނިޓޯ: ހެލޯ!!! ޔޫ އާ ލޭޓްޓްޓް!!!
އިންކޮގްނިޓޯ: ހައި. ވެން ނެކްސްޓް؟؟؟
އިންކޮގްނިޓޯ: ޑިޑްންޓް ތިންކް ޔޫ ވުޑް ޑިސެޕެއަ ވިތައުޓް ގިވިން ޔުއަ ވިލައިން އެ ޕްރޮޕާ އެންޑިން.
އިންކޮގްނިޓޯ: ސްޓިލް ވެއިޓިން.
އިންކޮގްނިޓޯ: ފައިން. ޓޭކް ޔުއަ ޓައިމް. ޔޫ އާ މިސިން ކްލާސް ޓޫ ބައި ދި ވޭ.
އިންކޮގްނިޓޯ: 2 ވީކްސް. ދި ކޮމެންޓް ސެކްޝަން އިޒް އަންޔޫޒުއަލީ ކުވައިޓް ވިތައުޓް ސަމްވަން ޓު އާގިއު ވިތު.
އިންކޮގްނިޓޯ: އިފް ޔޫ ސްޓޮޕްޑް ރައިޓިން ބިކޯޒް އޮފް މައި ކްރިޓިސިޒަމް.. ޑޯންޓް. އިޓް ވޮޒްންޓް ދެޓް ބޭޑް އޮނެސްޓްލީ. އިޓްސް ޖަސްޓް ފަން ޓު އެނޯއި ޔޫ.
އިންކޮގްނިޓޯ: މައި ޕެއިންޓިން އިޒް ވެއިޓިން ފޯ ޔުއަ ރިޓާން.
އެކި ދުވަސް ދުވަހުގެ މަތިން އައިކަން ފޮނުވާފައި ހުރި ކޮމެންޓްތަކެވެ. ޒިވްޔާގެ އެސްފިޔަ ޖަހާ ނުލައި ބަލަހައްޓައިގެން އިނެވެ. ފަސް ހަތަރު ފަހަރު އައިކަން ގެ ކޮމެންޓްތައް ކިޔާލެވުން އިރު އޭނާގެ ހިތުގައި ބަރުކަމެއް އުފެދިގެން ދިޔަހެން ހީވިއެވެ.
ޒިވްޔާ އަވަސް އަވަހަށް އޭނާގެ އެކައުންޓުން ލޮގް އައުޓް ވިއެވެ. އެއަށްފަހު އަވަސް އަވަހަށް ލެޕްޓޮޕް ލައްޕާލުމަށްފަހު، ތެދުވެގެން ގޮސް ވަތްގަނޑަށް ލިޔެވެ. މަޑު ހިނގުމެއްގައި ޒިވްޔާ ގޮސް އޭނާގެ އެނދުގައި އޮށޯވެލައި އޭނާގެ ކަކޫ ގެނެސް އޭނާގެ މެޔާއިލައި ބައްދާލިއެވެ. އޭނާ އޮށޯވެގެން އޮތް ގޮތުން އިސްތަށިގަނޑުވެސް ވަނީ އެއްކޮށް ހޭވިފައެވެ. ބައެއް އިސްތަށިތައް އޭނާގެ މޫނުމައްޗަށް އެޅިފައި ވީ ނަމަވެސް އެކަމަކަށް ޒިވްޔާގެ ފަރުވަލެއް ނެތެވެ.
ދެން ފެނިގެން ދިޔަ މަންޒަރަކީ އެމަންޒަރު ފެނުން ކޮންމެ މީހެއްގެ ހިތް ވެސް ލޭ ކޮށާލާނެ މަންޒަރެކެވެ. އެކުއްޖާ ގައިގައި އަތް ވަށާލައިގެން އޮވެ ގިސްލާ ރޯން ފެށީއެވެ. އެއަޑުގައި ވަނީ މާޔޫސް ކަމެވެ. ހިތްދަތި ކަމެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ޝަކުވާތަކެވެ. އާދޭހެވެ.
ހަމަރަނގަޅަށް ވެސް މިއަދު އޭނާ ބާކީ ވެއްޖެ ކަމުގެ އިހުސާސް ޒިވްޔާއަށް ކުރެވުނެވެ. އެއާއެކު އޭނާއަށް ހައްތާ ބޮޑަށް ރޮވުނެވެ.
ދިރިއުޅުމަކީ ހާދަހާ ހެއްވާ އެއްޗެކެވެ. ހަމަ ޖެހިލައިގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އައިސް ހަމަ އެންމެ ރެއެއްގައި ހިނގައި ދިޔަ ގޮތް ނޭނގޭ ހާދިސާ އަކުން އޭނާގެ މުޅި މުސަތަގުބަލު ހަފުސް ވެގެން ދިޔައީއެވެ.
…………..
2 ދުވަސް ފަސް
ޒިވްޔާ އޭނާގެ އެނދުގައި އޮށޯވެލައިގެން އޮތެވެ. ވަކި ކަމެއް ކުރާކަށް ވެސް ނޫނެވެ. އޭނާގެ ހިޔާލުތަކަށް ގެއްލިފައެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލާފައި ވަނީ ދުމްޔާއެވެ. “ދަރިފުޅާ. ދޭބަ ފެންވަރާލައިގެން ރެޑީ ވެލަން.”
“އެއީ؟” ޒިވްޔާ އިސް އުފުލައި ބަލާލިއެވެ.
“އެޕޮއިންޓްމެންޓަށް ދާން.”
“ކޮން އެޕޮއިންޓްމެންޓެއް؟”
ދުމްޔާ އަޒްހިރަށް ބަލާލިއެވެ. ޒިވްޔާގެ ސުވާލަށް ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެކަން އެނގޭތީއެވެ.
“ތެރަޕީއަށް ދާން.” ޒިވްޔާގެ ސުވާލަށް ޖަވާބު ދިނީ އަޒްހިރެވެ. އެއާއެކު ޒިވްޔާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާގެ މެޔަށް ބަރު ޖެހިގެން ދިޔަ ކަހަލައެވެ. އޭނާގެ ކަރުގައި ނޭވާ ތާށިވި ކަހަލައެވެ. އޭނާއަށް ޔަގީންކަން ލިބުނެވެ. އޭނާގެ ލޯބިވާ މަންމަ އާއި ބައްޕައަށް އޭނާއަކީ ހަލާކުވެފައިވާ ކުއްޖެކެވެ. އޭނާއަކީ ކުރީގެ ޒިވްޔާއެއް ނޫނެވެ.
“ބޭނުމެއް ނޫން ދާކަށް.” ޒިވްޔާ މަޑުމަޑުން ބުނެލިއެވެ.
“ޒިވީ-” ދުމްޔާގެ ލޮލަށް ކަރުނަ އެއްވިއެވެ. “ދަރިފުޅާ. ޑޮކްޓަރު ބުނެގެނޭ އެއީ.” އަޒްހިރް ދުމްޔާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ޒިވްޔާގެ ކުރިމަތީގައި މިވަގުތު ނުރޯށޭ ބުނާ ކަހަލަ ގޮތަކަށެވެ. ޒިވްޔާއަށް ކުރެވުނުހާވެސް ކަމަކީ އޭނާގެ މަންމަ އާއި ބައްޕަ އާއި ބަލަހައްޓައިގެން ހުރުމެވެ.
‘އައިމް ނޮޓް ބްރޯކެން. ޑޯންޓް ލުކް އެޓް މީ ލައިކް ދެޓް.’ ޒިވްޔާގެ ހިތް ރޮއެގަތެވެ. ނަމަވެސް އެ ލަފްޒުތަކުގެ ބަދަލުގައި ޒިވްޔާގެ ދުލުން ބޭރުވީ ހަމަ އެންމެ ބަހެކެވެ. “އޯކޭ.”
……
ގޮނޑީގައި އިށީނދެލައިގެން އިން ޒިވްޔާ އިނީ ދެއަތް ދެއަތާއި މޮޑެލަ މޮޑެލައެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ކުޑަ ވަރެއްގެ ކޮޓަރިއެކެވެ. ވަށައިގެން ފޮތް ހަރުގަނޑުތައް ހުއްޓެވެ. ފާރުގައި ދެތިން ފޮޓޯގަނޑުވެސް ހަރުވާފައި ވެސް ހުއްޓެވެ. ޒިވްޔާގެ ނަޒަރު ދެން ހުއްޓުނީ އެތަނުން ކޮޓަރި އަކުން ބޯ ދިއްކޮށްލާފައި ޒިވްޔާގެ ނަން ގޮވާލި އަންހެން މީހާއަށެވެ. ޒިވްޔާ ތެދުވެގެން ގޮސް އެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ދޮރު ޖެހުމާއެކު ޒިވްޔާގެ ނޭވާ ތާށިވި ކަހަލައެވެ. ވަށައިގެންވާ ހަތަރު ފާރު އައިސް އޭނާ ވަށައިގެން ފިއްތާލިހެން ހީވިއެވެ.
“ހެލޯ ޒިވްޔާ. މީ ޑޮކްޓަރ އައިޝާ އިނގޭ. އިޓްސް ނައިސް ޓު މީޓް ޔޫ.” ޑރ. އައިޝާ މަޑުމަޑުން ބުނެލިއެވެ. ޒިވްޔާ ވެސް ޖަވާބުގައި ‘ނައިސް ޓު މީޓް ޔޫ’ އޭ ބުނެލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ.
އެ ކޮޓަރީގައި ދެ ގޮނޑި އާއި ސޯފާއެއް ވެސް ހުއްޓެވެ. ކުޑަދޮރު ކައިރީގައި ޕޮޓެއްގައި ކުޑަ ކެކްޓަސް ގަހެއް ވެސް އިނެވެ. ހިތް ފަސޭހަ ގޮތަކަށް ޑިޒައިންކޮށްފައިވާ އެ ކޮޓަރިން ކްލިނިކް ތަކުގައި ހުންނަ އިހުސާސެއް ނުކުރުވިއެވެ. ޒިވްޔާ ކުޑަކޮށް ފުން ނޭވާއެއް ލިއެވެ.
“ޒިވްޔާއަށް ފަސޭހަތާކު އިށީނދެލާ.” ޑރ. އައިޝާ އެހެން ބުނުމުން ޒިވްޔާ އިށީނދެލީ ދޮރާއި އެންމެ ކައިރީގައި އިން ވަކި ސޯފާގައެވެ. ތެރަޕިސްޓާއި ދުރުގައެވެ. ޒިވްޔާގެ ލޮލުގައި ފޮތް ހަރުގަނޑުގައި ހުރި ފޮތްތައް އަޅައިގަތެވެ. އޭނާ ކިޔާފައިވާ އެތައް ފޮތެއް އޭގައި ހުއްޓެވެ.
“ޒިވްޔާ.” ޑރ. އައިޝާ ގޮވާލިއެވެ. އެއާއެކު ޒިވްޔާ ތެރަޕިސްޓުގެ މޫނަށް ބަލާލިއެވެ. ނަމަވެސް އޭނާގެ ދެލޯ ތެރަޕިސްޓުގެ ދެލޮލާއި ދިމަލެއް ނުވިއެވެ. “ޒިވްޔާ އަކީ ކޮލެޖަށް ދޯ ކުއްޖެއް ދޯ.”
ޒިވްޔާ ބޯ ޖަހާލިއެވެ. އޭރުވެސް އޭނާ ދިޔައީ އަމިއްލަ އަތް މޮޑެމުންނެވެ. އޭނާގެ ފައިވެސް މަޑުމަޑުން ހަލުވަމުން ދިޔައެވެ. އަމިއްލަ މީހާ ހަމަޖެއްސޭތޯއެވެ.
“ކޯއްޗެއް ކިޔަވަނީ؟” ތެރަޕިސްޓުގެ ސުވާލަށް ޒިވްޔާ ޖަވާބު ދިނީ ވަރަށް މަޑުންނެވެ.
“ކިޔެވުމުގެ އިތުރުން ކޮން ކަމެއް ކޮށްލަނީ؟ ވަޓް ޑޫ ޔޫ ލައިކް ޓު ޑޫ؟”
“ރީޑިން.” ޒިވްޔާ ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ.
” އެނީތިން އެލްސް؟”
“…އައި- އައި ރައިޓް ސަމްޓައިމްސް..” ޒިވްޔާ ހިންދިރުވާލިއެވެ. “ކޯއްޗެއް ލިޔަނީ އާންމުކޮށް؟” ޑރ. އައިޝާ އަހާލިއެވެ.
ޒިވްޔާ ކޮނޑުއަރުވާލިއެވެ. “ވަޓެވާ ކަމްސް ޓު މައިންޑް.”
“ހޭވް ޔޫ ރިތެން ރީސެންޓްލީ؟” އެ ސުވާލު އެހުމުން ޒިވްޔާއަށް ކުރެވުނުހާވެސް ކަމަކީ ބޯ ހޫރާލުމެވެ. އޭނާގެ ހަނދާނަށް އައީ އޭނާ ލިޔަން މަސައްކަތް ކުރި ރޭތަކެވެ. ކިޔުންތެރިންގެ ފަރާތުން ލިބިފައި ހުރި ކޮމެންޓްތަކެވެ. އެއާއެކު އަނެއްކާވެސް ޒިވްޔާ ބޯ ހޫރާލިއެވެ. ސިކުނޑިއަށް ވެރިވެގަތް ހިޔާލުތަކުން ދުރުވެލާށެވެ.
“އައި ސީ.”
ޑރ. އައިޝާ ޒިވްޔާ އާއި އެކި ސުވާލުތައް ކުރިއެވެ. އޭނާގެ ކެއުމާއި ބެހޭ ގޮތުންނެވެ. ނިދުމާއި ބެހޭގޮތުންނެވެ. ޒިވްޔާގެ ޖަވާބުތައް ވަރަށް ވެސް ކުރެވެ. ގިނަ ފަހަރަށް ޖަވާބު ދެނީ ބޯ ޖަހާލުމަކުންނެވެ. ނޫނީ ބޯ ހޫރާ ލުމަކުންނެވެ. ނުވަތަ އެންމެ ބަހަކުން ޖަވާބު ފުއްދާލައެވެ.
އިރުތަކެއް ފަހުން ޒިވްޔާ ބަލާލީ ފާރުގައި ހަރުކޮށްފައިވާ ގަނޑިއަށެވެ. އެކަން ޑރ. އައިޝާއަށް ފާހަގަވީ ބާވައެވެ. “ތެންކިއު ސުވާލުތަކަށް ޖަވާބު ދިނީމަ.”
ޒިވްޔާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ދެޓްސް އޯލް؟” އޭނާ ހުރީ ހައިރާންވެފައެވެ. ނަމަވެސް އޭނާގެ މޭގައިވީ ބަރުކަން ލުއިވެގެން ދިޔަ ކަން އިހުސާސްވިއެވެ.
“ފޯ ޓުޑޭ.” ޑރ. އައިޝާ ޖަވާބުގައި ހިނިތުންވެލިއެވެ. “އައި ވިލް ސީ ޔޫ ނެކްސްޓް ވީކް.”
ޒިވްޔާ ހައިރާންވިއެވެ. ނަމަވެސް “އޯކޭ” އޭ ބުނެލިއެވެ. އެ ކޮޓަރިން ނުކުމެގެން ދިޔައިރު ޒިވްޔާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ، “ދެޓްސް އިޓް؟” އެވެ. ޒިވްޔާއަށް ހީކުރެވުނީ އޭނާއަށް ވީ ގޮތާއި ބެހޭގޮތުން ތެރަޕިސްޓް ވާހަކަ ދައްކާނެ ކަމަށެވެ. ސުވާލު ކުރާނެ ކަމަށެވެ.
………
ކޮޓަރީގައި ޕާސްތާ ތައްޓެއް ހިފައިގެން އުލުން އެއާ ކުޅެލަ ކުޅެލައި ޒިވްޔާ އިނެވެ. މިހާރަކަށް އައިސް އޭނާ ކާހިތެއް ނުވެއެވެ. ކާ އެއްޗެސް ފެނުމުން ވެސް ފޫހިވެއެވެ. ކާން ޖެހެނީ ފެނާ ލައިގެން ގަދަ ކަމުންނެވެ. ނޫނީ ދުމްޔާ ނުހުންނަ ގަޑީގައި ނުކައި ހުރި ބައި އަނބުރާ ތެއްޔަށް އަޅާލަނީއެވެ. ބައެއް ފަހަރު ކެވުނު އެތިކޮޅު ވެސް ލެވެނީ ހޮޑެވެ.
ދުވަހެއް ދުވަހަކަށް ޒިވްޔާގެ ހިތާއި ސިކުނޑީގައިވާ ތޫފާނު ދިޔައީ ގަދަ ވަމުންނެވެ. އެ ކުށެއްނެތް މައުސޫމް ކުއްޖާ ދިޔައީ ފުލެއް ނެތް އަނދިރީގެ ވަޅުގަނޑަކަށް ވެއްޓެމުންނެވެ. އޭނާގެ ދިރިއުޅުމަށް ވަނީ ބިޔަ ރާޅެއް ޖަހައި ހައިޖާނުގަނޑެއް ހިންގާލާފައެވެ.
ފަހުން ފަހުން ޔަޝްމީ އެގެއަށް އަންނަން ފެށިއެވެ. ޔަޝްމީ ވެސް ޒިވްޔާ އާއި ވާހަކަ ދައްކަނީ ވަރަށް ބަލައިގެނެވެ. އެކަމުން ވެސް ޒިވްޔާއަށް އުނދަގޫވިއެވެ. އޭނާ އެކަނިވެރި ވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ.
……
“ޒިވީ.” ދުމްޔާ ޒިވްޔާގެ ދޮރުގައި ޓަކި ޖަހާލާފައި ވަނެވެ. އޭނާގެ އަތުގައި ޕާރުސަލެއް އޮތެވެ. “ގޭ ބޭރު ދޮރު ދޮށުގައި އިން އެއްޗެއް މީ. ޒިވީ ގެ ނަން ޖަހާފަ އިނީމަ.” ދުމްޔާ އައިސް ޒިވްޔާގެ އަތަށް އެ ކުޑަ ޕާރުސަލު ދިއްކޮށްލިއެވެ. ޒިވްޔާ މަޑުމަޑުން އޭގައި ހިފާލުމުން ދުމްޔާ އޭނާގެ ދަރިފުޅަށް އަސަރުން ފުރިގެންވާ ނަޒަރަކުން ބަލާލުމަށް ފަހު ނުކުމެގެން ދިޔައެވެ.
ޒިވްޔާ އެ ޕާރުސަލަށް ބަލާލިއެވެ. ރީތި ކަރުދާހަކުން ޕެކްކޮށްފައިވާ ހަތަރެސްކަން ފޮށްޓެކެވެ. ނަމަވެސް ޕެކްކޮށްފައި ހުރި ގޮތުން ހީވަނީ އޭތި ޕެކް ކުރި މީހަކީ ތުއްތު ކުއްޖެއް ހެނެވެ. އޭގައި ހުރި ޓޭޕުތައް ގިނަ ކަމުން ޒިވްޔާއަށް ވަރަށް އުނދަގޫވިއެވެ. ކޮންމެ ކަމެއްގައި ޓޭޕު އަޅާފައި ހުއްޓެވެ. އެއް ޓޭޕުގަނޑު މަތިން އަނެއް ޓޭޕުގަނޑެވެ. ނަމަވެސް ވަރަށް ހާލުން ކަރުދާސްތައް ނައްޓާލިއެވެ. އެއީ ވަރަށް އާދައިގެ ފޮއްޓެކެވެ. ޒިވްޔާ އެ ފޮށި ހުޅުވާލިއެވެ. އެންމެ މަތީގައި ފެންނަން އޮތީ ނޯޓެކެވެ. ޒިވްޔާ އެ ނޯޓް އޭނާގެ އަތަށް ނަގާލިއެވެ. އޭގައި މާ ރީތި ނޫން ލިޔުމަކުން ލިޔެފައިވަނީ:
“ހޯޕް ޓުޑޭ ހާޓްސް ލެސް ދޭން ޔަސްޓަޑޭ.
ސޮރީ އެބައުޓް ދި ޓޭޕް.
- އައި ޑޯންޓް ތިންކް ވްރޭޕިން ގިފްޓްސް އިޒް ވަން އޮފް މައި ޓެލެންޓްސް.”
ހީވަނީ ވަރަށް އަވަސް އަރުވާލައިގެން ލިޔެފައިވާ ނޯޓެއް ހެނެވެ. ޒިވްޔާ ނޯޓްގެ އަނެއްފަރާތް ބަލާލީ އޭގައި ނަމެއް ލިޔެފައި ވޭތޯއެވެ. ނަމަވެސް އެއީ ކާކު ފޮނުވި އެއްޗެއް ކަމެއް އެނގޭނެ އެއްވެސް ނަމެއް ނުވަތަ ނިޝާނެއް ވެސް ނެތެވެ.
ޒިވްޔާ އެ ނޯޓު އެނދުގައި ބާންދާލުމަށްފަހު ފޮށީގެ އެތެރެއަށް ބަލާލިއެވެ. އެ ފޮށި ފުރައި ހުރީ އެކި ވައްތަރުގެ ޗޮކުލެޓެވެ. ޒިވްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހައިރާންވެފައެވެ. ނަމަވެސް އެ ޗޮކުލެޓްތައް ފެނިފައި ވެސް އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެނެއް ނުދިޔައެވެ. ޒިވްޔާ އެއްކަލަ ނޯޓު އެފޮށިގަނޑަށް ލުމަށްފަހު ތެދުވެލައިގެން ގޮސް އެފޮށިގަނޑު އޭނާގެ އަލަމާރިއަށްލިއެވެ. އެއިން އެންމެ ޗޮކުލެޓެއްގައި ވެސް އަތެއް ނުލައެވެ.
ޒިވްޔާ ގޮސް އޭނާގެ އެނދުގައި އޮށޯވެލިއެވެ. އަދި ރަޖާގަނޑަކުން އޭނާގެ މުޅި ހަށިގަނޑު ފޮރުވާލިއެވެ. ހީވާ ކަހަލައެވެ. އޭނާ ދުނިޔޭގެ ލޯތަކުން ފިލަން ބޭނުންވީއެވެ.
============
Hope you all enjoyed this episode as well.
Shyyyms
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Maashaallah, mi bai kuree baithakah vure furihama. Dhen oiy baige inthizaaru ga…
Omg zivyyy…😭😭😭😭😭💔💔💔💔💔💔💔
This just made me cry, ngl…..
Do sth which will make her happy please… Aikan dude right? Maybe make him and her meet…. That might make her a lil happy…
Seeing zivy like that just broke my heart…. She doesn’t deserve any of this…. 😭😭😭😭
Can’t wait for the next part….
When’s next????
Curiouslyyyy waitinnnnngggg….
🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻