
ނޭދެން ވަކިވާކަށް 33 ވަނަ ބައި

ޒޯޔާގެ މޫނުމަތިން ފެނުނު ނުރައްކާތެރި ހިޔަޅު ހިނިތުންވުމުގެ ސަބަބުން ޔޫލީގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ‘ އެއީ ހަމަ ގައިމުވެސް ކަމެއް އެނގިގެން އަދި ރާވައިގެން ހުންނަ މީހަކު ތުންފަތަށް ގެންނާނެ ބަދަލެއްކަން ގައިމެވެ.’ ޔޫލީގެ ހިތުގައިވިއެވެ. މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަމަވެސް ދެނެގަނެވުނު ކަންތަކުގެ ސަބަބުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ޔޫލީ… ” ރިލްވާން ކެތްމަދުވެފައިވާ ރާގެއްގައި ބުންޏެވެ. އޭނާވެސް ހެދުން އަޅާފައިވަނީ ނުހަނު ޕާޓީއާއި ގުޅޭނޭހެންނެވެ. ޖަންގަލް ގްރީން ގަމީހެއްލާފައި ހުރި އިރު އޭނާގެ އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވިއެވެ.
ފުން ނޭވާއެއްލަމުން ރިލްވާންއާއި ކުރިމަތިލާން ޔޫލީ އެނބުރިލީ ހުރިހާކަމެއް ފަހުމު ވެއްޖެއޭ ބުނާފަދަ ނަޒަރާއި އެކުގައެވެ.
“އޯ ޔޫލީސް ބޯއީ” ޒޯޔާ މަލާމާތުން ފުރިގެންވީ ރާގަކަށް ބުނެލިއެވެ. އެ ލަފުޒުން ޔޫލީގެ ދޮން މޫނު ރަތްވެގެން ދިޔައީ އައި ގަދަ ރުޅިންނެވެ. ‘މި ހަރުފަ ހީކުރަނީ އަހަރެން މީ ކުޑަކުއްޖެއް ކަމަށް ހެއްޔެވެ. އެ މޫނުމަތިން ފާޅުވި އަސަރުން ރިލްވާން އަހަރެންނަށް ކުރާ އުނދަގުލާއި ތިޔަ ހަރުފައާއި ގުޅުމެއްނެތި ނުދާނެކަން ގައިމެވެ.’ ޔޫލީގެ ހިތް ބުނަމުން ދިޔައެވެ.
“އިސް ދިސް އަ ގޭމް ފޮ ޔޫ ބޯތް؟” ދަތްތައް ޖައްސާ ބާރުކޮށްލަމުން ޔޫލީ ބުނެލިއިރު އޭނާގެ ލޯ ފެންކަޅިވެފައިވީ ރުޅިވެރިކަމުންނެވެ.
“ޔޫލީ .. ކީއްކޭތަ ތި ކިޔަނީ .. އަހަރެން ޔޫލީ ދެކެ ވަރަށް ލޯބިވެއޭ.. ކީއްވެތަ ގަބޫލު ނުކުރެވިގެން ތި އުޅެނީ.” ރިލްވާން އަވަސް އަވަހަށް ޔޫލީއާއި ކައިރިއަށް ޖެހިލަމުން އެ އަތުގައި ހިފާލިއެވެ.
ރިލްވާންގެ ހިފެހެއްޓުމުން ސަލާމަތް ވާން މަސައްކަތް ކުރަމުން ޔޫލީ ލޮލުގެ ހިމަ ކޮޅުން މާންއަށް ބަލާލީ މާންގެ އަޑު ވަގުތުން ކެޑުމުންނެވެ. މާން މަޑުމަޑުން ޕޯޑިޔަމް އިން ދުރަށް ޖެހިލިއެވެ. ޔޫލީގެ މުޅި ހަށިގަނޑަށް ފިނިކަން އިހްސާސްވެގެން ދިޔައީ ހިތަށް ވެރިވި ބިރުވެރިކަމަކުންނެވެ. ކައިރީގައި ހުރި ޒޯޔާގެ ތުންފަތުގައިވި ވިހަ ހިނިތުންވުމާއި މޫނުމަތީވި ކާބިޔާބީގެ އަސަރުން ޔޫލީގެ ލޭ ކެކުނެވެ. އެ ކާބިޔާބީގެ އިހުސާސް އޭނާއަށް ވުމަށް ޔޫލީގެ ހިތެއް ނޭދުނެވެ. އެހެންކަމުން ގައިގާ ހުރި ބާރެއްލާ ރިލްވާންގެ ހިފެހެއްޓުމުން ސަލާމަތްވުމަށް އޭނާ ކޮއްޕާލިއެވެ. ނަމަވެސް، އޭނާ އަވަސްވެފާ ހުރި ވަރުން، އޭނާގެ ކޮނޑު ގޮސް ޖެހުނީ ކައިރީގައި ހުރި އުސް، ޒީނަތްތެރިކުރުމަށް ބަހައްޓާފައިވާ މާވަށިގަނޑު ހުރި ސްޓޭންޑުގައެވެ. އެ ސްޓޭންޑު އަރިއަޅާލައި ބޮޑު މާވަށިގަނޑު ބިންމައްޗަށް ވެއްޓި، މާތަކާއި ފަތްތައް އުކެވި، ބިއްލޫރިތައް މުޅި ތަނަށް ބުރައިގެން ދިޔައެވެ.
އެ ގަދަ އަޑާއިއެކު، ހަފުލާގެ އެތައް ބައެއްގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. ތަނަށް ކުއްލި ހިމޭންކަމެއް ވެރިވިއެވެ. ރިލްވާން އަދިވެސް ލެފިލީ ޔޫލީއާއި ގާތަށެވެ. ޔޫލީގެ ލޮލުން ރުޅިވެރިކަން ފިލާ ނުދެއެވެ. ” ސޮޓްޕް… ޑޯންޓް އީވަން ޑްރީމް ޓު ކަމް ނިޔަރ މީ” އޭނާގެ އަތް ހިއްލާލަމުން ރިލްވާންއަށް ދިން އިންޒާރެއް ފަދައެވެ.
ބާރު ހިނގުމުގައި އެ ދިމާއަށް އައި މާންއަށް އެ މޫނުމަތީގެ ކުލަވަރާއި އެ ޖުމުލަ ސާފުކޮށް އަޑު އިވުނެވެ. މެއަށް ފިނިވެގެން ދިޔައީ ބުނެދޭން ނޭނގޭފަދަ ހިތްހަމަ ޖެހުމަކުންނެވެ. އެ އިހުސާސް ހިފަހައްޓާލަން މަސައްކަތްކުރުމުގެ ސަބަބުން އޭނާގެ މޫނުމަތީވި މަސްތަކަށް ބާރުވެގެން ދިޔައެވެ.
“ޔޫލީ އަރ ޔޫ އޯކޭ؟” މާންގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
“ އައެމް ނައު.. އެކަމަކު އައި މޭޑް އަ ސީން” ޔޫލީ މަޑު މަޑުން ބުނެލިއިރު އޭނާގެ މޫނުމަތީ ވީ އިންތިހާ މައުސޫމު ކަމެވެ. ތިރީ ތުންފަތް ކުޑަކޮށް ބޭރުކޮށްލާ ތުން ހަދާލީ ކުޑަކުއްޖަކު ދެރަވީމާ ހަދާލާ ފަދަ ގޮތަކަށެވެ. މާންގެ ހިތުގެ އެންމެ ފުން މިނުގައި އެ މަންޒަރު ރައްކާކޮށްލެވުނެވެ. މާންގެ ހިތް ފަތަހަ ކުރީ އެ މައުސޫމު ލޯބިވެތި ޅަ އަދާއެވެ. މިފަހަރު މާންގެ ފިރިހެންވަންތަ ހިނިތުންވުން ސިއްރެއް ނުވިއެވެ.
މާން ޔޫލީގެ އުނަގަނޑުގައި ހިފާލާ ކައިރިއަށް ދަމާލީ އެއްވެފާ ތިބި މެހެމާނުންނަށް ސަމާލުކަމެއް ނުދީއެވެ. އެ އަމަލުން ޔޫލީގެ ދޮން މޫނު ރަތް ވެގެން ދިޔައީ ނުހަނު އަވަހަށެވެ.
“ދިސް ވޯސް އަ ސީން އައި ލަވްޑް .. ސޯ ޔޫ އަރ ފޮގިވެން… އައި މައިޓް އީވަން ކޮންސިޑަރ ގިފްޓިން ޔޫ ސަމްތިން” ވަރަށް މަޑު މަޑުން އަދި އެހާމެ ޖާދުވީ އަސަރަކާއި އެކު ޔޫލީގެ ކަންފަތް ދަށުގައި މާން ބުނެލިއެވެ.
މަޑު މަޑުން އިސް އުފުލާލާ މާންގެ މޫނަށް ޔޫލީ ބަލާލިއެވެ. އެ މޫނު މަތިން ފެންނަން ހުރީ ހިތް ކަތިލާފަދަ ހިނިތުންވުމަކާއި އެހާމެ ޖާދުވީ އަސަރެކެވެ. ޔޫލީގެ ފައިން ބާރު ގޮސް މުޅި ހަށިގަނޑުން ކަރަންޓުގެ އޮއިވަރެއް ދެމިލި ފަދަ އިހުސާސްއެއްވިއެވެ.
އެ މަންޒަރު ބަލަން ތިބި މެހެމާނުންގެ މޫނުމަތީގައި ހިނިތުންވުމެއްވީއިރު ބައެއް މީހުންގެ މޫނުމަތިން ފޫހިކަން ފެންނަމުން ދިޔައެވެ. މާހިންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ޒޯޔާގެ މޫނުމަތިން ފެންނަނީ ނުރުހުމެވެ. އެ ރީތި މޫނުމަތީގެ ރީތިކަންވެސް އެ ރުޅިވެރިކަމުން ފަޑުވެފައިވާ ކަހަލައެވެ.
“ކަލެއަށް އަޅެ ކޮން ކަމެއްތަ ރަނގަޅަށް ވަނީ ރިލްވާން؟” މާންއާއި ޔޫލީ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ ރިލްވާންއާއި ގާތަށް ޖެހިލަމުން ޒޯޔާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ނަމަވެސް އެ އަޑުގައިވި ނުރުހުން ހާމަވެއެވެ.
“ އަހަރެން ހުރިހާ ކަމެއްވެސް ހަމަ ކުރަނީ ޒޯޔާ ބުނާ ގޮތަށް.. އެކަމަކު ޔޫލީ އެ ފުރުސަތެއް ނުދެޔޭ.. “ މާޔޫސްވެފައިވާ މީހަކު ފަދައިން ކަރު އެލުވާލަމުން ރިލްވާން ބުނެލިއެވެ.
ޔޫލީ އަތުން ޖެހި މާ ޓުކުރި ވެއްޓި ތެޅުނު މަންޒަރު ފެނި އެ ދިމާލަށް އައި ޝިފްނާއަށް މި އަޑު އިވި އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަހަށް ފަހަތަށް އެބުރި ލެވުނީ ޒޯޔާ އާއި ކުރިމަތިލާން އަދި އޭނާ އަށް އެ އަޑު އިވުނުކަން އަންގަން ބޭނުންނުވީތީއެވެ.
އަވަސް އަވަހަށް ތަނބަކާއި ނިވާވެލަމުން، ޝިފްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތް ތެޅެމުންދިޔައީ އިންތިހާއަށެވެ. ޒޯޔާއާއި ރިލްވާން އެ ރާވަނީ މާންއާއި ޔޫލީގެ ދިރިއުޅުން ފުޑުފުޑުކޮށްލަންކަން އޭނާއަށް ކަށަވަރުވިއެވެ.
ޝިފްނާ މާ ގިނައިރު ވިސްނާކަށް ނުހުރެ، މާން މެހެމާނަކާއި ވާހަކަދައްކަން ހުރި ވަގުތު ބަލައި، ޔޫލީގެ ކައިރިއަށް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނެވެ. އަދި ޔޫލީގެ އަތްތިލައިގައި ވަރުގަދައަށް ހިފާލަމުން، މީހުންނާ ތަންކޮޅެއް ދުރަށް ޔޫލީ ދަމާލިއެވެ.
“ޝިފް؟ ކިހިނެއްވީ؟” ޝިފްނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރު ފެނި ޔޫލީ ނުތަނަވަސްވިއެވެ.
“ޔޫލީ… މަޑުން ވާހަކަދައްކާ” ޝިފްނާ ވަށައިގެން ބަލާލުމަށްފަހު، ޔޫލީގެ އަތުގައި ބާރަށް ހިފާމުން ސިއްރުސިއްރުން ބުނެލިއެވެ. “އަހަރެން ދެންމެ އަޑުއެހިން! ޒޯޔާއާއި ރިލްވާން… އެ ދެމީހުން އުޅެނީ ޔޫލީގެ ދިރިއުޅުން ހަލާކުކޮށްލަން!”
ޔޫލީގެ މޫނުމަތިން ހައިރާންކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އައި ސަސްޕެކްޓެޑް…” ޔޫލީ މަޑުމަޑުން ބުނެލިއެވެ. “އަހަރެންގެ ހިތުގައި މިރޭ އެ ޝައްކު އުފެދުނު… ޒޯޔާއާއި ރިލްވާން ގުޅިގެން ގޭމް އެއް ކުޅެން އުޅޭކަން. އަދި ރިލްވާން އެ ކުރާ ހުރިހާ ކަމަކީވެސް އެ ރޭވުމުގެ ބައެއްކަން.”
“ޔޫ ނޯ؟” ޝިފްނާ ހައިރާންވިއެވެ. “އެހެންވިއްޔާ… ޔޫލީ، ޕްލީޒް ގޮސް މާން ކައިރީގައި މިވާހަކަ ބުނޭ! މާން ކައިރީ ބުނެގެން ނޫނީ މިކަން ހުއްޓުވޭކަށް ނެތެއްނު. އެންޑް އޯލްސޯ އިޓް މައިޓް ސޭވް ޔުއާރ މެރިއޭޖް”
ޔޫލީ ދެފަރާތަށް ބޯހޫރާލަމުން ވަގުތުން ދެކޮޅުހެދިއެވެ.
“ނޫން، ޝިފް. އަހަރެން މާން ކައިރިއަކު އެއްވެސް ވާހަކައެއް ނުބުނާނަން.”
“ކީއްވެ؟!” ޝިފްނާ ކަންބޮޑުވެފައި އަހާލިއެވެ. “ޔޫލީ، އެމީހުން އެ ރާވަނީ…”
“ޝިފްއަށްވެސް އެނގެއެއްނު އަހަރެމެން ދެމީހުންގެ ގުޅުން އޮތްގޮތް!” ޔޫލީގެ އަޑުގައިވީ އަސަރާއި މަޖުބޫރީކަމެވެ. “އަހަރެންނާއި މާންގެ މެދުގައި ހަގީގީ އިތުބާރެއް ނެތްކަން ޝިފްއަށް އެނގޭނެ. އަދި… އަހަރެންނަކަށް ޒޯޔާއާއި މާންގެ މެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަމެއްވެސް ޔަގީނެއް ނޫން. މާންވެސް ޒޯޔާއާ މެދު ކަންތައް ކުރާ ގޮތުން އަހަރެންނަކަށް މިހާރު ނޭންގެ. އެކި ފަހަރު އެކި އެއްޗިސް ހިތަށް އަރާ .. ހީވޭ ބައެއް ފަހަރު މާން ނަފުރަތު ކުރެޔޭ ޒޯޔާއަށް .. އެކަމަކު ނޮޓް ޝުއާރ”
ޝިފްނާ، އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މޫނަށް ބަލައިލިއެވެ. ޔޫލީގެ ދެލޮލުން ފެންނަން ހުރި ހިތްދަތިކަމާއި އޮޅުންބޮޅުން ފެނި، ޝިފްނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.
“އެކަމަކު ޔޫލީ…” ޝިފްނާ މަޑުމަޑުން ބުނެލިއެވެ.
“ޕްލީޒް ޝިފް،” ޔޫލީ، ޝިފްނާގެ އަތުގައި ހިފާލިއެވެ. “މި ވާހަކަ މާން ކައިރީގައި ނުބުނޭ. އައި ވިލް ބީ ކެއަރފުލް އޭ.”
ޝިފްނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، މަޑުމަޑުން ބޯޖަހާލިއެވެ. އޭނާ ޔޫލީގެ ނިންމުމަށް އިހުތިރާމުކުރިއެވެ. ނަމަވެސް ދެއެކުވެރިންގެ ހިތުގައިވެސް އުފެދުނު ނުތަނަވަސްކަމާއި ބިރުވެރިކަން ކުޑައެއް ނުވިއެވެ.
ދެމީހުންގެ މޫނުމައްޗަށްވެސް ކުއްލިއަކަށް ހިނިތުންވުމެއް ވެރިކުރުވީ މާން އެ ދިމާއަށް އަންނާތީ ފެނުމުންނެވެ. މާންގެ ތޫނު ނަޒަރު މުޅިންހެން ހުއްޓިފައިވަނީ ސީދާ ޔޫލީއަށެވެ. މަޑުމަޑުން ހިނގާފައި އައިސް ޝިފްނާއަށް އެކުވެރި ހިނިތުންވުމެއް ދިނުމަށްފަހު، މާން ޔޫލީއާ މުޅިން ގާތަށް ޖެހިލިއެވެ. އަދި އޯގާތެރިކަމާއިއެކު ޔޫލީގެ އުނަގަނޑުގައި އަތް ބާއްވާލައި، އޭނާއާ ދިމާއަށް ކުޑަކޮށް ދަމާލީ އިންތިހާއަށް ލޯބިވެތި ގޮތަކަށެވެ. އެފަދަ ކޮންމެ ވަގުތަކު ޔޫލީގެ ހިއްސުތައް އަވަސްވެ ހިތުގެ ތެޅުން ދެގުނަ މައްޗަށް ޖެހިލަނީ އިހުތިޔާރަކާއި ނުލައެވެ.
ހަފުލާ ނިމެން ގާތްވި ވަރަކަށް، މާންއާ ސަލާމްކޮށް، ވަދާއު ކިޔުމަށްޓަކައި އަންނަ މެހެމާނުންގެ އަދަދު އިތުރުވަމުން ދިޔައެވެ. ނަމަވެސް، އެންމެ ސިކުންތަކަށްވެސް ޔޫލީ އޭނާގެ ގާތުން ދުރަށް ދިޔަދޭކަށް މާން ބޭނުމެއް ނުވިއެވެ. އެންމެންގެ ތެރޭގައިވެސް އޭނާ ހުރީ ޔޫލީގެ އަތުގައި ހިފާލައިގެން، ނުހަނު ރައްކާތެރިކަމާއިއެކު އޭނާގެ ގާތުގައި ބަހައްޓައިގެންނެވެ.
*****
ކާރުގެ ތެރެއަށް ވެރިވެފައިވަނީ އިންތިހާ ހިމޭންކަމެވެ. މަގުމަތީގެ އަލިތަކުގެ ތެރެއިން ކާރު ކުރިއަށް ދުއްވަމުން ދިޔައިރު، މާންގެ ތޫނު ނަޒަރު ދޭތެރެއަކުން ޔޫލީއަށް އަމާޒުވަމުން ދިޔައެވެ. ޔޫލީވެސް އިނީ އެފަދަ ގޮތަކަށެވެ. ސިއްރު ސިއްރުން، ސިއްރު ނަޒަރަކުން އޭނާވެސް މާންއަށް ބަލަމުން ދިޔައެވެ. އެ ހިތުގައި އިންތިހާ ޝަކުވާތަކާއި ސުވާލުތައް ފުރިބާރުވެފައި ވީނަމަވެސް، އެކަން ދުލާ ހަމައަށް ގެންނަން އޭނާ ވަނީ ނުކުޅެދިފައެވެ.
“ސޯ، ޓެލް މީ… ވަޓް ޑޫ ޔޫ ވޯންޓް؟” އެ ފުން ހިމޭންކަން ފޫދުއްވާލީ މާންގެ ފިރިހެންވަންތަ އަޑުންނެވެ.
“ވަޓް؟” މާން އެ ބުނި އެއްޗެއްގެ މާނަ މުޅިން ސާފުނުވުމުން ޔޫލީއަށް އަހާލެވުނެވެ.
“އައި ޓޯލްޑް ޔޫ… އައި ވިލް ކޮންސިޑަރ ގިވިން ޔޫ އަ ގިފްޓް،” މާން ކުރިއަށް ބަލަހައްޓައިގެން އިނދެ، މަޑުމަޑުން ބުނެލިއެވެ.
ޔޫލީ ކުޑަކޮށް ވިސްނާލުމަށްފަހު ބުނެލިއެވެ. “އައި ވޯންޓް މައި ފްރީޑަމް.”
“އޭސް އިން…؟” މާން ބުމަ ކުޑަކޮށް އަރުވާލިއެވެ.
“އަހަރެން ބޭނުންވަނީ އަހަރެން ލައިކް ވާ ހެދުން ލާން… އަދި ބޭރަށް ގޮސްލަން” ޔޫލީ އުންމީދީ ނަޒަރަކުން މާންއަށް ބަލައިލިއެވެ.
“ބޭނުން ގޮތަކަށް ހެދުން އެޅުމުގެ ހުއްދައެއް ނެތް… އެކަމަކު، ޝިފްނާއާއެކު ބޭރަށް ދެވޭނެ… ބަޓް…”
މާންގެ ޖުމުލަ މަޑުޖެހުނީ، އޭނާގެ ހަރުކަށި ޖަވާބުން ޔޫލީގެ މޫނުމަތީގައިވި އުޖާލާކަން ފަނޑުވެ، ކުޑަކުއްޖަކު ފަދައިން ތުންއޫކޮށްލި މައުސޫމު ގޮތް ފެނުމުންނެވެ. އެ މަންޒަރުން މާންގެ ހިތަށް ކުޑަކުޑަ މަޑުމައިތިރިކަމެއް ވަދެގެން ދިޔައެވެ.
“…ބަޓް ޔޫ ޝުޑް އޯލްވެސް ޓެލް މީ” މާން އޭނާގެ ޖުމުލަ ފުރިހަމަކޮށްލިއެވެ.
މާންގެ އެ ހަރުކަށި ޝަރުތާއިމެދު މުޅިން ހިތްހަމަނުޖެހުނު ނަމަވެސް، އޭނާގެ އެދުމުގެ އެއްބަޔަށް ނަމަވެސް މާން އިހުތިރާމުކޮށް ހުއްދަ ދިނުމުން ޔޫލީގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން، އޭނާ އިންތިހާ މައުސޫމު ނަޒަރަކުން މާންގެ މޫނަށް ބަލައިލިއެވެ.
ކާރު ގޮސް ގޭގެ ގޭޓުން އެތެރެއަށް ވަދެ މަޑުކޮށްލުމާއިއެކު، މާން އިންޖީނު ނިއްވާލިއެވެ. ދެމީހުންގެ މެދުގައިވި ހިމޭންކަމުގެ ތެރެއިން ޔޫލީ މާންއަށް ބަލައިލުމަށްފަހު، ކާރުގެ ދޮރު ހުޅުވާލައިގެން ފޭބިއެވެ.
މާންވެސް ކާރުން ފައިބައިގެން އައިސް ޔޫލީއާއިއެކު ގޭ ތެރެއަށް ވަންނަން ހިނގައިގަތެވެ. ދެމީހުން އެކުގައި ގޭގެ ތެރެއަށް ވަދެގެން ދިޔައިރު، އެކަކުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެ ހިމޭންކަމުގެ ފަހަތުގައިވަނީ ބަޔާންކުރަން ނޭނގޭ ފަދަ އޮމާން، ލުއި އިހުސާސެކެވެ. ދެމީހުންގެ ދެމެދުގައި ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، ބަދަލުކޮށްލި ހިނިތުންވުމުން އެތައް ވާހަކައެއް ބުނެދިން ކަހަލައެވެ. އެއީ މީގެ ކުރިން ދެމީހުންގެ ހިތުގައި ނިވި ފަނޑުވެފައިވި ލޯބީގެ ހުޅުކޮޅު، އަލުން ރޯވެ ދިއްލެން ފެށިކަމުގެ ފޮނި އުންމީދެވެ. އެކަކު އަނެކަކަށް ނޭނގުނަސް، އެ ދެހިތުގައިވެސް މިއަދު ވިންދުޖަހަމުން ދިޔައީ އާ އުންމީދަކާއި އާ ދިރުމެކެވެ.
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (13)
Comments are closed.
Nice nice. enme inthizaaru kurevey vaguthu kolhu mee Thursday ga.
Thank you for the lovely words BlackOrchid.. varah ufaa vehje adluves vaahaka ah thihaa inthizaaru kuraathy … 🥰
VARAH REETHI
Thank you Aami 🥰 Comment kohlyma varah bodah ufaa vehje… vaahaka reethi veema varah varah happy 🥰
vaahaka varah reethi, kiyaa hothun hunna varun maabodahves kuruhen hyvany. alhe Maan aa Yooly VAAHAKA dhakkaanama, mulhin misunderstandings ga e ulheny. E ulhey Rilwan fire kollaba Maan. and Shif, Yooly nubunaashey bunyas Maan kairy buneba Zoya snake ge vaahaka. Maahin ves miulheny kihinehtha, she is his brother’s wife viyya.
story vv rythi,
Dho aslu shifna bunanvy maan kaireega. Mi maahin ves mi v acchi koh dho ey miulheni
Thank you for the lovely lovely comment Mar Sha 🥰 Asluves varah ufaa vehje vaahaka reethi kamah bunelyma ingey… kyhvegen baa dho mi dhemyhunah vaahaka nudhehkigen miulheny dho.. 😂 bunebala Maan kaairi nikan vaahaka dhahkabalaashey .. Maahin ah ves ekameh nuvine eyh hama … Maan ah rilwan ah kameh kureveynee hageegaiy ves ingigenthaa dho.. Shifna bunaanebaa? 🤔🤔
Hehehe koklila modi … hageegaiy angan varah bodah beynun vey aslu eba dho 😂
Varah reethi nimunu iruves hurevuni grhlifai. Komes varakah misunderstanding clear vaane kamah umeedhu kuran. Mi maahin emme fahun shifna ah fall veojeiyaa ragalhee. Zoyaa gandu
Thank you for the comment koklila modi…. Assuves misunderstandings konmes warakah eba jehey hama jehenves dho … 🥰🥰
Ohhh it was lovely, can spend the rest of the day with happines
Thank You ell 🥰 awlheyy aslu tha .. varah happy vehje mi vaahaka in ell ah happiness genesdhevun kan ingunyma 🥰
Kiyuntherinnah bonus part eh publishing ah fonuvaalaafa vaane. Admin in update kohlihaa avahaka kiyaalan libeyne.. Ummeedhu kuran kiyuntherin ufaa vaane kamah 🙂