Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 15 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
May 6, 2016 13 Mins Read
2 Comments

ލިފްޓް އައިސް ހުއްޓުމާއި އެކު ދޮރު ހުޅުވުނެވެ. އެވަގުތު ލިފްޓުތެރޭން އެ ފެނުނު ކުއްޖާއާއި ދިމާއަށް އާލިޔާއާއި އަބްޔާން ވެސް ހައިރާން ވެފައި ބަލަހައްޓައިގެން ތިއްބެވެ.

“ތަނާ!” އާލިޔާ ހަޅޭއް ލަވައި ގަތުމާއި އެކު ގޮސް ލިފްޓު ތެރެއަށް ވަދެ އެ އަންހެން ކުއްޖާ ގައިގައި ބައްދައި ގަތެވެ. އެވަގުތު ލިފްޓްގެ ދޮރު ލެއްޕުނެވެ. އަބްޔާން ލިފްޓް ކައިރީ ހުރިގޮތައް ހުރެފައި ދޮރު ލެއްޕުމުން ގޭޓާ ދިމާލަށް ހިގައި ގަތެވެ. އެވަގުތު އަނެއްކާ ވެސް ލިފްޓުގެ ދޮރު ހުޅު ވުނެވެ.

“އަބީބޭ، ނާންނަންތަ؟” އާލިޔާ ބުންޏެވެ. އެވަގުތު އަބްޔާންއާއި ތަނާއާއި ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އެވެ. އަބްޔާން އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ.

“މިދަނީ ސިމްއެއް ގަންނަން… އަންނާނަން އިރުކޮޅަކުން.” އެހެން ބުނެ ޖީންސްގެ ޖީބަށް އަތް ޖަހާލަމުން ހިނގައި ގަތެވެ. އާލިޔާ ކޮނޑު އަރުވާލަމުން ލިފްޓްގެ ދާންވީ ފަންގިފިލާ ނަންބަރަށް ފިތާލި އެވެ.

“އަބީ މިހާރު ހާދަ ރީއްޗޭ… މިތާ އުޅުން އިރަށް ވުރެން ބޮޑީ ވެސް މާ ރީތި.” ދޮރު ލެއްޕުމާއި އެކު ތަނާ ބުންޏެވެ.

“އާން، އަބީބެ ވަރަށް ކަސްރަތު ކުރެޔޭ މިހާރު. އަނެއްކާ އުޅުމަށްވެސް ވަރަށް ޗޭންޖް ގެނެއްސި. މިހާރު ކުރިންހާ ކޫލް އެއްނޫން.” އާލިޔާ ބުންޏެވެ. “ތަނާ ކޮންތާކަށް ދާން ތި އުޅުނީ؟”

“އަހަރެން އުޅުނީ ކްލަބަށް ދާން. އެކަމު ދެން މިއަދު ނުދާނަން. އާލިޔާމެން އައިސް އުޅޭކަން ކުރިން އިނގުނު ނަމަ ދާން ހިޔާލުވެސް ނުކުރީމުސް.”

“ތަނާ، އަސްލުވެސް ތަނާއާ މީޓްވީމަ ވަރަށް ހެޕީ ވެއްޖެ. ތަނާ ވެސް ވަރަށް ރީތި ވެއްޖެ މިހާރު. ވެއިޓް ގެއިން ވެފަތަ ތިހިރީ؟”

“އާން. ކުޑަކޮން. ހެހެހެ”

ދެމީހުން ވާހަކައިގައި ގޮސް ވަނީ އާލިޔާމެން ތިބޭ އެޕާރޓްމެންޓަށެވެ. އާލިޔާ ފެނުމުން ހިދާޔާ އެންމެ ކުރިންވެސް އެހީ ކޯސް ހަމަ ޖެހުނު ތޯ އެވެ.

“އާން، މަންމާ… އަބީބެ ހުރީމަ އެކަން ވާނެނު. ނުލާހިކު މޮޅަށް ވާހަކަ ދައްކާލަން ކެރޭނެނު އަބީބެއަށް.”

“ކޮބާ އަބީ؟” ހިދާޔާ އަހާލި އެވެ.

“އަބީބެ ދިޔައީ ސިމެއް ގަންނާށޯ ކިޔާފަ.” އާލިޔާ އެހެން ބުނެފައި ތަނާ ގެ އަތުގައި ހިފާފަ ކުޑަކޮން ތަނާ ކުރިއަށް ޖައްސާލި އެވެ. “މަންމާ، މިހިރީ ތަނާ… އަހަރުމެން ކުރީފަހަރު މަންމައަށް ކިޔައިދިނީމެއްނު ތަނާގެ ވާހަކަ. އެކުއްޖާ މީ.”

ހިދާޔާ ތަނާއާއި ދިމާއަށް ބަލައިލި އެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓަކާއި ކުރު ޓޯޕެއް ލާފައި ހުރި ތަނާގެ ކަޅުރަތް ކުލައެއްގެ އިސްތަށިގަނޑު ވަނީ ނިއުޅާ ލާފަ އެވެ. މުޅިން ފަންނޫނަސް ފަށުވި ކަމެއް އެ އިސްތަށި ގަނޑުގައި ވެއެވެ. ލިބިފައިވާ ދޮންކަމާއި ލޮލުގެ ކުލައިން ހީވަނީ ވިލާތު ކުއްޖެއް ހެނެވެ. ތަނާގެ ވާހަކަ އާލިޔާ ވަނީ ހިދާޔާއަށް ކިޔައިދީފަ އެވެ. އާލިޔާ ހިދާޔާއަށް ކިޔައި ނުދީ ވަނީ ތަނާއާއި އަބްޔާންއާއި ދެމެދު ގުޅުމެއް އޮތް ކަމެވެ.

“ތަނާ، ހާދަ ލޯބި ލޯބި ކުއްޖެކޭ،” ހިދާޔާ ތަނާގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލަމުން ބުނެލި އެވެ. “ކޮބައިތަ މިހާރު މަންމައާއި ބައްޕަ؟ އެއް ގަލަށް އެރިއްޖެތަ ދެމީހުނަށް؟”

ތަނާ ބޯ ހޫރާލި އެވެ. އަދި އިސް ޖަހާލި އެވެ. އެވާހަކަ ދައްކަން ބޭނުން ނުވެފައި ހުރި މީހެއްހެން ތަނާ ހުއްޓެވެ.

“އަދި ރަގަޅުވާނެ… އިރާދަ ކުރެއްވިއްޔާ އަދި މަންމައާ ބައްޕަ އާ ގުޅޭނެ.”

“ދެން ނުގުޅޭނެ އާންޓީ. ބައްޕަ ވެސް މަންމަވެސް މިހާރު އެއްކޮން ވަކިވެއްޖެ. ދެމީހުން ވެސް އުޅެނީ ދެމީހުނާ މެރީ ކޮށްގެން މިހާރު. ތަނާ މި އެޕާރޓްމެންޓްގައި އެކަނި މި އުޅެނީ. ބައްޕަ މިތަނަށް ކުލި ދައްކައިދޭ.. އަދި މަންމަ ވެސް ހަރަދުކޮށްދޭ ތަނާ އަށް. ހަމަ އެކަނި ތަފާތަކީ އެމީހުން މިހާރު ތަނާއާއި އެކު ނޫޅޭކަން. ތަނާ އެކަނި ވެއްޖެ.” ތަނާ ފެންކަޅި ވެފައި އިސް ޖަހާލައިގެން ހުއްޓެވެ. އަބްޔާން އައިސް ދޮރުން ވަންނަން އުޅެފައި ތަނާގެ ވާހަކަ އަޑު އިވުމުން އެހަށް މަޑުކޮށްލި އެވެ. ތަނާގެ އިހުސާސްތައް އޭރު އެންމެ ގާތުން ފެނުން މީހަކީ އަބްޔާން އެވެ. ތަނާ އޭރު ދެރަވެގެން އުޅުން ވަރު އަބްޔާން ހަދާން އެބަހުއްޓެވެ. ތަނާ ދެންމެ ދެއްކި ވާހަކައިން ވެސް ތަނާއާއި މެދު ހަމްދަރުދީ ވެވުނެވެ. ދެރަވެސް ވިއެވެ.

އަބްޔާން އައިސް އެތެރެއަށް ވަނުމުން އެންމެން އެދިމާލަށް ބަލައިލި އެވެ.

“އަބީބޭ، ތަނާ ފެނުނީމަވެސް ތަނާއާއި ސަލާމް ވެސް ނުކޮށްލަނު ދިޔައީ.” އާލިޔާ ބުނެލި އެވެ. އާލިޔާއަށް އަބްޔާންއާއި ތަނާގެ މިހާރު ގުޅުމެއް ނޯންނަކަން އިނގޭ އިރުވެސް އާލިޔާ ބޭނުންވަނީ އަބްޔާންއާއި ތަނާއާއި ގުޅުވާށެވެ. އަބްޔާންއަށް ތަނާއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ތަނާއާއި އަބްޔާންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ދެމީހުންގެ ލޮލުގައި ފޮރުވިފައިވާ އެތަކެއް ވާހަކަ ތަކެއް ބުނެދިން ކަހަލަ އެވެ. އަބްޔާން އަވަހަށް އިސް ޖަހާލަމުން އަނގައިން ނުބުނެ ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ.

“އަބީބޭ!…  އަބީބޭ!” އާލިޔާ ތަނާގެ އަތުގައި ހިފައިގެން އަބްޔާންއަށް ގޮވަމުން ފަހަތުން ދިޔަ އެވެ.

އަބްޔާން ގޮސް ކޮޓަރިއަށް ވަނުމުން ފަހަތުން ގޮސް އެދެމީހުން ވެސް ވަނެވެ. އަބްޔާން މޭޒުކައިރީ ހުއްޓިލައިގެން އިސްޖަހާލައިގެން ހުއްޓެވެ.

“އަބީބޭ، މިހިރީ ތަނާޔޭ، އަބީބެ ގްރީޓްއެއް ވެސް ނުކޮށްލަމެއްނު.” އާލިޔާ ތަނާއަތުގައި ހިފައިގެން ހުރެ ބުނެލި އެވެ.

“އާލިޔާ! އައި ނޯ… ” އަބްޔާން ޖީބަށް އަތް ޖަހާލަމުން އެމީހުނާ ދިމާލަށް ބަލައިލި އެވެ. “ހައި، ތަނާ!”

“މަ އެބަ އަންނަން ކޮޓަރިއަށް ވަދެލާފަ.” އާލިޔާ އަވަހަށް ބެލީ އެދެމީހުނަށް ފުރުސްތު ދީފައި އެތަނުން ނުކުންނާށެވެ.

“އާލިޔާ.. މަޑުކޮށްބަލަ.. އާލިޔާ!” އަބްޔާން ގޮވަން ފެށުމުން އަދި ވަކިން އަވަސް އަރުވާލައިފައި ނުކުމެގެން ދިޔައީ ދޮރުވެސް ލައްޕާލާފަ އެވެ.

“އަބީ.. އައި ޖަސްޓް..” ހަމަހިމޭން ވަގުތުކޮޅަކަށް ފަހު ތަނާ ވާހަކަ ދައްކަން ފެށި އެވެ. ނަމަވެސް ވާހަކަ ކުރިއަށް ނުގެންދެވުނީ އަބްޔާން އަތް އުފުލާލުމުންނެވެ.

“މަ އެބަޖެހޭ ބޭރަށް ދާން… ފަހުން ވާހަކަ ދައްކާނީ ދޯ.” އަބްޔާން އެހެން ބުނަމުން ކޮޓަރިން ނުކުމެގެން ހިގައްޖެ އެވެ. ތަނާ އަބްޔާން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. ލޮލުން ކަރުނަ ނިރާލާފައި ވުމާއި އެކު ތަނާގެ ދަބަހުން ޓިޝޫއެއް ނަގާ ކުޑަކޮން ލޯކައިރީ އުނގުޅާލި އެވެ. ލޮލުގައި އަޅާފައިވާ އަނދުން ފޭދިދާނެތީ އެވެ.

 

އާޒަތު ހާސްވެގެން އުޅޭކަން ޖަންނަތުއަށް އިނގެ އެވެ. އާޒަތު ކިތަންމެ ފަހަރަކު ހާސްނުވާ ކަމަށް ޖަންނަތު ގާތު ބުނުމުން ވެސް ޖަންނަތުއަށް ގަބޫލެއް ނުކުރެ ވެއެވެ. އަނެއްކޮޅުން އާޔަތު ހުންނަނީ ކުސް ތަޅާލަ ތަޅާލަ އެވެ. ދެމީހުން އެކަނި ފޮނުވާތީ އެވެ.

“ދޮންބެ ވެސް އަލަށް އެދަނީ… ދެން ދޮންބެއާ އަހަންނާ ގެއްލިއްޖެއްޔާޔޯ؟” އާޔަތު ޖަންނަތު ގާތު އަހާލި އެވެ.

“ތިކަހަލަ ކަމެއް ނުވާނެ.”

“ވެއްޖެއްޔާ؟”

“ޕޮލިސް، ކޮންމެ ގައުމަކުވެސް އެހީވާން ޕޮލިސް އުޅޭނެ. ޕޮލިހަށް ދޭ ގެއްލުނީމަ.”

“އޭރުން އަނެއްކާ ބަންދުކޮށްފިއްޔާޔޯ؟”

“އާޔާާ… ދެން ބަންދެއް ނުކުރާނެނު. ވައި ކާންޓް ޔޫ ތިންކް ޕޮސިޓިވް؟” އެވަގުތު ޖަންނަތުގެ ފޯނުން ވައިބަރ ކޯލެއް އަންނަން ފެށި އެވެ. ޖަންނަތު އަވަހަށް ފޯނު ނެގިއެވެ. އެއީ އަބްޔާންކަން އިނގި ހުރެ އެވެ. ޖަންނަތު އަވަހަށް ފޯނުން ވާހަކަ ދައްކަމުން ބަދިގެއާއި ދިމާލަށް ދިޔައީ އާޔަތު އެތާ އިނީމަ އެވެ.

ޖަންނަތު އަބްޔާން ގާތު އާޒަތު ހާސްވެފައި ހުންނަ ވާހަކަ ބުންޏެވެ. އަދި އާޔަތު ދާދި ދެންމެ ކީ އެއްޗިހި އަބްޔާންއަށް ކިޔައި ދިނެވެ.

“ދެން އެހެންތާ ވާނީ ވެސް، އަދި އެހާ ދުރަށް ނުވެސް ނުދޭ ވިއްޔަ. އަދި އަމުދުން އެކަނި އެގޮތަށް ދަތުރުވެސް ނުކުރޭ ވިއްޔަ… އަހަރެންނަށް ވެސް ޓިކެޓު ނެގުން ނަމައޭ ހިތައް އަރާ.” ޖަންނަތު ބުންޏެވެ.

“ޖަންނަ، ތިހާސްވަނީ މާބޮޑާށޭ. އެމީހުނަށް ފުރުސަތުދީބަލަ. އެކަނި އުޅުނީމަ ކަންތައްތައް ދަސްވާނެ. ދުނިޔޭގަ އުޅެން ދަސްވާނެ. ދިމާވާ އުނދަގޫތަކާ ކުރިމަތިލާން ވެސް އިނގޭނެ.” އަބްޔާން ބުނާއަޑު އިވުނެވެ.

“އާން، ތިކަން އިނގެޔޭ…އެކަމަކު އެކުދިން ވަރަށް އާވާނެ. ފުރަތަމަ އެހެން ފޮނުވަން އަހަރެން ވަރަށް ޖެހިލުންވޭ.”

“ޖަންނަ ހާސްވާތީ އަސްލު ތި އުޅެނީ. ހަމަ ޖެހިބަލަ. ހުރިހާ ކަމެއްވެސް ރަގަޅު ވާނެ.”

ދެމީހުން ވާހަކަދައްކަން އެތަކެއް އިރު ތިއްބެވެ.

 

ޖެހިގެން އައި ދުވަހަކީ އާދިއްތަ ދުވަސް ކަމުން އަހްޔާންއަށް ބަންދެވެ. އެހެން ކަމުން އެންމެން ނިންމީ އާއިލާ އެއްކޮން ކޮންމެވެސް ތާކަށް ހިތްހަމަ ޖައްސާލަން ދިއުމަށެވެ. އެގޮތުން އެމީހުން ދިއުމަށް ހަމަޖެއްސީ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެއް ކަމުގައިވާ “މެރީނާ ބޭ ސޭންޑްސް ސްކައިޕާރކް” އެވެ.

އެތަނަށް ދިއުމަށް އެންމެން ތައްޔާރުވެގެން ތިބީ އަބްޔާންއަށް މަޑުކޮށްގެނެވެ. އަބްޔާން ވީ ކޮންތާކުކަމެއް އެކަކަށްވެސް ނޭގެ އެވެ. ނަމަވެސް އަހްޔާން ގުޅަން އުޅުމުން ނަސީރު އެކަން މަނާކުރި ގޮތުން ހީވަނީ ނަސީރުއަށް އަބްޔާން ވީ ތަނެއް އިނގޭ ހެނެވެ.

“ނަސީރުއަށް އިނގޭ އަބީ ވީ ތަނެއް؟” ހިދާޔާ އިނދެފައި އެހި އެވެ.

“އޭނަ ވީތަން އިނގޭތީކީ ނޫން. އެކަމަކު އޭނަ އަންނާނެ ނިކަން އަވަހަށް.” އެހެން ބުނިތަނާ ބޭރު ދޮރު ހުޅުވުނެވެ. އެހެންނަމަވެސް އެއީ އަބްޔާންއެއް ނޫނެވެ. އެއީ ތަނާ އެވެ.

“ތަނާ!” އާލިޔާ އައިސް ތަނާ އަތުގައި ހިފައިގެން އެތެރެއަށް ވެއްދި އެވެ. “ހިންގާ އަހަރުމެނާ އެއްކޮން މެރީނާ ބޭ އަށް ދާން… އެންމެން ދާން ވެގެން މި އުޅެނީ.” އާލިޔާ ބުންޏެވެ.

ތަނާ އަހްޔާންއަށް ބަލައިލި އެވެ. އަހްޔާންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވުމުން ތަނާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“ތެދެއް، އެކޮއެވެސް ހިންގާދާން… ގޭގަ އެކަނި ހުންނަނީ ކީއްކުރަން.” ހިދާޔާ ވެސް ތަނާއަށް ބުންޏެވެ. ހިދާޔާ ހިތުގައި ތަނާއަށް ވަނީ ރަހުމް އުފެދިފަ އެވެ. އެހެން ކަމުން ތަނާ އުފާކޮށްލައިދޭން މީ ރަގަޅު ފުރުސަތެއް ކަމުގައި ހިދާޔާއަށް ގަބޫލު ކުރެވުނެވެ.

ތަނާއަށް ވެސް ހިދާޔާ ބުނުމުން ދެކޮޅު ހަދަން ނުކެރިގެން އެއްބަސްވެލި އެވެ. އޭރުވެސް އަބްޔާން ނާދެ އެވެ. އާލިޔާ އިނދެގެން ކުދިކިޔަމުން ދިޔަ އެވެ. އާލިޔާއަށް އިންތިޒާރު ކުރުމަކީ ވާވަރު ކަމެއް ނޫނެވެ. އެހެންކަމުން އަބްޔާން އައި އިރު އެންމެ ރުޅިއައިސްފައި އިނީ އާލިޔާ އެވެ.

“އަބީބެއަށް އަދިކިރިޔާތަ އަންނަން އިނގުނީ… ދެން އެތަނަށް ދިޔައިމަ އެތާނގެ ހުރިހާތަނެއް މަންމަމެނަށް ދައްކާވެސް ނުލެވޭނެ.” އާލިޔާ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލި އެވެ. އާލިޔާ ރުޅިއައިސްފައި އިން ގޮތުން އަބްޔާން ކައިރިއަށް ހިނިއައެވެ.

އަބްޔާން ނަސީރު ކައިރީ ހުއްޓިލަމުން ކޮންމެވެސް ވާހަކައެއް ބުނެލި އެވެ. ނަސީރު ބޯ ޖަހާލިތަން ހިދާޔާއަށް ފެނުނެވެ. އެދެބަފައިން ދޭތެރޭ ކޮންމެވެސް ކަމެއް ހިނގާކަން ހިދާޔާއަށް އިނގުނެއްކަމަކު ނަސީރު ކައިރީ އަހާކަށް ހިދާޔާއަކަށް ނުކެރުނެވެ.

އެންމެން ކާރަށް އެރި އެވެ. ދުއްވަން އެރީ އަހްޔާން އެވެ. ނަސީރު އެރީ ކުރީ ސީޓަށެވެ. ހިދާޔާއާއި އާލިޔާ ފަހަތުސީޓަށް އެރުމުން އެމީހުން ފަހަތުން ތަނާއާއި އަބްޔާން ވެސް އެރި އެވެ. ފަހަތުގައި ތިބެން ޖެހުނީ އެކަކު އަނެކަކަށް ޖެހި ފިތިގެނެވެ.

އަބްޔާން ޖަންނަތުއަށް މެސެޖު ކުރަން ފެށި އެވެ. މިހާރު ދަނީ ކޮންތަނަކަށް ކަން ވެސް ބުނެލި އެވެ. ޖަންނަތުގެ ޖަވާބެއް ނައީ ކީއްވެކަން އަބްޔާންއަށް އިނގުނެވެ. ޖަންނަތު ޖަވާބު ނުދިން ކަމުގައި ވިޔަސް އަބްޔާން ފޯނުން މެސެޖު ފޮނުވަމުން ދިޔަ އެވެ. ތަނާ އިރުކޮޅަކާ އަބްޔާންގެ ފޯނަށް ބަލައިލަނީ އަބްޔާން މާވަރަކަށް މެސެޖު ކުރަނީ ކާކަށްތޯ ބަލާހިތުންނެވެ. ނަމަވެސް ކާކަށް ކަމެއް ތަނާއަށް އިނގޭވަރެއް ނުވެ އެވެ.

 

އެތަނަށް ދެވުމުން އެންމެން ކާރުން ފޭބި އެވެ. އެތަނަކީ އުސް ތަނެކެވެ. އެތަނަށް އެރުމުން އެތާގައިވާ ބަގީޗާތައްވެސް ތިރިން އޮންނަނީ ފެންނާށެވެ. ވަރަށް ހިތްގައިމު ތަނެކެވެ. ވަރަށް ބޮޑު ވިޔަފާރީގެ މަރުކަޒެއްވެސް އެތާ އިނެވެ. ބުނެވޭ ގޮތުގައި އެއީ ރައީސް ފެންވަރުގެ މީހުން އައިސް ވިޔަފާރި ކުރާ ތަނެކެވެ.

“އަބީބޭ، ހިނގާބަލަ އެ މޯލްއަށް ވަންނަން.” އާލިޔާ އެތަނަށް ވަންނަން ކޮންމެ ހެނަކުން ވެސް ބޭނުން ވި އެވެ. އެހެން ކަމުން އާލިޔާ ބުނާކަންތައް އެންމެ އަވަހަށް ކޮށްދޭ މީހާ ގާތު އާލިޔާ ބުނެލި އެވެ.

“ދެންމެ މަގޭ ދެކެ ރުޅިއައިސްސަ ހުރި މީހެއްނު ތީ.” އަބްޔާން ބުނެލި އެވެ.

“ދެން އެއީ މަޖަލަކަށޭ… ޕްލީސް އަބީބޭ ހިނގާބަލަ އެތަނަށް ވަދެލަން.” އަބްޔާން އަތުގައި ހިފާފައި އާލިޔާ ޅަގޮތަކަށް ބުނެލި އެވެ.

“އެތާ އެއްޗިސް ވަރަށް އަގުބޮޑު ވާނެ… ކީއްކުރަން އެތަނަށް ވަންނަނީ؟” އަހްޔާން އައިސް އެދެމީހުން ކައިރއަށް ހުއްޓެމުން ބުންޏެވެ.

“އިނގެޔޭ، ހަމަ އެކަނި ބަލައިލަން… ޕްލީސް.” މިފަހަރު އާލިޔާ ވަރަށް ބޮޑަށް ޅަގޮތް ދައްކާލި އެވެ. އަބްޔާން ކައިރިއަށް ހިނިއައީ އާލިޔާގެ ޅަގޮތް ފެނުމުންނެވެ. އޭނަގެ ކޮއްކޮ އަދިވެސް ބޮޑުނުވާ ކަމުގެ އިހުސާސް ހިތައް ވަދެގެން ދިޔަ އެވެ.

“އޯކޭ، ލެޓްސް ގޯ.” އަބްޔާން އެހެން ބުނަމުން ހިގައި ގަތެވެ. އާލިޔާ ވެސް އަބްޔާންގެ އަތުގައި ހިފައިގެން ނިކަން އުފަލުން ދިޔަ އެވެ. އެހެން މީހުންވެސް އެމީހުން ފަހަތުން ގޮސް އެތަނަށް ވަނެވެ. އެތަނަށް ވަދެވުމުން އާލިޔާއަށް ހީވީ ދުނިޔެ ރަންވި ހެނެވެ. އުޅެން ފެށި ގޮތުން އެންމެން ކައިރިއަށް ތިބީ ހިނި އައިސްފަ އެވެ. އާއިލާގެ އެންމެ ކުޑަކުއްޖާ ކަމުން އަދިވެސް އެކަކަށްވެސް އާލިޔާ ބޮޑެއް ނުވެ އެވެ. ނަސީރުވެސް އާލިޔާ ބުނިއެއްޗެއް ގަނެދޭން ތައްޔާރަށް ހުރިހެން ހީވި އެވެ. އާލިޔާ އެއްޗެއްގައި އަތްލާއިރަށް އެ ބޭނުންތޯ ނަސީރު އަހާލަ އެވެ. އާލިޔާ ނޫނެކޭ ބުނެލަ އެވެ. އަގުބޮޑުކަމުން އާލިޔާ ވެސް ގަންނަން ޖެހިލުން ވެއެވެ. ތަނާއަށް އިހުސާސް ކުރެވެމުން ދިޔައީ ތަނާ ބާކީވެފައި ހުންނަ ކަމެވެ. ފެމިލީ ދަތުރެއްގައި ތަނާއަށް އާދެވުނު މޮޔަ ތަނާ ހިތަށް އެރި އެވެ. އަހްޔާންއާއި އަބްޔާން އުޅެނީ އެއްކޮނެވެ. އާލިޔާ ކައިރީ ނަސީރުއާއި ހިދާޔާ އުޅެ އެވެ. ތަނާ އުޅެން ޖެހުނީ އެކަންޏެވެ.

 

“އަބީ، ތި އެކަމު ހާދަ އަގުބޮޑު ފަށެކޭ.” ހިމަހިމަ ރިހިކުލައިގެ ފަށެއް އަބްޔާން އަތުގައި އޮތެވެ. އޭގެ ފުލުގައި ވަނީ ހިތެކެވެ. ހިތްތެރޭ ވަރަށް ކުޑަކޮން އެސްތަކަކުން ލިޔެފައި ވަނީ “ފޮރ އެވަރ” އެވެ. ބަލައިލާ އިރު ހީވަނީ ވަރަށް އާދައިގެ ފަށެއް ހެނެވެ.

އެފަށް އަގުބޮޑީ ކީއްވެތޯ އެތާ ހުރި ފިހާރަ މީހާ ގާތު އަބްޔާން އަހާލުމުން ފިހާރަ މީހާ ބުނީ އެއީ ހުދުރަން ކަމުގަ އެވެ. އަދި ކޮޅުގައިވާ ހިތުގައި އެސްތަކުން ލިޔެފައި އެވަނީ ޖަވާހިރުން ކަމުގަ އެވެ. އަބްޔާން އެފަށުގައި އަތް ހާކާލަ ހާކާލަ ހުއްޓެވެ. އޭރު އެމީހުން ފަހަތުގައި ތަނާވެސް އައިސް ހުއްޓިލި އެވެ.

“އަބީ، ތި ނަގާނެ ކަމެއްނެތް… ތި މާ އަގުބޮޑު.” އަހްޔާން ބުންޏެވެ.

“ނަތިން އިޒް ޕްރީޝަސް ދޭން ހަރ.” އަބްޔާން ބުނެލި އެވެ. އަދި އެފަށް ގަތުމަށް ކާޑު ނަގާ ދިއްކޮށްލި އެވެ. އަހްޔާން ހައިރާން ވިއެއް ކަމަކު މިފަހަރު އެއްޗެއް ނުބުނެ އެވެ.

ފަހަތުގައި ތަނާ ހުރެގެން ވިސްނަމުން ދިޔަ އެވެ. އެހާ އަގުބޮޑު ފަށެއް ދޭވަރުގެ މީހަކު އަބްޔާންގެ ހަޔާތައް އައީ ހެއްޔެވެ. އެއީ އަނެއްކާ ކާކަށްދޭން ނެގި ފަށެއްބާއޭ ތަނާ ހިތައް އެރި އެވެ. މިވީހާ ދުވަހު އެންމެ ހަދިޔާއެއް ވެސް އަބިޔާންގެ ފަރާތުން ތަނާއަށް ލިބިފައެއް ނެތެވެ. ޔަގީނެވެ. އެއީ ތަނާއަށް ދޭން ސިއްރުން ނެގި ފަށެކެވެ. އަބްޔާންގެ ހަޔާތައް އަންހެން ކުއްޖަކު އައިނަމަ އާލިޔާގެ ފަރާތުންވެސް ތަނާއަށް އިނގުނީހެވެ. އެއީ ދެވަނަ އެހެން މީހަކަށް ނޫނެވެ. ޔަގީނެވެ. އެއީ ތަނާއަށް ދޭން ނެގި އެއްޗެކެވެ. ތަނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ.

 

އެންމެން ތިރިއަށް ގޮސް އެތާގައިވާ ބޮޑު ބަގީޗާގައި ފޮޓޯ ނަގަން ފެށި އެވެ. އާލިޔާ ފޮޓޯތައް ވައިބަރގެ އެކުވެރި ގުރޫޕަށް ލަމުން ދިޔައީ އެޔެއް މިޔެއް ބަލައިވެސް ނުލަ އެވެ. އެގޮތުން އެންމެން އެއްކޮން ނެގި ފޮޓޯއެއްގައި ތަނާ އައިސް ހުރީ އަބްޔާންގެ އަތުގައި ބައްދާލައިގެނެވެ. އެފޮޓޯ ލުމާއި އެކު އެންމެން މެސެޖު ކުރަން ފެށި އެވެ.

“އަބީ ތިކޮޅަށް ގޮސް އާކަމެއް ފެށީ ދޯ؟” ނޫރު އަހާލާފައި އޮތެވެ.

“އަބީ، ކަލޭ ބަދަލެއް ނުވި ދޯ. މަހީކުރީ އަސްލަށް ވެސް ކަލޭ ބަދަލުވީ ކަމަށް.” މުޒައްފަރު ލިޔެފައި އޮތެވެ.

“އަބީ، މިފހަރު ބޭރު ބިޓެއްތަ؟” ޒިޔާދާ ލިޔެފައި އޮތެވެ.

“އަބީ، ހާދަ ފެމިލީޔޭ… ސީރިއަސް ބިޓުތަ؟” މޫސަ ލިޔެފައި އޮތެވެ.

އެންމެން ގެއަށްދާން ކާރަށް އަރާފައި އަބްޔާން ފޯނު ބަލައިލި އެވެ. އަބްޔާން ކައިރއަށް ވަރަށް ރުޅި އައެވެ.

“އާލިޔާ، ޑިލީޓް ދެޓް ޕިކްޗަރ.” އަބްޔާން ބާރަކަށް އާލިޔާއާއި ދިމާއަށް ބުންޏެވެ. އާލިޔާއާއި އަހްޔާން ވެސް އަދި އެހެން މީހުންވެސް ވާނުވާ ނޭގި ތިބެ އަބްޔާންއަށް ބަލައިލި އެވެ. “އާލިޔާ! މިބުނަނީ ވައިބަރ އެކުވެރި ގުރޫޕުގަ އެންމެ ފަހުން ލީ ފޮޓޯ ޑިލީޓް ކުރާށޭ! ހަމަ މިހާރު.” އަބްޔާން ރުޅިއައިސްފައި ވުމުން އާލިޔާ އަވަހަށް ފޯނުނެގި އެވެ. އަބްޔާން އެކިޔަނީ ކޮން ފޮޓޯއެއް ކަމެއް އާލިޔާއަކަށް ނޭގެ އެވެ. އެތައް ފޮޓޯއެއް އާލިޔާ އެ ގުރޫޕަށް ލިޔެވެ. އަހްޔާން ވެސް ފޯނު ނަގާ ބަލައިލި އެވެ.

“އާލިޔާ، އެފޮޓޯ ޑިލީޓް ކުރޭ.” އަހްޔާން ވެސް ބުނެލި އެވެ.

“ބަޓް ވައި؟” އާލިޔާ ހައިރާން ވެފައި އަހާލި އެވެ. އާލިޔާ އޭރު އައިސްފައިވާ މެސެޖު ތަކެއް ނުކިޔަ އެވެ.

“ޖަސްޓް ޑިލީޓް އިޓް.” އަބްޔާން ނިކަން ބާރަށް ބުންޏެވެ.

“އޯކޭ! އޯކޭ!” އަބްޔާން އެހާ ރުޅި އައުމުން އާލިޔާ އަވަސް އަވަހަށް ބުނެލަމުން އަވަހަށް އެ ޑިލީޓް ކޮށްލި އެވެ.

ކާރަށް އެރުމަށްފަހު އެކަކުވެސް އަނގަޔަކުން ނުބުނެ އެވެ. އާލިޔާ ފޯނުން ޗެޓްކުރަމުން ދިޔަ އެވެ. އަބްޔާން އެހެން އިނދެފައި އަނެއްކާވެސް ފޯނު ބަލައިލުމާއި އެކު އަނެއްކާވެސް ރުޅި އައެވެ.

“އާލިޔާ! ކީއްކުރަން އެހެން ތި ބުނީ؟” އަބްޔާން ކުއްލިއަކަށް އިނދެފައި ރުޅިއައިސްގެން ބުންޏެވެ.

“އަނެއްކާ މިހާރު ކިހިނެއްވީ؟ އާލިޔާއާއި އަބްޔާންއާއި ދޭތެރޭ އިން ހިދާޔާ ކަންބޮޑުވެފައި އަހާލި އެވެ.

“މަންމާ! އާލިޔާ އެއުޅެނީ މަ ރުޅިއަރުވަންތަ؟” އަބްޔާން އިނީ ވަރަށް ރުޅި އައިސްފަ އެވެ.

“މަންމާ، އަބީބެއެއްނޫންތަ ބުނީ ފޮޓޯ ޑިލީޓް ކުރަން. އަހަރެން ޑީލީޓް ކުރީމަ މިހާރު އެންމެން އެ ގުރޫޕުގަ އެކިޔަނީ އާލިޔާ ކީއްވެހޯ ފޮޓޯ ޑިލީޓް ކުރީ.. ދެން މަ މިޖެހީ އަބީބެ ބުނެގެނޭ. އަޅެ ދޮގެއްތަ އެއީ؟”

“އާލިޔާ، ހަމަ އެއްޗެއް ނުބުނެވެސް އިނދެވުނީހެއްނު.” ކާރުދުއްވަން އިން އަހްޔާން ވެސް ބުނެލި އެވެ.

“މަށަކަށް ނޭގެ އަބީބެޔާ ޔާންބެއަށް ވެގެން ތިއުޅޭ ގޮތެއް. މަނޫޅެން ތި ގުރޫޕުގަ ވެސް އުޅޭކަށް. ވަރަށް ފޫހިވޭ.” އާލިޔާ ކައިރިއަށް ވެސް ރުޅި އައިސްފި އެވެ. އަދި އެ ގުރޫޕުން އަމިއްލައަށް ޑިލީޓްވިއެވެ.

 

ގެއަށް އައިސް ވަދެވުމާއި އެކު އާލިޔާ ތަނާއާއި އެކުގޮސް އާލިޔާގެ ކޮޓަރިއަށް ވަނެވެ. ހިދާޔާއާއި ނަސީރުވެސް ކޮޓަރިއަށް ވަނުމުން އަބްޔާން ވެސް އައިސް ކޮޓަރިއަށް ވަނީ ނަމާދުކޮށްލާށެވެ. އޭރު އަހްޔާން ފާހާނާގައި އުޅޭތީ އެނދުގައި އިށީނދެލައިގެން މަޑުކޮށްލައިގެން އަބްޔާން އިނެވެ. އަހްޔާން ނުކުތުމުން އަބްޔާން ފާހާނާއަށް ވަދެފައި އައިސް ނަމާދަށް އެރި އެވެ. އަހްޔާން އޭރު ކޮޓަރިން ނިކުމެވެން ހުރި ބެލްކަނީގައި ބޭރު ބަލަން ހުއްޓެވެ.

 

“ކޮން ފޮޓޯއެއްތަ ޑިލީޓް ނުކޮށްގެން މައްސަލަ ޖެހުނީ؟” އާލިޔާ ގެ އެނދުގައި ތަނާ ބަންޑުން އޮށޯވެލައިގެން އޮތް އިރު އާލިޔާވެސް ތަނާ ކައިރީ ބާލީހެއްގައި ލެގިލައިގެން އިށީނދެލައިގެން އިނެވެ. ކައިރީ ތަނާ އަހާލި އެވެ.

“އަހަރެންލީ ފޮޓޯ ދައްކަންތަ؟ ތަނާ ވެސް އަޖައިބުވާނެ އަބީބެޔާ ޔާންބެ އެ ފޮޓޯއާއި ހެދި އެހާ ރުޅި އައިމަ.” އާލިޔާ ފޯނުނަގާ އެދުވަހު ނެގި ފޮޓޯތައް ބަލަން ފެށި އެވެ. އަދި އެފޮޓޯ ފެނުމުން ތަނާއަށް ދައްކާލި އެވެ. “ތަނާ ބުނެބަލަ، މިފޮޓޯގަ ގޯހެއް އެބަވޭތަ؟ މަށަށް އެއްގޮތަކަށް ވެސް ނުވިސްނުން.”

ތަނާ އެފޮޓޯއަށް ރަގަޅަށް ބަލައިލި އެވެ. އެއީ ނޭގުމެއްގެ ތެރޭ އަބްޔާންގެ އަތުގައި ތަނާއަށް ހިފާލެވިފައި ވާ ވަގުތަކު ނަގާފައިވާ ފޮޓޯ އެކެވެ.

“އާން، ތީގަ ވަރަށް ބޮޑު ގޯހެއް އެބަވޭ.” ތަނާ ބުނެލި އެވެ. އާލިޔާ ތެދުވެ ދެފައި ވަށްކޮށްލަމުން އިށީނދެފައި ރަގަޅަށް ފޯނުގައިވާ ފޮޓޯއަށް ބަލައިލި އެވެ. “ފެމިލީ ފޮޓޯއެއްގައި ފެމިލީން ބޭރު މީހަކު ހުރުން. އެއީ ވަރަށް ބޮޑު ގޯހެއްނު.”

“ތަނާ… ތީ ދެން އެހާވަރަކަށް ރުޅި އަންނަ ވަރުގެ ކަމެއްތަ؟”

“އާން، އަހަންނަށް އެފޮޓޯ ނެގިވަގުތު އަބީގެ އަތުގައި ހިފަހައްޓައިގެން ހުރެވުން ވެސް އެއީ މައްސަލައަކަށް ވެދާނެ ކަންނޭގެ.”

“ތިހެން ވެސް ވާނީ އަބީބެގެ ބިޓެއް އެ ގުރޫޕުގަ އުޅޭނަމަނު. އެކަމަކު އެ ގުރޫޕުގަ އުޅެނީ ހުސް ފްރެންޑްސް… އަބީބެ އެފަދަ ގޮތަކަށް ދެކޭނެ އެއްކުއްޖެއް ވެސް ނެތް… ފިރޫ ވެސް އައިޝާ ވެސް އެ ގުރޫޕަކު ނޫޅޭނެ.”

“ކޮންބައެއް ފިރޫ އާއި އައިޝާ އަކީ؟” ތަނާ ހައިރާން ވެފައި އަހާލި އެވެ. އާލިޔާގެ އަނގަ ބެދުނު ކަހަލަ އެވެ. ނަމަވެސް ދެން އައި ހިނދުކޮޅުތެރޭގައި އެމީހުންނަކީ ކޮންބައެއްކަން ކިޔައިދޭން ފެށި އެވެ.

 

“އަބީ، އާލިޔާ މިއަދު ކުރި ކަމަކުންތަ މާ ކޮންފިއުސް ވެފަ ހުންނަ ގޮތަކަށް ތި ހުންނަނީ؟” އަހްޔާން ކައިރީ އަބްޔާން އައިސް ހުއްޓުމުން އަހްޔާން އަހާލި އެވެ.

“އަހަރެން ވަރަށް ރުޅި އައި.” އަބްޔާން ބުނެލި އެވެ. “އަދިވެސް ޖަންނައަށް ފެނުން ހެނެއް ހިޔެއްނުވޭ.” އަބްޔާން ބުނެލި އެވެ.

“އަބީ، ތަނާއަށް ހުރިހާ ވާހަކައެއް ކިޔައިދީ. ތަނާ އަދިވެސް އެ ހުންނަނީ އަބީއަށް ޓަކާ… ޕްލީސް އަހަރެން މިކަމުން ސަލާމަތް ކޮށްދީ.” އަހްޔާން އަބްޔާން އާއި ދިމާއަށް ބަލައިލަމުން ބުނެލި އެވެ.

“އަހަރެން ދާން މިއުޅެނީ މިއަދު ފަތިހު.” އަބްޔާން ކުއްލިއަކަށް ބުނެލި އެވެ.

“ވަޓް؟” އަހްޔާން ހައިރާން ވި އެވެ. “ޔޫ އާރ ގޮއިން ބެކް؟” އަހްޔާން އަށް ގަބޫލު ނުކުރެވިގެން އަހާލި އެވެ. އަބްޔާން ބޯ ޖަހާލި އެވެ. “ބައްޕައަށް އިނގިލައްވާ ދޯ؟” އަހްޔާން އަނެއްކާ ވެސް އަހާލި އެވެ. އަބްޔާން މިފަހަރުވެސް ބޯ ޖަހާލި އެވެ.

“އެވާހަކަ ދޯ ދެމީހުން މިއަދު މާ ސިއްރަކުން ދެއްކީ؟”

“އާން، މަންމައަށް ފަހުވަގުތު އަންގަން ބައްޕަ އެދިލެއްވީ މަންމަ ނުގަބޫލުވާނެކަން އިނގޭތީވެ.” އަބްޔާން ބުނެލި އެވެ. އަހްޔާން ބޯ ޖަހާލި އެވެ.

“އެކަމަކު އެހާ އަވަހަށް ދަނީ ކީއްވެ؟” އަހްޔާން އެހުމުން އަބްޔާން ހަމައެކަނި އަހްޔާންއަށް ބަލައިލީ އެވެ. އަދި އެއްޗެއް ނުބުނެ ހުރުމުން އަހްޔާންއަށް ޖަވާބު ލިބުނު ކަހަލަ އެވެ. “އަބީ، ޕްލީސް ދިއުމުގެ ކުރިން އެއްފަހަރު ތަނާއާ ވާހަކަދައްކަބަލަ. މިރޭ އެކަން ކޮށްލަބަލަ. މަގޭ ބޮލަށްވެސް އަދި އަބީއަށް ވެސް ފަސޭހަ ވާނެ. ޖަސްޓް ޓެލް ހަރ އެވްރިތިނގް.” އަހްޔާން އާދޭސް ކުރާފަދަ ރާގަކަށް ބުންޏެވެ.

“އެންމެ ރަގަޅު އަހަރެން މިދަނީ ތިރިއަށް… ޕޫލް ސައިޑަށް. ތަނާ ގާތު ބުނޭ އެތަނަށް އަންނާށޭ. އަހަރެން މީޓް ކޮށްލަން ބޭނުމޭ.” އަބްޔާން އެހެން ބުނެފައި ނިކުމެގެން ދިޔަ އެވެ. އަހްޔާން އަވަހަށް ފޯނުނަގަ ތަނާއަށް ގުޅަން ފެށި އެވެ.

 

“ޖަންނާ، ހުރިހާ ކަމެއްވެސް ދާނީ ރަގަޅަށް… ހާސް ނުވެ ބަލަ.” އަބްޔާން އިނީ ފަތާ ފެންގަނޑު ކައިރީ ހުރި ކުޑައެއްގެ ދަށުގައިވާ މޭޒެއްކައިރީ އެވެ. މޭޒުމަތީ ކޮފީ ޖޯޑެއް ހުއްޓެވެ. އަދި އެވަގުތު އަބްޔާން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޖަންނަތުއާ އެވެ. “ދެން ތިވާހަކަ އެހަށް ބާއްވާފަ އަހަރުމެންގެ ވާހަކަ ދައްކަބަލަ.”

“އަހަރުމެންގެ ކޮން ވާހަކައެއް؟”

“އަހަރެން މިއުޅެނީ ޖަންނަ މިސްވެގެން ޖަންނަ މިސް އެއް ނުވޭތަ؟”

“އަބީ، އަހަންނަށް ފުރުސަތެއް ނުލިބޭ އަދި އަބީ މިސްވާކަށް. މިދުވަސްކޮޅު މި ހުންނަނީ މުޅިން އެހެން ކަމެއްގަ ހިޔާލު.”

“އެހެން ވީމަ ދޮ އިރުކޮޅަކާ މަށަށް މިސްކޯލް ދެނީ؟”

“އެއީ މިސް ވެގެނެއް ނޫނޭ… އެއީ..”

“ހެހެހެހެ… ދެން އިނގިއްޖެ މިސް ނުވާކަން ބަޓް ސްޓިލް މިހަރު ވާހަކަ ދައްކާ އިރުވެސް އަހަރެން މިއުޅެނީ ޖަންނަ މިސްވާތީ. އަހަންނަށް ޖަންނަގެ މޫނު ނުފެންނަންޏާ އެއްގޮތަކަށް ވެސް ކަމަކު ނުދޭ.”

“ދެން މޫނު ފެންނަ ހިސާބަށް އަވަހަށް އަންނަން ވީނު؟”

“ދާނަން ވަރަށް އަވަހަށް. ޖަސްޓް ވައިޓް އެންޑް ސީ.” އަބްޔާން އެހެން ބުނި ވަގުތު ކުރިމަތިން ތަނާ ފެނުނެވެ.

“ތަނާ!” އަބްޔާންއަށް ބުނެވުނެވެ. ޖަންނަތުއަށް ވެސް އަޑު އިވުނެވެ. “ޖަންނާ، ފަހުން ގުޅާނަން.. މިވަގުތު ބާއްވަނީ އިނގޭ.” އަބްޔާން އަވަސް އަވަހަށް ފޯނު ކަނޑާލާފައި ތެދުވަމުން ޖީންސްގެ ޖީބަށް ފޯނު ލިއެވެ. އޭރު ތަނާ އައިސް މޭޒު ކައިރީ ހުއްޓިލި އެވެ.

އަބްޔާން ތަނާ އިށީނުމަށް ގޮނޑި ދުރުކޮށްލައި ދިނެވެ. ތަނާ އަޖައިބުވީ އެއީ މީގެ ކުރިން އަބްޔާންގެ ފަރާތުން ނުފެންނަ ކަމަކަށް ވީތީ އެވެ. އާލިޔާ އެ ބުނީ ތެދެކެވެ. އަބީ އަށް ބަދަލުތަކެއް އައިސްފި އެވެ. ތަނާ އިނީ ނުހަނު އުފާވެފަ އެވެ. ހިތުތެރޭ ވަނީ އުންމީދާއި އުފާވެރި ކަމެވެ. މިއަދު އާލިޔާ ދެއްކި ވަހަކައިން އަބްޔާންގެ އެހެން ބައިވެރިއަކު ނުހުންނަކަން ސާބިތުވި އެވެ. އަދި މިއަދު ގަތް އަގުބޮޑު ހަދިޔާ އަކީ ހަމައެކަނި ތަނާއަށް ދިނުމަށް ގަތް އެއްޗެއް ކަމުގައި ތަނާއަށް ގަބޫލު ކުރެވުނެވެ. އެހެން ނޫންނަމަ އަހްޔާން ގާތު ބުނެގެން މިކަހަލަ މާހައުލެއްގައި ބައްދަލުކުރުމަށް ބުނާނެ ކަމެއް ނެތެއްނޫން ހެއްޔެވެ. ތަނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ.

އަބްޔާން އިނީ ވާހަކަ ފަށާނެ ދިމާލެއް ނޭގިފަ އެވެ. ދެމީހުން ދޭތެރޭ އުފެދިފައި ވަނީ ބުނަން ނޭގޭ ފަދަ ބީރައްޓެހި ކަމެކެވެ. އަބްޔާން ވާހަކަ ދައްކަން ނުފެށުމުން ތަނާއަކަށް މާގިނަ އިރަކު ނީދެ ވުނެވެ.

“އަބީ، އަސްލު ތަނާއާ ދޭތެރޭ ވަރަށް ބޮޑު މިސް އަންޑަސްޓޭންޑިން އެއް ވެގެން އަބީ ތި އުޅެނީ… އައި އެމް ނޮޓް އަ ލެސިބިއަން. ބިލީވް މީ.” ތަނާ އަބްޔާންގެ މޫނަށް ބަލައިލަމުން ބުންޏެވެ.

“އާން، މަށަށް އިނގުން… ރާޔާއާއި ވަރަށް ފަހުން ދިމާވެގެން ހުރިހާ ވާހަކައެއް ރާޔާ މަށަށް ކިޔައިދިން. އައި އޭމް ސޮރީ ތަނާ.”

އަބްޔާން މާފަށް އެދުމުން ތަނާގެ ހިނިތުންވުން ފުޅާ ވެގެން ދިޔަ އެވެ. އަބްޔާންއަށް ހުރިހާކަމެއް ވެސް އިނގުމުން ތަނާ ވަރަށް އުފާވި އެވެ.

“އިޓްސް އޯކޭ… ދެން އެވާހަކަ ދައްކާނެ ކަމެއް ނެތެއްނު އަހަންނަށް އިނގޭ އަބީ އަދި އަންނާނެކަން. އަބީ އަހަރެން ދޫ ނުކޮށްލާނެކަން އަހަންނަށް އަބަދުވެސް ޔަގީންވޭ.”

“ތަނާ!” އަބްޔާން ކުއްލިއަކަށް ބުނެލި އެވެ. “އަހަރެން އައި އޭމް ސޮރީ ތަނާ… ތަނާއަށް ތިގޮތަށް ވިސްނުމަށް ޗާންސް ދެވުނީތީ ވަރަށް ބޮޑަށް ސޮރީ.”

“އަބީ؟ ކީކޭތަ ތި ކިޔަނީ؟”

“ތނާ… އަހަންނަށް ތަނާއާއި އެއްކޮން ކުރިން އޮތް ގުޅުމެއް ނުބޭއްވޭނެ. ތަނާ ބޭނުމިއްޔާ ވީ ކެން ބީ ޖަސްޓް ފްރެންޑްސް… އެއަށް ވުރެން ކްލޯސް ރިލޭޝަންޝިޕް އެއް ބޭއްވޭކަށް ނެތް.”

“ބަޓް ވައި؟ އަބީ،” ތަނާ އިނީ އަބްޔާން ދައްކާ ވާހަކަ ގަބޫލު ނުކުރެވިފަ އެވެ. ” ތަނާގެ ހިތް ތަޅުވަން އަބީ ކޮންމެހެން ސަމާސާ ކުރާނެ ކަމެއްނެތް… ތަނާއަށް ފެނުނޭ އަބީ ގަތް އަގުބޮޑު ގިފްޓް. ކަނޑައެޅިގެން ތަނާއަށް އިނގޭ އެއި ތަނާއަށް ދޭން ގަތް އެއްޗެއްކަން.” ތަނާ ނިކަން ހަމަ ޖެހިލާފައި ބުނެލި އެވެ. އަބްޔާން ތަނާއަށް ބަލައިލީ ވަރަށްވެސް މާޔޫސް ވެފައި ވާ ހާލުގަ އެވެ. ތަނާގެ ފޮނި އުއްމީދުތައް ފުޑުފުޑުކޮށްލަން އަބްޔާން ބޭނުން ނުވިއަސް އެކަން މިރޭ ކުރަން ޖެހެ އެވެ. މޭޒުމަތީ އޮތް ތަނާގެ އަތުގައި އަބްޔާން ހިފާލި އެވެ. އަދި ތަނާއަށް ބަލައިލި އެވެ. ތަނާގެ ހިނިތުން ވެފައިވާ މޫނު ފެނުމުން އަބްޔާންއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. ނަމަވެސް ޖަންނަތު މަތިން ހިތަށް އަރުވަމުން ހިތްވަރު ކުރަމުން އަބްޔާން ތައްޔާރު ވެލި އެވެ.

“ތަނާ، އަހަންނަށް އެހެން ކުއްޖެއް ދެކެ ލޯބި ވެވިއްޖެ. އަހަންނަށް އެއީ ލޯބިކަން އިނގުނީ ދުވަހަކުވެސް ނުވާކަހަލަ އިހުސާސްއެއް އެކުއްޖާ ފެނުމުން އަހަންނަށް ކުރެވޭތީ. ތަނާއާއި އެކު އަހަރެން ވަރަށް ކްލޯސްކޮން އުޅުނިން. ނަމަވެސް އެކަހަލަ އިހުސާސްއެއް ދުވަހަކުވެސް ނުކުރެވޭ… ތަނާ އައި އޭމް ސޮރީ. އަހަންނަށް ހީވަނީ އެއްވެސް އިރެއްގައި އަހަންނަށް ތަނާ ދެކެ  ލޯތްބެއް ނުވެވޭ ހެން. އަހަރެން…”

“ސްޓޮޕް އިޓް އަބީ!” ފެންކަޅިވެފައި އިން ތަނާ އަބްޔާންގެ އަތް ދަށުން އޭނަގެ އަތް ދަމައި ގަތެވެ.  އަދި އަބްޔާންގެ އަތުގައި ހިފެހެއްޓި އެވެ.

“ތީ ހުސް ދޮގު… ބުނޭ ތީ ހުސް ދޮގޭ.” އަބްޔާން އަތުގައި ފިރުމަމުން ތަނާ ބުންޏެވެ.

“މީ ހަމަ ތެދެއް. ތަނާ. ޔޫ ހޭވް ޓު ބިލީވް މީ. އަހަރެންނަށް ތަނާ ދެކެ ލޯތްބެއް ނުވެވުން.”

“އަބީ، ތިހެން ދޮގު ނުހަދަ ބަލަ. ޕްލީސް. އަބީ، ހެޔޮ ނުވާނެ. ތަނާއާއި އެކު އެހާ ގާތްކޮން ގުޅުން ބާއްވާފަ ތި ބުނަނީ ތަނާ ދެކެ ލޯތްބެއް ނުވެޔޭ. ދެން އެއީ ކޯޗެއް އަބީ؟ އަބީ، ތަނާއާއި އެކު ހޭދަކުރި ވަގުތުތައް އެއީ ކޯޗެއް؟ …. ތަނާއަށް ދިން ލޯބި ލޯބި އުފާތައް އެއީ ކޯޗެއް؟”

“ތަނާ، ވެދާނެ އެއީ ސިމްޕަތީ ކަމަށްވެސް. ނޫނީ ވަގުތީ އުފަލެއް ކަމަށް ވެސް. އަހަންނަކަށް ނޭގެ އެއީ ކޯޗެއްކަމެއް. އެކަމަކު އަހަންނަށް އިނގޭ އެއްޗަކީ އަހަރެން ތަނާ ދެކެ ލޯބި ނުވާކަން.”

“އަބީ، ތިހެން ނުބުނޭ. ޕްލީސް…” ތަނާއަށް ރީތިކޮން ވެސް ރޮވެން ފެށި އެވެ. “ފުރަތަމަ ތަނާ އުފަން ވުމުން ތަނާގެ އުފަން ކުރުވި މައިން ބަފައިން ތަނާ ދޫކޮށްލީ… ދެން ތަނާއަށް ކުޑައިރުން ފެށިގެން ވެސް ލޯބި ލިބުން… އަނެއްކާވެސް ހިސާބަކުން ތަނާގެ ޕޭރަންޓްސް ވެސް ތަނާ ދޫކޮށްލީ… މިހާރު އަބި ތި ބުނަނީ ތަނާދެކެ ލޯބި ނުވާ ވާހަކަ. އަޅެ ތަނާގެ ކުށަކީ ކޮބައިތަ؟ ތަނާ އަކި ފެށުނީން ސުރެންވެސް އެހާ ސުންޕާ މީހަކީތަ؟ އަބީ ތަނާ ދޫކޮށްލާނެ ކަމަކަށް ތަނާ ހިތަކަށް ވެސް ނާރާ… ރުޅި އަޔަސް ލޯބި ނުވެޔޭ ނުބުނޭ… ޕްލީސް އަބީ.” ތަނާއަށް ގިސްލެވެން ފެށުމުން އަބްޔާން ހާސްވާގޮތް ވިއެވެ. ތަނާއަކީ މާބޮޑަށް ރޮންޏާ ގިސްލެވިގެން ގޮސް ނޭވާ ހާސްވާ މީހެކެވެ.

“ތަނާ، ރިލޭކްސް.. އެންޑް ޓްރައިޓު އަންޑާރސްޓޭންޑް.” އަބްޔާން ތެދުވެގެން ގޮސް ތަނާ ކައިރީ ހުއްޓިލި އެވެ.

“އަބީ… ޕްލީސް ތިހެން ނަހަދާ..” ތަނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ އެވެ. އަބްޔާންއަށް ތަނާއާއި ދިމާލަށް ބަލަން ހުންނާކަށް ކެތެއް ނުވި އެވެ. އެހެންކަމުން ތަނާއަށް އަބްޔާން ފުރަގަސް ދިނެވެ.

“ތަނާ…އަހަންނަށް މާފް ކުރޭ. ތަނާއަކީ ވަރަށް ރަގަޅު ކުއްޖެއް. އަހަރެން ވެސް ގަބޫލުކުރަން ތަނާގެ ކުށެއް ނެތްކަން… އެކަމަކުވެސް އަހަންނަށް ތަނާއާއި ގުޅިގެން ދެން އުޅެވޭކަށް ނެތް. އައި އޭމް ސޮރީ.” އަބްޔާން ދެރަވެފައި ހުރެ ބުންޏެވެ.

“އަބީ…. ޕްލީ…ޕްލީސް.. ތިހެން…” ތަނާއަށް ގިސްލެވޭ ވަރުން ވަހަކަވެސް ނުދެއްކެ އެވެ. އަވަސް ނޭވާތަކެއް ލެވެން ފެށުމުން އަބްޔާން ބަލއިލި އެވެ. އަދި ބިރުގަތެވެ. އެހެންކަމުން ތަނާ ގޮނޑިން ނެގި އެވެ. އަދި ތަނާގައިގައި ހިފަހައްޓާލައިގެން އެތަނުން ނުކުންނަން ހިގައި ގަތީ ހާމަ ދިމާލަށް ނުކުމެލާށެވެ. އޭރު ތަނާއަށް މާނޭވާ ލެވެނީ އެވެ.

“ތަނާ، ރިލޭކްސް… ޖަސްޓް ރިލޭކްސް.” އަބްޔާން ތަނާ ގާތް ކޮށްލަމުން ބުނެލި އެވެ.

“އަބީ… ބުނޭ ތަނާ…. ތަނާ… ދޫކޮށްފަ… ނުދާނަމޭ… ބުނޭ… ޕްލީސް އަބީ.” ނިކަން ވަރަކުން ތަނާ ވާހަކަ ދައްކަން މަސައްކަތް ކުރި އެވެ.

“އޯކޭ ތަނާ… ޕްލީސް ހަމަޖެހިބަލަ. އަހަރެން ނުދާނަމޭ ތަނާ ދޫކޮށްފައެއް.” ހަދާނެ ގޮތެއް ނޭގިގެން ތަނާ ހިތްހަމަ ޖައްސައިދޭން އަބްޔާން ބުންޏެވެ. އަބްޔާންއަށް ދެން އެހެން ގޮތެއް ނެތް ކަހަލަ އެވެ.

“އަބީ.. ތަނާ ރޫމްއަށް ގެންގޮސްދީ…. އައި ހޭވް… އައި ހޭވްޓު ޓޭކް މެޑިސިން.” ތަނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން އުޅޭ ކަހަލަ ގޮތަކަށް ބުނެލި އެވެ.

 

އަބްޔާން ތަނާ ގައިގައި ހިފަހައްޓާލައިގެން ތަނާ ކައިރިކޮށްލައިގެން ތަނާގެ އެޕާރޓްމަންޓަށް ވަންނަން ދާން ދިޔަ އެވެ. އޭރު އަހްޔާން ހުރީ އަހްޔާންމެން އުޅޭ އެޕާރޓްމެންޓްގެ ދޮރުމަތީ އެވެ. އަބްޔާން ތަނާ ގޮވައިގެން މާ ގާތް ގޮތަކަށް އަންނަތަން ފެނުމުން އަހްޔާން ހުރީ ނުރުހުން ވެފަ އެވެ. އަހްޔާން ހީކުރީ އަބްޔާން އަނެއްކާވެސް ތަނާއާއި ގުޅުނީ ކަމުގަ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހަދަހާވޭ ކުރާހިތް ސަމާސާ 40 ވަނަ ބައި (ފަހު ބައި)

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 20..

Next
May 6, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 20..

Previews
May 6, 2016

ހަދަހާވޭ ކުރާހިތް ސަމާސާ 40 ވަނަ ބައި (ފަހު ބައި)

2 Comments!

  1. Yooha says:
    May 6, 2016 at 1:38 am

    v.salhi… Dhen ahyaan ves visnaa goi dhw.

  2. Phy says:
    May 6, 2016 at 2:54 pm

    Whn is the nxt part….

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 16 ވަނަ ބައި←


All Right Reserved!