Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 42

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 2, 2026 6 Mins Read
2 Comments

ދެ އަހަރު ފަސް….

ފުޓުބޯޅަ ދުނިޔޭގެ އެންމެ ބޮޑު ހަފުލާ ކަމަށްވާ، ފީފާ ބެސްޓް އެވޯރޑްސް ، އޮތީ ރާއްޖޭގެ ރިސޯރޓެއްގައެވެ. ރާއްޖޭ ގަޑިން ހަތްގަޑި ބައިން ފެށިގެން މެހެމާނުން ހާޒިރު ވަމުން ދިޔައެވެ. ނޫސްވެރިންނާއި، ފޮޓޯ ގުރާފަރުން، ރަތްދޫލަ މަތީގައި އެމީހުންގެ، ވާޖިބު އަދާކުރަމުން ދިޔައެވެ. މިހާރުގެ ފުޓުބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުރީގެ ކުޅުންތެރިންގެ އިތުރަށް ދަޢުވަތު ދެވިގެން އަންނަ މެހެމާނުން އަންނަމުން ދިޔައެވެ.

ރަތް ކުލައިގެ ވިދުންގަދަ ހެދުމަކާއި އެކުލައިގެ ޝޯލެއް އަޅައިގެން ހުރި އަލައިކާ ދިޔައީ އެތަނަށް އަންނަމުން ދިޔަ މެހެމާނުންގެ އިންޓަވިއު ނަގަމުންނެވެ. އަލައިކާ އެ މަސައްކަތް ކުރަމުން ދިޔައީ ނުހަނު ޖޯޝާއި ފޯރިގައެވެ. އަލައިކާގެ އުފާވެރިކަން އިތުރުވީ ކޮއްކޮ އިޝަލް ފެނުމުންނެވެ. ގަދަ ނޫ ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިޝަލް ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ކޮށެވެ. ހެމުން އައިސް އޭނާ، އަލައިކާ ގާތު ހުއްޓިލިއެވެ. އިޝަލްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލު ކީޕަރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ކާމިޔާބު ކުރެވެން ހުރި ހުރިހާ ތަށްޓެއް އާސެނެލައާ އެއްކޮށް ކާމިޔާބު ކޮށްފައެވެ. ރާއްޖޭގެ ޤައުމީ ޓީމާއެއްކޮށް ވެސް، ވޯލްޑް ކަޕް ފިޔަވާ ކުޅުނު ހުރިހާ މުބާރާތެއްގެ ރަން މެޑްލަ ވަނީ ރާއްޖޭއަށް ހޯދަދީފައެވެ. ފަޚުރުވެރި ލޮލަކުން އަލައިކާ ކޮއްކޮއަށް ބަލާލިއެވެ. އިންޓަވިއު ފެށުމުގެ ކުރިން ކޮއްކޮ ގައިގައި، އޭނާ ބައްދާލިއެވެ. އަދި އިޝަލްއާ މެދު އޭނާ ފަޚުރުވެރި ވާ ވަރު ކެމެރާތައް ކުރިމަތީ ހާމަކޮށްލިއެވެ.

މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އެރިކް ހަައްދިދް އައުމުންނެވެ. ރަތްދޫލަ މައްޗަށް އެރިކް އެރުމާއެކުހެން ހުރިހާ ކެމެރާތަކެއް އޭނާއަަށް އަމާޒުވިއެވެ. ފްލޭޝް ލައިޓްތަކުގެ ސަބަބުން އެރިކް ލޮލަށް އުނދަގޫ ވިއެއް ކަމަކު، އެއީ މިހާރު އޭނާއަށް އާދައެކެވެ. ކޮންމެ ނޫސްވެރިއެއް ވެސް މަަސައްކަތް ކުރަމުން ދިޔައީ، އެރިކްގެ އިންޓަވިއު ނެގޭތޯއެވެ.
އެރިކް އަކީ މިހާރު އާސެނަލް އަދި ފުރާންސްގެ ވެސް ކެޕްޓަނެވެ. އެރިކްގެ މާލިމީކަމުގެ ދަށުގައި، އާސެނަލުން ވަނީ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. ޑިފެންޑަރަކަށް ވެ ހުރެ މުހިންމު ގޯލުތަކެއް އެރިކް ވަނީ ޖަހައިދީފައެވެ. ނިމިގެން ދިޔަ ވޯލްޑް ކަޕް ، ފްރާންސްއަށް ކާމިޔާބު ކޮށްދީ ތަށި އުފުލާލި ކެޕްޓަނަކީ ވެސް އެރިކްއެވެ. ފުރާންސްގެ ތާރިޚުގައި ވެސް، ތަށި އުފުލާލި އެންމެ ޒުވާން ކެޕްޓަނަށް އެރިކް ވެގެން ދިޔައެވެ. ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެރިކްއަށް ލިބިގެން ދިޔައެވެ.
ނޫސްވެެރިންގެ ސުވާލުތަކުން ސަލާމަތް ވެގެން އެރިކްއަށް ހޯލަށް ވަދެވުނީ ފަނަރަ ވަރަކަށް މިނެޓު ފަހުންނެވެ. މާ ސިންގާ އެ ބޮޑު ހޯލު ވަނީ ރަނާއި ރިހިން ޒީނަތްތެރި ކުރެވިފައެވެ. ހޯލްގެ މެދަށް ވާ ގޮތައް ސީލިންގް ގައި، ބޮޑު ބިއްލޫރި ޗާންދަލީއަށް ހުއްޓެވެ. ކުރީ ދެތިން ބަރި ފިޔަވާ، ހުރިހާ ގޮނޑި ބަރިއެއް ހުރީ ފުރިފައެވެ. ހޯލްތެރެއަށް ވަނުމުން އަންހެން ކުއްޖަކު އެރިކްއަށް އިސްތިގުބާލު ކުރިއެވެ. އޭނާ އިށީންނަންވީ ސީޓައި ހަމައަށް ގެންގޮސް ދިނެވެ.
އެންމެ ކުރީބަރީގައި ތިބީ ، މި އަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައި ތިބި އެންމެ މޮޅު ކުޅުންތެރިންނެވެ. ފަހަރަކު ކުޅުންތެރިއަކާ ސަލާން ކޮށްފައި ، އެރިކް ގޮސް އޭނާއަަށް ވީ ގޮނޑީގައި އިށީނެވެ. އޭނާއާ ޖެހިގެން އިން ގޮނޑީގައި އިނީ އިޝަލްއެވެ. ދެ އެކުވެރިން އެކަކު އަނެކަކަށް ބަލާލާފައ ހީނލިއެވެ.

ހަފުލާ ފެށިގެން ކުރިއަށް ދިޔައެވެ. އެކި ރޮނގުތަކުން އެވޯޑްތައް ދެމުން ދިޔައެވެ. އެންމެ ފަހު އެވޯޑަކަށް އޮތީ ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވާލު ކުރުމެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނަށް ނޮމިނޭޓްވެފައި ތިބީ، އެރިކް އާއި އިޝަލްގެ އިތުރަށް ޔޫސުފްއެވެ. ލިވަޕޫލަށް ތަށްޓެއް ނުނެގުނު ކަމުގައި ވިއަސް ، ޔޫސުފް ވަނީ މޮޅު ކުޅުމެއް ދައްކައި މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ.

ސްޓޭޖަށް އަރަން ތިން ކުޅުން ތެރިންނަށް ގޮވާލެވުނެވެ. އަތްތިލަ ބަޑީގެ އަޑު މުޅި ހޯލުތެރެއިން ގުގުމައިގެން ދިޔައެވެ. ތިން ކުޅުންތެރިން އިށީންނުމަށްޓަކައި ސްޓޭޖުގެ މެދުގައި ރަން ކުލައިގެ ތިން ގޮނޑި ބަހައްޓާފައި ހުއްޓެވެ.

ހުށަހެޅުންތެރިޔާ ކުރު ގޮތަކަށް ތިން ކުޅުންތެރިންގެ ތަޢާރަފެއް ދިނެވެ. ޔޫސުފް އާއި އިޝަލްއަކީ ކުރީގެ މަޝްހޫރު ދެކުޅުންތެރިންގެ އިތުރަށް ދެބެއިންގެ ދެދަރިން ކަން ފާހަގަ ކުރިއެވެ. އޭގެ އިތުރަށް އެރިކް އާއި އިޝަލް އަކީ، އާސެނަލް ދިފާއުގެ މައި ދެކުޅުންތެރިން ކަން ވެސް ފާހަގަ ކުރިއެވެ.
“ވަރަށް އުފާވޭ މިއަދު އިޝަލްއާ އެއްކޮށް މި ސްޓޭޖު ހިއްސާ ކުރަން ލިބުނީމަ..ފުޓުބޯޅަ އައިލާއެއްގެ ލެގަސީ ދޯ މިއީ…ބައްޕަ ދުނިޔޭގަ ހުރިނަމަ، އިޝަލްއަށްޓަކައި ވަރަށް އުފާވީސް” އިޝަލްއާ ބެހޭ ގޮތުން ކުރެވުނު ސުވާލަށް ޔޫސުފް ޖަވާބު ދިނެވެ.
“އަސްލު ވަރަށް ތަފާތު އިހުސާސެއް…ގޯލު ކީޕަރެއްގެ ގޮތުގައި މި ހިސާބަަށް އާދެވޭނެ ކަމަަކަށް އުއްމީދެއް ނުކުރަން… މި ކާމިޔާބީ އަކީ ވަރަަށް ގިނަ ބަޔެއްގެ މަސައްކަތް، އެ އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން”
“ކުޑައިރުއްސުރެ ދެކެވުނު ހުވަފެނަކީ ފުޓުބޯޅަ ކުޅުންތެރިއަކަށް ވުން…އަބަދުވެސް ބޭނުންވީ މޮޅު ކުޅުންތެރިއަކަށް ވެގެން ގައުމަށް ރީތި ނަން ހޯދައިދޭން…މިއަދު އެކަންތަން މި އޮތީ ހާސިލްވެފައި.. ފްރާންސްއާ އެކު ވޯލްޑް ކަޕް ތަށި ނެގުމަށް ވުރެ ބޮޑު އުފަލެއް ނެތް… މިއަދު ކޮންމެ ވަނައެއް ލިބުނަސް އުފާ ވާނެ” އިޝަލް އާއި އެރިކް ވެސް އެމީހުންގެ ޝުޢޫރު ފާޅުކުރިއެވެ.

ފީފާ ބެސްޓް ޕްލޭޔާރގެ މަޤާމު ލިބުނީ އެރިކްއަަށެވެ. އެއީ އޭނާއަށް ހައްޤު މޮޅެއްކަން އެންމެން ވެސް ޤަބޫލި ކުރެއެވެ. އެންމެ ގާތް އެކުވެރިޔާއާ މެދު އިޝަލް ފަޚުރުވެރިވިއެވެ. އޭނާއަށް ގޯލު ބަލަހައްޓަން ފަސޭހަ ވަނީ އެރިކްގެ އެހީތެރި ކަމާއެކުވެ. އެރިކްއަށް ތަރުހީބު ދިނުމުގެ ގޮތުން އެންމެ ބާރަށް އަތްޖެހީ އިޝަލްއެވެ. ޔޫސުފް ވެސް އެރިކްއާ ސަލާންކޮށްފައި މަރުހަބާ ކިޔެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރަށް ޕުސްކަސް އެވޯޑް ވެސް އެރިކްއަށް ލިބުނެވެ. ވޯލްޑް ކަޕް ސެމީ ފައިނަލުގައި ، ކޯނަރަކުން އިޝަލް ކޮޅަށް ޖަހައިދިން ލަނޑަކީ ވަރަށް ފުރިހަމަ ލަނޑެކެވެ. މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ހުއްޓާ ޖަހައިދިން ރީތި ލަނޑުން، ރާއްޖެ ކަޓުވާލުމަށްފަހު ފުރާންސް ފައިނަލަށް ދިޔައެވެ. ފައިނަލުގައި އެމީހުން މޮޅުވީ ދުނިޔޭގެ ގަދަ ބާރެއް ކަމަށްވާ އާޖޭންޓީނާ އަތުންނެވެ. އެ މެޗުގައި ވެސް އެރިކް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
****
ސާދަ ވިލޭރޭގެ ހަނދުވަރުން މުޅި ޓެރަހަށް ފަނޑު އަލިކަމެއް ވެރިވެފައި އޮތެވެ. ދެ ފަރާތައް ހެއްލެމުން ދިޔަ އުނދޯލީގައި އޮށޯވެލައިގެން މިންހާ އޮތެވެ. މިންހާ ގައިމަތީގައި ފަސް ވަރަކަށް މަހުގެ ތުއްތު ކުއްޖެއް ނިދާފައި އޮތެވެ.

ޓެރަހުގެ ކެހޭ ދޮރު ހުޅުވާލުމަށްފަހު މަޑު މަޑުން އެތެރެއަށް ވަދެގެން އިޝަލް އައެވެ. އުނދޯލި ހެލޭ އަޑު އިވޭތީވެ، އެތާނގާއި މިންހާ އޮތްކަން އޭނާއަށް އެނގެއެވެ. އޭނާ ހުރީ އެވޯޑް ހަފުލާއަށް ދާން ލައިގެން ހުރި އަންނައުނު ލައިގެންނެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ އުނދޯލި ކައިރީގައި ހުއްޓުނެވެ. އެއަށްފަހު އޭނާ އަތުގައި އޮތް ރަން އަންގި އުނދޯލީގައި ބޭއްވިއެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން ތުއްތު ކުއްޖާއަށް ބަލާލުމަށްފަހު ، އެކުއްޖާ އުރާލިއެވެ. އެއާއެކު ކަރުގެ ބުޑުން އެކުއްޖާ އަޑެއް ލައްވާލިއެވެ. ހީވީ އިޝަލް ދެކެ ރުޅި އައިސްގެން އަޑު ނެރުނު ހެންނެވެ “ހޭއި ޑަޑާގެ ޕްރިންސެސް…އައި މިސްޑް ޔޫ ޓޫ ޓުނައިޓް މިލީ…ޑަޑާ ދެކެ ރުޅި އައިސަތަ މިއނީ މިރޭ ނުގެންދިޔާމަ..ޑަޑާ ބޭނުންވިޔޭ މިލީ ގެންދަން…އެކަމު މަންމި އޯކޭ ނުވީއޭ… ” ތުއްތު އަޑަކުން އިޝަލް ވާހަކަ ދައްކަމުން ދިޔައެވެ. ފުއްގަނޑެއް ފަދަ ލޯބި އެކުއްޖާ ދެން ވެސް، ޝަކުވާ ކުރާ ފަދަ ގޮތަކައް ކަރުން އަޑު ނެރެމުން ދިޔައެވެ.
ސިހިފައި މިންހާއަށް ހޭލެވުނީ އިޝަލް ގޮވުމުންނެވެ. “އެލެކް ކޮން އިރަކު އައީ…އޯ މައި ގޯޑް…ޑިޑް ޔޫ ވިން؟” އުނދޯލީގައި ހުރި ރަންއަންގި ފެނުމާއެކު ، ފޯރީގައި މިންހާ އަހާލިއެވެ. “އުމްއުމް އޮފް ކޯސް. އައި އޭމް ދި ބެސްޓް ގޯލް ކީޕަރ …” އިޝަލް ފަޚުރުވެރިވެލާފައި ބުންޏެވެ. މިންހާ އިޝަލްއާ ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. އެ މަންޒަރު ފެނުމުން މަޖާ ވެފައި މިލީ ހޭންފެށިއެވެ.
**
ރިސޯޓުުގެ ގޮނޑު ދޮށުގައި މިއާ އާއި އެރިކް ހިނގަމުން ދިޔައެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނި ދެބެއިން ތިބީ އަޖައިބުވެފައެވެ. ރާޅު ޖެހޭ އަޑަކީ ވަރަށް ހިތްހަމަ ޖެހޭ އަޑަކަށްވިއެވެ. ރާއްޖޭގެ ރީތިކަން އެ ދެބެއިންނަށް އެ ފެންނަނީ އަލަށެވެ. އެރިކްގެ މައިންބަފައިންނަށް ނާދެވުނަސް، އެރިކްއާއެކު ހަފުލާގައި ބައިވެރިވުމަށް މިއާ އައެވެ. ބޭބެއަށްޓަކައި އޭނާގެ ހިތްވަނީ އުފަލުން ފުރިފައެވެ. ޒުވާން އުމުރުގައި އެރިކް އެވަނީ ފުރިހަމަ ކުޅުންތެރި އަކަށް ވެފައެވެ.

ދެ ބެއިން ގޮސް، ރާޅުޖެހޭ ހިސާބު ވެލިގަނޑު މަތީ އިށީނެވެ. “އަބަދުވެސް ހީކުރީ ރާއްޖޭގެ ރީތި މަންޒަރު ބަލަން އަހަންނާއެކު..” ޖުމްލަ ފުރިހަމަ ނުކޮށް ، ވެލިގަނޑު މަތިން ނެގި ގާކޮޅެއް މޫދަށް އެއްްލިއެވެ. ފުޓުބޯޅައިން ލިބެން ހުރި ހުރިހާ މޮޅެއް ލިބުމައް ފަހު ވެސް އޭނާއަށް ހަގީގީ އުފާވެރިކަން އޭނާއަށް އިހުސާސެއް ނުކުރެވެއެވެ. މިއާ ވަކި އެއްޗެއް ނުބުނެ މޫދަށް ނަޒަރު ހިންގާލިއެވެ. ބޭބެގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ބުނާނެ އެއްޗެއް އޭނާއަކަަށް ނޭންގެއެވެ. މި ވަގުތު އެކަމަށް ހޯދައިދެވޭނެ ހައްލެއް އޭނާ އަތަކު ނެތެވެ. ބޭބެގެ އެކަނިވެރި ދިރުއުޅުން އެންމެ ގާތުން ފެންނަނީ އޭނާއަށެވެ. ދުނިޔެއަށް ފެންނަނީ ، ފުރިހަމަ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އެރިކްގެ އެކަނިވެރިކަމާއި ، ހިތުގައި އަޅައި ވޭން ފެންނަނީ އާއިލާއަށެވެ.

މިލީ ނުނިދަން ގަދަ ހަދަމުން ދިޔައެވެ. އެކުއްޖާ ނިދާފައި އޮއްވާ ހޭލެއްވުމުން، މިންހާ އިޝަލް ދެކެ ރުޅިއައެވެ. ރޭގަނޑު ނުނިދައިފި ނަމަ މާދަން ރިސޯޓަށް ދާ ގަޑީ އުނދަގޫވާނެއެވެ. “ހެޔޮ..އައި ވިލް ހޭންޑަލް ހާރ” އެކުއްޖާ ނިދަންވާކަށް އިޝަލް ނޫޅުނެވެ. މުޅި ދުވަހު މިލީ ނުފެނި އުޅުމުން އޭނާ ބޭނުންވީ އެކުއްޖާ ގޮވައިގެން އުޅޭށެވެ. އިޝަލްއަށް ކުދި ކިޔާފައި މިންހާ ތިރިއަށް ފޭބިއެވެ.

ވަރުބަލި ވެފައި ހުރުމުން އޭނާ ބޭނުންވީ ނިދާލަންށެވެ. ކޮޓަރި ތެރޭގައި ހުރި ކުޅޭ އެއްޗިހި ނަގައި ރީތި ކޮަށްފައި އޭނައަށް ނިދަން އޮށޯވެވުނީ ބައި ގަޑި އިރު ފަހުންނެވެ.

ރޭގައި ލަހުން ނިދާފައި ވެސް، އިރު އަރާ މަންޒަރު ބަލަން އެރިކް ހުރީ ގޮނޑު ދޮށުގައެވެ. ރިސޯޓްގެ ރެސްޓޯރަންޓުން ހޫނު ކޮފީ ތަށްޓެއް ހިފައިގެން ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ހިތާ ހިތުން ތަޢުރީފު ކުރެވުނެވެ. އުޑުގައި އެންމެ ވިލާ ރޮއްޖެއް ނެތް އިރު، މަޑު އޮރެންޖު ކުލައެއް ވަނީ ފެތުރިފައެވެ. ކާޅުތައް މިނިވަންކަމާއެކު ލަވަ ކިޔަމުން އުދުހިފައި އުޅުނެވެ. މަޑުމައިތިރި ކަމާއެކު ރާޅުތައް ގަޮނޑުދޮަށަށް ބީއްސަމުން ދިޔައެވެ. ބޯން އިން ކޮފީ ތަށި ހުސްވުމާއެކު ކުނިވަށިގަނޑަކަށް ލައިފައި އެރިކް މޫދާ ދިމާއަށް ދިޔައެވެ. އަރައިގެން ހުރި ފައިވާން ވެލި ގަނޑު މަތީ ބަހައްޓާފައި، ޖިންސުގެ ފައިކުރި އޮޅާލިއެވެ. އޭނާ ގޮނޑުދޮަށަށް އައީ މޫދަށް ފައިލާކަށް ނޫނެވެ. އެހެނަސް މޫދުގެ ރީތިކަަން ފެނިފައި ދުރުގައި ނުހުރެވުނީއެވެ. ލޮނުގަނޑުގައި ހުސް ފައިތިލަ ޖެހުމުން ފަޔަށް ފިނިވެގެން ދިޔައެވެ. އެ ވަގުތު ސިކުނޑީގައި ރައްކާކުރުމަށް އެރިކް ދެލޯ މަރާލިއެވެ. ހުރިހާ އުދާސްކަމެއް ބޭރުކޮށްލާ ސިކުނޑިއަށް ތާޒާކަން ލިބިގެން ދިޔައެވެ.

ނެރުން ލޯންޗު ވެއްދުމާއެކު އިޝަލް ފޭބިއެވެ. މިންހާ އަތުގައި އިން މިލީ އުރާލުމަށް ފަހު، މިންހާ ފައިބަން އެހީތެރިވެ ދިނެވެ. މިންހާ ފަހަތުން އަހާން ފޭބިއެވެ. އަހާން ފައިބައިފައި އަތްދިއްކޮަށްލީ ޒާޔާއަށެވެ. އަހާން އަތުގައި ނުހިފައި ރުޅި މޫނު ހަދައިގެން ހުރެ ޒާޔާ ފޭބިއެވެ. އެއަށް ފަހު އަހާންއަށް ވުރެ ކުރިން ބާރަށް، ހިނގައިގަތެވެ.
“ލަވް އަދިވެސް ރުޅި އައިއްސަތަ…އައި އޭމް ސޮރީ…ހަމަ ހުވާ ކޮށްފަ މި ބުނީ އެކުއްޖާ އަހަރެން އަތުގައި ހިފީ..” މާލެ ކޮޅުން ލޯންޗަށް އެރި ގަޑީ ، ޒާޔާ އަރުވަން އަހާން ދިއްކުރި އަތުގައި ހިފީ ފަތުރުވެރިއެކެވެ. އެކުއްޖާ އަތުގައި ހިފުމުން އަތުން ދޫކުރާކަށް އަހާންއަކަށް ނުކެރުނެވެ. ޒާޔާ ބަލަން ހުރި ގޮތުން އަހާން ބިރުން ހަލާކުވިއެވެ. މުޅި ދަތުރުމަތީގައި އަހާން ޒާޔާ ގާތުން މާފަށް އެދުނެވެސް. ޒާޔާ އިނީ އަނގައިން ނުބުނެ ރުޅި ހަދައިގެންނެވެ. ދެލޯ މަރާލުމަށް ފަހު ، ފުން ނޭވައެއް ދޫކޮށްފައި އަހާން ޒާޔާ ފަހަތުން ހިނގައިގަތެވެ.

ޒާޔާ އާއި އަހާންގެ ކުޅިވަރު ބަލަން ހެވިފައި އިޝަލް ހުއްޓެވެ. އަހާން ރުޅިއަރުވަން އެއްޗެކޭ ބުނެލިއެވެ. އަހާން ފަހަތަށް އެނބުރިފައި އިޝަލްއަށް ދެލޯ އަޅާލިއެވެ. އިޝަލް ހެމުން ދެފަރާތަށް ބޯ ހޫރާލާއިފައި މިލީއަށް ދޮނެއް ދިނެވެ. އަހާން އެ އުޅުނު ހާލުގައި އެއްޒަމާނެއްގައި އޭނާ ވެސް އުޅެން ޖެހުނެވެ.

މިލީ ރޯން ފެށުމުން އެކުއްޖާ ގޮވައިގެން ހިނގާލަން މިންހާ ދިޔައެވެ. އެކި އަޑު އަޑު ލައްވަމުން މިންހާ މަސައްކަތް ކުރީ މިލީގެ ރުއިން ހުއްޓުވޭތޯއެވެ. މިންހާ ފަހަތުން އިޝަލް ވެސް، މިލީ މަސަލަސް ކުރެވޭތޯ ހިނގަމުން އައެވެ. “ކޮބާ އޭރުވެސް ބުނިން ދޯ، ކޮއްކޮ ހޭނުލައްވާށޭ..ހީވޭ ކަމެއްހެން” މިންހާ ރުޅި އައިސްގެން އިޝަލްއަށް އަޑުލިއެވެ.

ވެލި ފޮޅާލުމަަށް ފަހު އެރިކް ތެދުވީ އޭންގެ ސޫޓްއަށް ދާށެވެ. ފައިތިލާގައި ފެން ހުރުމުން އޭނާ ފައިވާން އަތަށް ނަގައިގެން ހިނގައިގަތެވެ. ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވުމާއެކު އޭނާ ފަހަތަށް އެނބުރުނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 78

Next

ނޭދެން ވަކިވާކަށް 28 ވަނަ ބައި

Next
August 2, 2026

ނޭދެން ވަކިވާކަށް 28 ވަނަ ބައި

Previews
August 2, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 78

2 Comments!

  1. Anonymous says:
    August 2, 2026 at 10:20 pm

    Milee akee kaaku dharieh…
    Alheyy next part avahah genesdhehcheyyy…
    Curiously waiting…
    When next?.

  2. Eyesh says:
    August 2, 2026 at 10:55 pm

    OMG….
    WHOS DAUGHTER IS MILYY??
    WHY DID ISHAL CALL HIM DADA EHNNHE TALKED TO MILYY…??
    ALHEYYYYY…
    HAADHA CURIOUS KOHLLAAFA EY THI NINMAALYYYY….
    CANT WAIT FOR THE NEST PART…
    WHEN IS THE NEXT PART..???
    AVAHAH GENESDHEHCHEY…
    LYSSMMMM 🫶🏻🫶🏻

Comments are closed.



All Right Reserved!