“ދަރިފުޅާ… އިނގޭ… މިއީ މަޢާފު ހައްގުވާ ވަރުގެ ބައްޕައެއް ނޫންކަން.. އެކަމަކު… މި ނުލަފާ ބައްޕައަށް މަޢާފު ކޮށްދީ ދަރިފުޅާ.. ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބި…” އިމްރާންއަށް ލިޔެވުނީ އެހިސާބަށެވެ……
(79 ވަނަ ބައި)
ޑައިލަސިސް ހަދާ ކޮޓަރި ތެރޭގައި އޮތް އަޒީންގެ ނިއްމަތީގައި އަތް ބާއްވާލެވިފައި އޮތް އިރު އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ރުޒައިކް ބުނި ވާހަކައެވެ. ތެދެކެވެ. ހަގީގީ ލޯބިވާ މީހަކު އެމީހެއްގެ މާޒީގައި ވެފައި ހުރި ކަންކަމުގައި ހިފާ ނުދަމާނެއެވެ. އަބަދުވެސް ލޯބިވާނެއެވެ.
ނިތުން އަތް ހިއްލާލަމުން ތަންކޮޅެއް ދުރުގައި ފައިލެއް ހިފައިގެން އިން ޒާލާއާއި ދިމާލަށް އޭނާ ބަލައިލިއެވެ. މިއޮށް ހާއިރުވެސް ޒާލާ އިނީ އޭނާއާއި ދިމާލަށް ބަލަންކަން އޭނާއަށް އެނގެޔެވެ. ނަމަވެސް އަޒީން ބަލައިލިކަން އެނގުމުން ޒާލާ އަނެއްކާވެސް ފައިލާއި ދިމާލަށް ބަލައިލިއެވެ.
ޒާލާ އަނެއްކާވެސް ބަލައިލަންދެން އަޒީން ބަލަން އިނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒާލާ އަނެއްކާ ބަލައިލިއެވެ. އަޒީން އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. ކަރުކެހިލަމުން ޒާލާ ލަސް ހިނގުމުގައި ގޮސް އަޒީން ގާތުގައި އިށީނެވެ.
“ކިހިނެތްތަ؟” އަޒީން ހިނިތުންވެލަމުން އަހައިލިއެވެ. އެ ހިނިތުންވުން ފެނި ޒާލާގެ ދެފައިކޮޅުން ވާގި ދިޔަ ފަދައެވެ. އަދި އަޒީން ހިނިތުންވެލައިގެން ހުއްޓާ އޭނާއަށް މިފެނުނީ އަލަށެވެ. އޭނާ ހިނިތުންވެލި އިރު ކަނާތު ކޮލަށް އެރި އަޑި ކޮޅު ފެނި ޒާލާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ.
“ރ.. ރަނގަޅު.. އަޒީން ކިހިނެތްތަ؟…” އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް ޒާލާ ވެސް އެހިއެވެ.
“ރަނގަޅެއް ނޫނެއްނުން” ހިތި ހިނިތުންވުމަކާއި އެކު އޭނާ ގާތުގައި ހުރި މެޝިނުތަކަށް އަޒީން ބަލައިލިއެވެ. “އަހަރެން ބޭނުން ކުއްޖަކާ ވާހަކަ ދައްކާލަން. އެހެންވެ މި ގޮވާލީ.. އަހަރެންނާއި ދިމާލަށް އެވަރަށް ބަލަން އިނީމަ އެނގުން ޒާލާ ނަރުސް ހުރީ އަހަރެންނާއި މެދު ޝައުގު ވެރިވެފައި ކަން…” އަޒީން އެހެން ބުނުމުން ޒާލާ ލަދުން ދުރުބަލައިލިއެވެ.
“ހެހެ. މަށަށް ކިޔަނީ އަހުމަދު އަޒީން. އުމުރުން 21 އަހަރު. އަހަރެންގެ ހުންނަނީ ދޮންތައެއް. އަސްލު ކޮއްކޮ ދޮންތަ ކިޔަސް.. ދޮންތައަށް 19 އަހަރު.. ދޮންތައާއި އަހަރެންގެ ހުންނަނީ ދެ ބައްޕައެއް. މިއީ އެއްބަނޑު ދެބެން. ދޮންތައެއީ މަންމަ ރަށް މެދަށް ވިހޭ ކުއްޖެއް. ރަށަށް އަރުވާލި މީހެއްގެ ދަރިއަކަށް މަންމަ ބަލިވެ އިނީ.. މަންމަ ބަނޑުބޮޑު ކޮށްލާފަ ދިޔަ ގޮތައް ދެން ނޭނގެ އެމީހާ ވީ ތަނެއްވެސް. އަހަރެންގެ ބައްޕަ މަންމަދެކެ ވަރަށް ލޯބިވޭ. މަންމަގެ ބޭވަފާތެރިކަމުގެ ހިތި ރަހަ ލުމުން ބައްޕަ ބޯ ގޮވައިގެން ފުރަތަމަ ދިޔައީ ސިނގިރޭޓަށް.. ދެން ބިޑިޔާ އޭތި މީތި ބޮމުން އެންމެ ފަހުން ބައްޕަ ޖެހުނީ މަސްތުވާތަކެތީގަ. އެދުވަސް ކޮޅު މަންމަ ނިޔާވީވެސް. މަންމައާއި ބައްޕަގެ ކައިވެންޏަކީ ނުގަބޫލުގައި ކުރެވުނު ކައިވެއްޏެއް ކަމުން މާމަނެން މަށަށް ވަރަށް ނަފުރަތު ކުރޭ. މަސްތުވާތަކެތި ބޯ ފުރޭތައެއް ކައިރީ ދޮންތަ ނުބަހައްޓަން ވެގެން މާމަމެން ދޮންތަ ގެންދިޔައީ. ބައްޕަގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް އަހަރެންވެ ދިޔައީ.. ގިނަ ދުވަސް ދުވަހު އަހަރެންނަށް ކާންވެސް ދިނީ މަސްތުވާތަކެތި. އޭރު އަހަރެންގެ އުމުރުން އެންމެ 7 އަހަރު… ބައްޕަ ދިން އެއްޗެއްގަ ދޯ ހިފާނީ..؟ އޭގެ އަވައިގައި އަހަރެން ޖެހުނީ އެހިސާބުން. ބޮޑުވެ ފުރާވަރަށް އެރި ފަހުން މާމާ މެނާއި ސިއްރުން މަށާ ދޮންތަ ގުޅުން ބަދަހި ކުރިން.. 20 އަހަރުގަ އަހަރެން ޖަލަށް ލީ. އަހަރެން ޖަލުގައި އޮށްވާ ބައްޕަ ނިޔާވީ.. ބައްޕަވެސް މަރުވީ މިކަމުގަ.. ޖަލަށް ލީތާ 8 މަސް ފަހުން އެނގުނީ ކިޑްނީ ފެއިލް ވެފައި ކަން.. ދެން ކޯޓުގައި ވާހަކަތަށް ދައްކާ އެގޮތް މިގޮތުން އަހަރެން ގޭބަންދަށް ބަދަލު ކުރީ. ދެން އަހަރެން ޖަލުން ދޫކޮށްލި އިރު ދޮންތަ ހުރީ ކައިވެނި ކޮށްގެން. ދޮންތަބެއާއި އެކު އަހަރެމެން މިކޮޅަށް އެކީ ބަދަލުވީ މި… އަބަދު ޑައިލަސިސް ހަދަން އަންނަން އުނދަގޫވީމަ…” ހުރިހާ ވާހަކައެއް ކިޔާދީ ނިމުން އިރު އަޒީންއަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ.
ބަދިގެ ތެރޭގައި މެންދުރަށް ކައްކަން ހުރި ނައުރީން ހުރީ ރޭޑިއޯ އަޅުވައިގެންނެވެ. 2 ގެ ޙަބަރުގެ ކުރިން އަންނަ ޕުރޮގުރާމެއް އަޑު އަހަން ހުއްޓައި ދޭއް ޖެހި ކަމަށް އިއުލާން ކޮށްފިއެވެ. ޙަބަރު ކިޔަން ތައްޔާރުތައް ވަނިކޮށް ދުވެފައި ކަހަލަ ގޮތަކަށް ޒަވުލް ވަނެވެ. އަދި އަވަސް އަވަހަށް ރޭޑިއޯ ނިވާލިއެވެ.
“ކިހިނެތްވީ ދަރިފުޅާ؟” ޒަވުލްގެ އެ އަމަލުން ނައުރީން ހައިރާންވިއެވެ. ޒަވުލް ކުރިއަށް ޖެހިލިއެވެ. ދާހިތްލާ ފޯވެފައި ހުރުމުން އޭނާ އެއައިތާކުން އެއައީ ދުވެފައިކަން ދޭހަވެޔެވެ. ދެލޯ ރަތްވެފައި ހުރި އިރު ހުއްޓި ނުހުރެ ލޮލުން ކަރުނަތައް އަންނަމުން ދިޔައެވެ.
“ދަރިފުޅާ… ޒަވުލް… ކިހިނެތްވީ…؟” ޒަވުލްއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލަމުން ގޮސް ނައުރީން އަނެއްކާ ރޭޑިއޯ އަޅުވާލިއެވެ. އޭރު ޙަބަރު ކިޔަމުން ދިޔައެވެ. “މިއަދު ހެނދުނު އިންޑިއާއަށް ދާން މާލޭން ފުރި ބޯޓުގައި ރޯވެ މޫދަށް ވެއްޓިއްޖެ. އަދި އަދަށް އެއްވެސް މީހަކު ފެނިފައި ނުވާއިރު، ލޮނުގަނޑުން ފެނުނީ ހަމަ އެކަނި ކުދި ކުދިވެ، އަނދާފައި ހުރި ބޯޓުގެ ތަންކޮޅު ކޮޅު. ކޯސްޓު ގާޑުން އެތަން ބެލުމުގައި އަދިވެސް ކުރިއަށް ދަނީ. އިތުރު ތަފުސީލު އަންނަނީ. ދެން އަޅުގަނޑު މި ބަލާލަނީ…”
ނައުރީންގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ އަސަރުތަކަށް ބަލަން ހުރި ޒަވުލްއަށް އަނެއްކާވެސް ރޮވެން އުޅުނެވެ. “ޒާ… ޒާ… ޒާވިލް… މަގޭ … މަގޭ ޒާވިލް…” އަޑު އަޑު ނަގާ ރޯން ފަށަމުން ނައުރީންއަށް ބިންމަތީގައި އިށީނދެވުނެވެ. ނައުރީން ގާތުގައި އިށީންނަމުން ޒަވުލްއަށް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ.
އެވަގުތު ގޭ ދޮރުހުޅުވުނު އަޑަށް ނައުރީންގެ ހަށިގަނޑުގައި ކަރަންޓު ޖެހުނު ފަދައެވެ. ކުއްލިއަކަށް ތެދުވެ ރޭޑިއޯ ނިވާލިއެވެ. އަދި ތެތްވެފައިވާ ކޯތާފަތް އޭނާ ފުހެލިއެވެ. ހަމަ ޖެހެން ކުރެވުނު ހުރިހާ ކަމެއް ކުރަން ނައުރީން މަސައްކަތް ކުރިއެވެ.
އެހެން ވިޔަސް ބަދިގެއަށް ވައިން ޒާލާއަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ ސިގުނަލް ލިބުނެވެ. “މަންމާ؟ ކިހިނެތްވެފަ؟ ހާދަ ވަރަކަށް ދެލޯޯ ރަތްވެފަ؟”
“ކަމެއް ނުވޭ ދަރިފުޅާ” ޒާލާއަށް އެހެން އަހާ ނުނިމެނީސް ނައުރީން ބުނެލިއެވެ.
ކައިރީގައި އިން ގޮނޑީގައި ޒަވުލް ޒާލާ ބޭނދިއެވެ. “ނޫން މަންމާ… ދެން ދޮންތައަށް އޮޅުވާލުމުގެ އެއްވެސް މާނައެއް ނެތް.. ދޮންތާ… ބައްޕަ.. ބައްޕަ މިއަދު އިންޑިއާއަށް ދާން ދަތުރުކުރި މަތިންދާ ބޯޓުގައި ރޯވެގެން މޫދައް ވެއްޓިއްޖެ.. އަދިވެސް އެއްވެސް މީހަކު ފެނިފައެއް ނުވޭ…” ޒަވުލް ކެތްކޮށްލައިފައި ބުނެލިއެވެ. ވަގުތުން ޒާލާ އަޑުން އަޑުނަގާ ރޯން ފެށިއެވެ.
އަޑުން އަޑު ނަގާ ރޮމުން ދިޔަ ޒާލާ ކުރިމަތީގައި ޒަވުލް ކުޑަކަކޫ ޖެހިއެވެ. އެހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. އެހެން ވިޔަސް ކުރާނީ ކީއްހެއްޔެވެ؟ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ދެދަރިން ރޮމުން ދިޔަ މަންޒަރު ފެނި ނައުރީންވެސް ހުރީ ހިތް ހުއްޓޭ ވަރުވެފައެވެ. އެހެން ވިޔަސް އެ އާއިލާއަށް ނޭނގުނީ ޒާވިލްގެ މަރުގެ ސިއްރެވެ. އެކަން އެނގުމުންވެސް އެމީހުން ހަމަ އެހެން ރޯނެ ބާއެވެ؟
(ނުނިމޭ)
އައްޑިހަނަބައިގެ ތެރެއިން:
ގަބުވެފައި ހުރި ލަޝްކާ ފެނި ދާއިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ލަޝްކާއާއި ދިމާލަށް ދިޔަ ދާއިޔަލްއަށް ދެވުމުގެ ކުރިން ލަޝްކާގެ އަތުގައި އޮތް ފޯނު ވެއްޓުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






