Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

އަވައްޓެރިޔާ! -1

Eyesh Level 210 Stories100 Comments500 Comments
August 2, 2026 4 Mins Read
0 Comments

އަހަރެންނަކީ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކީމެވެ. މަންމައާ ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގައި ތިބެނީ ދޮންތައާއި ދޮންބެއެވެ. އެދެމީހުންވެސް ދިރިއުޅެނީ ރަށުގައި މަންމަމެން ކައިރީގައެވެ. ދޮންބެ އަކީ ރަށުގެ ކައުންސިލުގެ ރައީސެވެ. ދޮންބެ ކައިވެނި ކޮށްގެން 3 ކުދިން ލިބިފައިވާއިރު އާއިލާ ގޮވައިގެން ރަށުގައި އުޅެމުންދަނީ ވަރަށް އަރާމު ދިރިއުޅުމެކެވެ. ދޮންތައަކީ ބައްޕަގެ ފިހާރަ ހިންގުމާ ހަވާލުވެގެން ހުންނަ މެނޭޖަރެވެ. ދޮންތަގެ ކައިވެންޏަށް އަދި ކުއްޖަކު ލިބިފައި ނެތުމުން ގިނަ ވަގުތު ފިހާރައިގައި ، ނޫނީ މަންމަ އާއި ބައްޕަގެ ކަންކަމުގައި އުޅެވެއެވެ. ދޮންތަބެ އަކީ ރަށުސުކޫލުގެ އިސް މަގާމެއް އަދާކުރާ މީހެކެވެ. ﷲ ގެ ރަހުމަތުން އަހަރުމެންގެ ކުޑަކުޑަ އާއިލާ އަކީ ރަށުގައި ފުދިގެން އުފަލުގައި ދިރިއުޅޭ އާއިލާއެކެވެ.

 

 

އަހަރެން ރަށު ސުކޫލުން ގްރޭޑު 10އެއް ނިންމުމާއެކު މާލެއައިސް ތިމާގެ މީހެއްގެ ގޭގައި ހުރެ އެކައުންޓިންއިން ކޯސްތައް ހެދީމެވެ. އެކަމުގައި އާއިލާގެ ވަރަށްބޮޑު އެހީތެރިކަން އަހަރެންނަށް ލިބުނެވެ. އަހަރެން ރަށުގައި ދިރިއުޅެން ބޭނުން ނުވަނީ ރަށުން އެކައުންޓިންގެ ދާއިރާއިން ރަނގަޅު ވަޒީފާއެއް ނުލިބޭނެކަން އެނގޭތީއެވެ. އަނެއްކާ އަހަރެންގެ ގިނަ ރައްޓެހިންވެސް ރަށު ސުކޫލު ނިންމުމަށްފަހު މާލެ ބަދަލުވުމާވެސް އެކުގައެވެ. އަހަރެންގެ އެއްވެސް އެދުމަކަށް އާއިލާއަކުން ދުވަހަކުވެސް ހުރަހެއް ނާޅައެވެ. ކޮންމެ ކަމެއްގައިވެސް ވަރަށް އެއްބާރުލުން ލިބެއެވެ. ކޯސްތައް ނިމުމާއެކު ވަރަށް ފަސޭހައިން އަހަރެންނަށް 15000 ރުފިޔާގެ މުސާރައަކަށް ވަޒީފާ އެއްލިބުނެވެ.

 

ވަޒީފާއަށް ދާން ފެށިތާ ފަސްމަސް ފަހުން އަހަރެން ކިޔަވަން ހުރިގެއިން ނިކުމެ އަމިއްލައަށް ވަކިން އުޅެން ބޭނުންވުމުން އެކަމުގައިވެސް އާއިލާއިން ވަރަށް ހިއްވަރުދިނެވެ. ކޮންމެ މަހަކު ދޮންތަ ،2000 ރުފިޔާ އަދި ދޮންބެ 3000ރުފިޔާ ފޮނުވާނެ ކަމުގައި ބުންޏެވެ. ބައްްޕަ އެއްބަސްވީ ކޮންމެ މަހަކު 5000 ފޮނުވާ ގޮތަށެވެ. އެހެންކަމުން އަހަރެން އަވަހަށް ކުއްޔަށްދޭ އެޕާޓްމެންޓްތައް ބަލަން ފެށީމެވެ.

 

އެހެން ބަލަނިކޮށް އަހަރެންގެ އޮފީހާ ވަރަށް ކައިރިން ގާތްގަނޑަކަށް އޮފީހާ 3 ކޮށި ދުރުން އެއްކޮޓަރީގެ އެޕާޓްމެންޓެއް ލިބޭ ގޮތްވިއެވެ. އެއީ ދިހަބުރިއަށް ރީތިކޮށް ހަދާފައި ހުރި އިމާރާތެކެވެ. އަހަރެންނަށް ލިބުނީ އެތަނުގެ ފަސް ވަނަ ފަންގިފިލާއިން އެއްކޮޓަރީގެ އެޕާޓްމެންޓެކެވެ. ތަނުގެ ކުއްޔަށް ދޭންޖެހެނީ 10000 ކަމުން ރަށުން ލިބޭ ލާރިން ކުލި ދެއްކުމަށް ފަހުގައި އަހަރެންގެ މުސާރައިން ބިލުތަކާއި ކެއުން ބުއިން ހަމަޖެއްސުމަށް ފަހުގައިވެސް ކޮންމެވެސް ވަރެއް ރައްކާކުރެވޭނެތީ އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެެ.

 

 

އެގޭގެ އެންމެ ތިރީގައި ކާބޯތަކެތި ވިއްކާ ފިހާރައެއް ހުރެއެވެ. ކޮންމެ ފަންގިފިލާއެއްގައި 3 އެޕާޓްމެންޓް ހުރެއެވެ. އެއީ އެއްކޮޓަރީގެ 2 އެޕާޓްމެންޓާއި 2 ކޮޓަރީގެ އެޕާޓްމެންޓެކެވެ. އަހަރެންގެ އެޕާޓްމެންޓަކީ އެއްކޮޓަރީގެ ތަނެއްކަމުން ބަދިގެއާއި ސިޓިންރޫމުވެސް މާކަ ބޮޑެއްނޫނެވެ. ނަމަވެސް އެކަނި އުޅެލަން ވަރަށް ވެސް ހިތްގައިމެވެ. އެންމެ އުފާވީ ގޭގެ ސިޓިންރޫމުގެ ބެލަކަނި މަގަށް ވާގޮތަށް އިންނާތީއެވެ. ހަމަޖެހިލައިގެން އެތާހުރެ މަގުމައްޗަށް ބަލަމުން ކޮފީއެއް ބޯލިޔަސް ފޫހި ފިލައެވެ. އެތާހުރެ ތިރި ބަލާލާއިރު ގޭގެތިރީގައި ހުންނަ ފިހާރައަށް އަބަދުވެސް މީހުން ވަދެނިކުމެ ހަދާތަން ފެނެއެވެ. އެފިހާރައިގައި އިންނަ ހަސަންބެއަކީ އެންމެންނާވެސް ގުޅޭމަޖާ މިޒާޖެއްގެ މީހެއް ކަމުން ހިސާބުގަނޑު ގިނަ މީހުން އެފިހާރައަށް އަބަދުވެސް އައިސް ހަދައެވެ.

 

 

ގޭގެ ވެރިމީހާ ޝިހާމް އޭނާގެ އާއިލާއާއިއެކު ދިރިއުޅެނީ ލަންކާގައި ކަމުން އެންމެންގެ އަތުން ކުލިތައް ނަގައި، ގޭގެ ކަންކަން ބަލަހައްޓަނީ އެކަމަށް މުސާރަދީފައި ބަހައްޓާފައި ހުންނަ ތައުފީގެވެ. ތައުފީގު އެހެން ގެއެއްގައި ދިރިއުޅުނަސް، އިސްކުރެއް ހަލާކުވެ ނޫނީ ލިފްޓް މައްސަލައެއް ޖެހި ކަމެއް ވިޔަސް ގުޅާލީމާ މާލަސްނުވެ މަސައްކަތު މީހުން ގޮވައިގެން އައިސް އެކަމެއް ކޮއްލައިދެއެވެ. އެހެންކަމުން އެކަނި އުޅުނަސް އުނދަގޫވާ އެއްވެސް ކަމެއްނޯވެއެވެ.

 

 

އޮފީސް ހުންނަނީ ގެއާ މާދުރުގައި ނޫންކަމުން އަބަދުވެސް އަހަރެން އޮފީހަށް ދަނީ ހިނގާލާފައެވެ. އަބަދުވެސް އެއްމަގު ތަކަކުންނެވެ. ކޮންމެ ދުވަހަކު ލިފްޓުން އަރާ ފައިބާ ހަދާއިރު އެކި ފަންގިފިލާ ތަކުގައި އުޅޭމީހުންނާ ދިމާވެ ހީލާ ހަދާލައެވެ. އެތަނުން ބައެއްމީހުން އެކަކު އަނެކަކުގެ ނަމުން ގޮވާލާ ވާހަކަ ދައްކާލައިވެސް ހަދައެވެ. އެންމެންވެސް އަބަދުވެސް ފެންނަނީ ވަރަށް ހިތްހެޔޮކޮށެވެެ. އެގޮތުން އާންމުކޮށް ފެންނަ އެކަކީ ތިންވަނަބުރީގެ އެޕާޓްމެންޓެއްގައި އުޅޭ ސަމީރުއެވެ. ސަމީރު އަބަދުވެސް ފެންނަނީ ވަރަށް މަޑުމައިތިރި މީހެއްގޮތަށެވެ. އޭނާ މަދުންނޫނީ މީހަކާ އަނގައިން ބުނާތަނެއް ނުފެނެއެވެ. އާންމުކޮށް ލިފްޓު ތެރެއިން ފެނުނަސް ފެންނާނީ ކަނެއްގައި އިސްޖަހާލައިން ހުއްޓައެވެ.

 

 

އާދައިގެ މަތިން އެދުވަހުވެސް އޮފީސް ނިމިގެން ތިރީ ފިހާރައިން ކައްކަން ބޭނުންވާ ސާމަނު ކޮޅެއް ގަނެލައިގެން ގެއަށްވަދެ ލިފްޓާ ހިސާބަށް އެރުނުއިރު ލިފްޓުގެ ދޮރު މަޑުމަޑުން ލެއްްޕެން ދަނީއެވެ. ކުއްލިއަކަށް އެތެރޭގައި ހުރިމީހާގެ އަތުން ހަނާ އަޅާލުމުން ދޮރު ހުޅުވުނެވެ. އަހަރެން އަތުގައި ހުރިކޮތަޅު ތަކާއެކު އަވަހަށް ލިފްޓުތެރެއަށް ދެމިގަތީމެވެ. އޭރު އެތެރޭގައި ހުރީ ތިންވަނަ ބުރީގައި އުޅޭ ސަމީރުއެވެ.

“އަބަދުވެސް މިގަޑިގަ ދޯ ގެއަށް އަންނަނީ..؟” ސަމީރު ހުރީ އަހަރެންގެ މޫނަށް ބަލާށެވެ.

“އާނ… ގާތްގަނޑަކަށް މިހާއިރު.” ސަމީރުއަކީ އަހަރެންނާ ދުވަހަކުވެސް ވާހަކަ ނުދައްކާ މީހެއްކަމުން އަހަރެން ޖަވާބު ދިނީ ކުޑަކޮށް ލަދުންހުރެއެވެ.

“އާނ.. ކޮންމެ ދުވަހަކުވެސް ފަސްގަޑި ބަޔާ ފަސްގަޑި ސާޅީސް ފަހަކާ ދޭތެރޭގައި އަންނަނީ..” ސަމީރު އަދިވެސް ހުރީ ކަޅި ޖަހާނުލައި އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.

“އަބަދު އެއްގަޑިއެއްގަ އަންނާތީ ފާހަގަވީދޯ..” އަހަރެންނަށް ކުޑަކޮށް ހެވުނެވެ. ސަމީރުވެސް ހީލިއެވެ. އެފަހުން ދެމީހުންކުރެ އެކަކުވެސް އިތުރު އެއްޗެއް ނުބުނެއެވެ. އަހަރެން އުޅޭ އެޕާޓްމެންޓަށް ދެވެންދެން ލިފްޓްތެރޭގައި ވީ ހަމަހިމޭންކަމެވެ.

 

 

އެރޭ ނިދަންއޮށޯތީއްސުރެ އަހަރެންނަށް ވިސްނުނީ ސަމީރުއަށް އަހަރެން އޮފީހުން އަންނަ ގަޑި އެހާ ސީދަލަށް ބުނަންއެނގުމުން އެކަމާއެވެ. އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްކައިރީގައި އަހަރެން ގެއަށް އަންނަ ގަޑިއެއް ނުބުނަމެވެ. ދޭތެރެއަކުން އެގަޑީގައި ލިފްޓުން ފެންނާތީ ފާހަގަވީ ކަންނޭގެއެވެ. ނޫނީ ގެސްއެއް ކޮއްލީ ކަންނޭނގެއެވެ. އެހެން އެތައް އިރަކު އެކަމާ ވިސްނަން އޮތުމަށްފަހު، މީހުންނާ ދޭތެރޭ މާގޯސްކޮށް ވިސްނަން ނުވާނެ ކަމަށް އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށް ފަހު ނިދީމެވެ.

 

އަނެއްދުވަހު ހެނދުނު ހޭލައިގެން އޮފީހަށް ދާން ތައްޔާރު ވާން ހުރީރު އެކި އެކި ހިޔާލުތައް ސިކުނޑީގައި އެނބުރެން ފެށިއެވެ. އެއް ގެއެއްގައި އެއް ލިފްޓަކުން އަބަދު އަރާ ފައިބާ އިރު އެކަކު އަނެކަކަށް ްެއެނގޭނެތާއެވެ. ދެކެ ފަރިތަ އަވައްޓެރިން ވީމާ އަބަދު ގެއަށް އައިސް ގޮސް ހަދާ ގަޑިވެސް ފާހަގަ ވެދާނެއެވެ. އެއީ މާބޮޑު ކަމެއް ނޫންކަންނޭނގެއެވެ.
އޮފީހަށް ދާން ތައްޔާރުވެ ނިމުމުން އަވަހަށް ނިކުމެ އެޕާޓްމެންޓުގެ ދޮރު ތަޅުލުމަށްފަހު ލިފްޓް އާދޭތޯ ކުޑަކޮށް މަޑުކޮށްލީމެވެ. ނަމަވެސް މާ ގިނައިރުވުމުން އޮފީހަށް ގަޑިޖެހެން ބޭނުން ނުވާތީ އަވަހަށް ސިޑިން ފައިބަން ފެށީމެވެ.

ސިޑިން ފައިބައިގެން ދިޔައިރު ތިންވަނަ ބުރިއަށް ފޭބުން ތަނުން ސަމީރު އުޅޭ އެޕާޓްމެންޓް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭގެ ދުވަސްކޮޅެއް ކުރިން ލިފްޓްގެ މެއިންޓެނެންސް މަސައްކަތެއް ކުރި ދުވަހެއްގައި އަހަރެން ސިޑިން މައްޗަށް އެރިވަގުތު ސަމީރު އޭނާގެ އެޕާޓްމެނޓުން ނިކުތްތަން އަހަރެންނަށް ވަނީ ފެނިފައެވެ. އެތަން ހަނދާންހުރީ އެހެންވެއެވެ.

އެ އެޕާޓްމެންޓުގެ ދޮރުގެ މަތީގައި ހިސާބު އަކުރުން ޖަހާފައި އިން ނަންބަރަށް އަހަރެން ބަލާލީމެވެެ. އޭރު އެތެރިން މީހަކު ވާހަކަ ދައްކަން ހުރެފައި ކުއްލިއަކަށް ހުއްޓާލިހެން ހީވިއެވެ. އެކަމާ މާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ބެލީ އަވަހަށް ފައިބައިގެން އޮފީހަށް ދެވޭތޯއެވެ.

އާދައިގެ މަތިން މަގުތައް ވަރަށް ހަލަބޮއްޔެވެ. އޮފީސްތަކަށް ދާ މީހުންނާ އެކި ތަންތަނަށް ދާ އެތައްބަޔަކު މަގުތަކުގައި އެކި ކޮޅު ކޮޅަށް ހިނގާތީ ފެނެއެވެ. ދުއްވާއެއްޗެހި ވެސް އެހާގިނައެވެ. އަހަރެންގެ އޮފީސް ހުންނަނީ އެއިމާރާތުގެ އެންމެ ތިރީގައި ކަމުން އޮފީހުގެ ދޮރު ހުންނަނީ މަގުމަތިން އައިސް ވަދެވޭ ގޮތަށެވެ. އަހަރެން ބާރަށް ހިނގާފައި ގޮސް އޮފީސް ދޮރުމައްޗަށް އެރިތަނުން ލޮލުގައި އަޅައިގަތީ ދޮރުކައިރީގައި ފަތްޖަހާފައި އޮތް ކަރުދާސް ކޮޅެކެވެ.

“ނޫރާ” ކަޅު ގަލަމަކުން އޭގައި އަހަރެންގެ ނަން ލިޔެފައި އޮތެވެ. ހައިރާންވެ ހުރެ އެގަނޑުކޮޅު ނަގައި ހުޅުވާލީމެވެ. އޭގައި އޮތީ ކުރު ލިޔުންކޮޅެކެވެ.

“ބެއެއް މީހުންނަކީ ނޫރާ ނުދަންނަ މީހުން ކަމުގައި ނުވެދާނެ…. އެއީ ނޫރާއަށް އަދިފާހަގަ ނުވާމީހުން ކަމުގައިވެސް ވެދާނެ.”

އިތުރު އެއްވެސް އެއްޗެއް އޭގައި ލިޔެފައެއް ނެތެވެ. އޭތި ބޭއްވި މީހެއްގެ ނަން ލިޔެފައި އޮތްތޯ ގަނޑުކޮޅުގެ ދެފުންވެސް ބަލާލީމެވެ. އިތުރު އެއްވެސް އެއްޗެއް އެއަކު ނެތެވެ. ކުޑަކޮށް ޖެހިލުންވެ ހުރެ އަހަރެން މަގުގެ ދެފަރާތް ހޯދާ ބަލާލީމެވެ. އެ ކަރުދާސްކޮޅު ބޭއްވި މީހާ ދުރުގައި ބަލަން ހުރެދާނެ ކަމަށް އިރުކޮޅަކު މަޑުވެސް ކޮއްލީމެވެ. ވަކިން އެހެން މީހަކު ފާގަ ނުވުމުން އޭތި ދަބަހައް ލަމުން އަހަރެން އޮފީހަށް ވަނީއެވެ. އެ ކަރުދާސް ކޮޅުގެ ވާހަކަ އަހަރެން އެއްވެސް މީހެއް ކައިރީގައި ނުބުނަމެވެ. މުޅިދުވަހު އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލެއް އެނބުރުނެވެ. އޮފީހުގެ މަސައްކަތް ތަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

އޮފީސް ނިމިގެންގޮސް ގެއަށް ވަންނަން ދަނިކޮށް ތިރީ ފިހާރައިގައި އުޅޭ ހަސަންބެ ސިނގެރެޓެއް ބޯން ގެ ކައިރީގައި މަޑުކޮށްލައިގެން ހުއްޓައި ފެނުނެވެ. އަހަރެން އަރާހަމަވުމުން ހަސަންބެ އަހަރެންނަށް ބަލާލުމަށްފަހު ހީލިއެވެ. “ނޫރާ އުޅެނީ މިގޭ ފަސްވަނަ ބުރީގައިދޯ” ހަސަންބެގެ ސުވާލަށް އަހަރެން ހީލަމުން އާނއެކޭބުނީމެވެ.
“ހަސަންބެ ހީކުރީ ނޫރާ އެހެން އެެޕާޓްމެންޓަކަށް ބަދަލުވީކަމަށް.” ހަސަންބެ ކުޑަކޮށް ހައިރާންވެފައި ހުރެ އެހެން ބުނުމުން އަހަރެން ވެސް ސުވާލު އުފެދުނެވެ. “ނޫން… ކީއްވެ ހަސަންބެއަށް އެހެން ހީވީ..” އަހަރެން ނަށް ހައިރާންވެފައި އަހާލެވުނެވެ. “ކަމެެއް ނުވޭ… އެއީ ހީވިގޮތް ކަންނޭނގެ… އެހެންމީހެއް ކަންނޭނގެ އެއީ….” ހަސަންބެ ވާހަކަ ދެއްކީ ގޭގެ ދޮރާދިމާލަށް ބަލަންހުރެއެވެ. އަހަރެން ހީލަމުން ދެންދަނީއޭ ބުނެ ގެއަށް ވަނީމެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

މަލާމާތް ލޯބި – 9

Next

އެންމެ ފަހު ސިޓީ ــ1

Next
August 2, 2026

އެންމެ ފަހު ސިޓީ ــ1

Previews
August 2, 2026

މަލާމާތް ލޯބި – 9



All Right Reserved!