Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިއެހެނިހެން

އަވައްޓެރިޔާ! – 2

Eyesh Level 210 Stories100 Comments500 Comments
August 2, 2026 4 Mins Read
0 Comments

އެދުވަހަށް ފަހު އަހަރެންނަށް ކުރިން ފާހަގަ ނުވާ އެތައް ކަމެއް ފާހަގަ ވާން ފެށިއެވެ. އެއީ އެދުވަހު ހިތުގައި އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ގެއާއި މަގުމަތިން ފެންނަ މީހުންނާ، އެމީހުންގެ މޫނުގެ ކުލަވަރާ، ހިނގާފައި ދާއިރު ކައިރިންދާ މީހުންނާ ދުއްވާ އެއްޗިއްސަށް ކުރިން ނުދޭ ސަމާލުކަން ދެވެން ފެށުނެވެ. މީހަކު ތަނެއްގައި ހުއްޓި ހުރިތަން ފެނުނަސް އެމީހަކު ބަލަނީ އަހަރެންނާ ދިމާލަށް ތޯވެސް ބެލެން ފެށުނެވެ. އެއީ އެދުވަހު އެކަރުދާސް ކޮޅު ފޮނުވި މީހަކު ނޭނގޭތީ ހިތުގައި އުފެދުނު ސުވާލުތަކާއި ނުތަނަވަސް ކަމުން ކަމުގައި ވެސް ވެދާނެއެވެ. އެއީ އަނެއްކާ ސަމީރު ބޭއްވި އެއްޗެއްބާއެވެ؟ ނޫނީ އެހެންމީހަކު ބޭއްވި އެއްޗަކަށް ވެސް ވެދާނެބާއެވެ؟ ހިތުގައި އުފެދޭ އެތަކެއް ސުވާލެއް ހުރިނަމަވެސް އެސުވާލުތަކުގެ ޖަވާބު ނުލިބޭނެކަން އެނގޭތީ ހިތްހަމަ ޖައްސާލެވޭތޯ ބަލަނީއެވެ.

 

 

ކިތަންމެ ވަރަށް ނުވިސްނަން އުޅުނަސް އެއްކަމަކަށް އަބަދުވެސް ސިކުނޑި ރުޖޫއަވެއެވެ. އެއީ ސަމީރުގެ އެޕާޓްމެންޓެވެ. މިހާރު އަހަރެން މިގޭގައި އުޅޭތާވެސް ތިން މަހަށް ވުރެގިނަވީއެވެ. އަހަރެންގެ އަވައްޓެރި އެޕާޓްމެންޓުތަކުގެ މީހުންގެ އަޑު އަހަރެންނަށް ވަކިކުރަން އެނގެއެވެ.

ހަތަރުވަނަ ބުރީގައި 2 ކޮޓަރީގެ އެޕާޓްމެންޓުގައި އުޅޭ އާއިލާގެ މީހުން އަޑުގަދަކޮށް ދެބަސްވާ އަޑު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހެނދުނު އިވެއެވެ. ހަވަނަ ބުރީގައި އުޅޭ ދެމަފިރިންގެ އެޕާޓްމެންޓުން ލަވަ ޖަހާއަޑުވެސް އިވެއެވެ. ގޭގެ ބެލްކަނި ހުޅުވާފައި ހުންނާތީ ކަމަށް ވެސް ވެދާނެއެވެ. އައްވަނަ ބުރީގައި އުޅޭ 5 އަހަރުގެ ކުޑަ އަންހެންކުއްޖާ ގޮވައިގެން އެކުއްޖާގެ މަންމަ ސުކޫލަށް ދާގަޑީގައި އެކުއްޖާ ބޮޑާހާކާ ބާރަށް ރޯއަޑުވެސް ދޭތެރެއަކުން އިވެއެވެ.

 

އެހެން ގެތަކެކޭ އެއްގޮތަށް މިގޭގެ ކޮންމެ އެޕާޓްމެންޓަކުންވެސް އެކި އަޑުއަޑު އިވެއެވެ. ހަމައެކަނި އަޑެއް ބަޑެއް ނީވޭނީ ސަމީރު އުޅޭ ތަނުން އެކަންޏެވެ.

 

 

އަހަރެން ފިހާރައަކަށް ދާން ރައްޓެއްސަކާއެކު ނިކުތްރެއެކެވެ. އޭނާ ސައިކަލުގައި ބަލާ އަންނަންދެން ގޭކުރިމަތީ ޕޭމަންޓް މަތީގައި ހުއްޓިލައިގެން ހުރީ ގޭދޮރުމަތީގައި ހުރުމުން ގެއަށް ވަދެ ނިކުމެ ހަދާ މީހުންނަށް އުނދަގޫ ވެދާނެތީއެވެ. އޭރު ފިހާރަ ތަކާ ކެފޭތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން މުޅިމަގުވަނީ އަލިވެފައެވެ. ދުއްވާ އެއްޗެހީގެ އަޑު ނުކެނޑި އިވެމުންދިޔައެވެ. ނަމަވެސް ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން ވަށައިގެންވާ ހަލަބޮލިކަން ހަނދާން ނެތޭހާވެއެވެ. އެހެންހުރެ މައްޗަށް ބަލާލި ވަގުތު ލޮލުގައި އަޅައިގަތީ ހަތަރުވަނަބުރީގެ ސަމީރު އުޅޭ ބައިގެ ބެލްކަނީގެ ދޮރެވެ.. ދޮރުފޮތިގަނޑު ކޮންމެވެސް ވަރަކަށް ކެހިފައި ހުރުމުގެ ސަބަބުން އޭނާގެ ސިޓިންރޫމުގެ އެތެރެ ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ. އެތާގައި ކުޑަ އެއްމޭޒު ބަހައްޓާފައި ހުރިއިރު އެމޭޒު ކައިރީގައި ބަހައްޓާފައި ހުރީ އެންމެ ގޮނޑިއެކެވެ. އިތުރު އެއްވެސް އެއްޗެއް އެތަނުން ފެންނާކަށް ނެތެވެ. ކުއްލިއަކަށް އެތަނުގެ ބޮކި ނިވުނެވެ.

 

އަހަރެން އަވަހަށް އަނެއް ފަރާތަށް އެނބުރުނީމެވެ. އަނެއްކާ އަހަރެން ބަލަން ހުއްޓާ ސަމީރުއަށް ފެނުނީ ބާއެވެ. އެކަމަކު އެތާއެތެރެއަކުން ގައިމުވެސް އެއްވެސް މީހެއް އަހަރެން ނުދެކެވެ. ވީއިރު އެތާގައި ނެތްމީހަކަށް އަހަންނެއްވެސް ނުފެންނާނެތާއެވެ.

 

އޭގެ އަނެއް ދުވަހު ހެނދުނު އަހަރެން ގެއިން ނިކުތްއިރު އެޕާޓްމެންޓުގެ ދޮރު މަތީގައި ކުޑަ ގަސް ޕޮޓެއް ބަހައްޓާފައި ހުއްޓެވެ. އެއީ ހުދުކުލައިގެ ކުޑަ ޕޮޓެއްގައި ހުރި ރީތި ކުޑަގަހެކެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. މީހަކު ފެންނާކަށް ނެތެވެ. އެޕޮޓުގެ ތެރޭގައި ކުޑަ ކާޑެއް އޮތެވެ. އަހަރެން އެކާޑުނަގައި ކިޔާލީމެވެ.

“ނޫރާ! ގަސް ގަހަށްވެސް އަހަރުމެން އިންސާނުންގެ ސަމާލުކަން ބޭނުންވާނެ..”

އަހަރެން އެގަސް އެތެރެއަށް ވައްދައި އެކާޑު ޑަސްބިނަށް ލީމެވެ. އޮފީހަށް ދާންނިކުތް އިރު ތިރީ ފިހާރަތެރޭގައި އަހަރެންގެ އެޕާޓްމެންޓާ ޖެހިގެން އުޅޭބައިގައި އުޅޭ ރަމްޝާ ހުރިތަން ފެނުނެވެ. އަހަރެން އެތަނަށް ވަދެ އޭނާ ކައިރީގައި އެގަސް ބެހެއްޓި މީހެއް އެނގޭތޯ އަހާލުމުން ނޭނގޭ ކަމުގައި އޭނާ ބުންޏެވެ.

” ސަމީރު އިއްޔަ މިތަނަށް ވަތްއިރު އޭނާއަތުގަ އޮތް ކުޑަ ގަސް ޕޮޓެއް.” އަހަރެން ރަމްޝާއާ ވާހަކަ ދެއްކިއަޑުއަހަން އިން ހަސަންބެ ބުންޏެވެ.

“ކޮންކަހަލަ ގަހެއް؟” އަހަރެން އަހާލީމެވެ.

“ނޭނގެ އެހެންބުނާކަށް. ކުޑަގަހެއް އެއި.” ހަސަންމެ ކޮނޑު އަރުވާލަމުން ޖަވާބު ދިނެވެެ. އަހަރެންގެ ހިތުގައި އެތަކެއް ސުވާލެއް އެނބުރެންފެށިއެވެ. ސަމީރުއަހަރެންނަށް ގަހެއް ހަދިޔާކުރަންވީ ކީއްވެބާއެވެ؟ އޭނާއަކީ އަހަރެންގެ ރައްޓެއްސެއްވެސް ނޫނެވެ.

 

 

އެދުވަހަށް ފަހު އަހަރެންގެ ބައެއް ކަންކަން މަޑުމަޑުން ބަދަލުކުރަން ފެށީމެވެ. އާންމުކޮށް އޮފީހަށް ދާން ގެއިންނިކުންނަ ގަޑިއަށްވުރެން ތަންކޮޅެއް އަވަހަށް ގެއިން ނިކުންނަން ފެށީމެވެ. އެހެން ނޫނީ ނުހިނގާ މަގުތަކުން އޮފީހަށް ގޮސް ގެއަށް އަންނަންފެށީމެވެ. އެހެންނޫނީ ނުވަންނަ ފިހާރަތަކަށް ވަދެލާ ހަދަންފެށީމެވެ. ލިފްޓް ހުސްކޮށް ހުއްޓަސް ބައެއް ފަހަރު ސިޑިން އަރައި ހަދަންފެށީމެވެ. އަހަރެންނަށް މީހަކު ފާރަލިޔަސް އެމީހަކަށް އަހަރެންގެ އާންމު ކަންކަން އޮޅޭނެހެން ކަންކަން ބަދަލުކޮށްލީމެވެ.

ދުވަސްކޮޅެއް ފާއިތުވެގެންދިޔައީ އެއްވެސް ތަފާތު ކަމެއް ދިމާނުވެއެވެ. ސަމީރުވެސް ނުފެނެއެވެ. އަދި އޮފީސްކައިރީގައި ކަރުދާސްކޮޅު ބޭއްވި މީހާވެސް ދެވަނަ ފަހަރަކަށް އެކަހަލަ ކަމެއް ނުކުރެއެވެ. އެހެން ދެހަފްތާވަރު ފާއިތުވެގެން ދިއުމުން ކުރިން ހިތުގައި އޮތްބިރުވެރިކަން މަޑުމަޑުން ފިލަންފެށިއެވެ. ބޭކޭރު ކަންކަމާ މާބޮޑަށް ނުވިސްނުމަށް އަމިއްލަ ނަފްސަށް ވިސްނައިދީ މީހާ ހަމައަކަށް އެޅެންފެށިއެވެ.

 

 

******************

 

އޮފީހުގައި ބުރަކޮށް އުޅެންޖެހުމުން ވަރަށް ބަރުބަލިވެހުރެ ގެއަށް އައިސް ވަތްދުވަހެކެވެ. ގޭގެދޮރުން ވަތްތަނާ އަހަރެންގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމުގެ މޭޒުމަތީގައި ހުރި އަހަރެން ކޮފީބޯން ގެންގުޅޭ ރަތްކުލައިގެ ޖޯޑެވެ. އަހަރެންގެ ދެފައި ތުރުލައިގެންދިޔައެވެ. އެދުވަހު ހެނދުނު އޮފީހަށް ދިއުމުގެ ކުރިން އެޖޯޑު ބޭނުންކުރުމަށް ފަހު ދޮވެފައި ތަށިލާހަރުގައި ބޭއްވި ހަނދާން އަހަރެން ވަރަށް ރަނގަޅަށް އެބަހުއްޓެވެ. ހައިރާންކަމާއެކު އިރުކޮޅަކު އެޖޯޑަށް ބަލަންހުރެވުނެވެ.

 

އަހަރެން ހަނދާން ނެތުނީ ކަންނޭނެގެއެވެ. ހެނދުނު މާބޮޑަށް ނިދިއައިސްފައި ހުރުމުން އެޖޯޑު އެތަނުގައި ބެހެއްޓުންކަން ހަނދާން ނެތުނީކަމަށްވެސް ވެދާނެއެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އަހަރެންގޮސް އޭތި ނެގީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ޖޯޑުގެ އަރިމަތީގައި ނުހިކި ހުރި ފެނެވެ. އަހަރެން އެދުވަހު އޮފީހަށް ދިޔައީ ސިޓިންރޫމު ތެރޭގައި ހެދުން ރެކުގައި ހެދުންތައް ހިއްކަން އަޅުވާފައި ސިޓިންރޫމުގެ ފަންކާވެސް ޖަހާފައެވެ. ވީއިރު އޭގައި އެގޮތަށް ފެންހުރެގެން ނުވާނެއެވެ. ފެންފޮދެއް އެހެން ހުރިނަމަވެސް ހިކޭހާ އިރުވެއްޖެއެވެ.

 

އަނެއްކާ ގެއަށް މީހަކު ވަނީބާއެވެ.؟؟.. އަހަރެން ގަތްބިރުންގޮސް ގޭގެ ކުޑަދޮރުތައް ހުޅުވިފައި ހުރިތޯ ބެލީމެވެ. ހުރިހާ ކުޑަދޮރެއްވެސް ހުރީ އަހަރެން ހެނދުނު ގެއިން ނިކުންނަމުން ލެއްޕި ގޮތަށެވެ. ގޭތެރެއިން އެއްވެސް އެއްޗެއް ގެއްލި، ނޫނީ ހަލާކުވެފައެއްވެސް ނެތެވެ. ވަގަކު ވަތްނަމަ ކޮންމެވެސް އެއްޗެއް ގެންދާނެތާއެވެ….

 

ގަތް ބިރުން އަހަރެންނަށް އެރޭ ރޭގަނޑު ނުވެސް ނިދުނެވެ. ސިކުނޑީގައި ގިނަވަމުންދިޔަ އެކިހިޔާލުތަކާހެދި ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލޯމަރާލިޔަސް ސިހިފައި ހޭލެވެނީއެވެ. އެއްގޮތަކަށް ވެސް ނިދޭގޮތް ނުވުމުން އަހަރެން ސިޓީންރޫމަށް ނިކުމެ ޖޫސްތައްޓެއް ހިފައިގެން ވާހަކަ ފޮތެއް ކިޔާލަން ސޯފާގައި ޖައްސާލީމެވެ. އޭރު ގަޑިން މެންދަމުން އަނބުރާ ދޭއްޖަހަނީއެވެ. އެގަޑީގައި އަޑެއް ބަޑެއް ނީވޭތީ ވާހަކަ ކިޔާލަން އެހެން އިންނަށް ވަރަށް ފަސޭހަވިއެވެ.

 

އިރުކޮޅަކު އެހެން އިންދާ ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. ސޯފާ ބަހައްޓާފައި ހުންނަނީ ގޭގެދޮރާ ވަރަށް ކައިރީގައި ކަމުން އެއަޑު ވަރަށް ސާފުކޮށް އަހަރެންނަށް އިވުނެވެ. އެއަޑުއަހަން އަހަންނަށް ބިރުން ނޭވާ ހިފަހައްޓާލައިގެން ތުރުތުރުލާ ހާލު ގަނޑުވެފައި އިނދެވުނީއެވެ. އެ ފިޔަވަޅުތަކުގެ އަޑު އިރެއްއިރަކަށް ގޭދޮރާ ކައިރިވަމުން އައިސް ސީދާ ދޮރުމަތީގައި އެމީހަކު ހުއްޓުނުކަން އަހަރެންނަށް އެނގުނެވެ.

 

“ނޫރާ….” މިނެޓެއްހާއިރު އަޑެއްބަޑެއް ނީވި ހުރެފައި މަޑުމަޑުން އެމީހާ ކިޔާލިއަޑު އިވުނެވެ. އެއަޑަށް އަހަރެންގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ. އިރުކޮޅަކުން އެމީހަކު ސިޑިން ފައިބައިގެން ދިޔަ އަޑުވެސް އިވުނެވެ. އަހަރެން މުޅިރޭ އުޅެންޖެހުނީ ނުނިދައެވެ. އިރުއެރީވެސް ބިރުން ސިހި ސިހި އިންދައެވެ.

 

އެއީ ހުކުރު ދުވަސް ކަމުން އޮފީހަށް ދާންނުޖެހޭކަން އެއީ އަހަރެންގެ ނަސީބެވެ. ހެނދުނު ހައެއް ޖަހަނިކޮށް އަހަރެން ތައުފީގުއަށް ގުޅައިގެން އެޕާޓްމެންޓުގެ ބޭރުގައި މަތީގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާގެ ރެކޯޑިން ބެލުމަށް އެދުނީމެވެ. ތައުފީގު ލެޕްޓޮޕް ހިފައިގެން އައިސް އަހަރެންނަށް ރޭގެ ރެކޯޑިންދެއްކިއެވެ.

އޭގެން ފެނުނީ އިސްޖަހާލައިގެންހުރި ފިރިހެނަކު މަޑުމަޑުން ސިޑިން އަރައިގެން އައިސް އަހަރެންގެ އެޕާޓްމެންޓުގެ ދޮރުމަތީގައި ހުއްޓުނުތަނެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު މައްޗަށް ކެމެރާއާދިމާލަށް އެމީހާ ބަލާލިއެވެ. އެއީ ސަމީރުއެވެ. ކެމެރާއާދިމާލަށް ބަލާލާފައި އޭނާ ހީލިއެވެ. ބިރުވެރި ނޫނީ ނުލަފާ ގޮތަކަށް ނޫނެވެ. ހަމަ އާދައިގެ ހިނިތުން ވުމަކުން ހީލުމަށްފަހު ސިޑިން ފައިބައިގެން ދިޔައީއެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. އަނގަ މަތީގައި އަތްއަޅައިގެން ބިރުން ހުރެ ތައުފީގުގެ މޫނަށް ބަލާލޭވުނެވެ…..

 

ނުނިމޭ….

 

 

 

 

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

އެއްމަލުގައިދެމާ

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 78

Next
August 2, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 78

Previews
August 2, 2026

އެއްމަލުގައިދެމާ



All Right Reserved!