ދުޝްމިނުކަމާއި އަދާވަތްތެރިކަން އަދި ހަސަދަވެރިކަން ލައްވާފައިވަނީ ހަމައެކަނި އިންސާނުންގެ ކިބައިގައެއް ނޫނެވެ. ޖީންނީންގެ ތެރޭގައި ވެސް އެފަދަ ކަންކަން ހިނގައެވެ. އެކަމުގެ ތެރެއިން ބައެއްފަހަރު އިންސާނުންނަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. ޖިންނިއެއް އަވަލަވައިފިނަމަ އެކަމުން ރައްކާތެރިވާން ވީހާވެސް އަވަސްކުރާށެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން އަމަލުކުރާށެވެ. ޝަރުޢީ ރުޤުޔާ އަކީ މިކަމަށް އެންމެ ޔަގީން ފަރުވާއެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ހަ ވަނަ ބައި
ރާއްޖޭގެ އެންމެ އުތުރުގައި ވަލުތެރޭގައި ހުރި މަދަރާސި ގަހެއްގެ އެންމެ މަތީގައި ޝެހެރޯޒް އިނެވެ. އޭނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ދެލޮލުގައި ކަރުނައެވެ. ކައިރީގައި އިން ޝެރާއީ ޝެހެރޯޒް ގެ ޒަހަމްތަކުގައި ބޭސް އުނގުޅަމުން ދިޔައެވެ.
“ބޭބެ ކީއްކުރަން ބޮޑުބެ އާ ޒުވާބުކުރީ؟ އެނގެއެއްނު އެއީ ކިހާ ރުޅިގަދަ މީހެއްކަން” ޝެރާއީ ބުންޏެވެ.
“އަހަރެންގެ ފުރާނަ ދުއްވާލަން ޖެހުނަސް އަހަރެންގެ މި ދެއަތުން މިއާ އަށް ގެއްލުމެއް ނުދޭނަން. އަދި އެހެންމީހަކަށް ވެސް މިއާ އަށް ގެއްލުމެއްދޭން ނުކެރޭނެ” ޝެހެރޯޒް ބުންޏެވެ.
“އެއީ ރީތި އަންހެންކުއްޖެއް. ޒުވާންކަން އިންތިހާ. އަހަރެންގެ ފަހަރި” ހިނިތުންވީ ވަގުތު ޝެރާއީ ގެ ދެލޯ ފެހި ކުލަ އާއި ރިނދޫ ކުލައިން ދިއްލިގެން ދިޔައެވެ.
“ކޮއްކޮ ދެން ދޭ” ޝެހެރޯޒް ބުންޏެވެ.
“ބޭބެ ނުދާނަންތަ؟” ޝެރާއީ އަހާލިއެވެ.
“ބޭބެ ގެ ޒިންމާ ވަރަށް ބޮޑު. އެލީޖާ އަކީ ނުރައްކާތެރި މީހެއް. ކާފަ އާއި ބައްޕަގެ މަރުގެ ސަބަބުން އެލީޖާގެ ސިކުނޑި އެވަނީ ގޯސްވެފަ. ބޭބެގެ އާއެކު ކޮއްކޮ ހުރިކަން އެނގުނިއްޔާ ކޮއްކޮގެ މިނިވަންކަން ގެއްލުނީ” ޝެހެރޯޒް ބުންޏެވެ. އޭނާ ޝެރާއީ އަތުގައި ހިފައިގެން ގޮސް ގާޑުން ކައިރީގައި ބެހެއްޓިއެވެ. އަދި ސަލާމާތާއި ރައްކާތެރިކަމާއެކު ޝެރާއީ ގެ މަންޒިލަށް ގެންގޮސްދިނުމަށް އަމުރުކުރިއެވެ. އަދި ހިނގާ ދިޔަ އެއްވެސް ކަމެއްގެ ވާހަކަ އެކަކު ގާތުގައި ވެސް ނުދެއްކުމަށް އަމުރުކުރިއެވެ.
“ބޭބެ ޝެރާ މަތިން ހަނދާންކޮށްލާއިރަށް އަންނާނަން. ފަހަރި ރަނގަޅަށް ބަލާތި” ޝެރާއި ބުންޏެވެ.
ޝެރާއީ ލޯމަތިން ގެއްލުމުން ޝެހެރޯޒް އޮފިގަނޑެއްގެ މަތީގައި ހުއްޓުނެވެ. ފަހު ރޭގައި އެލީޖާ ދިން އިންޒާރުތައް އޭނާ ހަނދާންވިއެވެ. ދެލޯ މަރައިލުމަށްފަހު އެލީޖާ ވީ ހިސާބެއް އޭނާ ބަލައިލިއެވެ. ހުރީ ވަރަށް ދުރުގައެވެ. މަޖިލީހެއްގައެވެ. މިހާރު އެލީޖާ ގެ އަމާޒަކީ މިއާ އެވެ. ޝެހެރޯޒް އަށް ލިބުނު އަނިޔާތަކަކީ އެލީޖާ އާ ތަޅާފޮޅައިގެން ލިބުނު އަނިޔާ އެވެ. އެލީޖާ އަކީ ޖިންނީންގެ ތެރޭގައި ހިމެނޭ ‘ހިން’ އޭ ކިޔާ ބާވަތުގެ ޖިންނިއެކެވެ. އެ ބާވަތުގެ ޖިންނީންނަށް ޖަނަވާރުތަކާ ގާތް ޖިންނިއެކެވެ. ބުޅަލެއްގެ ސިފައިގައި ވެސް އެ ބާވަތުގެ ޖިންނި ފެނިދާނެއެވެ. ބުޅަލެއްގެ ސިފަ ޖެހިގެން މިއާ އަށް ހަމަލާ ދެވުނީ އެހެންވެއެވެ. މިއާ އަށް ބިރުދައްކާ އަނިޔާވާގޮތަށް ސިފަ ބަދަލުކޮށްގެން އައިސް ދިން ހަމަލާ އަކީ އެލީޖާ ކަން އެނގުނު ހިސާބުން ޝެހެރޯޒް ގެ ހިތުން އެލީޖާ އަށް އޮތް އާއިލީ ލޯތްބާއި ގާތްކަމާއި އިހުތިރާމު ނެތިގެން ހިނގައްޖެއެވެ. އޭނާ މިހާރު އެލީޖާ އަށް ކުރަނީ ނަފްރަތެވެ. އެލީޖާ އަދި މައިތިރިނުވާނެކަން އޭނާ އަށް އެނގެއެވެ. މިއާ އަށް ރައްކާތެރިކަން ދިނުމަކީ މިހާރު އޭނާ އެންމެ އިސްކަންދޭނެ ކަންތަކެވެ. މިއާ އަށް އަދިވެސް އެލީޖާގެ ހަމަލާތައް އަންނާނެއެވެ.
****
ޑޮކްޓަރު ބެލުމަށްފަހު މިއާ ގެ ހާލު މުޅިން ރަނގަޅުކަމަށް ބުންޏެވެ. އަސްމާ އަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. ރަށުން ބޭރަށް ފުރަންޖެހުމުން އޭނާ ހުރީ ފިކުރުގެ ކަނޑުން ސަލާމަތްނުވެވިފައެވެ. ބައެއްފަހަރު މިއާ ހިޔާލުގެ ކަނޑަކަށް ގެއްލިފައި އޮވެއެވެ. ޝެހެރޯޒް އާ ބައްދަލުކުރި ރޭގެ ބައެއް ކަންކަން އޭނާ ހަނދާނުގައި އެބަހުއްޓެވެ. ގެއަށް އާދެވުނު ގޮތް އޭނާގެ ހަނދާނުގައި ނެތެވެ. އެހެންނަމަވެސް އޭނާ ގެ ކައިރިއަށް ޝެހެރޯޒް އައިކަން އޭނާ އަށް އެނގެއެވެ. އެއީ ހީވި ހީވުމެއް ނޫނެވެ. އޭނާ އަށް ޝެހެރޯޒް ފެނުނެވެ. މުޅިން ރަނގަޅު ނުވަނީސް ބައްދަލުނުކޮށް ޝެހެރޯޒް ދިޔައީތީ އޭނާ ހިތުގައި ޝަކުވާ ވިއެވެ.
“މަންމާ މީހަކު އައިތަ؟” އެނދުގައި އޮތް މިއާ އަހާލިއެވެ.
“ކާކު އަންނާނީ. ދެތިން އަވައްޓެރިން ވަދެލި ދަރިފުޅުގެ ހާލު ބަލާލަން” މިއާ އަށް ކާއެއްޗެހި ތައްޔާރުކުރަން ހުރި އަސްމާ ބުންޏެވެ.
މިއާ ތުންފަތުގައި ދަތްއަޅާލިއެވެ. އެކަކަށް ވެސް ނުފެނި ޝެހެރޯޒް ދިޔައީތާއެވެ. އެކަމަކު ޝެހެރޯޒް އަށް މިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ޝެހެރޯޒް އަށް ހަބަރު ދިނީ ކާކު ހެއްޔެވެ؟ އައިސްފައި އެހާ އަވަހަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ފަހަރެއްގައި މީހަކަށް ފެނިދާނެތީ ޖެހިލުންވީ ކަންނޭނގެއެވެ.
“ހަމަ އެކަކުވެސް ނާދޭތަ؟” މިއާ އަހާލިއެވެ.
ބަތްޕެން ތަށި ހިފައިގެން މިއާ އާ ކައިރިވެލަމުން އަސްމާ މިއާ އަށް ބަލައިލިއެވެ.
“ކާކު އައިތޯ ތިބަލަނީ؟” އަސްމާ ބުންޏެވެ.
“މީހެއްގެ ވާހަކައެއްނޫން” މިއާ ބުންޏެވެ.
އަސްމާ ގާތްކޮށްލި ބަތްޕެން ސަމްސާ ނޭފަތާ ގާތްކޮށްލާފައި މިއާ ވަސް ބަލައިލިއެވެ.
“ކޮންކަހަލަ ބޭހެއްތަ ދިނީ؟ ކަރުތެރެއިން ލަނީ ތެޔޮ ރަހަ” މިއާ ބުންޏެވެ.
****
މިއާ ހޮސްޕިޓަލުން ދޫކޮށްލީ ހުރިހާ ކަމެއް ރަނގަޅުވެ އިރުއޮށްސެން ގާތްވެފައި ވަނިކޮށެވެ. އޭނާ ގެއަށް ވަންނަހިތެއް ނެތެވެ. ބޭނުންވީ ވައްލަ އަށް ދާށެވެ. ޝެހެރޯޒް ދެކޭށެވެ. ސުވާލު ކުރާށެވެ. އެހެންނަމަވެސް މައިންބަފައިން ގާތު ބުނާކަށް ނުކެރުނެވެ. އޭނާ ނުފޮނުވާނެކަން ރަނގަޅަށް އެނގޭތީއެވެ. ކޮޓަރިއަށް ވަނުމަށްފަހު އަސްމާ އެންގީ އެނދުގައި އިނުމަށެވެ. ކޮޓަރިން ބޭރަށް ނުނިކުމެ އަރާމު ކުރުމަށެވެ. މުޅި ދުވަހު ސެންޓަރުގައި އުޅެން ޖެހުމުން ގޭތެރޭގެ މަސައްކަތްތައް ވެސް އޭނާ އަށް ހުރީ ނުކުރެވިއެވެ. އެހެންކަމުން މަޣްރިބް ކޮށްލައިގެން އޭނާ ނިކުތީ ބަދިގެ ފަރާތަށެވެ. ކެއްކުމަށް ހަނޑޫ ދޮވެގެން އައިސް އުނދުން މައްޗަށް ތެލި ނުލެވުނެވެ. ހީވީ ތެލީގައި މީހަކު ހިފަހައްޓާފައި ހުރި ހެންނެވެ. މިވަނީ ކީއްކަން އޭނާ އަށް ނަގައިގަނެވުނެވެ. އޭނާ އައީ ރުޅިއެވެ. އެފަދަ ވަގުތުތަކުގައި ބިރުން ފަހަތަށް ޖެހުމަކީ ޝައިތާނާ އަށް ލިބޭ ހިތްވަރެކެވެ.
“ކަލޭ މަގޭ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ ކީއްވެ؟ އަހަރެން ބޭނުންވިއްޔާ އަދިވެސް ކަލޭމެންނަށް ލަގާއެއް ދެވިދާނެ. މައިތިރިވެގެން ތިބޭ” އަސްމާ ބުންޏެވެ. އެހިނދު އަސްމާ ހިފައިގެން ހުރި ތެއްޔަށް ދޫވެގެން ދިޔައެވެ.
ކުއްލިއަކަށް ހީވީ ތަނަށް ތޫފާނެއް އަރައިގަނެގެން ދިޔައީ ހެންނެވެ. އަސްމާ ދިޔައީ ސިހިގެންނެވެ. ތަށިހަރުގަނޑު ތަށިތަކާއެކު އޮތީ ތިރީގައެވެ. ހަނޑޫ ތެލި އަތުން ދޫވެގެން ފެންތަކާއެކު ފައި ދަށުގައެވެ. މޭޒު މަތީގައި ބަންޑުން ޖަހާފައި ހުރި ބިއްލޫރި ތަށިތައް އެކު ތެޅިފައެވެ. އަސްމާ އަށް ހެވުނެވެ. އޭނާ ދިން އިންޒާރަށް ޝައިތާނާ ބިރުގަތީއެވެ. އޭނާ ހުރީ މަޣްރިބްކޮށް ނިމި ވުޟޫ މަތީގައެވެ. މިނޫނީ ޝައިތާނާ ކުރާ ޖެއްސުމަށް އޭނާ ރައްދު ދީފައެއް ނުވެއެވެ. އޭނާ ކަންތައްކުރީ ރޭޑިޔޯ އިން އަޑުއެހި ބިރުވެރި ވާހަކައެއްގައި ރުގްޔާ ކުރާ މީހާ ބުނެދިން ގޮތަށެވެ.
“ކޮން އަޑެއް…؟ ގިފިލިން ނިކުމެގެން އައި މުރާދު ބަދިގެއަށް އައިސް ވަނެވެ.
“ޔާރައްބީ. މިއީ ކޮންކަމެއް؟” ތަން ހަރާބުވެފައި އޮތް މަންޒަރު ފެނުމުން މުރާދު ބުންޏެވެ.
މޭޒުގައި ލެގިގެން ހުރި އަސްމާ އަށް އެއްޗެއް ނުބުނެވުނީ މުރާދު ފަހަތުން އައިސް ހުއްޓުނު މިއާ ފެނިފައެވެ.
“މިއީ ކިހިނެއްވެފަ. ވައިގަދައެއްވެސް ނޫން” މިއާ ބުންޏެވެ.
މިއާ ގެ ދާދި ގާތުގައި ހިޔަންޏެއް ފަދައިން ޝެހެރޯޒް ހުއްޓެވެ. އެތަނަށް ވެފައި ވަނީ ކީއްކަން ޝެހެރޯޒް އަށް އެނގުނެވެ. އޭނާ މިއާ ގެ މޫނަށް ބަލައިލިއެވެ.
“ނުބުނަންތަ ދަރިފުޅު ކައިރީގަ ކޮޓަރީގަ އިންނާށޭ. މިއާ ހަށިގަނޑުގަ އަދި އެހާ ބާރެއް ނުހުންނާނެ. ކޮޓަރިއަށް ދޭ. މަންމަ މިތަން ސާފުކޮށްލާފަ މިދަނީ ނަދާމަށް” އަސްމާ ބުންޏެވެ.
މިއާ ބަދިގެ އިން ނިކުމެ ހިނގައިގަތެވެ. މިއާ އާ އެއްވަރަށް ފިޔަވަޅު އަޅަމުން ޝެހެރޯޒް ދިޔައެވެ. މިއާ ގެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް އޭނާ ނަޒަރު ވަކިކޮށެއް ނުލައެވެ. މިއާ އަށް ގޮވާލާ ލޯބިން ސަމާސާކޮށްލަން ކިތަންމެ ފަހަރަކު އޭނާ ހިތަށް އަރައިފިއެވެ. ވާހާކަދައްކާލާހިއްވިއެވެ. ކޮޓަރި އަށް ވަނުމުން ފަހަތުން ވަނެވެ. އެވަގުތަކީ ޝެހެރޯޒް އަށް އަމާން ވަގުތެކެވެ. ނުވަދެވޭނެ އެއްވެސް ހުރަހެއް ނެތެވެ. މިއާ އެނދުގައި އިށީނެވެ. ބާލިސް ކައިރީގައި އޮތް ފޯނު ނެގިއެވެ. ޝެހެރޯޒް ވީތަނެއް ބަލައިލާހިއްވިއެވެ.
“ވަރށް ހަނދންވޭ ޝެހެރޯޒް. ކޮންތާކު ތިއުޅެނީ؟ އަހަރެން މިއުޅެނީ ބަލިކޮށް. ސެންޓަރަށް އައިކަން އެނގޭ. ނުފެނި ދިޔައީ ކީއްވެ؟ މާދަމާ ކޮންމެސް ގަޑިއެއްގަ ދާނަން ވައްލަ އަށް. ވަރަށް ވާހަކަދައްކަންވެފަ އެބަހުރި. ފޯނު ނަންބަރެއްވެސް ނޭނގޭ. އެހެންނަމަތާ ގުޅާލާނީ؟”
މިއާ އެކަނިން އިނދެ ދައްކަމުން ދިޔަ ވާހަކަތައް އަހާފައި ޝެހެރޯޒް އަށް ހެވުނެވެ. އޭނާ އަށް ދުރުގައި އިންނަން ކެތްނުވިއެވެ. މިއާ އާ ގާތްވެލިއެވެ. މިއާ ގެ ކަންފަތަށް ފުމެލިއެވެ. އެހިނދު މިއާ ގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ.
“އަހަރެން މިއިނީ މިއާ އާ ވަރަށް ގާތުގަ. އިސްއުފުލާލުމާއެކު މޫނާ މޫނު ޖެހޭހާ ގާތުގަ މަގޭ ލޯބިވާ އަނބިމީހާ!” ޝެހެރޯޒް ބުންޏެވެ. އެހެންނަމަވެސް އެވާހަކަތައް މިއާ އަށް އަޑެއް ނީވެއެވެ.
އަސްމާ އައިސް ވަނެވެ. ހެވިފައި އެނދުގައި އިން މިއާ ފެނުމުން އަސްމާ ގެ ދެ ބުމަ ގޮށްޖެހުނެވެ. މިއާ ރަނގަޅު ބާއޭ ހިތަށް އެރިއެވެ. ހުމުން ފިހިފިހި އޮތްއިރު ހަމަނުޖެހޭ އެތައް ވާހަކައެއް މިއާ ދެއްކިއެވެ.
“ކޮންކަމަކާ ތިހެނީ؟ ހުމާ އޮތް އިރު ކިއި އެއްޗެހި ހަނދާންވަނީތަ؟” އަސްމާ ބުންޏެވެ.
މިއާ ހައިރާންވިއެވެ. އޭނާ ހަނދާނެއްނެތެވެ. އެހެންނަމަވެސް ހިތްހަމަޖެހިފައި އިން ސަބަބެއް މަންމަ އަށް ހާމަކުރެވެން ނެތީތީ އެކަމަށް އޭނާ އެއްބަސްވިއެވެ.
“ހެވޭނެއްނު” މިއާ ދިނީ ކުރު ޖަވާބެކެވެ.
“މަންމަ މިއައީ ބަތް އުދާފަ. ބައްޕަ އެބައިން ޖޯލީގަ. މިރޭ ކާންހުރީ ރިހާކުރާ ބަތާ. މީހަކު އަތުން ގަތް ތޮޅި މިރުސް ވެސް ހުންނާނެ. އެކަމަކު ލުނބޯ ހުސްވެފަ ހުރީ. އަނގައިން ތެޔޮ ރަހަލިޔަސް ރަނގަޅަށް ކާންވާނެ. މަންމަ ބަތް މޮޑެދޭނަން” އަސްވާ ވާހަކަދެއްކީ ނުލާހިކު ލޯބިންނެވެ. ދެމައިންގެ ވާހަކަތައް އަޑުއަހަން ޝެހެރޯޒް އިނީ ހެވިފައެވެ. މިއާ ގެ މަންމައަށް ވީތީ އޭނާ އަސްމާ އަށް އިހުތިރާމު ކުރެއެވެ. އެންމެފަހަރަކު ނަމަވެސް ބައްދަލުކޮށްލަން ބޭނުންވިއެވެ. އެހެންނަމަވެސް އެއީ ކުރުމަށް ވުރެ ނުކޮށް ދޫކޮށްލުން ރަނގަޅު ކަމެކެވެ. ކަބަޑު މަތީގައި އޮތް ހަތިމު ހިފައިގެން އައިސް އެނދުގައި އަސްމާ އިށީނުމާއެކު ޝެހެރޯޒް ގެއްލުނެވެ.
****
ބޭސް ދިނުމާއެކު މިއާ އަށް ނިދިއްޖެއެވެ. ގަޑިން ދިހައެއް ޖަހަން ދެތިން މިނެޓު ހުއްޓެވެ. ބޭރު ގެއަށް ނިކުތްއިރު ފުޅި ބައްތީގެ އަލީގައި މުރާދު އިނެވެ. އޭނާ އިނީ ބޭރު ގެއިން ކުއްލިއަކަށް ކަރަންޓު ކެނޑުނު ގޮތަކާމެދު ވިސްނާށެވެ. އަސްމާ އިށީނީ މުރާދު އާ ޖެހިގެންނެވެ.
“ކޮންކަމަކާ ތި ވިސްނަނީ؟” އަސްމާ އަހާލިއެވެ.
“މިކަން ވެސް ގުޅިފައި އޮންނާނީ އަސްމާގެ ތިކަންތައްގަނޑާ. ހާދަ އުނދަގު ބޮޑު ބައެކޭ ދޯ” މުރާދު ބުންޏެވެ.
“މާތްﷲ އިންސާނުން ހައްދަވާފައިވަނީ ޖިންނީންނަށް ވުރެ މާ ބާރުގަދަކޮށް. އަހަރެން ހާހެއް ނުވޭ. ކުރިން މިއާ އާ މެދު ވިސްނުނު. މިހާރު އެނގިއްޖެ ހަގީގަތުގަ އަހަންނަށް ވެސް އަދި އަހަރެންގެ އާއިލާ އަށް ވެސް އެއްވެސް ގެއްލުމެއް ނުދެވޭނެކަން. އަހަރެންގެ ވަށައިގެން އެވެރިން ސައްވިސް ގަޑިއިރު ތިބެނީ އެނބުރި އެނބުރި. އެކަމަކު އަހަރެން ދިރިއުޅެނީ ރައްކާތެރިކަން ހޯދައިގެން. ނުދެވޭނެ ގެއްލުމެއް” އަސްމާ އިނީ ސާބިތުކަމާއެކުގައެވެ.
“ގެއްލުމެއް ނުދެނޭކަން އެނގެއެއްނު. މާދަމާ ކައިރި މިއޮށް ރަށަށް ދާންޖެހުނީ ތަށި ގަންނަން. ފެންބޯ ތަށިތައް ވެސް އެހެރީ މުގުރާލާފަ” މުރާދު ބުންޏެވެ.
“އެއީ އަހަރެން ދިން އިންޒާރަށް ބިރުން އުޅުނުގޮތް” އަސްމާ ބުންޏެވެ.
“މިތާ ކައިރީގަ ރަށެއްގަ ވަރަށް މޮޅަށް ރުގުޔާ ކުރާ މީހަކު އުޅޭވާހަކަ ހަސަނު ބުނި. އެކަމަކު އެމީހާ ކިޔަނީ ބޮޑު އަގެކޯ. ދިމާވެގެން އުޅޭ ކަމެއްގެ ގޮތުންނޯ އަގު ކިޔަނީ. އަހަރެން އެބަ ވިސްނަން އެކަމާ” މުރާދު ބުންޏެވެ.
“ތިކަންވެސް އަދި ކުރެވޭނެ. މިރަށުގައި އަހަރެމެން އުޅޭތާ އެތައް ޒަމާނެއް ވިޔަސް އަހަރެމެންނަކީ ބީރައްޓެހިން. އެވަރު ދަނެގެން އުޅެންވާނީ. މުރާދު އެކަނި ތިކުރާ މަސައްކަތުން މިކަހަލަ ތަކެތީގެ އަގުބޮޑު ޒަމާނެއްގަ ތިން އިރު ކައިގެން އުނުއޮރިޔާން ނިވައިކޮށްގެން މިއުޅެވެނީ ކިރިޔާ. ކުރިއަށް އޮތް ތަނުގަ މިއަށް ވުރެވެސް ތަނަވަސްވާނެ. މިއާ ވަޒީފާއަކަށް ފޮނުވަންވީ. އަންހެންދަރިއެކޭ ކިޔާފަ އަބަދު ފޮރުވައިގެން ނުގެންގުޅެވޭނެ” އަސްމާ އޭނާ ވިސްނާގޮތް ބުނެދިނެވެ.
“މާލޭގެ ވިޔަފާރިވެރިޔަކު މިރަށުގައި ބޮޑު ފިހާރައެއް އެބަހުޅުވާ. މި ފެށޭ ހަފްތާގަ ބޮޑު ރަސްމިއްޔާތަކާއެކު ހުޅުވާނެޔޯ އަހަރެން މަސައްކަތު މިދާތަނުގެ މީހަކު ބުނި. ވަރަށް ވަޒީފާ އެބަހުއްޓޯ” މުރާދު ބުންޏެވެ.
“ތިކަހަލަ ތަނަކުން މިއާ ކަހަލަ އާދައިގެ ކުއްޖަކަށް ވަޒީފާ ނުދޭނެ. މާލޭން އަންނާނެތާ ތިތަނަށް މުވައްޒަފުން” އަސްމާ ބުންޏެވެ.
“އަހަރެން މަސައްކަތްކޮށްލާނަން ޖާގައެއް ލިބޭތޯ. އަހަރެމެންގެ މިއާ ކަހަލަ ކުއްޖަކަށް ނުލިބި ހުންނާނެތަ؟” މުރާދު ބުންޏެވެ
ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑަކާއެކު މިއާ ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. ކޮޓަރި އާ ދިމާލަށް އަސްމާ އާއި މުރާދު އެއްކޮށް ދުއްވައިގަތެވެ.
****
ހިނގި ކަމެއް ހިނގަމުން ދިޔައީ އެގޭ ގޯތި މެދުގައެވެ. ބޮޑު ބަނބުކެޔޮ ގަސްދޮށުގައި ތިބި ދެ ޝައިތޯނުން ތިބީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. އެކަކު އަނެކަކުގެ ލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެލީޖާ އަށް ވުރެ ޝެހެރޯޒް އިސްކޮޅުން ކުޑައެވެ. އިވުނު އަޑަކީ އެކަކު އަނެކަކުގެ ގައިގައި ތަޅައިގަތް އަޑެވެ. މުޅި ގޯތިތެރެއަށް ފެތުރިފައި ވަނީ އެލީޖާގެ ނުރައްކާތެރި ހުނުމުގެ އަޑެވެ. އެލީޖާ އަށް ވުރެ ޝެހެރޯޒް ގެ ހަށިގަނޑު ކުޑަ ނަމަވެސް ބާރު އޮތީ ޝެހެރޯޒް އަށެވެ. އެހެންނަމަވެސް ޝެހެރޯޒް ހުރީ އޭނާގެ ހަގީގީ ސޫރައިގައެވެ. ޝެހެރޯޒް ގެ ދެ ކަންފަތް ދެފަރާތުން ދެމި ޖެހިގެން ހުރި ގޭ ފުރާޅުގައި ޖެހި ކުރިމައްޗަށް ބަޅުވެފައެވެ. އޭނާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެލީޖާ ގެ އެއްވެސް އިންޒާރަކަށް ޝެހެރޯޒް ބިރެއް ނުގަނެއެވެ. އޭނާ ކުޑަތަންކޮޅެއް ލަސްވި ނަމަވެސް މިރޭ މިއާ އޭނާގެ އަތުން މުޅި އުމުރަށް ބީވެގެން ދިޔައީހެވެ.
“ކަލޭ ތިވަނީ އެ އިސްނި އާ ހެދި ދީވާނާވެފަ. ލޯބީގެ ދަންތުރައިގެ ތާށިވެ އާއިލާ މަތިން ކަލޭ ހަނދާންނައްތާލައިފި. އެ އިންސި ގެ ކިބައިން ބަދަލުހިފާނީ އަހަރެން” ގުގުރިއެއް ފަދައިން އެލީޖާގެ ބަރު އަޑު ނިކުތެވެ.
“އަހަރެން ސަލާމަތުން ހުއްޓާ ކަލެއަކަށް ތިކަމެއް ނުވާނެ. މިއާ އަކީ އަހަރެންގެ ޒިންމާއެއް. މުޅި އާއިލާ އާ ދެކޮޅަށް ނިކުންނަން ޖެހުނަސް މިއާ ރައްކާތެރިކުރާނަން. ނިކަން ކުރިއަށް ޖެހިބަލަ. ހަނދާންނައްތާނުލާތި ބައްޕަގެ ބާރު އޮތީމަގޭ އަތުގަކަން” ޝެހެރޯޒް ހުރީ ދޫކުރާގޮތަކަށް ނޫނެވެ.
“ކަލެއަށް ސަލާމަތްކުރެވޭނީ ކޮންމެސް އެކަކު. އެ އިންސި އެހެންނޫނީ ޝެރާއީ…”
އެހިނދު ޝެހެރޯޒްގެ ދެލޮލުން ނިކުތް އަލިފާންގަނޑު ބުމަރެއްހެން އެލީޖާގެ ވަށައިގެން އެނބުރެން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




