އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ޖިންނީންނަކީ އިންސާނުންނަށް އޯގާތެރިވާނެ ބައެއް ނޫނެވެ. އެއީ ދޮގުހަދާ އޮޅުވާލާ ބައެކެވެ. އަވަލަވައިފިނަމަ އިންސާނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާ ވަރަށް ނުބައި ބައެކެވެ. ޖިންނިއަކަށް ނޭނގި ނަމަވެސް އިންސާނަކަށް ގޯނާއެއް ކުރެވޭ ހިސާބުން ބަދަލުހިފުމަށް ތެޅިގަންނާނެއެވެ. އެހެންކަމުން، މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ހަތް ވަނަ ބައި
ޝެހެރޯޒް ގެ ދެ ކަންފަތް ދެފަރާތުން އެތައް ފޫޓަކަށް ދެމިފައެވެ. ބޮލުގެ ދެފަރާތުން ދަޅެއް ފަދައިން ނިކުމެފައިވާ އުންގަނޑު ވަނީ އެލީޖާ އާ ދިމާލަށް ގުދުވެފައެވެ. އޭނާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެލީޖާ ގެ އެއްވެސް އިންޒާރަކަށް ޝެހެރޯޒް ބިރެއް ނުގަނެއެވެ. އޭނާ ކުޑަތަންކޮޅެއް ލަސްވި ނަމަވެސް މިރޭ މިއާ އޭނާގެ އަތުން މުޅި އުމުރަށް ބީވެގެން ދިޔައީހެވެ.
“ކަލޭ ތިވަނީ އެ އިސްނި އާ ހެދި ދީވާނާވެފަ. ލޯބީގެ ދަންތުރައިގެ ތާށިވެ އާއިލާ މަތިން ކަލޭ ހަނދާންނައްތާލައިފި. އެ އިންސި ގެ ކިބައިން ބަދަލުހިފާނީ އަހަރެން” ގުގުރިއެއް ފަދައިން އެލީޖާގެ ބަރު އަޑު ނިކުތެވެ.
“އަހަރެން ސަލާމަތުން ހުއްޓާ ކަލެއަކަށް ތިކަމެއް ނުވާނެ. މިއާ އަކީ އަހަރެންގެ ޒިންމާއެއް. މުޅި އާއިލާ އާ ދެކޮޅަށް ނިކުންނަން ޖެހުނަސް މިއާ ރައްކާތެރިކުރާނަން. ނިކަން ކުރިއަށް ޖެހިބަލަ. ހަނދާންނައްތާނުލާތި ބައްޕަގެ ބާރު އޮތީ މަގޭ އަތުގަކަން” ޝެހެރޯޒް ހުރީ ދޫކުރާގޮތަކަށް ނޫނެވެ.
“ކަލެއަށް ސަލާމަތްކުރެވޭނީ ކޮންމެސް އެކަކު. އެ އިންސި އެހެންނޫނީ ޝެރާއީ…”
އެހިނދު ޝެހެރޯޒްގެ ދެލޮލުން ނިކުތް އަލިފާންގަނޑު ބުމަރެއްހެން އެލީޖާގެ ވަށައިގެން އެނބުރެން ފެށިއެވެ.
“ކޮންބިރެއް ތިދައްކަނީ؟ ކަލެއަށް އެއްވެސް ކަމެއް ނުކުރެވޭނެ” އެލީޖާ ބުންޏެވެ.
“ތިކަން އަންގާލާނަން. ޝެރާއީ އާ ހަމައަށްވެސް ކަލެއަކަށް ނުދެވޭނެ. މި ބިމުގަ އަހަރެން މިހުރީ ހަމައެކަނި މިއާ އަށްޓަކައި” ޝެހެރޯޒް ބުންޏެވެ.
“ކަލޭ މި ބިމަށް ފޭބި މަގުސަދު ހަނދާންނައްތާލީތީ އެކަމުގެ އަދަބު ލިބެންޖެހޭނެ” އެލީޖާ ބުންޏެވެ.
“ކީއްކުރަން އަހަރެން ފޮނުވީ؟ މިއާ އާ އަހަރެން ބައްދަލުކުރުވީ ކީއްކުރަން؟ އަހަރެން މަރުވާން ޖެހުނަސް މިއާ ގެއްލުމެއް ވިޔަ ނުދޭނަން. ކަލޭ ހަނދާންނައްތާނުލައްޗެ ޖިންނިއަކު އިންސާނެއްދެކެ ހޭބަލިވިއްޔާ އެއަކަށް ހުއްޓުމެއް ނާންނާނެ” ޝެހެރޯޒް ގެ އަޑު ގުގުރިއެއް ފަދައެވެ.
“އަހަރެން އެ ނުބައި އިންސި ވެސް ކަލޭވެސް މަރާލާނަން. ކަލޭ އަހަރެންގެ ފަހަތަށް ބަލައިބަލަ. އަހަރެންގެ ދިފާއުގަ ނިކުންނަން ތައްޔާރަށް ތިބި ބައިގަނޑު ނުފެނޭތަ؟” އެލީޖާ އަމިއްލަ ނަފްސަށް ބޮޑާވިއެވެ. އެހިނދު ޝެހެރޯޒް ގެ ބާރު ހުނުމުގެ އަޑު މުޅި ސަރަހައްދުގައި ގުގުމަން ފެށިއެވެ. އެ ހުނުން ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ.
“ކާފަގެ ދަރިފަސްކޮޅުން އެންމެ ބޮޑު ބާރެއް ލިބިފައިވަނީ އަހަރެންގެ ބައްޕައަށް. ޖިންނީގެ ދުނިޔޭގެ ރަސްކަލަކީ އަހަރެންގެ ބައްޕަ. ބައްޕަ މިހާރު ދުނިޔޭގަ ނެތީތީ އެބާރު އޮތީ އަހަންނަށް. ދެން އަހަރެންގެ ކޮއްކޮއަށް. އަހަރެންގެ ދިފާއުގަ ނިކުންނަންތިބި ބައިގަނޑު ކަލެއަށް ދައްކައިފިއްޔާ ތި އެންމެން އަމާން ދީ މިތަނުން ރައްކާވެދާނެ. މިހާރުވެސް މިތަނަށް އެމީހުން ހާޒިރުވެ އެބަތިބި” ޝެހެރޯޒް ބުންޏެވެ.
“ކަލޭ ލަދެއްވެސް ނެތީތަ؟ މަށަކީ ކާކު؟” އެލީޖާ ބުންޏެވެ.
“ހަނދާންނައްތާލަން މަޖުބޫރު ކުރުވީމަ ހާނދާންނެތުނީ. މި ހިތް ދެން ހެވެއް ނުވާނެ. އަހަރެންގެ މިއާ އަށް ކަލޭ ގޯނާ ކުރި ރެއިން ފެށިގެން ކަލެއަށް އަހަރެން ނަފްރަތުކުރަން” ޝެހެރޯޒް ބުންޏެވެ.
އެލީޖާ ފަސްޖެހުނެވެ. ޝެހެރޯޒް ގެ ބާރުގަދަވާނެކަން އޭނާ އަށް އެނގެއެވެ. އޭނާ މަސައްކަތް އެކުރަނީ އެ ބާރު ފޭރިގަންނާށެވެ. ބައްޕަ އާއި ބޮޑުބޭބެ ދުނިޔޭގައި ނެތްކަމީ އެކަން ކުރުމަށް އޭނާއަށް ލިބުނު އިތުރު ފަސޭހައެކެވެ. އެލީޖާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލުމަށްފަހު ހަމަޖެހިލަން މަސައްކަތްކުރިއެވެ. ޝެހެރޯޒް އަށް ގަދަ ދައްކައިގެން މިވަގުތު އޭނާއަށް ސަލާމަތްނުވެވޭނެކަން ހަނދާންކޮށްގެން އޭނާ ކުޑަ ތަންކޮޅެއް ޝެހެރޯޒް އާ ގާތަށް ޖެހިލިއެވެ.
ރުޅިވެރިކަމާއި ނަފްރަތު ދައްކައިގެން ބޭނުންވާ މަގުސަދު ހާސިލްނުވާނެކަން އޭނާ އަށް ވިސްނިއްޖެއެވެ. އޭނާ ބޭނުންވަނީ ޝެހެރޯޒް މެދުވެރިކޮށް ބައްޕަ އާއި އެއްބަނޑު ބޭބެގެ މަރުގެ ބަދަލު ހިފާށެވެ. އެންމެ ބޮޑު ބަދަލެއް ހިފަން ބޭނުންވަނީ ބޭބެ ހިތާވި އަންހެންމީހާ ގެ ކިބައިންނެވެ. އެކަން ވާކަށް ނެތެވެ. އެ އަންހެންމީހާ އާ ޖިންނީންނާ ދެމެދު ދުވަހަކުވެސް ބިމާ ތިރިނުކުރެވޭނެފަދަ ފާރެއް ވަނީ ލެވިފައެވެ. އެބަދަލު އޭނާ އަށް ހިފެން އޮތީ މިއާ ގެ ފުށުންނެވެ. އޭނާ މުޅި އެ އާއިލާ އަށް ނަފްރަތުކުރެއެވެ. ހަގީގަތުގައި އެއްބަނޑު ބޭބެ އާ މެދު އޭނާގެ ފަރުވާލެއްނެތެވެ. އޭނާ ބޭނުންވަނީ ލޯބިވާ ބައްޕަގެ މަރުގެ ބަދަލު އެކަންޏެވެ. ބައްޕަ މަރުވެ ދިޔައީ ނިކަމެތި އިންސިއެއްގެ ސަބަބުންކަމަށް ވާތީ އޭނާ މައްސަލަ ދޫކޮށްލަން ބޭނުމެއް ނުވެއެވެ.
“ހަމަޖެހިބަލަ ޝެހެރޯޒް” އެލީޖާގެ އަޑު ފިނިވިއެވެ.
ޝެހެރޯޒް އަކީ ވިސްނުންތޫނު ޖިންނިއެކެވެ. އެއްވެސް ޖިންނިއަކަށް އޭނާއަށް މަކަރެއް ނެހެދޭނެއެވެ. އެލީޖާ ފިނިވިޔަސް ޝެހެރޯޒް އަށް ހަމަޖެހުމެއް ނުލިބުނު ސަބަބަކީ އެއީއެވެ. އެކަން އިހުސާސް ވުމުން އެލީޖާ ހިތްހަމަނުޖެހުނެވެ. ޝެހެރޯޒް ގެ ކިބައިގައި ކިހާ ބާރެއް ވާނެކަން އޭނާއަށް އަންދާޒާ ކުރެވެއެވެ. މިއާ ގެ އާއިލާގެ ފުށުން ބަދަލު ހިފުމަށްފަހު އޭނާ ބޭނުންވަނީ ޝެހެރޯޒް އާއި ޝެރާއީ ދާއިމީގޮތެއްގައި ޖަލެއްގައި ބަންދުކުރާށެވެ. ޝެހެރޯޒް ގެ ބާރު ފޭރިގަންނާށެވެ. ޖިންނި ދުނިޔޭގެ ރަސްކަމެވެ. އެކަން އޭނާ އަށް ވާން އެބައޮތެވެ. އެއީ ޝެހެރޯޒް ގެ ބައްޕަ ފަދަ ޖިންނީންގެ އެހެން ދުނިޔެއެއްގެ ރަސްކަލަކު މެދުވެރިކޮށެވެ. މިހާރު އެކަމަށް ދަނީ ވާހަކަދެކެވެމުންނެވެ. ހަމަޖެހުމާއެކު ޝެހެރޯޒް އަށް ދެ ދުނިޔެ ދައްކާލާނެއެވެ. ކުއްލިއަކަށް އެލީޖާ ބާރުގަދަ ހިނިގަނޑެއް ޖަހާލިއެވެ.
“މާޒީގަ ކަންކަން ހިނގައިދިޔަ ގޮތް ޝެހެރޯޒް ހަނދާނުގަ ނުހުންނާނެ. ހާދަ އަނިޔާވެރިކޮށޭ ބައްޕަ އާއި ބޭބެ ދުއްވާލީ” އެލީޖާ ބުންޏެވެ.
“އަހަންނަށް ތިހުރިހާ ކަމެއްވެސް އެނގޭ. ތިކަމުގަ މިއާ ގެ ކޮންކުށެއް އޮތީ؟ މިއާ ދުރުގަ ބަހައްޓާ” ޝެހެރޯޒް ބުންޏެވެ.
އެލީޖާ ބަހެއް ނުކިޔައެވެ. ނަފްރަތުގެ ބެލުމަކުން ޝެހެރޯޒް އަށް ބަލަހައްޓައިގެން ހުރެފައި އިރުކޮޅަކުން ގެއްލިއްޖެއެވެ.
****
ކޮޓަރީގެ ފާރުން ޝެހެރޯޒް ފާޅުވިއެވެ. މިއާ ގެ އެނދުގައި ފެންތައްޓެއް ހިފައިގެން އަސްމާ އިނެވެ. ހަލާކުވެފައި ހުރި ރޭޑިޔޯ މަރާމާތު ކުރެވޭތޯ މުރާދު ތަރަފާލުގަނޑު މަތީގައި އިނެވެ. ޝެހެރޯޒް އަށް ބަލަން ހުރެވުނީ މިއާ އަށެވެ. މިއާ އިންނާނީ ވަރަށް ބިރުގަނެފައިކަން އޭނާ އަށް އިހުސާސް ކުރެވެއެވެ.
“ކޯޗެއްތަ ފެނުނީ؟” އަސްމާ އިނީ ކަންބޮޑުވެފައެވެ.
“ދޮރު ކައިރިން. މަންމަ ކީއްވެ އެއްކޮށް ނިވާފަ ބަހައްޓަނީ. ކޮންމެސް އަލިކަމެއް ބަހައްޓަންވާނެއްނު” މިއާ ޝަކުވާކޮށްލިއެވެ.
ބޭރުކޮޓަރީގަ ހުރި ފާނޫޒުގެ އަލިކަން މިތަނުގަ ހުރެއެއްނު. މަންމަ އެހެން ހަދަނީ ހަރަދުކުޑަކުރަންވެގެން” އަސްމާ ބުންޏެވެ.
ޝެހެރޯޒް ހުރި ދިމާލަށް މިއާ އިނގިލި ދިއްކޮށްލިއެވެ. އެހިނދު ބޭއިހްތިޔާރުގައި ޝެހެރޯޒް އަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ.
“އަޅުގަނޑު ނިދިއިރުވެސް މަންމަ ހެދުން އިނީ އެތަނުގަތަ އަޅުވާފަ” މިއާ ބުންޏެވެ.
“އާނ. ރޭގަނޑު ބޭރު ރޯނުގަ ނުބާއްވަން ވެގެން ގެނެސް ވެއްދީ” އަސްމާ ބުންޏެވެ.
މިއާ ބޮލުގެ ދެފަރާތުގައި އަތް އެޅިއެވެ. ކުޑަކޮށް ހެވޭގޮތް ވެސް ވިއެވެ. ލޯ ހުޅުވާލި ވަގުތު ބޮޑު އެއްޗެއްގެ ސިފައިގައި އަނދިރީގެ ތެރެއިން އޭނާއަށް ފެނުނީ މަންމަގެ ހެދުމެވެ. ފަންކާގެ ވައިން ހެދުން ދެފަރާތަށް ހަރަކާތްތެރިވިއިރު އޭނާ އަށް ހީވީ އޭތި ކައިރިއަށް އަންނަނީ ހެންނެވެ. ކުޑަކޮށް ހެވިފައި އިނދެ ވީގޮތް މިއާ ކިޔައިދޭން ފެށިއެވެ. އަސްމާ އަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ ހީކުރިފަދަ ގޯހެއް ނޫޅޭކަން އެނގުނެވެ. އެއީ ހަގީގަތެއް ނޫންކަން އެނގެނީ އެކަނި ޝެހެރޯޒް އަށެވެ. މިއާ އަށް ގެއްލުންދިނުމަށް އެތަނަށް ވަނީ އެލީޖާގެ ލަޝްކަރުގެ މީހުންނެވެ. އެންމެ ޖިންނިއެއްވެސް ނޫނެވެ. އެ ބައިގަނޑު އެތަނުން ފައްސާލުމަށް ޝެހެރޯޒް ބޭނުންކުރީ އޭނާގެ އެންމެ ފައެކެވެ. އޭނާ ފައިން ތިރީގައި ބާރަށް ޖަހާލުމާއެކު އެ ބައިގަނޑު ފުރާނަ ސަލާމަތްކޮށްގެން ރައްކާވެއްޖެއެވެ. ބާރު އަޑެއްގެ ގޮތުގައި ބޭރުގައި ތިބި މުރާދާއި އަސްމާ އަށް އިވުނީ އެ އަޑެވެ.
****
އަނެއް ދުވަހެވެ. މިއާ ހުރީ ހަމަޔަކަށް އެޅިފައެވެ. މަގުމައްޗާއެކު ކުނިކަހަން ނިކުމެ އޮތް އަސްމާ ބަލައިލީ ފަހަތުން މީހަކު ގޮވާލުމުންނެވެ. ބިލާލު އޭރު އަރައި ހަމަވެއްޖެއެވެ.
“އަސްމާއްތަ ކިހިނެއްތަ؟” ބިލާލު ބުންޏެވެ.
“ގޯހެއް ނޫން” އަސްމާ ހީލިއެވެ.
“މިއާ މިހާރު ރަނގަޅުތަ؟ ބިލާލު އަހާލިއެވެ.
“އަލްހަމްދުލިއްލާހް. ބިލާލު ކޮންތާކަށް ތިދަނީ؟”
“ފިހާރައަކަށް ދަމުން އަސްމާއްތަ ފެނިގެން ގާތްކޮށްލީ”
ބިލާލު ހިނގައިގަތް ވަގުތު މިއާ ދޮރާށިން ބޭރަށް ނިކުތެވެ. އެއްފަހަރު މިއާ އަށް ބަލައިލުމަށްފަހު އަސްމާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
“އަންނާރުކޮޅު އެއްކޮށް ކާލިންތަ؟”
އަސްމާ އަށް ޖަވާބެއްނުދީ މިއާ ބޭރު ގަހުގަ އެލުވާފައި އޮތް ޖޯލީގައި އިށީނެވެ. އޭނާ ބަލަން އިނީ ބިލާލު އަށެވެ.
“މަންމަ ބުނި އެއްޗެއް އަޑުއިވުނުހެނެއް ހިއެއްނުވޭ” އަސްމާ ބުންޏެވެ. އޭނާ ޖަސްތުގަނޑު ހިފައިގެން އައިސް ކުނި ބަރޮލަށް އަޅަމުން ދިޔައެވެ.
“އޭނަ މަންމަ އާ ކޮންވާހަކައެއްދެއްކީ” މިއާ ބުންޏެވެ.
“ކާކު؟ ބިލާލުތަ؟ މަންމަ ފެނުނީމަ ގާތްކޮށްލީ އޭ ބުނީ. ދަރިފުޅުގެ ހާލު ވެސް އަހާލި. ހާދަ ރަނގަޅު ކުއްޖެކޭ އެއީ. މަންމަ ފެނިއްޖިއްޔާ ގޮވާނުލާ ހާލު އަހާނުލާ ނުދާނެ”
“ވަރަށް ފޫހިވާ މީހެއް އެއީ. އަޅުގަނޑާ އަޅައިގަނެފަ ހުންނަނީ”
އަސްމާ އަށް ހެވުނެވެ. އެކަން މާބޮޑު ކަމަކަށް އޭނާ ނަހަދައެވެ. މިއާ އަކީ މިހާރު ކުޑަކުއްޖެއް ނޫނެވެ. ފުރާ ފުރިހަމަ ޒުވާނަކަށް ވެއްޖެއެވެ. މައިންބަފައިން ކިތަންމެ މަސައްކަތެއް ކުރިޔަސް އަންހެންކުދިންނަށް ފިރިހެންކުދިންނަށް ހިތް ކިޔާނެއެވެ. އަދި ފިރިހެންކުދިންނަށް އަންހެންކުދިން ވެސް ހިތް ކިޔާނެއެވެ.
****
ބޭރަށް ދިޔުމަށް މިއާ ދޮރާށި ކައިރިއަށް ނިކުތީ އަސްމާ އާ އެކުގައެވެ. މިއާ މިސްރާބުޖެހީ ހަސްނާގެ ގެއާ ދިމާލަށެވެ. ބަލިވެގެން ދެ ދުވަހު އެޑްމިޓްކޮށްފައި އޮތް އިރުވެސް ހަސްނާގެ ހަބަރެއް ނުވެއެވެ. އޭނާ ހުރީ ހަސްނާދެކެ ހިތްހަމަނުޖެހިފައެވެ. ކުއްލިއަކަށް މޫސުމް ބަދަލުވެއްޖެއެވެ. ހަސްނާގެ ގެ ހުރީ ވާރޭގަ ނުޖެހި ދެވޭވަރަށް ވުރެ ދުރުގައެވެ. ފޯނެއް އަންނަން ފެށިއެވެ. ގުޅަނީ ބައްޕަ ކަން މިއާ އަށް އެނގުނެވެ. މިއާ ހުރިތަނެއް މުރާދު އެހިއެވެ.
“ހަސްމެން ގެއަށް ދަނިކޮށް ވާރޭ ވެހެން ފެށީމަ ގެއެއް ކައިރީގަ މަޑުކޮށްގެން މިހުރީ. ހުއްޓާލީމަ ދާނީ އެގެއަށް” މިއާ ބުންޏެވެ.
މިއާ ހިތްހަމަޖެހުނެވެ. މައިންބަފައިންނަށް އޭނާ ހުރިތަނުގެ މައުލޫމާތު ދެވިއްޖެއެވެ. ދެން ކަންބޮޑެއްނުވާނެއެވެ. ކުޑަކޮށް ވާރޭ ތުނިކޮށްލުމުން މިއާ މަގަށް ނިކުތެވެ. އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ. އޭނާ ދާނީ ވައްލަ އަށެވެ. މަގު ހުރިގޮތަށް ދިޔުމުން މޫނުޖެހޭނީ ވައްލައިގައެވެ. އެކަމަކު އެއީ އާންމުކޮށް ނިކުންނަ ދިމާއެއް ނޫނެވެ. އެހެންވިޔަސް ހެވެވެ. ޝެހެރޯޒް ދެކިލާހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ. މިއަދު ގެއަށް ދާނީ ފޯނު ނަންބަރުވެސް ހިފައިގެންނެވެ. މިއާ ބާރުބާރަށް ހިނގަމުން ދިޔައެވެ. ވައްލަ އާ ހަމައަށް ދެވުނު އިރު އޭނާ ހުރީ މާނޭވާ ލެވިފައެވެ. އޭނާ އާ އެއްވަރަށް ޝެހެރޯޒް ދިޔަކަމެއް އޭނާ އަށް ނޭނގެއެވެ.
“އަހަރެން މިހުރީ”
މިއާ ދިޔައީ ސިހިގެންނެވެ. ޝެހެރޯޒް ގެ އަޑު އައީ ފަހަތުންނެވެ. މިއާ ފަހަތަށް އެނބުރުނެވެ. އޭނާ މިއާ އަށް ވާހަކަދައްކާނެ ފުރުސަތެއް ނުދިނެވެ. މިއާ ގެ ގައިގައި ނިކަން ބާރަށް ބައްދާލިއެވެ. ދޫކޮށްލަންވެސް ބޭނުމެއް ނުވިއެވެ.
“އަހަރެން މިއައީ ޝަކުވާކުރަން” ޝެހެރޯޒް ގެ މޫނަށް ބަލައިލަމުން މިއާ ބުންޏެވެ.
“އަހަރެން މިއާ އާ އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދަން” ޝެހެރޯޒް ބުންޏެވެ.
“ސެންޓަރަށް އައިކަން އެނގޭ. ކީއްވެ އެހާ އަވަހަށް ދިޔައީ” މިއާ ބުންޏެވެ.
“މިއަދު ހުރިހާ ވާހަކައެއް ކިޔައިދޭނަން. އާދެބަލަ”
މިއާ އަތުގައި ހިފައިގެން ޝެހެރޯޒް ހިނގައިގަތެވެ. ގެގަނޑުގެ ކުރިމަތީގައި ދެ ގަހުގެ ގޮފި ގަނޑެއްގައި އެލުވާފައި ހުރި ދާގަނޑެއްހެން ހުރި ދިގު ޖޯލީގައި މިއާ ގޮވައިގެން އޭނާ އޮށޯވެލިއެވެ.
“މީހަކަށް ފެނިދާނެ” މިއާ ޖެހިލުންވިއެވެ.
“ނުފެންނާނެ. ޔަގީންކުރޭ. އަހަރެން މިއާ އަށް އެއްވެސް ދެރައެއް ލިބުނަ ނުދޭނަން” ޝެހެރޯޒް ބުންޏެވެ.
“ވަރަށް ހަނދާންވި. އަހަންނަށް ނަވާރަ އަހަރު ވާނެ މިއަންނަ މަހު. މެރީ ކުރެވިދާނެ. ޝެހެރޯޒް ގެ އާއިލާ ކޮބާ؟ ކޮންއިރަކު ދެ އާއިލާ ބައްދަލުވާނީ؟ އަހަރެން ބޭނުންވަނީ އަވަހަށް އިންނަން. ގޯހެއް ވެދާނެތީ އަހަރެން ބިރުގަނޭ. މިހެން އުޅެނިކޮށް މިރަށަށް އަހަރެން ބަދުނާމުވެދާނެ” މިއާ ވާހަކަދެއްކިއެވެ.
ޝެހެރޯޒް އަށް ހެވުނެވެ. މިއާ ހާދަ މައުސޫމެވެ. ދައްކަނީ ލޯބިން ހިތް ފުރޭވަރުގެ ވާހަކަތަކެވެ.
“މިއާ ތިއީ އަހަރެންގެ އަނބިމީހާ. މިއާ ބަދުނާމުވާކަށް ނުކެރޭނެ. އަހަރެން ބޭނުންނުވާހާ ހިނދެއްގައި މިއާ ބަނޑުބޮޑެއް ނުވާނެ” ޝެހެރޯޒް ބުންޏެވެ.
ޝެހެރޯޒް ގެ މާނަފުން ވާހަކަތައް މިއާ އަށް ނަގައެއް ނުގަނެވެއެވެ.
“އަނބިމީހާ އޭ ދުލުން ބުންޏަސް ނުވާނެއްނު. ކޮބާ ސެޓްފިކެޓް؟ ގާޒީ ކުރިމަތީގަ އަނބި ގަބޫލުކުރަންޖެހޭ. އާނ! ކައިވެނިން ބޭރުން ކޮށްގެން ނުވާނެ ކަންކަން ކޮށްފަ ނުއިނދެ އިނދެގެން އުޅޭ ބަޔަކަށް ވެދާނެ. އެކަމު އަހަރެން ބޭނުމެއްނޫން…. ހިނގާ އިންނަން. ޝެހެރޯޒް ގެ ރަށެއް ވެސް އަދި ނުބުނަމެއްނު”
“މިއާ… މަގޭ ލޯބިވާ އަނބިމީހާ. އަހަރެން މިދައްކަނީ ތެދު ހަގީގަތަށް ވާހަކަ. މި ސިކުނޑިން ވިސްނަބަލަ” މިއާ ގެ ބޮލުގައި އިނގިލިން ކުޑަކޮށް ޖަހައިލަމުން ޝެހެރޯޒް ބުންޏެވެ.
“ނޫޅެން ވިސްނާކަށް. ކައިވެންޏާ މެދު ޝެހެރޯޒް ވިސްނަބަލަ. މިތަނުގަ އަބަދު އުޅޭކަށްނުވާނެ. އަދި ހަނދާންވެސް ނެތިފަ މިހުރީ. ގެނޭ ފޯނު ނަންބަރު” މިއާ ބުންޏެވެ.
ޝެހެރޯޒް އަށް އަނެއްކާވެސް ހެވުނެވެ.
“މަޖަލެއްނޫނޭ. ސީރިޔަސްކޮށް މިބުނީ. ފޯނެއް ލިބިއްޖެ. ޝެހެރޯޒް ނެތަސް ބޭނުން ކޮންމެ އިރެއްގަ ވެސް ގުޅާލެވޭނެއްނު އޭރުން” މިއާ އަނގަ ހަދާލިއެވެ.
“މިއާ އަހަންނާ ބައްދަލުކުރާކަށް ފޯނެއް ނޫނީ ފޯނު ނަންބަރެއްގެ ބޭނުމެއް ނުވާނެ. މިއާ ބޭނުމިއްޔާ މިއާ ބޭނުން ކޮންމެ ގަޑިއެއްގަ އަހަރެން މިއާ ކުރިމައްޗަށް އަންނާނަން”
މިއާ ގެ ސިކުނޑީގައި ކޮށްޓާލިއެވެ. ހައިރާންވެފައި ޝެހެރޯޒް ގެ މޫނަށް ބަލައިލިއެވެ. އެނާ ޝެހެރޯޒް ގެ އަތުތެރެއިން ތެދުވިއެވެ. މިއާ ގެ ހައިރާންކަންވީ އިތުރެވެ. ޝެހެރޯޒް އުނދޯލިން ތެދުވި ތަނެއް އޭނާ އަށް ނުފެނެއެވެ. ފެނުނީ ކުރިމަތީގައި ހުއްޓައެވެ. މިއާގެ ސިހުން އެކުލެވިގެންވާ ދެލޯ ފެނުމުން ޝެހެރޯޒް އަށް ވަގުތު ޖެހުނީކަން އެނގުނެވެ. މިއާ ގެ ސިކުނޑި ސިގުނަލެއް ނުދޭނަމަ އެފަދަ ބެލުމަކުން ބަލާކަށް ނުހުންނާނެއެވެ. ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް އެނާގެ ހުރިހާ ހަގީގަތެއް ކިޔައިދޭން ޝެހެރޯޒް ނިންމިއެވެ. އޮޅުވާލުމެއްގެ ތެރެއިން މިއާ ގެ ދިރިއުޅުމުގެ ތެރޭގައި އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
“މިއާ… އަހަރެންދެކެ ބިރުނުގަނޭ. އަހަރެމެން މިއީ ދެމަފިރިން. މިއާ… ތިފެނުނީ އަހަރެންގެ ހަގީގަތް” ޝެހެރޯޒް މިއާ ގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ކަޅިޖަހާވެސްނުލާ މިއާ ހުރީ ޝެހެރޯޒް އަށް ބަލަހައްޓައިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




