Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވަނަ ބައި

Rasha Level 1
July 24, 2026 3 Mins Read
1 Comment

ދޮޅު އަހަރު ކުރި

އަނބުރާ ރާއްޖެ އާދެވުމުގެ އިންތިޒާރުގައި އަހަރެން ހުރީ ދުވަސް ގުނާލަ ގުނާލައެވެ. މިއިންތިޒާރަށް ނިމުމެއް އައީ އަހަރެން ބެޗްލަރސް ޙާޞިލްކުރަމުންދިޔަ ލިޓްރެޗަރ އެންޑް އަރޓްސް ކޯސް ފުރިހަމަކޮށް ނިމުމުންނެވެ. 3 އަހަރުގެ ޑިގްރީ 5 އަހަރަށް ދެމިގެން ދިޔައީތީ އަހަރެންނަށް ކޯސް ފުރިހަމަ ކުރެވުނީ އެކުގައި ކިޔެވި ކުދިންނަނަށް ވުރެ މާފަހުންނެވެ. ދިރިއުޅުން އަހަރެން ގެނެސް ބެހެއްޓީ އެފަދަ މަންޒިލެއްގައެވެ. އެއްރޭގެ ތެރޭގައި ދިރިއުޅުން އެފުއް މިފުއްވެގެން ދިޔައީއެވެ. އެރެއަށްފަހު… އެހުރިހާކަމަކަށްފަހު އަހަރެންނަށް އަލުން ތެދުވެ މައިންބަފައިންގެ އުއްމީދުތައް ޙަޤީޤަތަކަށް ހެދުނީތީ އުފާކުރަމެވެ.

މިއަދު މީ މިބީރައްޓެހި ފަސްގަނޑު ދޫކޮށް އަނބުރާ އަހަރެންގެ އަމިއްލަ ޤައުމަށްދާ ދުވަހެވެ. އެއަރޕޯޓުގެ ލައުންޖް އޭރިއާގައި އަހަރެން މަޑުކޮށްލައިގެންހުރީ ޗެކްއިން ވުމަށްފަހުއެވެ. ހިތްތެޅުމެން ދިޔައައީ ކީއްވެގެންކަމެއް ނޭނގެއެވެ. އަހަރެން އަބަދުވެސް މިދުވަސް ހިތަށްއެރުވީ އުފާވެރި ދުވަހެއްގެ ގޮތުގައެވެ. ނަމަވެސް ނުތަނަވަސް ވެފައިވާ ހިތް ބުނަނީ މިބިމުގައި އަހަރެންގެ  ދޫކޮށްފަ މިދަނީ ހަޔާތުގެ އެއްބައިކަމަށެވެ. ހިތުގެ ވިންދު ކަމުގައެވެ. ބޯރޑިންގ ވުމަށް އިޢުލާންކުރުމުން އަހަރެން ތެދުވެލީމެވެ. ވަގުތު އައިސްޖެހުނީއެވެ. މިފަހަރުވެސް އަލްވަދާޢު ކިޔަންމިޖެހުނީ ހިތާއި ނަފްސާ ދެކޮޅަށެވެ.

………………………………………………………………………………………………………………………………………..

އިރުއޮއްސެމުން ދިޔަ ވަގުތެވެ. ބައްޕައާއެކު ކާރުގައި ގެއަށް އައިއިރު އަހަރެން އިށީނީ ކާރުގެ ފަހަތު ސީޓުގައެވެ. ބައްޕަ އެކަމާމެދު ސުވާލެއް ނުއުފައްދައެވެ. 5 އަހަރު އެއީ ގިނަ ދުވަސްތަކެއްކަން އަހަރެންގެ ހިތަށް ޤަބޫލުކުރެވުނީ ބަދަލުވެފައިވާ މަގުތަކާއި ފެނި ގެއްލެމުންދިޔަ ބީރައްޓެހި އިމާރަތްތަކަށް ނަޒަރު ހުއްޓާލުމުންނެވެ. ހަލުވި ދުވެއްޔެއްގައި ކާރު އައިސް މަޑު ޖައްސާލީ ހުޅުމާލޭގެ ރީތިގަސްމަގުގާ އުސްކޮށް އިމާރާތްކޮށްފައިވާ އެޕަރޓްމެންޓް ކޮމްޕްލެކްސްއެއް ކުރިމައްޗަށެވެ. ބޯގަންވިލާ އަދި ބަގީޗާ އެހެން ގަސްތަކުން ޖަރީކުރެވިފައިވާ މިމާހައުލަށް އިތުރު ފުރިހަމަކަމެއް ގެނުވީ، ރޭގަނޑުގެ އަދިރިކަމުން ފަޅުފިލުވަމަށް ހަރުކޮށްފައިވާ ސޯލަރ ލައިޓްތަކުންނެވެ.

ކާރުން ފޭބުނުއިރު ބައްޕަ އަހަރެންގެ ފޮށިތައް ޑިކީއިން ނަގަނީއެވެ. އިމާރަތުގެ ރިސެޕްޝަނުން އައި ޒުވާނަކާ ބައްޕަ އެފޮށިތައް ހަވާލުކުރިއެވެ. ބައްޕައަކީ އާދައިގެމަތިންވެސް ބަސްމަދު މީހެކެވެ. އެހެންނަމަވެސް މިއަދު ފާހަގަވީ އިހުނަށްވުރެވެސް ދުރުކަމެކެވެ. އެއަރޕޯޓުން އައިމަގުމަތީގައިވެސް މިކަން އަހަރެންނަށް ފާހަގަވިއެވެ. އެއްޗެއް ބުނަންވެފައިވާ ފަދައިން މާނަވީ ގޮތަކަށް ބައްޕަ އަހަރެންނަށް ބަލާލައެވެ. އެހާއަވަހަށް އެނަޒަރު ވަކިކޮށްލައެވެ. ޖެހިލުންވެފައިވާ މީހެއް ފަދައިންނެވެ. އަހަރެންނަށް ހީކުރެވުނީ އެއީ އެހާދިސާއަށް ފަހުގައި…. އެކަމަކު މިއީ އެހާދިސާއަށްފަހު އަހަރެން ބައްޕައާ ދިމާވާ ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ އަހަރަކު މަދުވެގެން ދެފަހަރު މަންމަ އާއި ބައްޕަ އަހަންނަށް ޒިޔާރަތްކުރެއެވެ.

ލިފްޓަށް އަހަރެން އެރީ ބައްޕާއާއެކުއެވެ. ކުޑަ ވަގުތުކޮޅަކަށްފަހު ދޮރުހުޅުވުނީ 17 ވަނަ ފަންގިފިލާއަށެވެ. ވަދެގެން އައިރު ފެނުނީ ރީތިކޮށް ތަރުތީބުކުރެވިފައިވާ ސިޓިން ރޫމެކެވެ. ޒަމާނީ ފަރުނީޗަރުން ޒީނަތް ކުރެވިފައިވީއިރު، ވާސްތަކަށް ޖަހައިފައިވާ ތާޒާ މަލާއި ފާރުތަކުގާ ހަރުކޮށްފައިވާ އަގުބޮޑެތި ކުރެހުންތަކުން ވަށައިގެންވާ މާހައުލަށް ޝާހީ އަސަރެއް ގެނުވިއެވެ. ގައިމުވެސް މޭޖަރ ޖެނެރަލް މުޙައްމަދު މުޢުމިންގެ ގެ ހުންނާނެކަމަށް ދެކެވޭނެ ފެންވަރުގައެވެ. ސިޓިން ރޫމައަށް ވަދެގެން އައިރު އިސްތިޣުބާލުކުރުމަށް މަންމަ އާއި ކޮއްކޮ މާހިން ހުއްޓެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ސޯފާގައިތިބި އިތުރު ތިން މީހެކެވެ. ޚަލީލުބެއާއެކު އިތުރު އަންހެނަކާއި ޒުވާން ފިރެހެނެކެވެ. ޚަލީލުބެއަކީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެއީ އަނެއް ދިގުވާހަކައެވެ. ކުޑައިރުގައި ބައްޕަ އަބަދުވެސް ޚަލީލުބެ ބައްޕަ ގެނބެނިކޮށް ސަލާމަތްކޮށްދިން ވާހަކަ ކިޔާދޭނެއެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ބައްޕަ ދުނިޔޭގައި މިއަދު އެހުރީ ޚަލީލުބެ ކުރި ހިތްވަރަކުންނެވެ. މިހާ ގިނަދުވަސްފަހުން އެއާއިލާ މިގެއިން ފެނުމުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ. އެކަމަކު ގިނަދުވަސްތަކަކަށްފަހު ޒިޔާރަތްކޮށްލީކަމަށް ބަލާ އަހަރެން އެކަމަށް މާބޮޑު ސަމާލުކަމެއްނުދެމެވެ.

މަންމަ އަހަރެން ފެނުމުން އަވަހަށް އަހަރެން އެތެރެއަށް ގެނެސް ސޯފާގައި ބެހެއްޓިއެވެ. ދިގު ދަތުރަކަށްފަހު ވަރުބަލިވެފައިވީނަމަވެސް އިޙްތިރާމާއިއެކު އަހަރެން މެހެމާނުންނާ ސަލާމް ބަދަލުކޮށްލީމެވެ. ޙަޤީޤަތުގައި އަހަރެން ބޭނުންވީ އޮށޯވެލާށެވެ. އެހެންނަމަވެސް ކުޑަ ހިނދުކޮޅެއް މަޑުކޮށްލައިގެން ގެއްލުމެއްނުވާނެތާއެވެ.

މާހިން ސޯފާގެ އަނެއްކޮޅުގައިހުރެ ލޮލުން ފާޑެއްގެ އިޝާރާތްތަކެއް ކުރަމުންގެދިއައެވެ. އަހަރެންގެ ފޯނާ ދިމާއަށެވެ. އަދި އަމިއްލަ ފޯނުން ޓައިޕުކުރަމުން ދިޔައެވެ. ނަމަވެސް އަދި ރާއްޖޭގެ ސިމު ނުލައްވާތީ އޭނާ އެކުރާ މެސެޖެއް އަހަރެންނަކަށް ނުލިބެއެވެ. ކޮއްކޮގެ ލާނެއްކަން ބަދަލެއްނުވާނެވެ. ހިތާހިތުން ސާބަސް ކިޔާލެވުނެވެ.

ޚަލީލުބެ އަހަރެންގެ ހާލު އަހުވާލުއެހިއެވެ. އަދި އަނބިމިހާ ޒުލައިޙާ އާއި ދަރިފުޅު ޒަޢީން ހަނދާންހުރިތޯ އެއްސެވެ. ފަރުވާލެއްނެތި އަހަރެން ބޯޖަހާލީ އަވަހަށް ކޮޓަރިއަށް ދެވޭނެކަމުގެ އުއްމީދުގައެވެ.

“ހަނދާން ހުންނާނެއެއްނުދޯ ކުޑައިރުއެކީ ކުޅެންވެސް ދަމެއްނު؟” ޒުލައިޙާ ހިނިތުންވަމުން ބުނެލިއެވެ. އަހަރެންވެސް ހިނިތުންވެލާ ޖަވާބުގައި އާނ ހޫނ ޖަހާލީމެވެ.

“ޒަޢީން އަކީ މިހާރު ޑޮކްޓަރެއްކޭދޯ” އަހަރެންގެ ބައްޕަވެސް ސޯފާގައި އިށީނދެ ވާހަކައިގައި ބައިވެރިވެލިއެވެ.

“އެކަންދެން މިހާރު މަޙަމްއަށް އިނގޭނެއެއްނު”. ޒުލައިޙާ ޖަވާބުގައި ބުނެލިއެވެ.

އެވަގުތު އަހަރެންނާ ދިމާއަށް ބަލަން އިން ޒަޢީންގެ ކަތި ނަޒަރު އަހެރެންނާ ހަމަހަމަވިއެވެ.

ޙަޤީޤަތުގައި ބުނާނަމަ ޒަޢީން ދުނިޔޭގައި ހުރިކަންވެސް އަހަރެން ހަނދާނެތްނެތެވެ. ކުޑައިރު އެއްކޮށް އުޅުނުކަން ޒާތަކަށް ހަނދާވިޔަސް އެއީ ކޮން ޒަމާނެއްހެއްޔެވެ؟ މިހާރު ކުރިމަތީގައިހުރީ ފުރާ ފުރިހަމަވެފައިވާ ޒުވާނެކެވެ. ތަފާތު އަޅައިގަންނަ ގޮތެއް ހުއްޓެވެ. އެތަށް އަންހެންކުދިންނެއްގެ ހިތް ފަތަޙަ ކުރެވޭފަދަ ރީތިކަމެކެވެ. އަހަރެންގެ ހިތުގައި ރަސްކަންކުރާ އެހެން ފަރާތެއް ނެތްނަމަ އަހަރެންގެ ހިތްވެސް ލެނބުނީސްކަން ޔަޤީނެވެ. އެކަމަކު މިހިތުގައި ޖަހާ ވިންދުގައި އަބަދުވެސް ވަނީ ހަމަ އެއްނަމެވެ.

ވާހަކަ ކުރުކޮށްލާ ވަރުބަލިވެފައި ހުރުމުން ކޮޓަރިއަށް ދަނީކަމަށް ބުނެ އަހަރެން ތެދުވެލީމެވެ. އެހެން ބުނުމުން އަދި ވަރަށް އަވަހަށް ފެންނާނެއެއްނޫހޭ ޚަލީލުބެ ބުނެލިއެވެ. އެވަގުތު އަހަރެންގެ ބޮލަށް ވަނީ ނުބައި ހިޔާލެކެވެ. މިހާ ފިނިވާކަން އިޙްސާސްކުރެވުނެވެ. އެއީ ކޮންކަމަކުތޯ ބޭއިޙްތިޔާރުގައި އަހާލެވުނެވެ. އަހަރެންގެ ދެލޯ ބޮޑުވެ ހައިރާންކަމާއި ރުޅިވެރިކަން އެކުވެފައިވާ ނަޒަރަކުން އަހަރެންގެ މައިންބަފައިނަށް ބަލާލެވުނީ، ޚަލީލުބެ ޖަވާބުގައި ބުނި ޖުމުލަ އިންނެވެ.

“މަޙަމް ދެން އަންނަނީ ޙަލީލުބެމެން ގެޔެކަށްނު. މިހާރު ދެން ތީ އެގޭ ކުއްޖެއްނު.” އަހަރެންގެ ބޮލުގެ ތެރޭގައި އެޖުމުލަ ތަކުރާރުކޮށްލެވުނީ އެނޫން މާނައެއް ނަގައިގެނެވޭތޯއެވެ.

Share Article

Follow Me Written By

Rasha

Level 1

Other Articles

Previous

ހިމޭން 12

Next

ކެހިވެރި ލޯބި!

Next
July 24, 2026

ކެހިވެރި ލޯބި!

Previews
July 23, 2026

ހިމޭން 12

One Comment

  1. Aami says:
    July 24, 2026 at 6:29 pm

    Varah reethi

Comments are closed.



All Right Reserved!