ލޯބިވާތީ…(ތިންވަނަ ބައި)
“މަޙަމް ދެން އަންނަނީ ޙަލީލުބެމެން ގެޔެކަށްނު. މިހާރު ދެން ތީ އެގޭ ކުއްޖެއްނު.” އަހަރެންގެ ބޮލުގެ ތެރޭގައި އެޖުމުލަ ތަކުރާރުކޮށްލެވުނީ އެނޫން މާނައެއް ނަގައިގެނެވޭތޯއެވެ.
އަހަރެން ފުން ނޭވައެއްލީ، މިހުރެވެނީ މެހެމާނުންގެ ކުރިމަތީގައިކަން އަމިއްލަ ހިތައް ވިސްނައިދެމުންނެވެ. އެންމެ ކުޑައިރުއްސުރެ އަހަރެންގެ މައިންބަފައިން ދަސްކޮށްދިން އެއްކަމަކީ މީހުންގެ ކުރިމަތީގައި އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްގައި ހިފެހެއްޓުމުވެ. އާއިލާގެ ޤަދަރާއި ޢިއްޒަތުގެ ކުރިމަތީގައި އަހަރެންގެ އިޙްސާސްތަކުގެ އެއްވެސް އަޤެއް ނޯވެއެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު އަހަރެން ކޮޓަރިއަށްގޮސް ދޮރު ލައްޕާލީމެވެ.
ކޮޓަރިއަށް އައިސްފައިވާ ބަދަލުތައްވެސް ނަގައިގަތުމަކަށް ސިކުނޑިއަކަށް ވަގުތެއްނުވިއެވެ. ލޮލުގެ ފެނުން ނުސާފުކުރުވަމުންދިޔަ ކަރުނަތައް އިޙްތިޔާރެއްނެތި ބަނޑުންކުރުވައިފިއެވެ. އަދި މިހިތް ތައްޔާރެއްނޫނެވެ. އަދި މާޒީގެ އަޑިގުޑަންތަކުން އަރައިގަންނަން ވަރަށް ވަގުތު ބޭނުމެވެ. ދިރިއުޅުން އެހަނދާނުގައި ވޭތުކުރުމަކަށް އަހަރެންގެ އެއްވެސް އިޢުތިރާޟެއްނެތެވެ. ވީއިރު އަހަރެން، އަހަރެންގެ ހާލަށް ދޫކޮށްލުމަށް މަންމައާއި ބައްޕަ ދެކޮޅު ހަދަންވީ ވަކި ކީއްވެ ހެއްޔެވެ؟ އަހަރެންގެ އުފާވެރިކަމަކީ މިހާރު އެހަނދާންތަކެވެ. އަހަރެންގެ ހިތުގައި އިތުރު މީހަކަށް އެއްވެސް ޖާގައެއް ނުދެވޭނެއެވެ.
ކަނު އަދިރީގައި ކޮޓަރީގެ އެނދުގެ އަރިއެއްގައި ކުޑަކަކޫ ޖަހައިގެން އަހަރެންނަށް އިނދެވުނީ ކިހާ އިރެއްގައިކަންވެސް ނޭނގެއެވެ. އޭރުވެސް ލައިގެން ހުރި ހެދުމުގައެވެ. އޭރުވެސް ސިކުނޑިއަށް ޖަމާވެފައިވި ޝަކުވާތަކާއި ހިތުގައި ވިކަމުންދިޔަ ހިޔާލުތަކަށް ގެއްލިފައެވެ. އަހަރެން ހަމަބިމަށް ގެނުވީ ކޮޓަރީގެ ދޮރުގައި މަޑު ޓަކެއް ޖަހާ އަޑަށެވެ. މާލަސްތަކެއްނުވެ ކޮޓަރިއަށް ވަދެގެން އައީ މަންމައެވެ.
“މަންމާ” އަހެރެން ގޮވާލީމެވެ. އަހަރެން ހިތުގައިވި ކެކުޅުން އަޑުގައިނެތީ ކީއްވެބާއެވެ؟
“ޕްލީސް… މަންމާ…ދެން ނުވާނެ” ތުރުތުރު އަޅާ ދެއަތުން ދެލޯ ފޮހެލަމުން ބުނެލީމެވެ.
މަންމަ އަހަރެންނަށް ބަލަން އިނީ ހަމްދަރުދީގެ ނަޒަރުކުންނެވެ. އަމިއްލަ ނަފުސަށް ވިސްނަދިނީމެވެ. މުށުތެރޭގައިވާ މީހާއަށް ލިބިފައިވަނީ ކޮން އިޙްތިޔާރެއް ހެއްޔެވެ؟
“ބައްޕަ ކީއްވެ.. ބޭނުންވީ” އަނެއްކާވެސް އަހަރެން ޝަކުވާތައް މަންމަ އަށް އަމާޒުކުރީމެވެ.
“ތިގޮތަކަށް އަބަދަކު ނުހުރެވޭނެއެއްނުދޯ؟” މަންމަ ތިރިވީ އަހަރެންނާ އެއްހަމަވުމަށެވެ. އަދި ބޮލުގައި ފިރުމާލިއެވެ.
“މަންމަ އަށް އިނގޭ ދަރިފުޅު ވަރަށް ލޯބިވާކަން އެސޮރުދެކެ، އެއީ ވަރަށް ރަނގަޅު ކުއްޖެއް. އެކަމަކު މިހާރު ވަރަށް ދުވަސް ފާއިތު ކުރެވިއްޖެއެއްނު ތިގޮތުގަ. ބައްޕަ ވިސްނަނީ ޒައީންއާ އެކީ މަޙަމް ޒަވާޖީ ހަޔާތެއް ފަށަން. މިހާރު ފުރާވަރުވެ ހެޔޮނުބައި ވިސްނޭވަރުވެފަ ތިހުރީ. ދަރިފުޅުވެސް ދިރިއުޅުމެއް ފަށަން ޖެހޭނެއެއްނު؟” މަންމަ މަސައްކަތްކުރީ އަހަރެންގެ ހިތް ބަދަލުކުރެވޭތޯއެވެ.
“އަހަރެން ވަގުތު ބޭނުން… އަދި ތައްޔާރެއްނޫން. ބައްޕަ ވަގުތު ދޭނެތަ؟” ހާލު ދެރަވަމުން ދިޔަ ހިތަށް ތަސައްލީއެއް ހޯދައިދެވޭތޯ އަހަރެން އެހީމެވެ.
“ބައްޕަގެ ގޮތް ހަމަ އެންމެ ރަނގަޅަށް އެނގޭނީ ދަރިފުޅަށް. ބައްޕަ ކަމެއް ނިންމުމަށްފަހު ދެން ވިސްނުން ބަދަލެއްނުކުރާނެ” މަންމަ ހިއްވަރު އެލިފައިވާ މީހެއް ފަދައިން ބުނެދިނެވެ.
“އެންމެ ރަނގަޅުވާނީ ދެން ތިވާހަކަ ބައްޕަޔާ ދެއްކިއްޔާ… އަވަހަށް ތެދުވެ ފެންވަރާލައިގެން ކާން ހިނގާ. ކައިގެން ހަމަޖެހިލައިގެން ބައްޕައާ ތިވާހަކަދައްކާ” މަންމަ އަހަރެން އެތަނުން ނަގަން މަސައްކަތްކުރިއެވެ. މަންމަ ކުރިނުކަނޑާ ކިޔަން ފެށުމުން އަހަރެން ގޮތްދޫކޮށް ފާހަނައަށްވަނީއެވެ.
އުދާސްވެފައިވާ މޫނާއި ކުރަކިވެފައިވާ ދެލޯ އަހަރެންނާ ބައްދަލުކުރީ ފާހަނައިގެ ލޯގަނޑުންނެވެ. އަހަރެން މޫނު ފެނުން ރީތިކޮށް ދޮވެލީ މި ހުވަފެނުން މިންޖުވޭތޯއެވެ. އެހެންނަމަވެސް އަހަރެން ކުރިމަތިލާންޖެހުނީ ދިރިއުޅުމުގެ ޙަޤީޤަތާއެވެ.
…………………………………………………………………………………………………………………………………………
އިޝާ ނަމާދަށްފަހު ކާމެޒު ދޮށުގައި އެންމެން އެއްތަންވެގެން ތިބީ ރޭގަނޑުގެ ކެއުމަށެވެ. މަންމަ ސުފުރާމަތި ތައްޔާރުކުރިއިރު އަހަރެން ފަސްފަހަތުގައި އަތް ގާތްކޮށްދެން މަސައްކަތްކޮށްދިނީމެވެ. އެންމެން ކާންފެށީ އެކީގައެވެ. އަހަރެން ހުރީ ފުރުޞަތަކަށް ދަހިވެތިވެފައެވެ. ބައްޕަގެ ހިޔާލު ބަދަލުކުރެވޭނެކަމުގެ އުންމީދުގައެވެ. ބައްޕަ އަހަރެންނާ ކަޅި ހަމަކުރަންވެސް ބޭނުންނުވާ ކަހަލައެވެ. އެންމެން ކައި ނިންމާލުމުން އަހަރެން ބައްޕަ ގާތުގައި ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނީމެވެ. ބައްޕަ ހަމައެކަނި އިސްޖަހާލީއެވެ.
ބައްޕައަކީ އަބަދުވެސް ބަސްމަދު މީހެކެވެ. ވަރަށް ސީރިއަސް މިޒާޖެއްގެ މީހެކެވެ. ގޭގައި ވިކޭނީ ބައްޕަގެ ބެހެވެ. އެންމެ ކުޑައިރުއްސުރެވެސް ގޭގައި ކަންތައް ހިނގާ ގޮތަކީ މިއެވެ. ވިސްނޭ އުމުރަށް ދިއުމުން އަހަންނާއި މާހިންވެސް ބައެއްކަންކަމަށް ދެކޮޅު ހަދަމެވެ. އަހަރެމެންނަށް ކާމިޔާބު ލިބެނީ އިނގިލިން ގުނާލެވޭހާވެސް މަދު ފަހަރަކުއެވެ. މާހިން މަޖަލަށް ހަދާ ގެއަކީ “މިލިޓަރީ ކޭމްޕް” އެއްކަމަށް ބުނެ އުޅެވެ. ބައެއް ފަހަރު ބައްޕަ ސިފަކުރެވެނީ “ޑިކްޓޭޓަރ” އެއްގޮތައްކަމަށްވެސް ބުނެއުޅެވެ. މަންމަ މިކަމާ ހިންހަމަނުޖެހިގެން އިޙްތިރާމުނުކުރެއޭ ބުނެ ރުޅިހަދާނެއެވެ. 5 އަހަރު ފަހުންވެސް ބަދަލެއްނައިކަމަކީ މަންމައާއި ބައްޕަގެ ހިޔާލާއި ވިސްނުމެވެ. އަދިވެސް ދަރިންނަށް އަމިއްލަ ދިރިއުޅުމުގައި ގޮތް ނިންމުމުގެ މިނިވަންކަމެއްނުދެއެވެ.
ކައިނިމިގެން އަހަރެން ސޯފާގައި ހުއްޓާ ބައްޕަ އައިސް ކައިރީގާ އިށީނެވެ.
“ބައްޕައަށް ހީވެއްޖެ މަޙަމް ހިތްހަމަނުޖެހޭނެހެން” ބައްޕަ ވިސްނުމެއްގައި ހުރި ފަދައިން ބުނެލިއެވެ.
“އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކާ ކައިވެނި ކުރާކަށް. އަހަރެންނަށް އެހެންމީހަކާ އެކީ… އިތުރު މީހެއްގެ ޒިންމާއެއް އުފުލޭނެހެނެއް ހިއެއްނުވޭ. މިހާރުވެސް..” އަހަރެން ބައްޕަގެ ވިސްނުން ބަދަލުކުރެވޭތޯ މަސައްކަތްކުރީމެވެ.
“ދަރިފުޅު ތިގޮތަށް މާޒީގެ ހަނދާންތަކެއްގައި ދިރިއުޅުން ދުއްވާލާކަށް ނޭދެން. ބައްޕަ ވަރަށް ވިސްނާފަ މިނިންމުން ނިންމީ. މަޙަމްގެ ދިރިއުޅުން، ގަދަކަމަކުން ކައިވެންޏެއް ނުކުރެވޭނެ. އެކަމަކު މަޙަމް ނިންމާގޮތަކުން މިދެމެދު އޮތް ގުޅުންވެސް..” ބައްޕަ ބުނަން އުޅުނީ ކީކޭކަން އަހަރެންނަށް ރަނގަޅަށް ދޭހަވިއެވެ.
“ޕްލީސް.. ތިހެން ނުބުނޭ ބައްޕާ..” އެނެއްކާވެސް އަހަރެންގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.
“ޒައީން އަކީ ވަރަށް ރަނގަޅު ކުއްޖެއް. ޚަލީލުބެގެ އާއިލާއަކީވެސް ވަރަށް ރަނގަޅު ބައެއް. އެޔަށްވުރެން ރަނގަޅު ބައެއް ދެން ނުފެންނާނެ. ކާފަ އާއި މާމަގެ ވެސް އެދުމަކީ މިހާރު އެމީހުން ދުނިޔޭގައި ހުއްޓާ މަޙަމް ކައިވެނީގެ ކަންތައް ނިންމަން” ބައްޕަ ވިސްނައިދެން އުޅޭ ރާގަކަށް ކިޔާދިނެވެ.
“އެކަމަކު އަހަރެން ކައިވެނި ކުރާނެ މީހެއް އިޙްތިޔާރުކުރުމުގެ ހައްޤު ލިބެންވާނީ އަހަރެންނަކަށް ނޫންތަ؟” އަހަރެންގެ ހިތުގައިވި ޝުއޫރު ފާޅުކޮށްލީމެވެ.
“ތިހެން މަޙަމްއަށް މިދެވުނީ 3 އަހަރު ހޯދަން މީހަކު.. ބައްޕައަށް ރަނގަޅަށް އެނގޭ މަޙަމް ނޫޅޭކަން މީހަކު ހޯދަން. މަޙަމްތީ މިގޭގެ ޢިއްޒަތް. މިނިންމުމާ ދެކޮޅު ހަދައިގެން ވަކި ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ” ބައްޕަ ރުންކުރުގޮތަކަށް ބުނެލިއެވެ.
ފާރަކާއި ވާހަކަ ދެއްކިޔަސް މިއަށްވުރެ ފައިދާވާނެކަން ވިސްނޭތީ އަހަރެން އިތުރު އެއްޗެއް ނުބުނެ ތެދުވީމެވެ. ކޮޓަރި އަށް ވަދެ އޮޝޯވެލީ މިއަދުވީ ހުރިހާކަމެއް ހަނދާނެތޭތޯއެވެ. ފޯނުނަގާ ރައްޖޭގެ ސިމު ލައްވާލީމެވެ. އެހެންކަމަކަށް ސިކުނޑި ސަމާލުކުރެވޭތޯއެވެ. ވަރުބަލިކަން ވެރިވެފައިވާ މޫނު ހައިރާންކަމުން ފުރާލީ ސިމު ލެއްވުމާއެކު ނޮޓިފިކޭޝަން އިން ފެނުނު މެސެޖުންނެވެ.
“ސޮރީ- ޒައިން”
