Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންމަޖާލޯބި

އަނދިރި ދުނިޔޭގެ ރަސްގެފާނު – 1

ޝނކސ
ޝނކސ Level 1
July 23, 2026 3 Mins Read
0 Comments

ސްވިޒަލޭންޑްގެ ޒޫރިކްގެ ފިނި ހެނދުނެކެވެ. ފަރުބަދަތަކުގެ މަތީގައި ހުދު ކަފަބޮޅުތަކެއް ފަދައިން ސްނޯ ފެތުރިފައިވާއިރު، އިލީނާ ހުރީ އޭނާގެ ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން ބޭރު ބަލާށެވެ. އޭނާގެ މޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އޭނާ އެ ހުރީ ބޮޑު ފިކުރެއްގައި ކަން އެނގޭނެއެވެ. އުމުރުން 18 އަހަރު ފުރުނުތާ މިއަދަށް މިއީ ދެވަނަ މަހެވެ. ނަމަވެސް އެ ދުވަހަށްފަހު އޭނާ އުޅެން މި ޖެހެނީ ގޮތް ނޭންގޭ ކަންތަށްގަނޑެއްގެ ތެރޭގައެވެ.

“ލީނާ! ސައިބޯން އާދޭ! މިހާރު އެޔޮށްގެން ގަޑި ޖެހެނީ!” އިލީނާ ސިއްސާގެން ދިއައީ އޭނާގެ މަންމަ ގޮވާ އަޑަށެވެ.

“އާން މި ދަނީ!” އިލީނާ އަވަސްވެގަތީ ސައިބޯން ދިއުމަށެވެ. މިއަދަކީ ކޮލެޖްގެ ކިޔެވުން ފެށޭ ދުވަސްކަމުން އޭނާ ހުރީ ފުދޭ ވަރަކަށް ހާސްވެފައެވެ. ގަޑި ބަލާލިއިރުގައި ގަޑިޖެހެން ބާކީ އިނީ 55 މިނިޓެއެވެ. ނަސީބު ދިމާކުރި ގޮތުން ކޮލެޖް އާއި އޭނާ އުޅޭ ގެޔާ ހުންނަނީ 15 މިނިޓްގެ ދުރުމިނެވެ. ފޯނާއި އިތުރަށް ކުޅެން ނުހަދައި އިލީނާ އަވަހަށް ތައްޔާރުވާން ފެށިއެވެ.

“އަނހާ، މަންމިގެ ދަރިފުޅު ހާދަ ރީއްޗޭ މާޝާ ﷲ!”. ބަދިގެ އަށް ވަންނަމުން ދިޔަ އިލީނާގެ ކަންފަތުގައި އެންމެ ފުރަތަމަވެސް ޖެހުނީ އޭނާގެ މަންމަ ނަވާރް އޭނާ އަށް ތައުރީފު ކޮށްލި އަޑެވެ. ކްރީމް ކުލައިގެ ސްވެޓަރ އެއްގެ މަތިން ކަޅު ޖެކެޓް އެއް ލައިގެން، ކަޅު ކުލައިގެ ޓްރައުޒާއެއްގައި އިލީނާ ހުރި އިރު ފެންނަނީ ނުލާހިކު ހިތްގައިމުކޮށެވެ. އޭނާގެ ކަޅުކުލައިގެ ރާޅުބާނި އިސްތަށިގަނޑު ވަނީ އެއްވެސް އެއްސުމަކާއި ނުލައި ދޫކޮށްލައިފައެވެ. އިސްކޮޅުން ކުރު ކުރުކޮށް ހުރުމުން އުމުރާ ބަލައިފައި އިލީނާ ޖަހަނީ ކުޑަ ކުއްޖެއް ވައްތަރެވެ. އެ ކުޑަކުޑަ މޫނުމަތީގައި އެއްވެސް މޭކަޕެއް ނުވާއިރު ވެސް، ރަތް ލޭކޮޅެއް ކަހަލަ ތުންފަތަކާއި، ބޯ އެސްފިޔަ ތަކުގެ ދަށުގައި ނިވާވެފައިވާ މަޑު ފެހިކުލައިގެ ކަޅި ފެނުމުން ތަޢުރީފް ނުކޮށް ހުރެވޭނީ ކާކަށް ހެއްޔެވެ. އިލީނާގެ އެންމެ އަޅައިގަންނަ ސިފަ އަކީވެސް އޭނާ އަށް ލިބިފައިވާ ފެހިކުލައިގެ ކަޅިއެވެ. އެކަމުގެ ސަބަބުން އޭނާ އަށް މީހުންގެ ނަޒަރުތަކާއި ކުރިމަތި ލާން ޖެހޭވަރު މަދެއް ނޫނެވެ. ފުރަތަމަ ކޮޅު އުނދަގޫ ވިޔަސް ޒުރިޗް އަށް ބަދަލުވިތާ 2 މަސް ތެރޭގައި އޭނާ ވަނީ އެކަމަށް އާދަވެފައެވެ. އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވީ ނަވާރް ގެ އެ ބަސްކޮޅުން ހީލި އިރު ކޮލަށް އެޅުނު އަޑިކޮޅެވެ.

“ބައްޕަ އަންނާނެ އިރުކޮޅަކުން ބަލާ! ދަރިފުޅު ވާނެ ވަރަށް ރަނގަޅަށް ކިޔަވަން އިނގޭ! މިހެން ބުންޔަސް މަންމަ އަށް އިނގޭ ދަރިފުޅު ކިޔަވާނެ ކަން! އެކަމަކު މަންމަ އަށް ހަމަ ކިޔޭނީ ދޯ!”. އާދައިގެ މަތިން ނަވާރް ދައްކާ ވާހަކަ ފެށިއެވެ. އިލީނާ ޕޭން ކޭކްއެއް އަނގަ އަށް ލައިގެން މޫނު ކުނިކޮށްގެން އިނދެ އޭނާގެ މަންމަ ދައްކަމުން ދިޔަ ވާހަކަތަކަށް އާނ ހޫނ ލަށްވަމުން ދިއައެވެ. ދެ ޕޭން ކޭކް ކައިލުމަށްފަހު ނަވާރް ގިރާފައި ހުރި ކޮފީތަށި ބޯލައިގެން އިލީނާ ފޯން ނަގައި އެޔާ ކުޅެން ފެށިއެވެ. ނަވާރްވެސް އެވަގުތު ވާހަކަ ދައްކަން ނުހަދައި ކާން އިނުމުން އިލީނާ އިނީ ވަރަށް ހަމަ ޖެހިލާފައެވެ. އެ ހަމަ ހިމޭންކަން ކަނޑުވައިލީ ބޭރުން އިވުނު ކާރެއްގެ ބަރުގޮނުގެ އަޑެވެ. އެ އަޑަށް އިލީނާ ތެދުވެ ގެއިން ނުކުންނަން ހިނގައިގަތެވެ.

“ބައްޕާ! ޕްލީޒް ނޯ ލެކްޗަރ”. އިލީނާ އައިސް ކާރުގެ ކުރީ ދޮރު ހުޅުވާލަމުން ގޮވާލިއެވެ.

“އާން ދަރިފުޅާ!”. އިލީނާއަށް ދުއްވަން އިން މީހާ އާއި ދިމާލަށް ބަލާލެވުނީ އެއީ އޭނާގެ ބައްޕަގެ އަޑު ނޫން ވީމައެވެ. އޭރު ދާނިޔަލް އިނީ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެންނެވެ.

“ދެން ދޮންބެގަނޑާ! ވަރަށް ފޫހިވޭ!”. އިލީނާ ކާރުތެރޭގައި އިށީންނަމުން ދާނިޔަލްގެ ގާގައި ބޮނޑިއެއް އަޅައިލިއެވެ. ދާނިޔަލް ހީނގަނެފައި، ކުއްލިއަކަށް ކޮންޕެނީގެ މީޓިން އެއް އެގަޑިޔަށް ޝެޑިއުލް ކުރުމުން ޝަހުޒާން ބިޒީ ވީ ކަމަށް ބުންޏެވެ. ދެން ދާނިޔަލް އެހީ އިލީނާ ތުން ދަމާގެން އިނުމުން އެ ވާހަކައެވެ.

“މަންމަ ލެކްޗަރ އަޅަން ފެށީނު! އަދި މިއީ ފުރަތަމަ ދުވަސް! އެވަރު ހަދާކަށް ނުވާނެ އެންނު ދޯ!”. އިލީނާ ކުސްތަޅައިލުމަށްފަހު ސައިބޯން އިން ވަގުތުގައި ވީ ކަންތަކުގެ ވާހަކަ ދާނިޔަލް އަށް ކިޔާދިނެވެ. ދާނިޔަލް ހީލާފައި އެއީ މަންމަގެ ގޮތެއް ނޫންހޭ ބުނެލިއެވެ. ދެބެން އެހެން ވާހަކައިގައި ތިއްބައި އިސާހިތަކު އިލީނާ ދާން ހަމަޖެހިފައިވާ ހެލްވިޓާ ޔުނިވާސިޓީއާއި އަރައި ހަމަ ވެއްޖެއެވެ. އިލީނާ ދޮރު ހުޅުވައިލުމަށްފަހު ނުކުންނަން ދިޔަ ގަޑީގައި ދާނިޔަލް ގުޑްލަކް އޭ ބުނެލި އަޑު އިވުނެވެ. ނަމަވެސް އެއަށް ޖަވާބެއް ދެވޭ ވަރު ނުވީ އީތަން ގުޅަން ފެށުމުންނެވެ.

“މި ވަނީ! މި ވަނީ!”. އިލީނާ އެހެން ކިޔަމުން ގޭޓް އާއި އަރާ ހަމަ ވި އިރުގައި އީތަން ހުރީ ދޮރުމަތީގައެވެ. އިލީނާ ގޭޓުން ވަންނަން ދިޔަ އިރު ކުއްލިއަކަށް ހުއްޓެވުނީ މީގެ 5 ދުވަސް ކުރިން އޮރިއެއްޓޭޝަން އަށް އައި އިރު ވީ ކަމެއްގެ މަތިން ހަނދާންވެފައެވެ. މަޑުމަޑުން ކަނާއަތު ފައި ނެގުމަށްފަހު ގޭޓް ތެރެޔަށް އަޅާލަމުން އޭނާ ލޯ މަރާލިއެވެ. ދެވަނަ ސިކުންތުގައި ލޯ ހުޅުވާލީ އޭނާ ހީކުރި ކަހަލަ ތަފާތު ކަމެއް ނުވުމުންނެވެ.

“ޔޫ އޯލް އޯކޭ؟ މަ ވާހަކަ މި ދައްކަނީ އަޅެ ފަހެ ކާކާތަ؟ ގައިމު ކިހާއިރެއް މި ވަނީ ގޮވާތާ؟”. އިލީނާ ސިއްސައިގެން ދިޔައީ އީތަން އޭނާގެ މޫނު މަތީގައި އަތް ހޫރާ ލުމުންނެވެ. އޭނާ އަށް އުޅެވުނު ގޮތް ހަނދާންވުން މުޅި މޫނަށް ޖަންބު ކުލަ އަރަން ނެގީ މަދު ސިކުންތު ކޮޅެކެވެ. އަވަސް އަވަހަށް ކަމެއް ނުވާ ކަމަށް އީތަން ކާރީގައި ބުނުމަށްފަހު އޭނާ ހިނގައިގަތީ އިތުރު ސުވާލެއް އީތަން ކޮށްފާނެތީއެވެ. އިލީނާ ހިނގާފައި ދިޔައިރު އެތަނަށް ވަންނަމުން ދިޔަ ގިނަ މީހުންގެ ނަޒަރު ހުރީ އޭނާ އަށް ކަން އެނގުމުން އަދި ވަކިން ލަދު ގަތެވެ. އިސްޖަހައިގެން ހުރެ ހިނގުނު އެންމެ ބާރަކަށް ހިނގަމުން ގޮސް ކްލާސް ތަށް ފެށޭ ކޯރިޑޯ އަށް އޭނާ ވަނެވެ. އޭރުވެސް އެ ހިނގުން އެންމެ ތަންކޮޅެއްވެސް މަޑު ކޮށެއް ނުލައެވެ. އިލީނާ މަތަވީ ކޮރިޑޯ ތެރެއިން އެ ދިމާލަށް އައި މީހެއްގެ ގައިގާ އަޅާގަނެފައެވެ. ތޫލި އަޑެއް އޭނާގެ އަނގައިން ބޭރު ވުމާއެކު އޭނާ ވެއްޓެން ދިޔައެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 1

Other Articles

Previous

އަނދިރި ދުނިޔޭގެ ރަސްގެފާނު – ޓްރެއިލާރ

Next

ދުރުވާން ޖެހުނަސް

Next
July 23, 2026

ދުރުވާން ޖެހުނަސް

Previews
July 23, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު – ޓްރެއިލާރ



All Right Reserved!