ޝިޔާރާގެ އަމިއްލަ އަޑުން ވާހަކަދެއްކިއިރު ހުރިހާ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިހާރު ވާހަކަމިދެކެވޭ މައުލޫގެ ސަބަބުން އެންމެންގެ ސަމާލުކަން ވަނީ އެކަމަށް ދެވިފައެވެ. ޝިޔާރާ އާއި އެއްވަރަށް ސާރާ އަށް ވެސް ރޮވެނީއެވެ. ސާރާގެ ދެކޮނޑުގައި ހިފާ އިބްރާހީމް ގަޔާ ކައިރިކޮށްލިއެވެ. ސާރާ އެބުނި ބަހުގައި ހަގީގަތެއްވާކަން ވަރަށް ފަސޭހައިން އިބްރާހީމްގެ ހިތާއި ސިކުނޑި ގަބޫލުކޮށްފިއެވެ. ޝިޔާރާ އެކަމަށް އިންކާރުކުރުމުގެ ސަބަބުން ގިސްލެވެމުން ދިޔަ ސާރާއަށް އެންމެ ބަހެއް ވެސް ނުކިޔުނެވެ. ޝިޔާރާ އަށް ވެސް ރޮވެމުންދާތީ ބަލަން ހުރި ޒޯހަން އަށް ވެސް ކެއްނުވެގެން ކައިރިއަށް އައިސް ޝިޔާރާގެ ދެލޯ ފޮހެދެމުން މޭތެރޭގައި ބޮނޑިކޮށްލިއެވެ.
އެމަންޒަރު ފެނުމުން ނިއާ އަށް ދަތްކުނޑި ވިކާލެވުނެވެ. ދުރުގައި ބަލަން ނުހުރެވުނެވެ. ޒޯހަންގެ މޭގައި ލަށްވެގެން ރޮވެމުންދިޔަ ޝިޔާރާ ކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު ފަހަތަށް ކޮށްޕާލިއެވެ. ޝިޔާރާ އަށް ސިހުން ލިބި ރޮޔުން ވެސް ހުއްޓުނީއެވެ. އަދި ހަށިގަނޑަށް އެރި ލޮޅުމުގައި އަނގައިން ނިކުތީ ‘މަންމާ’ މި ލަފްޒެވެ. ލޯމެރިފައި ހުރި ސާރާ އަށް ތެޅިގަނެވުނެވެ. ލޯބިވާ ދަރިފުޅު ހިމާޔަތަށް އެދުނީ މަންމަ ކައިރިންނޭ ހީވިއެވެ. ސާރާގެ ބުރަކަށީގައި ވަށާލާފައި އޮތް އިބްރާހީމްގެ އަތް ނައްޓުވާލުމަށްފަހު ކުރިއަށް ޖެހިލާ ނިއާ ގެ ކަންފަތްފިލާ މަތީގައި އަތުގައި ހުރި ބާރެއްލާ ޖަހާ ނިއާ އަށް ޝަހާދަތް އިނގިލި ދިއްކުރީ އިންޒާރެއް ދެމުންނެވެ. “ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަރެން ވަރަށް ދެރަވެއްޖެ މާބަނޑު އަންހެނަކަށް އަތް އިސްކުރަން ޖެހުމުން. އިރާދަކުރެއްވިއްޔާ ތިބަނޑުގަ އޮތް ދަރިފުޅު ސަލާމަތް ކުރައްވާށި…އެކަމަކު ތި މުޑުދާރު އަންހެނާ މިއަދު އަހަންނަށް މަޖުބޫރު ތިކުރީ. ބަލަ އެއީ މަގޭ ދަރިއެކޭ. އޭނަ އަށް ކިހާ ވަރެއް ކުރެވުނީމަތަ ތިހިތް ފުރޭނީ. ކުރިން އޭނަގެ މީހަކު ނެތޭ ހީކުރިޔަސް މިހާރު އެހެން ހީނުކުރައްޗެ. އަހަރެންމީ އޭނަގެ މަންމަ. އަދި މީ ބައްޕަ. ދެން މިތާ މުޅިން ވެސް މީ އޭނަގެ މީހުން. ދެން ފަހަރަކުން އޭނަ ގަޔަށް އަތް އިސްކުރުމުގެ ކުރިން ހާސް ފަހަރު ވިސްނައްޗެ. އެހެންނޫނީ މިއަތް ބިންދާލާކަށް ވެސް އަހަރެން ފަހެއް ނުޖެހޭނަން. އެކަން ހަނދާންކުރައްޗެ” ބިރުން ރޮވިފައި ހުރި ނިއާ ދެރަވެފައި ބަލާލީ ޒޯހަން އަށެވެ. ޒޯހަން ރައްދުގައި އެއްޗެއް ބުނޭތޯ މަޑުކޮށްލުމަށްފަހު އެއްވެސް މީހަކު އަނގައިން ނުބުނުމުން ނިއާ ސިޑިން އަރައިގެން ދިޔައެވެ.
“ދަރިފުޅާ ޝިޔާ.. މަންމަ މާތްﷲ ގަންދީ ހުވާ މިކުރީ. ތީ މަންމަގެ ދަރިއެއް. އާނ ކީއްވެ މިހެން ނުބުނާންވީ. ދަރިފުޅާ ޝިފްނީ އާއި ދެކުދިން މިދުނިޔެއަށް އުފަންވީ އެހެން އަންހެނެއްގެ ބަނޑުން ވިޔަސް ތިކުދިން އެންމެ ފުރަތަމަ ކިރުފޮދު ބޯލީވެސް މި މަންމަގެ ކައިރިން. ރެއާއި ދުވާލު ނިދި ގުރުބާންކޮށްފައި ތިދެކުދިންގެ ހިދުމަތުގައި މަންމަ އުޅުނިން. ތިދެކުދިން އެންމެ ފުރަތަމަ ހީލީ ވެސް މި މަންމަގެ މޫނަށް ބަލަން އޮވެ. ގަބޫލުކުރޭ ދަރިފުޅާ. ދަރިފުޅު ބޭނުމީ ހެކި ދޯ. ތިދެކުދިން މިދުނިޔެއަށް އައިރު ތިބީ ފައިގެ ފަލަމަސްގަނޑާއި ހަމައިން ގުޅިފައި. ބޮޑު އޮޕަރޭޝަނެއްކޮށް މާތްﷲ ގެ ހެޔޮ ރަހްމަތްފުޅުން ވަކިކުރެވިފައި ތިތިބީ. ބުނެބަލަ ދަރިފުޅު. ދަރިފުޅުގެ ފައިގަ އެލަކުނު އެބައިންތަ؟ ޝިފްނީގެ ފައިގަ އެބައިންކަން މަންމައަށް ހަމަ ޔަގީން” ސާރާ އެބުނި އެއްޗަކުން ޝިޔާރާ އަށް ތެޅިގަނެވުނެވެ. ޒޯހަން އަށް ވެސް ވީ އެވަރެވެ. ސާރާ ދެއްކި ވާހަކަތައް ޝިޔާރާ ގަބޫލުކުރެވުމުން ވަތަށް އިސްޖަހާލީ ދެން ބުނާނެ އެއްޗެއް ނެތުމުންނެވެ. އެންމެ ކައިރީގައި ހުރި ހަރީރާ ޝިޔާރާ މޫނުގައި ހިފާ ހަތަރުކަޅި ހަމަކުރުވިއެވެ. ދެލޯ ފޮހެލަދިނީ ލޯބިންނެވެ. ޝިޔާރާ ބަލާލީ ސާރާއަށެވެ. ސާރާ އަދިވެސް ރޮނީއެވެ. އިބްރާހީމަށް ބަލާލެވުނީ އެހެންވެއެވެ. ޝިޔާރާ އަދިވެސް ގަބޫލުނުކުރަނީ ކަމަށް ހީކޮށް ސާރާގެ ހިތްފަޅައިގެންދާން ކައިރި ވަނީއެވެ. “މަންމާ” އެއިވުނީ ޝިޔާރާގެ އަޑެވެ. ސާރާ ބަލާލުމާއެކު ޝިޔާރާ ސާރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ސާރާގެ އަޑު ބާރުވެ ޝިޔާރާގެ ގައިގާ ބާރަށް ހިފަހައްޓާލިއެވެ. ކޮންފަދަ އަސަރުގަދަ ވަގުތުކޮޅެއް ހެއްޔެވެ؟ ވަށައިގެންވި މުޅި މާހައުލު ވަނީ އެންމެންނާއި އެއްބައިވެފައެވެ. ދެލޯ ފެންނުވާ އެއްވެސް މީހަކު މިހާރު އެތަނަކު ނުވޭއެވެ. ތުންފަތުގައި ދަތައްޅާލައިގެން ހުރި ޝިފްނީ ވެސް އައިސް ސާރާގެ ފުރަގަހުން ބައްދާލިއެވެ. އެއީ ޝިފްނީ ކަން އެނގުމާއެކު ސާރާ ޝިފްނީ ވެސް އަތު ތެރެއަށް ގެނައެވެ. ދެދަރިން ގައިގާ ބައްދާލައިގެން ހުރި ސާރާއަށް މިހާރު ހެވެނީއެވެ. “ތީ ޝިނީމެންގެ މަންމައަކީ. މަންމަ ދެން އެހެން ނުބުނައްޗެ ދުވަހަކު ވެސް. މަންމަ އާއި ނުލާ ޝިނީ އަކަށް ނޫޅެވޭނެ” ސާރާގެ ގައިގާ ބައްދާލައިގެން ހުރި ޝިފްނީ ބުންޏެވެ. ޥަޒަން ވެސް އައިސް އެމީހުންނާއި ބައިވެރިވުމުން ދުރުގައި ހުރި ހާލާ ވެސް ޝަޒަން ކައިރިއަށް ހުއްޓި ބައްދާލިއެވެ. އިބްރާހީމް ޝިޔާރާގެ ބޮލުގައި ފިރުމާލިއެވެ. “ބައްޕާ” ޝިޔާރާ އިބްރާހީމަށް ބައްޕާއޭ ކިޔާ މުހާތަބް ކުރުމާއެކު އިބްރާހީމަށް ވެސް ވީ ސާރާއަށް ވީވަރެވެ. މޫސަ އާއި ހަރީރާ ވެސް ކުރިއަށް ޖެހިލާ ޝިޔާރާ އާއި ބައްދަލުކުރީ ހިނިތުންވުމަކާއި ގެންނެވެ. ހާލާ އާއި ޝިޔާރާ ދެމީހުން އެކަކު އަނެކަކަށް ހީލާ ދެއަތް ޖަހާލީ މިހާރު މިވަގުތަށް ފުދެޔޭ ބުނަމުންނެވެ. ދެމީހުންގެ ވާހަކަތައް ފަހަށް ރައްކާކުރަމުންނެވެ. ތަން ހަމަޔަކަށް އެޅި އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށުމުން ރާކީ ޝިޔާރާ އާއި ކުޑަދަރިފުޅު ގޮވައިގެން ކޮޓަރިއަށް ދިޔައީ ޝިޔާ މާބޮޑަށް ވަރުބަލިވާނޭ ބުނަމުންނެވެ. ބާކީ ތިބި މީހުން ކެއުމަށް އިންސާފު ކުރަންފެށިއެވެ.
ޝިޔާރާގެ ދަރިފުޅަށް ނަން ކިޔުމުގެ ހަފްލާގައި ހުރިހާ މީހުން ސިޓިންގްރޫމުގައި ބުރަކޮށް އުޅެމުންދެއެވެ. އަންހެންވެރިން ކެއްކުމުގައި އުޅުނު އިރު ފިރިހެނުންތައް އެހެނިހެން މަސައްކަތް ކުރުމުގައި އުޅެއެވެ. ނިއާ ވެސް މަޑުމައިތިރިކަމާއެކު ގޮނޑިއެއްގައި އިނެވެ. ކުރީ ދުވަހު ހިނގާ ދިޔަ ހާދިސާއަށް ފަހު ޝިޔާރާ އާއި މެދު ނިއާގެ ހިތުގައި ވަނީ ކުރިއަށް ވުރެ ބޮޑަށް ފޫހިކަން އުފެދިފައެވެ. ނިއާގެ ހިތުގައި ޒޯހަން އާއި މެދު ވެސް ވަނީ ޝަކުވާއެވެ. އެދުވަހު ސާރާ ޖެހުމުން ފަހުން ވަރަށް ދެރަވެފައި ޒޯހަން ވަނީ ނިއާ އާއި ވާހަކަދައްކާފައެވެ. އަދި އެގޮތަށް ކަންތައް ނުކުރުމަށް ނަސޭހަތްވެސް ދީފައެވެ. ތިރީގައި އެންމެން ބުރަކޮށް އުޅުނު ވަގުތު ރިވާން ގޮވައިގެން މައްޗަށް އެރި އާރިކް ނިއާ އަށް ފެނުނެވެ. އެހެންކަމުން އެކަކުގެ ވެސް ލޮލުގައި ނާޅާނެފަދަ ގޮތަކަށް ނިއާ ވެސް މައްޗަށް އެރީ ޒޯހަން ކައިރީގައި ވަރުބަލިވަނީ ކަމުގައި ބުނެފައެވެ.
ރިވާން ކޮށްޓަށް ލުމަށްފަހު އާރިކް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. އެމޫނުމަތި ވަނީ މިލާފައެވެ. ރާކީ އާއި އިނދެގެން މިވީ ދުވަސްތަކުގައި ދުވަހަކު ވެސް ބޭވަފާތެރިނުވާ މީހާ އަށް މިއަދު އެވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. މަފަށްއެދޭ ވަރަށް ވުރެ ވެސް ބޮޑަށެވެ. ރާކީ އާއި ކުރިމަތިލާން ނުކެރިގެން އުޅެނީ އެހެންވެއެވެ. ކުޑަދޮރުގެ އެތް އަރިމަތީގައި އެތް އަތް އަޅުވާލައިގެން އަނެއް އަތް ޖީންސުގެ ޖީބަށް ޖަހާލައިގެން ހުރީ ބޭރުން ފެންނަ މަންޒަރަށް ބަލާށެވެ. ފަހަތުން މީހަކު ހުރި ކަމުގެ އިހުސާސް ވުމާއެކު އާރިކް އެނބުރިލީ ސިހިފައެވެ. ކައިރިން ރާކީ ފެނުމުން ހީލެވޭތޯ މަސައްކަތް ކުރިއެވެ. “ކިހިނެއްވީ؟ ހާދަ ބޮޑު ފިކުރެއްގައި” އަލަމާރި ހުޅުވާ ހެދުމެއް ނަގަމުން ރާކީ ބުންޏެވެ. މޫނުމަތި ފޮހެލަމުން އާރިކް އެނދުގައި އިށީނެވެ. “ތަނަކަށް ދާންތަ ތިއުޅެނީ” އާރިކް އަހާލިއެވެ. “ހޫމް. ހާލީ އާއިއެކު ފިހާރައަކަށް. ބައެއް އެއްޗެހި މަދުން ގަނެވިފައި ހުރީ. މިތާ އިންނަންޏާ ޕެކް ކުރަންވީނުން. މިރޭ ގެއަށް ބަދަލުވަމެއްނު” ރާކީ ދަމުން ދިޔައީ އާރިކްގެ އިސްތަށިގަނޑުގައި ފިރުމާލާފައެވެ.
ރާކީ ދިޔަ ދިމާލަށް ބަލަން އިން އާރިކް ލޮލުން ކަރުނަ އައުމާއެކު އަވަސް އަވަހަށް ފޮހެލިއެވެ. ކޮށީގައި ދެކޮޅަށް އަޑުލައްވަމުން ދިޔަ ރިވާން ނަގާ މޭމަތީގައި ބާއްވާލަމުން އެނދުގައި ހުރަހަށް ޖައްސާލިއެވެ. އެސޮރު ވެސް ނިދި ހުރި ވަރުން އިރުކޮޅަކުން ނިދައިފިއެވެ. ކޮޓަރީ ދޮރު ލައްޕާ ލޮކް ކޮށްލި އަޑަށް އާރިކް ބޯއުފުލާލާ ބަލާލިއެވެ. ހިނިއައިއްސަ ހުރި ނިއާ ފެނުމުން އާރިކް ވީ ފޫއްސެވެ. “ކިހިނެއްވީ މިތަނަށް ތިވަނީ. ނިކުމޭ މިތަނުން” އާރިކް އަމުރުކުރިއެވެ. “ނުދާނަން. މިއައީ ކަމަކު އެދެންވެގެން. މާދަމާ ކަންނޭނގެ ވިހާނީ. އެދުވަހު އެންޖޯއި ކޮށްލި ގޮތަށް މިއަދު ވެސް ބޭނުމީ…” ނިއާ ހުއްޓާލީ އާރިކް އަތް ދިއްކޮށްލާ ހުއްޓާލުމަށް އެންގުމުންނެވެ. “ހީނުކުރައްޗެ އެދުވަހު ޖެއްސި މަޅީގައި މިއަދު ޖެއްސޭނެ ކަމަށް. ރާކް ދެކެ އަހަރެން ވަރަށް ލޯބިވޭ. ނިއާގެ ސަބަބުން އަހަރެންގެ ބޯފަޅައިގެންދާވަރުވޭ. ޝިޔާރާ ވައްޓާލުމަށް އެތަނަށް ފެންއެޅީ ކަލޭ ކަން މަށަށް އެނގުމުން އެކަން އަހަރެންގެ ފަރާތުން އެހެންމީހަކަށް އެނގުނަ ނުދިނުމަށް ކަލޭ ޖަހާލި މަޅި ވަރަށް މޮޅު. އެކަމަކު އެއީ އަބަދު ސިއްރުވާނެ ކަމެއް ނޫން. ވަގުތު ޖެހުމުން އެކަން އެންމެންނަށް އަންގާނަން. އޭރުން ކަލޭ ވިހަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރެއަށް. ކަލޭ ލަދެއް ވެސް ނުގަނޭތަ ކުރިން އަހަރެން ގަޔަށް ބޮލަށް އަރަން. ބަލަ މަށަކީ ކަލޭގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާއޭ. ކަލޭ މަށަށް ބޯންދިނީ ޑްރަގްސް ކަން ހަމަ ކަށަވަރު. ނޫނީ އެޒާތުގެ ކޮންމެވެސް އެހެން އެއްޗެއް. އަހަރެން ގައިގަ ހޭނެެއްއިރު އަހަރެންގެ ހަށިގަނޑުން ކަލޭ ބޭނުންވާ އުފާ ހޯދިއިރު ކޮބާ ލަދު ހަޔާތް؟ ނުވިތާކަށް އަމިއްލަ ފޯނުން ވީޑިއޯ ކުރި އިރު ނޭނގޭތަ އޭގައި ތިމާ މިހާ ވެސް ހުރީ ހެއްދެވިގޮތަށް ކަން. ވަރަށް އަވަހަށް ކަލޭގެ ވިޔާނުދާކަން މިގޭ އެންމެންނަށް އެނގިގެން ދާނެ. ތައްޔާރުވޭ މިގެއިން ނިކުމެގެން ދާން. އެދުވަހު ޝިޔާރާ މިގެއިން ނެރެލި ގޮތަށް އެދުވަހު ޒޯހަން ކަލޭ ވެސް ނެރޭނެ” ނިއާ އާއި ދިމާލަށް އާރިކް ހަޅޭއްލަވަން ފެށުމުން ބިރުގަތެވެ. އާރިކްގެ އަނގަ ބަންދުކުރަން މިހާރުން މިހާރަށް ވެސް ނިއާ ބޭނުމެވެ. އެހެންކަމުން މިފަހަރު ވެސް ނިއާގެ ސިކުނޑިއަށް އައީ ޝައިތޯނީ ހިޔާލެކެވެ. ނިއާ ހީކުރަނީ އެގޮތަށް ނިއާ ކަންތައް ކުރުމުން އާރިކްގެ ހިއްސުތަކާއި ކުޅެލެވޭނެ ކަމަށެވެ. އާރިކް ބަލަން ހުއްޓާ ހަށިގަނޑުން ފަހަރަކު އަންނައުނެއް ބާލަމުން ނިއާ ދިޔައެވެ. އާރިކް ދެލޯ މަރާ ބާރުކޮށްލަމުން އަނެއް ފަރާތަށް އެނބުރުނުއިރު ދަތްކުނޑި ވިކެއެވެ. ފަހަތަށް އެނބުރިގެން ހުރި އާރިކް ޤުރުޢާނުގެ މޫރިތި އާޔަތްތައް ކިޔަން ފެށީ އިބިލީހަށް އާރިކްގެ ހިތުގެ މައްޗަށް ގަދަނުވެވޭތޯއެވެ. “އާރިކް! މިކޮޅަށް ބަލާލަބަލަ. އާދެބަލަ. އެދުވަހު ވެސް ބުނީމެއްނު އެހެން އުޅެވުނީ ޒޯން އަޅާނުލީމައޭ. ޒޯން އެއްވެސް ގުޅުމެއް ނުހިންގާ. ޕްލީޒް އާދެބަލަ… ކާކަށް އެނގޭނީ” ނިއާގެ ބަސްމަގު ހުރި ގޮތުން އާރިކް އިންތިހާއަށް ރުޅި އައެވެ. ކުއްލިއަކަށް ފަހަތަށް އެނބުރި ހިފީ ނިއާގެ އަތުގައެވެ. ގަދަކަމުން ދޮރާއި ހަމައަށް ގެންގޮސް ތަންޑު ނައްޓުވާ ކޮޓަރިން ބޭރަށް ނިއާ ކޮށްޕާލީ ރޮއެރޮއެ އޮށްވައެވެ. އާރިކް ކައިރިއަށް އަރާފައި ހުރި ރުޅިގަނޑު މައިތިރިވީ ކޮޓަރި މެދުގައި ހުރި ނިއާގެ އަންނައުނުތައް ވެސް ބޭރަށް އުކާލެވުމުންނެވެ. ނިއާ އަވަސް އަވަހަށް އެންމެ ކައިރިން ހުރި ގެސްޓްރޫމަށް ވަދެ ހެދުން ލިއެވެ. މިއަދު މިވީ ނިއާ ހީކުރިގޮތަކަށް ނޫނެވެ. އާރިކް ގޭމީހުން ކައިރީގައި ނިއާގެ ހަގީގަތް ކިޔާދޭނެ ވަކި ވަގުތެއް ނޭނގޭތީ ނިއާގެ ގައިގާ ރޫރު އަޅައިގަތެވެ. ނިއާގެ އަތުގައި އެވީޑިއޯތައް ވެސް މީހާރު ހުރީ އެއް ނޫނެވެ. ފާހާނާ ތެރެއަށް ފޯނު ވެއްޓި އެއްކޮށް ހަލާކުވުމުން އެވެސް ނިއާ އަތުން ވަނީ ގެއްލިފައެވެ.
ޝިޔާރާ އާއި ޒޯހަންގެ ދަރިފުޅަށް ޢާއިޝަތު ޒޯރާ ޒޯހަން ގެ ނަމުން ނަންދީ ކުރަން ހުރި ހުރިހާ ކަމެއް ނިންމާލިއެވެ. އިރުއޮށްސެން ކައިރިވެފައި ހުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އެގެއިން ނިކުތީ ޝިޔާރާ އާއި ޒޯރާ ގައިގާ ފިރުމަ ފިރުމާފައެވެ. އިރުކޮޅަކުން އާރިކް އާއި ރާކީ ވެސް ދެކުދިން ގޮވައިގެން އައިސް ހުއްޓި އެންމެންނާއި ސަލާންކޮށް އެގެއިން ނިކުތީ ދެރަވެފައި ހުރެއެވެ. ދުރުގައި ހުރި ނިއާ ހުރީ އިސްއުފުލާ އާރިކް އަށް ބަލާލަން ނުކެރިފައެވެ. ހިތްތެޅިލީ އާރިކް ނިއާގެ ހަގީގަތް އެންމެން ކައިރީ ބުނެފާނޭ ހިތަށް އަރާފައެވެ. “މަންމާ!ބައްޕާ! އަޅުގަނޑު އަންނަ ހަފްތާގައި އަނެއްކާ ފުރަންޖެހޭ. ރާކް މިގެއަށް ގެންނާނަން. އޭގެ ކުރިން އަޅުގަނޑު ހާމަކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތް…….” “މަންމާ” ބިރުގަނެފައި ހުރި ނިއާގެ ބަނޑަށް އެރި ތޫނު ތަދާއެކު ރޮއެގަނެވުނެވެ. ނިއާ ބިމަށް ތިރިވުމުގެ ކުރިން ރާކީ ހިފަހައްޓާލީ އާރިކް އަތަށް ރާކީ އަތުގައި ިއން ރިވާން ލާދެމުންނެވެ. ޒޯހަން އަވަސް އަވަހަށް ކާރު ނެރެގެން ނިއާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެކުގައި ސާރާ އާއި ނޫރީ ވެސް ދިޔައެވެ. ނިއާ އާއި މެދު އެމީޙުންގެ ހިތުގައި ލޯތްބެއް ނުވިޔަސް ބަނޑުގައި އެއޮތީ ކުށެއް ނެތް މައުސޫމް ފުރާނައެކެވެ. އެކުއްޖާގެ ހައްގުގައި މިއަދު ނިއާ އަށް އަޅާލަންޖެހޭއެވެ. ނިއާ ވިއްސާ ކޮޓަރިއަށް ވެއްދިތާ އިރުކޮޅެއް ނުވެ ފަރަހަ އާއި ހުސްނީ ވެސް އައެވެ. ޒޯހަންގެ ތިންމައިން ގޮނޑީގައި ހަމަޖެހިގެން އިން އިރު ނިއާގެ މައިންބަފައިން ތިބީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ކުއްލިއަކަށް ނިއާގެ ފިރިމީހާ ކޮބާތޯ ނަރުހުން ސުވާލުކުރުމުން ވެސް ޒޯހަން އަލާނުލާ އިނީއެވެ. އެންމެ ފަހުން ފަރަހަ އާއި ގޮވާލުމުން ޒޯހަން އަށް ޖެހުނީ އިންތަނުން ތެދުވާށެވެ. އަދި ބޭރުގައި ހުރި ނަރުހާއެކު އެތެރެއަށް ވަނެވެ. ޑޮކްޓަރުން ދިން ހަބަރުން ޒޯހަން ވަރަށް ދެރަވިއެވެ. ވަރަށް އަވަހަށް ނިއާ ވިހައިފި ކަމަށާއި އެކަމު ދަރިފުޅުގެ ބައެއް ގުނަވަންތައް ވަނީ ހަށިގަނޑުން ބޭރުގައި އުފެދިފައި ކަމުގައި ބުންޏެވެ. ރަނގަޅަށް ނޭވާ ނުލާ ކަމަށާއި ދަރިފުޅާއި މެދު އުއްމީދު ވަރަށް ކުޑަ ކަމުގައި ބުންޏެވެ. ޒޯހަން އަށް މިލިބުނު ހަބަރުން އިންތިހާ އަށް ދެރަވެއްޖެއެވެ. ނިއާ ކުރި ކުށުގެ ޝަޒާ ކުށެއް ނެތް ތުއްތު ދަރިފުޅަށް ލިބޭކަށް ޒޯހަން ބޭނުމެއްނޫނެވެ. ޒޯހަންގެ ކޮނޑުގައި ޖަހާލާ ވަރަށް ހިއްވަރު ކުރަންވާނޭ ބުނެ ޑޮކްޓަރުން ދިޔައީ ނިއާ ކުޑައިރުކޮޅަކުން ނެރޭނެ ކަމުގައި ބުނެފައެވެ. އަދި އެހަބަރު ނިއާ އަށް ދިނުން ރަނގަޅު ނޫން ކަމުގައި ބުންޏެވެ.
ނިއާގެ މައިންބަފައިންނަށް އެހަބަރު ދިނުމުން ދެރަވެގެން ކަރުއެލުވާލިއެވެ. މިހާރު ހުންނާނީ އެއްޗެއް ވިސްނިފައޭ ލަތާ ހިތަށް އެރިއެވެ. އަދި ހަމަ އެހާ އަވަހަށް ތުއްތު ދަރިފުޅާ މެދު ހިތުގައި ހަމްދަރުދީ އުފެދުނެވެ.
ދަރިފުޅުގެ ހަގީގަތް ނިއާ އަށް އެނގުނީ ވިހައިގެން އެއްދުވަސްވީ ފަހުންނެވެ. އެވެސް ފަރަހަގެ ފަރާތުންނެވެ. ޒޯހަންގެ ގައިގާ އޮޅުލައިގަނެފާ ނިއާ ރޯންފެށި ގޮތުން ހިތްތައް ކުދިކުދިވާވަރު ވާނެ ކަން ކަށަވަރެވެ. ނިއާގެ ގައިގާ ފިރުމާލަން ޒޯހަންގެ އަތް ކުޑަކޮށް ވެސް މައްޗަށް ނޭރިއެވެ. ބަހެއް ނުބުނެ ހުރީ އެއީ ހޮސްޕިޓަލަށް ވުމުންނެވެ.
ދެދުވަސް ފަހެވެ. ޒޯރާ ނިންދަވަން ޝިޔަރާ އެނދުގައި އިނެވެ. އިރުކޮޅަކާ ފޯނަށް ބަލާލަނީ ޒޯހަން ގުޅާނެ ކަމަށެވެ. ނަމަވެސް ހަވީރު ހޮސްޕިޓަލަށް ދިޔަ މީހާގެ ހަބަރެއް އަދި ނުވޭއެވެ. ޒޯރާ އެނދުގައި ބޭއްވުމަށްފަހު ޝިޔާރާ ބެލްކަންޏަށް ނިކުމެ ޒޯހަން އަށް ގުޅާލިއެވެ. ދެފަހަރަކު ފޯނު ރިންގުވުމަށްފަހު ޒޯހަން ފޯނު ނަގާ ޝިޔާރާ އަށް ދިން ހަބަރަކީ މިގަރުނުގައި ޝިޔާރާ އަށް ލިބޭނެ އެންމެ ފުން ހިތާމަވެރި ހަބަރެވެ. ނިއާގެ ދަރިފުޅު ސަހަރާއަށް ގެންދާ ވަގުތު ޖެހުނީއެވެ. އެކުއްޖާފުޅު ރާއްޖޭން ބޭރަށް ގެންދާގޮތަށް ހަމަޖެހުނީވެސް އަދި މިއަދު އެވެ. ޝިޔާރާ ކައިރީގައި ޒޯހަން އެދުނީ ހިތްހަމަޖައްސާލައިގެން ގޭގައި މަޑުކުރުމަށެވެ. ހުރިހާ ކަމެއް ނިންމައިގެން ގެއަށް ދާނަމޭ ބުންޏެވެ. ފޯނު ކުރުކޮށްލުމަށްފަހު އެނދުގައި އޮތް ޒޯރާ އަށް ޝިޔާރާ ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ﷲ ށް ޝުކުރު ކުރީ އެދަރިފުޅު ހެޔޮހާލުގައި ޝިޔާރާ އަށް ދެއްވީތީއެވެ.
ނިއާ ގޮވައިގެން ގެއަށް އައީ ފަރަހަ އާއި ހުސްނީ އެކީގައެވެ. ނިއާ އަށް ޒޯހަން ފެނުމާއެކު ދުވެފައި ގޮސް ބެއްދިއެވެ. ފަރަހަ އާއި ހުސްނީގެ މޫނުމަތި ވެސް ވަނީ މިލާފައެވެ. މަރުވެ ދިޔަ ފުރާނައަށްޓަކައި މުޅި ގެ ހިތާމަކުރާ ކަހަލައެވެ. އެގޭ ކޮންމެ މީހަކު ނުބައި ކުރީ ނިއާ އެވެ. އެކުއްޖާއަށް ނިއާގެ ނުބައި ކަމުގެ އަސަރު ކުރީއެވެ. “ދަރިފުޅާ ޒޯހަން! މީ ބައްޕަގެ ހުރި އެންމެ ފުރާނައެއް. މި ދަރިފުޅަށް އެވަނީ ވަރަށް ބޮޑު ހިތާމައެއް ތަހައްމަލް ކުރަން ޖެހިފައި. މި ދަނޑިވަޅުގައި ދަރިފުޅުގެ އެހީތެރިކަން ނިއާ އަށް ވަރަށް ބޮޑަށް ބޭނުންވޭ. ނިއާގެ އަތުން ދުވަހަކު ވެސް ދޫކޮށްނުލައްޗެ” ހުސްނީ ނިއާގެ އަތްތިލަ ޒޯހަންގެ އަތްތިލަ ތެރެއަށް ލައިދިނެވެ. ފޫހިކަމާއެކު ނިއާގެ މޫނަށް ބަލާލި ޒޯހަން ހިތުގައި ރަހުމު އުފެދުނީ އެހިތުގައި ނިއާގެ މައްޗަށް އޮތް ލޯތްބަކުން ނޫނެވެ. އެހެނަސް ދަރިއަކު މަރުވެ ދިޔުމުން މައެއްގެ ހިތުގައި އަޅާނެ ވޭން އެންމެ ބޮޑަށް އިހުސާސް ކުރެވުމުންނެވެ. ދެރައީ ޒޯހަންގެ މޭގައި ވީ ކަހަލަ ހިތެއް ނިއާގެ ނެތް ކަމެވެ. ޒޯހަންގެ މޭގައި ލައްވެލި ނިއާ އަށް ޖަވާބެއްދޭކަށް ޒޯހަން ބޭނުމެއް ނުވިއެވެ. ބަލާލީ ލަތާ ކައިރީގައި ހުރި ޝިޔާރާ އަށެވެ. ޝިޔާރާ ބޯޖަހާލުމުން ޒޯހަން ނިއާ ކައިރީގައި ބުނީ ކޮޓަރީގައި އަރާމުކުރަން ދިއުމަށެވެ. ވަގުތުގެ ގޮތުން ކަންނޭނގެއެވެ. އެގޮތް ގަބޫލުކޮށް ވަރަށް ފަސޭހައިން ނިއާ ސިޑިން އަރައިގެން ދިޔައެވެ. ފަރަހަ އާއި ހުސްނީ ވެސް އެގޭގައި މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެއްވެސް މީހަކު އަނގައިން ނުބުނެއެވެ. ތަނުގެ ހަމަހިމޭންކަން ފޫދުއްވާލީ ޒޯހަން އެވެ. “މަންމާ!ބައްޕާ! އަޅުގަނޑު ބޭނުމެއްނޫން ނިއާ މިގޭގައި ބަހައްޓާކަށް. ވީހާވެސް އަވަހަށް އޭނަ މިނިވަންކޮށްފަ ފޮނުވާލަން އަޅުގަނޑު ބޭނުންވަނީ” ޒޯހަން ކައިރީގައި ތައްޓަށް ޖޫސް އަޅަން ހުރި ޝިޔާރާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. މިހުރިހާ އިރު މަޑުން އިނދެ ޒޯހަން އެވިސްނަނީ މިކަމާއޭ ޝިޔާރާގެ ހިތަށް އެރިއެވެ. “ދަރިފުޅާ.. މިވަގުތު ނިއާ މިގޭގައި ބަހައްޓާފައި އެހުރީ ކަންތައް ހިނގާދިޔަ ގޮތުން އޭނައަށް ރަހުމު އުފެދިގެން. އެއްގޮތަކަށް ވެސް އެކަން ކުރާ ހިތަކުން ނޫން. މާދަމާ އަށް މިވީ ހަފްތާއެއް ނިއާ ވިހޭ ފަހުން. މަންމަގެ އަދި ބައްޕަ ގެވެސް އެއްވެސް މައްސަލައެއް ނެތް މިރޭ ނިއާ ގެއަށް ފޮނުވާލިޔަސް” ލަތާ އޭނާގެ ޖަވާބު އިއްވާލިއެވެ. ޒޯހަން އަށް ބަލާލަމުން ނޫރީ ވެސް ބޯޖަހާލީ އެއީ ނޫރީ ވެސް ބޭނުންވާގޮތް ކަމުގައި ބުނެއެވެ. “ދޮންބެ އަށް ވެސް ފެންނަނީ މާދަމާ އެކަން ނިންމާލަން. ނިއާ އަށް އޭނަކުރި ހަޑި މުޑުދާރު ކަންތައް އަންގަން. މިގެއަކު އެކަހަލަ އަންހެނަކަށް ޖާގައެއް ނެތް ކަން އަންގަން” ރޮށި ސަމްސަލެއް އަނގއަށް ލަމުން އަރުހަމް ވާހަކަދެއްކިއެވެ. “މަންމަމެން ކީއްވެތަ ހޮސްޕިޓަލުން ގެނައި ގޮތަށް އޭނަ މިގޭގައި ބެހެއްޓީ. ހޮސްޕިޓަލުން ސީދާ ގެއަށް ފޮނުވާނުލީ ކީއްވެތަ؟” އެހާ ދުވަހު ވެސް ނިއާ އެގޭގައި ބެހެއްޓުމުން ޔަޝްމީ އިނީ ހިތްހަމަނުޖެހިފައެވެ. “ނޫނޭ ދަރިފުޅާ! ބައްޕަގެ އިހުތިޔާރުން ބޭރުގައި ބައްޕަ އަށް ވެސް ވަނީ ލައްކަ ގޯސް ހެދިފައި. ބައްޕަ އަކީ އެހާ ގޯސްމީހެއް ނޫން. ބައްޕަ އަށް މީހަކު ގޯސްކޮށް ކަމެއް ކުރިއްޔާ އެމީހަކަށް ރަނގަޅަށް ކަމެއް ކޮށްދެވޭތޯ ބައްޕަ ބަލަނީ. ނިއާ މިގެއަށް އެދުވަހު އައީ ވަރަށް ބޮޑު ހިތާމައަކާއިގެން. ނަސްލު އޮޅުވާލައިގެން ވިޔަސް ނުވަމަސް ވަންދެން އެހަށިގަނޑުގައި އަމިއްލަ ލެއިން ކާންދީގެން ބޮޑުކުރަމުން އައި ދަރިފުޅު ލޯމަތީގައި މަރުވެ ދިޔުމުން މަޔަކަށް ކުރާނެ އަސަރު ވިސްނާލަބަލަ. އެހެންވެ އެރަހްމު ހިތުގައި އުފެދުނީމަ ނިއާ އަށް މިގެއިން ތަންދިނީ. އެއްގޮތަކަށް ވެސް ހިތުން ރުހުމަކު ނޫން” ފެންތަށި ބޯލާ ހަށީފުރާ ނޭވައެއް ލަމުން ނޫރީ ވާހަކަދެއްކިއެވެ. “ކޮބާ މިހާރު؟ކެއީތަ” ލަތާ ޝިޔާރާ ކައިރީގައި އަހާލީ ނިއާގެ ވާހަކައެވެ. “ނޭނގެ އަޅުގަނޑަކަށް. ބަނޑުހައިވިއްޔާ ކާނެއްނު. އަމިއްލަ އަށް ފައިބައިގެން ތިރިއަށް ކާން ނާދެވޭ ވަރަށް ބައްޔެއް ނޫން އޭނައެއް” ރުޅިން ޝިޔާރާ ތުން އަނބުރާލުމުން ޒޯހަން ކައިރިއަށް ހިނިއައެވެ. މީހަކު ދެކެ ރުޅިން ހުރެ އެފަދަ އަމަލެއް ޝިޔާރާ ކޮށްލިތަން ޒޯހަން އަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
ޝިޔާރާ ކައިރިއަށް ނިދަން ދިއުމުގެ ކުރިން ނިއާގެ ކޮޓަރިއަށް ޒޯހަން ވަނީ ފޯނުގެ ޗާޖަރު ބަލައެވެ. ސައުވީސް ގަޑީރު ފާއިތުވެ ދާއިރު ޒޯހަން އެތަނަށް އެންމެ ފަހަރަކު ވެސް ވަދެނުލާ ދުވަސް ވެސް ދޭއެވެ. ޒޯހަން ފެނުމާއެކު އެނދުގައި އޮތް ނިއާ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ޒޯހަން ބަލާލުމުން ހިނިތުންވެލިއެވެ. އަދިވެސް ނިއާގެ ހިތްވަނީ ހިތާމައިން ފުރިފައެވެ. ދަރިފުޅުގެ ހަނދާންތައް ވަނީ ހަތަރުފާރު ވަށާލާފައެވެ. ނިއާ އަށް ބަލާވެސްނުލާ ސައިޑްކަބަޑް މަތީގައި އޮތް ޗާޖަރު ހިފައިގެން ކޮޓަރިން ނިކުންނަން ދިޔަ ޒޯހަންގެ އަތުގެ މުލައްދަނޑީގައި ނިއާ ހިފިއެވެ. ޒޯހަން މަޑުޖެހި ނިއާ އަށް ބަލާލިއެވެ. އަދި ނިއާގެ އަތް ނައްޓުވާލިއެވެ. “ޒޯން! މިރޭ ޕްލިޒް މިކޮޓަރީގައި މަޑުކުރަންވީނުން. ނިއާ ވިހޭ ފަހުން ޒޯން އަށް ބަދަލުތަކެއް އައިއްސި. އަނެއްކާ ކިހިނެއްވީ؟ ނިއާ އަށް ގޯސްކޮށް ކަމެއް ކުރެވުނީތަ” ނިއާ ކޮޅަށް ތެދުވެ ޒޯހަން އާއި ކުރިމަތިލަމުން ވާހަކަދެއްކިއެވެ. “ނޫނޭ ތީ ވަރަށް ރަނގަޅު އަންބެއް. މަށަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ނިއާ އަށް ތިހީވަނީ މިބަދަލުތައް އަހަންނަށް އައުމުގެ ފަހަތުގައިވާ ބޮޑުކަންތައް އެއީ ނިއާގެ ފަރާތުން ވެގެން އުޅޭ ކަމެއް ކަން އަމިއްލަ އަށް ގަބޫލުކުރެވުން. ބުނެބަލަ އެވަރުގެ ކަމެއް ނިއާ ކުރިންތަ” ޒޯހަން ވާހަކަދެއްކި ގޮތުން ނިއާ އަށް ސިހުމެއް ލިބުނުކަން ޒޯހަން ދެނެގަތެވެ. “ޒޯން ކީއްވެ ތިހެން ތިބުނީ. ނިއާ އެއްވެސް ކަމެއް ނުކުރަން. ޒޯން ބަދަލު އައިއްޔޭ ބުނީ މިހާރު މިރޫމަށް ނުވަންނާތީވެ. ވަނަސް އަވަހަށް ނިކުމެގެން ދާތީވެ” ނިއާ ބުންޏެވެ. ޒޯހަން ހިނގަނޑެއް ޖަހާލިއެވެ. ނިއާ ދައްކާ ހުރިހާ ވާހަކަތަކެއް ޒޯހަން އަށް މިހާރު ވަނީ ޖޯކަކަށެވެ. “އަޅާނުލާ… އަހަންނަށް ބަދަލުތަކެއް އައިއްޔާ ސަބަބު ވަރަށް އަވަހަށް ނިއާ އަށް އެނގޭނެ. ދެން ދަނީ ޝިޔާ އިންތިޒާރުކުރާނެ” ޒޯހަން ހަމަޖެހިލަމުން ނިކުތީ ނިއާގެ ހަލާކުވެފައިވާ ހިތަށް ލޮނު މިރުސް އަޅަމުންނެވެ. ހަގީގަތުގައި ވެސް ނިއާ ވަރަށް ދެރަވެއްޖެއެވެ. އަނެއްކާ ޒޯހަން އަށް އާރިކް ގެ ކަންތައް އެނގުނީބާއެވެ. ނިއާ ޔަގީން ކުރީ އާރިކް އެއާއިލާ އަށް ހުރިހާ އެއްޗެއް ކިޔާދިނީ ކަމުގައެވެ. ނިއާ އެގެއިން ދާންވީ ވަގުތު އައިސް ޖެހުނީ ކަމުގައި ޔަގީން ކުރިއެވެ.
ސިޓިންގްރޫމުގައި ހުރިހާ މީހުން ހަމައަށް ތިއްބެވެ. ގޮނޑިއެއްގައި ނިއާ ވެސް އިނެވެ. ވަރަށް ބޮޑު ކަމެއް ނިިންމަން ތިރިއަށް އައުމަށް ޒޯހަން ނިއާ ކައިރީގައި އެދުނު ވަގުތުން ފެށިގެން ނިއާގެ ހިތް ނެގިނެގފައި ޖެހެނީއެވެ. ނުބައެއް ވާންއުޅޭކަމުގެ އިންޒާރު ނިއާގެ ހިތުގެ ކަނަކުން މެދުކެނޑުނމެއް ނެތި ދެމުން ދަނީއެވެ. މޫނުމައްޗަށް ފުސްވެ ޒޯހަން ގެއްލެން އުޅޭ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. މިހުރިހާ ކަމަކާއި ހުރެ ނިއާ އަށް ރުޅި އާދެވުނީ ޝިޔާރާ ދެކެއެވެ. ޝިޔާރާގެ ދަރިފުޅު ދެކެ ވެސް ނިއާ އަށް އާދެވިފައި ވަނީ އަމަށަކު ރުޅިއެއް ނޫނެވެ. ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަ ހިނގާ ހުރި ޒޯހަން ދޮރާއި ދިމާލަށް ބަލާލީ ސަލާން ގޮވާލި އަޑު އިވުމުންނެވެ. ނޫރީ ސަލާން ބަލައިގަތެވެ. އަދި ފަރަހަ އާއި ހުސްނީ އަށް އިށީންނަން ދައުވަތު ދިނެވެ. ނަމަވެސް ފަރަހަ އާއި ނޫރީ އެކީގައި ގޮސް ހުއްޓުނީ ޒޯހަން ިކައިރީގައެވެ. ނިއާ ވެސް ހާސްވެފައި އިނީ ޒޯހަން އަށް ބަލާށެވެ. ޒޯހަން ދެން ކުރިއަށް އަޅާނީ ކޮން ފިޔަވަޅެއްބާއޭ ހިތަށް އަރާވަރުން އެންމެ ހިނދުކޮޅަކަށް ވެސް ޒޯހަންގެ މޫނުން ނަޒަރު ވަކިކޮށް ނުލެވެއެވެ. “ކިހިނެއްވީ ދަރިފުޅާ! މިގަޑީގައި އަންނަން ބުނީ ކީއްކުރަން. ނިއާ ރަނގަޅުތަ އަނެއްކާ” ހުސްނީ ޒޯހަން ކައިރިން ސުވާލު ކުރިއެވެ. ޒޯހަން ބަލާލީ ނިއާ އަށެވެ. “ނިއާ އާދެބަލަ މިކޮޅަށް” ޒޯހަން ރުންކުރު ގޮތަކަށް ނިއާ އަށް އަމުރު ކުރިއެވެ. މަޑުމަޑުން ހިނގާލާފައި އައި ނިއާ ޒޯހަން ކައިރިއަށް ހުއްޓުނެވެ. ޒޯހަން ބުނަން އުޅޭ އެއްޗެއް އަޑު އިވުމުގެ ކުރިން ދެކަންފަތް ބީރުވާނެ ނަމައޭ ނިއާގެ ހިތަށް އަރަމުން ދިޔައެވެ. “ނިއާގެ މަންމަ އާއި ބައްޕަ މިގެއަށް މިގެނައީ ތިދެމަފިރިންގެ އަމާނާތެއް މިގޭގައި ހުރުމުން އެ ހަވާލުކުރަންވެގެން. މާބޮޑު ކަމަކު ނޫން. އަޅުގަނޑަށް ވެސް ތިގެއަށް ގޮސް ވެސް ނިއާ ހަވާލުކުރެވުނީސް. އެކަމަކު އެގޮތް ބޭނުންނުވީމަ މިގެއަށް ގެންނަން ޖެހުނީ” ޒޯހަންގެ ޖުމްލަ ނިމުމާއެކު ނިއާ އަށް ދެލޯބޮޑުކޮށް ޒޯހަން އަށް ބަލާލިއެވެ. “ކީކޭ ޒޯން…..” ނިއާ ޖުމްލަ ފުރިހަމަކުރުމުގެ ކުރިން ޒޯހަން ހުއްޓުވިއެވެ. “މަޑުކުރޭ ނިއާ. އަހަރެން ވާހަކަދައްކާ އަދި ނުނިމޭ. އަދި ބުނަން. ގޮސް ތަންކޮޅެއް ދުރުގަ މަޑަކުރޭ. މިވަގުތު އަހަރެންގެ ލޭ ވަރަށް ބޮޑަށް އެބަ ކެކޭ. އާވިގަނޑު މައިތިރިކުރަން އަހަރެން ބޭނުންކުރާ ހަތިޔާރަކަށް ނިއާ ވެދާނެ” ޒޯހަން ދެއަތް މުށްކަވާލެވިފައިވާ މަންޒަރު ޝިޔާރާ އަށް ފެނުމުން ޒޯހަން ކައިރިއަށް އައިސް ހުއްޓުނެވެ. އަދި އަތުގައި ހިފެހެއްޓިއެވެ. “ނިއާ އަށް ދުވަހަކު ވެސް މިގެއިން ޖާގައެއް ނުލިބޭނެ. މާދަމާ އިން ފެށިގެން ކޯރޓުން ނިންމަންޖެހޭ ހުރިހާ ކަމެއް އަހަރެން ނިންމާނަން. އެހެންވީމަ ނިއާ މިގެއިން ގެންދޭ” ޒޯހަން ފަރަހަ އާއި ހުސްނީ އަށް ފުރަގަސް ދިނެވެ. “ކިޔާނެ ބަހެއް ނޭނގިފައި ނިއާ އަށް ހުރެވުނީ ޝިޔާރާއަށް ކަޅި އަޅާލައިގެންނެވެ. “އަހަރެން ހިއެއް ނުކުރަން ޒޯހަން އަކީ ތިހާ ރަހުމެއް ނެތް އިންސާނެއް ކަމަކަށް. ނޭނގޭތަ މިވަގުތަކީ އަނބިމީހާއަށް ފިރިއެއްގެ ބޭނުން އެންމެ މުހިއްމުވާނެ ވަގުތެއް ކަން. ދުނިޔެއިން އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު ހިތާމައިގެ ދުވަސްތައް މިހާރު އެފަކީރު ގުނަމުން އެދަނީ. އެހިތާމަ ހިތުން ނުފިލާ އުޅެނިކޮށް ތިފަދަ ގޮތަކަށް ކަންތައް ކުރަން ހެޔޮވާނެތަ” ފަރަހަ ޒޯހަން އަށް އަޑުލިއެވެ. ޒޯހަންގެ އެތެރެހަށީގައި އަނދަމުންދާ ރުޅީގެ މައްޗަށް ޝިޔާރާގެ އެހީތެރިކަމާއެކު ވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “ލަތާ! މީ ލަތާ އާއި ނޫރީ މީނަ ތަރުބިއްޔަތު ކޮށްފައި ހުރި ގޮތް ދޯ. ގަދަރުވެރި އާއިލާ އެއް ވީމަ އަހަރެން ހީކުރީ ކޮންމެސް ގޮތެއް ހުންނާނެ ކަމަށް” މިފަހަރު ފަރަހަ ކުރިމަތިލީ ލަތާ އާއެވެ. ލަތާ ކުރިއަށް ޖެހިލާ އަތުކުރި އޮޅާލީ ފަރަހަ އަށް ފުރިހަމައަށް ރައްދު ދިނުމުގެ ގޮތުންނެވެ. “ހުއްޓާލާ.. ގޮތެއް ނެތީ އަހަރެމެންގެ އެއް ނޫން. ކަލެއާއި ކަލޭގެ ފިރިމީހާ އާއި މިހިރަ ހަޔާތްކުޑަ ނިއާ ގެ ގޮތެއް ނެތީ. މަގޭ ދަރިއަށް އަޑުލާކަށް ކަލޭ ތީ މާ ތާހިރު މީހެއް ނޫން. އަމިއްލަ ދަރި ކުރި ފާފަ ފޮރުވާ މަތިޖަހަން ވެގެން ކަލެއަށް ފެނުނީ މަގޭ ޒޯހަން ދޯ. ނުވިތާކަށް މަގޭ ފިރިމީހާ އަށް މާ މީރު ކޮފީއެކޭ ކިޔާ ބޯންދިނީ ކޯއްޗެއް. އެއީ ޒަމްޒަމް ފެންތަ؟ އަހަރެމެންގެ މުޅި ދިރިއުޅުން ހަލާކު ކުރީ ކަލޭމެން. މިއަދު މިތަނުން ކަލޭމެން ސީދާ ޖަލަށް ފޮނުވާލެވެން ވެސް މަށަށް އެބޮތް. އެކަމަކު މަށަކީ ތިހާ ނުލަފާ މީހެއް ނޫން. އަހަރެންގެ ދަރިއަކާއި ދިމާލަށް އެންމެ ލަފްޒެއް ބުންޏަސް ހަނދާންކުރާތި މިތަނުން ދެވޭނީ ގެއަކަށް ނޫން ކަން” ކުރިއަށް ޖެހިގެން ހުރި ލަތާގެ ކޮނޑުގައި ނޫރީ ހިފާލިއެވެ. އަދި ބަލާލީ ފަރަހަ ކައިރީގައި ހުރި ހުސްނީ އަށެވެ. އިސްޖެހި ގޮތަށް އުފުލާލަން ވެސް ހުސްނީ އަށް ނުކެރުނެވެ.
“ޒޯން ތިހެން ނަހަދާ.. އަހަރެން ވަރި ނުކުރޭ. އަހަރެން މިގޭގައި ބަހައްޓަދީ. ޒޯން ދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން އެހެން މީހަކަށް ބަނޑުބޮޑު ވިޔަސް އެއީ ހަމަ ޒޯންގެ ދަރިއެއް” ޒޯހަންގެ ޓީޝާޓުގައި ހިފައިގެން ހުރެ ނިއާ ރޮމުން ދިޔައެވެ. ޝިޔާރާ ކައިރިއަށް އައި ރުޅީގައި ޒޯހަންގެ ޓީޝާޓުން ނިއާގެ އަތް ގަދަކަމުން ނައްޓުވާލުމަށްފަހު ފަހަތަށް ކޮށްޕާލިއެވެ. ‘ކަލޭ ފަންޑިތައިގެ ބޭނުން އިރެއްގައި ކުރުމުގެ ސަބަބުން ބަދަލުތަކެއް ޒޯން އަށް އަޔަސް މިހާރު ތީ ސުމެއްގެ މީހެއް. ޒޯހަން އަކީ ހަމައެކަނި މަގޭ މީހެއް. ކޮބާ ކާކަށް ކުރި ލިބުނީ. މަށަށް. ކާކު މިގެއިން ދާން ޖެހުނީ. ކަލޭ. ހުރިހާ ހަގީގަތެއް އެނގިހުރެ ކަލޭ މިގޭގައި މިހާ ދުވަހަށް ވެސް ބެހެއްޓިކަން އެއީ އަހަރެމެންގެ ހެޔޮކަން. ކަލޭ މަށާ ދިމާލަށް ކީއެއްޗެއްސާއި މަގޭ ހިތުގަ އެޅި ވޭންތައް އަދިވެސް ތާޒާ ކަމާއެކު ހިތުގައި އެބަހުރި.ހަމަ މިހާރު ނިކުމޭ މިގެއިން. ޒޯހަން ކަލެއަށް ފެންނާނީ ދެން ކޯރޓުން” ޝިޔާރާގެ ޝަހާދަތް އިނގިލި ގޭދޮރަށް އިޝާރާތްކޮށް ގެއިން ނިކުތުމަށް ނިއާ އަށް އެނގިއެވެ. ޝިޔާރާ ދެކެ އިންތިހާ އަށް ރުޅި ގަދަވެފައި ހުރި ނިއާ މާދުރުގައި ހުރި ޔަޝްމީ އަތުން ޒޯރާ އަތުލައިގަތެވެ. “ކަލޭއަށް އަދި މޮޅެއް ނުލިބޭ. މިއަދު ޖަލަށް ދާން ޖެހުނަސް ކަލޭގެ ދަރި ވެސް މަގޭ ދަރިފުޅު އޮތް ތަނަށް ފޮނުވާލާފައި ނޫނީ ނޭވައެއް ނުލާނަން. މަ ބަލާނަން ޒޯން އާއި އެކު ކަލެއަށް ވަކިން އުފަލުން އުޅެވޭތޯ” މަހެއް ވެސް ނުވާ ކުޑަކުޑަ ޒޯރާ ތަޅުވައިގަންނަމުން ނިއާ ވާހަކަދެއްިއެވެ. ނިއާ ހުރީ ހަމައިގައޭ އެވަގުތު އެއްވެސް މީހަކު ނުބުނާނެއެވެ. ޒޯރާގެ ރުއިމުގެ އަޑުން މުޅި ގޭތެރެ ގުގުމާލާފައި ވާއިރު ޝިޔާރާ އަށް ރޮއެގަނެވުނެވެ. ޒޯހަން ވެސް ތެޅިގަނެފައި ނިއާ އާއި ދިމާލަށް ދުއްވައިގަތެވެ. “މަޑުކުރޭ ޒޯން. މިހިސާބަށް އައިއްޔާ ހަމަ ހުވާކޮށްފައި މިބުނީ މި ސުންޕާ ކުއްޖާ މިތަނަށް ވައްޓާލާ ފައިން އަރާ ޗިސްކޮށްލާނަން” ޒޯހަން އަށް ހުއްޓެން މަޖުބޫރުވީ ނިއާގެ ބިރުވެރި އިންޒާރުންނެވެ. ގޭތެރެއިން އިވެނީ އެއް އަޑަކަށް ހުރިހާ މީހުން ރޯއަޑެވެ. ފަރަހަ އާއި ހުސްނީ ވެސް ނިއާ ކައިރީގައި އެހެން ނުހެދުމަސް އެދި އާދޭސް ކުރަމުން ދިޔައެވެ. އެއްވެސް މީހެއްގެ މޫނަށް ބަލާނުލާ ނިއާ ޒޯރާ ތިރީގައި ޓައިލްސް މަތީގައި ބޭއްވިއެވެ. އޭރުވެސް ޒޯރާ އަނގައިގާ ރޫރު އަޅުވާފައި ރޮނީއެވެ. އެވަގުތު ޒޯހަންގެ ސިކުނޑި އަށް ވިސްނުނު އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރަން ނިންމިއެވެ. “ނިންނި! ބުނީމެއްނު ޒޯން އާއި އެކު އުޅެން ބޭނުމޭ. އެހެންވިއްޔާ އާދޭ. މިއަތުގައި ހިފާ. ހިނގާ ދެމީހުން ވަކިން އެހެން ތަނަކު އުޅެންދާން. އާދޭ އަވަހަށް” ޒޯހަންގެ ހިތް ކުއްލިއަކަށް ބަދަލުވީކަމަށް ހީކޮށް ނިއާ އަށް ހީލެވުނެވެ. ޒޯހަން ދިއްކޮށްލާފައި ހުރި އަތާއި ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. ޒޯހަންގެ އަތުގައި ޖެހޭ ހިސާބަށް ކިރިޔާ ނިއާ އަށް އާދެވުމާއެކު ޒޯހަން ކުރިއަށް ޖެހިލާ ނިއާގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހާ ތިރިއަށް ވައްޓާލިއެވެ. އެވަގުތު ޝިޔާރާ ދުވެފައި ގޮސް ތިރީގައި އޮތް ޒޯރާ ނަގާ ގަޔާލާ ބޮނޑިކޮށްލިއެވެ. “ޒޯހަން” ނިއާ އާއި ދިމާލަށް ފަރަހަ ދުއްވައިގަތެވެ. ގަބޫލުނުކުރެވިފައި އޮތް ނިއާ ޒޯހަން ބަލަން އޮތެވެ.
“ނިއާ! ނިއާ!” ގޭތެރަށް ވަދެގެން އައި ރާކީ ބާރަކަށް ނިއާ އަށް ގޮވަމުން ދިޔައެވެ. އެހެންދުވަސް ދުވަހު ރާކީ ނުފެންނަ ވަގުތަކު ފެނުމުން އެންމެން ތިބީ ހައިރާންވެފައެވެ. އެންމެ ހައިރާންވީ ކަޅު ހެދުމުގައި ނޫން ގޮތަކަށް ބޭރަށް ނުނިކުންނަ ރާކީ މިއަދު އެގޭގައި އެހުރީ އަތްދިގު ޓީޝާޓަކާއި ހަރުވާޅަކާއި އެކު ކުޑަ ބުރުގާ ކޮޅެއް އަޅައިގެން އައިހެވެ. ކޮންމެ ވެސް ބޮޑުކަމެއް ވެއްޖެ ކަމުގައި އެންމެންނަށް ހީވާން ފެށިއެވެ.
ފަރަހަ ގައިގާ ބައްދައިގަނެގެން ރޯން އޮތް ނިއާ ކުރިމައްޗަށް އަނބުރާލާ ރާކީ އަތުން ވިހެލީ ދާދި ދެންމެއަކު ޒޯހަން ޖަހައިގެން އެތަނުގެ ވޭން އެއްކޮށް ފިލާ ނުދަނީހެވެ. ފަރަހަ އަށް ރޮއެގަނެވުނެވެ. ވަރުދެރަވެފައި ހުރި ނިއާ ތިރިއަށް ސޮހިގަތުމާއެކު ފަރަހަ އާއި ހުސްނީގެ އެހީތެރިކަމާއެކު ނަގާ ކޮޅަށް ޖެހިއެވެ. “މުޑުދާރު އަންހެނާ. ކަލޭ ކުރާ ނުބައި ކަންތަކުގައި ބައިވެރިކުރަން މަގޭ ފިރިމީހާ ނޫނީ އެހެންމީހަކު ނުފެނުނީތަ. ކަލެއަށް ހީވަނީ ދޯ ކަލޭ އެންމެ އިޝާރާތެއް ކޮށްލުމުން އާރިކް ކަލެއަށް ފިދާވާނެ ކަމަށް. ލަދެއް ވެސް ނުގަނޭދޯ. ހެއްދެވިފަރާތެއް ވާކަން ހަނދާން ހުރޭތަ” ރާކީ ހަޅޭއްލަވަމުން ދާއިރު ބާކީ ތިބި މީހުންނަށް ސަބަބެއް ނޭނގޭތީ ތިބެވުނީ ރާކީ އަށް ބަލަހައްޓައިގެންނެވެ. ހަމަ އެގޮތަށް އެތަނުގައި ކުރިން ކަމެއް ހިނގާފައިވާކަން ރާކީ އަށް ވެސް ނޭނގެއެވެ. “ދަރިފުޅާ ރާކް. ކިހިނެއްވީ އާރިކަށް” ލަތާ އަށް އަހާލެވުނެވެ. “މަންމާ! ވީގޮތަކީ މި……..” ރާކީގެ އަނގައިން ހުރިހާ ވާހަކަތަކެއް ކިޔާދީ ނިމުމުން ނިއާ އިސްޖަހާލިއެވެ. ޒޯހަން އަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ” އަހަރެން މިހާރު ލަދުގަނޭ ތި ފެންވަރުގެ މީހަކަށް އަންބެއްގެ މަގާމް ދެވުނީތީ. ކަލެއަށް އެނގޭތަ ކަލޭގެ ދަރިފުޅަށް ވެސް އެލިބުނީ އަމާ ކުރި ކުށުގެ ޝަޒާ. ކަލެއަށް ރަނގަޅު އަންބަކަށް ވެސް މަންމަ އަކަށް ވެސް އަދި ދަރިއަކަށް ވެސް ނުވެވުނު. ތިކަހަލަ އަންހެނުންގެ ސަބަބުން އެހެން އަންހެނުން ވެސް އެދަނީ ލަދުވެތިކަން އިހުސާސް ކުރަމުން. އަދި ބުނަންތަ ވާހަކައެއް. އެއްވެސް އިރެއްގައި އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވަން. އަހަރެންގެ މުޅި ދިރިއުޅުން ފުރާނައަކީ މީ” ޝިޔާރާގެ އަތް ތިލައިގާ ޒޯހަން ބޮސްދިނީ ނިއާ ކުރިމަތީގައެވެ. “ކުރިން ކޯރޓުން މިކަން ނިންމަން ބޭނުންވިޔަސް ދެނެއް ނުހުންނާނަން. ތީ މަގޭ އަންބެއްނޫން. އާނ ތިހިރީ ވަރިކޮށްފައި. ނިކުމޭ މިގެއިން” ފަހަރަކަށް ވުރެ ފަހަރެއް ޒޯހަންގެ އަޑު ބާރު ވަމުން ގޮސް މީހާ އެއްކޮށް ތުރުތުރުލާން ފަށައިފިއެވެ. ނިއާ ގަޔާ ކައިރިކޮށްލައިގެން ހުރެ ފަރަހަ އާއި ހުސްނީ އެގެއިން ނިކުންނަން ދެން އެދެމެދުގައި އެކަކު ވެސް ބަހެއް ނުކިޔައެވެ. ރާކީ ލަތާ ގައިގާ ބައްދާގަތުމަށްފަހު ރޮއެގަތެވެ. ޒޯހަން ވެސް ޝިޔާރާ އަތުގައި އޮތް ޒޯރާ ނަގާ ދެމައިން ގައިގާ އެއްކޮށް ބައްދާގަތެވެ.
ދެއަހަރު ފަސް
ރޭގަނޑުގެ ވަގުތެވެ. ސޮނޭވާފުށި ރިސޯރޓްގެ ބީޗުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ބޮޑު ވަށް މޭޒުގައި ދެއާއިލާ މީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ޝިޔާރާ އާއި ޒޯހަންގެ ދަރިފުޅު ޒޯރާ އާއި ޔަޝްމީ އަދި އަރުހަމްގެ ދަރިފުޅު ރުހާން އަދި ރާކީގެ ދެދަރިން ލައިލް އާއި ރިވާން އިތުރުން ހާލާ އާއި ޝަޒަންގެ ދަރިފުޅު ޔޫމީ މޭޒު ކައިރީގައި ކުޅެން ދުވެ އުޅެއެވެ. އެތަނުން އެއްވެސް ކުއްޖެއްގެ ފައި ދަށުގައި ފައިވާނެއް ނެތެވެ. މުޅި މާހާއުލުގައި ހިފާލާފައި ވަނީ ބަނޑުފުރޭ ކަހަލަ މީރު ވަހާއި ކުޑަ ކުދިންތަކުގެ ހުނުމުގެ އަޑެވެ. މިއީ ޝިފްނީގެ ފިރިމީހާ ކިނާންގެ ފަރާތުން ޝިފްނީގެ އާއިލާ އަށް ދިން ދަތުރެކެވެ. ޝިފްނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް ފަސް މަހެވެ. އާއިލާ އަށް ލިބިފައިވަނީ ހުވަފެނުން ނުދެކޭހާ އުފާވެރިކަމެކެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނާ އުސޫލުން އަޑިގަނޑެއް މެދުވެރި ނުކުރެއްވުމަށް އެދި ކުރާ ދުއާ ކޮންމެ މީހެއްގެ ވެސް ދުލު ކުރީގައި ވެއެވެ.
ޝިޔާރާ ބިރު ގަންނަނީ ނިއާގެ ހިޔަނި އަނެއްކާ އެއާއިލާ އަށް އެޅިދާނެތީއެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަކެއް ފަހަރު ނިއާ ވަނީ އެކި ގޮތްގޮތުން ޝިޔާރާ އާއި ޒޯހަން ވަކިކުރަން މަސައްކަތްކޮށްފައެވެ. މައްސަލައެއްގައި މިހާރު ޖަލު ދުވަސްތައް ނިއާ ގުނަމުން ދިޔަ ކަމުގައި ވިޔަސް ބޭރަށް ބޯދިއްކޮށްލާނީ މާދަމާ ކަންނޭނގެއެވެ. ޝިޔާރާގެ މައްޗަށް މިހާރު ނިއާ އަށް ގަދަވެ ނުގަނެވެނީ ގުދުރަތުން ޝިޔާރާ އަށް ދެއްވާފައިވާ ދުލުގެ ހަލުވި ކަމުންނެވެ. ޝިޔާރާގެ މަގުން ކޮންމެ ފަހަރަކު ނިއާ އެއްފަރާތް ކުރަނީ ވިސްނުންތެރި ކަމާއެކުއެވެ. ގިނަ ފަހަރަށް ޒޯހަން ކައިރީގައި ބުނަނީ ވެސް ކަންވެ ނިމޭ ފަހުންނެވެ.
ޒޯރާ ނިންދެވުމަށްފަހު އެނދުގައި ބާއްވާ ދެފަރާތުން ބާލީސް ކައިރިކުރުމަށްފަހު ޝިޔާރާ ބޭރަށް ނިކުމެލީ ގުދުރަތީ ވައިކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ މޫދުގެ އެކި ހިސާބުގައި ފެންނަން ހުރި ރަށްތައް ދިއްލިފައި ހުރި ގޮތުން ހީވަނީ ޖަވާހިރުކޮޅުތަކެއް ވިދަވިދާ ހުރި ހެންނެވެ. މެދު އުޑުގައި ހުރި ސާދަވިލޭރެގެ ފުރިހަމަ ހަނދުން މުޅި ސަރަހައްދަށް ވަނީ އުޖާލާ ކަން ގެނުވާފައެވެ. ދުވާލެކޭ އެއްފަދައިން ބިންމަތި އަލިވެފައިވެއެވެ. ހުސްފައިގާ ހުރި ޝިޔާރާ ފައިވާން އެއްކައިރީގައި ބެހެއްޓުމަށްފަހު ދޮންވެލިގަނޑުމަތީގައި އިށީނުމަށްފަހު އުޑަށް ކަޅި ހިންގާލިއެވެ. ހާދަ ހިތްގައިމު މަންޒަރެކެވެ. ގުދުރަތުގެ ފުރިހަމަ މިސާލެކެވެ. މާﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. މީހަކު ޝިޔާރާގެ އުނަގަނޑުގައި އަތް ވަށާލުމުން ޝިޔާރާގެ ތުނަފަތަށް ވެރިވީ ހިނިތުންވުމެކެވެ. ޝިޔާރާ ކައިރީގައި ޒޯހަން ވެސް އިށީނދެ ފަހަތުން ބިންމަތީގައި ދެއަތް ވިއްދާލިއެވެ. ހަނދަށް ޝިޔާރާގެ ނަޒަރު ހުއްޓިފައި ހުރިއިރު ޒޯހަންގެ ނަޒަރު ހުރީ ޝިޔާރާގެ މޫނަށް ހުއްޓިފައެވެ. “ޒޯން! ބަލާބާ. މިރޭ ހަނދު ކިހާ ފުރިހަމަ. ހަމަ އަޖައިބު ވާވަރުވޭ.. ނޫންތަ؟” ޝިޔާރާ އަހާލިއެވެ. “އަސްލު ވެސް ވަރަށް ރީތި. އަހަރެން އަޖައިބުވީ މިއަދު އެއް ނޫން. އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް. ވާއު. މާޝާﷲ… މަގޭ އަންހެނުންގެ ތިފުރިހަމަ ކަމަށް އަހަރެން ފިދާވެސް ވެދާނަން” ޒޯހަން މިކިޔަނީ ކީކޭ ކަން ޝިޔާރާ އަށް އިހުސާސް ވުމާއެކު ޒޯހަންގެ ގައިގާ މަޑުމަޑުން ޖަހާލިއެވެ. ޒޯހަން ވެސް މަޑުމަޑުން ހީލިއެވެ. ކުއްލިއަކަށް ކުޑަކުޑަ އަތަކުން ދެމީހުންގެ ލޯމަތީގައި އަތް އެޅުމުން ދެމީހުންނަށް ވެސް ހެވުނީ އެއީ ކާކު ކަން އެނގުމުންނެވެ. ހަމަ އެހާ އަވަހަށް ޒޯރާ ނަގާ ޒޯހަންގެ އުނގަށް ލިއެވެ. “އެކަމު ދޫނީ… މަންމި މިއައީ ދަރިފުޅު ނިންދަވާފައި. މަންމި އަށް ޗީޓް ކުރީ ދޯ” ހުދުކުލައިގެ ނިދާ ކުރުތާގައި އިން ކުޑަކުޑަ ޒޯރާގެ ރަތްކުލައިގެ ތުނި ތުންފަތުގައި އިނގިލިން ޖަހާލަމުން ޝިިޔާރާ ބުންޏެވެ. ޒޯރާ ވެސް ކުދި ދަތްތައް ފެންނަ ވަރަށް ހީލާ ޒޯހަންގެ ކަރުގައި ބައްދާލިއެވެ.
ތިން މީހުން ބީޗްގައި ސަކަރާތްޖެހުމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދެން ފެނުނީ މަޑު ދޮންވެލިގަނޑު މަތީގައި އޮށޯވެލިތަނެވެ. ޒޯހަން އާއި ޝިޔާރާގެ ދެމެދުގައި ޒޯހަން ލައިގެން އިން މަޑު ޖެކެޓް އަޅާލުމަށްފަހު ޒޯރާ ބާއްވާލީ އޭގެ މަތީގައެވެ. ޒޯހަން އާއި ޝިޔާރާގެ ނަޒަރު އުޑަށް ހުއްޓިފައި ހުރި އިރު ޒޯރާ އޮތީ އަމިއްލަ ދުނިޔެެއްގައެވެ. އެތަނުން އެވަގުތު އިވެމުންދާ ހަމައެކަނި އަޑަކީ ފަސްގަނޑަށް ރާޅު ބީއްސާލާ އަޑާއި ޒޯހަންގެ ފޯނުން ޒޯރާ ކުޅެމުންދާ ގޭމްގެ އަޑެވެ. ޒޯން! ޝިޔާގެ ދިރިއުޅުން މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ހީވެސް ނުކުރާހާ ހިސާބަކަށް އައިސްފައި. މިހާރު އެނގިއްޖެ ކޮންމެ ތަޖުރިބާއެއްގެ ފަހަތުގައި ފޮރުވިފައިވާ ރަހްމަތެއް ވާކަން. ޝިޔާ އަށް މިހާ ހިސާބަށް މިއާދެވުނީ ހާދަ ހިއްވަރެއް ކޮށްގެންނޭ. އެދުވަސްތަކުގައި މިހިތަށް ކުރުވި ފުންއަސަރުތައް ކިތަންމެ ހަނދާންކުރަން އުޅުނަސް ހަނދާނަކަށް ނާދޭ. އެހާވެސް މިދިރުއުޅުން ބާއްޖަވެރި. ތިހާ ތެދުވެރި ވަފާތެރި ފިރިއަކަށްވީކަމަށްޓަކައި ޝުކުރުވެރިވަން” ޒޯހަންގެ މޫނުގެ އެއްފަރާތުގައި ހިފަހައްޓާލަމުން ޝިޔާރާ ބުންޏެވެ. “ޝިޔާ ވެސް މަށަށް ތިކޮށްދޭ ހިދުމަތްތަކަށް ހަމަ ޝުކުރުވެރިވާން ބޭނުން” ޒޯހަން އޮތީ ޝިޔާރާގެ ލޮލަށް ގެއްލިފައެވެ. “މަންމީ!ޑެޑީ!ބަލާބާ އޭނީ މަންމި ދެން ޑެޑީ. މަންމި އާއި ޑެޑީ ދޭތެރޭގަ އޭނީ ޒޯ” ޒޯރާގެ ކުޑަކުޑަ އިނގިލި އަމާޒުކޮށްފައިވާ ދިމާލަށް ޝިޔާރާ އަދި ޒޯހަން ބަލާލިއެވެ. އުޑުުގައި ފުރިހަމަކަމާއި ބޮޑާކަމާއިއެކު އިން ހަނދުގެ އެއްފަރާތުގައި ފިޔަޖަހަޖަހާ އިން ދެތަރި ޒޯހަން އަދި ޝިޔާރާ އަށް ވެސް ފެނުނެވެ. އެދެތަރި ދޭތެރޭގައި ކުޑަކޮށް ފިޔަޖަހާ އިން އަލިމަޑު ތަރިވެސް ފެނުނެވެ. އެވަގުތު ޒޯރާ އިޝާރާތްކުރީ ކޯޗަކަށް ކަން އެނގުމާއެކު ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލާފައި ހެވުނެވެ. އެވަގުތު ޒޯރާ އަތްތިލަބަޑި ޖަހަންފެށި އަޑު ވެސް އެތަނުން އިވޭ އެހެން އަޑުތަކުގެ ތެރެއަށް އެއްވެގެން ދިޔައެވެ.
ނިމުނީ
ޝިޔާރާ އާއި ޒޯހަން އަށް އުފާވެރި ބާއްޖަވެރި މުސްތަގްބަލަކަށް އެދެމުން ވާހަކަ ނިންމާލީމެވެ. މިވަހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ސަޕޯރޓަށް އަދި ހިއްވަރަށް ފަށްފަށުން ޝުކުރުވެރިވަމެވެ. މިފަދަ ރީތި ވާހަކައެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވުނުކަމަށްޓަކައި ކަލާނގެ ހަޒްރަތަށް ނިމުމެެއް ނެތް ހަމްދާއި ޝުކުރު ދަންނަވަމެވެ.
35 Comments!
Comments are closed.





vahakaige emme fahu bai kiyaala. kamudhaane kamah varah bodah ummeedhu kuran. varah avahah ushaalyge new vahaka eh fenigen dhaane. insha allah… bye bye…. 🙂 🙂 🙂
Vvv salhi stwry eh. this is awsum.. Ur a great writer. Ushaalige new stwryeh avahah fennane kamah ummedhu kuran.. Bst of luck…
Alheyyyy ushaaalyyyy..thaaaanks mihaa rythi story eh genesdhinythy….varaaah saaaaaalhi…finally vaahaka nimunydho …zoan got shiyaa…and zo got a loving daddy and mommy ..ushaali ge ehn vaahaka akah inthixaaru kuran ?
Waau. varah reethi
Varah varah reethi adhi mi kahaa story eh liyahchey
So cute. Habeys inge. V fuhrihama story ge nimunves
Yeah vaahaka vv v v furihama ummedhukuran adhi vx mi kahala rythi vaahaka thah kiyumuge furusathu ushali hoadhadheynekamahh …..thankx nimendhn vx avahahh up kohdhinythy
WOW.. varah varah reethi.. 🙂
alhey ushaali story nimuny dhw . wow wow wow wow varah varah varah miwaruge story eh adhi nuess kiyan .. hama suparb .. obinoawe .. will miss you ushaali .. plx cm bk soon with a new awesome story .. love yuhh ????? tc
Vaahaka Varavex furihama..???..waiting for the next story…best of luck..
Wow… vaahaka v cute. Alhe maa avahah kanneynge thi ninmaali vx . V salhi..
V reethi vaahaka eh feshigen gos nemenden keyaa levehje v ves furehama new story ah kehtheri kameh nethi enthizaaru kuran feshunee
alhey marsha kobrrtha? marsha story eh kiyaalan libeyny kn dhuwahakun tha ..? Waitinnn ..☺
Happy to c this… but plz be patient.. adhi kiyaaleveyne marsha ge aa vaahaka eh.. insha allah.. but after a while ingey..
Ushaalii..vaahaka feshigen nimwyndhen vx shauguveri kamaa eky kiyaalevunu..ushaalii aslu vx vrh molhu..unmydhu kuran ushaaliige aneh vaahaka aky vx mi vaahaka haa furihama vaahaka akah vaane kamah..gd luck…tc
good job girl. keep it up
amazing ush… just amazing… miadu haada inthizaare kurevijje mis story ah… nimun hama fabulous! cant wait fo da next stry of urs…. yageen hama mi stry n almaash haa furihama vaanekan… aslu reeti vaahaka eh viyaa kiyaanimey iru kiyun theriyaa innanee hevifa… ushali ge dhe stry nimun iruvex vgarah happy vi…. ush ge vaahaka up nuvaa dhus kolhu esfiya varah vai vaane… will b waiting impatiently…
masha allah ❤?✌??? mee hama v v furihama vaahakaei…v v v reethi..shukuru kiran mihaa reethi vaahakei kiyaalan libnuyma…n waiting for ur new story…n good luck with dat..☺
V rethi?????????????
Vvvvv rythi vaahaka eh minimuny… ushaali vv molhu.. vaahaka nimendhen kiyaali iru foohivaa enme thankolheh ves naadhey.. vv furihama vaahaka eh my.. almaash fadhain.. ushaali ge aa vaahaka akah inthizaaru kurany mi rongun ushaali ah aligadha adhi kaamiyaabu maadhamaa akah edhemun.
I miss your stories masha thankyou mutha ge story buney dhineema
☺☺☺???
Feshigen nimendhen ves shauguveri kamaaeku mi vaahaka kiyaalevunu, nimun adhi overall mulhi vaahaka ves varah varah fuirhama, ushaali ge aa vaahakaakah mutha inthizaarukuran…good luck…. keep up the great work and wish you success in this field 🙂 keep writing 🙂 <3
Mutha ves new story eh liye dheebala i miss you varah reethi foheveyne baa
Sun in genesdhey mihaaru mutha ge aa vaahaka eh “ruheytho kalaa”, kiyaalaba Maddy
Mi bai ves varah reethi… keep it up dear
Mi vaahaka vrh rythiii.
thankx ushaa…u r a gud writer …:) alhamdhlillah
mee varah reethi vaahaka eh
mivaahaka v v reethi,unmeedhu kuranee mafadha reethi vaahakaeh adhives kiyaalan libeynekamah.shukrihyaa
thafaathu waahaka eh…loved it..<3
Asluves v v v reethi mi vaahaka. Vaahaka kiyaa iru hama rovey ehaaves asaru gadha mikahala ehen vaahakaeh kiyaalan libeyne kamah unmeedhu kuran ushaali thi kuraa masakathah hama saabahey bunelaahie vanee ☺️
beautiful
Mivaahakaige dhevana baeh liyan ulheyhen ebaheevey vaahaka nimunu gothun Vvsalhi vaahaka ??
Vvv reethi, vaahaka kiyamundhaairu manzaru loakurimathin sifa vaakahala, v furihama, thanq so much?