ގާތުގާ… 38
ޒާނާގެ ފަރާތުން ކުޑަކޮށްވެސް އުއްމީދު ނުކޮށްހުރި އަމަލެއް ފެނުނީ އެވަގުތުއެވެ. އަހަރެންގެ އަތުގައި މަޑުމަޑުން ހިފައިލަމުން ގެނެސް ޒާނާގެ ކުރިމަތީގައި އަހަރެން ބެހެއްޓިއެވެ. ސުވާލު އުފެދިފައި އަހަރެން ޒާނާއަށް ބަލައިލީމެވެ. ޒާނާ ކުރަން އެއުޅެނީ ކޮންކަމެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ޝައުގުވެރިކަމުން ހިތް ވިދައިލީ އެހެން ވެގެންނެވެ.
*******
” ނަވީން…. ނަވީން އަސްލުގައިވެސް އަހަރެން އަދިވެސް ބޭނުންތަ؟” ޒާނާ މަޑުމަޑުން އަހައިލިއެވެ.
ޒާނާ އެ ސުވާލު ކުރަން އެ ޖެހުނީ ކިއްވެގެން ކަން އަހަރެންނަށް އެނގެއެވެ. ރުހާމްގެ ސަބަބުން ފިރިހެނުންނަށް ވެސް އަދި އިތުރު އެހެން މީހަކަށް ވެސް އިތުބާރު ކުރަން ޒާނާއަށް އުނދަގޫ ވަނީއެވެ. ހަމްދަރުދީ އިން އަހަރެންގެ ހިތް ފުރިގެން އައެވެ. ޒާނާގެ އެ ހާލަތު އަހަރެންނަށް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ. އިހުސާސް ކުރެވުނެވެ.
” ޝައްކުތަ….؟” އަހަރެން އަހައިލީމެވެ. ޒާނާގެ ނަޒަރު އަހަރެންނަށް އަމާޒު ވިއެވެ. ސީދާ ޖަވާބެއް ދޭށޭ ބުނެލި ފަދައެވެ.
” އާން އަހަރެން އަދިވެސް ޒާނާ ބޭނުން… އަދިވެސް ވަރަށް ލޯބިވޭ… އެހެން ނޫން ނަމަ މިހާ ދުވަސް ފަހުން ނައީހޭނުން…..” އަހަރެން ޒާނާގެ ހިތްހަމަ ޖެހޭނެ ވަރުގެ ޖަވާބެއް ދިނީމެވެ. ނަމަވެސް އެއީ އަހަރެންގެ ހިތުގެ އަޑިން އަހަރެން ދިން ޖަވާބެކެވެ. ތެދު ހަޤީޤަތެވެ.
” ކިހިނެތް ވީ ތި ސުވާލު ތިކުރީ….؟ ޖަވާބު އެނގި ހުރެވެސް އަހަރެން އަހައިލީމެވެ. ޒާނާގެ ހިތް އަހަރެންގެ ކުރިމަތީގައި ހުޅުވުމަށް ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. ކުޑަ ހިނދު ކޮޅަކަށް ޒާނާ ހިމޭން ވިއެވެ. ހަށަން ބަނދެލަމުން އިސްޖަހައިލި ގޮތުން އެ ބުނަން އުޅޭ ވާޙަކަ ދެއްކުމަށް ޒާނާއަށް އުނދަގުވެފައި ވީވަރު އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެން ވަރަށް ކެތްތެރިވީމެވެ. ކުރިއަށް އޮތް ތާނގައިވެސް ޒާނާއާއި އެކު އަހަރެން ވަރަށް ކެތްކުރަން ޖެހޭނެކަ އަހަރެންނަށް އެނގުނެވެ.
” ނަވީން….. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން…” ހާސްކަމުން ޒާނާގެ އެ ރީތި މޫނުމަތި ފުރިގެން ދިޔައެވެ. އަހަރެންގެ ހިތްވެސް ނުކިއްސަރު ގޮތަކަށް ތެޅީލީ ޒާނާ ބުނާ އެއްޗެއް އަހަރެންނަށް ތަހަންމަލު ކުރެވިދާނެ ބާއޭ ހިތަށް އަރާފައެވެ. މިއަދު ރުހާމް ހާމަ ކޮށްލި ހަޤީޤަތްތަކުންވެސް އަހަރެން މިހުރީ ޝޮކުގައެވެ. ނަމަވެސް ޒާނާ ބުނަން އުޅޭ ވާހަކައަކަށް ވެސް އަހަރެންގެ ޝައުގުވެރިކަން ދެވުނެވެ. ޒާނާގެ ހަޔާތުން ނިމި ގޮސްފައިވީ ކަންކަން އަހަރެން އެނގެން ބޭނުން ވާތީ އެވެ.
” ބުނެބަލަ…. އަހަރެން މިހުރީ ޒާނާ ދައްކާ ހުރިހާ ވާހަކައެއްވެސް އަޑު އަހާށޭ…..” ތެޅިތެޅި އޮތް ހިތަކާއިއެކުވެސް އަހަރެން ބުނީމެވެ. ނުކެރިފައި ހުރިފަދަ ގޮތަކަށް ޒާނާ އިސްޖަހައިލަމުން އަނެއްކައިވެސް އިސްއުފުލައި އަހަރެންނަށް ބަލައިލިއެވެ. އަހަރެން ޒާނާއާއި ދޭތެރޭގައި ދެކެފާނެ ގޮތަކާއި ދޭތެރޭގައި ޒާނާ ކަންބޮޑު ވަނީހެން އަހަރެންނަށް ހީވީ ޒާނާގެ އެ ފަސްޖެހުން ފެންނަން ފެށުމުންނެވެ.
” ޒާނާ… ހޭއި…. ޒާނާއަށް ކޮންމެ ވާހަކައެއްވެސް އަހަރެންގެ ގާތުގަ ދެއްކޭނެ އިނގޭ….އަހަރެން ޒާނާ ޖަޖެއްވެސް ނުކުރާނަން ޒާނާ ދޫކޮށެއްވެސް ނުލާނަން…. ޒާނާ ބޭނުމިއްޔާ ޒާނާ ބޭނުން ދުވަހަކުން ބޭނުން ވަގުތަކުން ކިޔައި ދިނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް އިނގޭ….. ޒާނާ ބޭނުން ގޮތެއް ހަމަ….” އަހަރެން ޒާނާ ހާސްވެފައި ހުރުމުން ހިތްހަމަ ޖައްސައި ދެވޭތޯ މަސައްކަތް ކުރީމެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވިއެވެ. ޒާނާގެ މޫނު މަތިން ހަމަ ޖެހުނު ކަމުގެ އަސަރުތަށް ފެނުނެވެ.
” ނަވީން….. އަހަރެން… އަހަރެން މިއީ މިހާރު ކުރީގެ ޒާނާއެއް ނޫން…. އެތައް ކަމެއް ބަދަލު ވެއްޖެ… އަހަރެންގެ ދިރިއުޅުމުންވެސް އަހަރެންގެ ވިސްނުމުންވެސް…..” ޒާނާ އަހަރެންނާއި ހަތަރުކަޅު ހަމަ ކޮށްލަމުން ބުނެލިއެވެ. ޒާނާ ބުނަން އެއުޅޭ އެއްޗެއް ސާފު ނުވެފައި އަހަރެން ހުރީމެވެ.
” އަހަރެން ވަގުތު ބޭނުން ވާނެ ބައެއް ކަހަލަ ކަންކަމަށް….” ޒާނާ އިސް ޖަހައިލިއެވެ. ޒާނާ ބުނަން އެއުޅޭ އެއްޗެއް އަހަރެންނަށް އެނގުނެވެ.
” ޒާނާ…. އަހަރެން ޒާނާއަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަމޭ އިނގޭ…. އަހަރެން ޒާނާ ބޭނުން ވަރަކަށް ވަގުތު ދޭނަން … އެކަމާއި ޒާނާ ކަންބޮޑުވާކަށް ނުޖެހޭނެ…. އެދުވަހު… އެދުވަހު އެހާ އަވަހަށް ގާތްވާން އުޅެވުނީ ދޯ…. ވަރަށް ބޮޑަށް ސޮރީ…. ހަމަ ޒާނާ ފެނުނީމަ ވާގޮތެއް ކުރެވޭ، ނުކުރެވޭ ކަމެއްވެސް އަދިވެސް ނޭނގެނީ…….ކުރީގަހެން….. އަހަރުތަކެއް ވޭތުވެގެން ދިޔަޔަސް އަދިވެސް ޒާނާއަށް އޮތް އިހުސާސް ތަކަކަށް ބަދަލެއް ނާދޭ… އެކަހަލަ އިހުސާސްތަކަށްވެސް…” އަހަރެން ވަރަށް ތަފްސީލުކޮށް ޒާނާއަށް އެނގޭނެހެން ތިލަކޮށް ބުނީމެވެ. އަދި އެއީ ކުށަކަށް ވާނަމަ މާއާފަށް އެދުނީމެވެ.
” އެކަމަކު ޒާނާ…. ޒާނާ އަހަރެންގެ މީހެއްގެ ގޮތުގައި ހުރެދޭން ވީނުން… ކުރިން ގެއްލުނުހެން ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން ދެނެއް… ތެދަށް ބުނަންޔާ އަހަރެން ބިރުވެސް ގަނޭ ޒާނާ އަނެއްކައިވެސް އަތުން ބީވެގެން ގޮސްދާނެތީ… އެނގޭ ވޭތުވެދިޔަ ދުވަސްތަކުގަ ވަރަށް ކަންކަން ބަދަލުވެފައި ހުންނާނެކަން.. އެއީ މާޒީ… މާޒީގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން… އަލުން އާ ފެށުމަކުން ޒާނާއާއިއެކު ފަށަން ބޭނުން ވަނީ….” ޒާނާގެ ކޯތާފަގައި އެއް އަތުން ހިފައިލަމުން އަހަރެން ބުނީމެވެ. އަހަރެން ޒާނާގެ ވާހަކަތަކަށް އިޙުތިރާމް ކުރީމެވެ. ހަމަ އެހެންމެ އަހަރެންގެ ހިތުގެ ހާލަތުވެސް ބަޔާން ކޮށް ދިނީމެވެ. އެއީ ދެވަނަ ފަހަރަށް ޒާނާ ގެއްލެން ބޭނުން ނުވާތީ އެވެ. ޒާނާގެ ދެލޮލުން އަހަރެންނަށް ހަޤީޤަތް ފެނުނެވެ. ނަމަވެސް ޒާނަގެ ދުލުން ބުނާންދެން އަހަރެން ކެތްތެރިވާނަމެވެ. އެކަމަށްޓަކައި ކިތަންމެ ދުވަހެއް ވޭތުވެގެން ދިޔަޔަސް މެއެވެ.
” ނަވީން… އަހަރެން މިއީ މިހާރުވެސް އަބަދުވެސް ހަމައެކަނި ނަވީންގެ މީޙެއް. މިހިތަކީ ނަވީންގެ މިލްކެއް…. އަބަދުވެސް…..” ޒާނާގެ ޖުމްލައިން އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާން ކޮށްދޭންވެސް ނޭނގެއެވެ. ދެފިޔަގަނޑުލައިފައި އުދުހެވޭނެ ނަމަ އެކަންވެސް އަހަރެން ކުރީމުހެވެ. މުޅީ ދުނިޔެއަށް އެއީ ހަމައެކަނި އަހަރެންގެ މިލްކެއް ކަން އަންގަން ބޭނުންވިއެވެ.
” ނަވީން…. ނަވީން އަހަރެންނާއި ގުޅެން ބޭނުން ވަންޔާ އަހަރެން އެބަހުރި ނަވީންއާއި ދައްކަން ޖެހޭ ވާހަކަ.. ނަވީންއަށް ކޮންމެހެން އެނގެން ޖެހޭ ވާހަކަތައް… އެކަމަކު އެހާ ފަސޭހައެއް ނޫން… ވަގުތު ބޭނުން… ވަރަށް ވަގުތު ބޭނުން….އެއްވެސް ކަމެއް އޮޅުވާލަން ބޭނުން ނުވާތި މިވަރަށް ވެސް މި ބުނެދިނީ….” ޒާނާގެ އަޑު ކުރެހިގެން ދިއައެވެ.
” ހޭއި…. ހޭއި… ޒާނާ… ޒާނާ ބޭނުން ދުވަހަކު ބޭނުން ވަގުތަކުން ކިޔައި ދިނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ…. އިނގޭ… އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާންނަން….” އަހަރެން އިތުރަށް ޒާނާއާއި ގާތްވެލައި ޒާނާގެ އިސްޖެހިފައިވީ މޫނުގައި ހިފައި އިސް އުފުލުވައިލީމެވެ. ފެންކަޅިވެފައިވީ ޒާނާގެ ދެލޯ ފެނުނު ވަގުތު އަހަރެންގެ ހިތް ރޯލިއެވެ. ހަމްދަރުދީ އިން ހިތް ފުރުނެވެ. އެއަންހެން ކުއްޖާ މިއޮއް ހުރިހާ ދުވަހު އުޅުނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ.؟ ޒާނާ ތަހަންމަލު ކޮށްފައިވަނީ ކިތައް ކިތައް އަނިޔާ ކަމެއް އަހަރެންގެ ވިސްނުމަށް ގެންނަންވެސް ނޭނގެއެވެ. ނަމަވެސް އެކަންކަން އެނގުން އަހަރެންނަށް މުހިންމެވެ. ނަމަވެސް މިވަގުތު އަހަރެން ބޭނުންވަނީ ޒާނާގެ ހިތަށް ތަސައްލީއެއް ދޭށެވެ.
އަހަރެން ޒާނާ ގެނެސް ގަޔާއި ކައިރި ކޮށްލަމުން ޒާނާގެ ނިއްކުރީގައި ބޮސްދިނީމެވެ. އެއަމަލުން ޒާނާ ކުޑަކޮށް ހަމަޖެހިލިހެން އަހަރެންނަށް ހީވިއެވެ. އަހަރެން ޒާނާ ގަޔާއި ދުރު ކޮށްލަމުން ޒާނާގެ މޫނަށް ބަލައިލީމެވެ.
” އައި މިސްޑް ޔޫ….” ޒާނާ މަޑުމަޑުން ކިރިޔާ އަހަރެންނަށް އަޑު އިވޭ ވަރަށް ބުންޏެވެ. އަހަރެންގެ ހިތް މަޑު ފުށްކޮޅަކަށް ވެގެން ދިޔައެވެ. އެއީ އަހަރެން ޒާނާގެ ފަރާތުން އެނގެން ބޭނުންވެފައި ހުރި ކަމެއް ކަންވެސް އަހަރެންގެ ހިތަށް އިހުސާސްވީ އެވަގުތުއެވެ.
” ހީވެސް ނުކުރަން ދުވަހަކުވެސް….. ދުވަހެއްގެ ކޮޅުން ވެސް ނަވީންއާއި ދެން ބައްދަލު ވާނެ ކަމަކަށް… މިހެން ނަވީންއާއިއެކު ހުރުމުގެ ނަސީބު ލިބޭނެ ކަމަކަށް… ” ޒާނާ ބުނެލިއެވެ. އެއަޑުގައި އިންތިހާ ލޯބި ވިއެވެ. އެ ދެލޮލުން އެބަހުގެ ތެދުކަމަށް ހެކިވަމުން ދިއައެވެ.
“ޒާނާ… މާޒީގެ ވާހަކަ ނުދައްކާ … އަހަރެން މިހުރީ ޒާނާގެ ގާތުގަ… ހަމައެކަނި ޒާނާގެ މީހެއްގެ ގޮތުގަ… ބުނެބަލަ… އަހަރެންގެ މީހަކަށް ވާނަންތަ…؟” އަހަރެން އަހައިލީމެވެ. އަވަސް އަވަހަށް ބޯ ޖަހައިލަމުން ޒާނާ އަހަރެންގެ މޭގައި މޫނު ފޮރުވައިލިއެވެ. ޒާނާގެ ގައިގާ ދެއަތް ވަށުވައިލަމުން އަހަރެން ޒާނާގެ ގައިގާ ބާރަށް ބައްދައިލީމެވެ. އަދި އިސްތިރި ކޮށްލަމުން ޒާނާގެ ބޮލުގައި ބޮސްދެމުން އެ ރީތި ރާޅު ބާނި އިސްތަށިގަނޑުގައި ފިރުމައިލީމެވެ.
ހިތަށް ލިބެން ފެށި ހިތްހަމަ ޖެހުމާއި އާރޯކަން އަހަރެންނަށް ބުނެދޭންވެސް ނޭނގުނެވެ. ހިތަށް އިންތިހާ ދަރަޖައިގެ ފިނިކަމާއި ހަމަހިމޭންކަން ލިބެމުން ދިއައެވެ. މިއީ ކިހައި ދުވަހެއްގެ ދިގު އިންތިޒާރެއް ހެއްޔެވެ. އެތަކެއް ދުވަހެއް ވާންދެން އަހަރެން ތަހަންމަލު ކުރި ހިތްދަތިކަން މުޅި ރޫޙުން ފުހެވިގެން ދިއަ ފަދަ އިހުސާސެއް ކުރެވިގެން ދިއައެވެ. ބަޔާން ކުރަން ނޭނގޭ ފަދަ ހިތްހަމަ ޖެހުމަކާއި އަރާމެއް ހިތަށް ލިބެމުން ދިއައެވެ. އިރާދަކުރެވިއްޔާ ޒާނާ އެއްކޮށް މުޅި އުމުރަށް އަހަރެންގެ މިލްކަކަށް ވުން ދެން އޮތީ މާ ދުރަކު ނޫނެވެ. އެދުވަހަށް އަހަރެންގެ ހިތް ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.
ޒާނާ އަހަރެންނާއި ދުރު ވެލަމުން އިސްއުފުލައި އަހަރެންގެ މޫނަށް ބަލައިލިއެވެ. ފަނޑު ހަނދުވަރުގެ އަލީގައި އެ ދޮން މޫނު ވިދައި ބަބުޅަމުން ދިއެވެ. މުޅި ކާއިނާތު އަތްފުނާ އެޅިޔަސް އެއަށް ވުރެންވަކި ފުރިހަމަ ކަމެއް ނުފެންނާނެކަން ޔަޤީނެވެ. ހުވަފެނީ ގޮތަކަށް އަހަރެންނަށް އެ މަންޒަރު ސިފަވިއެވެ. އެމޫނު މަތީގައިވީ ހިތްހަމަ ޖެހުމުގެ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން އަހަރެންގެ ހިތަށް ހާދަ އަރާމެއް ލިބިއްޖެއެވެ. އެފަދަ އެތަށް ހިތްހަމަ ޖެހުމަކަށްޓާކައި އަހަރެން ފިދާ ވެދާނަމެވެ. މުޅި ފުރާނަވެސް ހިބައިން ދީފާނަމެވެ.
” މިހާރު ތިއީ އަހަރެންގެ މީހެއް އިނގޭ….” ޒާނާގެ އަތުގައި އޮތް ރަތް ފިނިފެންމާ ނަގައި ޒާނާގެ ކަންފަތް ކައިރިއަށް ލައްވައިލަ ދެމުން އަހަރެން ބުނީމެވެ.
” އެހާ ފަސޭހައިން މިފަހަރަކު ދެން ސަލާމަތެއް ނުވެވޭނެ އިނގޭ…” ޒާނާގެ ނޭފަތުގައި ހިފައި އަހަރެން ސަމާސާ ކޮށްލީމެވެ.
” ސަލާމަތް ވާކަށް ބޭނުމެއްވެސް ނޫން… އެއްވެސްއިރަކު….. .” މާނަފުން ގޮތަކަށް ބުނެލަމުން، ހިނިތުން ވެލަމުން ޒާނާވެސް އަހަރެންގެ ސަމާސާފައި ބައިވެރިވިއެވެ.
” އައްދޭ… މީނަ ހާދަ ގަދަ ވެއްޖޭދޯ މިހާރު… ” އަހަރެން ލަތްކެއް ޖަހައި ޒާނާގެ އުނަގަނޑުގައި ހިފައި ގާތް ކޮށްލަމުން ބުނީމެވެ. ޒާނާގެ މޫނު މަތީގައިވީ ހިނިތުންވުން ފަނޑުވެ އެހެން ކުލަވަރެއް ވެރިވީ އެހިނދުއެވެ. އެ ބޮޑު ދެލޮލުން މަސްތު ކަމުގެ އޮއެވަރެއް ދުވެލިތަން ފެނި އަހަރެންގެ ހިތްވެސް އެކަމަށް ބޭނުންވެ ގޮވައިލިއެވެ. މަޑުމަޑުން އަހަރެން ޒާނާއާއި މޫނު ގާތް ކޮށްލީމެވެ. ހުށިޔާރު ކަމާއި އެކު ޒާނާގެ ހާލަތު ދެނެގަނެ އަހަރެން ކެތްތެރިވެ ހުރީ ޒާނާގެ ފުށުން ފެހި ސިގްނަލެއް ލިބެންދެނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

