Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 37

Anaq Level 210 Stories
July 13, 2026 6 Mins Read
0 Comments

ސިހިފައި އަހަރެންނަށް ބަލައިލެވުނީ އިމާރާތަށް ވަންނަން ހުރި ދޮރު ހުޅުވުމުންނެވެ. ދޮރުން ބޭރަށް ޒާނާ އެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ ނޭވާ އަރުގައި ތާށިވިއެވެ.

***********

 

ވަށައިގެން ހިނގަމުން ދިޔަ ހުރިހާ ކަމެއް ހުއްޓުނު ފަދަ އިހުސާސެއް އަހަރެންނަށް ކުރެވިގެން ދިއައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ވެފައި ހުރި ވަރުބަލިކަމާއި ސިކުނޑިއަށް ވެފައި ހުރި ލޮޑުކަމާއި ފިކުރުތައް ދުވެ ފިލިތަނެއްވެސް ނޭނގުނީ ކުރިމަތިން ފެންނަން އެހުރީ ފަތްމިނި ކަމަނާގެ ރީތިކަމުން ކަން ޔަޤީނެވެ. އެ ބަނިޔާދަން ބުރުސޫރަ ރީތި ކަމަށް އަހަރެންނަށް ބަލަހައްޓައިގެން އިނދެވުނީ އާގަމަ ވެފައެވެ. އެ ނޫން އެހެން ދިމާއެއް ބަލާލަން ބޭނުން ނުވެފައެވެ.

ދިގުކޮށް ހުރި މަޑު ރީނދޫ ކުލައިގެ ހެދުމުގައި ޒާނާ ފެންނަނީ އުޑުގައި ރަނިކަން ކުރަމުން ދިއަ ހަނދަށް ވުރެންވެސް ފުރިހަމަ ކަމެއް ލިބިފައިވަނިކޮށް ކަމަށް އަހަރެންގެ ހަށިގަނޑުގައިވީ ކޮންމެ ގުނަވަނެއް ވަކިވަކިން ހެކިވިއެވެ. މުޅި ކާއިނާތް އަތްފުނާ އެޅިޔަސްވެސް އެއަށް ވުރެން އިތުރު ފުރިހަމަ ކަމެއް ދެން އަހަރެންނަށް ނުފެންނާނެ ކަމަށް އަހަރެންގެ މުޅި ހިތާއި ރޫޙުވެސް ހަރުއަޑުން ގޮވިއެވެ. ހެދުމުގެ އެއްފަރާތުން، ކަކުލުގެ ކުޑަ ތަންކޮޅެއް މަތިން ފެށިގެން ފަސްބަޔާއި ހަމައަށް ފަޅާލާފައި ވާއިރު ކުރިއަށް ނަގާ ކޮންމެ ފިޔަވަޅަކާއިއެކު އެ ދޮން ރީތި ފައިން ބޮޑުބައެއް ހާމަ ވާނެކަން ހިތަށް އަރާފައި އަހަރެންގެ ހިތުވިންދު އަވަސް ވެލިއެވެ. އެ މަޑު ރީނދޫ ހެދުމާއި އެ ހެދުމުގައިވީ ދިގު ލޭސް އަތަށްވެސް ޒާނާގެ ދޮންކަން ފަނޑުކޮށްލެވުމުގައި ނާކާމިޔާބު ވެފައި ވިއެވެ. ހެދުމުގެ ދެކޮނޑު ވައްޓާލެވިފައި ވީއިރު މޭމަތިން ހާމަވާވަރު ކުޑަ ކުރުމަށްޓަކައި ކޮނޑުގެ ދެފަރާތުން، ރާޅުބާނި ހުންނާނެހެން ސްޓައިލް ކޮށްލެވިފައިވީ އިސްތަށިގަނޑު ވަނީ ވައްޓައި ލެވިފައެވެ. އެ ތާޒާ ކަމާއި ރީތިކަން ފެނިފައި އަހަރެންގެ ހިތުގައި ޖަހަން ފެށީ އުފާވެރި ކަމުގެ  ވިންދެވެ. ލިބުނީ އިތުރު ޖޯޝެކެވެ.

ޒާނާ ލައިގެން ހުރި ހެދުމުގެ ގޮތުންނާއި ކޮށްފައިވީ މޭކަޕާއި އިސްތަށިގަނޑަށް ގެނެސްފައި ހުރި ބަދަލުން އެއީ ޖަނާގެ ކަމެއްކަން ދެނެގަންނާކަށް އަހަރެންނަކަށް އިތުރު ހެއްކެއް ބޭނުމެއް ނުވިއެވެ. ހިތާ ހިތާ ޖަނާއަށް ޝުކުރު އަދާ ކުރެވުނީ ހިތް އެދިއެދި ހުރި ފުރުސަތެއް އަހަރުތަކަކަށްފަހު ފަހިކޮށްދިނީތީއެވެ.

މޫނުމަތީގައިވީ ލަދުވެތިކަމުގެ ހިނިތުންވުމާއި އެކު ޒާނާ ކާރާއި ހަމައަށް އައުމަށް ހިނގައިގަތެވެ. އަހަރެން އަވަސް އަވަހަށް ކާރުން ފައިބައިގެން އައިސް ޒާނާ އަރަން ކާރުގެ ދޮރު ހުޅުވައިދިނީ އަވަސްވެފައިވީ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ.

ޒާނާ އައިސް އަރައި ހަމަ ވުމާއިއެކު ދުވި އަންހެންވަންތަ ސެންޓުގެ މީރު ވަހުން އަހަރެންގެ ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. މޭ ފުރި އުތުރި އެރިއެވެ. މުޅި ދުނިޔެވެސް މިލްކުވި ހެން ހީވި ވަގުތު ކޮޅަކަށް އެވަގުތުކޮޅު ވިއެވެ. ކާރަށް އެރުމުގެ ކުރިން މާނަފުން ނަޒަރެއް ދެމުން ޒާނާ އަހަރެންނަށް ބަލައިލިއެވެ. ސަހަރޯއެވެ. އެއޮއް ފަރިކަމެއްތާއެވެ. އެފަދަ ރީތި ދެލޮލެއް މުޅި ދުނިޔެއިންވެސް ދެން ފެންނާނެހެން ދެނެއް ހިއެއް ނުވެއެވެ.  ބޯ، ދިގު އެސްފިޔަތަކުން ހިޔާ ލިބިފައިވީ ކަޅު ރޭގަނޑެއްފަދަ އެ ތޫނު ދެލޮލުގެ ތެރެއަށް އަހަރެން ގެނބިގެން ދާން ބޭނުން ވިއެވެ. ވެގެން ވާނެ ނަމަ އެއީ އަހަރެން އެ ދެލޮލުގެ ތެރެއަށް ފީނައިގަނެ ދުނިޔޭގެ ހުރިހާ ކަމެއް މަތިން ހަނދައިން ނައްތާލަން ބޭނުންވި ފަދަ ވަގުތުކޮޅެކެވެ. ކޮށްފައިވީ މޭކަޕަށް ތަޢުރީފު ހައްޤެވެ.  އެ ދެކޮލުގައިވީ ޖައްސާފައިވީ މަޑު ފިޔާތޮށި ކުލައާއި ކޮށްފައިވީ ލޮލުގެ މެކަޕު ފެނުމުން އަހަރެންގެ ނޭވާ އަވަސްވާން ފެށި ތިޔަހެން ހެނެއް ނޫނެވެ. ހިތްވެސް އޮބި ނޯވެގެން ތެޅި ފޮޅެން ފެށިއެވެ.

ޒާނާ ކާރަށް އެރުމުން އަހަރެންވެސް ގޮސް ކާރުގެ އަނެއް ފަރާތަށް އަރައި ކާރު އޭގެ މަންޒިލަށް ދިއުމަށްޓަކައި ދުއްވައިލީމެވެ.

” ކޮންތާކަށް މިދަނީ….؟” ބުރިޖު މައްޗަށް ކާރު އެރުމާއިއެކު ޒާނާ އަހައިލިއެވެ.

” އެއީ ސަޕްރައިޒެއް……. ހާސްނުވޭ… އަހަރެން ކައެއް ނުލާނަމޭ ގެންގޮސް…..” އަހަރެން އެއްލޯ މަރައިލަމުން ބުނެލީމެވެ. އަހަރެންގެ އެ ސަމާސާއިން ރަކިވެގެން ޒާނާ އިސްޖަހައިލިއެވެ.

މަންޒިލާއި ހަމައަށް ދެވޭންދެން ދެން ދެމީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް ޒާނާގެ ސިއްރު ނަޒަރުތައް އަހަރެންނަށް އަމާޒުވަމުން ދިއަކަން އަހަރެންނަށް އެނގުނެވެ. އެއްކޮޅުން އަނެއްކޮޅަށް ސްކޭންއެއް ކޮށްލާ ފަދައިން ވަރަށް ސިއްރު ސިއްރުން ޒާނާ އަހަރެންނަށް ބަލަމުން ދިއަކަން އަހަރެންނަށް އެނގުނެވެ. އަހަރެންނަށް ލައިގެން އިނދެވުނީވެސް ޒާނާއަށް އަބަދުވެސް އެންމެ ކަމުދާ ގޮތަށް ހުސް ކަޅުކުލައިގެ ސޫޓެކެވެ. ޒާނާގެ ނަޒަރުތަށް އެންމެ ބޮޑަށް އަހަރެންނަށް މިރޭ ހުއްޓުނު ސަބަބަކަށް އެކަން ވިއެވެ. އަހަރެންގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވީ އަދިވެސް އެ އިހުސާސްތައް ޒާނާގެ ހިތުގައިވެސް ދެމިއޮތްކަން އެނގުމުންނެވެ.

އިމާރާތުގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން ޒާނާ ކާރުން ފޭބިއެވެ. އެއްވަރެއްގައި ދެމީހުން މަޑު ހިނގުމެއްގައި  ގޮސް ލިފްޓަށް އަރައި ޓެރެސްއަށް ދިއުމަށްޓަކައި ލިފްޓުގެ ފިތަށް އޮބައިލީމެވެ.

އެރެއަށްޓަކައި އަހަރެން ތައްޔާރުކޮށްފައިވީ މާހައުލަށް އަހަރެން ޒާނާ ގޮވައިގެން އެރީމެވެ. ރައްޓެއްސެއްގެ ހުޅުވަން ތައްޔާރު ކޮށްފައިވީ ރެސްޓޯރެންޓެއްގެ މަތީބުރި ކަމުން އެއްވެސް މީހެއްގެ އުނދަގުލެއް ނެތި ރޭގަނޑު ހޭދަ ކުރެވެވޭނެ ކަމުގެ ޔަޤީންކަން އަހަރެންނަށް ލިބިފައި އޮތެވެ. އަހަރެންގެ އެދުމަށް އެރެއަށްޓަކައި ޝެފެއްވެސް ވަނީ ގެނެވިފައެވެ. އަހަރެންގެ އެކުވެރިޔާ އަހަރެން ބޭނުންވި ފަދައިން ހުރިހާ ކަމެއް ވަނީ އިންތިޒާމުކޮށް ނިއްމައިދީފައެވެ. އަހަރެންނަށް ބޭނުން ނަމަ ޒާނާ ގޮވައިގެން އަގުބޮޑު ރެސްޓޯރަންޓަކަށްވެސް ދެވިދާނެ އެވެ. ނޫނީ އަހަރެންގެ ގެއަށްވެސް ދެވިދާނެއެވެ. ނަމަވެސް އަހަރެން ބޭނުންވީ މީހެއްގެ އުނދަގުލެއް ނުފޯރާ ހިސާބެއްގައި ޒާނާއާއި އެކު އެ ހާއްސަ ވަގުތުތައް ހޭދަކޮށްލާށެވެ.

” މިއީ ރައްޓެއްސެއްގެ ތަނެއް… އަދި ނުހުޅުވާ… ހުޅުވަން ތައްޔާރުކޮށްފައި ހުރި ރެސްޓޯރަންޓެއް…. އަހަރެން ބޭނުންވީ މީހެއްގެ އުނދަގުލެއް ޒާނާއަށް ވެސް ނުފޯރަ ހަމަހިމޭން މާހައުލެއްގައި ބައްދަލުކޮށްލަން…. ކަމުނުދަންޔާ އެހެން ތާކަށް ވެސް ދެވިދާނެ…….” ޒާނާގެ ހިތުގައި ސުވާލު އުފެދޭނެކަން އެނގިހުރެ އަހަރެން ޒާނާއަށް ކިޔައި ދިނީމެވެ.

” ނޫން ނޫން…. އޯކޭ ހަމަ …. ވަރަށް ހިތްގައިމު މިތަން….” ޒާނާ އަވަސް އަވަހަށް ބުނެލިއެވެ.

ޓެރެސްގެ މެދެއްހައި ހިސާބުގައި ހުރި މޭޒު ކައިރިއަށް އަހަރެން އައީމެވެ. މޭޒުމަތީގައި ރަތް ކުލައިގެ ފޮތިގަނޑެއް އަޅާފައި ވީ އިރު މޭޒުގެ ދެކޮޅުގައިވީ ފާނޫޒު ބައްތިން މާހައުލަށް ވަނީ މަޑު އަލިކަމެއް ވެރިވެފައެވެ. ޖެހިލާ މަޑު ފިނި ވައި ރޯޅި ތަކުން މާހައުލަށް އިތުރު ހިތްގައިމު ކަމެއް ލިބެމުން ދެއެވެ. މެދު އުޑުގައި ފިޔަޖަހަމުންދާ ތަރިތަކާއި ރަނިކަން ކުރަމުން ދިޔަ ހަނދުން މާހައުލަށް ވަނީ މިލަ ހަނދުވަރެއްގެ އަލިކަން ފޯރުކޮށްދީފައެވެ. އެއްވެސް އަޑެއް ބަޑެއް ނީވޭ އެމާހައުލު އަހަރެން ހިޔާރު ކުރީ ވަރަށް ވިސްނާފައި  މިކަހަލަ ރެއަކަށް އެންމެ ކަމުދާނެ ކަން ކަށަވަރު ވުމުންނެވެ.

ޒާނާ އިށީނުމަށްޓަކައި އަހަރެން ގޮނޑި ދަމާލަ ދިނީމެވެ. ޒާނާ އިށީނުމުން އަހަރެން އައިސް ޒާނާގެ ކުރިމަތި ގޮނޑީގައި އިށީނީމެވެ. އަހަރު ތަކަކަށްފަހު މިގޮތަށް ބައްދަލުވާތީ ކުޑަކޮށް ހާސްވެފައި އިންކަމުގެ ކުލަވަރުތައް އެ ދެލޮލުން ހާމަވަމުން ދިއަ ކަމުގައި ވިޔަސް އެ މޫނުމަތި ފުރިފައިވީ ޝައުގުވެރިކަމުގެ ކުލަތަކުންނެވެ. މާޒީގެ ހަނދާން ތަކެއް ދެމީހުންގެ ހިތުގައި ވެސް އުތުރި އަރަމުން ދިއައެވެ.  މިފަދަ އެތައް ރެއެއްގައި އެތަށް ވަޢުދުތަކަކާއި އަހުދުތަކެއް ވެފައި ވާނެއެވެ. އެފަދަ އެތަށް ރެއެއްގައި، އެފަދަ ހިތްގައިމު  އެތައް ހެދުމެއްގައި ޒާނާގެ ފުރިހަމަކަން އަހަރެންނަށް “ތަޖުރިބާ” ކޮށްފައި ވާނެއެވެ. ހިތް އޮބި ނޯވެގެން ތެޅިފޮޅުނު ފޮޅުމާއި ކެތްތެރިކަމުގެ އިންތަށް އެތަށް ފަހަރަކު މިފަދަ އެތަކެއް މާހައުލެއްގައި ފަހަނަ އަޅައި ގޮސްފައި ވާނެއެވެ. ޒުވާން ކަމުގެ އެ އޮއެވަރުގައި ޖެހި އެތަކެއް ރީތި ” މިސްޓޭކް” ތަކެއް ހެދިފައި ވިއެވެ. އެހުރިހާ ހަނދާން ތަކެއް ވަކިވަކިން އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ވިއެވެ. ހަނދާނުން ނުފިލި ހަނދާން ތަކަކަށް އެ ހަނދާންތައް ވިއެވެ. އެ ހަނދާންތަށް އާވާ ކަމުގެ ހެކި އަހަރެންނަށް ޒާނާގެ މޫނު މަތިން ވެސް ފެނުނެވެ.

” އުފާވެއްޖެ އަނެއްކާވެސް ބައްދަލުވީތީ….” ދެމީހުންގެ ދެމެދުގައިވީ ފަޅު ކަމާއި ހަމަހިމޭންކަން އަހަރެން ނެތިކޮށްލި އަހަރެންގެ ހިތުގެ އިހުސާސްތައް ބުނެދިނުމަކުންނެވެ.  ރަކިވެގެން ޒާނާ އިސްޖަހައިލި ގޮތުން ޒާނާގެ އިހުސާސްތަކަކީވެސް އެއީކަން އަހަރެންނަށް އެނގުނެވެ.

” ވަރަށް ރީތި……” ކަޅި ޖަހައި ނުލައި ފުން ނަޒަރަކުން ޒާނާއަށް ބަލަން އިނދެ އަހަރެން ތަޢުރީފު ކޮށްލީމެވެ. ތަޢުރީފެއް ކޮށްނުލައި އަހަރެންގެ ހިތްހަމަ ނުޖެހުނީއެވެ. އެހާވެސް މިރޭ ޒާނާ ފުރިހަމަ އެވެ. ރީއްޗެވެ. ހިތް ކަތިލާހާ ވެއެވެ.  އަހަރެންގެ ތަޢުރީފު އަޑު އިވުމުން އިސްއުފުލައި ޒާނާ އަހަރެންނަށް ބަލައިލިއެވެ. ހަތަރުކަޅި ބައްދަލުވި ހިނދު ފުން އިހުސާސްތަކެއް ދެހިތަށްވެސް ކުރުވިގެން ދިއައެވެ.

” މިރޭ ވަކިން ރީތި… ވަރަށް ފުރިހަމަ… މާޝާﷲ……….” އަހަރެންނަށް އިޙުތިޔާރަކާއި ނުލައި ޒާނާއަށް ބަލަން އިނދެ ބުނެވުނެވެ. ލަދުން މުޅި މޫނު ރަތް ކޮށްލަމުން ޒާނާ އަނެއްކައިވެސް އިސްޖަހައިލިއެވެ. އެ ރީތި އާދައިންވެސް އަހަރެންގެ ހިތް އިތުރަށް ކަތިލެވުން ނޫން ކަމެއް ނުވިއެވެ.

” ތިހެން ލަދުގަތީމަ އަދި މާ ރީތި…..” އަހަރެން ބުނެލީމެވެ. ކުޑަކޮށް ލާނެއް ވެލުމަށްޓަކައެވެ. އެވަގުތު ވެއިޓަރު މެނޫ ގެނެސް ދިނެވެ. ޒާނާއަށް އަހަރެން މެނޫ ދިއްކޮށްލީމެވެ. ޒާނާ މެނޫގެ ގަނޑުތައް އުކަމުން ދިއަ ގޮތުން ނަގާނެ އެއްޗެއް ނޭނގިގެން އުޅޭހެން އަހަރެންނަށް ހީވިއެވެ. އެހެން ކަމުން ޒާނާ އަތުން އަހަރެން ގަނޑު އަތުލަމުން ޒާނާގެ މޫނަށް ބަލައިލީމެވެ. އެހިނދު ސުވާލުގެ ނަޒަރުން ޒާނާ އަހަރެންގެ މޫނަށް ބަލައިލިއެވެ.

” ކޮން އެއްޗެއް މިގަޑީގައި އެންމެ ކާން ބޭނުމީ….” އަހަރެން އަހައިލީމެވެ.

“ހަމަ އަހަރެން ބޭނުން ކޮންމެ އެއްޗެއް ލިބޭނެތަ؟… އަދި ނުވެސް ހުޅުވާ ރެސްޓޯރަންޓެއްނުން މި….” ޒާނާ ސުވާލު އުފެދިފައި އަހައިލިއެވެ.

” ޒާނާ……. ޒާނާ ބޭނުން އެއްޗެއް ބުނޭ…. ގެނެސް ދޭނަން….” އަހަރެން ޒާނާއަށް ގޮވައިލަމުން ބުނީމެވެ.

” އެހެން ނޭނގެ.. މިގަޑީގަ ނާދޭ އެއްވެސް އެއްޗެއް ބޮލަކަށް….” ޒާނާ ބުނެލިއެވެ.

” ކިހިނެތް ވާނެ ޕިއްޒާ…. ޒާނާއަށް އެންމެ ކަމުދާ ތަންދޫރީ ޗިކެން ޕިއްޒާ….؟” އަހަރެން އަހައިލީމެވެ. އެހިނދު ޒާނާގެ މޫނުމަތި އުޖާލާ ވެގެން އައި ގޮތުން ޒާނާގެ ޖަވާބު އަހަރެންނަށް އެނގި ސާފު ވިއެވެ. ވެއިޓަރަށް ގެންނަންވީ އެއްޗެހި އޯޑާރ ކުރުމަށްފަހު އަހަރެން ޒާނާއަށް ބަލައިލީމެވެ.

މުޅީ މާހައުލަށް ޒާނާ ރަނގަޅަށް ނަޒަރު ހިންގާލީ ޝައުގުވެރިކަމާއި އެކުގައެވެ. އެއްފަރާތެއްގައި ބެލްކަނީގެ އެއްބަޔަށް ހިޔާ އެޅޭ ގޮތަށް ހުރި ގަސްތަކާއި ކުދި ޕޮޓް ތަކުގައި އިންދާފައި ހުރި ފިނިފެންމާ ގަސްތައް ޒާނާއަށް މާ ކަމުދިޔަކަން އެ މޫނު މަތިން ހެކިދިނެވެ. އޭގެން މަލެއްގައި ބީހިލަން ބޭނުންވެފައި އިންކަމުގެ ނިޝާންތައް އެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. ތެދުވަން އުޅެފައިވެސް ޒާނާ ކުއްލިއަކަށް އިށީނދެލަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ. ހުއްދައެއް ނެތި ނުތެދުވާނަމޭ ބުނެލިފަދަ ގޮތެއް އެ މޫނުމަތިން ހީވިއެވެ.

“ހުއްދަ ނުހޯދިޔަސް ޒާނާ ބޭނުން ކަމެއް ކުރެވޭނެ އިނގޭ…. އަހަރެން ނުހިފަހައްޓާނަން ….” އަހަރެން މަޑުމަޑުން މާގަސްތަކާއި ދިމާއަށް އިޝާރާތް ކޮށްލަމުން ބުނީމެވެ. ހިނިތުންވެލަމުން މާގަސްތަކާއި ދިމާއަށް ޒާނާ  ހިނގައިގަތެވެ. އަހަރެން ހަމަ ހީކުރި ފަދައިން ރަތް ފިނިފެން މަލެއް ޒާނާ ބިނދެލިއެވެ. ޒާނާއާއި ތަންކޮޅެއް ދުރުގައި އަހަރެން ހުރެ އެ މަންޒަރު ހިތުގައި ވަރަށް ފަރުވާތެރި ކަމާއިއެކު ރައްކާ ކުރީމެވެ.

މަލުގައި ވަސްބަލައިލަމުން ރާނާފައިވީ ރެއިލިންއާއި ކައިރިއަށް ޖެހިލައި ޒާނާ އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. ޒާނާގެ ކޮންމެ ހަރަކާތެއް އޭނާއަށް މި މާހައުލު ވަރަށް ކަމުގޮއްސިކަން ފާޅުކުރަމުން ދިއައެވެ. އެ މޫނުމަތީގައިވީ ނުފިލާ ލުއި ހިނިތުން ވުމެކެވެ.

ރުހާމްގެ ވާހަކަތައް އަހަރެންގެ ހިޔާލަށް އަނެއްކައިވެސް އުނދަގުކުރީ އެވަގުތުއެވެ. އެ ނިޔަނެތި އަންހެން ކުއްޖާގެ ހިނިތުންވުން ޖަހައިގަތް މީހަކީ ރުހާމެއެވެ. ހިނިތުން އެ ވެލަނީ ކިހާ ދުވަހެއް ކޮށްފައި ކަމެއްވެސް ތެދު ތެދަށް ބުނަންޔާ އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ހިތް ހަމަހިމޭން ރުއިމަކުން ރޯލިއެވެ. ހިތުގައި ފުރި އުތުރި އަރަން ފެށީ ޒާނާއަށްޓަކައިވީ ލޯތްބާއި ހަމްދަރުދީއެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެންވެސް ޒާނާގެ އެއްފަރާތުގައި ހުއްޓިލީމެވެ.

ޖެހެމުން ދިއަ މަޑު ފިނި ވައިރޯޅިތައް ޒާނާގެ އިސްތަށިގަނޑާއި ސަމާސާ ކުރަމުން ދިއައެވެ. އެއީ ކިހާ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ ދުނިޔެމަތީގެ ޕަރީއެއް އައިސް އަހަރެންގެ ކުރިމަތީގައި އެހުރީއެވެ. އެއީ ކިހާބޮޑު ނަސީބުވެރިއަކަށް ލިބޭނެ ނަސީބެއް ހެއްޔެވެ؟ ނަމަވެސް ރުހާމްއަށް އެ ނަސީބުގެ އަގު ވަޒަން ކުރާކަށް ނޭނގުނެވެ. އަތުން ބީވެގެން އެ ދިޔައީ ކިހާ އަގުބޮޑު ޖަވާހިރެއް ކަމެއް އޭނާއަކަށް ނުވިސްނެއެވެ. މިހާރުވެސް އޭނާ ބޭނުން ވަމުން އެދަނީ ޒާނާއަށް ދުނިޔޭގައި އުޅުމަށް ދަތިކުރުމަށް ނޫންކަމެއްވެސް ނޭނގެއެވެ.

އުޑުގައި ރަނިކަން ކުރަމުން ދިއަ ރާނީއަށް އުނދަގޫ ކުރަމުން ދިއަ ކުދިވިލާކޮޅުތައް ހުރަސް އަޅަމުން ދިއައެވެ. ނަމަވެސް އެ ހަނދުގެ ބެބުޅުމަށް އުނިކަމެއް ގެނެވޭ ވަރުގެ ހުރަހެއް އެ ވިލާކޮޅު ތަކަކަށް ވެސް ލިބިގެން ނުވާ ކަހަލައެވެ. އެމަންޒަރުތަށް ހިތުގައި ރައްކާ ކުރުމަށް ހުރި ޒާނާގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. ތިބެވުނީ ނުހަނު ގާތުގައި ކަމުން ދެހިތުގެ ވިންދުވެސް އަވަސްވެލިއެވެ. މަގާއި ފުރަގަސްވާ ގޮތަށް އެނބުރިލަމުން ކޮންކުރީޓް ރެއިލިންގައި ޒާނާގެ ބުޑު ޖައްސައިލިއެވެ. އެހިނދު ހާމަވެފައިވީ ޒާނާގެ ފައިގެ އެއްބަޔަށް އަހަރެންގެ ނަޒަރު ދަތުރު ކޮށްލިއެވެ. މޭގައިވީ ހިތް އެހެންޔާ ނުތެޅޭ ބާރުމިނެއްގައި ތެޅިލިއެވެ. އަހަރެންނަށް ޒާނާގެ މޫނަށް ދެން ބަލައިލެވުނު އިރު ޒާނާ ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. ހަތަރުކަޅި ބައްދަލުވި ހިނދު އެ މައުސޫމުކަމުން އަބަދުމެ ފުރފައި ހުންނަ ދެލޮލުގެ ތެރެއިން އަހަރެންނަށް އެހެން އޮއެވަރެއް ދަތުރު ކޮށްލިތަން ފެނުނުހެން ހީވިއެވެ.  ޒާނާގެ ނަޒަރު އަހަރެންގެ ފައިން ފެށިގެން ބޮލަށް ދަތުރުކޮށްލިއެވެ. އެ ހިތުގައިވަނީ ކީކޭ ކަމެއް މިހާރު އަހަރެންނަކަށް އަނދާޒާ ކޮށްލާކަށް ނޭނގެއެވެ.

ޒާނާގެ ފަރާތުން ކުޑަކޮށްވެސް އުއްމީދު ނުކޮށްހުރި އަމަލެއް ފެނުނީ އެވަގުތުއެވެ. އަހަރެންގެ އަތުގައި މަޑުމަޑުން ހިފައިލަމުން ގެނެސް ޒާނާގެ ކުރިމަތީގައި އަހަރެން ބެހެއްޓިއެވެ. ސުވާލު އުފެދިފައި އަހަރެން ޒާނާއަށް ބަލައިލީމެވެ. ޒާނާ ކުރަން އެއުޅެނީ ކޮންކަމެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ޝައުގުވެރިކަމުން ހިތް ވިދައިލީ އެހެން ވެގެންނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ލޯބި-26

Next

ދަޅައެއް ފަދަ ލޯބި

Next
July 13, 2026

ދަޅައެއް ފަދަ ލޯބި

Previews
July 13, 2026

ލޯބި-26



All Right Reserved!