Skip to content
އެސްފިޔަ

ރުހޭތޯ ކަލާ – 4

Listen to this story Audio · 19:46 Powered by Esfiya Voice
0:00 19:46

ހޫރީން ދާން ފެށުމާ އެކީ ޒިވްޔަންގެ ހިތް ތެޅިފޮޅިގަތީ އެހެންނަކުން ނޫނެވެ. ގޮތްނޭނގޭ އިހުސާސްތަކެއް އެހިތުގައި އުފަންކުރުވި އެ އާދަޔާޚިލާފު އަންހެންކުއްޖާއާ ރަނގަޅަށް ވާހަކަ ދައްކައިލެވުނު ފުރަތަމަ ފަހަަރު، އެކުއްޖާގެ ނަން ވެސް ނޭނގި ލޯމަތިން ގެއްލޭކަށް އެ ޒުވާން ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

“ހެއި!” ޒިވްޔަންގެ ފިރިހެންވަންތަ ބަރު އަޑު ޖެހުމާ އެކު ހޫރީން ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.

“އަދި ނަމެއް ވެސް ނުބުނަމެއްނު..” ހޫރީން ފަސްއެނބުރި ބަލައިލުމުން ޒިވްޔަން އަހައިލީ ހިސާބަކަށް ރަކިވެފައި ހުރެއެވެ.

“ނަން ހޯދާކަށް ނޫޅެމެއްނު..” ލުއި ހިނިތުންވުމަކާ އެކީ އެހެން ބުނެފައި ހޫރީން ފަސްއެނބުރި ދިޔަތަން ބަލަން ގެއްލިފައި ޒިވްޔަންއަށް ހުރެވުނީ ދީވާނާވެފައެވެ. އެ ރީތި ފަތްމިނި އަންހެން ކުއްޖާގެ ނަން ނޭނގެނީސް އޭނާގެ ލޮލަށް ހަމަނިދި ނާންނާނޭކަން ޔަގީނެވެ.

*** ** ***

ރޭގަނޑުގެ ކެއުމަށް ފަހު ޒެއިން ކޮޓަރިއަށް ވަން އިރު ޒިވްޔަން އެނދުމަތީގައި ގިޓާ ހިފައިގެން އޭގެ ނަރުތަކާ ކުޅެލަކުޅެލައި އޮތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު އެ ތުންފަތުގައި ކުޅެލާފައިވީ ހިތްގައިމު ހިނިތުންވުމުން އެކަނި ވެސް ޒެއިންއަށް ވީގޮތް ރޭކާލައިފިއެވެ.

“ހޫމް.. މަގޭ ދޮންބެގަނޑު ވެސް އެންމެ ފަހުން އިޝްގުގަ ޖެހުނީ ދޯ..؟” ލާނެތް ރާގެއްގައި ޒެއިން އެހެން ބުނެލި ނަމަވެސް ޒިވްޔަން މިފަހަރު އެކަމާ ދެކޮޅެއް ނުހެދިއެވެ. އެ އޮތް ގޮތަށް ގިޓާގެ ނަރުތަކާ ކުޅެލަކުޅެލައި އޮތް އިރު އެ ތުންފަތްމަތީގައި ވީ ހިނިތުންވުން އިތުރަށް ފުންވިހެން ހީވިއެވެ.

“ޒޭން.. އޭނަ ހާދަ ރީއްޗޭ.. ހީވަނީ ހަމަ ބިމަށް ތިރިކޮށްލާފައި ހުރި ޕަރީއެއްހެން..” ދީވާނާއެއް ފަދައިން ޒިވްޔަން ބުނެލީ ދެލޯ މަރައިލަމުންނެވެ. އެއާއެކު ޒެއިން ހެމުންހެމުން އެނދުމައްޗަށް އަރާ ހަމަޖެހިލިއެވެ.

“ކޮބާ އަހަރެން ބުނީމެއްނު.. ތީކީ އާދައިގެ މަންޖެއެއް ނޫނޭ.. މިހާރު ލޯބިވީ ދޯ..؟” ޒެއިން އަހައިލުމުން ޒިވްޔަން ޒެއިންއަށް ބަލައިލިއެވެ.

“ލޯތްބޭ..؟ އެހައި ހިސާބަށް ދާކަށް އަދި ނުވޭނު.. މީހަކު ރީތިވިޔަސް އޭގެ މާނައެއް ނޫނޭ އެއީ ލޯބިވުމެކޭ..” ޒިވްޔަން ބުނެލުމާ އެކީ ޒެއިން ޗޮކެއް ކަނޑައިލިއެވެ.

“ދޮންބޭ.. ޔަގީންތަ ތި ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްކަން..؟” ޒެއިން ރާގު ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ.

“މިބުނީ.. ޑޭޑްގެ ގޮތް އެނގެއެއްނު.. އެންމެ ކުރީއްސުރެވެސް ނާޔާއާ ދޮންބެގެ ކައިވެނި ހަމަޖެހިފައި އޮތްކަން ދޮންބެއަށް އެނގެއެއްނު.. އެހެންވީމަ..” ޒެއިން ބުނެލި ވާހަކައަކުން ޒިވްޔަންގެ މޫޑު ވަގުތުން ޚަރާބުވިއެވެ.

“އަހަރެން ވެސް ދޮންބެއާ އެކުއްޖާއާ އަޅުވާކީ ދޮންބެއަށް އޭނަ ކަމުދާނެކަން އެނގިގެނެއް ނޫން.. އެކަމަކު މިގޮތަށް.. ވިސްނޭ ދޯ އެބް ޒޭން ބުނަން މި އުޅޭ އެއްޗެއް..؟” ޒެއިން އަހައިލުމުން ޒިވްޔަން ބޯޖަހައިލީ ދަތްކުނޑި ވިކައިލުމުންނެވެ.

ޒިވްޔަން އާއި އަނާޔާގެ ކައިވެންޏަކީ މާ ކުރިން ވެސް ހަމަޖެހި ނިމިފައި އޮތް ކައިވެންޏެކެވެ. މާލޭގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރެއިން ހޮވައިލެވޭ ދެ އާއިލާގެ ދޮށީ ދަރީންނަށް ވީތީ، އެދެކުދީންނަށް އަހަރު ނުފުރެނީސް އެކަން އޮތީ އެގޮތަށް ނިމިފައެވެ. ކުޑައިރުއްސުރެ އެކީގައި އުޅެ ބޮޑުވި ނަމަވެސް އަނާޔާ އަކީ ޒިވްޔަންއަށް އެއްވެސް ވަރަކަށް ކަމުދިޔަ ކުއްޖެއް ނޫނެވެ. އެހެނަސް އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން ބައްޕަގެ އެދުމާ ދެކޮޅު ނުހަދާން ވެގެން ޒިވްޔަން ހުރީ އެގޮތަށް ރުހިގެންނެވެ. ލޯބިވާ ނުވަތަ ގަޔާވާ އެހެން ކުއްޖަކު ނުފެންނާތީ، އަނާޔާއާ އެކީ އުޅެން އުނދަގޫ ނުވާނޭކަމަށް އޭނާ ހުންނަނީ އަމިއްލަ ނަފްސަށް ވިސްނައިދީގެންނެވެ.

އެހެނަސް މީގެ އެންމެ ދުވަހެއް ކުރިން ފެނުނު ނަން ވެސް ނޭނގޭ އަންހެން ކުއްޖަކު އެހިތާ ކުޅެލީ ޒިވްޔަންއަށް ނުވެސް އެނގިހުއްޓައެވެ. އެއީ ލޯބި ނޫންކަމާއި، ހަމައެކަނި ގަޔާވުން ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދީގެން ޒިވްޔަން ހުރި ނަމަވެސް، އެ އަންހެން ކުއްޖާއާ ދިމާވި ފަހުން އަނާޔާއާ ކައިވެނި ކުރުމުގެ ޚިޔާލުން އެކަނި ވެސް ޒިވްޔަންގެ ހިތަށް ވެރިވަނީ ނުތަނަވަސްކަމެވެ.

“ދޮންބެ ބުނެފީމެއްނު އެއީ އެހައި ވަރު ކަމެއް ނޫނޭ.. އިޓްސް ނޮޓް ދެޓް ޑީޕް ޒޭން..” ޒިވްޔަން ފަހުބަސް އިއްވައިލުމުން ޒެއިންއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެންނޫނަސް، ދޮންބެގެ މުޅި ދިރިއުޅުން ބައްޕައާއި މަންމައަށް ހުސްކުރާ މަންޒަރު ބަލަން އޭނާއަކަށް ކެތެއް ނުވެއެވެ. މާދަމާ ވެސް އެ ކައިވެންޏަށް ޒިވްޔަން ނޫނެކޭ ބުނެފި ނަމަ، ދޮންބެގެ ގާތުގައި ދޮންބެއާ އެއްކޮޅަށް އޭނާ ހުރެދޭނީ ކެރިގެންނެވެ.

*** ** ***

އޭގެ އަނެއް ދުވަހު ހެނދުނު ހަތެއް ޖެހި އިރު ހޫރީންމެން ގެޔަށް ޒޯޔާ އާއި ނީރާ އައީ މަޖާ މޮޑެން ބޭނުންވާ ހުރިހައި ތަކެއްޗެއް ހިފައިގެންނެވެ. ހަނާން ލޮނުމިރުސްގަނޑު ފުނޑަން އުޅުނު އިރު ތިން އަންހެން ކުދީން ވެގެން ހުރިހައި އެއްޗެއް ކޮށުމުގައި ޝާމިލްވިއެވެ.

“އޭ އަދި އާނ.. ބުނަން ހަނދާން ނެތިފައޭ މިހުރީ.. އިތުރު ދެމީހުން މިއަދު ޖޮއިންކުރާނެ އިނގޭ..” ހޫރީން ބުނެލުމާ އެކީ ނީރާ އާއި ޒޯޔާ ވަގުތުން ދެލޯ ކުޑަކޮށްލިއެވެ.

“އެއްކަލަ ދުވަހު އަހަރެން ޒުވާބު ކުރީމެއްނު މީހަކާ.. އޭނަޔާ އޭނަގެ ކޮއްކޮ..” ހޫރީން އެހެން ބުނުމާ އެކީ ނީރާއާއި ޒޯޔާގެ ދިމާކުރުންތައް ފެށުނެވެ.

“ހޫން މިހާރު އެސޮރު އަތުއަޅުވައިލީ ދޯ..؟” ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ޒޯޔާ ދިމާކޮށްލިއެވެ.

“ދެން ސާބަހޭ ޒޯ! އެކަހަލަ ކަމެއް ނޫނޭ.. އިއްޔެ އޭނަ މަޢާފަށް ވެސް އެދުނޭ.. ދެން ބީރައްޓެހިންނަށް ކަމޭހިތަން ވާނެއްނު.. އަނެއްކައި އޭނަގެ ކޮއްކޮ ހުރީ ނުލާހިކު މަޖާ ކާހިތުން.. ދެން އެހެންވެ އަހަރެން އިންވައިޓް ކުރީ..” ހޫރީން ވީ ގޮތް ކިޔައިދިނުމުން ވެސް ޒޯޔާ އާއި ނީރާގެ ދިމާކުރުންތަކެއް ނުހުއްޓުނެވެ. އެންމެ ފަހުން އެމީހުން މައިތިރިވީ ރަތްމަހެއް ހިފައިގެން ގެޔަށް ވަން ރިޔާޒް ފެނިފައެވެ.

“ހޫރީން.. ދަރިފުޅުމެން މި މަސް ހިފައިގެން ފިހެލަން ދޭ.. މަންމަ އެ ފުނޑާ ލޮނުމިރުސްގަނޑުގަ ނިކަން މީރުވާނެ..” އެ މަސް ތެއްޔަކަށް ލަމުން ރިޔާޒް ބުނެލުމާ އެކީ ނީރާއަށާއި ޒޯޔާއަށް ވަގުތުން ފޯރި އެރިއެވެ. ރިޔާޒަށް ޝުކުރު އަދާކޮށްފައި ފުމެފުމެފައި އުޅުނު މަންޒަރު ބަލަން ރިޔާޒް ހުރީ ހެވިފައެވެ.

“އައްސަލާމުޢަލައިކުމް.. ކޮބާ ބަޔަކު ވަރަށް މީރުކޮށް މަޖާ މޮޑޭ ޚަބަރު އިވިގެން މި އައީ..” އެވަގުތު ގެޔަށް ވަން އަމާންއާއި ނަވާފް ފެނި ހޫރީންމެން ވަގުތުން މޫނު ކުނިކޮށްލިއެވެ.

“އުނހު އަންހެން ކުދީންނާ އެކީ މަޖާ ކާން އަންނާނެކަމެއް ނެތް.. ދޭ އިއްބެމެންނާ އެކީ މަސްބާނަން..” ނީރާ މޫނު ކުނިކޮށްލަމުން އެތިވަރު ގޮވައިގަތެވެ.

“ދެން އަޅޭ އަދިވެސް އެކަމާ ރުޅިއައިސްފަތަ..؟ މިހާރު ކިތައް ފަހަރު ސޮރީ ބުނެފިން..؟” ނަވާފް ދެރަވާ ކަމަށް ހެދިލާފައި އުނދޯލީގައި އިށީނދެލިއެވެ.

“ކޮންހާ މޮޅެތި އާޓެއް ޖައްސާކަށް.. މިހާރު އަހަރެމެން ތިދެމީހުންގެ ބަދަލަށް މީހުން ވެސް ހޯދައިފިން!” ޒޯޔާ އެހެން ބުނެލުމާ އެކީ އަމާންއާއި ނަވާފް ފުންމައިގެން އެރީ ކާކުހޭ އަހަމުންނެވެ.

“އެއްކަލަ ރީން ޖައްސަން އުޅޭ ސޮރާ އޭނަގެ ކޮއްކޮ..” އެއްލޯ މަރައިލަމުން ނީރާ ބުނެލުމާ އެކީ ނަވާފްއާއި އަމާން ހަޅޭއްލަވައިގަންނަމުން އައިސް ހޫރީންގެ ގައިގައި ހިފައިގަތެވެ.

“ދެން އެކަހަލަ ކަމެއް ނުނޭ!” އެންމެން އުޅެމުން ދިޔަ ގޮތުން ބޮލަށް އުނދަގޫވެ ހުރެ ހޫރީން ހަޅޭއްލަވައިގަތް ނަމަވެސް އެކުވެރީންގެ ދިމާކުރުންތަކުން ރެކެގަނެވޭނެ ގޮތެއް ނުފެނުނެވެ. އެންމެން ހޫރީންއާ ދިމާކުރަމުން ދިޔަ އިރު އޭނާއަށް ޖެހުނީ ތުންފިއްތާލައިގެން އިންނާށެވެ.

*** ** ***

ހޫރީންމެންނަށް ތުނޑިއަށް ނުކުމެވުނު އިރު އަށްގަޑި ފަނަރަ ވަނީއެވެ. ނަވާފްއާއި އަމާން މަސްފިހަން އަލިފާންގަނޑު ތައްޔާރުކުރަމުން ދިޔަ އިރު ހޫރީންމެން އަވަސްވެގަތީ މަޖާ މޮޑޭށެވެ. ކޮށާފައި ހުރި އެއްޗެއްސާއި ލޮނުމިރުސް ތަށި ނަގާފައި ކުނާ މަތީ ބަހައްޓައިލަމުން ހޫރީންއަށް ވަށައިގެން ބަލައިލެވުނީ އެއްކަލަ ފިރިހެން ކުއްޖާ އާދޭތޯއެވެ.

“ނައިސްގެން ކެތްނުލަވާފަ ދޯ..؟” ނަވާފް ދިމާކޮށްލުމުން ހޫރީން ވަގުތުން ތުން އަނބުރައިލިއެވެ. ތަންކޮޅެއް ދުރުން ހިނގާފައި އަންނަ ދެ ޒުވާނުން އޭނާއަށް ފެނުނީ ދެނެވެ.

ކްރީމްކުލައިގެ ޓީޝާޓަކާއި ހުދުކުލައިގެ ސޯޓެއް ލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އަންނަމުން ދިޔަ ޒިވްޔަން ފެނުމުން ހޫރީންއަށް ބަލަހައްޓައިގެން ހުރެވުނީ ކަޅިޖަހައިލަން ވެސް ހަނދާން ނެތިފައެވެ. އެއީ އެފަދަ އާދައިގެ ހެދުމެއްގައި ޒިވްޔަން ފެނުނު ފުރަތަމަ ފަހަރަށް ވުމުން، ޒިވްޔަންގެ އެ ސިފަ ހޫރީންގެ ހިތާ ކުޅެލިކަން ޔަގީނެވެ. ކަޅުކުލައިގެ ރޭބަން އަވިއައިނަކުން އެ ތޫނު ދެލޯ ފޮރުވައިލެވިފައިވީ ނަމަވެސް އެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކާ އެކު އެ ފަން އިސްތަށިގަނޑު ނަށަމުން ދިޔަ އިރު، ފިދާވާހައި ވެއެވެ.

މަސައްކަތުގައި މަސްއޫލުވެގެން ތިބި އެންމެން ތެދުވެލީ ޒިވްޔަންމެން އެތަނަށް އައުމުންނެވެ. ހޫރީންއަށް ކަޅި އެއްލައެއްލާފައި އެމީހުން ހެމުން ދިޔުމުން އިތުރަށް ހޫރީން ލަދުގަންނަ ގޮޮތް ވީ ޒިވްޔަންއަށް އެކަން އެނގިދާނެތީއެވެ.

“ރީންގެ ނިއު ފްރެންޑްސްއަށް އަހަރުން އިންޓްރޮޑިއުސް ވެސް ނުކޮށްދޭނަންތަ..؟” ކަރުކެހިލާފައި އަމާން އަހައިލުމުން ހޫރީންއަށް ހަމަބިމަށް އާދެވުނު ފަދައެވެ.

“އާނ.. މީ.. މީ..” ހޫރީން މަޑުޖެހުނީ އެ ޒުވާނާގެ ނަން ވެސް އަދި ނޭނގޭތީއެވެ. އިއްޔެ ވެސް އޭނާ ހޫރީންގެ ނަން އެހުމުން މާ ފޮނިވާން ވެގެން ނަން ނުބުނެ، އޭނާގެ ނަން ވެސް ނާހައި ދާންވެއްޖެ ވިއްޔާއެވެ.

“ޒިވްޔަން..” ހޫރީންއަށް ވީ ގޮތުން ހިނިއައިސްފައި ހުރެ ޒިވްޔަން އިއްވައިލިއެވެ. ޒިވްޔަންގެ އެ ބަރު އަޑުން ނަން ބުނެލުމާ އެކީ ހޫރީންގެ ގައިގައި ވީހައި ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައީ އެ ނަން ރީތިކަމުންނެވެ. މީހާއާ އެއްވަރަށް ނަން ވެސް ރީއްޗެވެ. އެހައި ގުޅެއެވެ.

“މީ ޒެއިން!” ފުޅާ ހިނިތުންވުމަކާ އެކީ ޒެއިން ބުނެލީ އެންމެންނާ ސަލާމްކުރަމުންނެވެ. ޒެއިން އުޅެމުން ދިޔަ މަޖާ ގޮތުން އެންމެންނަށް ވެސް ޒެއިން ނުހަނު އަވަހަށް ކަމުދިޔައެވެ. ހުއްޓައިނުލާ ޒެއިން އަނގަތަޅަމުން ދިޔަ އިރު، ހޫރީންމެންނަށް އެކަންވީ ނުހަނު މަޖާ ކަމަކަށެވެ.

އަމާން ބުނެގެން އަލިފާން ރޯކުރަން ހިކި ފަންކޮޅެއް ހޮވަން ދިޔައީ ހޫރީންއެވެ. ދަނޑިވަޅު ބަލާފައި ޒިވްޔަން ވެސް ވަރަށް ނުވާކަމަށް ހެދެމުން ހޫރީންގެ ފަސްފަހަތުން ދިޔައެވެ.

މަގޫގަސްތަކުގެ ތެރެއިން ދެވެން އޮތް ހަނި މަގުން ހޫރީން ވަލުތެރެއަށް ހިނގައިގަތުމުން ޒިވްޔަން ވެސް ހޫރީންގެ ފަހަތުން ވަނެވެ. ފަހަތުން ޒިވްޔަން އަންނަކަން އެނގުމުން ހޫރީންގެ އަތްފައި ފިނިވާގޮތް ވީ ނަމަވެސް، ހޫރީން ބެލީ އެކަން ނުދައްކާ ވޭތޯއެވެ.

“އަދިވެސް ނަން ނުބުނެ ތި ހުންނަނީ ނަން ހޯދަން ނޫޅޭތީތަ..؟” ޒިވްޔަން އަހައިލުމާ އެކީ ހޫރީންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ލަސްލަހުން އެނބުރި ޒިވްޔަންއާ ހަތަރުކަޅި ހަމަކޮށްލި އިރު ޒިވްޔަންގެ އެ ރީތި ދެލޮލުން ތަފާތު އަސަރެއް ފެނިލިހެން ހީވީ ކީއްވެކަމެއް ނޭނގުނެވެ.

“ހޫރީން..” ހޫރީންގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތް ނަމުން ޒިވްޔަންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. ކުރިމަތީގައި މިހުރި ހޫރެއް ފަދަ އަންހެން ކުއްޖާއަށް ހޫރީންގެ ނަމުން ނަން ދެވުނީ ހަގީގަތުގައި ވެސް ޗާލު ހޫރުޕަރީއަކަށް ވީމައޭ ޒިވްޔަންގެ ހިތަށް އެރިއެވެ.

“ހޫރީންއޭ ކިޔުނީ ހޫރުޕަރީއެއްހައި ރީތި ވީމަތަ..؟” ޒިވްޔަން ކޮށްލި ސަމާސާއާ އެކީ ހޫރީންގެ ކޯތާފަތަށް މަޑު ރަތްކުލައެއް އަރައިގެން ދިޔަ މަންޒަރު ފެނިފައި ޒިވްޔަން ފިދާވާހައި ވިއެވެ. މިއީ ކޮން ފަދަ އާދަޔާޚިލާފު ރީތިކަމެއް ދެއްވާފައިވާ އަންހެންކުއްޖެއް ބާވައެވެ؟ ހޫރީންގެ ކޮންމެ އަދާއަކުން ޒިވްޔަންގެ އެ ބަސްނާހާ، ނުކިޔަމަންތެރި ހިތް ބަލިކަށިކުރުވައެވެ.

“މަންމައާ ބައްޕަ ގާތު އަހައިލަން ދޯ ޖެހޭނީ..” ލަދުން ހުރެ ވެސް ހޫރީން ދިން ޖަވާބުން ޒިވްޔަންގެ ހިނިތުންވުން ފުޅާވިއެވެ.

“އެހެންވީމަ މަންމައާ ބައްޕައާ ތި ސުވާލު ކުރަން އަހަރެން ތިގެޔަށް ގެންދާނީ ކޮންއިރަކުންތަ..؟” ޒިވްޔަންގެ ސުވާލުން ހޫރީންއަށް ދެލޯ ބޮޑުކޮށްލެވުނު އިރު، ޒިވްޔަން ހުރީ އެއްމިޔަކަނިން ލާނެތް ގޮތަކަށް ހިނިތުންވެލައިގެންނެވެ.

“ހަމަޖެހޭ.. އެގޮތަށް ބައްދަލުކުރާ ވާހަކައެއް ނޫނޭ.. ހޫރީންގެ ރަށްޓެއްސެއް ގޮތަށް..” އާދައިގެ ރާގެއްގައި ޒިވްޔަން އެހެން ބުނެލި ނަމަވެސް އެފަދަ ކަންތައްތަކަކީ ހަމައެކަނި އެކުވެރީން ކުރާ ކަމެއް ނޫންކަން ދެމީހުންނަށް ވެސް އެނގެއެވެ.

“ހޫރީންން!!” މާ ދުރުން ޒޯޔާ ގޮވައިލި އަޑަށް ހޫރީންއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް ބިންމަތީގައި އޮތް ހިކި ފަންގަނޑެއް ހިފައިގެން ޒިވްޔަންއަށް ބަލައިލުމެއް ވެސް ހޫރީން ވަލުތެރެއިން ނުކުންނަން ދިޔައެވެ. ހޫރީން ދިޔަ ދިމާއަށް ބަލަން ހެވިފައި ހުރި ޒިވްޔަން ވެސް ސޯޓުގެ ޖީބަށް އަތްޖަހައިލަމުން ހޫރީންގެ ފަހަތުން ދިޔައެވެ.

ފިރިހެން ކުދީންތައް މަސްފިހަން އުޅުނު އިރު ހޫރީންމެން ދިޔައީ މަޖާމޮޑެމުންނެވެ. ބޮޑު ތަށްޓެއްގައި ކުންނާރާއި، ކިހަވަކާއި، ޖަނބުރޯލުގެ އިތުރުން ހުތް އަނބު އަޅާފައި، ރިހާކުރާ ލޮނުމިރުސްގަނޑާ ލައިގެން މޮޑެމުން ދިޔަ އިރު އެންމެން ވެސް ތިބީ ކުޅުދިޔާވެފައެވެ. ފިޔަޔާ މިރުހާ ލުނބޯ އަދި ސޫޕް ޕެކެޓު އެއްކޮށްލުމުން އިތުރަށް މަޖާގަނޑު މީރުހެން ހީވާން ފެށިއެވެ.

ހޫރީން މަޖާ މޮޑެމުން ދިޔަ އިރު ޒިވްޔަންއާއި ޒެއިންއަށް ބަލަހައްޓައިގެން ތިބެވުނީ އެމީހުންނަށް މިކަން އައުވީމައެވެ. މީގެ ކުރިން އެމީހުންނަށް މަޖާ ފެނިފައި ވަނީ ހަމައެކަނި ގާޑިޔާތަކުންނެވެ. މިގޮތަށް އެކުވެރީން އެއްވެގެން މިފަދަ ކަމެއް ކުރާތަން ދުވަހަކު ވެސް އެމީހުންނަށް ފެނިފަކައި ނުވެއެވެ.

“މީ އަހަރެމެން ވަރަށް ގިނައިން ކުރާ ކަމެއް.. އެކި ގޭގެއަށް ގޮސް އަނބާ ކުންނާރާ އެއްޗެހި ބިނދެގެން މިހެން މޫދަށް އައިސް މަޖާ މޮޑެ އުޅެން..” ޒިވްޔަންއާއި ޒެއިންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކުން ހޫރީން ކިޔައިދިނެވެ.

“އަޅޭ.. ހޫރީންމެން ހާދަ ލަކީއޭ.. އަހަރެމެންނަށް ދުވަހަކު މިކަހަލަ ކަމެއް ކޮށްލާނެ ފުރުސަތެއް ނުލިބޭ..” ތުންދަމައިލަމުން ޒެއިން ޝަކުވާކޮށްލިއެވެ.

“އަސްލުތަ..؟ ދުވަހަކު ވެސް..؟” ހޫރީން އަހައިލީ ހިސާބަކަށް ހައިރާންވެފައެވެ.

“ހޫމް.. އާއްމުކޮށް ފެމިލީ ގެޓްޓުގެދަރތަކާއި ފްރެންޑްސްއާ އެކީ ވެސް ޓައިމް ސްޕެންޑްކުރުން އޮންނާނީ ރެސްޓޯރެންޓެއްގަ.. މިގޮތަށް އަމިއްލައަށް މިހައި ތާޒާކޮށް އެއްޗެހި ހޯދައިގެން އެއްޗެހި ހަދާތަން ދުވަހަކު ވެސް ނުފެނޭ..” ޒެއިން ބުނަމުން ދިޔަ ކޮންމެ ވާހަކައަކުން އެދެމެދުގައިވީ ފަރަގު ހޫރީންމެންނަށް އިހުސާސްވަމުން ދިޔައެވެ.

“ދުވަހަކު ވެސް އަދި ރަށަކަށް ނާންނަން ދޯ..؟” ނަވާފް އަހައިލުމުން ޒިވްޔަން ބޯޖަހައިލިއެވެ.

“އެހެންވީމަ ޒިވްޔަންމެން ފުރުމުގެ ކުރިން ކޮންމެ ދުވަހަކު މިކަހަލަ ކޮންމެވެސް ކަމެއް ކުރަން ވާނެ! މި ދަތުރު ވާނެ ހަނދާނުން ފިލުވައިލަން އުނދަގޫ ދަތުރަކަށް ހަދަން!” ވަރަށް ފޯރިޔާ އެކީ ޒޯޔާ އެހެން ބުނުމުން ޒިވްޔަންއަށް ވުރެ ބޮޑަށް ފޯރި އެރީ ޒެއިންއަށެވެ.

“އެނގޭތަ.. މިގޮތަށް އަހަރެމެން އަނބާ އެއްޗެހި ބިންނަ އިރު ބައެއް ފަހަރު ވަގަށް ވެސް ބިންނަމޭ..” ސިއްރުސިއްރުން ހޫރީން ބުނެލި ގޮތުން ޒިވްޔަން އާއި ޒެއިންގެ ދެލޯ ވެސް ބޮޑުވިއެވެ.

“ތެދެއް! އެއީ މަޖާ ކަމެއް! ރޭގަނޑު ތަންކޮޅެއް ދަންވާ ފަހުން ނުކުމެ ގޭގެއަށް ގޮސް ބިންނަނީ.. ގިނަ މީހުން އަސްލު ބުނީމަ ވެސް ދޭނެ.. އެކަމަކު މިއުޅޭ ދަހި މީހުންގެ ގެއިން ވަގަށް ބިންނަ އަނބާއި ޖަނބުރޯލު މާ މީރުވާނެ!” ހޫރީން ކިޔައިދެމުން ދިޔައީ ނުހަނު ފޯރީގައެވެ.

“އެއް ފަހަރަކު މިއުޅޭ ހަރީރާއްތަމެން ގެޔަށް ވަދެގެން ބަސްޓް ވެގެން އަތުވީ މީނދަ ފެންނަ ނަވާފް.. ހަރީރާއްތަގެ އިލޮށިފަތީގެ ޓާގެޓަކަށް އެރޭ މިފަކީރު ވީ..” ހެމުންހެމުން ނީރާ ކިޔައިދިން އިރު ނަވާފް މޫނުކުނިކޮށްލީ އެރޭ ހަރީރާ އޭނާއަށް އަރުވައިލި ވަރު ހަނދާންވުމުންނެވެ.

“ހަރީރާއްތަ އެއީ ވާ ދަހި މީހެއް! މީހަކު ބުންޏަސް އެއްޗެއް ނުދޭނެ.. ހެސްކިޔާފަ މުށްބާރުވާނެ.. އެހެންވެ އަހަރެމެން ވަގަށް އެއްޗެއް ބިންނަންޏާ ބިންނަނީ އެގޭ ގަހުން.. އާނ އެހެންޏަ! އެގޭ ގަހުން މަގުމައްޗަށް ވެއްޓިފަ އޮންނަ އަނބެއް ނޫނީ ބަނބުކޭލެއް މީހަކު ނެގިޔަސް އެހައި ފޯރި އަރުވައިލާނެ!” ނަވާފް ވަގުތުން ހަރީރާގެ ވާހަކަ ދައްކާފައި ކުސްތަޅަން ފެށިއެވެ.

“އަޅޭ! އަހަރެން ގޮވައިގެން ވެސް އެއްރޭ ހިނގާބަ! ޕްލީޒް!!” ޒެއިން ވަގުތުން އާދޭސްކުރަން ފެށީ އޭނާ އެކަން ވެސް ތަޖުރިބާކޮށްލަން ބޭނުންވެފައި ހުރި ވަރުންނެވެ. ޒިވްޔަން ވެސް ބޯޖަހައިލީ އެކަން ކުރާ ހިތުންނެވެ. ބޮޑުވެގެން އައި އިރު ތަޖުރިބާނުކުރެވުނު ރަށްފުށުގެ ދިރިއުޅުމުގެ ހުރިހައި ކަމެއް މި ދަތުރުގައި ތަޖުރިބާކުރަން ޒިވްޔަންއާއި ޒެއިން ނިންމައިގެން ތިބީ، ހޫރީންއާއި އޭނާގެ އެކުވެރީން ވެސް އެހީވާން ތިބުމުންނެވެ.

“އޯކޭ! އެހެންވީމަ މިރޭ ދިހައެއް ޖަހާ އިރު ނުކުންނަމާ!” ވަގުތުން އެކަން ރާވައި ނިމުނު އިރު، ޒެއިންގެ ދެފައި އެއްތާކު ނުޖެހެއެވެ. ދެން އެތަނުގައި ހުސް ވެސް ދެކެވުނީ އެވާހަކައެވެ.

ހޫރީން މަޖާ މޮޑެ ނިމުނު އިރު އެންމެ ކާހިތުން ތިބީ ޒެއިންއާއި ޒިވްޔަންހެން ހީވެއެވެ. ޒެއިން ހުރިލެއް މަޖާކަމުން ހޫރީން އެންމެ ފުރަތަމަ މަޖާކޮޅު ލެވީ ޒެއިންއަށެވެ.

“ވާއު! ހާދަ މީރޭ! ހޫރީން ވަރަށް މޮޅު މަޖާ މޮޑެން!” ވަގުތުން ދެލޯ ބޮޑުކޮށްލާފައި ޒެއިން ތައުރީފުކޮށްލީ އެ މަޖާގަނޑު ހަގީގަތުގައި ވެސް ވަރަށް މީރުވީމައެވެ.

“އެންމެންނަށް ބޮޑެތި މަގޫފަތަށް އަޅާފައި މަޖާ ދިނީ ހޫރީންއެވެ. ހުރިހައި ފަތަކަށް އަޅާފައި، ހޫރީން އެންމެ ފަހު ފަތް ދިއްކޮށްލީ ޒިވްޔަންއަށެވެ. އެހެނަސް ޒިވްޔަން އޭގައި ނުހިފައި ހުރުމުން ހޫރީން ބުމަ އަރުވައިލިއެވެ.

“ޒޭންއަށް ޕްރީމިއަމް ވަރޝަން ލިބިފައި އަހަންނަށް ނުލިބުނީ ކީއްވެ..؟” ޒިވްޔަން ކޮށްލި ސުވާލުގައި ފޮރުވިފައިވީ މާނަ ދެނެގަންނާކަށް ހޫރީންއަކަށް ނޭނގުނެވެ. ފާޑަކަށް ބޯ އަރިކޮށްލައިގެން ހޫރީން ހުރި ގޮތަށް ޒިވްޔަން ގާތަށް ހިނި އައެވެ.

“ތި އަތުން ޒޭންއަށް ލަވާފަ އަހަންނަށް ނުލެވީ ކީއްވެ..؟” ޝަކުވާގެ ރާގަކަށް ޒިވްޔަން ކޮށްލި ސުވާލުން ހޫރީންގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ވަގުތުން އިސްޖަހައިލެވުނު އިރު، އެމަންޒަރުން އަނެއްކައި ވެސް ޒިވްޔަންގެ ހިތް ކަތިލެވިގެން ދިޔަ ފަދައެވެ.

“އަހަންނަށް އެކަހަލަ ޗާންސެއް ނެތީތަ..؟” ޒިވްޔަން އަނެއްކައި ވެސް އަހަިއލުމުން ހޫރީން މިފަހަރުން ބޯހޫރުވައިލިއެވެ. އެއަށްފަހު ހޫރީންގެ އަތުން މަޖާކޮޅެއް ނަގާފައި ޒިވްޔަންއަށް ދިއްކޮށްލި އިރު އެ ތުންފަތުގައި ކުޅެލާފައިވަނީ ލަދުރަކި ހިނިތުންވުމެކެވެ.

ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ޒިވްޔަން ހޫރީންގެ އަތުން އެ މަޖާކޮޅު ކައިލިއެވެ. އެހެނަސް ރަނގަޅަށް ހަފައިނުލެވި އުޅެނިކޮށް ޒިވްޔަންގެ ދެލޯ ބޮޑުވީ މަޖާ ކުޅިކަމުންނެވެ. ވަގުތުން ޒިވްޔަންގެ މުޅި މޫނު ރަތްވެގެން ދިޔަ އިރު، އެމަންޒަރުން ހޫރީންއަށް ކޮންމެވެސް ވަރަކަށް ވީ ގޮތް ނަގައިގަނެވުނެވެ.

“މާ ކުޅީތަ..؟” ހާސްވެފައި ހުރެ ހޫރީން އަހައިލުމުން ޒިވްޔަން ކެއްސަމުން ވެސް ބޯޖަހައިލިއެވެ. ހޫރީން ވަގުތުން އަވަސްވެގަތީ ޒިވްޔަންއަށް ފެންފޮދެއް ގެެނެސްދިނުމަށެވެ. އޭރު އެމަންޒަރު ބަލަން ތިބި އެހެން މީހުން ތިބީ ހިނިގަނޑު މަތަކޮށްލައިގެންނެވެ.

“މި ދޮންބެގަނޑު ވަރަށް ފިނޑިވާނެ.. އަސޭމިރުސްކޮޅެއް އަޅައިލިޔަސް ހުންނާނީ ކުޅިވެފަ!” ޒެއިން ދިމާކޮށްލުމުން ޒިވްޔަން ވަގުތުން ލޯއަޅައިލި އިރު، އެ ދެލޯ ވެސް ވަނީ ރަތްވެފައެވެ. ޒިވްޔަން ހަމައަކަށް އެޅުނީ އަދި އޭގެ ހައެއްކަ މިނެޓު ފަހުންނެވެ.

“މި މަޖާ ކުޅިވިއްޔާ އެ މަސް ވެސް ކުޅިވާނެ ދޯ.. އެއް ލޮނުމިރުސްގަނޑެއް ބޭނުންކުރީ..” ހޫރީން ދެރަވީ ގެނައި އެއްވެސް އެއްޗެއް ޒިވްޔަންއަށް ނުކެވޭނެތީއެވެ.

“ހޫން.. އެސޮރަށް ކާން ނުދެވިގެން ފޯރިއެއް އެބަހުއްޓެއްނު!” އަމާން ބުނެލި ވާހައިން ހޫރީން ދެބުމަ ގޮށްޖަހައިލި ނަމަވެސް ދެން ތިބި އެންމެން ގާތަށް އައީ ހިންޏެވެ.

“އިޓްސް އޯކޭ.. އަހަރެން ސައި ބޮއެގެންނޭ މިއައީ..” ހޫރީން ދެރަވެފައި ހުރުމުން ޒިވްޔަން ބުނެލިއެވެ.

“އަހަރެން އެހެން އެއްޗެއް ގެނެސްދެންތަ..؟” ހޫރީން އަހައިލުމުން ޒިވްޔަން ދެފަރާތަށް ބޯޖަހައިލި އިރު އެ ތުންފަތުގައި ކުޅެލާފައިވީ ހިތްގައިމު ހިނިތުންވުމެކެވެ.

“ދެން ވެސް ހޫރީންގެ އަތުން ލަވައިފިއްޔާ ކާނަން..” ހޫރީންގެ ކަންފަތް ދޮށުގައި ވައިއަޑުން ޒިވްޔަން ބުނެލި ވާހަކައިން ހޫރީންގެ މޫނު އެކީ ރަތްވެގެން ދިޔައީ ފިނިފެންމަލެއް ފަދައިންނެވެ. އެހިތުގެ ހިނގުން އެތައް ގުނައެއް އަވަސްވެގެން ދިޔަ އިރު ހޫރީންގެ ހިތުގެ ތެޅުމުގެ އަޑު ޒިވްޔަންއަށް ވެސް އެނގޭނެކަން ޔަގީނެވެ. އެ މަންޒަރު ދެކެން ހުރި ޒިވްޔަންގެ ހިތް ތެޅިފޮޅެމުން ދިޔައީ ސިކުނޑިއަށް އެތައް ކަމެއް މޭރުކޮށްދޭން މަސައްކަތްކުރާ ހެންނެވެ.

މަޖާ ކައި ނިމުނު ގޮތަށް އެންމެން އެރުނީ މޫދަށެވެ. އިރުގަނޑެއް ވާން ދެން ނަވާފް ގެނައި ބޯޅައިން ކުޅެފައި، ދެން ދެލިކޮޅު ކުޅެން ފެށިއެވެ. ހޫރީންމެންނަށް ވުރެ ޒިވްޔަންއާއި ޒެއިންއަށް އެ ކުޅިވަރުތައް މަޖާވިއެވެ.

“އަދި އަލަށް މިހައި ރީތި މޫދަކަށް މި އެރުނީ..” ލޮނުގަނޑުގައި ހަށިގަނޑު ދަމައިލަމުން ޒެއިން ބުނެލިއެވެ.

“ޒެއިން މަސްބާނަން ދިޔައިންތަ..؟” އަމާން އަހައިލުމުން ޒެއިން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އެހެންވީމަ މިރޭ ވަގަށް އަނބު ބިންނަން! މާދަން ރޭ މަސްބާނަން!” އަމާން ބުނެލުމާ އެކީ ޒިވްޔަންއާއި ޒެއިންގެ މޫނުމަތި އިތުރަށް އުޖާލާވިއެވެ.

“މި ނަވާފްއާ އަމާންއާ މީ ނަމަކަށް ގެންދާ ބައެއް! އަމާން އަބަދު ހޮޑުލާނީ.. ނަވާފް މީ އެއްފަހަރު ގަލެއް ވެސް ބޭނި މީހެއް!” ކުރިން ދިޔަ މަސްދަތުރުތަކުގައި ވެފައި ހުރި މަޖާ ކަންތައް ހޫރީން ކިޔައިދޭން ފެށުމުން ޒިވްޔަންއާއި ޒެއިންގެ ހިތުގައި އެކަން ތަޖުރިބާކުރަން އޮތް ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ.

ކަރުހިއްކައިގަނެގެން އެއްގަމަށް ހޫރީން އެރީ ފެންފޮދެއް ބޯލަން ދާށެވެ. ހޫރީން ދާން ފެށުމުން ވަރަށް ނުވާކަމަށް ހަދާފައި ޒިވްޔަން ވެސް ހޫރީންގެ ފަހަތުން އެއްގަމަށް އެރިއެވެ. އެމަންޒަރު މޫދުގައި ތިބި އެންމެންނަށް ފެނުނު ނަމަވެސް، އެކަކު ވެސް ނޭނގޭ ކަމަށް ހަދާލައިގެން ތިބީ ހޫރީން ވެސް ޒިވްޔަން ވެސް އެމީހުން ބުނާ އެއްޗަކާ އެއްބަސް ނުވާނެތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Lavender

    Waiting for hareera dhaitha part 🤭

    1. Nayaa
      Lavender

      aan hoon fonuvaalaanan thi goachanah

  2. Anonymous

    Me tooo 🤣🤣
    Alheyy haadha reehchey…
    Lavender u ge next,kn irakun?
    Nayaa when next?
    U ge friend reesha kobaiths?

    1. Nayaa
      Anonymous

      thankyouu so much💕
      next part in sha allah mi week therey libeyne kiyaalan

      reesh eba ulhey hama she’s doing very well alhamdhulillah 🥰

  3. Alyaa

    Woow vrh salhi mi part vx ☺️

    1. Nayaa
      Alyaa

      thankyouu 💕💕

  4. Anonymous

    Reesha dhn continue nukuraane her stry?

  5. Reem

    Ohh i miss the rashu vibes after reading this part.. we used to do such things when we were in rashuga. 🥹 And the hareeratha part omg unexpected. That part reminds me our island hareeratha the same hama. My one of friend got caught one night feyru binnan ulhenikoh 😂😂 heehee halaaku. I really like this island vibes genesfa inyma. I never gets disappoint after reading your stories. And this part is the best hama. Lysm ❤️

    1. Nayaa
      Reem

      thankyouu reem!!💕
      haha yess nayaa men ves varah ginain kuraa kanthah mee hama kuda iru.. mamma edhuru dhaitha geyah kiyavan fonuveema baeh dhuvas dhuvahu dhany vagah kunnaaru binnan 😭😭

      loveumoreeee💕💕💕

  6. Reem

    Ohh i miss the rashu vibes after reading this part. 🥹And the hareeratha part omg unexpected. That reminds our island hareeratha hama same. My one of friend got caught up one night feyru binnan ulhenikoh. Heehee halaaku 😂😂 i really like this rashu vibes genesfa inyma. i never get disappoint after reading your stories. And this is the best. Lysm ❤️

  7. QUEEN-BEE

    this story is fireeeeee
    i was screaming buc it is soooo guddd
    hayaathu ga eh faharu vsh mihaa reethi vaahaka ah nukiyan
    i hope mee ga ninmun reethi vaane kamah
    when next i can’t wait to read

    1. Nayaa
      QUEEN-BEE

      thankyouu 💕
      alheyyyy dhenn that makes me so happy 🥹
      next part soon hama in sha allah

  8. r-a-a-j-i-h-a

    HEYY
    mi part ves vrh reethi MA!
    nimmun vrh reethi vaane kamah ummeedhu kuran,
    when nextt?

    1. Nayaa
      r-a-a-j-i-h-a

      thankyouu!!!
      next part on Friday in sha allah!

  9. Veyra

    Masha Allah Nayaa dhahthaa ♡ this story is amazinggg. Can’t wait for the next part!!

    1. Nayaa
      Veyra

      thankyouu loabi🩷🩷

Comments are closed.