Skip to content
އެސްފިޔަ

ރުހޭތޯ ކަލާ – 3

Listen to this story Audio · 21:59 Powered by Esfiya Voice
0:00 21:59

“ހަމަ ތިގޮތަށް ގޮސް އެ އަންހެންކުއްޖާ ގާތު ވެސް މަޢާފަށް އެދޭ..” ޒެއިން ބުނެލުމާއެކު ޒިވްޔަންގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ޒެއިންއަށް ބަލައިލި އިރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމުން ޒިވްޔަންއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.

“ކީކޭ..؟ ކޮން ކުއްޖެއް..؟” ޒިވްޔަން ބޭނުންވީ ނޭނގޭކަމަށް ހަދާށެވެ.

“ކޮންމެހެން މާ ނުވާކަމަށް ހެދޭނެ ކަމެއް ނެތް.. މިއަދު އެއްކޮށް ޖެހޭހައި ތާކުން ޒުވާބުކުރިއެއްނު ކުއްޖެއް.. އޭނަ.. އެކަމާ ދޭތެރޭ ދެރަވެގެންނު ތި އޮންނަނީ މޫޑު ކަޓާފަ..” ޒެއިން ބުނެލީ ޔަގީންކަމާ އެކީއެވެ.

“ވަޓް؟ ނޯ ވޭ! އަހަންނަށް ކީއް އެކުއްޖާ ކޮންމެ އެއްޗެކޭ ހިތަށް އެރިޔަސް..” ޒިވްޔަން ހަށަން ބަނދެލީ ބަލި ގަބޫލުނުކުރާށެވެ.

“ހޫމް ދެން އެހެންވީރު އޮވޭ ތުންދަމައިގެން.. އަހަރެން ބުނީމަ އަޑެއް ނޭހީމެއްނު..” ޒެއިން އެހެން ބުނެފައި އަނެއްކައި ވެސް އޮށޯތުމުން ޒިވްޔަންއަށް ވިސްނައިލެވުނެވެ. ހަގީގަތުގައި އޭނާއަކީ އެހައި ރުޅިގަދަ މީހެއް ވެސް ނޫނެވެ. އެހެނަސް މިއަދު ދަތުރުގެ ވަރުބަލިކަމާއެކީ އުޅެން ޖެހުނުލެއް ބުރަކަމުން އޭނާއަށް ރުޅި އިސްކުރެވުނީއެވެ. އެހައި މޫޑު ޚަރާބުވެފައި ހުރި ވަގުތު އެ އަންހެންކުއްޖާގެ ފަރާތުން ކުރިމަތިވި އުނދަގޫތަކުން ހަނުހުންނަން އުނދަގޫވީއެވެ. އެހެނަސް، ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް މިއަދު ބުނެވުނީ ބުނެގެންވާނޭ ވަރުގެ އެއްޗެއް ނޫންކަން ޒިވްޔަންއަށް ވިސްނުނެވެ.

“އަސްލު ވަރަށް ކަޑަ އެއްޗެއް ދޯ ދޮންބެއަށް ބުނެވުނީ..؟” ޒިވްޔަން އަހައިލުމުން ޒެއިން އަނެއްކައި ވެސް ބަލައިލިއެވެ.

“ޒޭންއަށް އެނގޭ ދޮންބެ ގަސްތުގަ އެކަހަލަ އެއްޗެއް ނުބުނާނެކަން.. ޔޫ އަރ އޯލްވޭސް މޫޑީ ވެން ޔޫ ޓްރެވަލް.. އެކަމަކު އޭނައަކަށް އެކަމެއް ނޭނގޭނެއެއްނު.. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ މަޢާފަށް އެދުން..” ޒެއިން ބުނެލި ވާހަކައިން ޒިވްޔަންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“ދެން ފެންނަ ފަހަރަކުން ސޮރީ ބުނާނީ..” ޒިވްޔަން ބުނެލީ ހަމައެކަނި އެހެންނެވެ.

“ސޮރީ އެކަނިތަ..؟ އެހެން ނޫނީ.. އެހެމް އެހެމް.. އެހެން އެއްޗެއް ވެސް ބުނަން ހިތުއަޅައިގެންތަ ތި އުޅެނީ..؟” އެއްމިޔަކަނިން ހިނިތުންވަމުން ލާނެތް ރާގެއްގައި ޒެއިން ދިމާކޮށްލިއެވެ.

“ޗީޑި ޒޭން!” ޒެއިންގެ ގައިގައި ބާލީހަކުން ޖަހަމުން ޒިވްޔަން މޫނު ކުނިކޮށްލިއެވެ.

“އަޅެ ކޮބާތަ ޗީޑިވެފަ..؟ މާލެއިން ފެންނަ އަންހެން ކުދީންނާ ހާދަ ތަފާތޭ.. ސިމްޕަލް ބަޓް ބިޔުޓިފުލް.. އަނެއްކައި ގަހަށް އަރަން ވެސް އެހައި މޮޅު.. އަހަރެމެންނަށް އޭރުން ބޭނުން އިރަކު ދޮންމަދާ އަނބު ކާން ލިބޭނެ!” ޒެއިން ދިމާކުރަން ފެށުމާއެކީ ޒިވްޔަން މޫނުގައި ބާލީސް އަޅާފައި އޮށޯތީ ނިދި އައިއްސިޔޭ ކިޔާފައެވެ. ޒިވްޔަންއަށް ވީ ގޮތުން ހިނިއައިސްފައި އިން ޒެއިން ވެސް އެނދުގައި ހަށިގަނޑު ދަމައިލީ އިތުރަށް ދޮންބެއަށް އުނދަގޫ ނުކުރަން ވެގެންނެވެ.

*** ** ***

ޖެހިގެން އައި ދުވަހު ޒިވްޔަންއާއި ޒެއިންއަށް ހޭލެވުނު އިރު ހުރީ ނުވައެއް ވެސް ޖަހާފައެވެ. އިރުއަރާ މަންޒަރު ބަލަން ދާން ހޭނުލެވުނީތީ ޒެއިން ތުންދަމައިގެން ހުރި ނަމަވެސް ޒިވްޔަން އަވަހަށް ތައްޔާރުވާން ފެށީ އައިދިން ގުޅާފައި މި އަންނަނީ ކަމަށް ބުނުމުންނެވެ. ޒިވްޔަން ފެންވަރައިގެން ނުކުމެފައި ކުޑަކުއްޖެއްހެން ފުއްވައިލާފައި އިން ޒެއިން ފެންވަރަން ފޮނުވަން ޖެހުނީ ގަދަކަމުންނެވެ.

ހެނދުނުގެ ސައި ނިންމާލައިގެން ޒެއިންއާއި ޒިވްޔަން އައިދިންއާ އެކީ ގޮސް ވަނީ ކައުންސިލް އިދާރާއަށެވެ. އެމީހުން ގެސްޓްހައުސް އަޅަން ބޭނުންވާ ބިމުގައި މަސައްކަތް ފެށުމަށް ކައުންސިލުގެ ހުއްދަ ބޭނުންވާތީއެވެ. މާ ގިނަ އިރުތަކެއް ނުވެ އެކަން ހަމަޖެހުނެވެ. ލިޔެކިޔުންތައް ތައްޔާރުވީހައި އަވަހަކަށް ސޮއިކޮށް، އަމަލީ ގޮތުން މަސައްކަތް ކުރަން ފެށޭނެ ޚަބަރު ލިބުމުން ޒިވްޔަން ހުރީ ހިތްހަމަޖެހިފައެވެ.

ތިން މީހުންނަށް ކައުންސިލް އިދާރާއިން ނުކުމެވުނު އިރު ބާރަ ވެސް ޖަހައިފިއެވެ. މެންދުރު ނަމާދަށް ގޮވަން ކައިިރިވެފައިވީތީ އިތުރު ތަނަކަށް ނުގޮސް ޒިވްޔަން އާއި ޒެއިން ގޮވައިގެން އައިދިން ދިޔައީ ގެސްޓްހައުސްއަށެވެ. އައިދިން އަކީ ޒަހުރާންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއަކަށް ވާތީ އެރަށުގައި ހުރިހައި ދުވަހަކު އައިދިންގެ އެހީތެރިކަން ލިބޭނެކަމަށް އައިދިން އަނެއްކައި ވެސް ހަނދާންކޮށްލަދިނެވެ. މަސައްކަތުގެ ތެރޭގައި ނިކަން އަވަހަށް އެދެމެދުގައި އެކުވެރިކަން ވެސް އުފެދުނެވެ.

“އަދި ރަނގަޅަށް ރަށުތެރެ ވެސް ބަލައިނުލެވެއެއްނު.. ހަވީރު ބުރެއް އަޅަން ދަމާ..؟ އަހަރެން އިތުރު ސައިކަލެއް ހޯދަންތަ..؟ އޭރުން ހިނގާފަ އުޅޭކަށް ނުޖެހޭނެއެއްނު..” އައިދިން އަހައިލުމާ އެކީ ޒިވްޔަންއަށް ވުރެ ކުރިން ޒެއިން އާއެކޭ ބުނެލިއެވެ. މިހާރު ވެސް ޒެއިން ހީވަނީ ދެފައި އެއްތާކު ނުޖެހިގެން އުޅޭހެންނެވެ.

ދެބެންނާއި އައިދިން ވަކިވީ މިއަދު ހަވީރު ހަތަރެއް ޖަހާ އިރު އައިދިން އެދެބެން ބަލައި އަންނަ ގޮތަށް ނިމިގެންނެވެ. މެންދުރު ކާން ދިޔުމުގެ ކުރިން ދެބެން ވެސް ކޮޓަރިއަށް ވަނީ ކުޑަކޮށް އަރާމުކޮށްލުމަށެވެ.

“އެކުއްޖާއެއް މިއަދަކު ނުފެނެ ދޯ..؟” އެނދުމަތީގައި ޒިވްޔަން ޖައްސައިލުމާ އެކީ ޒެއިން އަނެއްކައި ވެސް އެވާހަކަ ފެށިއެވެ.

“އަނެއްކައި އެވާހަކަ..؟” ޒިވްޔަން ދެފަރާތަށް ބޯހޫރުވައިލީ ޒެއިންގެ އެ ގޮތްގަނޑު ދުވަހަކު ނުކެނޑޭނެޔޭ ހިތަށް އަރާފައެވެ.

“ދެން ކީއްތަވީ..؟ ދޮންބެ ތިހެން ހުއްޓާ އަހަންނަކަށް މީހަކާ ނީނދެވޭނެއެއްނު.. އެހެންވީމަ ދޮންބެގެ ކަންތައް ކުރިން ނިންމައިލަން އެބަ ޖެހޭ..” ޒެއިން ބުނެލި ވާހަކައަކުން ޒިވްޔަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“މިހާރު ކާކާތަ އިންނަން ތިއުޅެނީ..؟ މިދިޔަ މަހު ޖިއާ.. އޭގެ ކުރީ މަހު ކައިރާ.. މިހާރު ކާކު..؟” ހިނިގަނޑު ހިންދައިލަން މަސައްކަތްކުރަމުން ޒިވްޔަން ދިމާކޮށްލުމާއެކީ ޒެއިން ތުންއަނބުރައިލިއެވެ.

“ހުރޭ އެއްޗެހި ކިޔައިލަ ކިޔައިލަ.. ދެން އަހަރެން ވެސް ލޯބިވާ މީހަކު ފެނޭތޯ ބަލަނީއޭ..” ޒެއިން ވެސް ދެރަނުވާންވެގެން ބުނެލިއެވެ.

“ތިހެން ފަހަރަކު އަންހެނެއް ގޮވައިގެން އުޅޭ މީހަކަށް ލޯބި އެނގޭތަ..؟” ޒިވްޔަން ބޭނުންވީ އަދިވެސް އިތުރަށް ޒެއިން ރުޅިއަރުވައިލާށެވެ.

“ދެން ލޯތްބަކީ ކޮބަޔޯ..؟ އަންހެންކުއްޖަކު ގަހެއްގައި އޮވެފައި އެއްލާ ދޮން މަދެއްގެ ޝިކާރައަކަށް ވުންތަ..؟ ނޫނީ ގަސްގަނޑެއްގެ ތެރެއިން ކުއްލިއަކަށް ފާޅުވާ ކުއްޖަކު ގައިމައްޗަށް ވެއްޓުންތަ..؟” ރޭގައި ނެގި ފޮޓޯ ދައްކައިލަމުން ޒެއިން ދިމާކުރަން ފެށުމާ އެކީ ޒިވްޔަންއަށް ދެލޯބޮޑުކޮށްލެވުނެވެ. އަވަސްއަވަހަށް ޒެއިންގެ އަތުން ފޯނު އަތުލަން އުޅުނު ނަމަވެސް އެޔަށް ވުރެ ޒެއިން ހުޝިޔާރެވެ.

“ނޫން.. މީތި އަހަރެން ބައިންދާނީ ހަމަ ޖަސްޓް އިން ކޭސް ޔޫ އެންޑް އަޕް ވިތް ހަރ.. އޭރުން ވެޑިން ނައިޓްގަ ޕްރޮޖެކްޓަރ އިން އަޅުވައިލާނީ..” ޒެއިން ކައްކަމުން ދިޔަ ޚިިޔާލީފޮލާ މޮޅުކަމުން ޒިވްޔަންގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ.

“ތިހެން ބުނާ އިރު ވެސް އެނގޭނެ ރާއްޖެތެރޭ އާދައިގެ ކުއްޖަކާ ދޮންބެއަށް ވެސް، ޒޭންއަށް ވެސް ނުގުޅެވޭނެކަން.. ބައްޕަ އޯކޭއެއް ނުވާނެ..” ޒިވްޔަން ހަނދާންކޮށްލަދިނެވެ.

“އަޖައިބެއް.. ތީ އަންހެން ދަރިއެއް ނޫނޭ ބައްޕަ ވަލީ ދިނީމަ އިނދެވޭކަށް..” ލޯއަޅައިލަމުން ޒެއިން ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ.

“އެކަމަކު މައިންބަފައިންގެ ރުހުމާ ނުލައި ފެށޭ އެއްވެސް ގުޅުމެއްގައި ބަރަކާތެއް ނުލައްވާނެ..” ޒިވްޔަން ބުނެލި ނަމަވެސް ޒެއިން ދެކޮނޑު އަރުވައިލިއެވެ. ހިނިގަނޑެއް ޖަހައިލަމުން ޒިވްޔަން ދެފަރާތަށް ބޯހޫރުވައިލީ ޒެއިންގެ ބޯހަރުކަމުންނެވެ.

*** ** ***

އަސުރު ނަމާދުކޮށްގެން ހޫރީން ތައްޔާރުވަމުން ދިޔައީ ޒޯޔާމެންނާ އެކީ ބޭރަށް ދިޔުމަށެވެ. އާދައިގެ ވަށްތިރި ކަޅު ހެދުމެއް ލާފައި، ކަޅު ހަރުވާޅެއް ލައިގެން ހުރި އިރު ނިކަން ސާދާކަމަށް ދައްކައެވެ. އަޅައިގެން ހުރި ކަޅު ވަށްބުރުގާކޮޅުގެ ތެރެއިން އެ މޫނު ފެންނަމުން ދިޔަ އިރު ހަނދަށް ވުރެ ނަޔާހެން ހީވެއެވެ. އަބަދު އަވީގައި އުޅުމުގެ ސަބަބުން އެ ދޮން މޫނު ކޮންމެވެސް ވަރަކަށް އަނދާފައި ހުރި ނަމަވެސް، އެ މޫނުމަތީގައިވީ ފުރިހަމަކަމާއި އުޖާލާކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ.

“ދަރިފުޅާ! މިތިބީ ޒޯމެން އައިސް!” ގޯތިތެރެއިން ހަނާން ގޮވައިލި އަޑު އިވުމުން ހޫރީން އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ. އޭރު އެ ބޮޑު ގޯތިތެރޭގައި ހުރި ބިޔަ ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި ބޮޑު އުނދޯލީގައި ހަނާން އިން އިރު، ހަނާންގެ ދެފަރާތުގައި ޒޯޔާއާއި ނީރާ ތިއްބެވެ.

“ކޮބާ އަމާންމެން..؟” ހޫރީން އަހައިލީ ބުރުގާ ރީތިކޮށްލަމުންނެވެ.

“ހިނގައްޖެ މިއުޅޭ އިއްބެމެންނާ އެކީ މަސްބާނަން..” ނީރާ ޖަވާބުދިނީ ހަނާން ވަށަން އިން ގުޅަތަކުން ގުޅައެއް ވަށަމުންނެވެ.

“އޭނ؟ އަހަރުން ނުލާ؟” ހޫރީން ވަގުތުން ޝަކުވާކޮށްލިއެވެ.

“ހޫނ.. ހަމައެކަނި ބޯއީސް ޓްރިޕެކޭ ކިޔާފަ ދިިޔައީ..” ނީރާ ވެސް އައިސާމަނިކެއަށް އަތްގާތްކޮށްދޭން ގުޅަ ވަށައިދެމުން ދިޔައެވެ.

“އައްޗި! އެމީހުން ފިރިހެނުންނަށް ވީއޭ ކިޔާފަ ވަކި ވާ ކަމެއް އޮވޭތަ..؟ އެ އަމާންއަކީ ދޯންޏަކަށް އަރައިފިއްޔާ ހޮޑު ނޫން އެއްޗެއް އަނގައިން ބޭރުވާ މީހެއް ނޫން.. ދެން ނާފް.. ނަނު އެއްލާ ގޮތަށް ހުސް ގަލެއްގައި ބުޅި އެޅިފަ އޮތަސް އެ ގަބުޅިބޮލަކަށް ނޭނގޭނެ.. ހުރޭ! އައީމަ އަދި ކުޅި ދައްކައިލާނަން!” އަރިކަށީގައި އަތްވިއްދާލައިގެން ހުރެ ނޫރީން އެތިވަރު ގޮވަމުން ދިޔައީ އެމީހުން ނުލައި އަމާންއާއި ނަވާފް މަސްބާނަން ދިޔައީތީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. މަސްބޭނުމާއި މަސް ދަތުރު ދިޔުމަކީ އޭނާ އެންމެ ކުރާހިތްވާ އެއް ކަންތައް ވިއްޔާއެވެ.

“ދެން ތުންދަމައިގެން ނުހުރެ ހިނގާބަލަ މަދު ބިންނަން ދާން.. އެއްކަލަ ސަކީންތަމެންގޭ ފުރާޅަށް އަރަން ވެސް އެބަ ޖެހޭ.. އެގޭ ގަހުގަ އެބަ އޮތް ހެސްކިޔާފަ އަނބު.. މިގޭ ގަހުން ޖަނބުރޯލު ބިނދެގެން މާދަން މަޖާ މޮޑެން ވަރަށް ފައްކާ ވާނެ!” ނީރާ އެހެން ބުނެލުމުން އެކަނި ވެސް ހޫރީންގެ ކުޅުދިޔާވިއެވެ.

“އަމާންމެންގޭ ރުކުން ކިހަވަކެއް އަޅާނީ! މާދަން މޮޑެން ވާނީ ހަމަ ސީދާ ދުވާފަރު މަޖާ!” ހޫރީން ވަގުތުން އެކަމާ އުޅެގަތީ މަޖާ ކާހިތްވެފައި ހުރި ވަރުންނެވެ.

“ތެދެއް! އަހަރެމެންގޭ ގަހުން ކުންނާރު ލިބޭނެ.. ހަނާއްތަ އެއްކަލަ ގޮތަށް ވަރަށް ކުޅިކޮށް ހުތްކޮށް މިރުސް ފުނޑައިދެއްޗޭ!” ހަނާންގެ އަތުގައި އެލިގަންނަމުން ޒޯޔާ ބުނެލިއެވެ. ލުއި ހުނުމަކާ އެކީ ހަނާން ވަގުތުން އެއްބަސްވީ ހޫރީން ފަދައިން ހޫރީންގެ އެންމެ ގާތް ހަތަރު އެކުވެރީންނަކީ ވެސް އޭނާގެ ދަރީންގެ ގޮތުގައި ދެކޭތީއެވެ.

“ހުރޭ އަމާންމެން އައީމަ އިލޮށިފަތިން ކުޅި ދައްކައިލާނަން.. އެހެން މަގޭ ދަރީން ނުލައި މަސްބާނަން ގޮސްގެން ނުވާނެއްނު..” ހަނާން ބުނެލުމާ އެކީ ތިން އަންހެން ކުދީން އެއްކޮށް ހަނާން ގައިގައި އޮޅުލައިގަނެފައި ހޭން ފެށިއެވެ. ހަނާންއާ ވާހަކަ ދައްކައިލަން ތިބެފައި ތިން ކުދީން ބޭރަށް ނުކުތް އިރު ގަޑިން ފަހެއް ޖަހަނީއެވެ.

*** ** ***

އައިދިން ސައިކަލެއް ގެނެސްދިނުމުން ޒިވްޔަން ސައިކަލަށް އެރި އިރު ޒެއިން އެރީ ޒިވްޔަންގެ ފަހަތަށެވެ. އައިދިންގެ ފަހަތުގައި އޭނާގެ އެހެން އެކުވެރިއެއް ކަމަށްވާ އަޒްހާން އިން އިރު، ޒިވްޔަންމެންނާ އަޒްހާންއާ ވެސް ނިކަން އަވަހަށް އެކުވެރިވިއެވެ.

ހަތަރު ޒުވާނުން އެކުގައި ރަށުތެރޭގައި ދުއްވަމުން ދިޔަ އިރު އައިދިން ދިޔައީ ރަށުގެ ޚާއްސަ ތަންތަން ޒިވްޔަންމެންނަށް ދައްކައި، ކިޔައިދެމުންނެވެ. އިއްޔެއާ ޚިލާފަށް މިއަދު ޒިވްޔަންގެ މޫޑު ވެސް ރަނގަޅުވެފައި ހުރުމުން އޭނާއަށް ރަށުގެ ކޮންމެ ކަނަކަށް އިންތިހާ ދަރަޖައިގެ ސަމާލުކަން ދެވެމުން ދިޔައެވެ. މާލެއާ ޚިލާފަށް ރަށްފުށުން ފެންނަމުން ދިޔަ ހަމަހިމޭން، އެކުވެރި މަންޒަރުތައް ޒިވްޔަންގެ ހިތުން ޖާގައެއް އަތުލައިފިއެވެ.

“އަސްލު މިކުދިންނަށް ރަނގަޅު ޓްރެއިނިންއަކާ ގައުމީ ފެންވަރުގެ ޕްލެޓްފޯމެއްގައި ކުޅެލަން ލިބިއްޖެނަމަ ވަރަށް މޮޅުވާނެ.. މާލޭ ޓީމްތަކުގަ ޓްރެއިންވެގެން ވެގެން ތިބޭ ކުދިންނަށް ވުރެ މާ މޮޅު!” ޒެއިން ބުނެލީ ކަންމައްޗެއްގައި ފުޓުބޯޅަ ކުޅެން ތިބި ތޭރަވަރަކަށް އަހަރުގެ ކުދިންތަކަކަށް ބަލައިލާފައެވެ.

“ތެދެއް.. އަސްލު މާލޭގަ މިތިބޭ ކުދީންނަށް ވުރެ ހުރިހައި ގޮތަކުން ވެސް ރާއްޖެތެރޭ ކުދީން ހުނަރުވެރިވެފަ މޮޅުވާނެ.. އެކުދީންނަށް މަދުވަނީ ރަނގަޅު ޓްރެއިނިންއާއި ފުރުސަތު އެކަނި..” އައިދިން ބުނެލީ ޒެއިންއާ އެއްބައިވަމުންނެވެ.

އެކި ވާހަކަތަކުގައި ތިބެގެން ޒިވްޔަންމެން ރަށް ވަށާ ބުރުޖަހައިލާފައި ދެން ދިޔައީ ތުނޑިއާ ދިމާއަށެވެ. އެތަނުގައި ސައިކަލު ޕާކުކޮށްފައި ހަތަރު މީހުން އެކުގައި އަތިރިމައްޗަށް ފޭބީ އިރުއޮއްސޭ މަންޒަރު ބަލަން ޒެއިން ކިޔަމުން ދިޔަ ވަރުންނެވެ.

“އޭ.. އަހަރެމެން ދާން ޖެހިއްޖެ.. ތިދެމީހުންނަށް އެނގޭނެތަ ގެސްޓްހައުސްއަށް ދާން..؟” އައިދިންއާއި އަޒްހާން ދާން ޖެހުމުން އައިދިން ޒިވްޔަންއާ ސުވާލުކޮށްލިއެވެ.

“އާނ އޯކޭ ވާނެ..” ހިނިތުންވަމުން ޒިވްޔަން ބުނެލީ ރޭގައި ވެސް މިތަނަށް އައުމުން، ގެޔަށް ދާ ރާސްތާ އެނގޭނެތީއެވެ. ޒިވްޔަންގެ އަތުގައި ސައިކަލު ތަޅުދަނޑި ބޭއްވުމަށާއި، ރަށުން ފުރަން ވާން ދެން އެ ސައިކަލަކީ ޒިވްޔަންގެ އެއްޗެއް ކަމަށް ބުނަމުން އައިދިން އަޒްހާން ގޮވައިގެން ދިޔައެވެ. ރަށްފުށުގެ މީހުންގެ ދީލަތިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު ނަމޫނާވަންތަކަން އެވަގުތު ވެސް ޒިވްޔަންއަށް އިހުސާސް ކުރެވުނެވެ.

ދެބެން އެކުގައި ދޮންވެލިގަނޑުމަތިން ހިނގައިލާފައި ގޮސް އަތިރިމައްޗަށް ފޭބިއެވެ. މާ ދުރުނޫން ހިސާބެއްގައި ފައިވާން ބަހައްޓާފައި، ޖީންސްގެ ފައިކުރި އޮޅައިލަމުން ރާޅުޖަހާ ފަށުގައި މަޑުކޮށްލިއެވެ. އަޅާ ކޮންމެ ފިޔަވަޅަކާ އެކީ މަޑުމަޑު ފަސްގަނޑުގެ ތެރެއަށް ފައި ގެނބިގެންދާ ގޮތާއި، ލުއިލުއި ރާޅުތައް އައިސް ފައިތިލައިގައި ބޮސްދޭ ގޮތުން ޒިވްޔަންއަށް ދެލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ ހިތަށް ލިބުނު ހަމަޖެހުމާއި އަރާމުކަމުގެ ސަބަބުންނެވެ.

“މިހައި ހިތްހަމަޖެހުން ލިބުނު ދުވަހެއް އަދި ނާދޭ.. ދެން ބޭނުމެއް ނޫން މާލެ ދާކަށް..” އެހުރި ގޮތަށް ލޯމަރާލައިގެން ހުރެ ޒިވްޔަންއަށް ބުނެވުނެވެ.

“ކޮބާ! އެކަމަކު ނަން ވާނީ އަހަރެން..” ހެމުން ހެމުން ޒެއިން ދިމާކޮށްލުމުން ޒިވްޔަންގެ ތުންފަތަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ޒެއިންއަށް ފޯނެއް އައުމުން ފޯނު ކަންފަތުގައި ޖަހާލައިގެން ތަންކޮޅެއް ދުރަށް ދިޔައެވެ. އެ ހެދި ގޮތުން ވެސް ޒިވްޔަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނީ ޒެއިން ވާހަކަ ދައްކަނީ ކާކާކަން އެނގޭތީއެވެ. އެހެނަސް އެކަމާ ވިސްނުމުގެ ބަދަލުގައި ޒިވްޔަން މިވަގުތު ބޭނުންވީ ހިތް ފުރެން ދެން އެ ހަމަހިމޭންކަމުގެ އުފާ ހޯދާށެވެ. ދެތިން މަސް ކޮށްފައި މާލެ ދިޔުމުން ދެން ދުވަހަކު މިފަދަ ހަމަޖެހުމެއް ލިބޭނެކަމެއް ނޭނގެއެވެ.

*** ** ***

ހޫރީންމެން އަނބާއި ކުންނާރު ބިނދެގެން ކޮތަޅުތަކަށް އަޅައިގެން ތުނޑިމައްޗަށް މިސްރާބު ޖެހީ އިރުއޮއްސޭ މަންޒަރު ބަލަން ބޭނުންވެގެންނެވެ. ހޭޅިފަށުގައި ހުރި ގަސްތައް ކައިރީގައި ގެނައި ކޮތަޅުތައް ބެހެއްޓުމަށް ފަހު ތިން ކުދިން ވެސް އަތިރިމައްޗަށް ފޭބިއެވެ.

ޒޯޔާގެ މަންމަ ގުޅަން ފެށީ އެވަގުތެވެ. އޭނާގެ ބޮޑުދައިތަ މިއަދު ރޯދައަށް ހުރުމުން ރޯދަވީއްލާ ގަޑިއަށް މޮޑުނު ފަތުމަސްހުނިކޮޅު އެގެޔަށް ލާން އައިސްދިނުމަށް މަންމަ އެދުމުން ޒޯޔާ ތެދުވިއެވެ. ޒޯޔާއާ އެކީ ނީރާ ވެސް ތެދުވީ މާ ލަސްވާތީއެވެ.

“ރީން ލެޓްސް ގޯ..” ނީރާ ގޮވައިލި ނަމަވެސް ހޫރީން ލޮނުގަނޑާ ފައިން ކުޅެލަކުޅެލައި ހުރީއެވެ.

“އަހަރެން އިރުކޮޅަކުން ދާނަން.. ނީމެން ދޭ..” ހޫރީން ބުނުމުން އެންމެ ރަނގަޅޭ ކިޔާފައި ޒޯޔާއާއި ނީރާ އެތަނުން ދިޔުމަށް ހިނގައިގަތެވެ.

ޒޯޔާމެން ދިޔުމުން ހޫރީން އުދަރެހަށް ނަޒަރު ހިންގައިލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. ވަށައިގެން އެއްވެސް އިންސާނެއްގެ ހިލަމެއް ވާން ނެތުމުން ހޫރީން އެ ހިތްގައިމު ވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ބޭނުންވިއެވެ.

*** ** ***

މަންމަ ގުޅުމުން ވާހަކަ ދައްކަމުން ދައްކަމުން ގޮސް ތަންކޮޅެއް ދުރަށް ގޮސްފައި ޒިވްޔަންއަށް ހުއްޓެވުނީ ޒެއިން ވީ އަދިވެސް އެކޮޅުގައިކަން އެނގުމުންނެވެ. އެހެންކަމުން ފޯނުކޯލު ކުރުކޮށްލާފައި ޒިވްޔަން އެނބުރި އެފަރާތަށް މިސްރާބު ޖެހިއެވެ.

ހިނގަމުން ހިނގަމުން ގޮސް ޒިވްޔަންގެ ފިޔަވަޅުތައް މަޑުޖެހުނީ ފެނުނު މަންޒަރަކުންނެވެ. ދާދި ދެންމެއަކު އޭނާ ހުއްޓިލައިގެން ހުރި ތަނުގައި ހުއްޓިގެން އެހުރި އަންހެން ކުއްޖާ ފެނިފައި އެހިތަށް އެނގުންވެލައިގެން ދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާއަށް ފަސްދީގެން ހުރި އިރު ވެސް ޒިވްޔަންއަށް އެއީ ކޮން ކުއްޖެއްކަން އެނގުނުލެއް އަވަސްކަމުން ޚުދު ޒިވްޔަން ވެސް ހައިރާންވިއެވެ. އާދައިގެ ކަޅުކުލައިގެ ހެދުމަކާ އެކު ހަމަ އެކުލައިގެ އާދައިގެ ބުރުގަލެއް އަޅާފައި ހުރި އިރު، ސާދާކަމާއި ރީތިކަމުގެ ލާމަސީލު މިސާލެކޭ ޒިވްޔަންގެ ހިތަށް އެރިއެވެ.

ދެވަނަ ސިކުންތުގައި ޒިިވްޔަންގެ ފައި ހަރަކާތް ކުރަން ފެށީ ޚުދު ޒިވްޔަންއަށް ވެސް ނޭނގިއެވެ. ލަސް ފިޔަވަޅުތަކެއްގައި ޒިވްޔަން ގޮސް ހޫރީންއާ ހައެއްކަ ފިޔަވަޅު ދުރުގައި މަޑުކޮށްލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޒިވްޔަން ތައްޔާރުވީ މި އަންހެންކުއްޖާގެ ކިބައިން މަޢާފަށް އެދެން ޖެހޭކަން އެނގޭތީއެވެ.

“ހެއި..” ކަރުކެހިލަމުން ޒިވްޔަން ގޮވައިލުމާ އެކީ ހޫރީން ދިޔައީ ސިހިގެންނެވެ. ފަހަތަށް އެނބުރި ބަލައިލި އިރު ފެނުު ސޫރައަކުން ހޫރީންގެ މޫޑު ވަގުތުން ޚަރާބުވިއެވެ. ދެބުމަ ގޮށްޖަހައިލަމުން ހޫރީން ބޭނުންވީ ވަގުތުން އެތަނުން ދުވެ ފިލާށެވެ.

“މީ.. ވާހަކަ ދައްކައިލެވިދާނެތަ..؟” ނުކެރި ހުރެފައި ވެސް ޒިވްޔަން އަހައިލީ ހޫރީންގެ ފަރާތުން އެދެވޭ ޖަވާބަކަށް އުއްމީދުކުރަމުންނެވެ.

“އަހަރެން ވަރަށް ލަސްވެގެން މި އުޅެނީ..” ޒިވްޔަންއަށް ބަލައިލުމެއް ވެސް ނެތި ހޫރީން ހިނގައިގަތީ ދާށެވެ. އެހެނަސް ހޫރީންގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނާގެ އަތުގައި ޒިވްޔަން ހިފުމުންނެވެ. ސިހިފައި ހޫރީންއަށް ޒިވްޔަންއަށް ބަލައިލެވުނީ އެފަދަ ކަމަކަށް ޒިވްޔަންގެ ފަރާތުން އުއްމީދުކުރެވިފައި ނެތުމުންނެވެ.

ހޫރީންގެ މޫނަށް އެރި ކުލަވަރު ފެނި ވަގުތުން ޒިވްޔަންއަށް ހޫރީންގެ އަތުން ދޫކޮށްލެވުނެވެ. އަމާންދިން ކަން އަންގައިލާ ފަދަ ގޮތަކަށް ދެއަތް އުފުލައިލަމުން ޒިވްޔަން ކުރިޔަށް ފިޔަވަޅެއް އަޅައިލިއެވެ.

“ސޮރީ.. އެކަމަކު.. އެއްފަހަރު އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ..” ޒިވްޔަން އަނެއްކައި ވެސް އެދުނެވެ. މިފަހަރު ހޫރީން ހަނު ހުރި ނަމަވެސް ޒިވްޔަން ހިތްހަމަޖެހުނީ ހޫރީން ދެކޮޅު ނުހެދުމުންނެވެ.

“ރޭގަ އަހަންނަށް ކިޔުނު އެއްޗެއްސަށް ވަރަށް ބޮޑަށް ސޮރީ.. އަސްލު އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެ ރުޅިއައިސް ހުރީމަ އެގަޑީގަ ބުނެވުނީ.. އެކަމަކު އަހަންނަށް އެނގޭ އެއީ އަހަރެން ބުނެގެންވާނެ އެއްޗެއް ނޫންކަން.. ރިއަލީ ސޮރީ..” ޒިވްޔަްގެ ވާހަކަ އިވުމުން ހޫރީންއަށް ސިހުމެއް ލިބިގެން ދިޔައީ ޒިވްޔަން އަކީ އޭނާ ހީކުރި ފަދަ ބޮޑާ މީހަކަށް ނުވީމައެވެ.

“މާލެ މީހުންނާ ރާއްޖެތެރޭ މީހުންނާ ތަފާތުކުރުން.. މުއްސަނދިންނާ ފަގީރުން ތަފާތުކުރުން.. އެއީ ދުވަހަކު ވެސް އަހަރެން ކުރަން ހިތަށް އެރި ވެސް ކަމެއް ނޫން.. ހަމަ ތެދެއް މިބުނީ.. އެގަޑީގަ އެހެން ބުނެވުނީ އެހެން ކަމަކާ މާ ބޮޑަށް ބޯގޮވާފަ ހުރީމަ..” ޚުދު ޒިވްޔަންއަށް ވެސް އޭނާއާއި މެދު ހޫރީން ދެކޭ ގޮތް އެހައި މުހިއްމުވީ ކީއްވެ ކަމެއް ނޭނގުނެވެ.

ޒިވްޔަންގެ ވާހަކަތައް އަޑުއަހަން ހުރި އިރު ހޫރީންގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ޒިވްޔަން އަކީ އޭނާ ހީކުރި ފަދަ ރުންކުރު، ބޮޑާ މީހަކަށް ނުވީތީ ހޫރީން ހިސާބަކަށް ހައިރާންވިއެވެ. ޒިވްޔަންގެ ކަނޑެއްހައި ފުން ދެލޮލުން އޭނާއަށް ފެނުނީ އިއްޔެ ކަންތައް ކުުރެވުނުގޮތާއި މެދު ހަގީގަތުގައި ވެސް ދެރަވެފައި ހުރިތަނެވެ.

“އިޓްސް އޯކޭ..” ހޫރީންގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތް ލަފްޒުތަކުން ޒިވްޔަންގެ ދެލޯ ބޮޑުވި އިރު، އިރުކޮޅެއް ފަހުން އެ ތުންފަތުގައި ކުޅެލީ ހިތްގައިމު ހިނިތުންވުމެކެވެ.

“އަހަރެންގެ ފަރާތުން ވެސް ވަރަށް ބޮޑަށް ސޮރީ.. އެނގޭ ރަށަށް އަންނަ މެހެމާނުންނަށް އިހްތިރާމްކޮށް، ކަމޭހިތަން ޖެހޭނެކަން.. އެއް އިރެއްގަ ވެސް އެގޮތަށް މެހެމާނުންނާ ހަޑިކޮށް ވާހަކަ ދެއްކުމަކީ އަހަރެމެންގެ ތެރޭގަ އޮންނަ ކަމެއް ނޫން.. އެހެންވީމަ އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދެން..” ހޫރީންގެ ވާހަކައިން ޒިވްޔަންއަށް ރަށްފުށުގައި ދިރިއުޅޭ މީހުން އެމީހުންގެ އާދަކާދަތަކާއި ސަގާފަތަށް ލޯބިކުރާ ވަރު އެނގިގެން ދިޔައެވެ. އެކަމުން މިތަނަށް ޖެހިފައި އޮތް ކުލުނު އިތުރުވެއްޖެކަން ގައިމެވެ. ހިނިތުންވަމުން އެ އޯކޭ ވާނެޔޭ ޒިވްޔަންއަށް ބުނެވުނީ އަމިއްލަ އިޚްތިޔާރަކައި ނުލައެވެ.

“އެހެންވީމަ ދެން.. ފްރެންޑްސް..؟” އަތް ދިއްކޮށްލަމުން ޒިވްޔަން އަހައިލުމާ އެކީ ހޫރީން ވެސް ހިނިތުންވެލާފައި އަތާއަތް ޖޯޑުކޮށް ސަލާމްކޮށްލިއެވެ. އެހިނދު ދެހިތުގެ ތެޅުން ވެސް އަވަސްވީކަން ދެމީހުންނަށް އެނގުނު ނަމަވެސް، ދެމީހުން ވެސް ބެލީ އެކަން ހިންދައިލެވޭތޯއެވެ.

“ދޮންބޭ!” ސިހިފައި ދެމީހުންނަށް އަތް ދޫކޮށްލެވުނީ ޒިވްޔަންއަށް ގޮވަމުން އެދިމާއަށް ދުވެފައި އައި ޒެއިން ފެނިފައެވެ.

“ދޮންބޭ! މިހުރީ އެތާ ހޭޅިފަށް ކައިރިން އަހަންނަށް ފެނުނު އެއްޗެހިތަކެއް!” އަތުގައި އޮތް އަނބު ކޮތަޅާއި ކުންނާރު ކޮތަޅު ދައްކައިލަމުން ޒެއިން ބުނެލި އިރު އެ ޅަ މޫނުމަތި ދިއްލިފައިވީ އުފާވެރިކަމުންނެވެ.

“ތީ އަހަރެންގެ އެއްޗެއް!” އިޚްތިޔާރަކައި ނުލައި ހޫރީންއަށް ބުނެވުނީ އެހައި މަސައްކަތުން ފުރާޅަށް އަރައިގެން ބިން އަނބުކޮޅާއި ކުންނާރުކޮޅު ބޭނުންވީލެއް ބޮޑުކަމުންނެވެ. އުފަލުން ގޮސް ދެފައި އެއްތާކު ނުޖެހިފައި ހުރި ޒެއިންއަށް ހޫރީންއަށް ބަލައިލެވުނީ ދެނެވެ.

“ޒޭން.. ތި ދީ އަވަހަށް..” ޒިވްޔަން ބުނެލުމާ އެކީ ޒެއިން ކުޑަކުއްޖަކު ފަދައިން ތުންދަމައިލަމުން ހޫރީންއަށް ކޮތަޅު ދިނެވެ.

“އަހަންނަށް އަނބުކޮޅެއް ނުލިބޭނެތަ..؟” އެންމެ ފަހުން ނުހުރެވިގެން ޒެއިން އަހައިލީ އުއްމީދާ އެކުގައެވެ. އެއާއެކު ހޫރީންއަށް ޒެއިންއަށް ބަލައިލެވުނެވެ. އެ ޒުވާން ދެލޮލުގައި ވިދަމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ފަނޑުކޮށްލާކަށް ހޫރީންއަކަށް ނުކެރުނެވެ. އަތުގައި އޮތް އެއްޗެއް އެހެން މީހަކަށް ނުދީ ހުރުމަކީ ރީތި ގޮތެއް ނޫންކަން ވެސް އޭނާއަށް އެނގެއެވެ. އެހެނަސް މާދަމާ މަޖާ ހަދަން ތައްޔާރުވެފައި އޮއްވައި އެ ހުރިހައި މޭވާއެއް ގެއްލުމުން އޭނާގެ އެކުވެރިން ވެސް ރުޅި އަންނާނެއެވެ.

“މީ އަސްލު.. މާދަމާ އަހަންނާ އެކުވެރި ކުދިންކޮޅެއް މަޖާ ހަދަން ވެގެން ބިނދެފަ ހުރި އެއްޗެހިތަކެއް..” ހޫރީންގެ ޖަވާބު އިވިފައި ޒެއިންގެ މޫނު ބަނަވި ގޮތުން ހީވީ ފަނަރަވިލޭރޭގެ ހަނދު އޮއްސުނު ހެންނެވެ. ޒެއިން އެހައި ދެރަކޮށްލާކަށް ހޫރީންއަކަށް ނުކެރުނެވެ.

“އެކަމަކު އެބަ އޮތް ގޮތެއް!” ހޫރީން ބުނެލީ ޒެއިންއާއި ޒިވްޔަންގެ ސަމާލުކަން ވެސް ދަމައިގަންނަމުންނެވެ.

“މާދަމާ އަހަރެމެން މަޖާ ހަދައިގެން މޫދަށް ދާއިރު އަހަރެމެންނާ އެކީ އަންނަންވީނު..؟ އޭރުން މަޖާ ވެސް ކެވޭނެ..” ހޫރީން ދިން ދަޢުވަތުން ޒެއިންގެ ދެލޯ އުފަލުން ވިދައިގަތް އިރު އަސްލުވެސް ހެއްޔޭ އަހައިލެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ. ހުރިހައި ދަތްތަކެއް ފެންނަ ވަރަށް ހީލަމުން ހޫރީން ބޯޖަހައިލުމާ އެކީ ޒެއިން ޒިވްޔަންއަށް ބަލައިލީ ހުއްދައަށް އެދޭ ފަދަ ގޮތަކަށެވެ.

ހޫރީން ދިން ދަޢުވަތާ އެކު ޒެއިންއަށް ވުރެ ބޮޑަށް ޒިވްޔަންއަށް އަސަރުކޮށްފިކަން ޔަގީނެވެ. ހޫރީންއާއި އެކު ހޭދަކޮށްލަން ލިބޭ އެފަދަ ވަގުތުކޮޅަކަށް ފެންބޮވައިގަނެފައިވާ ޒިވްޔަން ބޯޖަހައިލުމާ އެކީ ޒެއިން ޔެސްއޭ ކިޔައި ފުންމައިގަތެވެ.

“އޯކޭ.. މާދަމާ ހެނދުނު އަށެއް ޖަހާ އިރު މިތަނަށް އާދޭ!” ޒިވްޔަންއަށާއި ޒެއިންއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ހޫރީން ފަސްއެނބުރި ހިނގައިގަތީ އެތަނުން ދިޔުމަށެވެ.

ހޫރީން ދާން ފެށުމާ އެކީ ޒިވްޔަންގެ ހިތް ތެޅިފޮޅިގަތީ އެހެންނަކުން ނޫނެވެ. ގޮތްނޭނގޭ އިހުސާސްތަކެއް އެހިތުގައި އުފަންކުރުވި އެ އާދަޔާޚިލާފު އަންހެންކުއްޖާއާ ރަނގަޅަށް ވާހަކަ ދައްކައިލެވުނު ފުރަތަމަ ފަހަރު، އެކުއްޖާގެ ނަން ވެސް ނޭނގި ލޯމަތިން ގެއްލޭތަން ބަލަން އެ ޒުވާން ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

“ހެއި!” ޒިވްޔަންގެ ފިރިހެންވަންތަ ބަރު އަޑު ޖެހުމާ އެކު ހޫރީން ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.

“އަދި ނަމެއް ވެސް ނުބުނަމެއްނު..” ހޫރީން ފަސްއެނބުރި ބަލައިލުމުން ޒިވްޔަން އަހައިލީ ހިސާބަކަށް ރަކިވެފައި ހުރެއެވެ.

“ނަން ހޯދާކަށް ނޫޅެމެއްނު..” ލުއި ހިނިތުންވުމަކާ އެކީ އެހެން ބުނެފައި ހޫރީން ފަސްއެނބުރި ދިޔަތަން ބަލަން ގެއްލިފައި ޒިވްޔަންއަށް ހުރެވުނީ ދީވާނާވެފައެވެ. އެ ރީތި، ފަތްމިނި އަންހެން ކުއްޖާގެ ނަން ނޭނގެނީސް ދެން އޭނާގެ ލޮލަށް ހަމަނިދި ނާންނާނޭކަން ޔަގީނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Maarrshhmello

    Maa Sha Allah story vr reethi ❤️ Varah talented kuhjeh kan faahaga kurevey 😘 You and Lavender is my favorite esfiya site ga enme reethi kn vaahaka liyaa two authors ❤️❤️❤️

    1. Nayaa
      Maarrshhmello

      aww thankyouu!!💕
      hehe yess will do tell lavender too!❤️❤️

  2. Anonymous

    Wow wow… hama speechless…. mihaaru zivyan eheree ishquga jehifa… hama heevanee vaahaak therey ulheveyhen….. ehaa vx reethi…. maashaa allah …. when next?

    1. Nayaa
      Anonymous

      thankyouu, varah varah ufaa vejje💕

      next part before 11th nov in sha allah

  3. Shiu

    Mi part vx varah Reethi Masha Allah 🤩
    Mihaaru Zivyan ah vx visneyne island life is hama emme best kan 😄 Zayn is a baby in disguise.. 😂 Zivyan eheree hama rangalhah vx dheevaanaa vefa.. I think dhj dhemeehun loabi vegen relationship akah dhaa hisaabun hurahakaj vaanee Zivyan ge bappa hen, cuz Zivyan ge vaahakain eynage bappa Akeel varah foni meeheh kan engey 🙄.. when Next?? Curiously waiting for the next part..
    Ly 💕

    1. Nayaa
      Shiu

      hehe yess island life is the best dho hama zivyan has to realise it too

      hmm thihen ves vedhaane ekam naya akah hiyeh nuvey adhi hehe

      next part on Tuesday or Wednesday in sha allah

      lym💕💕

  4. Vaahaka_by_Az

    Naya darling! this story is amazing. Rashuge dhiriulhun genesdheefa ineema its so good. I felt like i was living in the moment. Waiting for the next episode 💗

    1. Nayaa
      Vaahaka_by_Az

      aw thankyou loabi, that means so much to me💕💕

Comments are closed.