Skip to content
އެސްފިޔަ

ރުހޭތޯ ކަލާ – 5

Listen to this story Audio · 19:47 Powered by Esfiya Voice
0:00 19:47

“ޒެއިން މަސްބާނަން ދިޔައިންތަ..؟” އަމާން އަހައިލުމުން ޒެއިން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އެހެންވީމަ މިރޭ ވަގަށް އަނބު ބިންނަން! މާދަން ރޭ މަސްބާނަން!” އަމާން ބުނެލުމާ އެކީ ޒިވްޔަންއާއި ޒެއިންގެ މޫނުމަތި އިތުރަށް އުޖާލާވިއެވެ.

“މި ނަވާފްއާ އަމާންއާ މީ ނަމަކަށް ގެންދާ ބައެއް! އަމާން އަބަދު ހޮޑުލާނީ.. ނަވާފް މީ އެއްފަހަރު ގަލެއް ވެސް ބޭނި މީހެއް!” ކުރިން ދިޔަ މަސްދަތުރުތަކުގައި ވެފައި ހުރި މަޖާ ކަންތައް ހޫރީން ކިޔައިދޭން ފެށުމުން ޒިވްޔަންއާއި ޒެއިންގެ ހިތުގައި އެކަން ތަޖުރިބާކުރަން އޮތް ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ.

ކަރުހިއްކައިގަނެގެން ހޫރީން އެއްގަމަށް އެރީ ފެންފޮދެއް ބޯލަން ދާށެވެ. ހޫރީން ދާން ފެށުމުން ވަރަށް ނުވާކަމަށް ހަދާފައި ޒިވްޔަން ވެސް ހޫރީންގެ ފަހަތުން އެއްގަމަށް އެރިއެވެ. އެމަންޒަރު މޫދުގައި ތިބި އެންމެންނަށް ފެނުނު ނަމަވެސް، އެކަކު ވެސް ނޭނގޭ ކަމަށް ހަދާލައިގެން ތިބީ އެމީހުން ބުނާ އެއްޗަކާ ހޫރީން ވެސް، ޒިވްޔަން ވެސް އެއްބަސް ނުވާނެތީއެވެ.

ފެންފޮދެއް ބޯލައިގެން އަނެއްކައި ވެސް މޫދަށް ދިޔުމަށް އެނބުރުނު ހޫރީންގެ ދެލޯ ބޮޑުވީ ކުރިމަތީގައި ހުރި ޒިވްޔަންގެ ގައިގައި ޖެހުމުންނެވެ. ނުބަލަން ހުއްޓަސް، ހޫރީންގެ ނަޒަރު ޒިވްޔަންއަށް ދަތުރުކުރީ ތެމިފައި ހުރި އިރު، އެ ރީތިކަން ދެގުނަވެފައި ވީތީއެވެ. މޫދަށް އެރުމުގެ ސަބަބުން ލައިގެން ހުރި ޓީޝާޓް އެ ފިރިހެންވަންތަ ހަށިގަނޑުގައި ތަތްލާފައިވީ ގޮތުން، އެ ރީތި ހަށިގަނޑުގެ ކަސްރަތީކަން ހުރީ ހާމަވާށެވެ.

“ތިހާ ވަރަށް ވަރަށް ބަލަންޏާ ދެން އަހަންނަށް ތައުރީފެއް ވެސް ޑިޒަރވް ވޭ ކަންނޭނގެ ދޯ..” އެއްމިޔަކަނިން ހީލަމުން ޒިވްޔަން ބުނެލުމުން ހޫރީންގެ މޫނުމަތި އަނެއްކައި ވެސް ރަތްވިއެވެ. އެހައި ފަސޭހައިން ލަދުގަތުމުން ހޫރީންގެ މޫނަށް އެ އަރާ ޖަންބުކުލަ ބަލައިބަލައި ދުވަހަކު ފޫއްސެއް ނުވާނެޔޭ ޒިވްޔަންގެ ހިތަށް އެރިއެވެ.

އިތުރަށް ޒިވްޔަންގެ ކުރިމަތީގައި ހުންނަން ނުކެރިގެން ހޫރީން ޒިވްޔަންގެ ފަހަތުން ލާފައި މޫދާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ޒިވްޔަން އެނބުރިލަމުން ހޫރީންއަށް ބަލައިލި އިރު އެ ދެލޮލުގައިވީ ތަފާތު އަސަރެކެެވެ. ތެމުމުގެ ސަބަބުން ހޫރީން ލައިގެން ހުރި ޕީޗްކުލައިގެ ހެދުން އެ ހަށިގަނޑުގައި ތަތްލަވާފައި ހުރި ގޮތުން އެ ރޫފަ ރަނގަޅު ހަށިގަނޑުގެ ބައްޓަން ހުރީ ހާމަވާށެވެ. ހިންދިރުވައިލަމުން ޒިވްޔަން އޭނާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރައިލި އިރު އެ އަތް ވަނީ މުށްކެވިފައެވެ. ހިތް ފުރެން ދެން ބަލަހައްޓައިގެން ހުންނަން ބޭނުންވި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫންކަން އޭނާގެ ޟަމީރު އޭނާއަށް ވިސްނައިދިނީއެވެ.

ބާރަ ޖަހަން ދެން މޫދުގައި އޮވެއޮވެފައި އެމީހުން ގެޔަށް ދިޔައީ މެންދުރު ނަމާދަށް ވެސް ގޮވި ފަހުންނެވެ. ޒިވްޔަންއާއި ޒެއިން ގެސްޓްހައުސްއަށް ދިޔަ އިރު ހޫރީންމެން ގެނައި އެއްޗެހިތައް ހިފައިން ދިޔައީ ހޫރީންގެ ގެޔަށެވެ. އެންމެން ވަކިވުމުގެ ކުރިން މިރެޔަށް ހުރިހައި ކަމެއް ރާވައި ނިމުނީ މިރޭގެ ކެއުން ހޫރީންމެންގެ ގޭގައި ކާ ގޮތަށް ހަމަޖެހިގެންނެވެ. ޒިވްޔަންއާއި ޒެއިން ވެސް ތިބީ އެ ދައުވަތު ލިބުމުން ނުހަނު އުފާވެފައެވެ.

*** ** ***

އެރޭ އަށެއް ޖެހި އިރު ޒިވްޔަން ފެންވަރާލައިގެން ނުކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓިފައި، އޭނާ ގެންގުޅޭ ގަމީސްތައް ނަގާފައި ފަހަރަކު ގަމީހެއް ގައިގައި ޖައްސަމުން ދިޔައެވެ. ފާޚާނާއިން ނުކުތް ޒެއިންއަށް އެމަންޒަރު ފެނުމުން ޕިސްޕިސް ތަޅައިލާފައި ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ޕޭރެންޓްސްއާ މީޓްކުރަން ދާ އިރު ފަރސްޓް އިމްޕްރެޝަން ރަނގަޅުކޮށްލަނީ ދޯ..؟” ޒެއިންގެ ލާނެތް ހުނުމުގެ އަޑު އިވުމުން ޒިވްޔަން މޫނު ކުނިކޮށްލިއެވެ.

“މިހާރު ޒޭން ގާތު ބުނެފީމެއްނު އެކަހަލަ ކަމެއް ނޫނޭ..” ޒިވްޔަން ބުނެލި ނަމަވެސް އެކަމަކަށް ޒެއިންގެ އެއްވެސް ފަރުވާލެއް ނެތެވެ.

“ތިހެންނޭ ބުނާނީ.. މައްސަލައަކީ ދޮންބެގެ ބަހާ އަމަލާ ދިމާނުވާތީ..” އިސްތަށިގަނޑުން ފެން ހިއްކައިލަމުން ޒެއިން ވާހަކަ ދެއްކިއެވެ.

ޒެއިންއާ ޖަދަލުކުރުމަކީ މޮޅެއް ލިބޭނެ ކަމެއް ނޫންކަން އެނގޭތީ ޒިވްޔަން ދެފަރާތަށް ބޯހޫރުވައިލަމުން އޭނާ ނެގި ކަނޑުނޫކުލައިގެ ގަމީސް ލިއެވެ. ތައްޔާރުވެ ނިމިގެން އިސްތަށިގަނޑު ރީތިކުރަން ވެސް މިރޭ އިތުރަށް ދިހަ މިނެޓު ނެގުމުން ޒެއިންގެ ދިމާކުރުންތައް އަމާޒުވިއެވެ. ތައްޔާރުވެގެން ދެމީހުންނަށް ނުކުމެވުނު އިރު އަށްގަޑި ފަނަރަ ވެސް ހިނގައިފިއެވެ.

*** ** ***

ހޫރީންގެ އެކުވެރިން މިރޭ ކާން އަންނަ ވާހަކަ ބުނުމުން ހަނާން ބަދިގެތެރޭގައި އުޅުނީ ނިކަން އަތްމަތި އަވަސްކޮށްލާފައެވެ. މަންމައަށް އަތް ގާތްކޮށްދެމުން، ހޫރީން މޭޒުމަތި ރަމަތަކުރަމުން ދިޔަ އިރު ރިޔާޒް ނަމާދުން ފައިބައިގެން އައިސް ގެޔަށް ވަންނަނީއެވެ.

“ނަވާފްމެން އަންނަނީ ދޯ..؟” ރިޔާޒް އަހައިލުމުން ހޫރީން ބޯޖަހައިލީ ހީލަމުންނެވެ.

“ރަނގަޅު.. ހާދަ ދުވަހެއް ވެއްޖޭ އެކުދިން ކާން ނުގެންނަތާ..” ރިޔާޒް ހިނިތުންވެލި ގޮތުން އެކަނި ވެސް ހޫރީންގެ އެކުވެރީން ދެކެ ނުހަނު ލޯބިވާކަން ހާމަވިއެވެ.

“މަންމާ.. ބައްޕާ.. މިރޭ އިތުރު ދެކުދިން ވެސް އަންނާނެ އިނގޭ..” ހޫރީން ބުނެލުމުން ހަނާންއާއި ރިޔާޒް އެކަކުއަނެކަކަށް ބަލައިލިއެވެ.

“ރަށަށް އައިސްގެން އުޅޭނު ދެ ފިރިހެން ކުދިން.. އަހަރެމެންނާ އެކީ އިއްޔެ މޫދަށް ވެސް ދިޔަ..” ކުރު ގޮތަކަށް ހޫރީން ކިޔައިދިނުމުން ހަނާންއާއި ރިޔާޒް އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ.

“މަައްސަލައެއް ނޫނެއްނު.. ރަށަށް އަންނަ މެހެމާނުންނަން ކަމޭހިތަން ވާނެ..” ރިޔާޒްގެ ވާހަކައިން ހޫރީންގެ ހިތަށް ފިނިކަން ލިބުނީ މަންމައާއި ބައްޕަގެ ވިސްނުން އަބަދުވެސް އެހައި ފައްސިވީމައެވެ.

އިރުކޮޅެއް ފަހުން ޒޯޔާ އާއި ނީރާ ވެސް އައިސް ހަނާންއަށް އަތްގާތްކޮށްލަދީ އުޅުނެވެ. ހޫރީން ވެސް އަވަސްއަރުވައިލާފައި އުޅުނީ ޒިވްޔަންމެން އަންނަންވާ އިރަށް ހުރިހައި ކަމެއް ނިންމައިލެވޭތޯއެވެ. އެކަމާ ވިއްދާފައި ހޫރީންއާ ދިމާކޮށްލަން ޒޯޔާމެން ކިތަންމެ ބޭނުންވެފައި ތިބި ނަމަވެސް އިހަށް މަޑުކޮށްލީ އެތަނުގައި ހަނާންއާއި ރިޔާޒް ތިބުމުންވެ.

*** ** ***

ޒިވްޔަން އާއި ޒެއިން، ނަވާފް އާއި އަމާންއާ ދިމާކުރީ ރަށު އޮފީސް ކައިރިންނެވެ. ހަތަރު ޒުވާނުން އެކުގައި ހޫރީންމެން ގެޔަށް މިސްރާބު ޖެހި އިރު އެކި ވާހަކަތައް އެދެމެދުގައި ދެކެވެމުން ދިޔައެވެ.

“ހޫރީންގެ ޕޭރެންޓްސް ވަރަށް ނައިސް ވާނެ.. ހަނާއްތައާ ރިޔާބެ އަބަދުވެސް އަހަރެމެން ދެކެ ހަމަ ހޫރީންހައި ބޮޑަށް ލޯބިވާނެ.. އަބަދު ތިބޭނީ އެގެޔަށް ނުގޮސްގެން..” ނަވާފް ކިޔައިދެމުން ދިޔަ ވާހަކަތަކުން ޒިވްޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހައި ރަނގަޅު ދެމަފިރިންނަށް މެނުވީ ހޫރީން ކަހަލަ ރަނގަޅު ކުއްޖަކު ތަރުބިއްޔަތު ނުކުރެވޭނެޔޭ އޭނާގެ ހިތަށް އެރިއެވެ.

ސަލާމް ގޮވައިލަމުން ނަވާފްއާއި އަމާން ހޫރީންގެ ގެޔަށް ވަނުމާ އެކީ ޒިވްޔަން އާއި ޒެއިން ވެސް ފަހަތުން ވަނެވެ. ޒިވްޔަން އާއި ޒެއިންގެ ނަޒަރު އެ ބޮޑު ގޯތިތެރޭގެ އެތަން މިތަނަށް ދަތުރުކުރަމުން ދިޔައީ އެފަދަ ގެއެއް ފެނުނީ އަލަށް ކަމަށް ވާތީއެވެ. ގޭގެ އެއްފަރާތުގައި ހެދިފައި ހުރި ބިޔަ ބަނބުކެޔޮ ގަހުގައި ބޮޑު އުނދޯއްޔެއް އެލުވާފައި ހުރި އިރު، ގާތުގައި ޖޯއްޔެއް ވެސް ހުއްޓެވެ. އަނެއް ފަރާތުގައި ހެދިފައި ހުރި ޖަނބުރޯލު ގަހުގައި ޖަނބުރޯލު އަޅާ ބަރާވެފައި އޮތް އިރު، ގޯތިތެރޭގައި ހުސްކޮށް އޮތް ހިސާބުގައި އެކި ކަހަލަ ގަސްތައް އިންދާފައި ހުއްޓެވެ. މިރުސްގަހާއި، ކޮޕީފަތާާއި، ފޭރު ގަހެއްގެ އިތުރުން ރާނބާފަތް ގަހާއި ހިކަނދިފަތް ވެސް އިންދާފައި ހުއްޓެވެ. މާލޭގައި ގަނެގެން މެނުވީ ނުލިބޭ އެއްޗެހި މިހައި ތާޒާކަމާ އެކީ ބިނދެލައިގެން ވަގުތުން ކެވޭ ގޮތަށް ހުރީތީ ޒިވްޔަން އާއި ޒެއިން ވެސް ހައިރާންވިއެވެ.

އަމާން އައި ނަވާފްގެ ފަހަތުން ޒެއިން ގޮވައިގެން ޒިވްޔަން އެގެއަށް ވަނެވެ. ގޭތެރޭގެ ކޮންމެ ކަނަކުން އާދައިގެ ރަށްފުށުގެ ގޮތްގަނޑު ފެންނަން ހުރުމުން ޒިވްޔަންއަށް ނުހަނު ކަމުދިޔައެވެ. ގޭތެރެ މާ ބޮޑު ނުވިޔަސް އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކުވެސް އެގޭތެރޭގައިވާ ލޯތްބާއި، ގާތްކަން އައިސް ހިތް ވަށާލައިފިއެވެ. ގެއެއް ގެއަކަށް ވަނީ ހަމައެކަނި ބުރިބުރިއަށް އިމާރާތް ކުރީމާ ނޫންކަން ޒިވްޔަންއަށް ވިސްނުނީ އެވަގުތެވެ.

“އަނހަ ދަރިފުޅުމެން އައީތަ..؟” ބަދިގެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކީ ފުޅާ ހިނިތުންވުމަކާ އެކު މަރުހަބާކީ ހޫރީންގެ މަންމަކަން ޒިވްޔަންއަށް އެނގުނެވެ. އާދައިގެ ދިގު ހެދުމެއްގައި ހުރި އިރު، އަޅާފައި ހުރި ބުރުގާގައި ގޮށެއް ޖަހައިލާފައި ހުއްޓެވެ. އެ މޫނުމަތީގައިވީ ހިތްހެޔޮ ހިނިތުންވުން ފެނުމުން ހޫރީންގެ މޫނުމަތީގައިވީ ސިފަތަކާ ނުހަނު އެއްގޮތްކަން ޒިވްޔަންއަށް ފާހަގަވިއެވެ.

“މިއީ ކޮން ކުދީންނެއްތަ..؟” ހިނިތުންވަމުން ޒިވްޔަން އާއި ޒެއިންގެ ކޮނޑުގައި ފިރުމައިލަމުން ހަނާން އަހައިލިއެވެ.

“މިއީ ޒިވްޔަން.. ދެން މިއީ އަޅުގަނޑުގެ ކޮއްކޮ ޒެއިން..” ހިނިތުންވަމުން ޒިވްޔަން ޖަވާބު ދިނީ ހަނާންގެ އެ ފިރުމައިލުމުން އެކަނިވެސް އިހުސާސްކުރެވުނު މައިވަންތަކަމުގެ ކުލުނުގެ ސަބަބުންނެވެ.

“އަނހަ ދަރިފުޅުމެން އައީތަ..؟ ހިނގާ އަވަހަށް ކާން..” އެވަގުތު އެތަނަށް އައި ރިޔާޒް ވެސް ޒިވްޔަންއަށް ފެނުނީ ދެނެވެ. ރިޔާޒަށް ޒިވްޔަންމެން ފެނުމުން ސަލާމްކޮށްލާފައި ހާލުއަހުވާލު އަހައިލީ ހިތްހެޔޮކަމާ އެކީއެވެ. އަދަބުވެރިކަމާ އެކީ ޒިވްޔަން ޖަވާބުދިނީ ހޫރީންގެ މައިންބަފައިންގެ ހިތްހެޔޮކަމާއި އޯގާތެރިކަމަށް ހިތާހިތުން ތަޢުރީފްކުރަމުންނެވެ.

“އިންލޯސްގެ ރުހުން ވެސް އެޔޮށް ލިބުނީ.. ދެން އަވަހަށް އެކަމާ އުޅެންވީނު..” އުޅަނބޮށިން ޒިވްޔަންގެ ގައިގައި ކޮށްޓައިލަމުން ޒެއިން ބުނެލުމާ އެކީ ޒިވްޔަން ޒެއިން ގާތު މަޑުން ހުންނާށޭ ބުނެލީ މީހަކަށް އިވިދާނެތީއެވެ.

އެންމެން އެކުގައި ގޮސް ކާގެއަށް ވަން އިރު މޭޒުމަތީގައި އަތުރާލާފައި ހުރި އެއްޗެހި ފެނިފައި ޒިިވްޔަންއާއި ޒެއިންގެ ކުޅުދިޔާވިއެވެ. ބަތާއި ރޮށްޓާ އެކީ ފަރުމަހުގައި ގަރުދިޔަ ކައްކާފައި ހުރި އިރު، ރިހާކުރާއި، ރިހާކުރުދިޔަ ވެސް ހުއްޓެވެ. މަސްމިރުހާއި، ލޮނުމިރުހުގެ އިތުރުން ތެލުލިފަތް ވެސް މޭޒުމައްޗަށް ނަގާފައި ހުރި އިރު ލުނބޯ، ފިޔާ، މިރުސް ވެސް ކޮށާފައި ހުރީ ތާޒާކަން މަތީގައެވެ. ބޯނެ އެއްޗަކަށް އަނބުފަންޏާއި ފޭރުފަނި ގިރާފައި ހުރި އިރު ފޮނި އެއްޗަކަށް ސާގު ބޮނޑިބަތް ހުއްޓެވެ.

މޭޒުމަތީގައި ތަށިތައް އަތުރަން ހުރި ހޫރީން ޒިވްޔަންއަށް ފެނުނީ ދެނެވެ. އެ ދެލޮލުގައިވީ ވިދުވަރު ގަދަވެލީ މިރޭ ހޫރީން ރީތިކަމުންކަން ޔަގީނެވެ. ކަނޑުނޫކުލައިގެ ކުރުތާއަކާ ހުދުކުލައިގެ ހަރުވާޅެއް ލައިގެން ހުރި އިރު، އަޅައިގެން ހުރި ގަދަނޫކުލައިގެ ބުރުގަލުން އެ ރީތި މޫނު އިތުރަށް އަލިކޮށްދެއެވެ. އޭނާއަށް ވެސް ކަނޑުނޫކުލައިގެ ގަމީހެއް ލެވުނުކަން ނަސީބެކޭ ޒިވްޔަންގެ ހިތަށް އެރިއެވެ. އެ ހީވާގިކަމާއި ގެވެހިކަމުން އިތުރަށް ޒިވްޔަންގެ ހިތަށް އަސަރެއް ކޮށްފިކަން ޔަގީނެވެ.

އެންމެން ކާން އިށީނުމުން ހޫރީން އަތްގާތްކޮށްދެމުން ދިޔައީ އެއީ މެހެމާނުންނަށް ވީތީއެވެ. އެހެނަސް އެހެން އެންމެންނަށް ވުރެ ބޮޑަށް ހޫރީންއަށް ޒިވްޔަންއަށް ސަމާލުކަން ދެވެމުން ދިޔައީ ގަސްތަކު ނޫނެވެ. ޒިވްޔަންއަށް ފަނިތަށި އަޅައިދިން އިރު ހޫރީންގެ އިނގިލިތައް ޒިވްޔަންގެ އަތުގައި ބީހުނު ވަގުތުކޮޅު، ދެމީހުންގެ ހަށިގަނޑުގައި ވެސް ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލިހެން ހީވިއެވެ. ދެމީހުންގެ ނަޒަރު ވެސް ފަޅި ސިކުންތަކަށް ބައްދަލުވެގެން ދިޔުމާ އެކީ އެދެމެދުގައި ސިއްރު މެސެޖެއް ބަދަލުކުރެވުނުކަމެއް އެހެން މީހުންނަކަށް ނޭނގެއެވެ.

“މިހައި މީރު ކެއުމެއް އަދި ދުވަހަކު ނުކަން! ހަނާއްތަ ހާދަ މޮޅޭ!” އަނގަޔަށް ފުރަތަމަ ލީ ބަތްސުވަޔާ އެކީ ޒެއިންގެ ދުލުން ތައުރީފުގެ ބަސްތައް ބޭރުވާން ފެށިއެވެ. ދިވެހި ކެއުމެއް ޒެއިން ކެއީ އަލަށް ކަމުގައިވީ ނަމަވެސް، ގަރުދިޔައާ ބަތާ ތެލުލިފަތާ ލުނބޯ ޖަހާލައިގެން، ގިތެޔޮ މިރުސް ފިތާލައިގެން ނިކަން ރަނގަޅަށް މޮޑެލައިގެން އިން ގޮތުން އެހެން ހީވެސް ނުވެއެވެ.

“ތެދެއް.. އަސްލުވެސް ވަރަށް މީރު.. މިހައި މީރުކޮށް ކާން ލިބެންޏާ ދެން މިރަށުން ދާހިތް ނުވެދާނެ..” ޒިވްޔަން ވެސް ހިނިތުންވަމުން ހަނާންއަށް ބަލައިލިއެވެ.

“ދެން ރަށުން ދާން ވަންދެން ކޮންމެ ދުވަހަކު މިގެޔަށް ކާން އާދެބަލަ.. ހަނާއްތަ ކައްކައިދީފާނަމޭ..” ލުއި ހުނުމަކާ އެކީ ހަނާން ބުނެލުމުން ޒެއިން ވަގުތުން ބޯޖަހައިލި ގޮތުން އެންމެން ގާތަށް ވެސް ހިނި އައެވެ.

ކެއުން ކުރިޔަށް ދިޔަ ވަގުތު އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ. އެކަން ވެސް ޒެއިން އާއި ޒިވްޔަންއަށް ވީ ނުހަނު އައު ކަމަކަށެވެ. އެހެންޏާ މަންމައާއި ބައްޕައާ އެކު ކާ ކޮންމެ ފަހަރަކު ވެސް މޭޒުމަތީގައި ދެކެވޭނީ ވިޔަފާރީގެ ކޮންމެވެސް ވާހަކައެކެވެ. އެހެނަސް މި މޭޒުމަތީގައި ދެކެވެމުން ދިޔައީ މުޅީން ތަފާތު ވާހަކަތެކެކެވެ. ހޫރީންމެން ކުޑައިރު ދިމާވެފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކަ ހަނާންމެން ކިޔައިދެމުން ދިޔަ އިރު ޒިވްޔަންއާއި ޒެއިން ނިކަން ޝައުގުވެރިވެފައި އަޑުއަހަން ތިއްބެވެ.

އެކިއެކި މަޖާ ވާހަކަތަކުގައި ތިބެ ކެއުން ނިންމައިލާފައި އެންމެން ތެދުވުމުން ހޫރީން އުޅެގަތީ ތަށިތައް ނެގުމަށެވެ. ވަގުތުން ހަނާން ހޫރީން ހުއްޓުވީ މިވަގުތު ހޫރީން އޭނާގެ އެކުވެރީންނާ އެކީ ވަގުތު ހޭދަކުރަން ފުރުސަތު ދޭށެވެ. ހަނާން ބުނުމުން ހޫރީން އެންމެން ގޮވައިގެން ގޯތިތެރެއަށް ނުކުތެވެ.

“މަގޭ ބަނޑު ހީވޭ ފަޅައިގެން ދަނީހެން..” ޖޯއްޔަށް ވެއްޓިގަންނަމުން ޒެއިން ބަނޑުދަމައިލި ގޮތުން އެންމެން ކައިރިޔަށް ވެސް ހިނި އައެވެ.

“އަދިވެސް ކާތި!” ޒެއިންއާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ޒިވްޔަން ދިމާކޮށްލިއެވެ.

“ނުކައި ހުރެވޭނެތަ..؟ ހާދަ މީރޭ! އަދި އަލަށް ދިވެހި ކެއުމެއް ކައިލަން މި ލިބުނީ.. ދެން ނޭނގެއެއްނު މިކަހަލަ ކެއުންގަނޑެއް ކައިލަން ލިބޭނެ ދުވަހެއް ވެސް..” ޒެއިން ބުނެލީ ހަގީގަތުގައި ވެސް މިރަށުން ދާހިތް ނުވެފައި ހުރެއެވެ.

“ކޮބާ ކޮން އިރަކުންތަ އަނބު ބިންނަން ނުކުންނަނީ..؟” ޒިވްޔަން އަހައިލުމުން ހޫރީން އަތުކުރީ ގަޑިއަށް ބަލައިލިއެވެ.

“އެއީ ރަށު އެންމެން ނިދަން ވަނީމަ ކުރެވޭ ކަހަލަ ކަންތަކޭ.. ދިިހަގަޑި ބައިގަ ނުކުންނާނީ.. އަދި ކިރިޔާ ނުވަގަޑި ބައި ވަނީ..” ހޫރީން ބުނެލުމުން ޒެއިން ކުސްތަޅައިލީ އަދި އެއް ގަޑި އިރު ވާންދެން މަޑުކުރަން ޖެހޭތީއެވެ. މިހާރު ވެސް ނުކުންނަ ހިތުން އޭނާއަށް ކެތްވަނީކީ ނޫނެވެ.

“އުޅޭ އޭގެ ކުރިން އަދި ކޮންމެސް ކަމެއް ކުރަން.. ކަރޯކޭ ޖައްސަންވީނު!” އަމާން ދިން ޚިޔާލު އެންމެންނަށް ވެސް ވަރަށް ކަމުދިޔައެވެ.

“ކަރޯކޭއޭ..؟ ކަރޯކޭއަކަށް ވުރެ ރަނގަޅުވާނެ ޝޯވއެއް.. އެނގޭތަ މިތާ މޮޅެތި ލަވަކިޔުންތެރިން އެބަ ތިބިކަން..؟” ޒެއިންއަށް ފޯރިއެރުމާ އެކީ އެންމެންގެ ނަޒަރުތައް އަމާޒުވީ ޒިވްޔަންއަށެވެ.

“ތެދެއްތަ..؟ އެނގޭތަ ލަވަކިޔަން..؟” ނަވާފް އަހައިލުމުން ޒިވްޔަންގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ.

“ކޮންމެވެސް ވަރަކަށް އެނގޭ.. އެކަމް މި ޒެއިން ބުނާހައި މޮޅެއް ނުވާނެ..” ޒިވްޔަން ބުނެލުމުން އެންމެން އެއްފަހަރާ ލަވައެއް ކިޔައިދޭން އެދެން ފެށިއެވެ.

“ތެދެއް ޒިވްޔަން.. އެއް ލަވަ ޕްލީޒް..؟” ހޫރީން އެދުމާ އެކީ ޒިވްޔަންގެ ހިތުގެ ހިނގުން ވެސް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ހޫރީން އެހައި ލޯބިން އެދިއްޖެ ނަމަ އޭނާ ހިތް ނަގާފައި ދޭކަށް ވެސް ފަހެއް ނުޖެހޭނެއެވެ.

“ދެން ހޫރީން ބުނީމަ ވާނެ ލަވައެއް ކިޔައިދޭން.. ހުރޭ! އަހަރެން އެބަ އަންނަން ދޮންބެގެ ގިޓާ ހިފައިގެން!” ޒިވްޔަންގެ ހުއްދަ ވެސް ނެތި ސައިކަލުގެ ތަޅުގަނޑި ނެގި ގޮތަށް ޒެއިން ދުއްވައިގަތެވެ.

“ބަލައިގެން އުޅެއްޗޭ!” ޒިވްޔަންއަށް ގޮވައިލެވުނީ އެއީ އޭނާ ނުލާހިކު ލޯބިން ގެންގުޅޭ ގިޓައަކަށް ވީތީއެވެ. ޒެއިންއަށް ހިފިނުހުރެވިގެން ހަލަނިކޮށް އުޅޭތީ އޭނާ އޮންނާނީ އެ ގިޓާގައި އަތްލުން ޒެއިންއަށް މަނާކޮށްފައެވެ.

އޭގެ ދިހަވަރަކަށް މިނެޓު ފަހުން ޒެއިން އައިސް ގޯތިތެރެއަށް ވަން އިރު އަތުގައި ޒިވްޔަންގެ ގިޓާ އޮތެވެ. ޒިވްޔަންގެ އަތަށް ގިޓާ ދީފައި ޒެއިން އިށީނުމުން އެންމެންގެ ނަޒަރު އަނެއްކައި ވެސް ޒިވްޔަންއަށް ހުއްޓުނެވެ.

ގިޓާ ހިފައިގެން ހަމަޖެހިލަމުން ޒިވްޔަން ފުންނޭވާއެއް ދޫކޮށްލިއެވެ. ކިޔާނެ ލަވައަކާ ދޭތެރޭ ވިސްނަމުން ދިޔަ ވަގުތު ހޫރީންގެ އެ ހަނދެއް ފަދަ ރީތި މޫނަށް ހުއްޓުނު ނަޒަރާ އެކީ ޒިވްޔަންގެ ހިތަށް އައީ އެންމެ ލަވައެކެވެ. ހިތްގައިމު ހިނިތުންވުމަކާ އެކީ ޒިވްޔަން ފަރިތަކަމާއެކު ގިޓާގެ ނަރުތަކާ ކުޅެލުމުން އިވިގެން ދިޔަ ލުއިލުއި މިޔުޒިކީ ރާގުން އެކަނިވެސް އެތަނުގައި ތިބި އެންމެންގެ ހިތްތައް ދަމައިގަތެވެ.

ނޭނގޭ ގޮތެއް ވޭ، ބުނަންހޭ އެ އަހާށޭ

ސީދާ ލޯބިވިއްޔޭ، ހަގީގީ ހީކުރާށޭ

ނޭނގޭ ގޮތެއް ވޭ، ބުނަންހޭ އެ އަހާށޭ

ސީދާ ލޯބިވިއްޔޭ، ހަގީގީ ހީކުރާށޭ

ސަމާސާ ކޮށްލީބާއޭ، ދިމާ ވެސް ކޮށްލީބާއޭ

ބުނާތީ ތެދަކީބާއޭ، ރުހޭތޯ ކަލާ

ސަމާސާ ކޮށްލީބާއޭ، ދިމާ ވެސް ކޮށްލީބާއޭ

ބުނާތީ ތެދަކީބާއޭ ރުހޭތޯ ކަލާ

ނަލަނަލަ ގޮމައެކެ، ފަރިފަރި ހިނގުމެކެ، ހެދިހުރި ސޫރަ ދެކޭށޭ

ހިތިފަތު ބުމައެކެ، ތުނިތުނި ހަށިގަނޑު ނިޔަނެތި ޗާލު ދެކޭށޭ

ތިޔަހަރަ ބެލުމާ ދަހިވެތިކުރުމާ ފެނި އަޅުވެތި ނުކުރާށޭ

ތިޔަވަރު މީހަކު ނުދެކެމެ ދުވަހަކު ތެދެކެ މިއީ ހެކިވާށޭ

ސަމާސާ ކޮށްލީބާއޭ، ދިމާ ވެސް ކޮށްލީބާއޭ

ބުނާތީ ތެދަކީބާއޭ ރުހޭތޯ ކަލާ

ފިޔަވަޅު ބަލަމުން ފަހަތުން ގޮވަމުން، ހިނގަމެ މަޢާފު ކުރާށޭ

ނުރުހި ނުދާށެ އަޅެ ރަހުމު ކުރާށޭ ބުނަމެ ގަބޫލުކުރާށޭ

ނަޒަރޭ ކަތިކަތި، ހީލުން ލަދުރަކި ކައިރިން ދާތި ދެކޭށޭ

ރީތި ބޮލެކެ ފަން، މޫނު ނުހަނު ދޮން ލިބިހުރި ހޫރު ދެކޭށޭ

ހުޝާމަތު ކޮށްލީބާއޭ، ސަމާސާ ކޮށްލީބާއޭ

ބުނާތީ ތެދަކީބާއޭ، ރުހޭތޯ ކަލާ

ނޭނގޭ ގޮތެއް ވޭ، ބުނަންހޭ އެ އަހާށޭ

ސީދާ ލޯބިވިއްޔޭ، ހަގީގީ ހީކުރާށޭ، އާ

ސަމާސާ ކޮށްލީބާއޭ، ދިމާ ވެސް ކޮށްލީބާއޭ

ބުނާތީ ތެދަކީބާއޭ، ރުހޭތޯ ކަލާ

ނޭނގޭ ގޮތެއް ވޭ، ބުނަންހޭ އެ އަހާށޭ

ލަވަ ކިޔަމުން ދިޔަ ވަގުތު އެންމެ ފަހަރަކު ވެސް ޒިވްޔަންގެ ތޫނު ނަޒަރު ހޫރީންގެ މޫނުން ކަސިޔާރުވެގެން ނުދެއެވެ. ލަވައިގެ ކޮންމެ ކަޑިއެއް، ކޮންމެ ލަފްޒެއް ކިޔަމުން ދިޔަ އިރު ދެލޮލުގައިވީ އަސަރުތައް ޚާއްސަކުރެވިފައިވީ ކުރިމަތީގައި އިން ހޫރުޕަރީއަށެވެ.

ހޫރީންގެ ހާލަކީތޯއެވެ؟ ޒިވްޔަންގެ އެ ފިރިހެންވަންތަ، އަސަރުގަދަ އަޑުން ކިޔައިލި ލަވައިގެ ކޮންމެ ކަޑިއަކުން އެހިތުގެ އެންމެ ހިމަ ނާރަށް ދާން ދެން އަސަރުކޮށްފިއެވެ. ލަވަ ކިޔައި ނިމެން ދެން އެ އަސަރުގަދަ ދެލޯ ހޫރީންގެ މޫނަށް އަމާޒުވެފަިވީ ގޮތުން ހޫރީންގެ ހިތް ވިރިގެން ދިޔަ ކަހަލައެވެ. ބަނޑުގައި އެތައް ހާސް ކޮކާތަކެއް އެއްފަހަރާ އުދުހޭ ފަދަ އިހުސާސެއް ކުރެވެމުން ދިޔަ އިރު ހޫރީންގެ އަތްފައި ފިނިވެ، ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެއްޖެއެވެ.

ހޫރީން އާއި ޒިވްޔަން އެކަކުއަނެކަކަށް ކަޅިހުއްޓާލައިގެން ތިބި އިރު، އެދެމެދުގައި ބަދަލުކުރެވެމުން ދިޔަ ސިއްރު ނަޒަރު ފަހުމްނުވާ އެކަކު ވެސް އެތަނަކު ނެތެވެ. އެ މަންޒަރު ދެކެން ތިބި އެންމެންގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުޅެލާފައިވީ އިރު އެއްވެސް އެއްޗެކޭ ނުބުނެ ތިބީ އެ ޚާއްސަ ވަގުތުކޮޅަށް ނިމުމެއް ގެންނަން ބޭނުންނުވާތީއެވެ.

ހައެއްކަ މިނެޓަށް ދެމިގެން ދިޔަ އެވަގުތުކޮޅަށް ފަހު ހޫރީންއާއި ޒިވްޔަންއަށް ހަމަބިމަށް އާދެވުނީ ޒެއިން ކަރުކެހިލުމުންނެވެ. ވަގުތުން ނުވާކަމަށް ހަދާފައި ޒިވްޔަން ވެސް ކެއްސައިލަމުން ދުރުބަލައިލި އިރު ހޫރީން ވަގުތުން އިސްދަށަށް ޖެހިއެވެ.

“އަހަންނަށް ހީވަނީ މިދެމީހުން މިތާ ބައިތިއްބާފަ އަހަރެމެން ދާންވީހެން..” ނީރާ ބުނެލުމާއެކު ހޫރީން ވަގުތުން ނީރާއާ ދިމާއަށް ލޯއަޅައިލިއެވެ.

“އޭ ތިކަންތައް އިހަށް ފަހަށް ބަހައްޓާފަ އަނބު ބިނދެވޭތޯ އުޅެންވީނު..” ގަޑިއަށް ބަލައިލަމުން އަމާން ބުނެލީ ގަޑިން ދިހަގަޑި ވިހި ހިނގާފައި ހުރުމުންނެވެ. އެއާއެކު އެންމެން އަވަސްއަރުވާލާފައި ތެދުވުމުން ހޫރީންއަށް ހިތާހިތުން ޙަމްދުކޮށްލެވުނީ އިރުކޮޅަކަށް ނަމަވެސް އެމީހުންގެ ދިމާކުރުންތަކުން ސަލާމަތްވެވުނީތީއެވެ.

އުނދޯލީގައި ގިޓާ ބާއްވައިލާފައި ޒިވްޔަން ވެސް ތެދުވި އިރު އެ ތޫނު ނަޒަރު އަމާޒުވެފައި ވަނީ ހޫރީންގެ ހަނދެއް ހައި ނަޔާ މޫނަށެވެ. އެތައް ވާހަކައެއް ދައްކަމުން އެންމެން އެކުގައި ބޭރަށް ނުކުތް އިރުވެސް ޒިވްޔަންއަށް ހޫރީންގެ މޫނުން ނަޒަރު ވަކިކޮށްލެވޭ ކަމަކަށް ނުވިއެވެ.

ހަތް މީހުން އެކުގައި ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ވަރަށް ފުދޭވަރަކަށް އުސްކޮށް ރާނާފައި ހުރި ފާރެއް ކައިރިޔަށެވެ. ގޯތިތެރޭގައި ހުރި އަނބުގަސް ބޮޑުކަމުން އެ ފާރުމަތިން ވެސް މަގުމައްޗަށް އޮފިތައް އެލިފައި ހުއްޓެވެ. ދޮންއަނބު އަޅާ ބަރާވެފައި އޮތް ގޮތުން އެންމެ އަސަރު ކުރީ ހޫރީންއަށެވެ.

“އުޅޭ ފާރުމަތިން އަރަން..” ޒޯޔާ ބުނެލީ ހޫރީން ގާތުގައެވެ.

“ތެދެއް ރީންއަށް އެންމެ ފަސޭހައިން އެރޭނީ.. އެނގޭތަ މީ އަބަދު ގަހަށާ ފުރާޅަށާ ފާރަށާ އުސް ތަނަކަށް ވެއްޖެއްޔާ އަރަން އެއްވަނަ.. އެއް ފަހަރު ވެއްޓިގެން ފައި ވެސް ބިންދައިގެން ދިޔަ.. އެކަމަކު ހުއްޓުމެއް ނޯންނާނެ..” އަމާން ހީހީފައި ޒިވްޔަންއަށް އެވާހަކަތައް ކިޔައިދެމުން ދިޔުމުން ހޫރީން ތުންދަމައިލިއެވެ.

“މީ ދޯ މި ގްރޫޕްގެ އެންމެ ހަލަނި އެހެންވީމަ.. ފިރިހެންކުއްޖަކަށް ދޫނުކުރޭނު..” ޒިވްޔަން ދިމާކޮށްލުމުން ހޫރީން އިތުރަށް މޫނު ކުނިކޮޮށްލިއެވެ.

“ދެން ވެސް އަހަންނާ ދިމާކުރުން ހުއްޓާލާފަ އަނބެއް ބިނދެވޭތޯ އުޅެންވީނު ދޯ..؟” ހޫރީން ކުސްތަޅައިލަމުން ބުނެލި ގޮތުން އެންމެންނަށް ޖެހުނީ ހިނިގަނޑު މަތަކޮށްލާށެވެ.

ދެފަހަރަކު ފާރުމައްޗަށް އެރޭތޯ ހޫރީން ފުންމައިލި ނަމަވެސް، އަތް ނުފޯރާތީ ފާރުގައި އަތް އެޅުވޭގޮތެއް ނުވިއެވެ. ހައެއްކަ ފަހަރު މަސައްކަތް ކޮށްގެން ވެސް ކާމިޔާބު ނުވުމުން ހޫރީން ރުޅިއައިސްފައި ހުރެ އަރިކަށީގައި އަތްވިއްދައިލިއެވެ.

“އަހަރެން އުރައިލަދެންތަ..؟” ޒިވްޔަންގެ އަޑު ޖެހުމާ އެކީ ހޫރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒިވްޔަންއާ ދިމާއަށް ބަލައިލި އިރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމުން ހޫރީން އިތުރަށް ލަދުގަންނަ ގޮތް ވިއެވެ. ހޫރީންއަށް ވީ ވަރު ފެނުމުން ދެން ތިބި އެންމެން ވެސް އަނގަމަތީގައި އަތް އަޅައިގެން ހޭން ފެށި ނަމަވެސް ޒިވްޔަންއަށް ކަމެއް ވީހެން ވެސް ހީނުވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Alyaa

    Niice. will he really pick her up 😲

    1. Nayaa
      Alyaa

      hehehe we’ll have to wait and see dhoo

  2. White rose

    Mi zivyan laadha laanethey 🤣
    Mi bai ves vrh salhi ingey 🤩
    Impatiently waiting for the next 😄
    Lysm 🫶🏻

    1. Nayaa
      White rose

      thankyouu loabi💕💕
      lym 💕

  3. 🌷🌷 Gurrly currly 🌷🌷

    Wowwwww…
    “Aharen uraala dhen tha” i vx blush vehje ethan kolhu kiyaalaafa 🤣🤣🤣😳
    Hama speechless 😶
    When next?
    U are sooo talented maasha allah 🥰👌

    1. Nayaa
      🌷🌷 Gurrly currly 🌷🌷

      ahahahaha ehenveeru dhen kuriyah hunna baithah ladhun gos nuves kiyeynr kanneynge 😉
      next on monday in sha allah!
      thankyouu 💕

  4. QUEEN-BEE

    gurlllllllllllllllll vrh reeethi
    i love hooreen and zavian love story
    i honesty hope that there parents will gonna agree
    to there marriage
    love u so so soo much i can’t wait to reaad the next part

    1. Nayaa
      QUEEN-BEE

      thankyouu 💕💕
      loveumoreeee💕💕

  5. Rana

    Alhe haadha cute ey I need the next part like yesterday😭

    1. Nayaa
      Rana

      thankyouu 💕

  6. Shiu

    Mi part vx varah Reethi Masha Allah 🤩
    OH MY GOD. THIS IS SOOOOOO GOOOD NAYAA 😩 Hooryn and Zivyan is sooo loabi ❤️ And that Lava I can Imagine Zivyan singing that…🤭 Is that Hareera dhatha ge ge? 😂 Alheyy Zivyan dhn eyna uraalaa dhw, mihaaru hama rangalhah vx dheevaanaa vefa thihury 🤭😉 Once again Love the way you described it, Masha Allah 🤩💕
    When Next? Can’t wait 😩😩
    Lysm 💕

    1. Nayaa
      Shiu

      thankyouu shiu 💕💕
      ehehe yess the first song he sang for her dho and that’s hama their song 🥹
      next part on monday in sha allah, as ive said in my Instagram group chat💕
      lym💕💕

  7. 🥀

    Miohgen ladhun virenee mihaaru 😳😳 Plzzz uraalaba
    Zivyan and Hooreen soo cutee😍😍
    Alheyy I hope Zivyan ge Dad OK vaane kamah
    Nuvejjiyaa I’m gonna cryy😭😭
    Mi part vs vrh reethi MA!!
    Can’t wait!!
    Whn nxt??
    Lots of luvv 💗💗

    1. Nayaa
      🥀

      aww my readers are so shy alheyy😭😭
      probably bc i don’t really write romantic intimate scenes ehaa ginain dho, but this story is definitely gonna be different ingey 😉 ehenveema jeheynee ladhu eh faraaiy kohlan
      thankyouu 💕
      next part on Monday. I’ve said said I’ll be uploading on Monday and Thursday each week in my group chat.
      love youuu💕💕

  8. 🥀

    Well I don’t use Instagram soo… Not in the chat😞😞

    1. Nayaa
      🥀

      awwh alhey ☹️

      don’t worry you can always keep it touch through the comments okay🩷

Comments are closed.