
ރުހޭތޯ ކަލާ – 2

ހޫރީން ގެއަށް ވަން އިރު މަޣްރިބު ނަމާދަށް ގޮވަން ބާކީ ހުރީ ފަނަރަވަރަކަށް މިނެޓެވެ. އޭރު މިސްކިތަށް ދާން ތައްޔާރުވެގެން ހޫރީންގެ ބައްޕަ ރިޔާޒް އިން އިރު، މަންމަ ހަނާން ފެންވަރައިގެން ނުކުންނަނީއެވެ.
“ދަރިފުޅާ.. އަވަހަށް ދޭ ބަންގި ގޮވަން ވާ އިރަށް ފެންވަރާލައިގެން ނުކުންނަން..” ހަނާން ބުނެލުމާ އެކީ ހޫރީން އަވަސްއަވަހަށް ބޯޖަހައިލަމުން ގިފިއްޔަށް ވަނީ ނަމާދުކުރުމުގެ ކުރިން ފެންވަރާ، ތާޒާވެލާށެވެ.
ބަންގި ދިނުމުގެ ކުރިން ފެންވަރާ ތާޒާވެލައިގެން ހޫރީންއަށް ނުކުމެވުނީ ކިރިޔާއެވެ. އޭރު ކޮޓަރީގައި ނަމާދަށް ތައްޔާރުވެގެން ހަނާން ހުރުމުން ހޫރީން އަތްމަތި އަވަސްކޮށްލިއެވެ. ހަނާންގެ ގާތުގައި މުސައްލަ ފަތުރައިލަމުން ދޮޅި އަޅާފައި ހޫރީން ނަމާދަށް ތައްޔާރުވިއެވެ. ދެމައިން އެކުގައި މަޣްރިބު ނަމާދު ކޮށްލުމަށްފަހު ޚަތިމް ހިފައިގެން ނުކުމެ ފެންޑާގައި ހުރި އުނދޯލީގައި އިށީންދެލައިގެން ޤުރުއާން ކިޔަވަން ފެށީ ހޫރީންއަށް އެންމެ ފުރަތަމަ ދުވަހުއްސުރެ ވެސް އާދަކޮށްދީފައިވާ ގޮތަށެވެ.
ނަމާދުން އަވަދިވެގެން ރިޔާޒް ގެއަށް އައީ އެވަގުތެވެ. އުނދޯލީގައި ޤުރުއާން ކިޔަވަން ތިބި ދެމައިން ފެނިފައި ރިޔާޒްގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. ލަސް ހިނގުމެއްގައި ގޮސް އުނދޯލީގައި ދެން ހުރި ހުސް ތަންކޮޅުގައި ރިޔާޒް އިށީނުމުން ހޫރީން ޚަތިމް ލައްޕައިލާފައި ރިޔާޒްއަށް ބަލައިލިއެވެ.
“ބައްޕަ މިހާރު ފައި ރަނގަޅުތަ..؟” ހޫރީން އަހައިލީ މި ދެތިން ދުވަހު ރިޔާޒް ފައިގައި ރިއްސާ ވާހަކަ ބުނީމައެވެ.
“ބައްޕަގެ ދަރިފުޅު ތެޔޮ ދަމަން މޮޅުކަން މިހާރު އެކަން އިރާދަކުރެއްވީތީ ރަނގަޅުވެއްޖެ..” ހޫރީންގެ ބޮލުގައި ފިރުމައިލަމުން ރިޔާޒް ބުނެލުމާއެކު ހޫރީން ލުއި ހިނިތުންވުމަކާއެކު ރިޔާޒްގެ ކޮނޑުގައި ބޯއަޅައިލިއެވެ. އެމަންޒަރު ބަލަން އިން ހަނާންގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމުން އެކަނި ވެސް އެ އާއިލާގެ މެދުގައި އޮތް ވަރުގަދަ، ލޯބިވެތި ގުޅުން ހާމަވެގެން ދިޔައެވެ.
ހޫރީން އަކީ ރިޔާޒާއި ހަނާންގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ހޫރީން ވިހެއުމަށް ފަހު ހަނާނަށް އިތުރު ކުއްޖަކު ނުލިބޭނެކަން އެނގުމުން އެދެމަފިރިން ހޫރީން ބަލައިބޮޑުކުރީ ނުހަނު ލޯބިންނެވެ. މާ ފޯރުންތެރި ބަޔަކަށް ނުވި ނަމަވެސް، ގުރޭޑު ދިހައެއް ނިމެން ދެން އެދެމަފިރިން ރަށު ސްކޫލުން ހޫރީންއަށް ކިޔަވައިދިނެވެ.
އޯލެވެލް ނިންމައިލުމަށް ފަހު ހޫރީން އޮންލައިންކޮށް އެކައުންޓިންގ އަދި ފައިނޭންސް ކޯހެއް ހެދީ، މަންމަމެންގެ މާލީ ފެންވަރުން، ރަށުގައި ހުރެގެން ކިޔަވަން ބޭނުންވީތީއެވެ. އޭނާގެ މަންމައާއި އެކުގައި އެކިއެކި މަސައްކަތްތަކުގައި ޝާމިލްވެ އުޅުނީ އިތުރަށް އޭނާއަށް ކިޔަވައިދެވޭނޭ ފެންވަރު މަންމަމެންގެ ކިބައިގައި ނެތްކަން އެނގޭތީއެވެ. އެހެނަސް އެކަމާ އޭނާގެ އެއްވެސް ޝަކުވާއެއް އަދި ހިތްބުރަ ކަމެއް ވެސް ނެތެވެ. ގިނަ ލާރިތަކެއް ނެތަސް، އިތުރަށް ތަޢުލީމު ހާސިލްކުރެވޭނޭ ގޮތެއް ނެތް ނަމަވެސް، އަދި މަތީ ވަޒީފާއެއް އަދާކުރެވޭނެ މަގެއް ނެތް ނަމަވެސް، މި އާދައިގެ ދިރިއުޅުން އޭނާއަށް ފުދެއެވެ. މަސްވެރިކަމާއި، ވަޑާން ކޮށްގެން ބައްޕައަށް ލިބޭ އެއްޗަކުންނާއި، ފަންގިވިނުމާއި، ރޯނުވެށުމާއި، ހެދިކާ ވިއްކުމުގެ މަސައްކަތުން މަންމައަށް ލިބޭ އެއްޗަކުން މާ ރަނގަޅަށް ވެސް ގޭތެރޭގެ ޚަރަދުބަރަދު ހަމަޖެއްސެއެވެ. އޭގެ އިތުރުން ރަށު ފިހާރައެއްގައި މަސައްކަތް ކޮށްގެން އޭނާއަށް ލިބޭ އާމްދަނީ ފަހަށް ރައްކާކުރެވޭތީ ހޫރީން ނުހަނު ހިތްހަމަޖެހެއެވެ. އިތުރަށް ދެން ކީއްކުރާ ފައިސާއެއް ހެއްޔެވެ؟ މިޔަށް ވުރެ ‘ރަނގަޅު’ ދިރިއުޅުމެއް ހޯދާށޭ ކިޔާފައި މި މިނިވަން ޖައްވު ދޫކޮށްލާފައި، ކާރޫބާރޫ ބޮޑު މާލެއަށް ދިޔުމަކީ އޭނާ ހުވަފެނުގައި ވެސް ކުރާނޭ ކަމެއް ނޫނެވެ.
*** ** ***
ރޭގަނޑުގެ ކެއުން ޒިވްޔަން އާއި ޒެއިން ނިންމައިލީ އައިދިންއާ އެކުގައެވެ. އެމީހުން ތިބޭ ގެސްޓްހައުސްގެ ކުރިމަތީގައި ހުންނަ ކެފޭއަކުން ރޭގަނޑުގެ ކެއުން ނިންމައިލި ގޮތަށް ޒިވްޔަން ބޭނުންވީ އަރާމުކޮށްލާށެވެ. އެހެނަސް މިފަހަރު ވެސް ޒެއިން އެގޮތަށް ކަންތައް ވިޔަކަ ނުދިނެވެ. ޒެއިން ކިޔާކިޔާ ކުރުނުކޮށްގެން އެންމެ ފަހުން ޒިވްޔަން ޖެހުނީ ޒެއިން ގޮވައިގެން ރަށުގެ ތުނޑިމައްޗަށް ދާށެވެ. އެދެމީހުންނަށް ރަށުތެރެ ދައްކައިލަން ނުހަނު ޝައުގުވެރިވެފައި ހުރެ އައިދިން ވެސް ދެމީހުން ގޮވައިގެން ހިނގައިގަތެވެ.
މަހުގެ ސާދަވިލޭރޭގެ ބުރުހަމަ ހަނދު ނުހަނު ބޮޑަށް ހިނިތުންވެލައިގެން އުޑުގައި ބަބުޅަމުން ދިޔައީ ޝާހީކަމާއެކީއެވެ. ހަނދުވަރުގެ ރިހި އަލިން ހޭޅިފަށުގައި ހުރި މަގޫގަސްތަކާއި ކުރެދިގަސްތައް ފެންވަރަމުން ދިޔަ އިރު، އަނދިރިކޮށް ފެންނަމުން ދިޔަ މޫދު ލޮނުގަނޑު ވެސް ދިޔައީ އެ އަލިން ޖަރީވަމުންނެވެ. ވަށައިގެންވީ ބޯކިރުފޮދެއްހައި ހުދު ދޮންވެލިގަނޑުގެ ނަލަކަން ވެސް ދިިޔައީ ގަސްގަހުގެ ފަތްތަކުގެ ދޭތެރެއިން އެޅެމުން ދިޔަ ކޮކާހަނދުވަރުން އިތުރަށް ފުރިހަމަކުރުވަމުންނެވެ.
“ވާއު..” ތުނޑިއަށް ނުކުތް ގޮތަށް ހަނދަށް ނަޒަރު ހުއްޓާލައިގެން ހުރެ ޒެއިންއަށް ބުނެވުނީ އާޝޯޚުވެފައެވެ. ނަވާރަ އަހަރުވީ އިރު ޙަޔާތުގައި މިވަރުގެ ކަމެއް އޭނާ އަދި ނުދެއެކެވެ. ވަށައިގެންވީ މާހައުލަށް ކަޅި އެއްލަމުން ޒެއިން ދިޔައީ އާވާރާއެއް ފަދައިންނެވެ.
ކައިރީގައި ހުރި ޒިވްޔަންއަށް ވެސް މިފަހަރުވީ އެވަރެވެ. އުޑުން ފެށިގެން ބިމަށް އެތައް ފަހަރަކު ނަޒަރު ބަދަލުވަމުން ދިޔައީ އެ މަންޒަރުގެ ފުރިހަމަކަމުންނެވެ. މިއީ މީގެ ކުރިން މާލެއިން ނުވަތަ ބޭރު ޤައުމުތަކުން ފެންނަ މަންޒަރުތަކާ މުޅީން ތަފާތު މަންޒަރެކެވެ. މީގެ ކުރިން ރަށްރަށަށް އަންނަން ކިތަންމެ ފޫހިވާކަން ދެއްކިޔަސް، މިރަށުން އެންމެ ދުވަހަކު ފެނުނު މަންޒަރުތަކުން ވެސް ޒިވްޔަންގެ ހިތާ ސިކުނޑިއާ ކުޅެލައިފިކަން ޔަގީނެވެ.
“ދެމީހުން ހީވަނީ އަލަށް ހަނދު ފެނިގެން އުޅޭހެން..” ލުއި ހުނުމަކާ އެކީ އައިދިން ބުނެލީ ޒިވްޔަންއާއި ޒެއިންއަށް ވެފައި ތިބި ގޮތުންނެވެ. މި މަންޒަރުތަކަކީ އައިދިންއަށް ފެނިފެނި ބާވެފައި ހުއްޓަސް، ޒިވްޔަންމެންނަށް ނުހަނު އައު ކަންތައްތަކެއްކަން އޭނާއަށް އެނގެއެވެ.
“އެހެން ނޫނަސް ހަނދު ފެނޭ.. އެކަމަކު މިހައި ރީތި ހަނދުވަރެއް ނުދެކެން..” ޒެއިން ބުނެލީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. އެއްޗެކޭ ނުބުނެ ޒިވްޔަން ހުރި ނަމަވެސް އެހިތުތެރޭގައި ވެސް ވީ ހަމަ އެ ޝުޢޫރުތަކެވެ.
“ދެން ބޭނުމެއް ނޫން މިރަށުން ދާކަށް!” ދެލޯ މަރައިލާފައި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޒެއިން ބުނެލީ ހިތުގެ އަޑިންނެވެ.
“އެހެންވީރު އަވަހަށް މިރަށުން ކުއްޖަކު ހޯދައިގެން އިންނަން އުޅޭ!” އައިދިން ސަމާސާކޮށްލިއެވެ.
“އޭރުން ޑޭޑް ފެންނާނީ އަހަރެން ކައިލި ތަނެއްނު..” ޒެއިންގެ އަޑުގައި ސަމާސާ ގޮތްގަނޑެއް ހުއްޓަސް، އޭނާގެ ވާހަކައިގައި އެކުލެވިގެން ދިޔައީ ސީރިޔަސްކަމެވެ. އެކަމާ އައިދިން ސުވާލު ނުކުރީ ޒެއިންގެ ބައްޕައަކީ ކޮން ފެންވަރެއްގެ ކިހައި ވަރެއްގެ މީހެއްކަން އެނގޭތީއެވެ. ޒަހުރާން އާދަމް ފަދަ މުއްސަނދި، ނުފޫޒު ގަދަ މީހެއްގެ ފިރިހެން ދަރިޔަކު ރާއްޖެތެރޭގެ އާދައިގެ އަންހެންކުއްޖަކާ ގުޅުމަށް އެއްބަސް ނުވާނޭކަން ރަނގަޅަށް އެނގޭތީއެވެ.
ޒިވްޔަންއަށް ފޯނެއް އަންނަން ފެށީ އެވަގުތެވެ. މިވަގުތު މަސައްކަތުގެ އެއްވެސް ކަމަކާ އުޅޭ ހިތް ނުވެފައި ހުރި ނަމަވެސް ޒިވްޔަން ފޯނަށް ޖަވާބު ދިނީ ބައްޕަގެ ފޯނަކަށް ވާތީއެވެ. އިތުރު އެއްޗެއް ބުނުމެއް ނެތި ޒިވްޔަން ފޯނު ކަންފަތުގައި ޖަހަމުން ހިނގައިގަތީ ހޭޅިފަށުގައި ހެދިފައި ހުރި މަގޫގަސްތަކާ ދިމާއަށެވެ.
“އެ ދިޔައީ ޑޭޑް ގުޅައިގެން..” ޒެއިން ބުނެލީ ފޫހިވެފައިވާ ރާގަކަށެވެ. ބައްޕަ ބުނެފި ނަމަ ކިތަންމެ މުހިއްމު ވަގުތެއް ވެސް ޒިވްޔަން ބައްޕައަށް ޓަކައި ހުސްކުރާނެކަން އޭނާއަށް އެނގެއެވެ. މައްސަލައަކީ ޒިވްޔަންގެ އެ ކިޔަމަންތެރިކަން ބައްޕަ ބޭނުންކުރާ ގޮތެވެ. ބައްޕަގެ ވިޔަފާރިއަށް ޓަކައި ޒިވްޔަންގެ ޒުވާން އުމުރު ހުސްކުރަމުން ދާ އިރު، ޒިވްޔަންގެ ދިރިއުޅުމުގެ އެއްވެސް އިޚުތިޔާރެއް ޒިވްޔަންއަށް ނޯންނާތީއެވެ. އެހެނަސް އެއްޗެއް ނުބުނެ އޭނާ ހުންނަނީ ގޭތެރޭގައި އޭނާ ބުނާ އެއްޗެއްގައި އެއްވެސް ބުރަދަނެއް ނުހުންނާނެކަން އެނގޭތީއެވެ.
“ލައްބަ ޑޭޑް.. އަޅުގަނޑު ދިޔައިން މިއަދު ބިން ބަލައިލަން.. ވަރަށް ސަޅި.. ބޮޑު ސަރަހައްދެއް އެއީ.. އެކަމަކު އެތާ ހުރި ގަސްތައް ކަނޑާ، ތަން ސާފުކުރަން ދުވަސްކޮޅެއް ނަގާނެ..” ބައްޕައާ ވާހަކަދައްކަމުން ޒިވްޔަން ކިޔައިދެމުން ދިޔައެވެ.
“އެހެންވީމަ ވީހައި ވެސް އަވަހަކަށް ކޮންޓްރެކްޓްގަ ސޮއިކޮށްފަ މަސައްކަތް ފަށާ އިނގޭ..” ޒަހުރާން ބުނެލުމާއެކީ ޒިވްޔަން ވަގުތުން ލައްބައޭ ބުނެލިއެވެ. ވިޔަފާރީގެ ވާހަކަ ދެއްކުމަށް ފަހު ޒަހުރާން ފޯނު ކަނޑައިލީ ޒިވްޔަން ނުވަތަ ޒެއިންގެ ޙާލު ވެސް އަހައިލުމެއް ނެތިއެވެ. އެހެނަސް އެކަމާ ޝަކުވާކުރާ ވަރަށް ވުރެ ބޮޑަށް ޒިވްޔަން މިހާރު އެކަމަށް އާދަވެއްޖެއެވެ.
ފޯނު ޖީބަށް ލުމަށް ފަހު އެނބުރި ދިޔުމަށް ހިނގައިގަންނަން އުޅުނު ޒިވްޔަންގެ ފިޔަވަޅުތައް ހުއްޓުނީ ކައިރީގައި ހުރި މަގޫ ގަސްތައް ހެލެން ފެށުމުންނެވެ. ދެލޯ ކުޑަކޮށްލަމުން ޒިވްޔަންއަށް އެދިމާއަށް ބަލައިލެވުނީ ހިސާބަކަށް ބިތުން ހުރެއެވެ. ސާދަފަނަރަ ވިލޭރޭތަކުގައި މިކަހަލަ ގަސްބޯ ހިސާބުތަކުން ޖިންނި އަވަލާ ވާހަކަ އޭނާއަށް ވަނީ އެތައް ފަހަރަކު އަޑުއިވިފައެވެ. އެކަހަލަ ވާހަކަ ގަބޫލު ނުކުރި ނަމަވެސް، ވަގުތާއި ތަނުގެ ގޮތުން ދިމާވާ ކަންތައްތަކުގެ ސަބަބުން ހިތުގައި ބިރުވެރިކަން އުފެދޭ ގޮތް ވޭތާއެވެ.
*** ** ***
ޢިޝާނަމާދުން އަވަދިވެގެން ރޭގަނޑުގެ ކެއުން ނިންމައިލި ގޮތަށް ހޫރީން ބޭރަށް ނުކުތީ މިރޭގެ ހަނދުވަރު ރީތިކަމުންނެވެ. ޒޯޔާއަށާ ނީރާއަށް ގުޅައިގެން އެދެކުދިން ގެނެސްގެން ހޫރީން ބޭނުންވީ ތުނޑިމައްޗަށް ނުކުންނާށެވެ. ނަވާފްއާއި އަމާން މިރޭ އިންޖީނުގޭގައި ޑިޔުޓީގައި އުޅޭތީ ތިން އަންހެން ކުދީން ނުކުތީ އެކަންޏެވެ.
ރަށުގައި އުޅެބޮޑުވީތީ ރޭގަނޑު ގަޑީގައި ވެސް ގަސްތަކުގެ ތެރެއަށް ވަދެ އުޅޭކަށް އެކުދީން ބިރެއް ނުގަނެއެވެ. އެތައް ފަހަރަކު ކޮށްކޮށް އާދަވެފައި ވީތީ މިރޭ ވެސް އިތުރު ވިސްނުމަކަށް ނުގޮސް ތިން ކުދީން ހޭޅިފަށުގައި ހެދިފައި ހުރި ގަސްތަކުގެ ތެރެއިން ލާފައި ތުނޑިމައްޗަށް ނުކުންނަން ދިޔައެވެ.
ވަކި ހިސާބަކުން ނީރާއަށް ބިރުދައްކައިލަން ވެގެން ޒޯޔާއާއި ހޫރީންގެ މެދުގައި ބަދަލުކުރެވުނު ނަޒަރުން އެތައް ކަންތައްތަކެއް ރާވައިލެވުނެވެ. އިރުކޮޅެއް ނުވެ ފެނުނީ ހޫރީން ހަޅޭއްލަވައިގަނެފައި ޒޯޔާގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރެއިން ދުއްވައިގަތް ތަނެވެ. ލިބުނު ސިހުމާ އެކީ ހަޅޭއްލަވަމުން ނީރާ ވެސް އެދެކުދިން ފަހަތުން ދުވަން ފެށިއެވެ.
*** ** ***
ލަސް ފިޔަވަޅުތަކެއްގައި ޒިވްޔަން ގޮސް އޭނާގެ އިސްކޮޅަށް ވުރެ މައްޗަށް ހެދިފައި ހުރި ކުރެދި ގަސްތަކުގެ ކައިރީގައި ހުއްޓުނެވެ. ހިންދިރުވައިލަމުން އޭނާ ހިއްލައިލި އަތުގައި ކުއްލިއަކަށް އެހެން އަތަކުން ހިފައިލުމުން ޒިވްޔަންގެ ދެލޯ ބޮޑުވިއެވެ. ލިބުނު ސިހުމުގައި ހަޅޭއްލަވައިގަންނަމުން ފަހަތަށް އަޅައިލި ފިޔަވަޅާއެކު ގަސްގަނޑުގެ ދޭތެރެއިން ފުރޭނިގަނެގެން ނުކުތް އަންހެންކުއްޖާގެ ހަޅޭކުގެ އަޑު ވެސް އިވުނެވެ.
ދުވެފައި ގޮސް ގަސްގަނޑުގެ ތެރެއިން ނުކުންނަން އުޅުނު ވަގުތު ހޫރީންގެ ފައި މޫގަނޑެއްގައި އަޅައިގަނެގެން ވެއްޓެން ދިޔައެވެ. ލިބުނު ސިހުމުގައި ކުރިމަތީގައި ހުރި މީހާގެ އަތުގައި ހިފައިގަނެވުނީ ވެއްޓިދާނެތީއެވެ. އެހެނަސް ހޫރީންއަށް ވުރެ ބާރަށް އެ ފިރިހެން ކުއްޖާ ހަޅޭއްލަވައިގަންނަމުން ފަހަތަށް އަޅައިލި ފިޔަވަޅާ އެކީ ދޮންވެލިގަނޑު މައްޗަށް ވެއްޓުނީ ދެމީހުން އެކީއެވެ.
މަޑުމަޑު ވެލިގަނޑުގެެ މައްޗަށް ވެއްޓުމާ އެކީ ޒިވްޔަންއަށް އިރުކޮޅަކު ލޯމަރާލައިގެން އޮވެވުނެވެ. އިރުކޮޅެއް ވާން ދެން އެހެން އޮވެފައި ޒިވްޔަން ދެލޯ ހުޅުވައިލި ވަގުތު ފުރަތަމަ ވެސް ފެނުނީ ގައިމަތީގައި އޮތް އަންހެން ކުއްޖާއެވެ. ބޮޑުކޮށްލެވުނު ދެލޮލުން އެ މޫނަށް ބަލައިލެވުނީ ޒިވްޔަންގެ މޭމަތިން އެ މޫނު ނެގުމުންނެވެ. އެއާއެކު ދިގު އެސްފިޔަތަކުގެ ތެރެއިން ފެނުނު މުށިކުލައިގެ ދެލޮލުގެ ސިހުރުގައި ޒިވްޔަންގެ ހިތް ގައިދުވީ ފަދައެވެ. ދޫ ބަންދުވެ، ހިއްސުތައް މަޑުޖެހުނުހެން ހީވި އިރު އެ ފުރިހަމަ ދެލޮލަށް ބަލަހައްޓައިގެން ޒިވްޔަންއަށް އޮވެވުނެވެ.
ލަސްލަހުން މޫނު އުފުލައިލަމުން ހޫރީންއަށް ތިރީގައި އޮތް ޒުވާނާއަށް ބަލައިލެވުނެވެ. ކަޅުކަން ގަދަވީ ކަޅިން ދެމުން ދިޔަ ތޫނު ނަޒަރާ އެކީ ހޫރީންގެ ހިތުގެ ހިނގުން ވެސް އިރުކޮޅަކަށް ހުއްޓިގެން ދިޔަ ފަދައެވެ. އުޑުގައި ބަބުޅަމުން ދިޔަ ހަނދުގެ ރިހި އަލިކަން އެ ކަޅުކަން ގަދަ ދެލޮލަށް އެޅިފައިވީ ގޮތުން ހޫރީންގެ ހިތް ފިދާވާހައިވިއެވެ.
ޒިވްޔަންގެ ހަޅޭކުގެ އަޑަށް އެދިމާއަށް އައި ޒެއިން އަދި އައިދިންއަށް އެ މަންޒަރު ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ގަސްތަކުގެ ތެރެއިން ނުކުމެގެން އައި ޒޯޔާ އާއި ނީރާއަށް ވެސް އަނގަމަތީގައި އަތް އަޅައިލެވުނީ ދެމީހުން ތިބި ގޮތް ފެނިފައެވެ.
އިރުކޮޅެއް ވާން ދެން ދެލޯ ބޮޑުކޮށްލައިގެން ހުރި ޒެއިންގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުޅެލީ ކުއްލިއަކަށެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ވަގުތުން އެ މަންޒަރުގެ ފޮޓޮއެއް ނަގައިލީ ފަހުން ޒިވްޔަންއާ ދިމާކުރުމުގެ ބޭނުމުގައެވެ.
މޫނަށް އެޅިގެން ދިޔަ ކެމެރާގެ ފްލޭޝްއިން ޒިވްޔަން އާއި ހޫރީން ސިއްސައިގެން ދިޔައީ ކުއްލިއަކަށެވެ. ޚިޔާލީ ދުނިޔެއިން ނުކުމެވި، ތިބެވުނު ގޮތް ރޭކައިލުމުން ދެމީހުންގެ ދެލޯ ވެސް ބޮޑުވީ ކުއްލިއަކަށެވެ. ހޫރީން އަވަސްއަވަހަށް ޒިވްޔަންގެ ގައިމަތިން ތެދުވުމުން ޒިވްޔަން ވެސް ތެދުވެލާފައި ގައިން ވެލި ފޮޅައިލިއެވެ.
“ވާއު.. ދޮންބެ މިހާރު ޝާހްރުކްއަށް ދޫނުކުުރޭ ދޯ..؟ ކޮން ފިލްމެއްގެ ތަންކޮޅެއްތަ އެއީ..؟” ލާނެތްވެލާފައި ޒެއިން ދިމާކުރަން ފެށުމުން ޒިވްޔަން ޒެއިންއަށް ލޯއަޅައިލި ނަމަވެސް ޒެއިންއަށް ކަހައިރުވަކެކޭ ވެސް ހީނުވިއެވެ. އޭރު ޒޯޔާ އާއި ނީރާ ވެސް އަނގަމަތީގައި އަތް އަޅައިގެން ތިބެ ހޭތަން ފެނުމުން ހޫރީންގެ ރުޅިއައިސް ރަތްވެފައިވީ ނަޒަރު އެދެމީހުންނަށް އަމާޒުވިއެވެ. ޒިވްޔަން އާއި ހޫރީންގެ ނަޒަރު ދިމާވީ ދެނެވެ.
“ޔޫ އެގެއިން!” ކުރިމަތީގައި ހުރީ ކާކުކަން އެނގުމުން ޒިވްޔަންއާއި ހޫރީންއަށް ބުނެވުނީ އެކުއެކީއެވެ.
“އަހަރެން މިރަށަށް އައި ފަހުން ފާރަލަމުންތަ ތި ދުވަނީ..؟ ދާހައި ތާކުން ތިކުއްޖާގެ އުނދަގޫ ޖެހެޔޭ އެބަ..” ކަޅުކަން ގަދަ، ވަރުގަދަ ދެބުމަ ގޮށްޖަހައިލަމުން ޒިވްޔަން ބުނެލިއެވެ.
“އޯހ ހެލޯ! އަހަރެން ނޫޅެމޭ މޮޔަވެގެން ބީރަށްޓެއްސަކު ރަށަށް އަރާ އިރަށް ފަސްފަހަތް ބަލަމުން ދުވާކަށް! މީ އަހަރެންގެ ރަށޭ! އަހަރެން ބޭނުން ގަޑިޔަކު ބޭނުން ތަނަކަށް ދާނީ!” ޒިވްޔަންގެ ވާހަކަތަކުން ރުޅިއައިސް ރަތްވެފައި ހުރެ ހޫރީން ވެސް އެތިވަރު ގޮވައިގަތެވެ. ހޫރީންގެ ބަސްމަގު ހުރި ގޮތުން ޒިވްޔަންގެ ހިތުގައި އުފެދުނީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ.
“އޭރު ވެސް އަހަންނަށް އެނގޭ މި ރާއްޖެތެރޭ އަންހެން ކުދިންނަކީ އެއްވެސް އަދަބެއް ނެތް، ގޮތެއް ފޮތެއް ނެތް ބައެއްކަން..” ރުޅިއައިސްފައި ހުރި ވަރުން ޒިވްޔަންގެ ދުލުން އެ ލަފްޒުތައް ބޭރުވުމާ އެކީ ހިނިއައިސްފައި ތިބި ޒޯޔާ އާއި ނީރާގެ މޫނުމަތި ވެސް ބަނަވިއެވެ. އިރުކޮޅަކު ބަސް ހުއްޓިފައި ހޫރީން ޒިވްޔަންއަށް ބަލަހައްޓައިގެން ހުރި ނަމަވެސް، ދެވަނަ ސިކުންތުގައި ފެނުނީ ރުޅިވެރިކަމާއި އެކު ދަތްކުނޑި ވިކައިލި ތަނެވެ.
“ބުނަން ވާހަކައެއް..؟ އަދަބު ނެތުމާ، ގޮތެއް ނެތުމުގެ އަހަރެމެން މާނަކުރާ ގޮތާ ތިކަހަލަ މާލޭ މީހުން މާނަކުރާ ގޮތް ތަފާތުވެދާނެ.. ރަނގަޅު.. އަހަރެމެންނަކީ ތަފާތު ދެ ދުނިޔެއެއްގަ އުޅޭ ބައެއް.. އަހަރެމެންގެ ދިރިއުޅުން އުޑާ ބިމާހައި ތަފާތުވާނެ.. ތިއީ މަގުބޫލުކަމާއި، ފައިސާއާއި ނުފޫޒުގެ ވެރީން.. އަހަރެމެންނަކީ އާދައިގެ ނިކަމެތީން.. އެކަމަކު އަހަރެމެން ވެސް ބޮޑުވީ އެންމެ ފުރިހަމަ ތަރުބިއްޔަތެއް ލިބިގެން.. ރަނގަޅަށް ދީން އުނގެނިގެން.. ހަލާލު ގޮތުގައި ފައިސާ ހޯދަން ދަސްކޮށްގެން.. އަބަދު ކޯޓުފަޓުލޫނު ލައިގެން ބޮޑެތި އިމާރާތްތަކުގެ ތެރޭގައި ނޫޅުނަސް އަހަރެމެންގެ ވެސް އަގަކާ އިއްޒަތެއް އޮންނާނެ.. ތިމާ އަކީ މާލޭ މީހަކަށް ވާތީ ރާއްޖެތެރޭގެ އާދައިގެ ނިކަމެތި ކުއްޖަކު ދަށްކޮށްލުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް.. އެހެންވީމަ މިތާ ގޮތެއް ފޮތެއް ނެތީ އަސްލު ކާކުބާ..؟” ބުނަން ބޭނުންވީ ހުރިހައި އެއްޗެއް ބުނެފައި ހޫރީން ފަސްއެނބުރި ހިނގައިގަތީ ތުނޑީގެ އަނެއް ކޮޅަށެވެ. ހޫރީންގެ ފަހަތުން ޒޯޔާ އާއި ނީރާ ވެސް ހިނގައިގަތީ ޒިވްޔަންއަށް ފޫހި ނަޒަރެއް ދިނުމަށް ފަހުއެވެ.
ފަސްއެނބުރި ދިޔަ ހޫރީންއަށް ބަލަހައްޓައިގެން ޒިވްޔަންއަށް ހުރެވުނު އިރު އެހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ދާދި ދެންމެއަކާ ޖެހެން ދެން އެހިތުގައި ހޫރީންއާ މެދުގައި އުފެދިފައިވީ ނަފްރަތުގެ އަލިފާން ކޮންމެވެސް ވަރަކަށް ފަނޑުވިހެން ހީވީ ދެންމެ ހޫރީން ބުނި ފުން ވާހަކަތަކުގައި ހުރި ބުރަދަން ވިސްނުމުންނެވެ.
“ދޮންބޭ..” ހަރަކާތެއް ވެސް ކޮށްނުލައި ހުރި ޒެއިން ގޮވައިލުމުން ޒިވްޔަންއަށް ހަމަބިމަށް އާދެވުނެވެ.
“ވަރަށް ޓަޔަރޑް.. ހިނގާ ގެޔަށް ދާން..” ޒިވްޔަންގެ ރާގު ހުރި ގޮތުން މިފަހަރު ޒެއިންއަކަށް ވެސް ދެކޮޅުހަދާކަށް ނުކެރުނެވެ. ތިން މީހުން އެކުގައި ހިނގާފައި ރަށުތެރެއަށް އަރައިގެން ދިޔަ އިރު އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޒިވްޔަން އާއި ޒެއިން ގެސްޓްހައުސްއަށް ލާފައި އައިދިން ގެޔަށް ދިިޔައީ މާދަމާ ހެނދުނު މަސައްކަތާ ގުޅޭ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައެވެ.
*** ** ***
ހަމައެކަނި ސޯޓެއް ލައިގެން އެނދުމަތީގައި ފޯނާ ކުޅެން އިން ޒެއިންގެ ތުންްފަތުގައިވީ ނުފިލާ ފަދަ ހިނިތުންވުމެކެވެ. ފޯނުން މީހަކާ މެސެޖު ކުރަމުން ދިޔަ އިރު، އެ ޒުވާން މޫނުމަތީގައިވީ ހިނިތުންވުމުން އެކަނި ވެސް އޭނާ އެ ވާހަކަ ދައްކަނީ ޚާއްސަ ފަރާތަކާ ކަން އެނގުނެވެ.
ފެންވަރާލައިގެން އުނަގަނޑުގައި ތުވާއްޔެއް އަނދެގެން ނުކުތް ޒިވްޔަންގެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. އެ ފިރިހެންވަންތަ ހަށިގަނޑުގައި ޝަބްނަމް ފަދައިން ވިދަމުން ދިޔަ ފެންތިކިތަކުން އެ ރީތިކަން އިތުރުކޮށްދޭ ފަދައެވެ. ފިރިހެންވަންތަކަމުގައި އެފަދަ ދެވަނައެއް ނުވާ މޫނުމަތީގައި ވީ ތާޒާކަމާއި، ތެމިފައި އޮތް އިސްތަށިކޮޅު ނިތްމައްޗަށް ވެއްޓޭ ގޮތުން ފިދާވާހައި ވެއެވެ.
ގައިން ފެން ހިއްކަމުން ދިޔަ ޒިވްޔަންއަށް ޒެއިން އިން އޮތް ފެނުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނީ ދިމާކުރާ މޫޑު ނެތުމުންނެވެ. ހަމައެކަނި ސޯޓެއް ލާފައި އިސްތަށިގަނޑުން ފެން ހިއްކަމުން ޒިވްޔަން އެނދުގެ އަނެއް ފަޅީގައި ހަށިގަނޑު ދަމައިލިއެވެ. ކުރެވުނު ދިގު ދަތުރަށް ފަހު އަދިވެސް ހަމަޖެހިލަން ނުލިބޭތީ، އޮށޯވެލުމާއެކު ހަށިގަނޑަށް ލިބިފައިވީ ލޮޑުކަމަށް ލުޔެއް ލިބުނެވެ.
އެހެނަސް ދެލޯ މަރައިލުމާ އެކީ ޒިވްޔަންގެ މޫނަށް ސިފަވީ މީގެ ގަޑިއެއްހާ އިރު ކުރިން ވީ ކަންތައްތަކެވެ. އެ އަންހެން ކުއްޖާގެ ފުން ބަސްތައް ކަންފަތްދޮށުގައި ގުގުމަމުން ދިޔުމާ އެކީ ޒިވްޔަންގެ ހިތަށް ނޭނގޭ އުނދަގޫކަމެއް ވެރިވެގެން ދިޔައެވެ.
“ތިމާ އަކީ މާލޭ މީހަކަށް ވާތީ ރާއްޖެތެރޭގެ އާދައިގެ ނިކަމެތި ކުއްޖަކު ދަށްކޮށްލުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް.. އެހެންވީމަ މިތާ ގޮތެއް ފޮތެއް ނެތީ އަސްލު ކާކުބާ..؟” ޒިވްޔަންގެ ހިތަށް އެންމެ އުނދަގޫކުރަމުން ދިޔައީ އެ ބަސްތަކެެވެ. އެތައް ފަހަރަކު ބޮލުތެރޭގައި އެބަސްތައް ތަކުރާރުވާން ފެށުމާއެކު ޒިވްޔަންއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެ އަންހެން ކުއްޖާ ކޮންމެ އެއްޗެކޭ ހިތަށް އެރިޔަސް އޭނާއަށް ކީއްހެއްޔެވެ؟
ފޯނުން ނަޒަރު ވަކިކޮށްލި ޒެއިންއަށް ގާތުގައި އޮތް ޒިވްޔަންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ފެނުނީ ދެނެވެ. ޒިވްޔަން އެއްޗެއް ނުބުނެ އޮތް ނަމަވެސް ޒެއިންއަށް ޒިވްޔަންގެ ބޮލުތެރޭގަިއ އެނބުރެމުން ދިޔަ ކަންތައް ދެނެގަނެވުނެވެ.
“ދޮންބޭ.. އަދިވެސް އެކުއްޖާ ބުނި އެއްޗާ ދޭތެރޭތަ ތި ވިސްނަނީ..؟” ޒެއިން އަހައިލުމާ އެކު ޒިވްޔަން ލޯހުޅުވައިލަމުން ޒެއިންއަށް ބަލައިލިއެވެ.
“ޒޭން ނިދާބަލަ..” ފަރުވާކުޑަ ގޮތަކަށް ޒިވްޔަން ބުނެލީ ހަމައެކަނި އެހެންނެވެ.
“ބުނެބަލަ.. އޭރުންނެއްނު އަހަންނަށް ވެސް އެހީއެއް ވެވޭނީ..” ޒެއިން ބުނެލީ ފޯނު ބާއްވަމުންނެވެ.
“ބުންޏޭ ކިޔާފަ ޒެއިންއަށް ކޮން ކަމެއް ވާނީ..؟ ތީ ދުވަހަކު އަމިއްލަ އެދުމަށް ނޫނީ ކަމެއް ކުރަން ވިސްނި މީހެއްތަ..؟ އެހީއެއް ވާން ބޭނުން ނަމަ ޑޭޑް ބުނާ ބަސްއަހައިގެން ބިޒްނެސްގެ ދާއިރާއިން ޒެއިން ކިޔެވީހެއްނު.. ބައްޕަގެ ކޮމްޕެނީއާ ޖޮއިން ވީހެއްނު..” އެވަގުތު ވެސް އައިސްފައި ހުރި ޒިވްޔަންއަށް ބޭލުނީ ޒެއިންއަށެވެ. އޭނާގެ ބަސްތަކުން ޒެއިންގެ މޫނު ބަނަވިތަން ފެނުނީ މާ ފަހުންނެވެ.
“ދޮންބެއަށް ވެސް އަހަރެން މިވީ ބޭކާރު މީހަކަށް ދޯ..؟ ޑޭޑްއާ މަންމަގެ ކުރިމަތީގައި ދުވަހަކު އަހަރެންގެ ބަސް ނުވިކުނަސް އަހަރެން ހީކުރީ ދޮންބެ…” އެހައި ހިސާބަށް ބުނުމަށް ފަހު ޒެއިން ހުއްޓައިލީ މާ ބޮޑަށް ޖަޒުބާތުގައި ޖެހިދާނެތީއެވެ.
“އަޅާނުލާ.. ކޮންމެ ފަހަރަކު އަހަރެން މީ ކިހައި ބޭކާރު މީހެއްކަން ހަނދާންކޮށް ނުދިނަސް އަހަންނަށް އެނގޭ އަހަރެން މީ ޑޭޑްމެން ބޭނުންވާ ކަހަލަ ދަރިއެއް ނޫން ކަން.. އެކަމަކު އަހަރެން ހީކުރީ ދޮންބެއަށް ޓަކައި ރަނގަޅު ކޮއްކޮއަކަށް ވެވިއްޖެކަމަށް.. އެކަން ވެސް ކޮށްނުދެވުނީތީ ވަރަށް ބޮޑަށް ސޮރީ..” ވާހަކަ ދައްކަމުން ގޮސް އަޑު ކުރެހިގެން ދިޔުމުން ޒެއިން އޮށޯވެފައި އަނެއް ފަރާތަށް އެނބުރުނެވެ.
ޒެއިންގެ އެ ހަރަކާތުން ޒިވްޔަންގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ. ފެށުނީއްސުރެ ވެސް ބައްޕަމެން ޒެއިންއަށް ވުރެ ބޮޑަށް ޒިވްޔަންއަށް އިސްކަން ދެނީ ކިޔެވުމަށް މޮޅު، ބައްޕަ ބޭނުންވާ ފަދަ ވިޔަފާރިވެރިޔަކަށް ވީ ޒިވްޔަން ކަމަށް ވީތީއެވެ. ޒެއިން ސްކޫލް ނިންމައިލި ގޮތަށް ފުޓުބޯޅައިން ކުރިޔަށް ދިޔުން ވެގެން ދިޔައީ ބައްޕަ އިތުރަށް ނުރުހުންވި ކަމަކަށެވެ. އެހެނަސް އެކަމާ ޒެއިންގެ މާބޮޑު ފިކުރެއް ނެތެވެ. ޒިވްޔަންއާ ޚިލާފަށް ޒެއިން މާ ވަރަކުން ބައްޕަ ރުއްސާކަށް ނޫޅެއެވެ. އެހެނަސް، ނުބުނި ނަމަވެސް ބައެއް ފަހަރު އެ ތަފާތުކުރުމުން އެ ޅަހިތަށް އަސަރު ކުރެއެވެ. ކިރިޔާ ވެސް ހިތްހަމަޖެހެނީ ލޯބިވާ ދޮންބެ އަބަދު ވެސް އޭނާއަށް ހިތްވަރު ދޭތީއެވެ. އެހެނަސް މިރޭ ޒިވްޔަން ވެސް އޭނާއާ ދޭތެރޭ ދެކެނީ އެހެން އެންމެން ވެސް ދެކޭ ގޮތަށް ކަން އެނގި، އެހިތަށް ތަދުވެއްޖެއެވެ.
“ޒޭން..” ޒިވްޔަން ގޮވައިލުމުން ވެސް ޒެއިން އޮތް ގޮތަށް އޮތީއެވެ.
“ޒޭން.. ސޮރީއޭ.. ދޮންބެ އެހެން ބުނި އެއްޗެއް ނޫނޭ.. އެނގެއެއްނު ޒޭންއާ މެދު ދޮންބެއާ މަންމަ ވަރަށް ޕްރައުޑްވާކަން.. ތީ ބޭކާރު ކުއްޖެއް ނޫނޭ..” ޒެއިންގެ ކޮނޑުގައި އަތްޖައްސައިލަމުން ޒިވްޔަން އަނެއްކައި ވެސް ބުނެލިއެވެ. ޒިވްޔަންގެ އަޑުން ވެސް އޭނާ ދެރަވެފައި ހުރި ވަރު ޒެއިންއަށް އެނގުނެވެ. އޭނާ ތެދުވެފައި އެނދުމަތީގައި އިށީނދެ، ޒިވްޔަންއަށް ބަލައިލި އިރު ޒިވްޔަން ވެސް ހެޑްބޯޑްގައި ލެނގިލަނީއެވެ.
“ސޮރީ.. ދޮންބެއަށް އެހެން ކަމަކާ ރުޅިއާދެވިފަ ހުރީމަ ބުނެވުނީ.. ރިއަލީ ސޮރީ..” ޒިވްޔަން އަނެއްކައި ވެސް މަޢާފަށް އެދުނެވެ.
“ހަމަ ތިގޮތަށް ގޮސް އެ އަންހެންކުއްޖާ ގާތު ވެސް މަޢާފަށް އެދޭ..” ޒެއިން ބުނެލުމާއެކު ޒިވްޔަންގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ޒެއިންއަށް ބަލައިލި އިރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމުން ޒިވްޔަންއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.
“ކީކޭ..؟ ކޮން ކުއްޖެއް..؟” ޒިވްޔަން ބޭނުންވީ ނޭނގޭކަމަށް ހަދާށެވެ.
“ކޮންމެހެން މާ ނުވާކަމަށް ހެދޭނެ ކަމެއް ނެތް.. މިއަދު އެއްކޮށް ޖެހޭހައި ތާކުން ޒުވާބުކުރިއެއްނު ކުއްޖެއް.. އޭނަ.. އެކަމާ ދޭތެރޭ ދެރަވެގެންނު ތި އޮންނަނީ މޫޑު ކަޓާފަ..” ޒެއިން ބުނެލީ ޔަގީންކަމާ އެކީއެވެ.
“ވަޓް؟ ނޯ ވޭ! އަހަންނަށް ކީއް އެކުއްޖާ ކޮންމެ އެއްޗެކޭ ހިތަށް އެރިޔަސް..” ޒިވްޔަން ހަށަން ބަނދެލީ ބަލި ގަބޫލުނުކުރާށެވެ.
“ހޫމް ދެން އެހެންވީރު އޮވޭ ތުންދަމައިގެން.. އަހަރެން ބުނީމަ އަޑެއް ނޭހީމެއްނު..” ޒެއިން އެހެން ބުނެފައި އަނެއްކައި ވެސް އޮށޯތުމުން ޒިވްޔަންއަށް ވިސްނައިލެވުނެވެ. ހަގީގަތުގައި އޭނާއަކީ އެހައި ރުޅިގަދަ މީހެއް ވެސް ނޫނެވެ. އެހެނަސް މިއަދު ދަތުރުގެ ވަރުބަލިކަމާއެކީ އުޅެން ޖެހުނުލެއް ބުރަކަމުން އޭނާއަށް ރުޅި އިސްކުރެވުނީއެވެ. އެހައި މޫޑު ޚަރާބުވެފައި ހުރި ވަގުތެއްގައި އެ އަންހެންކުއްޖާގެ ފަރާތުން ކުރިމަތިވި އުނދަގޫތަކުން ހަނުހުންނަން އުނދަގޫވީއެވެ. އެހެނަސް، ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް މިއަދު ބުނެވުނީ ބުނެގެން ވާނޭ ވަރުގެ އެއްޗެއް ނޫންކަން ޒިވްޔަންއަށް ވިސްނުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
aww this part is also sooooooo cute omggg
i think he is falling in love with hooreen. no he defenetly will lol..
and i feel so bad for zein…
anyway, varah reethi mi part vess ingayy. and also how many episodes mi story?
when next ?
lysmm
thankyouu dear💕
hehe let’s see dho zivyan ah mivaa gotheh.. and yes our ray of sunshine zayn ge story haadha sad ey dho ☹️
I have no idea about episodes ge adhadhu because I’m still writing hehe
next week sunday in sha allah next part libeyne kiyaalan
lym💕
varah reethi MA!
when next
thankyouu
in sha allah on sunday
Mi part vx varah Reethi Masha Allah 🤩
Love how you described the thundi and the night.. yk I have always loved the way you describe everything, it’s so detailed and it feels like your in the story like Masha Allah.😊
Oof that moment between Hooryn and Zivyan, reminds me of the meeting of Livy and Ren, lol 😆.. furathama nazarun hiy athulaifi dhw 😂Hooryn is sooo real for that, even I would’ve ehchehi kiyaalanings That Zivyan gandu, adhi bunefi eynun gotheh fotheh neiy baekey, 🙄 more like he’s the one like that..Oh man I feel bad for My loabi Zein 🤧
Can’t wait for the next part..
Lysm 💕😘
awwwhh thankyouu!;
alheyy that means so much to mee, so glad you like the descriptions🥹
ehehe livy and ren mee mulhin different baehnu.. they actually wished the worst for eachother dho, probably the only real enemies to lovers trope ive written so far!
yes zivyan eyoh buneli echehi dho
omg yes zayn is such a ray of sunshine we couldn’t have even assumed dho ekahala kameh vedhaane hen 😕😕
loveumoreee💕💕