
ރުހޭތޯ ކަލާ – 1

ހެނދުނުގެ އަރާމު ފިނީގެ ވަގުތު އޮއްސި، މެންދުރުގެ އިރު އުޑު މެދުގައި މަަޑުޖެހިލި ހިނދެވެ. ވަމުން ދިޔަ ދިލަ އާތްވަށް ކެތް ނުކުރެވޭހައި ހޫނު ގަދަ އިރު ވެސް ދުވާފަރުގެ މަގުތަކުން އެކި ކަންކަމުގައި ޝާމިލްވެ އުޅެމުން ދިޔަ މީހުން ފެންނަމުން ދިޔައެވެ. ޅަފުރާގެ ކުދީން ބައިސްކަލުތަކުގައި މަގުތަކުގައި ދުއްވަމުން ދިޔައީ ލިބިފައިވީ ފުން މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. ބަނދަރުމަތީގައި ހެދިފައި ހުރި ބިޔަ ހިރުނދުގަސްތަކުގެ ހިޔަލުގައި ހުރި ހޮޅުއަށީގައި ދޮށީ އުމުރުގެ ފިރިހެނުން ތާސްކުޅުމާއި، އޮލަ ވާހަކަތަކުގައި ތިބި އިރު، މާ ދުރުނޫން ހިސާބެއްގައި ޒުވާން ދެތިން ކުއްޖަކު މޫދަށް ދޮށި އެއްލައިގެން ތިއްބެވެ. ބަނދަރު ނިމޭ ހިސާބުން ރަށުތެރެއިން ހިނގައިލާފައި ގޮސް ވަލަށް ވަދެވޭ ހިސާބުގައި އޮތް ހިޔާގަނޑުގައި އަންހެނުން ފަންގިވިނުމާއި، ބޮނބިތެޅުމާއި، މަދުފެޅުމުގެ މަސައްކަތުގައި ތިބި އިރު، އެވެރީންގެ ވާހަކަތައް ހުސްނުވެއެވެ.
އޮއެވަރާ އެކީ ނަގަމުން ދިޔަ ލުއި ރާޅުތައް ކަފާފައި، ބާރު ދުވެލީގައި އެރަށުގެ ފަޅުތެރެއަށް ވަދެގެން އައި ލޯންޗު ބަނދަރާ ގާތްކޮށްލީ އިރުގެ އަވި އެންމެ ގަދަވި ވަގުތުގައެވެ. ލޯންޗުގެ ވާގަނޑު އައްސައިލުމާ އެކީ ލޯންޗުން ފޭބި ބާވީހަކަށް އަހަރުގެ ޒުވާނާގެ ހައިބަތު ހާމަވެގެން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. އާދައިގެ ޓީޝާޓަކާ ޖިންސެއްގައި ހުރި ނަމަވެސް އެ ފުޅާ ހަށިގަނޑާއި، ދިގު އިސްކޮޅުގެ އިތުރުން ތޫނު ނަޒަރުން އެކަނި ވެސް އޭނާގެ ޝަޚުސިއްޔަތުގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އެޒުވާނާ އޭނާގެ ކޮނޑުގައި އޮތް ގިޓާ ދަބަސް ރަނގަޅުކޮށްލިއެވެ. ދެމުން ދިޔަ ގަދަ އަވީގެ ސަބަބުން އުނދަގޫވެ ހުރެ، ޓީޝާޓުގެ ކަރުވަޅަށް މަހައިލާފައި އޮތް އައިނު ނަގައި, އެ ސިހުރެއް ފަދަ ދެލޯ ފަރުދާކޮށްލިއެވެ. ރަށުތެރެއަށް އެޒުވާނާގެ ނަޒަރު ދަތުރުކުރީ ދެނެވެ.
“ދޮންބޭ..” އެ ޒުވާނާގެ ފަހަތުން ކަހަލަ ގޮތަކަށް ލޯންޗުން ފޭބި އެހެން ޒުވާނަކު ގޮވައިލުމުން އޭނާ ފަހަތް ބަލައިލިއެވެ.
“އިތުރު އެއްޗެއް އިންނާނެތަ..؟” އެޒުވާނާ އަހައިލީ ބަނދަރުމައްޗަށް ބޭލި ފޮށިތައް ދައްކައިލަމުންނެވެ. އެ ފޮށިތަކަށް ބަލައިލާފައި އޭނާ ދެފަރާތަށް ބޯހޫރުވައިލިއެވެ.
“ޒިވްޔަން.. ޒެއިން..” ދެ ޒުވާނުންގެ ސަމާލުކަން ދަމައިގަތީ ފުޅާ ހިނިތުންވުމަކާ އެކީ އެދިމާއަށް އައި އައިދިން ފެނިފައެވެ. ދެޒުވާނުން ވެސް އައިދިންއާ އަތްޖޯޑުކޮށް ސަލާމްކުރީ ހިނިތުންވަމުންނެވެ.
“ކޮބާ ކިހިނެއް ދަތުރު..؟ ގަދަތަ..؟” އައިދިން އަހައިލީ ކުރިމަތީގައި އޮތް ބަގީއަށް ފޮށިތައް އެރުވުމުގެ މަސައްކަތުގައި އުޅެމުންނެވެ.
“ނޫން..” ޒިވްޔަން ބުނެލީ ހަމައެކަނި އެހެން ނަމަވެސް ޒެއިން ދަތުރުމަތީގައި ވީ ހުރިހައި ކަމެއް ކިޔައިދޭން ފެށީ ނުހަނު ފޯރީގައެވެ. މުޅި ދަތުރުގައި އޭނާގެ ދޮންބެ މޫނު ކުނިކޮށްގެން އިން ވާހަކައާ، އެއްފަހަރު ހޮޑު ވެސް ލީ ވާހަކަ ބުނުމުން އައިދިން ގާތަށް ވެސް ހިނިއައެވެ. އެހެނަސް ކައިރީގައި ހުރި ޒިވްޔަން ދެބުމަ ގޮށްޖަހައިލީ ޒެއިންގެ މުލައްދަނޑީގައި ވިކައިގަންނަމުންނެވެ. ޒެއިން ދެން ވެސް ހަނު ހުންނާކަށް ގަސްތެއް ނުކުރިއެވެ.
“ދޮންބޭ.. ބަގީގަ ފޮށިތައް ފޮނުވައިލާފަ އަހަރެމެން ދާނީ ހިނގާފަ ދޯ..؟” ޒެއިން ހަމަ ބުނެލުމާ އެކީ ޒިވްޔަން ވަގުތުން ދެކޮޅު ހެދިއެވެ.
“ނޫން.. މިހާރު ވެސް ވަރަށް ޓަޔަރޑް.. ގެސްޓް ހައުސްއަށް ގޮސް ރެސްޓް ކޮށްލައިގެން ހަވީރު ކިރިޔާ ބިން ބަލައިލަން ދެވޭނީ..” ޒިވްޔަންގެ އަޑުގައިވީ ފަރުވާކުޑަކަމާއި ހަރުކަށިކަމެވެ.
“ދެން ދޮންބެގަނޑު އުޅޭ ގޮތް.. އަލަށް ރާއްޖެތެރޭގެ ރަށަކަށް އާދެވުނު ފަހަރު ވެސް ޓްވެންޓީ ފޯރ ސެވެން ތި އުޅެނީ މަސައްކަތް ކުރަންތަ..؟” ތުން އަނބުރައިލަމުން ޒެއިން ޝަކުވާކޮށްލީ ކުޑަ ކުއްޖަކު ފަދައިންނެވެ.
“ތެދެއް..؟ އަލަށްތަ ރަށަކަށް ތި އައީ..؟” އައިދިން އަހައިލީ ހިސާބަކަށް ހައިރާންވެ ހުރެއެވެ.
“އާނ.. މިހާރު އެބަ ހިތަށް އަރާ މި އަނގަގަނޑު ނުލާ އާދެވުނު ނަމައޭ.. ޑޭޑް ގާތު ކިޔައި އާދޭސްކޮށް ފުއްވާ ވަރުން ގެނެސްފަ އެހުރީ.. ދެން ގޮވާނީ މަގޭ ބޯ..” ޒެއިންއަށް ލޯއަޅައިލަމުން ޒިވްޔަން ކުދިކިޔައިގަތް ނަމަވެސް ޒެއިން ކަހާތަން ހިރުވައި ވެސް ނުލިއެވެ. އެންމެ ފަހުން ޒެއިން ކުރުނުކޮށްގެން ޒިވްޔަންއަށް ޖެހުނީ ދެމުން ދިޔަ ދިލަ އަވީގައި ވެސް ހިނގާފައި ދާށެވެ.
*** ** ***
ދުވާފަރުގައި ހުންނަން ހަމަޖެހިފައިވާ ގެސްޓް ހައުސްއަށް ޒިވްޔަންމެންނަށް ދެވުނު އިރު އެއްގަޑި ބައިވަނީއެވެ. މެންދުރުގެ ކެއުން ތައްޔާރުކޮށްފައި ހުރުމުން ދެމީހުން ވެސް ކައިގެން ކޮޓަރިއަށް ވަނީ އަރާމުކޮށްލާށެވެ.
“އާއެކޭ މަންމާ! މި ދޮންބެގަނޑު ހާާދަ ބޯރިންއޭ.. އަލަށް ރަށަކަށް އާދެވުނީމަ ވެސް މިހުރީ އުޅޭ ގޮތް..” ޒިވްޔަން ހަމަ ދެލޯ މަރައިލުމާ އެކީ ޒެއިން މަންމައަށް ގުޅައިގެން ޝަކުވާކުރަން ފެށިއެވެ.
“މަންމަ ހެޔޮނުވާނެ ޒޭން ގާތު ބުނެބަލަ މިރަށަށް މި އައީ ބިޒްނެސް ޑީލްއެއް ކްލޯޒް ކުރާށޭ.. ޒޭން ބުނާހާ އިރަކަށް ބުނާހާ ކަމެއް ނުކުރެވޭނެ.. ޒޭން ކުޑަކުއްޖެއްހެން ފުއްވާފަ އުޅުނަސް ބޭނުންހައި ކަމެއް ނުވާނެ..” ޒިވްޔަން ވެސް ޖަންނަތު ގާތު ޝަކުވާކޮށްލީ ޒެއިންއަށް ދޫނުދޭން ވެގެންނެވެ.
“ހޫމް ދެން ދެކުދިން ތިހެން ތޮޅޭނީކީ ނޫން.. ޒިވް.. ޒޭން ވެސް ބުނީ ތެދެއް.. އުމުރު ދުވަހު މާލޭގެ ހަލަބޮލި މަގުތަކުގައި އުޅެބޮޑުވެ، ރާއްޖެތެރެއަށް ތި ދެވުނީ އަލަށް.. ދެވޭ ފަހަރަކު ވާނެ އަހަރެމެން ދިވެހީންގެ އަސްލު އާދަކާދަތައް ތަޖުރިބާކޮށްލަން.. ޒޭން.. ޒޭން ވެސް ދޮންބެ ބުނާ ބަސްއަހަން ވާނެ.. ތި ތަނަށް ދިޔަ ހަގީގީ މަގުސަދު ހަނދާން ނައްތާލައިގެން އަބަދު މަޖާކުރަން އުޅެގެން ކަމަކު ނުދާނެ..” ޖަންނަތުގެ ވާހަކަ ހުރީ އެހެން ހުރިހައި ފަހަރުތަކެކޭ ވެސް އެއްފަދައިން ދެފަރާތަށް ވެސް ބުރަވާހެންނެވެ. ތިބި ހަމައެކަނި ދެ ދަރީންނަކީ އެ ދެލޮލުގެ ނޫރެވެ. އެއިން އެއްވެސް ކުއްޖަކު ހިތުގައިޖެހޭ ފަދަ ކަމެއް ކުރުމަކީ އޭނާ ދުވަހަކު ހުވަފެނުން ވެސް ދެކޭނޭ ކަމެއް ނޫނެވެ.
އިރުކޮޅެއް ވާން ދެން ޖަންނަތުއާ ގުޅައިގެން ތިބެފައި ދެބެން އެނދުގައި ޖައްސައިލި ވަގުތު އަސުރު ނަމާދަށް ބަންގި ގޮވަނީއެވެ. ޒެއިންއަށް އެކަން ވެސް ވީ މުޅިން އައި ތަޖުރިބާއަކަށެވެ. އެޔޮށް ބޮޑު މާލެ ތެރޭގައިި ބަންގި ގޮވައިލާ އަޑު އިވޭނީ ހަމައެކަނި މިސްކިތެއް ކައިރިން ލާފައި ދާއިރު އެކަންޏެވެ. އެހެނަސް ރަށުގައި އެންމެ މިސްކިތެއް ހުންނަ އިރު ވެސް މުޅި ރަށަށް ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑު އިވުމަކީ ރަށުގެ އެންމެން އެކަތިގަނޑަކަށް ހަދައިލާ، ރިވެތި އާދައެކެވެ.
ކުޑަދޮރު ހުޅުވައިލާފައި ބޭރު ބަލައިލި އިރު އެކި އުމުރުގެ ފިރިހެނުން ރީތިވެގެން މިސްކިތަށް ދާ މަންޒަރު ފެނުމުން ޒެއިން އާޝޯޚުވިއެވެ. ކުޑަކުދީން ބައްޕަމެންނާއި ކާފަމެންގެ އަތުގައި ހިފައިގެން ދިޔަ އިރު އެންމެންގެ މޫނުތަކުން ވެސް ފެންނަމުން ދިޔައީ އެކުވެރިކަމާއި ހިތްހެޔޮކަމެވެ. ރުޅިމޫނު ހަދައިގެން އުޅޭ އެކަކު ވެސް އެތަނުގައި ނެތް އިރު، އެންމެންގެ މެދުގައި އޮތް ބަދަހި ގުޅުން ހާމަވަމުން ދިޔައެވެ.
“ދޮންބޭ! ހިނގާބަލަ މިސްކިތަށް ދާން!” ދެލޯ މެރެމުން ދިޔަ ޒިވްޔަންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ޒެއިން ކިޔައިގަތެވެ.
“ޒޭން މަޑުން ހުރެބަލަ.. ހަވީރު ދާންވާ އިރަށް ރެސްޓްކޮށްލެވޭތޯއޭ މި އުޅެނީ..” ޒެއިންގެ އަތް ފޮޅުވައިލާފައި ޒިވްޔަން ފަހަތަށް އެނބުރުމާއެކީ ޒެއިން ތުންދަމައިލިއެވެ. ހަށަންބަނދެލަމުން އެނދަށް އަރާފައި ކުޑަކުއްޖެއްހެން ފުއްވާލައިގެން އިނީ ޒިވްޔަން ބަލައި ވެސް ނުލާނެކަން އެނގިހުރެއެވެ.
ކުޑައިރުއްސުރެ މޮޅަށް ކިޔެވުމަށާއި، ދިރިއުޅުމުގައި ހަރުދަނާ މީހަކަށް ވާން މައިންބަފައިން ދިން ތަރުބިއްޔަތުގައި އުނިވީ ދީނީ ކަންކަމެވެ. ޅައިރުއްސުރެ މަންމަމެން އާދަކޮށްދީފައި ނުވާތީ ޒިވްޔަން ވެސް ޒައިން ވެސް އެކަހަލަ ކަންކަމަށް މާ ބޮޑު ފަރުވާލެއް ނުހުރެއެވެ. ހުކުރު ނަމާދު ފިޔަވައި އެހެން ނަމާދަކަށް މިސްކިތަށް އަރައިލުމުގެ ޚިޔާލު ވެސް އެދެބެން ދުވަހަކު ނުކުރެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ނަމާދެއް ކޮށްލުމަށް ޒެއިންގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ މިއަދު ފެނުނު ރީތި މަންޒަރުންނެވެ. މާލެއާ ޚިލާފަށް ރަށްރަށުގެ މީހުންގެ ފަރާތުން ފެނުނު އެ ރީތި ސިފަ އޭނާގެ ހިތުގައި ބިންވަޅު ނެގުނީ ނުހަނު އަވަހަށެވެ. އެހެނަސް އެކަމަށް ޒިވްޔަންގެ މާ ބޮޑު ސަމާލުކަމެއް ނެތީތީ އޭނާއަށް ޖެހުނީ ފޫހިވެފައި އިންނާށެވެ. އުމުރުން ނަވާރަ އަހަރުވެފައިވީ އިރު ވެސް އުޅުން ހުންނަލެއް ތުއްތުކަމުން މަންމައާއި ބައްޕަ އޭނާގެ ޒިންމާ އަބަދު ވެސް ހަވާލުކުރާނީ ޒިވްޔަންއާއެވެ.
*** ** ***
ހަވީރުގެ ފިނިފިނި ރޯޅިތަކާ އެކުވެގެން ގަސްގަހުގެ ފަތްތަކާއި ރުއްތަކުގެ ފަންތައް ނަށަމުން ދިޔަ ވަގުތެވެ. ރަށުގެ ރައްޔިތުން އެކި ކަންކަމުގެ މަސްއޫލުވެގެން އުޅުނީ ހަވީރު ފިނީގެ އަރާމުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށެވެ. ޅަފުރާގެ ކުދީން މަގުތަކުގައި ބޯޅަ ހިފައިގެން ކުޅެން އުޅުނު އިރު، ދޮށީ ޢުމުރުގެ މީހުން ޖޯލިޖޯލީގައި އޮލަ ވާހަކަތަކުގައި ތިއްބެވެ. ޒުވާން ފުރައިގެ ފިިރިހެން ކުދީންނާއި އަންހެން ކުދީން ވެސް ހަވީރުގެ ވަގުތުކަމުން އުޅެމުން ދިޔައީ ކުޅިވަރުގައެވެ.
ހުދު ގަމީހަކާއި ނޫކުލައިގެ ޖީންސެއް ލައިގެން ޒިވްޔަން ގެސްޓްހައުސްއިން ނުކުތް އިރު ފަހަތުން ނުކުތް ޒެއިން ހުރީ އާދައިގެ ޓީޝާޓަކާ ސޯޓެއްގައެވެ. ދެމީހުން ބަލައި އައިދިން އައުމާ އެކީ ރަށުގެ މަގުތަކުން ހިނގައިލާފައި ތިޔަ ތިން ޒުވާނުންގެ މަންޒިލަކަށް ވެފައިވަނީ އެރަށުގެ ވަލުތެރެއެވެ. އެ ވަލުތެރޭގެ ހިސާބެއްގައި ޒިވްޔަންގެ ބައްޕަގެ ކުންފުނީގެ ފަރާތުން އެރަށުގައި އަޅާ ގެސްޓްހައުސްއާއި ރެސްޓޯރެންޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ޒިވްޔަން ހުރީ އަތުކުރި އޮޅާލައިގެންނެވެ.
ރަށުގެ މަގުތަކުގައި ހިނގަމުން ދިޔަ އިރު އާޝޯޚުވެފައި ހުރި ކުޑަކުއްޖަކު ފަދައިން ޒެއިން އެކި ދިމަދިމާއަށް ބަލަމުން ދިޔައީ ފެންނަމުން ދިޔަ މަންޒަރުތައް އައުކަމުންނެވެ. ބައެއް މީހުން ޖޯލިތަކުގައި ތިބެގެން އޮއްވަޅުގޮނޑި ކުޅެމުން ދިޔަ މަންޒަރާއި، ކުޑަކުދީން ގުރޫޕު ހަދައިގެން މަގުތަކުގައި ފުޓުބޯޅަ ކުޅެމުން ދިޔަ މަންޒަރު އޭނާއަށް އެ ފެނުނީ އަދި އަލަށެވެ. މާލޭގައި ހަވީރު ރެސްޓޯރެންޓުތަކުގައި، ނުވަތަ ތޮށިގަނޑުމައްޗަށް ގޮސް އަނގަތެޅުމުގެ ބަދަލުގައި މިފަދަ ގޮތަކަށް ހަވީރެއް ހޭދަކޮށްލުމަކީ ހާދަހައި ބޮލަށް ފަސޭހަ ކަމަކަށް ވާނެޔޭ ޒެއިންގެ ހިތަށް އަރަމުން ދިޔައެވެ.
ރަށުތެރެއިން ފެންނަމުން ދިޔަ މަންޒަރުތަކަށް ނުބަލަން ހުރި ނަމަވެސް އެ މަންޒަރުތައް ޒިވްޔަންގެ ސަމާލުކަން ވެސް ދަމައިގަންނަމުން ދިޔައެވެ. ދިމާވާ ހަމަ ކޮންމެ މީހަކު ވެސް ހިތްހެޔޮކަމާއެކީ ހިނިތުންވެލަނީ ބީރަށްޓެއްސަކަށް ވީތީ ވަކި ތަފާތުކުރުމެއް ނެތިއެވެ. ބަދަލުގައި އެމީހުންނަށް ވެސް އޭނާގެ ރީތި ހިނިތުންވުން ހަދިޔާކޮށްލަމުން ޒިވްޔަން ހިނގަމުން ދިޔައީ މި ހުރިހައި ދުވަހު މާލެއިން ފެނުނު މަންޒަރުތަކާއި މިރަށުން ފެންނަމުން ދިޔަ މަންޒަރުތައް ތަފާތުކަމުންނެވެ. އެއް ގައުމެއްގައި އޮންނަ ދެރަށެއް މިހައި ތަފާތުވެދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟
ވަލަށް ވަދެފައި އެމީހުން ހިނގައިލަން ޖެހުނީ ދިހަވަރަކަށް މިނެޓަށެވެ. ވަލުތެރޭގެ ވަކި ހިސާބަކަށް އާދެވުމުން މަޑުކޮށްލާފައި އައިދިން ވަށައިގެންވީ ހިސާބު ޒިވްޔަންއަށް ދައްކައިލިއެވެ.
އައިދިން ދެއްކި ހިސާބަކީ ބޮޑު ބިމެކެވެ. ރެސްޓޯރެންޓަކާ ގުޅުވައިގެން ގެސްޓްހައުސެއް އަޅަން އެ ބިން ފުރިހަމަވާނެއެވެ. އެތަނުގައި ވަށައިގެން ގިނައީ ރުކާއި މިދިލި ގަހެވެ. މޫސުމުގެ ގޮތުން ދޮންވެ ފައްކާވެފައި އޮތް މިދިލިތައް ގަސްތަކުގައި އަޅާ ބަރާވެފައި ވިއެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް ޒިވްޔަންގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ބޮލުގައި ކުރެހިގެން ދިޔައީ އެ ހުރިހައި ގަސްތަކެއް ކަނޑައި، ބިން ސާފުކޮށްލުމަށް ފަހު އިމާރާތްކުރުމުގެ މަސައްކަތް ކުރަން ފެށުމުގެ ރާސްތާއެވެ.
*** ** ***
އާދައިގެ މަތިން ހަވީރުވުމާ އެކީ ވަލަށް ވަދެގެން އުޅުނު ގުރޫޕުގެ ސަކަރާތުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. ދޮން މަދު އަޅައި ފައްކާވެފައިވީ ގަސްތައް ބަލަން އެކުދީން ދިޔައީ އަބަދު ވެސް ދާ ދިމާއަށެވެ.
“ހޫރީން!” ދުވަމުން ދިޔަ އަންހެން ކުއްޖާ ހުއްޓިފައި ފަސްއެނބުރި ބަލައިލީ އޭނާގެ ނަމުން އެކުވެރި ކުއްޖަކު ގޮވައިލުމުންނެވެ. އޭރު އެ ރީތި މޫނުގައި ދާތިކިތައް ބަބުޅަމުން ދިޔަ ނަމަވެސް، އެ މޫނުމަތީގައި ވިދަމުން ދިޔައީ އުފާވެރި ހިނިތުންވެމެކެވެ. ގިނަ އިރު ދުވުމުގެ ސަބަބުން މާނޭވާ ލަމުން ދިޔަ އިރު، ލައިގެން ހުރި ފައިގެ ފަލަމަސްގަނޑާ ހަމައަށް އަރާ ހެދުން އިރުއިރުކޮޅާ ރަނގަޅުކޮށްލައެވެ. އަޅައިގެން ހުރި ވަށްބުރުގާކޮޅު ދައްޗެއް ޖަހާފައި ރަނގަޅަށް ހަރުކޮށްލީ ދުވަން ފަސޭހައަކަށެވެ.
“އެގަހުގައި ވަރަށް މަދު އެބަ އޮތް! އަރާބަލަ!” ޒޯޔާ އިޝާރާތް ކުރީ އެތަނުގައި ހުރި އެންމެ ބޮޑު ގަހަށެވެ. އެގަސް ކިތަންމެ ބޮޑުވިޔަސް ހޫރީންގެ ފަރުވާލެއް ނެތްކަން އެނގުނީ ދުވެލާފައި ދިޔަ ގޮތަށް ގޮސް ފަރިތަކަމާ އެކީ އެގަހަށް އަރަން ފެށުމުންނެވެ. އޭރު ގަހުގެ ތިރީގައި ތިބި ޒޯޔާ އާއި، ނީރާ އާއި، އަމާންގެ އިތުރުން ނަވާފް ތިބީ މަދުތައް ހޮވަން ތައްޔާރަށެވެ.
ގަހުގައި ދޮންވެ ފައްކާވެފައި ހުރި މަދުތައް ފެނުމުން ހޫރީންގެ ކުޅުދިޔާވީ އިންތިހާއަށެވެ. ގަހުގެ ގޮފިގަނޑެއްގައި އިށީނދެ ހަމަޖެހިލަމުން ހޫރީން ފުރަތަމަ ބިން މަދު ކައިލިއެވެ. އަނގައިގައި ލީ ފޮނި ރަހައިން ހޫރީންގެ ދިގު އެސްފިޔަތައް ލެއްޕިގެން ދިޔަ އިރު، ފިޔާތޮށިކުލައިގެ ދެތުންފަތް ފިތައިލެވުނެވެ.
ދެން ބިންނަމުން ދިޔަ މަދުތައް ހޫރީން ތިރިއަށް އުކަމުން ދިޔައީ ތިރިޔަށް ބަލައިލުމެއް ވެސް ނެތިއެވެ. މަދުތައް ވެރޭ ތަނަކުން އޭނާގެ އެކުވެރީން ހޮވާނެކަން ޔަގީންވާތީއެވެ. އެގޮތަށް ފަހަރަކު މަދެއް ބިނދެފައި އެއްލަމުން ދިޔަ ހޫރީން އެވަގުތު އެތަނަށް އެހެން ބަޔަކު އައިކަމެއް ނުދެނަހުއްޓެވެ.
*** ** ***
ގެސްޓްހައުސްގެ ވާހަކަތައް އައިދިންއާ ދައްކަމުން ހިނގާފައި އައި ޒިވްޔަންއަށް އެތަނުގައި އިތުރު ކަމެއް ހިނގަމުން ދިޔަ ކަމެއް ނޭނގެއެވެ. އޭނާގެ މުޅި ސަމާލުކަން އައިދިން ދައްކަމުން ދިޔަ ވާހަކައަށް ހުސްކޮށްލައިގެން ހުރި ޒިވްޔަން ސިހިގެން ދިޔައީ ކުއްލިއަކަށް އޭނާގެ ބޮލުގައި ހަރު އެއްޗެއް ޖެހުމުންނެވެ. ވީގޮތެއް ނޭނގި އެކި ފަރާތް ފަރާތް ބަލައިލި ނަމަވެސް އޭނާއަށް އެއްވެސް މީހަކު ނުފެނުނެވެ. އެކި ދިމަދިމާއަށް މޫނު އަނބުރަމުން ދިޔަ ޒިވްޔަންއަަށް ބޮލުގައި އަތްޖައްސައިލެވުނީ އަނެއްކައި ވެސް ބޮލުގައި ހަރު އެއްޗެއް ޖެހުނުކަމުގެ އިހުސާސް ކުރެވުމުންނެވެ. އޭނާއަށް މައްޗަށް ބަލައިލެވުނީ ދެނެވެ. ގަހުގައި އޮވެގެން މަދު ބިންނަމުން ދިޔަ އަންހެން ކުއްޖާ އޭނާއަށް ފެނުނީ ދެނެވެ. ބުނަންވީ އެއްޗެއް ނޭނގިފައި ހުރި ޒިވްޔަންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އަނެއްކައި ވެސް އޭނާގެ ބޮލުގައި މަދަކުން ޖެހުމުންނެވެ.
“އޭ! މަދު ބިނަކަސް ތީ ބޮޑުވަރު! މީހަކަށް ބަލައިލުމެއް ވެސް ނޯވޭތަ؟” ޒިވްޔަން ހަޅޭއްލަވައިގަތީ ކުއްލިއަކަށެވެ. ކައިރީގައި ހުރި އައިދިންއަށާ ޒެއިންއަށް ވެސް ޒިވްޔަން ހުއްޓުނު ސަބަބު ވިސްނުނީ ދެނެވެ.
މަދު ބިނުމުގެ ފޯޯރީގައި ހެވިދިލިފައި ގަހުގައި އޮތް ހޫރީން ސިހިގެން ދިޔައީ ތިރީގައި ހުރި މީހަކު ހަޅޭއްލަވައިގަތުމުންނެވެ. ލިބުނު ސިހުމުގައި އޭނާ އިށީނދެ އިން ގޮފިގަނޑުން ކައްސާލައިގެން ހޫރީން ވެއްޓުނީ ސީދާ ޒިވްޔަންގެ ކުރިމައްޗަށެވެ.
“އާހް..” ބުރަކައްޓަށް އެރި ތަދާ އެކީ ބުރަކަށީކައި ފިރުމަމުން ހޫރީން ބިންމަތީގައި އިށީން އިރު، އެ ދެލޯ ވަނީ ތަގުޅިކޮށްލެވިފައެވެ. އޭރު ހޫރީން ވެއްޓުނު މަންޒަރު ފެނުމުން އޭނާގެ އެކުވެރީން ވެސް އެތަނަށް އައިސްފިއެވެ.
“އޭ! ބުނި އެއްޗެއް އަޑެއް ނީވޭތަ؟ މަދު ބިނދެފަ ޖެހޭހާ ތާކަށް އުކަން ޖެހޭތަ؟” ހޫރީންއަށް ތަދުވެފައި އިން ވަރަށް އެއްވެސް ފަރުވާލެއް ނެތި ޒިވްޔަން އަނެއްކައި ވެސް ބުނެލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. ކުރިމަތީގައި ހުރި ޒިވްޔަންއަށް ހޫރީންގެ ސަމާލުކަން ދެވުނީ ދެނެވެ. ހިނދުކޮޅަކަށް ނަމަވެސް ބުރަކައްޓަށް އެރި ތަދު މަތިން ހަނދާން ނެތުނު އިރު، މި ފޮނިބޮޑު ފިރިހެނާއާ ދިމާއަށް ހިތާހިތުން އެތައް އެއްޗެއްސެއް ކިޔުނެވެ.
“އޭ! ފާޑުފާޑަށް އަހަންނާ ދިމާއަށް އިނގިލި ދިއްނުކުރައްޗޭ! ކުޑަކުޑަ މަދަކުން ތިޔޮށް ބޮޑު ފިރިހެނާގެ ގައިގަ ޖެހުނަސް ތި ބުނާހައި ތަދެއް ނުވާނެ! ތީ އަޅެ ކިރުބޯ ޅަދަރިއެއްތަ ގައިގަ މަދެއް ޖެހިގެން ހޭބަލިވާން؟” އައި ރުޅީގައި ތެދުވެފައި، އަރިކަށީގައި އަތް ވިއްދާލައިގެން ހުރެ ހޫރީން ވެސް އެތިވަރު ގޮވައިގަތެވެ.
ހޫރީން އެއްޗެހި ކިޔައިލި ގޮތުން ހިނދުކޮޅަކަށް ޒިވްޔަންއަށް ހުއްޓުން އަރާފައި ހުރެވުނީ މިހައި އަދަބުކުޑަކޮށް އެއްވެސް މީހަކު މީގެ ކުރިން އޭނަޔާ މުޚާތަބުކޮށްފައި ނުވާތީއެވެ. ފަހަތުގައި ހުރި ޒެއިން ގާތަށް ހޫރީން އެއްޗެހި ކިޔައިލި ގޮތުން ހިނި އައި ނަމަވެސް، ހިނިގަނޑު މަތަކޮށްލީ ދެން ހުރިހައި ރޯޅިއެއް ޒިވްޔަން ބާލާނީ އޭނާއަށްކަން އެނގޭތީއެވެ.
“ހާދަ ގޮތެއް ވެސް ނެތޭ ދޯ؟ ތީ އަޅެ ރާއްޖެތެރޭ ހުރިހާ އަންހެންކުދިންގެ ފެންވަރުތަ؟” އައި ރުޅީގައި ޒިވްޔަން އެހެން ބުނެލުމާ އެކީ ހިނދުކޮޅަކަށް ހޫރީންގެ ދެލޮލުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާން ހިނދުނު ނަމަވެސް، އެގޮތުގައި ހޭދަވީ ދެތިން ސިކުންތެވެ.
“އޯހ.. މާލޭ ބޭފުޅެއް ދޯ..؟ ގަދަރާ އިއްޒަތާ ޝަރަފާ ހައިބަތު ލިބިގެންވާ މާތް އިންސާނެއް ދޯ ތީ..؟ ކީއްވެތަ އަހަންނަށް ކުރިން ވިސްނައިނުލެވުނީ.. ބުނަން ވާހަކައެއް..؟ ރާއްޖެތެރޭ ‘ކަޓު’ އަންހެންކުއްޖަކު އެއްލި މަދަކުން ޖެހިގެން ތިވަރު ވާން ޖެހޭހައި މާތް ބައެއް ނޫނޭ ކަލޭމެން މާލެތެރޭ ފިރިހެނުންނަކީ.. އަހަރެމެންގެ ރަށަށް އަރާ، އަހަރެމެންގެ މޫނުމަތީ ޒުވާބުކުރަން ނޫޅެއްޗޭ!” ބުނަން ބޭނުންވި ހުރިހައި އެއްޗެއް ބުނެލުމަށް ފަހު ހޫރީން ފަސްއެނބުރި ހިނގައިގަތީ ޒިވްޔަންއަށް ދިފާއުގައި އެންމެ ބަހެއް ބުނާނެ ފުރުސަތު ވެސް ނުދީއެވެ. ހޫރީންގެ ފަހަތުން އޭނާގެ އެކުވެރީން ވެސް ދިޔަ މަންޒަރު ބަލަހައްޓައިގެން ޒިވްޔަންއަށް އިރުކޮޅަކު ހުރެވުނެވެ.
“ދޮންބޭ.. ކަޑަވީތަ..؟” އެއްޗެކޭ ނުބުނެ ހުންނަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ޒެއިންއަށް ހިމޭނަކުން ނުހުރެވުނެވެ. ވަގުތުން ޒިވްޔަން ޒެއިންއަށް ލޯއަޅައިލުމާ އެކީ ޒެއިން މައިތިރިވިއެވެ. އަނެއްކައި ވެސް ހޫރީން ދިޔަ ދިމާއަށް ބަލަން ހުރި ޒިވްޔަންއަށް ދަތްކުނޑި ވިކައިލެވުނީ ހިތާހިތުން ހޫރީންއާ ދިމާއަށް އެތައް އެއްޗެއް ކިޔަމުންނެވެ. ދެން ދިމާވާ ފަހަރަކުން އެ އަންހެންކުއްޖާއަށް އެއްޗެއް ބުނަން ނުކެރޭ ވަރު ކޮށްލާނަމޭ ޒިވްޔަންގެ ހިތަށް އެރިއެވެ.
*** ** ***
ބިން މަދުތައް ހިފައިގެން ފަސް ކުދިީން އެއްކޮށް ނުކުތީ ރަށުގެ ވަލުތެރެއިން ލާފައި ނުކުމެވެން އޮންނަ ތުނޑިއަށެވެ. ހުދު ދޮންވެލިގަނޑުގައި ވަށްބުރަކަށްވާ ގޮތަށް އިށީންނަމުން އެކުދީން މަދު ކާން ފެށި އިރު އެތަނުގައި ދެކެވެމުން ދިޔައީ ދެންމެ ވީ ކަންތަކުގެ ވާހަކައެވެ.
“ހާދަ ކަންތައްބޮޑު ފިރިހެނެކޭ ދޯ އެއީ..؟” ނީރާ ބުނެލީ މޫނު ކުނިކޮށްލަމުންނެވެ.
“ކާކުތަ އެއީ..؟ ރަށަށް އައިސްގެން އުޅޭ ބީރައްޓެއްސެއް ދޯ..؟” ނަވާފް އަހައިލުމާ އެކީ ޒޯޔާ ބޯޖަހައިލީ އޭނާއަށް މާ ކުރިން ވެސް އެކަން އެނގޭ ފަދައަކުންނެވެ. އޭނާއަށް ނޭނގި އެރަށުގައި ހިންޏެއް ވެސް މަރެއް ނުވާނެއެވެ.
“އަހަންނަށް ކީއް ކޮންމެ ތާކުން އައި ކޮންމެ މީހަކަސް.. މަ ގާތަށް އެންމެ ރުޅި އައީ ރާއްޖެތެރޭ މީހުންނޭ ކިޔާފަ އަނގަ ހުޅުވީމަ.. މި މާލޭ މަހުޖަނުން ހިތުން އަހަރެމެން ރާއްޖެތެރޭ މީހުންނަކީ އެމީހުންގެ ފައިފުހި..” ދެންމެ ޒިވްޔަންއާ ދިމާއަށް ކިޔުނު އެއްވެސް އެއްޗަކާ ދޭތެރޭ ދެރަނުވާކަން ހޫރީންގެ ވާހަކައިން ސާފުކޮށް އެނގުނެވެ.
“ހޫމް ދެން ތިހެން ރުޅިއައިސް ދެލޯ ރަތްކޮށްލައިގެން އިނދޭ.. ކޮންމެސް ކޮންމެސް ހިތާނުވައްޗޭ!” އެއްލޯ މަރައިލަމުން ނީރާ ސަމާސާކޮށްލުމުން ހޫރީން ވަގުތުން ޗީޑިއޭ ކިޔެވެ.
“އަޅެ ކީއްތަވީ..؟ އޭނަ ދެން ފޮންޏަސް ނުލާހިކު ރީތި ދޯ..؟ އަނެއްކައި އެހައި މުއްސަނދިހެން ވެސް ހީވޭ..” ޒޯޔާ ވެސް ބޭނުންވީ އިތުރަށް ހޫރީން ރުޅިއަރުވައިލާށެވެ.
“ކިތަންމެ ރީތިވެފަ މުއްސަނދި ވިޔަސް މާލޭ މީހަކާ އަހަންނެއް ނީންނާނަން.. އަހަރެން ބޭނުމެއް ނޫން މަންމައާ ބައްޕަ ދޫކޮށްލާފަ، މި ދިރިއުޅުން ދޫކޮށްލާފަ ޖަލެއްގައި އުޅެން ދާކަށް..” ހޫރީންގެ ވިސްނުން ހުރީ ދުވަހެއްގެ ކޮޅުން ވެސް ބަދަލުވާ ގޮތަކަށް ނޫނެވެ.
“އޭ ތިިޔެއް ނޫނޭ.. މަ އަޑު އެހިން އަހަރެމެންގެ ޔޫޝުއަލް ވަލު ޕޮއިންޓްގެ ބިން ބަޔަކު ގަނެފިޔޯ.. އެތާ ގެސްޓްހައުސްއެއް އަޅަނިއްޔޯ.. އެކަހަލަ އެއްޗެކޭ މިއުޅޭ އިއްބެ ކީ މިއަދު..” އަމާން ބުނެލުމާ އެކީ އެތަނުގައި ތިބި އެންމެންގެ ދެލޯ ބޮޑުވިއެވެ.
“ނުވާނެ ތިހެންނެއް! އެއީ އަހަރެމެން އެންމެ ކުޑައިރުއްސުރެ ކުޅެން ގޮސް އުޅޭ ތަނޭ! އަހަރެމެންގެ ހުރިހައި ހަނދާންތަކެއް ވާނީ އެތާ.. އަހަރެމެންނަށް ދަރީން ލިބި، އެކުދީންނަށް އެތަނުގައި ކުޅެން އުޅުމުގެ ފުރުސަތު ވެސް ލިބެން ޖެހޭނެ! އަދި އެތާ ހެދިފަ ހުރިހައި ގަސްތައް ވެސް ކަނޑައިލަނީ؟ އެހެން ހަދަން ހެޔޮވާނެތަ؟” ހޫރީން ވަގުތުން އެހިތުގައިވީ ޖަޒުބާތުތައް ބަންޑުންކޮށްލި އިރު، ދެން ތިބި ހަތަރު މީހުން ވެސް ތިބީ އަޑު އަހާށެވެ.
ފެންނަ މީހަކަށް އެއީ ހަމައެކަނި ރަށުގެ ވަލުތެރެއޭ ހީވި ނަމަވެސް، ހޫރީންމެންނަށް އެއީ އެމީހުންގެ ދިރިއުޅުމުގެެ އެއްބައެވެ. ކުޑައިރުގެ އެތައް ފޮނި ހަނދާންތަކެއް ރައްކާކުރެވިފައިވާ މަކާނެވެ. ހޫރީންގެ ހޭހުރިހައި ހިނދަކު ފައިސާގެ ބޭނުމުގައި ބަޔަކު އެތަން ހަފުސްކޮށްލިޔަކަ ނުދޭނެއެވެ.
*** ** ***
ހޫރީން ގެއަށް ވަން އިރު މަޣްރިބު ނަމާދަށް ގޮވަން ބާކީ ހުރީ ފަނަރަވަރަކަށް މިނެޓެވެ. އޭރު މިސްކިތަށް ދާން ތައްޔާރުވެގެން ހޫރީންގެ ބައްޕަ ރިޔާޒް އިން އިރު، މަންމަ ހަނާން ފެންވަރައިގެން ނުކުންނަނީއެވެ.
“ދަރިފުޅާ.. އަވަހަށް ދޭ ބަންގި ގޮވަން ވާ އިރަށް ފެންވަރާލައިގެން ނުކުންނަން..” ހަނާން ބުނެލުމާ އެކީ ހޫރީން އަވަސްއަވަހަށް ބޯޖަހައިލަމުން ގިފިއްޔަށް ވަނީ ނަމާދުކުރުމުގެ ކުރިން ފެންވަރާ، ތާޒާވެލާށެވެ.
ނުނިމޭ
Comments (1)
Comments are closed.
Hello everyone!!
After a long long wait, I’m back again with a completely new story! Bismillah, and I will give my absolute very best to this one too In Sha Allah! Hope you guys will enjoy this just as much as my previous works. Do let me know your feedbacks and thoughts.
Also, I have made an Instagram page where i shared details regarding my stories, updates, and also just joke around and keep it touch with my readers hehe. I also post edits/pictures/videos related to my stories for you guys to enjoy!
The name of the page is @novelsbynayaa so everyone go follow okay!💗💗💗