Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (19)

Thea reminisces
Thea reminisces Level 110 Stories
July 11, 2026 10 Mins Read
1 Comment

“ވަޒީފާއަށް ނުކުމުގެ ކުރިން އެހާ އަވަހަށް ވަނަން ލިބުނީ. އެވެސް ‘އާތްކުއެކް’.”
ހިނިގަނޑެއް ޖަހައިލަމުން ރާޝިދު ބޯ ހޫރައިލިއެވެ.
“ދުވަހަކުވެސް އަހަރެން އާޝޯހު ނުކޮށްލާ ނުދާތި. ޢާއިޝަތު ރޫޔާ އިސްމާޢިލް!” ރައްދުގައި ރޫޔާ ދެކޮޅަށް ބޯ ހޫރައިލުމަށްފަހު، އުލުގެ އެހީއާއެކު ސްޕެގެޓީކޮޅެއް އަނގަޔަށްލިޔެވެ.
“ބޭބެ ނުބުނަންދޯ އެކުދިން ކައިރީ” ހަމަޖެހިލުމަށްފަހު ރޫޔާ އަހައިލިއެވެ. ޖަވާބުގައި ރާޝިދު ބޯ ޖަހައިލިއެވެ.
“ކީއްކުރަން؟؟. އެހާ ރީތިކޮށް ސަޕްރައިޒެއް ދެވެން އޮއްވަ!”
“އަދިވެސް ބޮޑުވާކަށް ނޫޅޭން ދޯ! އުމުރުން މިހާރު ތިއޮއް ފަންސާސް އަށަކަށް އަރަން ތިއުޅެނީ” ރޫޔާ އެހެން ބުނުމާއެކު ރާޝިދު މޫނު ހަދައިލިއެވެ.
“ޢާއިޝާ ބުންޏަސް. އަހަރެންދޭ ސަޕްރައިޒްތައް އެންމެންނަށް ކަމުދޭ”
“ބޭބެ ތިއުޅެނީ ތިކިޔާ ‘އާތްކުއޭކް’ އެޓެންޑިންނަށް ހަދަން” ރޫޔާ ޖޫސް ތަށި ކައިރިކޮށްލިއެވެ.
“ޔެސް، އެއީ އަހަރެން ބޭނުންވަނީ ޢާއިޝާ ލައްވާ އެމީހުން ޓްރެއިން ކުރުވަން”
“ހީވޭތަ އަހަރެންމީ ރަނގަޅު ޓީޗަރެއްހެން؟”

ރާޝިދު ފުންނޭވާއެއް ނަގައިލިއެވެ. އޭނާގެ މޫނުމަތިން ސަމާސާކަން ފިލައި ކުޑަކޮށް ސީރިއަސްވިއެވެ.
“ޢާއިޝާ ބުނެބަލަ، އެންމެ ނުރައްކާތެރި ޑޮކްޓަރުންނަކީ ކޮންކަހަލަ ޑޮކްޓަރުންނެއް؟”
“އަމިއްލަ މިސްޓޭކްސް ޤަބޫލުނުކޮށް، އެއިން ފިލާވަޅު ލިބެން ދެކޮޅު ހަދާ ޑޮކްޓަރުން”
“ދެން ބުނެބަލަ، ހޫޒް ދަ ސޭފެސްޓް ޓީޗާރސް؟ ދަ ވަން ހޫ ނެވަރ ފެއިލްސް އޯ ދަ ވަން ހޫ ލާންސް ފްރޮމް ފެއިލިއާ؟”
“ދަ ވަން ހޫ ލާންސް ފްރޮމް ފެއިލިއާ”
“އެކީއްވެ؟”
ރޫޔާ އެ ސުވާލާމެދު ވިސްނައިލިއެވެ. ފުންނޭވާއެއް ނެގުމަށްފަހު ޖަވާބު ދިނެވެ. “އެންމެ ސޭފެސްޓް ޓީޗަރުންނަކީ، އެމީހުންނަށް ލިބޭ ނާކަމިޔާބީތައް ފިލާވަޅަށް ހަދާ ޓީޗަރުން. އެކަން ވިސްނި އޭނާގެ ދަރިވަރުންނަށް ފިލާވަޅުދޭ ޓީޗަރުން. ފެއިލް ނުވެ ކިޔަވައިދޭން އުޅެފިނަމަ އަހަރެން އެހެންމީހުންނަށް ދަސްކޮށްދެވޭނީ ބޮޑާކަން.” ރޫޔާގެ ޖަވާބަށް ރާޝިދު ބޯ ޖަހައިލިއެވެ.
“ތެދެއް. ޢައިޝާއަށް އެކަން އެނގޭ. އެހެންވީމާ އަހަންނަށް ހަމަ ޔަޤީން ޢާއިޝާ އަށް މިކަން ވާނެކަން. އަމިއްލަ ނަފްސަށް ކުޑަ އިތުބާރެއް ކޮށްބަލަ” ގޮނޑީގައި ލެނގިލަމުން ރާޝިދު ބުންޏެވެ.
“ބައްޕަ ކިހިނެއްތަ މިހާރު؟ ވާހަކަ ދައްކައިފިންތަ؟” މައުޟޫ ބަދަލުކޮށްލަމުން ރާޝިދު އަހައިލިއެވެ. ރޫޔާ ބޯ މަޑުމަޑުން ބޯ ހޫރައިލިއެވެ.
“ބައްޕަ ދޯ.”
“ޢާއިޝާ، ކެންސަރު ޖެހި ރަނގަޅުވެފައި ހުރި މީހަކަށް އަނެއްކާވެސް ކެންސަރު ހުރިކަން އެނގުމަކީ ވަރަށް..ކީކޭ ބުނާނީ…ހިތްދަތި ޚަބަރެއް. ބޭބެއަށް ފެނިފައި ހުރި ކަމެއް އެއީ. މުޅި ދިރިއުޅުން ވެއްޓުމާއެކު، އާރާސްތުކޮށް ދިރިއުޅުމައިގެން ކުރިއަށް ދަނިކޮށް، އަނެއްކާވެސް ވެއްޓެން ދާން އެއުޅެނީ. އެހާ ފަސޭހަކަމެއް ނޫން މިއިކީ” ރާޝިދު ވިސްނައިދެމުން ބުންޏެވެ.
“އެނގޭ.” އެއަޑުގައިވާ ހިތްދަތިކަން ރާޝިދަށް ފާހަގަކުރެވުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. ރާޝިދަށް އެލޮލުގައިވާ ހިތާމަ ފޮރުވުމަށްޓަކައި ނަޒަރު ބަދަލުކޮށްލީ ހާމަކޮށް ފެންނަންއޮތް މަލަމައްޗަށެވެ.
****
ގެއަށް ވަދެވުމާއެކު ރޫޔާއަށް މަރުހަބާ ކީ ހަމަހިމޭން ކަމެވެ. މައި ދޮރު ކައިރިން ދިއްލައިފައިވާ ފަނޑު ބޮކިން ފިޔަވައި އެގޭގައި އިތުރު އަލިކަމެއް ނެތެވެ، ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އޭނާ އެތެރެއަށް ވަދެ، މައި ދޮރު ތަޅުލުމަށްފަހު އޭނާ އަރައިގެން ހުރި ހައި ހީލްސް ބޭލުމަށްފަހު ބޫޓު ހަރުގަނޑުގައި ބެހެއްޓިއެވެ.
އޭނާ ގޮއްސަ ހުޅުވައިލީ، އިސްމާޢިލް އުޅެން ހަމަ ޖެހިފައިވާ ކޮޓަރިއެވެ. ދޮރު ހުރީ ތަޅު ނުލާ ކަމުން އޭނާ އެ ކޮޓަރިއަށް ވަދުނެވެ. ފަނޑު ނިދާ ބޮކީގެ އަލީގެ އެހީއާއެކު، އެ ކޮޓަރި އެނދުގައި ނިދާފައި އޮތް އިސްމާޢިލް ފެނުނެވެ.
ނިދަން އޮތް ބައްޕައަށް ބަލަން ރޫޔާއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ. ޚިޔާލުގައި އުފެދެމުންދަނީ ފަރުވާ ހޯދުމަށް ބައްޕަ ރުއްސާނެ ގޮތެވެ. މަންމައާ ވެސް އެވާހަކަ ދެކެވިއްޖެވެ. ރާޝިދާ ދެމީހުން މަޝްވަރާވެސް ކުރެވިއްޖެއެވެ. އެކަމަކު ބައްޕަ ރުއްސާނެ ގޮތެއް ނޭނގުނެވެ.
އެ ކޮޓަރިން ނުކުމެ އޭނާ އެ ދޮރު މަޑުމަޑުން ލައްޕައިލުމަށްފަހު މިސްރާބު ޖެހީ އޭނާގެ ކޮޓަރިއަށެވެ. އެ ޖާގަ ތަނަވަސް ކޮޓަރިއަށް ވަދެވުމާއެކު ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކޮނޑުގައި އަޅުވައިފައިވާ އަތްދަބަސް ހަރުގައި އަޅުވައިލިއެވެ.
ލައިގެން ހުރި ކަޅު ގަމީސް ހެދުމާއި ހުދު ސްކާޓު ބޭލުމަށްފަހު އޭނާ ތުވާލިއަތަށް ނަގައި ފާހަނައަށް ވަދުނެވެ. ބިލިގާއަށް ފެން އަޅަން ޖެއްސުމަށްފަހު ހުއްޓުނީ ފާހަނަ ލޯގަނޑު ކުރިމަތީގައެވެ. ކަބަޑުން ދެތިން މޭކަޕް ވައިޕް ނެގުމަށްފަހު އުޅުނީ މޫނުގައި އުނގުޅައިފައި ހުރި މޭކަޕް ފޮހެންވެގެންނެވެ. މޭކަޕް އެކީ ފޮހެވުމާއެކު އޭނާ އަތް ގެންދިޔައީ،  އިސްތަށިގަނޑުތައް ހުޅިއެއްގެ ތެރޭ ހައްޔަރުކޮށްލައިފައި އިން ކަކުނި ދަތިގަނޑާ ދިމާލަށެވެ. ދަތިގަނޑުގައި ހިފައިލައި އަތް ދުރުކޮށްލި ވަގުތު، އެ ދިގު އިސްތަށިގަނޑު މިނިވަންވެގެން، އޭނާ ކޮނޑުމަތިން ތިރިއަށް ވެއްޓެން ދިޔައެވެ. މޫނު މައްޗަށް ވެއްޓުނު އިސްތަށިކޮޅުތައް، އަތު ފުނާއަޅައިލުމަށްފަހު އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ހަ އަހަރު ކުރިން އެ ދެލޮލުގައިވާ މައުސޫމުކަމުގެ ބަދަލުގައި ވަނީ ތޫނުކަމެވެ.
***

އަނދިރި ސިޓިން ރޫމަށް ކިރިޔާވެސް އަލިކަމެއް ލިބިފައިވަނީ، ހުޅުވިފައިވާ ބެލްކަނީ ދޮރުން އެތެރެއަށް ވަދެގެން އަންނަ ހަނދުގެ ދޯދިންނެވެ. ސޯފާގައި އިށީނދެއިން ރަޒާން، ނަޒަރު ވަކިކޮށްލުމެއް ނެތި ބަލަން އިނީ އަތުގައި އޮތް އައިޕެޑަށެވެ. ވިސްނުން ހުރީ އެހެން ދިމާލެއްގައެވެ.
އޭނާ އުޅޭ ފަންގިފިލާގެ، ތިރީ ފަންގިފިލާގައި އުޅޭ ރޫޔާގެ ޚިޔާލުގައެވެ

އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ނަޒަރު ގެންދިޔައީ ފާރުގައި ހަރުކޮށްފައި އިން ގަޑިއަށެވެ. އޭނާގެ ރޭވުން ފުރިހަމަވާން ބާކީ އޮތީ ބާވީސް ގަޑިއިރެވެ. އިހުސާސްކުރެވުނީ ވަގުތު ހިނގައިލެއް ލަސްކަމެވެ. ތެދަށް ބުނާނަމަ، އޭނާ ހުރީ ކެތްމަދުވެފައެވެ.
އައިޕެޑް ކޮފީ މޭޒުމައްޗަށް އެއްލައިލުމަށްފަހު އޭނާ ސޯފާއިން ތެދުވިއެވެ. އަޅައިގެން ހުރި ޓައި ދޫކޮށްލަމުން ހިނގައިގަތުނީ އޭނާގެ ކޮޓަރިއަށެވެ. ކަރުން ޓައި ނަގައި އެނދުމައްޗަށް އެއްލައިލުމަށްފަހު އެއް އަތުން ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ނެއްޓޭ ކޮންމެ ގޮށަކާއެކު، އެ ކޮޓަރީގެ ފަނޑު އަލިން ހާމަވެގެން ދިޔައީ ކަސްރަތީ ހަށިގަނޑެކެވެ. ފުޅާ ބުރަކަށްޓާއި ހިމަ އުނަގަނޑެއް ލިބިފައިވަނީ ޤަވައިދުން ކަސްރަތު ކުރާތީއެވެ. އެ ހުދު ގަމީސް އެ ހަށިގަނޑުން ވަކި ކޮށްލުމަށްފަހު، އެ ގަމީސްވެސް އެނދުމައްޗަށް އެއްލައިލައި، ހަރުގަނޑުން ތުވާޔެއް ނެގުމަށްފަހު ފާހަނައަށް ވަދުނެވެ. ފިޔަވަޅުތަކަށް މަޑު ޖެހުމެއްނެތި ހުއްޓުނީ ޝަވަރ ކިއުބިކަލް ކައިރީގައެވެ.
ލައިގެން ހުރި އެހެން އަންނައުނުތައް ބޭލުމަށްފަހު އޭނާ ތުވާލި އަޅުވައިލީ ޝަވަރ ކިއުބިކަލްއިން ބޭރުގައި އިން ހަރުގައެވެ. އެއަށްފަހު ކިއުބިކަލް ތެރެއަށްވަދެ އެ މާގަނޑުގެ ދަށުގައި ހުއްޓިހުރެ، ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހީޓަރުގެ ސެޓިން ބަދަލުކޮށްލީ ފިނި ފެނަށެވެ. މަޑުކުރުމެއް ނެތި މާގަނޑު ދޫކޮށްލިއެވެ.
އޮހެގެން އާ ފިނި ފެނާއެކު ބޮލަށާއި އެ ފުޅާ ކޮނޑުމައްޗަށް ފިނި ފެން ފޮދުތައް ޖެހެމުން ދިޔައެވެ. ދެއަތް ކިއުބިކަލްގެ ފާރުގައި ވިއްދައިގެން ހުރެ އޭނާ ނަޒަރު ހިންގައިލީ، ފުސް އަރައިފައިވާ ކިއުބިކަލްގެ ބިއްލޫރި ފާރަށެވެ. ރީއްޗަށް ނާރު އަރައިފައިވާ އެއް އަތް އުފުލައިލުމަށްފަހު އޭނާ އެ ފުސް އަރައިފައިވާ ބިއްލޫރިގަނޑު ސާފުކޮށްލުމާއެކު އޭނާގެ ސިފަ ލޮލަށް ހާމަވިއެވެ. އޭނާ އަމިއްލަ ނަފްސަށް ބަލަން އިން އިރު، މާގަނޑުން އޮހެގެން އައި ފެންފޮދުތައް އޭނާގެ މޫނު މަތިން ދަތުރު ކުރަމުން ދިޔައެވެ. އެ ފެން ތިކިތައް މޫނުގައި ފިރުކެމުން، ކަރު ދޮށުގެ މަސްތަކާ ދިމާލަށް ދިޔައެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަށިގަނޑު ތެދުކޮށްލުމާއެކު، އެ ފުޅާ މޭ މައްޗާއި ހަރު އަރައިފައިވާ ބަނޑު މަސްގަނޑު އިތުރަށް ފާޅުވިއެވެ. މޫނު އިތުރަށް ތެތްމައިލަން އިސްނެގި ވަގުތު ކަރު ދޮށުގެ މަސްގަނޑަށް ބާރު އެރިއެވެ. ނިތްމައްޗަށް ވެއްޓިފައި ހުރި ތެތް އިސްތަށިކޮޅު ފުނާއަޅަން އަތް ނެގި ވަގުތު، އަތުގެ މުލައްދަނޑިން ފެށިގެން އަތް ތިލައާއި ހަމައަށް އަންނަ ނާރުތައް އިތުރަށް ފުފުނެވެ.
ބޮލަށް ސަވާރުވި ޚިޔާލާއެކު އޭނާ ދެލޯ ހުޅުވައިލިއެވެ. މާގަނޑު ހަރުކޮށްފައި އިން ސީލިންގަށް ބަލަން ހުރެވުނީ އެ ޚިޔާލާމެދު ރަނގަޅަށް ވިސްނިގެންނެވެ. އެއާއެކު އޭނާއަށް އެއް މިޔަކަނުން ހީލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަ ރަނގަޅަށްވެސް އޭނާ އެހުރީ ކެތްމަދުވެފައެވެ
***
ޗުއްޓީގެ ހޭދަވެގެން ދިޔަ ދުވަސްތައް މާޒީއަށް ވެގެން ދިޔަކަން އިހުސާސްކުރަމުން ޔަމީން ހޮސްޕިޓަލަށް ވަދުނީ ޚިޔާލުގައި އެތަކެއް ތަސްވީރުތައް ކުރަހަމުންނެވެ. ކޮންމެ ގޮތަކުން އޭނާއަށް ދިމާކުރުން އަންނާނެކަން އޭނާއަށް އެނގުނެވެ. އެ ފްލައިޓްގެ ކުރެވުނު އިހުސާސްތައް އަދިވެސް އޭނާގެ ހަށިގަނޑަކުން ނުފިލައެވެ.
‘ނަސީރު މެޑިކަލް ހޮސްޕިޓަލް’ ގެ އެޓްރިއަމް އެވަގުތު އެހާ ގިނަ މީހުންނެއް ނެތެވެ. ގަޑިން އޭރު އަދި ހެނދުނު ހަ ގަޑި ބައި ވަނީއެވެ. އޭނާގެ މޫނު ދަންނަ އެއްވެސް މީހަކު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މޫނުމަތިން ލުއި ހިނިތުންވުމެއް ގެނެސް ހިނގައިގަންނަން އުޅުނީ ލިފްޓާ ދިމާލަށެވެ. އެހެނަސް….
“އެސްޕިރިން ބޯއި”
ފަހަތުން ފިރާޒްގެ ގަދަ އަޑުއިވިފައި ޔަމީން ދެލޯ މަރައިލައި، އަތް ނަގައި ލޯ މަތީގައި އަޅައިލިއެވެ. އޭނާ ފަހަތަށް ނޭނބުރެ ހިނގުން އަވަސްކުރީ ފިރާޒްގެ ކިބައިން މިންޖުވާންވެގެންނެވެ. ޔަމީން ހިނގައިގަތް ގޮތް ފެނި ފިރާޒް ވެސް ހިނގުން ބާރުކޮށްލިއެވެ.
ލިފްޓަށް ވަދެވުމާއެކު ޔަމީން އަވަސް އަވަހަށް އުޅުނީ ލިފްޓް ބަންދުކުރަންވެގެންނެވެ. ވަރަށް ނުވާކަމަށް ހެދިފައި އޭނާ ލިފްޓު ބަންދުކުރާ ފިތަށް ފިއްތަން ފެށީ ހުއްޓުމެއް ނެތިއެވެ. ލިފްޓުގެ ދެދޮރު ކެހިގެން ލެއްޕެން އުޅުމާއެކު އޭނާ ހަމަޖެހުމުގެ ނޭވާއެއް ނެގިއެވެ. އެހެނަސް އެ ދެ ދޮރުގެ ދެމެދަށް އަތެއް ވަދެ ދޮރު ހިފެހެއްޓުމާއެކު، އޮޓޮމެޓިކުން ލިފްޓްގެ ދޮރު ހުޅުވުނެވެ. ދެމިޔަކަނުން ހެވިފައި ހުރި ފިރާޒް ފެނި ޔަމީން ކަރު އެލުވައިލެވުނެވެ.
“ހޭއި އެސްޕިރިން ބޯއި. ކިހިނެއްވަނީ ޗުއްޓީ؟” ލިފްޓް ތެރެއަށް ވަންނަމުން ފިރާޒް އަހައިލިއެވެ.
“އޯކޭ.” ވަރަށް ނޫން ރާގެއްގައި ޔަމީން ޖަވާބު ދިނެވެ.
“ޔަމީން، މައި ބްރަދަރ، ދެން އެހާ ވަރަށް ނުވިސްނާ. އެހެންވެސް ކަންކަން ވާނެ. އައި އޭމް ޝުއަރ ހުރިހާ އެންމެން އެ އިންސިޑެންޓް މަތިން ހަނދާން ނެތްކަން” ޔަމީންގެ ކޮނޑުގައި ޖަހަމުން ފިރާޒް ބުންޏެވެ.
——
“ސޮރީ…އައި ޓޭކް އިޓް ބެކް. ނޯވަން ފޮގޮޓް އެބައުޓް އިޓް” ސަރޖަރީ ރެސިޑެންޓުންނަށް ހާއްސަކޮށްފައިވާ ލައުންޖަށް ވަދެވުމާއެކު ފެނުނު މަންޒަރާއެކު ފިރާޒް ބުންޏެވެ. ރައްދުގައި ޔަމީން ގަދަކަމުން ހިނިތުންވެލިއެވެ. އިންޓާނުންގެ އަތުގައި އޮތް ބޭނަރ ގައި ލިޔެފައި އިން ބަސްތައް ކިޔައިލުމާއެކު އޭނާ ދެލޯ މަރައި ތަގުޅިކޮށްލިއެވެ.
‘ވެލްކަމް ބެކް، އެސްޕިރިން ބޯއި’
“ވެލްކަމް ބެކް” ޔަމީނަށް މަރުހަބާ ކިޔަން ތައްޔާރުކޮށްފައި އިން ބޭނަރ ހިފައިގެން ހުރި ދީޕަކް ހަޅޭއްލަވައިގަތުނެވެ.
“ވެލްކަމް ވެލްކަމް، އަވަރ ސެލެބްރިޓީ، އަވަރ އެސްޕިރިން ބޯއި” ސަޖާހްގެ ބަހާއެކު ދެން ތިބި މީހުންވެސް ބައިވެރިވިއެވެ.
“ދަ މޭން، ދަ މީތް” ވިކްރަމް ސޯފާގައި އިށީންނަމުން ބުންޏެވެ. ޔަމީން ގަތް ލަދުން މޫނުގައި ދެއަތް އުނގުޅައިލިއެވެ.
“އައި ހޭޓް ޔޫ އޯލް” މޫނުން ދެއަތް ވަކި ކުރުމަށްފަހު އޭނާ އެހެން ބުންޏެއް ކަމަކު، ހިތުގައި އެނާގެ އެކުވެރިންނާ މެދު އެއްވެސް ނަފްރަތެއް ނެތްކަން އަޑުން އެނގުނެވެ.
“ޔޫ ޑޯންޓް މީން ދެޓް. އަފްޓަރ އޯލް. ޔޫ އާރ އަވަރ ސެލެބްރިޓީ ޑޮކް. ލުކް” މޭޒުމަތިން ގަނޑުތަކެއް ނަގަމުން ސުހާ ބުންޏެވެ. ޔަމީން އެގަނޑުތަކުގައިވާ ލިޔުންތައް ފެނުމާއެކު އަނެއްކާވެސް މޫނު ކުނިކޮށްލިއެވެ. މަތިންދާ ބޯޓުގައި އޭނާ ބަލިމީހާއަށް ފަރުވާ ދޭން އިންދައި ނަގައިފައިވާ ފޮޓޯތަކާއެކު އެ ގަނޑުތަކުގައިވަނީ އެ މެޑިކަލް އެމެޖެންސީއާ ބެހޭ ގޮތުން އެކި އެކި ނޫސް ލައިންތަކުން ތައްޔާރުކޮށްފައިވާ ޚަބަރުތަކެވެ.
“އެސިސްޓެޑް؟؟”
“ވެލް ދެޓްސް ޓްރޫ. ޔޫ އެސިސްޓެޑް.”
“ވަޓްއެވަރ. އެންޑް ވެއަރ ޑިޑް ޔޫ ގެޓް ދިޒް ބެނަރ؟” ޔަމީން އުޅުނީ އަވަހަށް އެ މައުޟޫ އިން ސަލާމަތްވާންށެވެ.
“ޑޮކް ރާޝިދް. ހީ އެޕްރޫވްޑް އިޓް” ލިއަންގެ އަނގައިން ރާޝިދުގެ ނަން ބޭރުވުމާއެކު ޔަމީން ނޭވާއެއް ދޫކޮށްލީ ނާއުންމީދާއެކުއެވެ.
“ސީ ފޯ ޔުއަރ ސެލްފް” ބެނަރގެ ކަނަކަށް އިޝާރަތް ކުރަމުން ޝާނާ ބުންޏެވެ.
ޕްރައުޑް އޮފް ޔޫ -ޑރ. ރާޝިދް
ޔަމީނަށް ދެން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހުރިތަނަށް ހުއްޓިހުރެ އޭނާ އެންމެންނަށް ބަލައިލިއެވެ.
“އިޒް އިޓް ޓޫ ލޭޓް ޓު ޗޭންޖް މައި ކެރިއަރ؟؟”
***

“ސޯ..މީ ރޫ އުޅޭ ތަނަކީ؟” އެ އެޕާޓްމެންޓަށް ވަދެގެން އާ މައިރާގެ ފުރަތަމަ ސުވާލަކަށް ވީ އެޔެވެ. އޭނާއަށްވެސް ހުރެވުނީ ތަނުގެ ފެންވަރު ފެނިފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ އެޕާޓްމެންޓަށް ބަލަން ހުރެފައި އޭނާ ހިނގައިގަތުނީ ރޫޔާގެ ކޮޓަރިއަށެވެ.
“ސީރިއަސްލީ؟” މައިރާ އެ ކޮޓަރީގެ ތަނަވަސްކަން ފެނިފައި އިތުރަށް ހަޅޭއްލަވައިގަތުނެވެ. އޭނާ އަންތަރީސްވެ ހުރެ ސިޓިން ރޫމަށް ބޯ ދިއްކޮށްލީ ރޫޔާ ބުނާނެ އެއްޗެއް ބަލަން ވެގެންނެވެ.
“ޔަޕް. ބޭބެ ބޭނުންވަނީ އަހަރެން މިތާ އުޅެން. ބޭބެގެ އެކުވެރިއެއްގެ ތަނެކޯ. މިތާ މީހުން ނޫޅޭތާ ވަރަށް ދުވަސް ވެއްޖެޔޯ. އެހެންވެ މިތާ އުޅޭށޯ.” ބަދިގޭގެ އައިލެންޑް ކައިރީ ހުއްޓިހުރެ، މައިރާ ހަދައިގެން ގެނައި ސޭންޑްވިޗްތައް ތަށްޓަކަށް އަޅަމުން ރޫޔާ ބުންޏެވެ.
“ރޫ.. ކޮންޓްރެކްޓްގައި ސޮއި ކުރީތަ؟” އެ ކޮޓަރިން ނުކުމެ މައިރާ އެ އައިލެންޑް ކައިރީ ހުއްޓުނެވެ. ރޫޔާ ކިޔާ އެއްޗަކަށް ބެލުމެއް ނެތި އޭނާ ތަށިން ސޭންޑްވިޗެއް ނަގައި ކާން ފެށިއެވެ.
“މިރޭ. ބޭބެގެ ގެއަށް އަންނާށޭ ބުނީ. ޑިނަރ އާއެއްކޮށް. މައި އަންނަންވީނު. ލީގަލް އެޑްވައިޒް ބޭނުންވެދާނެ ކަންނޭނގެ” ރޫޔާ އެ ތަށި ކާމޭޒުމަތީ ބަހައްޓަމުން އެހެން ބުނުމާއެކު މައިރާ ދެބުމަ ގޮށްޖަހައިލިއެވެ.
“ލީސް ގައި ސޮއި ނުކޮށް ތި އުޅެނީ؟” މައިރާ ޔަޤީން ކުރަންވެގެން ސުވާލުކުރިއެވެ.
“ހޫމް. ބޭބެ ބުނީ އަހުމަދު ބުނީ އޯކޭއޭ. ވަގުތުން ކޮންޓްރެކްޓްގައި ސޮއި ނުކުރެވުނީ އަހުމަދު ބިޒީ ވީމައޯ” އަލަމާރިން ޖޫސް ފުޅި ނަގަމުން ރޫޔާ ޖަވާބު ދިނެވެ.
މައިރާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓުން އެރީ އޭނާގެ ފޯނު ރިންގުވާން ފެށީމައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، އަތް ދަބަހުން ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް އެރިއެވެ.
“ޝެހޭ، ޝަފް. ބަލާބަލަ ރޫގެ ޓަވަރު.” އޭނާ ކޯލް ވީޑިޔޯއަށް ބަދަލުކުރުމަށްފަހު އެކި ތަންތަން ދައްކައިލިއެވެ.
“ރޫ.. ތި ރޫގެ އެޕާޓްމެންޓްތަ؟” ފޯނުން އިވިގެން ދިޔައީ ޝަފަޤްގެ ޤަބޫލުކުރަން ދަތިވެފައިވާ އަޑެވެ.
“ޔަޕް. ވަރަށް ދީލަތި މީހެއްގެ ހެޔޮ އެދުމާއެކު.” ޖަވާބު ދިނީ މައިރާއެވެ.
“ކާކު؟” ޝެހެނާގެ އަޑު އިވުމާއެކު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. މައިރާ ފޯނު ހިފައިގެން އޭނާ ކައިރީ މަޑުކޮށްލުމާއެކު ބަލައިލީ، ސްކްރީނަށް އަރައިފައިވާ ޝެހެނާއާއި ޝަފަޤަށެވެ.
“އަހުމަދު ކިޔާ މީހެއް. މިރޭ މިއުޅެނީ ލީސްގައި ސޮއި ކުރަން. ބޭބެގެ ރައްޓިއްސެއް.”
“އެއްކަލަ ޑޮކްޓަރ ތަ؟ ރާޝިދު ދޯ ކިޔަނީ؟” ޝަފަޤް އަހައިލިއެވެ.
“ހޫމް.”
“ހީވޭތަ ރޫޔާ ތި ކިޔާ އަހުމަދަކާ ހިތް ކިޔާނެ ހެން….” ޝަފަޤް ކުރަން ފެށީ ސަމާސާއެވެ.
“ޝަފް ޕްލީޒް… ޔަޤީން އެ އަހުމަދު ވާނީ ހަމަ ފަންސާސް އަހަރުގެ އުމުރުން ދޮށީ މީހަކަށް.” މައިރާ މޫނު ކުނިކޮށްލުމަށްފަހު އެހެން ބުނުމާއެކު ދެންތިބި އެންމެން ހެވުނެވެ.
“ރޫ އަށް އޯކޭ ވާނެ ދޯ.” ޝެހެނާ ދިމާކުރާ ރާގަކަށް އަހައިލި އަޑު އިވިފައި ރޫޔާ އެއް ބުމަ އަރުވައިލިއެވެ.
“ސަޕޯސް، އޭނާއަކީ ޑިވޯސްވެފަ، އެއްވެސް ދަރިއަކު ނެތް މީހަކަށް ވަންޏާ އޯކޭ. ބޮޑު ބަނޑެއް ލާފަ ހުއްޓަކަސް” ރޫޔާ އެހެން ބުނީ ޖެއްސުމުގެ ރާގެއްގައެވެ.
“ޔަޤީން ތި ކިޔާ އަހުމަދު ބޯ ހުންނާނީ ތަލަކޮށްކަން….”
***

އޮފީހުގެ ގޮނޑީގައި އިށީނދެއިން ރަޒާން ދޮރާ ދިމާލަށް މޫނު އަނބުރައިލީ މީހަކު ވަތް އަޑު އިވިފައެވެ. ވަދެގެން އައި ޔޫޝާ ފެނިފައި އޭނާ އަތުގައި އޮތް ފައިލް ތިރިކޮށްލުމަށްފަހު ގޮނޑީގައި ލެނގިލިއެވެ.
“މަންމަ ކިހިނެއް؟” ޔޫޝާ އައިސް، ރަޒާންގެ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑީގައި އިށީންނުމާއެކު ރަޒާން އެހިއެވެ. ރައްދުގައި ޔޫޝާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ދެން އޯކޭ.” ޔޫޝާގެ އަޑުގައިވާ ނުތަނަވަސްކަން ރަޒާނަށް ފާހަގަވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރަޒާން މޭޒު ކަބަޑު ހުޅުވައިލުމަށްފަހު ފައިލެއް ނެގިއެވެ.
“މިއޮތީ ފެމިލީ ކޯޓުން އައި އެއްޗެއް. ޔޫޝާ ބޭނުންވަންޏާ އަހަރެން ޔޫޝާއަށް އެޕާޓްމެންޓެއް ހަމަޖައްސާނަން. ސެކިއުރެޓީވެސް ވަރުގަދަ ވާނެ. ޔޫޝާ ކޮއްކޮމެންނާއެކު އުޅެން ބޭނުންވާނަމަ ހަމަ އަހަރެން ކައިރީ ބުނޭ.” ރަޒާންގެ އަޑުގައިވަނީ ސާބިތުކަމެވެ. އެހެނަސް ޔޫޝާ އެނާގެ އެހީއަށް ދެކޮޅު ހެދިއެވެ.

“ރަޒާން. އަހަރެން އުފާވޭ ރަޒާން އަހަންނަށް އެހީވާން އުޅޭތީ. އެކަމަކު، އަދިވެސް އަހަރެން ބިރުގަނޭ ބައްޕަ ހަދާނެ ގޮތް ނޭނގޭތީ. ބައްޕަ ރުޅި އައިސް ހަދާނެ ނުހަދާނެ އެއްޗެއް ނޭނގޭ. ބައްޕަ ބޭނުންވާތީވެ މަންމަ އަދިވެސް އެހުރީ މެންޓަލް ހޮސްޕިޓަލެއްގައި. ބައްޕައަށް އަހަރެން މިކަން ކުރަން ރަޒާންގެ ކިބައިން އެދުނު ކަން އެނގުންނަމަ، އަހަރެންނަށް ދައްކަންވެގެން ޔަނާލް މެންނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ” ޔޫޝާ އެހެން ބުނުމާއެކު ރަޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. ހަ އަހަރު ދުވަހު ނަސީރުގެ ކިބައިން ބޮޑު ބަދަލެއް ނުހިފައި ހުރީ ޔޫޝާގެ އެދުމުގެ މަތިންނެވެ. ޔޫޝާގެ ކޮއްކޮމެންނާއި މަންމަ ވަނީ ނަސީރުގެ ބެލުމުގެ ދަށުންނެވެ. އޭނާއަށް ހެދެވޭ ގޯހަކުން ކުށެއް ނެތް މައުސޫމު ފުރާނަތަކެއް ނުރައްކަލަކަށް ހުށަހަޅަން އޭނާ ބޭނުމެއް ނުވެއެވެ. އެހެނަސް އޭނާވަނީ އެ ކުންފުނީގެ ތެރެއިން ނަސީރުގެ ބާރު ކަނޑުވައިލައިފައެވެ. ނަސީރަކީ މިހާރު ހަމައެކަނި ނަމެއްގައި އިންނަ ޑިރެކްޓަރެކެވެ.
“ހާސް ނުވޭ. އަހަންނާއި މިއުވާން ފިޔަވައި އެއްވެސް މީހަކަށް ނޭނގޭނެ މިކަމެއް.” ރައްދުގައި ޔޫޝާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ރަހުމާއްތަ ކިހިނެއް މިހާރު؟” ޔޫޝާ އަހައިލިއެވެ.
“ރަނގަޅު. މިރޭ ދޭބަލަ މަންމަމެން ގެއަށް. ޔޫޝާ ނާންނަ ވާހަކަ ބުނީމަ މަ ބުނިން އިންޑިޔާއަށް ދިޔަ ވާހަކަ.” ރަޒާން އަތުގައި އަޅައިފައި އިން ގަޑިއަށް ބަލައިލިއެވެ. އޭނާގެ ރޭވުން ފުރިހަމަ ވާން ބާކީ އޮތީ ހަތް ގަޑިއިރެވެ.
“ރަހުމާއްތަ ކައިރީ ކީކޭ ބުނީ؟” ހާސްވެ ހުރެ ޔޫޝާ އަހައިލިއެވެ.
“ޔޫޝާގެ މަންމަ ކުޑަކޮށް ބަލިވެ އުޅޭތީވެ. ހާސް ނުވޭ. މަންމައަކަށް ނޭނގޭ ޔޫޝާގެ މަންމަގެ އަސްލު ހާލަތެއް” ރަޒާންގެ ބަހާއެކު ޔޫޝާ ނޭވާއެއް ދޫކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް، އޭނާ ކިރިޔާ އިތުބާރުކުރެވޭ މީހަކީ މިހާރު ހަމައެކަނި ރަޒާނެވެ.
“ތެންކްސް ރަޒާން. މިރޭ ދާނަން ރަހުމާއްތަ ކައިރިއަށް. ރަޒާން އަންނަންތަ؟” ޔޫޝާ ސުވާލުކުރިއެވެ.
“ނޫން. އެބައޮތް ކްލަޔަންޓް އަކާއެއްކޮށް ޑިނަރ އަކަށް ދާން.” ރަޒާން ގޮނޑިން ތެދުވަންނަމުން ޖަވާބު ދިނެވެ. އޭނާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް އެރިތަން ޔޫޝާއަށް ފެނުނެވެ.
“އޯކޭ.” ޔޫޝާވެސް ދެން އިތުރަކަށް ސުވާލު ކުރާކަށް ނޫޅުނެވެ.

****

ރާޝިދުމެންގެ ޢާއިލާ އުޅޭ ގެ އިންނަނީ ދެ ބުރިއަށް ނަގައިފައެވެ. އެގޭ ވަށައިގެން ވަށާ ފާރު ރޭނިފައިވާއިރު، ގޭގެ ކުރިމައްޗަށް އިންނަ ގޯތީގައިވަނީ އެކި އެކި މާގަސްތަކުން ޖަރީވެފައެވެ. ރޭގަނޑު އެ ގޯތި ތެރެއަށް ކިރިޔާވެސް އަލިކަމެއް ދެނީ އަސްކަނި ދަށުގައި ދިއްލައިލެވިފައިވާ އޮރެންޖު ބޮކިންނެވެ.

އަތުގައި ބަންދުކޮށްފައިވާ ތަށްޓެއް ހިފައިގެން ރޫޔާ އެ ގޯތި ތެރެއަށް ވަދެ ހިނގައިގަތުނީ މައި ދޮރާ ދިމާލަށެވެ. މައިރާ ހުރީ އޭނާގެ ފަހަތުގައިއެވެ. އެއް އަތުން ތަށީގައި ހިފަހެއްޓުމަށްފަހު، ހުސްކޮށް އޮތް އަތުން ބެލް އަޅުވައިލިއެވެ.
އެތެރެއިން ދޮރު ހުޅުވައިލި އަޒުރާ ފެނިފައި ރޫޔާއާއި މައިރާ ހިނިތުންވެލިއެވެ. އެކަކު އަނެކަކަށް ސަލާމް ބަދަލުކޮށް އެތެރަށް ވަދެ، ދޮރުކައިރީގައި، އަރައިގެން ހުރި ބޫޓު ބެހެއްޓިއެވެ.
“މި ހުރީ އަޅުގަނޑު ހެދި ޕުޑިން ކޮޅެއް. ބޭބެއަށް ވަރަށް މީރުވެގެން އުޅޭތީ ހިތަށް އެރީ ހަދައިގެން ގެންނާނީއޭ” އަޒުރާގެ އަތަށް ތަށި ދިއްކޮށްލަމުން ރޫޔާ ބުންޏެވެ.
“އައްދޭ! އަހަރެންގެ ޢާއިޝާ އައީތަ؟” ރޫޔާގެ އަޑު އިވިފައި ރާޝިދު އަވަހަށް ސިޑިން ތިރިއަށް ފައިބައިގަތުނެވެ.
“ބޭބެވެސް ދޯ!” ރޫޔާ ދެކޮޅަށް ބޯ ހޫރައިލިއެވެ.
“މަރިޔަމްވެސް ގެނައިދޯ.. ވަދޭ ވަދޭ. އަހުމަދާއި އިބްރާހިމް އަންނަން ދެން އެހަ މަޑުކުރާނީ ދޯ. ސޯފާގައި އިށީނދެބަލަ” ސޯފާއަށް އިޝާރަތް ކުރަމުން އިސްމާޢިލް ބުންޏެވެ.
“ކޮބާ އިސްމާޢިލް؟” ރާޝިދަށް އިސްމާޢިލް ނެތްކަން ފާހަގަވެގެން ސުވާލުކުރިއެވެ.
“ބައްޕަ ދޯ.. ބައްޕަ އަޅުގަނޑަށް ފިލައިގެން އުޅެނީ. އިއްޔެ ރޭ ގެއަށް އާއިރު ނިދާފަ، ހެނދުނު ހޭލިއިރު ގެޔަކު ނެތް. ޔަޤީން މަސައްކަތަށް ދިޔައީކަން.” ރޫޔާ އެހެން ބުނީ އަޑުގައި އެއްވެސް އަސަރެއް ގެނައުމެއް ނެތިއެވެ. ނަމަވެސް އެ ބައްޕަ އުޅޭ ގޮތް ފެނިފައި ވާ ދެރަ އެނގޭނީ ޚުދު އޭނާއަށެވެ.
ރާޝިދު ރޫޔާއަށް ބަލަން ހުރެފައި ނޭވާއެއް ދޫކޮށްލިއެވެ. ބަހުން ހާމަނުކުރިޔަސް ރޫޔާ ތަހައްމަލުކުރަމުންދާ ވޭން އޭނާއަށް ވިސްނުނެވެ.
“އަދި ރަނގަޅުވާނެ. އިސްމާޢިލަކީ ވިސްނޭ މީހެއް. އޭނާއަށް ވަޤުތު ދީ.” ރާޝިދަށް ކުރެވެން އޮތް ހާ ކަމަކީ ރޫޔާއަށް ނަސޭހަތްތެރިވުމެވެ.
“ދެން ބުނެބަލަ. ކިހިނެއްވަނީ އުޅޭ ތަން؟” ރާޝިދު މައުޟޫ ބަދަލުކޮށްލިއެވެ.
“އޯކޭ. މިއަދު ހަވީރު ރަހާ އެތަނަށް ބަދަލުވެއްޖެ.”
“އެހެން. މަންމަމެން ކިހިނެއް؟” ކާމޭޒު މައްޗަށް ތަށިތައް އަރުވަން ހުރެފައި އަޒުރާ އަހައިލިއެވެ. ހަލީމާގެ ވާހަކަ އެހުމާއެކު ރޫޔާގެ މޫނަށް އުފާވެރިކަމުގެ ކުލަތައް އެރިއެވެ.
“މަންމައާއި ކުޑަ ބައްޕަ ރަނގަޅު. ހަތޫ ދޮންތަ ވިހަން އުޅޭތީވެ މާލެ ނާދެވިގެން އެ އުޅެނީ. ސަލާމް ބުނި” ރޫޔާ ޖަވާބު ދިނުމަށްފަހު ތެދުވެ ހިނގައިގަތުނީ އަޒުރާއަށް އެހީވާންށެވެ.
“ރޫޔާ.. ނޫން. ތީ އަހަރެމެންގެ މެހެމާނެއްނު” އަޒުރާ ވަގުތުން ދެކޮޅު ހެދިއެވެ. އެހެނަސް ރޫޔާ ހުރީ ދޫ ދޭ ގޮތަކަށެވެ.
“ދައްތާ. ޕްލީޒް. އަޅުގަނޑު މާލެ އާ ވަގުތުން ފެށިގެން ދައްތަ އެއްނު އަޅުގަނޑަށް އެހީވީ. އެހެންވީމާ އަޅުގަނޑު ނެތިން ދައްތަގެ ދެކޮޅު ހެދުމަކަށް އެއްބަސް ވާކަށެއް” ރޫޔާ ބަދިގެއިން ބަތް ތަށި ނަގަމުން ބުންޏެވެ. މައިރާވެސް ރޫޔާއާ ބައިވެރިވެ އަޒުރާއަށް އެހިވާން އުޅުނީ އެކިއެކި ވާހަކަ ދައްކަމުންނެވެ

އެވަގުތު މީހަކު ދޮރުގައި ބެލް ޖެހި އަޑު އިވިފައި އެންމެން ދޮރަށް ބަލައިލިއެވެ. ރާޝިދު ސޯފާއިން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވުމާއެކު ދޮރު ކުރިމަތީ ހުއްޓިހުރި މީހާ ފެނި މައިރާއާއި ރޫޔާ ދެލޯ ބޮޑުވިއެވެ. އިން ތަނަށް ހުއްޓުނީވެސް ޤަބޫލުކުރަން ދަތިވެ ހުރެއެވެ. އެކަކު އަނެކަކަށް ނަޒަރު ހިންގައިލުމަށްފަހު އަނެއްކާވެސް ދޮރުމަތީ ހުރި ޒުވާނާއަށް ބަލައިލިއެވެ.
“އިބްރާހިމް، ވަދޭ އެތެރެއަށް” އެއްކައިރިއަށް ޖެހިލަމުން ރާޝިދު ތަން ދިނެވެ. އަތުގައި ފައިލެއް ހިފައިގެން އެގޭ ތެރެއަށް ވަދެގެން އައި މިއުވާނަށް ބަދިގެ ދޮރުމަތީ ހުރި ރޫޔާއާއި މައިރާ ފެނުނެވެ.
ދެވަނަ ސިކުންތުގައި އޭނާގެ މޫނު މައްޗަށް ހިނިތުންވުމެއް އެރީ ރަޒާންގެ ރޭވުން ވިސްނުމުންނެވެ.
“މިއީ.. އިބްރާހިމްތަ؟” ޤަބޫލުކުރަން ދަތިވެފައި މައިރާ އަހައިލިއެވެ. އޭނާ ރޫޔާއަށް ބަލައިލީ ހިތަށް އެރި ޚިޔާލެއްގެ ސަބަބުންނެވެ.
“ހޫމް. އަހުމަދުގެ ލޯޔަރ، ދެން ގާތް އެކުވެރިއެއް ދޯ.” ރާޝިދަށް ޖަވާބު ދިނުމުގެ ކުރިން މިއުވާން ޖަވާބު ދިނެވެ. އޭނާގެ ނަޒަރު ހުއްޓިހުރީ މައިރާއަށެވެ. މައިރާގެ މޫނަށް އަރާ ކުލަވަރުތައް ބަލަންވެގެންނެވެ.
“އަހުމަދުގެ ލޯޔަރ؟؟” މައިރާ ތަކުރާރުކޮށްލިއެވެ.
“ހޫމް. މިއޮތީ ކޮންޓްރެކްޓް” އަތުގައި އޮތް ފައިލް ވައިގެ ތެރޭގައި ތަޅުވައިލަމުން މިއުވާން ބުންޏެވެ.

“ކޮބާ އަހުމަދު؟” މިއުވާންގެ އަތުން މައިރާ ފައިލް އަތުލި މަންޒަރު ބަލަން ހުރެފައި ރާޝިދު އަހައިލިއެވެ.
“އޭނާއަށް ކޯލެއް އައިސްގެން އެބަހުރި ބޭރުގައި މަޑުކޮށްގެން.” މިއުވާން މައިރާގެ ކިބައިން ނަޒަރު ވަކި ނުކޮށް ހުރެ ބުންޏެވެ.

މައިރާ އަވަސް އަވަހަށް ފައިލް ހުޅުވައިލިއެވެ. ލީސް އެގްރީމެންޓްގެ ލޭންޑްލޯޑްގެ ކައިރީގައި އިން ނަން ފެނިފައި އޭނާ ހީބިހި ނަގައިގަތުނެވެ. އޭނާ އިސްނަގައި ރޫޔާއަށް ބަލައިލީ އެ ޚަބަރު ދޭނެ ގޮތް ނޭނގިގެންނެވެ.

“ރޫ…” ދެވަނަ ފަހަރަށް ދޮރުގެ ބެލްގެ އަޑާއެކު އެންމެން ދޮރާ ދިމާލަށް ބަލައިލިއެވެ. ރާޝިދު އުފަލުން ހުރެ ގޮސް ދޮރު ހުޅުވަން ދިޔައެވެ.

ރޫޔާ އަތުގައި އޮތް ބަތް އަޅައިފައި ހުރި ތަށި ކާ މޭޒުމަތީ ބެހެއްޓީ އެ މައިދޮރުން ނަޒަރު ވަކި ކުރުމެއް ނެތިއެވެ. މިއުވާންގެ އައުމާއި، މައިރާގެ ނަޒަރުން އޭނާގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ލިބުނުފަދައެވެ. ރާޝިދު ދޮރު ހުޅުވައިލުމާއެކު މައިރާ ދެލޯ ބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް ބަލައިލީ ރޫޔާއަށެވެ.

ލޯ ކުރިމަތިން ފެންނަން ހުރި ޒުވާނާ ފެނިފައި ރޫޔާ އެއްކޮށް ހުއްޓުން އެރިއެވެ. ފަސް އެޅިފައިވާ މާޒީ ހިތު ލޮލަށް ފެންނަން ފެށީ ހާލަތަށް ބެލުމެއް ނެތިއެވެ. ކަޅި ޖެހުމެއް ނެތި ބަލަން ހުރެވުނީ ހިތަށް ކުރި އަސަރާއެކުއެވެ. ވަގުތު އެ ދެމީހުންނަށްޓަކައި ހުއްޓުނު ފަދައެވެ.
އެ ޒުވާނާ އެތެރެއަށް ވަދެވުމާއެކު ރާޝިދު އުޅުނީ އެންމެން ތަޢާރާފު ކުރުމުގައެވެ. މިއުވާނާއި މައިރާ ތަޢާރާފް ކުރުމަށްފަހު ރާޝިދު ރޫޔާއަށް ބަލައިލިއެވެ.
“ޢާއިޝާ.. މިހުރީ ބޭބެގެ ގާތް އެކުވެރިއެއް. ބޭބެ ލޯބިން އޭނާއަށް ކިޔަނީ އަހުމަދު. އެކަމަކު ދަރިފުޅު އޭނާއަށް މުޚާތަބު ކުރޭ އޭނާގެ އަސްލު ނަމުން… ރަޒާން”

 

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 110 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ނަސީބުގެ ކުށެއްބާ؟

Next

ނޭނގި ވެވުނީ ލޮތްބޭ – 1 ބައި

Next
July 11, 2026

ނޭނގި ވެވުނީ ލޮތްބޭ – 1 ބައި

Previews
July 11, 2026

ނަސީބުގެ ކުށެއްބާ؟

One Comment

  1. Aami says:
    July 11, 2026 at 7:43 pm

    Varahreethi

Comments are closed.



All Right Reserved!