Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (20)

Thea reminisces
Thea reminisces Level 210 Stories
July 15, 2026 9 Mins Read
0 Comments

މިއުވާނާއެކު ކާރުން ނިކުތް ރަޒާންގެ ފިޔަވަޅުތައް ހުއްޓުނީ، ފަޓުލޫނު ޖީބުގައި އޮތް ފޯނު ވައިބްރޭޓުވާން ފެށީމައެވެ. އޭނާ ފޯނު ނަގަމުން މިއުވާނަށް، ރާޝިދުގެ ގެއަށް ވަންނަން އިޝާރަތް ކޮށްފައި ކާރުގައި ލެނގިލިއެވެ.
“ރަޒާން ސަރ. އަޅުގަނޑަށް ހޯދުނު މައުލޫމާތު ޕީ.ޑީ.އެފް ކޮށްފަ އިންނާނެ މިހާރު ސަރ ގެ މައިލަށް ފޮނުވައިފަ.” އެކޮޅުން އިވިގެން ދިޔައީ ރަޒާންގެ އެސިސްޓެންޓް ފިރާޝްގެ އަޑެވެ.
“އޯކޭ. މި ބަލަނީ” ރަޒާން ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ކޯލް ކަނޑައިލިއެވެ. އަވަސް އަވަހަށް މައިލް ހުޅުވައިލައި، ފިރާޝް އެބުނި ފައިލް ހުޅުވައިލިއެވެ. ފެނިގެން ދިޔަ ޖުމުލަތަކުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް، އެ ފައިލްގައި ހުރި މަޢުލޫމާތަކީ އޭނާއަށް ބޭނުންތެރި މަޢުލޫމާތެއްކަން އެ މޫނުމަތިން އެނގިގެން ދެއެވެ.

ފޯނު އަނބުރާ ޖީބަށްލުމަށްފަހު އޭނާ ރާޝިދުގެ ގެއަށް ބަލައިލިއެވެ. ދެންމެ އެނގުނު މަޢުލޫމާތު ބޭނުން ކުރާނެ ގޮތާމެދު ވިސްނައިލިއެވެ. ކޮންމެވެސް ގޮތަކުން މިހާރު ރޫޔާއަށް ވާން އުޅޭ ކަންތައްތައް އަންދާޒާކުރެވޭނެކަން އޭނާއަށް އިހުސާސްކުރެވުނެވެ

ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެ ގޭ ގޯތި ތެރެއަށް ވަދުނެވެ. މައި ދޮރުމަތީ މަޑުކޮށްލުމަށްފަހު، ބެލް އަޅުވައިލައި، އޭނާގެ ދެއަތް ފަޓުލޫނުގެ ޖީބަށް ޖަހައިލިއެވެ. މޫނު މައްޗަށް އެއްވެސް އަސަރެއް ގެނައުމެއްނެތި ސީދާ ދޮރަށް ބަލަން ހުއްޓައި، އެތެރެއިން މީހަކު ދޮރު ހުޅުވައިލިއެވެ. ރާޝިދުގެ ހިނިތުންވުމާއި މަރުހަބާ އޭނާއަށް ލިބުނެވެ. އެހެނަސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ރާޝިދުގެ ފަހަތުގައި ހުރި، ހުއްޓުން އަރައިފައި ހުރި ރޫޔާއަށެވެ.

ހަ އަހަރު ފަހުން އެ ސޫރައެއް ފެނުމާއެކު ރޫޔާގެ ހިއްސުތައްވަނީ އެކީ އެއްކޮށް ހުއްޓިފައެވެ. ކުރަންވީ ކޮން އިހުސާސެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ރާޝިދުގެ ކުރިމަތީގައި އޭނާއަށް ރަޒާން ނޭނގޭކަމަށް ހަދަންވީކަމެއް، އެނގޭކަމަށް ހަދަންވީކަމެއްވެސް ނޭނގުނެވެ. ޖެހި ބުދެއްހެން، ހުރެވުނީ، އެގެއަށް ވަދެގެން އައި ރަޒާނަށް ބަލަންށެވެ.

“ރޫ.. އޯކޭތަ؟” ކަންފަތް ބުޑުގައި މީހަކު ވައި އަޑުން ސުވާލުކުރުމާއެކު ރޫޔާއަށް ހޭވެރިވިއެވެ. ކުޑަކޮށް މޫނު އަނބުރައިލުމާއެކު މައިރާގެ ހާސްވެފައިވާ ނަޒަރު އޭނާއާ ހަމަވިއެވެ. ކުޑަ ނޭވާއެއް ނަގައިލުމަށްފަހު އޭނާ ބޯ ޖަހައިލީ ރާޝިދުމެންގެ ކުރިމަތީ ހުރިހާ ކަމެއް ފޮރުވަމުންނެވެ.

“ޢާއިޝާ.. މިހުރީ ބޭބެގެ ގާތް އެކުވެރިއެއް. ބޭބެ ލޯބިން އޭނާއަށް ކިޔަނީ އަހުމަދު. އެކަމަކު ދަރިފުޅު އޭނާއަށް މުޚާތަބު ކުރޭ އޭނާގެ އަސްލު ނަމުން… ރަޒާން” ރަޒާންގެ ކޮނޑުގައި އަތް އަޅުވައިލަމުން ރާޝިދު ރޫޔާއަށް ރަޒާންގެ ތަޢާރާފެއް ދިނެވެ.
“އަހުމަދު، މިއީ އަހަރެންގެ ޢާއިޝާ.. ރޫޔާ ކިޔަސް ރަނގަޅުވާނެ. ދޯ” ރާޝިދު ރޫޔާއަށް މުޚާތަބު ކުރުމުން ރޫޔާ ގަދަކަމުން ހިނިތުންވެލިއެވެ.
“ކުރިން ދިމާވެފަ ހުރީ. ރަޒާން އައޭ އަޅުގަނޑުގެ ރަށަށް، އެކުވެރިއެއްގެ ކައިވެންޏަށް” ރޫޔާ މާޒީގެ ބޮޑުބައެއް އުނިކުރުމަށްފަހު ބުންޏެވެ.
“އެހެން. ތިހެންވިއްޔާ މިކަން މިވީ ރަނގަޅަކަށްނު” ރާޝިދު ހެވިލައިފައި ބުންޏެވެ. “ކައިގެންތަ ސޮއި ކުރަން އުޅޭނީ؟ އެހެން ނޫނީ މިހާރުތަ؟”
“ރޫޔާ ބޭނުން ގޮތެއް.” ރަޒާން އެގެއަށް ވަދުނު ފަހުން ވާހަކަ ދެއްކީ ދެނެވެ. ރަޒާންގެ ބަސް އިވިފައި ރޫޔާ ފުންނޭވާއެއް ނެގިއެވެ. ރަޒާންގެ ޢަމަލުތަކުން ވިސްނަންވީ ކީކޭކަން ނޭނގޭ ހާލު އޭނާ މައިރާއަށް ބަލައިލީ އެހީއަށް އެދިއެވެ. މައިރާގެ ބޮލުން އިޝާރަތް ކުރުމާއެކު ރޫޔާ ރާޝިދަށް ބަލައިލިއެވެ.
“ހިނގާ ފުރަތަމަ ކާން. މެންދުރު ކޭ ގޮތަށް ނުކައި އަދި މިހުރީ”
“މައްސަލައެއް ނެތް، އެކަމަކު ޢާއިޝާ.. ތި އާދަ ދޫކޮށްލަންވީނު” ރާޝިދު ސަމާސާއަކަށް ކުދި ކިޔަމުން ކާ މޭޒާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ރަޒާނާއި މިއުވާންވެސް އައެވެ.

ރާޝިދު މޭޒު ކޮޅުގައި އިން ގޮނޑީގައި އިށީންނުމާއެކު ރަޒާނާއި މިއުވާން އިށީންނީ މޭޒުގެ ކަނާތް ފަރާތުގައިއެވެ. ރޫޔާއާއި މައިރާ އިށީންނީ ވާތް ފަރާތުގައެވެ. ރޫޔާއަށް އިށީނދެވުނީ ރަޒާންގެ ކުރިމައްޗަށް ވާ ގޮތަށެވެ.
“ހާދަ މަޑަކުން ތި ތިބީ؟” އެންމެން އަނގައިން ނުބުނެ އިނުމާއެކު ރާޝިދު ސުވާލުކުރިއެވެ.
“ނޫން.. މީ.. ބޭބެ އަހުމަދޭ ކިޔައިގެން ވާހަކަ ދެއްކީމަ އަޅުގަނޑުމެން ހީކުރީ، އަހުމަދަކީ ބޭބެއާ އެއް އުމުރު ފުރައިގެ މީހެއްކަމަށް.. އެހެންވެ ކުޑަކޮށް ޝޮކެއްގައި މިހުރީ” ޖަވާބު އައީ މައިރާގެ ފަރާތުންނެވެ.
“އެހެން؟” ރާޝިދަށް މައިރާގެ ޖަވާބު އިވިފައި ހޭން ފެށިއެވެ. ރާޝިދުގެ އެ ޢަމަލުން މައިރާއަށް ކުރިއަށްގެންދަން ހިތްވަރަކަށް ވެގެން ދިޔައެވެ.
“ލައްބަ. މިއަދު ހެނދުނު އަޅުގަނޑާއި ރޫޔާއާއި އަޅުގަނޑުމެންގެ އިތުރު ދެއެކުވެރިންނަށް ގުޅައިގެން އެވާހަކަ ދެއްކީ. ތި އަހުމަދު ހުންނަ ގޮތަކާމެދު އަޅުގަނޑުމެން ވަރަށް މަޝްވަރާކުރިން.” މައިރާ ރޫޔާއަށް ބަލައިލީ ވަށްކަޅިންނެވެ. “އެކަކު ބުނި ބޮޑު ބަނޑެއްލައިފައޭ ހުންނާނީ.”
މައިރާގެ ބަސް އިވިފައި ފެން ބޯން ހުރި މިއުވާން ކޮށިއެރިއެވެ. ރާޝިދާއި އަޒުރާ ފެށީ ހޭންށެވެ. ރޫޔާވެސް ނުވާކަމަށްވެގެން އެ ހުނުމުގައި ބައިވެރިވެލިއެވެ.
ރަޒާންވެސް މޫނުމައްޗަށް ހިނިތުންވުމެއް ގެންނަމުން ދެކޮޅަށް ބޯ ހޫރައިލިއެވެ. އެހެން ބުނީ ކާކުކަން އޭނާއަށް އެނގެއެވެ. އޭނާ ނަޒަރު ހިންގައިލީ ރޫޔާއަށެވެ.
“ދެން ދެރަވެފަ ތަ ތިހުރީ، ތިބުނާ ކަހަލަ މުސްކުޅިއަކަށް އަހަރެން ނުވީމަ؟” ޖޫސްތަށިން ކޯވަރެއް ބޯ ލުމަށްފަހު ރަޒާން އަހައިލިއެވެ. އެ ސުވާލު އަމާޒުވީ ސީދާ ރޫޔާއަށެވެ.

ރަޒާންގެ ސުވާލު އިވިފައި ރޫޔާ އިސްނަގައި ރަޒާނަށް ބަލައިލިއެވެ. އޭނާއާ ހަތަރުކަޅި ހަމަވުމާއެކު ރޫޔާއަށް ފުންނޭވާއެއް ނަގައިލިއެވެ. ރަޒާނަކީ މީހެއްގެ ފިރިއެއްކަން ވިސްނިގެން އޭނާ ރާޝިދަށް ނަޒަރު ބަދަލުކޮށްލިއެވެ.
“ހޫމް.”
“ދެން ވަރަށް ދެރަކޮށް ދޯ މި ދިމާވީ.” ރަޒާން ރޫޔާއަށް މާނަ ފުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެ ހިނިތުންވުމުގައި ކޮންމެވެސް ސިއްރުތަކެއްވާކަން ރޫޔާއަށް އިހުސާސްވިއެވެ. އޭނާ ރަޒާނަށް ދެލޯ ހަނިކޮށްލުމަށްފަހު މައިރާއަށް ބަލައިލިއެވެ. ކޮންމެވެސް ގޮތަކުން ރާޝިދަށް އޭނާ ޚިޔާލު ބަދަލުވާން އުޅޭކަން އަންގަން ބޭނުންވިއެވެ. އެހެނަސް ރާޝިދުގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެނިފައި އޭނާއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

އެންމެން ކައި ނިމުމާއެކު އަޒުރާ ފިޔަވައި އެންމެން ގޮސް ހަމަޖެހިލީ ސޯފާގައެވެ. މައިރާއާއި މިއުވާން އުޅުނީ އެ ލީސް އެގްރީމެންޓާ ބެހޭގޮތުން މަޝްވަރާކުރުމުގައެވެ. ރާޝިދުވެސް ދޭތެރެއަކުން އެ ދެމީހުންގެ މަޝްވަރާގައި ބައިވެރިވެލައެވެ.
“އަޅުގަނޑު މީ.. ތި ދެއްވި އޮފާ އަށް އަޅުގަނޑު ޝުކުރުވެރިވަން.. އެކަމަކު އަޅުގަނޑު ވިސްނައިލަން ބޭނުން”
ރޫޔާގެ ބަސް އިވިފައި މިއުވާން ރަޒާނަށް ބަލައިލިއެވެ. އެއްޗެކޭ ނުބުނެ، ކަޅި ޖަހައިލުމެއްނެތި ރަޒާން އިނީ ރޫޔާއަށް ބަލަންށެވެ.
މައިރާއަށްވެސް ރޫޔާ ހަދަން އުޅޭ ގޮތް ވިސްނުނެވެ. އޭނާ އަވަހަށް އެދެމެދަށް ވަދެގަތުނެވެ.
“ރަޒާން.. މީ.. އަޅުގަނޑުގެ ސުވާލުތައް އެބަހުރި” އޭނާ އުޅުނީ ރޫޔާއަށް ވަގުތު ހޯދައިދޭންވެގެންނެވެ. ކޮންމެވެސް ގޮތަކުން ރަޒާންގެ ހުށަހެޅުމަށް ނޫނެކޭ ބުނުމުގެ ފުރުސަތު ހޯދައިދޭންވެގެންނެވެ.
ރަޒާނަށް ރޫޔާގެ ވިސްނަނީ ކޮންކަމަކާ ކަން އެނގުނެވެ. އެހެނަސް އޭނާ އެހެންވިޔަ ދޭން ނެތެވެ.
“ރޫޔާ ބުނެބަލަ، މިއަށްވުރެ ރަނގަޅު ތަނެއް ހޯދަން ކިހާ ވަގުތެއް ދާނެކަން އެނގޭތަ؟” ރަޒާންގެ ސުވާލު އަމާޒުވީ ރޫޔާއަށެވެ. އެ ސުވާލާއެކު، ރޫޔާގެ ސަމާލުކަން އޭނާއަށް ލިބުނެވެ.
“އެނގިފައިވާ ގޮތުގައި ރޫޔާ ތިއުޅެނީ ދުވަސްކޮޅަކުން ވަޒީފާއަށް ނުކުންނަން.” ރޫޔާގެ މޫނަށް އަރާ ކުލަވަރު ބަލަންވެގެން އޭނާ ކުޑައިރުކޮޅަށްކަށް ހިމޭންވިއެވެ.
“ރޫޔާގެ ބައްޕައަކީ ކެންސަރ ޕޭޝަންޓެއް” ރަޒާންގެ ޖުމުލައިން ރޫޔާ ކުއްލިއަކަށް ސިހުނެވެ. ރަޒާނަށް އޭނާގެ ބައްޕަގެ ބަލި ހާލަތު އެނގުނީ ކިހިނަކުން ހެއްޔެވެ.
“ރާޝިދުބޭ އަހަންނަށް ކިޔައިދީފަ ވަނީ.” ރޫޔާ ރާޝިދަށް ބަލައިލިއެވެ. ޖަވާބުގައި ރާޝިދު ބޯ ޖަހައިލިއެވެ.
“އެކަމަކުވެސް، މިތަނަކީ އަހަރެންގެ ފެންވަރެއް ނޫން. ރަޒާން ބުނިހެން، ބައްޕަގެ ފަރުވާއަށް ޚަރަދުކުރަމުން، ޢާއިލާއަށް ޚަރަދުކުރަމުން، ރެންޓް ދައްކާނީ ކިހިނެއް؟” ރޫޔާ އަދިވެސް އުޅުނީ ރަޒާންގެ ކިބައިން މިންޖުވާނެ ގޮތެއް ހޯދަންވެގެންނެވެ.
“ރޫޔާ ކުއްޔަށް ތި އިންކާރު ކުރަނީ، ކުލި ދޭ މީހަކީ އަހަރެންނަށް ވީމަތަ؟”
“ނޫން…” ރާޝިދުގެ ކުރިމަތީ ރޫޔާއަށް މަޖުބޫރުވީ އޮޅުވައިލަންށެވެ.
“މައްސަލައެއް ނެތް، ރެންޓް ދައްކޮށްފާނަން. ކިހިނެއްވަނީ…” ރަޒާން މަޑު ޖެހިލިއެވެ. ރޫޔާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“އެއްހާސް ރުފިޔާ؟”
ރަޒާންގެ އަގު އިވިފައި އެންމެން އެކީ ރަޒާނަށް ބަލައިލިއެވެ. ކޮސްވެ ހުރެ މައިރާ ރޫޔާއަށް ނަޒަރު ހިންގައިލިއެވެ. ރާޝިދު ދެލޯ ބޮޑުކޮށްލައިގެން ހުރެ ރަޒާނަށް ބަލައިލިއެވެ. ރަޒާންގެ ވިސްނުން ހުރިގޮތް ދެނެގަނެވެގެން، މިއުވާން ދެކޮޅަށް ބޯ ހޫރައިލިއެވެ.
“އެއް… އެއްހާސް؟” ރޫޔާ އެ އަގު ތަކުރާރުކޮށްލިއެވެ.
“ތީ މާކޭޓާ ކައިރި ކުރާ އަގެއްވެސް ނޫން” މައިރާ ގާތަށް ރުޅިވެސް އައެވެ.

އެވަގުތު ރޫޔާއަށް ހުރިހާ ކަމެއް ވިސްނުނެވެ. އޭނާ އެންމެ ފުރަތަމަ އެ އެޕާޓްމެންޓް ލިބުނީވެސް ރަޒާންގެ ރޭވުމުގެ ދަށުންނެވެ. ރާޝިދުގެ ބޮލާ ކުޅެލައިގެން ކޮންމެވެސް ގޮތަކުން، ރޫޔާގެ ހަޔާތަށް އޭނާއަށް ވަދެވޭނެ ޖާގައެއް ހޯދިއެވެ. ރޫޔާގެ ލޭންޑްލޯޑަކީ ރަޒާންކަން އެނގޭ ވަގުތު ރޫޔާ ވަގުތުން އިންކާރު ކުރާނެކަންވެސް ރަޒާނަށް އެނގޭކަން ރޫޔާއަށް އެނގުނެވެ. މިރޭގެ ރާޝިދުގެ ގޭގައި، ކޮންޓްރެކްޓްގައި ސޮއިކުރަން އޮތީ ހަމަ ރަޒާންގެ ރޭވުމުގެ ދަށުންކަން ރޫޔާއަށް ވިސްނުނެވެ.

“ރަޒާން ހީކުރީތަ އަހަރެން މީ ރަޒާންގެ ޗެރެޓީ ކޭސް އެއް ކަމަށްތަ؟” ރޫޔާގެ އަޑުގައިވާ ނުރުހުން ފާހަގަ ކުރެވިފައި ރަޒާން ބުމަ އަރުވައިލިއެވެ.
“ރޫޔާ އަކީ އަހަރެންގެ ޗެރިޓީ ކޭސް ވެއްޖިއްޔާ، އަހަރެން ތި ރެންޓް އެއްކޮށް ހިލޭ ކުރީމު. އެހެންނޫނަސް، އަހަރެންވެސް އެ އެޕާޓްމެންޓްގައި އުޅޭނެ މީހަކު ބޭނުންވެގެން މިއުޅެނީ. ހިރަފޫސް އެޕާޓްމެންޓަށް ވުރެ އަހަންނަށްވެސް ރަނގަޅީ ދިރުން ހުރި އެޕާޓްމެންޓެއް” ރަޒާންގެ ބަސް އައީ ސާދާކޮށެވެ.
ރޫޔާ ފުންނޭވާއެއް ނެގިއެވެ. އަމިއްލަ މިހާ ހަމައަކަށް އަޅުވަމުން އޭނާ މައިރާ އަށް ބަލައިލިއެވެ. ރަޒާން ބޭނުންވަނީ އޭނާ ތަޅުވަންކަން ރޫޔާއަށް ވިސްނުނެވެ.
“މައްސަލައެއް ނެތް. ރެންޓަށް ތި ކިއީ އެއްހާހެއްނު. އަހަރެން އެހެންވީމާ ދޭނީ އެއްހާސް. އެއީ ރަޒާން ކަނޑައެޅިގޮތް. އެއަކަށް އިތުރަށް ބަދަލު ގެންނާނެ ކަމެއް ނެތް. އެއްހާސް” މައިރާގެ އަތުން ގަލަމާއި ކޮންޓްރެކްޓް ކަރުދާސް އަތުލުމަށްފަހު މޭޒު މަތީ ބޭއްވިއެވެ. ގަނޑުތައް އެއްލުމަށްފަހު އޭނާގެ ނަން ދޮށުގައި ސޮއި ކުރިއެވެ.
“އެއްހާސް…” ރަޒާނަށް ފެންނަ ގޮތަށް، އޭނާ އެ ކަރުދާސް މޭޒުމަތީ ބޭއްވިއެވެ.
“ރޫ”
“ނޮޕް. މައިރާ. ރަޒާން އެބުނީ ހަމަ ރަނގަޅަށް. އަހަރެންގެ ބައްޕަ ބަލަމުން، ރަހާ ބަލަމުން، ހޮސްޕިޓަލަށް ދަމުން، ކިހިނެއް އެހެންތަނެއް ހޯދަން އުޅޭނީ؟” ރޫޔާ އެހެން ބުނީ އެއްވެސް އަސަރެއް ނެތި، ޖެއްސުމަށެވެ.
“މައްސަލައެއް ނެތް. ދޭން ވީތަ އަހަރެންގެ ނަމްބަރު؟” ލީސްގައި ސޮއިކުރުމަށްފަހު ރަޒާން ރޫޔާއަށް ބަލައިލިއެވެ.
“ހޫމް. އޭރުންނެއްނު ކަމެއް ދިމާވިޔަސް އަންގައިލެވޭނީ” ރުންކުރު ގޮތަކަށް ރޫޔާ އެހެން ބުނުމަށްފަހު ލައިގެން ހުރި ސްކާރޓް ޖީބުން ފޯނު ނެގިއެވެ. އޭނާ ރަޒާންގެ އަތަށް ފޯނު ދިއްކޮށްލީ ރުޅިވެރިކަމާއެކުއެވެ.
ރަޒާން އެ ފޯނުގައި ހިފީ، ރޫޔާއަށް ބަލަން ހުރެފައެވެ. ފޯނުގެ ޑައިލްޕެޑް ހުޅުވައިލުމަށްފަހު، އޭނާ މިކަމަށް ހާއްސަކޮށްފައި އޮތް ނަމްބަރު ރޫޔާގެ ފޯނުގައި ރައްކާ ކޮށްލިއެވެ. އެއަށްފަހު އެ ނަމްބަރަށް ރިންގެއް ޖަހައިލިއެވެ.

“އޯކޭ.. ސޯ ރޫޔާ…. ވެލްކަމް ޓު ސެވެން ކްލައުޑްސް.”
“ދެޓްސް ޑޮކްޓަރ ރޫޔާ ފޯ ޔޫ”
****

ރޫޔާގެ ފަހަތުން އެ އެޕާޓްމެންޓަށް ވަދުނު މައިރާ ނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާގައި އިށީނެވެ. އަތުގައި އޮތް ފައިލް ކޮފީ މޭޒުމައްޗަށް އެއްލައިލުމަށްފަހު ސޯފާގައި ބޯ އަޅައިލިއެވެ. އޭނާ މޫނު އަނބުރައިލީ، ބަދިގޭގެ އައިސް އަލަމާރިން ޖޫސް ފުޅިއެއް ނަގަން ގުދުވެ އިން ރޫޔާއަށެވެ. ވިސްނުމުގައި ކުޅެމުން ދިޔައީ މީގެ ގަޑިއިރެއް ކުރިން، ރާޝިދުގެ ގޭގައި ވެގެން ދިޔަ ކަންތައްތަކެވެ. ރޫޔާ ކިތައްމެ ވަރަކަށް ނުވާކަމަށް ހެދިގެން އުޅުނަސް، އެ ބައްދަލުވުމުން އޭނާއަށް އަސަރެއް ކުރިކަން މައިރާއަށް ވިސްނުނެވެ.
“ރޫ.. ރަޒާން މަތިން ރަނގަޅަށް މޫވް އޮން ވި ތަ؟” އެކުވެރިޔާގެ ހާލާމެދު ކަންބޮޑުވެ ހުރެ މައިރާ އަހައިލިއެވެ.
މައިރާގެ ސުވާލުން ރޫޔާގެ އަމަލުތަކަށް މަޑުކަމެއް އައެވެ. ފެންބޯތަށްޓަށް ޖޫސް އަޅަން އަރިކޮށްލި ފުޅި ތެދުކޮށްލުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލިއެވެ.
މައިރާ ސޯފާއިން ތެދުވެ މަޑު ހިނގުމެއްގައި ގޮސް ހުއްޓުނީ ބަދިގޭގެ އައިލެންޑް ކައިރީއެވެ.
“ޔެސް. އަހަންނެއް ނެތިން މިކަމުން އަނެއްކާވެސް ރިލޭޝަންޝިޕެއް އުފައްދާކަށެއް. ރަޒާން ވިޔަސް، ތެދު ވަނީ ތެދަށް. ބައްޕައަށް ފަރުވާ ހޯދަމުން، އަނެއްކޮޅުން ރަހާ ބަލަމުން، ހޮސްޕިޓަލުގައި އުޅެމުން ކިހިނެއް އަހަރެން އެހެން ތަނެއް ހޯދާނީ؟” ރޫޔާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.
” ރަޒާނަކީ އަހަރެންގެ މާޒީވިޔަސް، އެނގޭ ލޭންޑްލޯޑެއްގެ ހައިސިއްޔަތުން އަހަންނަކަށް އެއްވެސް ގެއްލުމެއް ނުދޭނެކަން. ރާޝިދުވެސް ވަނީ މިކަމުގެ ތެރެއަށް ވަދެފަ. ހިޔެއްނުވޭ އޭނާ އުޅޭނެހެން ރާޝިދު ދެރަވާފަދަ ކަމެއް ކުރާކަށް” ރޫޔާ ޖޫސް ތަށިން ކޯވަރެއް ބޯލުމަށްފަހު ބުންޏެވެ.
“ރޫ..”

މައިދޮރު ހުޅުވައިލި އަޑު އިވިފައި ދެ މީހުން އެދިމާލަށް ބަލައިލިއެވެ. ވަދެގެން އައި އިސްމާޢިލް ފެނިފައި ރޫޔާ އަވަސް އަވަހަށް ބައްޕައާ ދިމާލަށް ހިނގައިގަތެވެ.
“ބައްޕާ.. ކޮންތާކަށް ގޮސް ތިއައީ؟” އިސްމާޢިލް އަތުގައި އޮތް ކޮތަޅުތައް އަތުލުމަށްފަހު ރޫޔާ އަހައިލިއެވެ. އިސްމާޢިލް ރައްދުގައި ހިނިތުންވެލިއެވެ. “ދަރިފުޅު އެންމެ ކާހިތްވާ އަންނާރު ހިފައިގެން މިއައީ. މައިރާވެސް އެބަހުރި ދޯ.” ގޮނޑީގައި އިށީނދެއިން މައިރާ ފެނިފައި އިސްމާޢިލް ހިނިތުންވެލިއެވެ. “މައިރާ ކިހިނެއްތަ؟ ދަމުން ގެންދޭ މީގެން މޭވާ ކޮޅެއް” ބަދިގެ ކަބަޑުން ރީތި ކޮތަޅެއް ނަގަމުން އިސްމާޢިލް ބުންޏެވެ. އެކޮތަޅުގައި ހުރި އަންނާރާއި އާފަލެއް، ދެންމެ ކަބަޑުން ނެގި ކޮތަޅަށް ލިއެވެ.
“ދެން ފަހަރަކުން އަޅުގަނޑު މޭވާ ކާން ބޭނުންވާ އިރަށް އަންނާނީ ބޭބެ ކައިރިއަށް. މައްސަލައެއް ނެތްތަ؟” އިސްމާޢިލާ ސަމާސާކުރަމުން މައިރާ އެ ކޮތަޅުގައި ހިފައިލިއެވެ.
“މައްސަލައެއް ނެތް. ހަމަ ގިނަގިނައިން އާދޭ ބޭބެ ކައިރިއަށް”
“ބައްޕަ ކައިފިންތަ؟” ޖޫސް ހުސް ކުރި ތަށި އަތަށް ނަގަމުން ރޫޔާ އަހައިލިއެވެ.
“ހޫމް. ދަރިފުޅު ކައިގެން ދޯ ތިއައީ. ކިހިނެއް ރާޝިދުމެން؟” އިސްމާޢިލް ސޯފާއާ ދިމާލަށް ދަމުން ރޫޔާ ގާތު އަހައިލިއެވެ.

ރޫޔާ ޖޫސް ބުއި ތަށި ދޮވެފައި، ފެން ފޮހެލުމަށްފަހު ތަށި އަނބުރާ ކަބަޑަށް ލިއެވެ. މައިރާ ކައިރީ އެތަނުން ދާން އިޝާރަތް ކުރުމަށްފަހު އޭނާ އުޅުނީ މޭވާތައް ކޮށަންވެގެންނެވެ.
“ބޭބޭ، އަޅުގަނޑު ދަނީދެން. މާދަން ކޯޓަށްވެސް ދާން ޖެހޭ. ރޫ.. ފަހުން ގުޅާނަން” ރޫޔާ ކުރަން އުޅޭ ކަންތައްތައް ރޭކާލުމާއެކު މައިރާ އަވަސް އަވަހަށް އެ އެޕާޓްމެންޓުން ނިކުމެގެން ހިނގައްޖެވެ.

ތަށްޓަކަށް ދެންމެ ކޮށި މޭވާ ކޮޅުތައް އަޅައިލުމަށްފަހު ރޫޔާ ހިނގައިގަތީ ސޯފާއާ ދިމާލަށެވެ. ކޮފީ މޭޒުމަތީ އެ ކާތަށި ބެހެއްޓުމަށްފަހު އޭނާވެސް ސޯފާގައި އީށިނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އިސްމާޢިލަށް ބަލައިލިއެވެ.
“ބައްޕާ” ރޫޔާގެ ގޮވައިލުން އިވިފައި އިސްމާޢިލް ރޫޔާއަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅު ކުރަން އުޅޭކަންތައްތައް އޭނާއަށްވެސް ރޭކާލެވުނެވެ.
“ދޮން ކަނބުލޯ.. ބައްޕައަށްވެސް އެނގޭ ދަރިފުޅު ބުނަން ތިއުޅެނީ ކީކޭކަން. އެކަމަކު ބައްޕަ މިހާރު މީދަނީ މުސްކުޅިވަމުން.. ކިތައްމެ ވަރަކަށް ބޭސްކުރިޔަސް، ހިޔެއްނުވޭ މި ބަލިން ރަނގަޅުވާނެހެންނެއް” ރާޝިދުގެ ބަހުން ރޫޔާ ދެރަވީ އިންތިހާއަށެވެ. ބައްޕަގެ ގޮތްދޫނުކުރުން ފެނިފައި އޭނާއަށް ރޮވެން އުޅޭހެން ހީވިއެވެ. އެހެނަސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރިއެވެ.
“ބައްޕާ. ތެދަށް ބުނެބަލަ، ކީއްވެ ބައްޕަ ތި ފަރުވާ ހޯދަން ދެކޮޅު ހަދަނީ ތި؟” އޭނާގެ އަޑުގައިވަނީ އާދޭހެވެ. އިސްމާޢިލަށް ހިތް ހަރުކޮށްގެން ހުރެވޭނީ ވަކި ވަރެއް ވަންދެންނެވެ.

“ދޮން ކަނބުލޯ.. ކިތަންމެ ވަރަކަށް ފަރުވާ ހޯދައި ދިރިއުޅުމައިގެން ކުރިއަށް ދާން އުޅުނަސް، ކަން ވާނީ ތަޤްދީރުގައި ލިޔެވިފައިވާ ގޮތަށް. ބައްޕައަށް އޮތީ މި ބައްޔާއެކު ކުރިއަށް ދާން..”

ރޫޔާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓުން އެރިއެވެ. އެ ޖުމުލައިގެ މާނަ އޭނާއަށް ވިސްނުނެވެ. މާޒީގެ މަތިން ހަނދާންވުމާއެކު އޭނާއަށް އިސްމާޢިލްގެ މި ޢަމަލުތަކުގެ އަސްލު މަޤްސަދު ވިސްނެންފެށިއެވެ. ވީ ދެރައިން އޭނާ އިން ތަނުން ތެދުވެ ގޮސް އިސްމާޢިލްގެ ގައިގައި އޮޅުލައިގަތުނެވެ.
“ބައްޕަ.. ތިހެން ނުވިސްނާ. ބައްޕަ ތިހެން ބުނާއިރު އަޅުގަނޑާމެދު ވިސްނައިލިންތަ؟ އަޅުގަނޑުވެސް ހަމަ ތިގޮތަށް ވިސްނައިގެން ބޮޑުވީ. އޭގެން އެއްވެސް ފައިދާއެއް ނުކުރި. ބައްޕައަށް ހަމަ ރަނގަޅަށްވެސް އެނގޭނެ.” ރޫޔާ އިސްމާޢިލާ ދުރަށް ޖެހިލަމުން ބުންޏެވެ. ދެލޮލުން ފައިބަމުންދާ ކަރުނަތަކާއެކު އޭނާ އިސްމާޢީލާ ހަތަރު ކަޅި ހަމަކުރިއެވެ. އޭނާ ބޭނުންވީ ބައްޕަގެ އެ ވިސްނުން ބަދަލުކުރަންށެވެ.

ރޫޔާގެ ޖުމުލަތަކާއެކު އިސްމާޢިލްގެ ހަރުހިތް ކަފަކޮޅަކަށްވެގެންދިޔައެވެ. އެ ދަރިފުޅުގެ ކޯތާފަތްމަތިން ފައިބަމުންދާ ކަރުނަތަކާއެކު އޭނާގެ ދެލޯ ފެންކަޅިވިއެވެ.
“ދޮންކަނބޮލޯ… އެއްފަހަރު މި ބައްޔަށް ފަރުވާ ހޯދިން. ރަނގަޅުވެގެން ދިރިއުޅުމާއެކު ކުރިއަށް ދިޔައިން. އެކަމަކު، އަނެއްކާވެސް.. ހަމަ އެ ބަލި. މީ ބައްޕަގެ ކުށުގެ ސަޒާ ކަމަށް ނުވާނަމަ ވާނީ ކޮންޗަކަށް؟” ތުރުތުރު އެޅިފައިވާ އަތަކާއެކު، ރޫޔާގެ ކޯތާފަތްމަތިން ދަތުރުކުރަމުންދާ ކަރުނަތައް ފޮހެލަމުން އިސްމާޢިލް އަހައިލިއެވެ.
ރޫޔާ ނޭވާއެއް ނަގައިލުމަށްފަހު ބައްޕަގެ އަތުގައި ހިފައިލިއެވެ.
“ބައްޕާ. އަޅުގަނޑަށްޓަކައި.. ޕްލީޒް، ތިގޮތަށް ނުވިސްނާ.” ރޫޔާއަށް ބުނާނެ އެއްޗެއް އެވަގުތަކު ނޭނގުނެވެ. ކުރެވުނުހާވެސް ކަމަކީ އަދޭހެވެ.
“މައްސަލައެއް ނެތް. ބައްޕަ ދެން އެހެން ނުވިސްނާނަން. ބައްޕަ ޑޮކްޓަރަށްވެސް ދައްކަން ދާނަން. ދެން ހުއްޓާލާ”
***

މީހަކު ދޮރުގައި ޓަކި ދިން އަޑުއިވިފައި، ފޮތް ކިޔަން އިން ވިކްރާމް ބޯ ހިއްލައިލިއެވެ. ވަދެގެން އައި ޔަމީން ފެނިފައި އޭނާ ފޮތް މޭޒުމަތީ ބާއްވައިލިއެވެ.
“އިޒްންޓް އިޓް ޔުއަރ ބްރޭކް ޓައިމް؟” ސޯފާގައި އިށީންނަމުން ޔަމީން އަހައިލިއެވެ.
“ޔަޕް. ހެޑް މައި ލަންޗް. އައި ތޯޓް އައި ވުޑް ޑޫ ސަމް ރީޑިން…” އަނެއްކާވެސް މީހަކު އެ ލައުންޖްގެ ތެރެއަށް ވަދުނު އަޑު އިވިފައި ވިކްރަމް ދޮރަށް ނަޒަރު ހިންގައިލިއެވެ.
ލައިގެން ހުރި ސްކްރަބްގެ ޖީބަށް ދެއަތް ޖަހައިގެން ހުރި ޒައުރާއާއި އާޝިޔާގެ އިތުރުން ޕްރިޔާ ފެނިފައި ވިކްރަމް ނޭވާއެއް ދޫކޮށްލިއެވެ. އައިސް އަލަމާރިން ޖޫސް ޕެކެޓެއް ނެގުމަށްފަހު ޕްރިޔާ އިށީންނީ ވިކްރަމް ކައިރީގައެވެ.
“ޔޫ ގާއިސް… ހޭވް ޔޫ ނޯޓިސްޑް ޑރ.ރާޝިދްސް ބިހޭވިއަރ؟” ޖޫސް ކޯވަރެއް ބޯލުމަށްފަހު ޕްރިޔާ އަހައިލިއެވެ. ޖަވާބުގައި އެންމެން ބޯ ޖަހައިލިއެވެ.
“ޔަޕް. ހީ އިޒް ބީން ކްރިޕްޓިކް. އެގެއިން” ޒައުރާ ބުންޏެވެ.
“އައި ސަޕޯސް ސޯ. ދަ ނިއު އެޓެންޑިން އިޒް ސްޓާޓިން ޓުމޯރޯ. ސޯ އައި ގެސް އިޓްސް ބިކޯޒް އޮފް އިޓް” ވިކްރަމްގެ ފޮތް ކިޔަން އިނދެ ޔަމީން ޖަވާބު ދިނެވެ.
“އައި އޭމް ހެޑިން އައުޓް.. ނީޑް ޑު ޗެކް އޮން ސަމް ޕޭޝަންޓްސް” ވިކްރަމް އަތަށް އަނބުރާ ފޮތް ދެމުން ޔަމީން ތެދުވިއެވެ. ލައިގެން ހުރި ސްކްރަބް ތެރެއަށް އަތް ޖަހައިލަމުން އޭނާ އެ ލައުންޖުން ނުކުމެގެން ދިޔައީ ސާރޖިކަލް ވާރޑާ ދިމާލަށެވެ.

“ޔަމީން.. އާދެބަލަ މިކޮޅަށް…” ނާރުހުންގެ ސްޓޭޝަނާ އަރާ ހަމަވުމާއެކު މީހަކު އޭނާއަށް ގޮވައިލި އަޑު އިވުނެވެ. އޭނާ އެދިމާލަށް މޫނު އަނބުރައިލުމާއެކު، ކައުންޓަރު ކައިރީގައި ހުރި ރާޝިދު ފެނުނެވެ. ހޯލުގެ ދެކޮޅު ބަލައިލުމަށްފަހު އޭނާ ހިނގައިގަތުނީ ކައުންޓަރާ ކައިރިއަށެވެ.
“ސަރ…” ޔަމީން ރާޝިދުގެ ކުރިމަތީ މަޑުކޮށްލުމަށްފަހު ގޮވައިލިއެވެ. ރައްދުގައި ރާޝިދު ޔަމީނަށް އިޝާރަތް ކުރީ އޭނާގެ ފަހަތުން އަންނަންށެވެ. ދެމީހުން ހިނގަމުން ގޮސް ވަދުނީ ރާޝިދުގެ އޮފީހަށެވެ.

“ބިސްކޯދު ބޭނުންތަ؟ އޯރިއޯ؟ މާރީ؟ ލޮނު ބިސްކޯދު؟” ޔަމީނަށް ސޯފާގައި އިށީންނަން އިޝާރަތް ކުރުމަށްފަހު ރާޝިދު އުޅުނީ، ދެތަށި ކޮފީ ތައްޔާރުކުރަންވެގެންނެވެ.
“އަމް.. ނިއުޓްރޯ” ރާޝިދު އޭނާގެ އަތަށް ކޮފީތަށި ލައިދިނުމާއެކު ޔަމީން ބުންޏެވެ.
“ރަނގަޅެއްނު، މަޑުކުރޭ”

ކަބަޑުން ‘ނިއުޓްރޯ’ ބިސްކޯދު ޕެކެޓުތަކެއް ނެގުމަށްފަހު ރާޝިދު ސޯފާގައި އިށީނެވެ. ޕެކެޓުތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ ޔަމީނަށް ބަލައިލިއެވެ.

“މާދަން އާ ޑޮކްޓަރު އަންނަކަން އެނގޭދޯ” ރާޝިދު ފެށިއެވެ.
“ހޫމް. ސަރ އަޅުގަނޑުމެންނަށް އިންފޯމް ކޮށްފަ އޮތީ.”
“ނިއު އެޓެންޑިންނަށް ޔަމީންގެ ފްލައިޓް ކްރައިސިސްގެ ވާހަކަ އެނގިފައި އޮތީ” ޔަމީންގެ އަތުން ކޮފީތަށި ދޫ ވެގެން ނުވެއްޓުނީ ކިރިޔާއެވެ. ބިރެއް ފެނުނު ފަދައިން އޭނާ ރާޝިދަށް ބަލަން ހުއްޓެވެ.
“ޗިލް. ޝީ އިޒް ކޫލް. އެކަމަކު އޭނާއަށް އެނގޭ ތިކުދިން އޭނާއަށް ދީފަ އިން ނަން… އާތްކުއޭކް”
“ސަރ އެވާހަކަވެސް ދެއްކީތަ؟” ރާޝިދު ހާމަކުރަމުންދާ ކޮންމެ މަޢުލޫމާތާއެކު، ޔަމީންގެ މޫނު ދިޔައީ ހުދުވަމުންނެވެ.
“ހޫމް. ޝީޒް ޕްރިޓީ ޗިލް.. އަސްލު ތެދަށް ބުނާނަމަ، ޔަމީން ފެންނަ ކޮންމެ ފަހަރަކު ސަރގެ ހަނދާނަށް އަންނަނީ އޭނާ. ޔޫ ވުޑް ލާން އަ ލޮޓް ފްރޮމް ހާ.” ރާޝިދު ފުންނޭވާއެއް ދޫކޮށްލިއެވެ.
“ތެދަށް ބުނާނަމަ، ނޮޓް އެވްރިވަން ވޯޒް އޮންބޯޑް ޓު ހޭވް ހާ ހިޔަރ. އޭނާ މާ ޔަންގް އޭ ކިޔާފަ.. އިންއެކްސްޕީރިއަންސް…އެންޑް އެވްރިތިން. އެކްސްޕީރިއަންސް އިޒްންޓް އެވްރިތިން. ޕާސްޕެކްޓިވް ޓޫ. މި ޑިޕާޓްމެންޓަށް މަދުވެގެން މިއުޅެނީ ޕާސްޕެކްޓިވްސް. އަޕް ޓު ޑޭ ނޮލެޖް..”
ރާޝިދު ބިސްކޯދުކޮޅެއް ހަފައިލަމުން ކުރިއަށް ގެންދިޔައެވެ.
“ބައެއް މީހުން އެކަން ޤަބޫލުނުކުރާނެ. އެމީހުން ބޭނުންވަނީ ހަމަ އެ މުސްކުޅި ވިސްނުމުގައި އުޅެން.”
“ސަރ.. ނޯ އޮފެންސް، އެކަމަކު ސަރ ވެސް މިހާރު ތި ވަނީ މުސްކުޅި”
“ޔަމީން. ތެދެއް. އަހަރެންގެ ވެސް އުމުރު ދަނީ މަތި ވަމުން. އެކަމަކު އަހަންނަކީ މުސްކުޅިއޭ ކިޔާފަ، މުސްކުޅި ޚިޔާލު ގެންގުޅޭ މީހެއްނޫން. އެމީހުންނާ ޚިލާފަށް، އަހަރެން ބޭނުން މި ޑިޕާޓްމެންޓަށް ބަދަލެއް ގެންނަން. ހަމައެކަނި އެއް ޚިޔާލެއް ގެންގުޅޭ މީހުން ހަޔަރ ކުރުމުގެ ބަދަލުގައި އާސިކުނޑިތައް ހަޔަރ ކުރަން.”
“އެހެންވެތަ މި ޑޮކްޓަރ ގެންނަން ތިއުޅެނީ؟”
“ޔެސް. އެކަމަކު އެނާއަށް އެހާ ފަސޭހަލަކުންނެއް އެހެން ޑޮކްޓަރުން މަރުހަބާއެއް ނުކިޔާނެކަން ޔަޤީން. ޝީ ސްޓޭންޑް ފޯ އެވްރިތިން ދޭ އަރ އެގޭންސްޓް”

ޔަމީން ފުންނޭވާއެއް ނަގައިލިއެވެ. ރާޝިދުގެ ބަހުން އޭނާއަށް ކަންތައް ވެގެންދާނެ ގޮތް އަންދާޒާކޮށްލެވުނެވެ.
“އޯކޭ. ސަރ ތި ބުނަން އުޅޭނީ ކީކޭކަން އަޅުގަނޑަށް ވިސްނިއްޖެ”
“ދެޓްސް ގުޑް”
ޔަމީން ސޯފާއިން ތެދުވެ، ކައިރީގައި ހުރި މޭޒުމަތީ ހުސްކުރި ޖޯޑު ބެހެއްޓިއެވެ. ރާޝިދު ކައިރީ ދަނީއޭ ބުނެ އޭނާ ހިނގައިގަތީ ދޮރާ ދިމާލަށެވެ.
“ވަން މޯ ތިންގް”
***

ބަހުން ފޭބި ސައިފް އަވަހަށް ތެޅިފޮޅިގެން ދުއްވައިގަތުނީ ހޮސްޕިޓަލުގެ މައިދޮރާ ދިމާލަށެވެ. މާނެވާ ލަމުން، އަތުގައި އޮތް ކާޑު، މެޝިނުގައި ޖެއްސުމަށްފަހު އޭނާ މިސްރާބު ޖެހީ ލިފްޓާ ދިމާލަށެވެ.
އެހެނަސް އޭނާ ކަޅި އެއްލި ވަގުތު، ރެސިޕްޝަން ކައުންޓަރު ކައިރީގައި ހުރި އަންހެނާ ފެނިފައި އޭނާ ހުއްޓުން އެރިއެވެ. އޭނާ އެ އަންހެން މީހާއަށް ރަނގަޅަށް ބަލައިލީ، އެ މީހާއަކީ އޭނާ ދަންނަ މީހެއްހެން ހީވެގެންނެވެ. އޭނާއަށް ހީ ޔަޤީނަށް ބަދަލުވީ އެ އަންހެން މީހާ އެނާއަށް ފެންނަ ގޮތަށް މޫނު އަނބުރައިލި ވަގުތެވެ. މޭގަނޑު އަނގަޔަށް އަރައި ވަރު ނުވީ ކިރިޔާއެވެ. އަވަހަށް އެ އަންހެން މީހާއަށް ފަސްދީފަ އޭނާ ހިނގައިގަތުނީ ލިފްޓާ ދިމާލަށެވެ.

ހަތަރު ވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު، އޭނާ ނުކުމެގެން ދުއްވައިގަތުނީ ރެސިޑެންސީ ލައުންޖަށެވެ. ބާރު އަޑަކާއެކު އޭނާ އެ ލައުންޖްގެ ދޮރު ހުޅުވައިލިއެވެ.

ފާރުގައި ދޮރު ޖެހުނު އަޑާއެކު އެ ކޮޓަރީގައި ތިބި އެންމެން ސިހުނެވެ.
“އާތްކުއެކް…އިޒް ހިއަރ” މާނޭވާ ލަމުން ސައިފް އެންމެންނަށް އެންގިއެވެ.
“ވަޓް؟ ދެއަރ ވޯޒް އެން އާތްކުއެކް؟” އަރްޖުން ހާސްވެފައި އަހައިލިއެވެ.
“ނޯ… އާތް…”
“އެކްސްކިއުޒް މީ؟” ސައިފްގެ ފަހަތުން އަންހެނެއްގެ އަޑު އިވިފައި އެންމެން އެދިމާލަށް ބަލައިލިއެވެ. ހުރީ ކާކުކަން އެނގުމާއެކު އެންމެން ދެލޯ ބޮޑުވިއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އޮޅުމަކުން ލިބުނު ހިދާޔަތް

Next

ދެވުނީ ވޭނޭ 83

Next
July 15, 2026

ދެވުނީ ވޭނޭ 83

Previews
July 15, 2026

އޮޅުމަކުން ލިބުނު ހިދާޔަތް



All Right Reserved!