ގާތުގާ… 36
” ރޮއެރޮއެ އޮއްވަވެސް….ބޭނުން އެއްޗެއް….ބޭނުން އިރަކު….. ބޭނުން ތާކު….. ބޭނުން ގޮތަކަށް ހަދާފަ އޮންނާނީ……” ފަޙުރުވެރިކަމާއިއެކު ރުހާމް ފާޅުކޮށްލި ހަޤީޤަތުން އަހަރެންގެ މުޅި ދުނިޔެވެސް އެނބުރިގަތް ކަހަލައެވެ. އަހަރެންގެ ގައިން ހޫނު އަރައިގެން ދިޔައީ އަންނަން ފެށި ޒަވި ރުޅީގެ ސަބަބުންނެވެ. އެ ދަރަޖައަށް ރުހާމް ޒާނާއަށް އަނިޔާވެރި ވެފައި ވޭ ހެއްޔެވެ.؟ އެއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އިންސާނެއްގެ ސިފައިގައި ހުރި ނުބައި މާރިދެއް ހެއްޔެވެ؟ ޒާނާ އުޅުނީ ކޮންފަދަ ހާލެއްގައިކަން އަންދާޒާ ކޮށްލަންވެސް އަހަރެންނަށް ނޭނގެއެވެ. އެފަދަ ކިތަށް ކަންކަމަށް ޒާނާ ކެތްކޮށްފައި މިވީ ހަތް އަހަރުގެ ތެރޭގައި ވާނެ ހެއްޔެވެ؟ އެނގެމުން ދިޔަ އިތުރު ކަންކަމުގެ ސަބަބުން އަހަރެން ހަމައިންވެސް ނެއްޓެމުން ދިޔައެވެ. އަހަރެންގެ ރުޅި އިންތިހާއަށް ގަދަ ވަމުން ދިޔައެވެ.
********
“ކަލެއަކަށް، ދެން މަ އޭނައަށް ނަހަދާ ގޮތެއް ނެހެދޭނޭ…….” ރުހާމް އަހަރެންނާއި ދިމާއަށް ބޯ ގުދުކޮށްލަމުން މަލާމާތުގެ ހިންޏެއް އައިސްފައި ބުނެލިއެވެ. އަހަރެންގެ ރުޅި އަށްޑިހައަށް އަރައިގެން ދިޔައެވެ. ނަމަވެސް ރުހާމްގެ ވާހަކަ ގެންދިޔައީ ހަމަ ކުރިއަށެވެ.
” ކޮންމެ ގޮތަކަށް އިނަސް މަ އޭނައާއި އިނީ ހަޤިޤަތުގައިވެސް ވަރަށް ލޯބިވެގެން… ވަރަށް ބޭނުން ވެގެން. އެކަމަކު އެހެން މީހަކު ކުރާނެހާ ކަމެއް ކޮށްފަ، ބޭނުންހާ ކަމެއް ކޮށްފަ، އެހެން މީހަކު “ގެންގުޅިފަ” ހުރީމަ، ބާވީމަ، މަވެސް ފަހުން ދެން ބޭނުން ނުވީ….” ރުހާމްގެ ވިހަ ބަސްތަކުން ޒާނާގެ އަގު ނުހަނު ދަށު ދަރަޖައަކަށް ވައްޓައިލަމުން ދިޔައެވެ.
” އަދި އަމުދުން އެހެން މީހެއްގެ ދަރިއެއް ބަނޑުގައި އޮތްކަން އެނގުނީމަ އެއްކޮށް ހަމަ ފޫހިވީ…. ރުޅިއަރަން ފެށީ… ދެން މަ ހަމަ އޭނަ ބޭނުން ކުރީ އަމިއްލަ އެދުމަށް. ފައްކާކޮށް ހުރިމަ ދެން ހިތަށް އެރީ ބަހައްޓާނީއޭ… ދެން ކަލޭ އޭނައަށް ލައްކަ ތަމްރީނު ދީފަ ލައްކަ އެއްޗެހި ދަސްވެސް ކޮށްފަދީފަ ހުރީމަ މަށަށް ދެން ވަރަށް ……..” ރުހާމްގެ ވާހަކަ ފުރިހަމަ ކުރާނެ ފުރުސަތެއް އަހަރެން ނުދިނީމެވެ.
” އޭތް…….” އައި ރުޅީގައި ހަތަރު ފާރު ގުގުމައިގެންދާ ވަރަށް އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އިތުރަށް ޒާނާއޭ ކިޔައިގެން ދެރަ ބަހެއް ބުނާ އަޑު އަހަން އަހަރެންގެ ހިތަށް ކެތް ނުވީއެވެ. ރުހާމްވެސް ސިހިގެން ގޮސް ފަހަތަށް އެނބުރި ބަލައިލިއެވެ. ކުއްލިއަކަށް ދޮރު ހުޅުވައި ލުމާއިއެކު އާކިފްވެސް ވަނެވެ. އޭނާގެ މޫނު މަތީގައިވެސް ކަންބޮޑުވުމުގެ އަސަރުތަށް ވިއެވެ.
” އިތުރަށް ދެން ޒާނާއާއި ބެހޭގޮތުން ތި ފާޑުގެ އެންމެ ލަފްޒެއް ބުންޏަސް ނިމުނީ……” އަހަރެން ރުހާމްއަށް އިނގިލި ދިއްކޮށްފައި ހަޅޭލަވައިގަތީމެވެ.
” ކި….ކީއްކުރެވޭނީ….. އޭން….” ޖެހިލުންވެ ހުރެވެސް ރުހާމް އިތުރަށް ވިއްދާފައި ބުނެލި ބުނުންވީ އަހަރެންގެ ރުޅިގަނޑު އިތުރަށް އަނދައިގަތް ކަމަކަށެވެ.
” ކަލެއަށް އަދިވެސް އެއްޗެއް ނުވިސްނޭ ދޯ… ކަލެއަށް ހީވޭތަ ތިފާޑަށް މަ ކައިރިއަށް އައިސް ވަކި ހުއްޕާފަ ގޮސް ކަލެއަށް ވަކި މޮޅުތަކެއް ލިބުނަ މަ ދޭނެހެން….؟ މަ ހީކުރީ ކަލޭ ތިއައީ ސުލްޙަ ވާން ކަމަށް … އެކަމަކު މިހާރު އެގިއްޖެ ކަލޭތީ ހަމަ ފައްކާ ގަމާރެއްކަން….” އަހަރެން ބުނީމެވެ.
” ކަލޭ ހީނުކުރައްޗޭ ޒާނާއޭ ކިޔައިން ތިފާޑަށް މަ ކައިރީގަ އެއްޗެހި ކިޔާފަ ގޮސް ކަލޭ ސަލާމަތުން ހުއްޓަ މަދޭނެ ކަމަށް….” އަހަރެން އިންޒާރު ދިނީމެވެ.
” މަށަށްވެސް ކުރެވޭނެ ކަންކަން ހުންނާނެ….” ރުހާމް ބުނެލިއެވެ.
” ކޮށްބަލަ މޮޅިއްޔާ ތި ކުރާ ކަމެއް… އެކަމަކު ހަނދައިން ކުރާތި ކަލޭ ތި ކުޅުނީ ނުބައި މީހަކާ އިނގޭ….” އަހަރެން އިންޒާރު ދިނީމެވެ. ދެމީހުންގެ ބަހުސް ވަރަށް ހޫނު ވިއެވެ. ނޫނެކެވެ. ދެން އިތުރަށް ވާނެ ހޫނެއް ނެތެވެ. ޒާނާއަށް ރުހާމް ހެދި ގޮތްގޮތް އެނގުނު އެނގުނުހެން އަހަރެންގެ ލޭ އިތުރަށް ކެކެމުން ދިއައެވެ. އައިސްފައި ހުރި ރުޅި ހަމައިން ނެއްޓި އަތުންފައިން ގޯހެއް ހެދިދާނެހެން ހީވާ ވަރަށް އަހަރެން ރުޅި ގަދަވަމުން ދިއައެވެ.
” ކަލެއަށް މަށާ ބެހެވުން މޮޔަ ހީވާވަރު ކޮށްލާނަން….” ރުހާމް ބުނެލިއެވެ. އަހަރެން ހުރީ ރުހާމް ހިފި ވަރަކަށް ހިފާށެވެ. ރުހާމްގެ ފަރާތުން ބަދަލު ހިފަން އަތުކުރި އޮޅާލައިގެންނެވެ. އެކަމަށްޓަކައި އަހަރެން ހުރީ ކޮންމެ ފަދަ ކަމެއްވެސް ކުރާށެވެ.
” އެހެންތަ…؟ ތިއެއް ބަލައިލާނަމޭ…….” އަހަރެންވެސް ވިއްދާފާއި ބުނެލީމެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ މި ފަހަރަކު ރުހާމްއަކަށް އަހަރެންގެ ކައިރިން ގަދައެއް ނުވެވޭނެ ކަމެވެ. އަހަރެން ފަހަތަށް ޖައްސައެއް ނުލެވޭނެ ކަމެވެ. މިފަހަރު ރުހާމް ޖެހޭނީ އަހަރެން ޖެހިހާ ބެރަކަށް ނަށާށެވެ. ކުޅިބައި އަތުރާނީ އަހަރެން ބޭނުން ތަރުތީބަކުންނެވެ.
އަހަރެންނަށް ނޭނގުނީ ރުހާމްއަކީ އަހަރެން ހީކުރި ވަރަށް ވުރެން ވެސް ހިޔަޅު ވިސްނުން ހުންނަ މީހެއް ކަމެވެ. ޒަޚަމް ވެފައިވާ މިނކާވަގުވެސް ބިރު ނުގަންނަ ފަދައިން ރުހާމްއަށް ވެސް ވާނެ ކަމެވެ. ބޯމަތިވަމުން އަންނަ ތޫފާން އަހަރެންނަށް ނުފެނުނީ ބަދަލު ހިފުމުގެ ރޫހުން އަހަރެން ދެލޯ ކަނުބަނދެވިފައި ވީވަރުންނެވެ.
އަހަރެންނަށް ވިސްނައި ނުލެވުނީ ބޮޑު ދެގެރި ތަޅަންޏާ ބާރު ކުރާނީ ކައްގަލަށް ކަމެވެ.
މުޅި ދުވަސް ހަރާބް ކޮށްލުމަށްފަހު ރުހާމް އަހަރެންގެ ކެބިން އިން ނިކުމެގެން ދިއައެވެ. ވިސްނަން އިތުރު ކަންތައްތަކެއް އިތުރުވީ ޒާނާގެ ހަޔާތުން އަހަރެންނަށް ވަންހަނާވެފައި ހުރި އިތުރު ބާބު ތަކެއް ރުހާމްގެ ފުށުން އެނގުމުންނެވެ. އޭގެ ސަބަބުން އަހަރެންގެ ފިކުރުތައް ހަމައެކަނި ގިނަވީކީ ނޫނެވެ. ރުހާމްއަށް އަހަރެންގެ ހިތުގައި އޮތް ނަފްރަތުގެ އަލިފާން ފަތުއަޑު ކިޔާފައި ފެތުރިގަތް ވެސް މެއެވެ.
ޒަމާން ގަނޑަކަށްފަހު ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ޒާނާގެ ހަޔާތުގައި ހިނގާފައި ހުރި ބޭއިންސާފުވެރި ކަންކަން އެނގުމުން އަހަރެންގެ ބޯ ފަޅައިގެންދާ ވަރުވިއެވެ. އޭގެން ބައެއް ޙަޤީޤަތްތައް ހަޖަމް ކުރަން އުނދަގުވެފައި ވިއެވެ. ޒާނާއަށް ލިބިފައި ހުރި އަނިޔާތައް އަހަރެންނަށް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. ޒާނާ ކިހާ ރުއިމެއް ރޮއެފައި ހުންނާނެ ހެއްޔެވެ.؟ ރުހާމްގެ ދުލުން އެ ބޭރުވީ އޭނާ ޒާނާއަށް ހަދާފައި ހުރި ގޮތް ގޮތުގެ ތަފްސީލް ފަޙުރުވެރި ކަމާއިއެކުގައެވެ. އެކަހަލަ ކިތައް ކަންތަކަށް ޒާނާގެ ހިތް ބިރުން ތެޅިފޮޅިފައި ހުންނާނެ ހެއްޔެވެ.؟ ޒާނާދެކެ ދެލޯ ނޭދި ލޯބި ވިޔަސް އެ ލޯބީގެ ބާރުގައި އަހަރެންނަކަށް ޒާނާ އެންމެ ބޭނުންވި ދުވަހު އަހަރެންގެ ދެއަތުގެ ހިމާޔަތެއް ނުދެވުނެވެ. އަހަރެންނަކީ މީ ކިހައި ބޮޑު ފިނޑިއެއް ހެއްޔެވެ.؟ މިއަށް ވުރެން ބޮޑު ނާކާމިޔާބީއެއް އަހަރެންގެ ހަޔާތަށް ދެން އިތުރަށް އަންނާނެ ހެއްޔެވެ؟ އެ ކަންކަން ހިތަށް އެރުމުން އަހަރެންގެ ހިތް ލޭކޮށި ފޮތި ފޮތި ވާވަރު ވިއެވެ.
ބައެއް ކަހަލަ އަމަލު ތަކުންނާއި ހަރަކާތް ތަކުންނާއި އަދި ގާތްވެލާ ވަގުތު ތަކުގައި ޒާނާގެ ފުށުން ފެންނަ ފަސްޖެހުންތަކާއި އެ ޖެހިލުންވުމުން އަހަރެންނަށް ސިފަވީ ލަދުވެތިކަމުގެ އަންހެންވަންތަ ސިފައެވެ. އަދި އަހަރުތަކަކަށްފަހު ބައްދަލުވިތާ މާ ގިނަ ވަގުތު ތަކެއް ފާއިތު ވެގެން ގޮސްފައި ނުވާތީ ” އެފަދަ ބޮޑު ފިޔަވަޅެއް” އަޅަން ތައްޔާރު ނޫނީ ކަމުގައެވެ. އަހަރެންނަށް މާ އަވަސް އަރުވައި ލެވިގެން އުޅެވެނީ ކަމުގައެވެ. އަހަރެންގެ ކެތްތެރި ކަމެއް ނެތީ ކަމުގައި އަހަރެންނަށް ހީކުރެވުނެވެ. އެއްވެސް ވަރަކަށް އެ ފަސްޖެހުން ތަކުގައިވީ ހިތް ބިރުގަތުން ކަމާއި ނަފްސާނީ އަނިޔާ ކަމެއް އަހަރެންނަށް ހިތަށް ގެންނަން ވެސް އެނގިފައެއް ނެތެވެ. އެންމެ ފަހުން އާޚިރުގައި އަހަރެން ގެނެސް މި ބެހެއްޓީ ކޮން މަގެއްގައި ހެއްޔެވެ؟ ކޮންފަދަ ބިރުވެރި ޤަބޫލު ކުރަން ދަތި ޙަޤީޤަތެއްގެ ކުރިމަތީގައި ހެއްޔެވެ.؟ މިފަދަ ނާއިންސާފު އިހާނެތި ސަމާސާއެއް ތަޤުދީރުން ކުރަން ހެޔޮވާނެ ހެއްޔެވެ.؟
” ސާރ….. ސާރ….” އާކިފްގެ އަޑުން އަހަރެންނަށް އެ ފުން ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ.
” ސާރ….. ހަތެއް ޖެހީ…” އާކިފް ބުނެލިއެވެ. އަހަރެން އަވަސް އަވަހަށް ގަޑި ބަލައިލީމެވެ. އޭރު އިރުއޮއްސި ހަތެއް ޖަހައިފިއެވެ. މިރޭ ޒާނާއާއި ބައްދަލުކުރަން އޮތްކަން އަހަރެން ހަނދާނަކުން ކައްސައެއް ނުލައެވެ. ނަމަވެސް ހިޔާލާއި ފިކުރު ތަކުން މުޅި ސިކުނޑި ތަޣައްޔަރު ކޮށްގެން އިންދައި ވަގުތުތައް ފާއިތުވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. އޮފީހުގައި ވެސް މާ ބުރަކޮށް އުޅެން ޖެހުމުން އަހަރެންގެ ބޯ ހުރީ ހަމަ ރަނގަޅަށްވެސް ގޮވާފައި ހިތްހަމަ ޖެހިލަން ބޭނުން ވެފައެވެ.
ޒާނާއާއި ބައްދަލުކުރަން ދިއުމުގެ ކުރިން ގެއަށް ގޮސް ތައްޔާރު ވެލުމުގެ ނިޔަތުގައި އަހަރެން ގޮނޑިން ތެދުވީމެވެ. ނަމަވެސް އާކިފް އަހަރެންނަށް ބަލައިލި ގޮތުން އަހަރެން ހުއްޓުން އެރިއެވެ. ވެފައި ހުރި ވަރުބަލި ކަމާއިއެކުވެސް ހޭވިފައިވީ އިސްތަށިގަނޑު ފަހަތަށް އައްސައިލަމުން އަހަރެން ކިހިނެތް ވީހޭ އަހައިލާ ފަދަ ގޮތަކަށް ނިތް އަރުވައިލމެވެ. ނަމަވެސް އާކިފް މަނާ ވެގަތެވެ. ކަމެއް ނުވެޔޭ ބުނާ ފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރައިލިއެވެ.
” އަހަރެންނަށް ވުރެން ބޮޑަށް އާކިފް އެނގޭނެ މީހެއް ހިއެއް ނުވޭ މިހާރު އުޅޭނެ ހެނެއް…” އަހަރެން ބުނީމެވެ.
” ކިހިނެތް ވީ…؟ ބުނެބަލަ…..” އަހަރެން އަހައިލީމެވެ. ހިނދުކޮޅަކަށް އާކިފް ހަމަހިމޭން ވެލިއެވެ.
“ސާރ އޯކޭތޯ ބަލާލަން ބޭނުން ވީ….؟ މިއަދުވީ ކަންތަކަށް ފަހު….” އާކިފް ބުނަން ނުބުނަން ކަހަލަ ގޮތަކަށް ހުރެފައި އަހައިލިއެވެ. އަހަރެންނަށް މޭޒުމަތީގައި އަތް ވިއްދައިލަމުން ފުން ނޭވާއެއް ބޭރުކޮށް ލެވުނީ ބޮލުތެރޭގައި ކެނޑިނޭޅި ތަކުރާރު ވަމުންދާ ރުހާމްގެ ޖުމްލައިންނެވެ. އެ ބަހުގައި ހުރި ބުރަދަން އަހަރެންނަށް ވަޒަން ކުރެވޭތީ އެވެ.
” އައި ސީ….” އާކިފްއަށް އަހަރެންގެ އެ އަމަލުން ހާލަތު ވަރަށް ރަނގަޅަށް ދޭހަވިއެވެ.
” ސާރ ކޮންމެ ކަމެއް ބޭނުން ވިޔަސް …….” އާކިފްގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
” އެނގޭ… ތިކަންވެސް އެނގޭ…. ހަމައެކަނި ބޭނުންވަނީ އަހަރެންގެ ހުއްދަ ކަންވެސް އެނގޭ…. އެކަމަކު ސުވާލަކީ ރުހާމް ފުނޑާލައިގެން ޒާނާއަށް ލިބިފަ ހުރި އަނިޔާ ތަކަށް ދެވޭ އިންސާފަކަށް އެކަން ވާނެހޭ…؟ ނޫނީ ވެދިޔަތަން އަނބުރައި ހޯދޭނެހޭ ކިތަންމެ ބޭނުން ވިޔަސް… ލިބިފައި ހުރި ބޮޑެތި ގެއްލުންތަށް ފޫ ބެއްދޭނެހޭ…..” އަހަރެންނަށް މާޔޫސް ކަމާއިއެކު އަހައިލެވުނެވެ.
” މިހާރުވެސް މިވަގުތުވެސް ރުހާމް ބޮޑުމަންޒަރުން އެއްފަރާތް ކޮށްލެވިދާނެ… އެކަމަކު އަހަރެން ބޭނުންވަނީ އޭނާގެ ކައިރިން ހިތި ގޮތަކަށް ބަދަލު ހިފަން…. މިއަދު އެނގުނު ކަންތަކަށް ފަހުވެސް މާބޮޑަށް ބޭނުން…” އަހަރެންނަށް ބުނެވުނެވެ.
“މަޅިގަނޑެއް ކަރަށް ފައްތާފަ ބާރު ކުރަމުން ކުރަމުން ގޮސް ނޭވާ ހާސްވެގެން މަރަށް ތެޅޭތަން ބަލަން ބޭނުން…..” އަހަރެން ނަފްރަތުގެ އާހުގައި ބުނީމެވެ.
” އެކަމަކު ޒާނާ……” އަހަރެންގެ ގޮތް ހުސްވާ ހިސާބަކީ އެއީއެވެ. ސިކުނޑި ސުމަކަށް ދާ ހިސާބަކީ އެއީއެވެ.
” ހީވަނީ ކިތަންމެ ގާތުގަ ހުއްޓަސް ވަރަށް ދުރުގަ ހެން ވަނީ….” އެ ހިޔާލް ތަކުން އަހަރެންގެ ހިތް ނުތަނަވަސް ކުރުވިއެވެ. ޒާނާއާއި ހަމައަށް ވާސިލްވުމަށްޓަކައި އަހަރެން ގިރާ ކުރަން ޖެހޭނީ ކޮންފަދަ ހުރަސްތަކެއް ކަމެއްވެސް މިހާރު އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް ކުރަން ޖެހުނު ކޮންމެ ކަމެއް އަހަރެން މިހުރީ ކުރާށެވެ.
” ހީވަނީ އަލުން ބަލުން ފޮތެއް ފަދައިން ޒާނާ ދަސްކުރާށޭ ޖެހޭނީ…. ދެމީހުންގެ ދެމެދުގައި ނުފެންނަ ފާރެއް ލެވިފައިވީ ކަހަލަ ….. އެ އަނިޔާތަކުން ލިބިފަ ހުރީ ކިހާ ބޮޑު ގެއްލުމެއްބާއޭ ހިތަށް އަރަނީ….” އަހަރެންގެ އަޑުގައި ހުރި މާޔޫސްކަން އަހަރެން ފޮރުވާކަށް މަސައްކަތެއް ނުކުރަމެވެ. އާކިފްއާއި ފުރަގަސް ދެމުން އަހަރެން އެނބުރިލީމެވެ. ކުރިމަތިން ފެންނަން ހުރި ބިއްލޫރިގަނޑުން ތިރި އަހަރެން ބަލައިލީމެވެ. ފަންސަވީސް ވަނަ ބުރިން އަހަރެން މަގު މައްޗަށް ނަޒަރު ހުއްޓައިލީމެވެ. ރޭގަނޑުގެ އެ އަނދިރި ކަމުގައި ދުއްވަމުން ދިއަ އުޅަނދުތަކުގެ އަލިކަމުން މުޅި މަގުމަތި ވަނީ ހުޅުދާން ވެފައެވެ. އަހަރެންގެ ހަމަހިމޭން އަނދިރި ހަޔާތަށް ހުޅުދާން ކޮށްދޭ ވޮށެއް ފަދައިން ޒާނާ ވާހެންނެވެ. އެތަކެއް ދުވަހަށް ފަހު އެ ނިޔަނެތި އަންހެން ކުއްޖާއާއި ބައްދަލުވިތާ އަދި ދެތިން ދުވަސް ނުވެ އެނގުނު ކަންކަމުން އަހަރެންގެ ހިތް ދަތި ކުރުވިއެވެ. އެ ހިތުގައި ވީ އެތައް ޒަޚަމަކަށް ޝިފާ ދޭން ޖެހޭވަރު އިހުސާސް ވުމުން އަހަރެންގެ ހިތް ރޯލިއެވެ.
” ސާރ…. ވަގުތާއި ލޯތްބާއި އެކު ކޮންމެ ޒަޚަމަކަށްވެސް ކޮންމެ އަނިޔާ އަކަށް ވެސް ޝިފާ ލިބޭނެ….” އާކިފް ބުނެލިއެވެ.
“އެކަމަކު ބައެއް އަނިޔާ ތަކަކީ ފަރުވާއެއް ނެތް ކަންކަމަށް ވެއްޖެއްޔާ…؟” އަހަރެންނަށް މަޑުމަޑުން އަހައިލެވުނެވެ. މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން އަހަރެންނަށް ގޮތް ހުސްވެފައި ހުރެވުނެވެ.
” ލިބޭނެ… ވަގުތާ، ލޯތްބާ އިތުބާރުން ޒާނާ މޭމްގެ ދިރިއުޅުން ސާރއަށް ބަދަލުކޮށްލެވިދާނެ….” އާކިފްގެ ސާބިތުކަން އެވަގުތު އަހަރެން ބޭނުންވި ހިތްވަރަށް ވިއެވެ. ކޮންމެވެސް ވަރެއްގެ އުއްމީދެއް އާވެގެން ދިއައެވެ.
” އުއްމީދަކީ ތީ…..” އަހަރެން ބުނީމެވެ.
” ހީވަނީ އާކިފްއަށް ވެސް މި ދާއިރާއިން ތަޖުރިބާ ތަކެއް ލިބިއްޖެ ހެން….” ލުއި ހީލުމަކާއި އެކު އަހަރެން ބުނީމެވެ. އާކިފްގެ ފުށުންވެސް ލުއި ހީލުމެއްގެ އަޑު އިވުނެވެ.
ތަޖުރިބާ ލިބިދާނެ……ކަންނޭނގެ….” ވަރަށް ނޫން ގޮތަކަށް އާކިފް ބުނެލުމުން އަހަރެންނަށް އާކިފްއާއި ދިމާއަށް ބަލައިލެވުނީ ހައިރާންވެފައެވެ. ލޯބީގައި އެއްވެސް ތަޖުރިބާއެއް ނެތުމާއި އަންހެން ކުއްޖަކު ބަލައިލިޔަސް މޫނު އަނެއް ފަރާތަށް އަނބުރާލާ އާކިފްގެ ފުށުން އެފަދަ ވާހަކައެއް އަޑު އިވުމުން ހައިރާން ނުވެ ނުދާނެ އެވެ. އެ ބުނި ބަހުގައި ފޮރުވިފައިވީ މާނަ ދެނެގަތުމަށް އަހަރެންނަކަށް އުނދަގުލެއް ނުވިއެވެ.
” ކޮން ކުއްޖެއް….؟” އަހަރެން އަހައިލީމެވެ. އާކިފްގެ ހިތުގައި ކޫރުމެއް އަޅުވައިލެވޭނީ ހަމަ ގައިމުންވެސް ވަރަށް ނަސީބުވެރި އަންހެން ކުއްޖަކަށެވެ. އެހެން ކަމުން އެކުއްޖެއް ބެލުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައިވެސް ދުވެލިއެވެ.
” ސާރ….އަދި ހަމަ ފެނުނީ……” ފާޑެއްގެ ރަތްކެއް ވެގެން ކަހަލަ ގޮތަކަށް އާކިފް ބުނެލިއެވެ. އޭނާގެ އެ އަމަލުން އަހަރެންނަށް ހީލެވުނެވެ. އެއީ އެއް އިރެއްގައި އަހަރެންވެސް ހުރި ފަދަ ހާލަތަކަށް ވުމުންނެވެ.
ޒާނާ އުޅޭ އިމާރާތުގެ ދޮރު ކުރިމައްޗަށް ކާރު މަޑުކޮށްލަމުން އަހަރެން ޒާނާއަށް މެސެޖް ކޮށްލުމަށް ފޯނު ނެގީމެވެ.
” އިންތިޒާރުގަ…. ތިރީގަ މިހުރީ….” އަހަރެން މެސެޖު ލިޔެފައި ފޮނުވައިލީމެވެ.
” ފަސްމިނެޓް ދީ….” ޒާނާގެ މެސެޖެއް އައީ ނުހަނު އަވަހަށެވެ. ކެތްތެރިކަމެއް ނެތި ޒާނާ ނިކުންނާނެ އިރަކަށް އަހަރެންނަށް އިންތިޒާރު ކުރެވެން ފެށިއެވެ. ދުވަހުގެ ވަރުބަލި ކަމާއިއެކުވެސް އަހަރެން ޒާނާ ދެކިލަން ބޭނުންވީ ބޯ ހަމަ ޖައްސައިލުމަށެވެ. ހިތްހަމަ ޖައްސައި ލުމަށެވެ. އެ ނަލަ މޫނުން ހިތަށް ތަސައްލީއެއް ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް ޒާނާ ނިކުންނާނެ ވަގުތަކަށް އިންތިޒާރުގައި ހޭދަވެގެން ދާން ފެށި ކޮންމެ ސިކުންތެއްވެސް ރުހާމްގެ ބަސްތައް އައިސް އަހަރެންގެ ހިތަށް ހެރެމުން ދިއައީ ތޫނު ތީރުތަކެއް ފަދައިންނެވެ. އެ ޖުމްލަތަށް ބޮލުގައި ތަކުރާރު ވޭވޭ ހުއްޓެވެ. ޒާނާއަށްޓަކާއި ހަމްދަރުދީއާއި ލޯބިން އަހަރެންގެ ހިތް ފުރި ބަންޑުން ވަމުން ދިއައެވެ.
ސިހިފައި އަހަރެންނަށް ބަލައިލެވުނީ އިމާރާތަށް ވަންނަން ހުރި ދޮތު ހުޅުވުމުންނެވެ. ދޮރުން ބޭރަށް ޒާނާ އެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ ނޭވާ އަރުގައި ތާށިވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

