އަރައިގެންއައި އިރާއެކު އާ ދުވަހެއް ފެށިގެން ދިޔައެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. މީހުން އަވަދިނެތި އުޅެ މަދަރުސާތަކާއި އޮފީސްތަކަށް ދާން ފެށިއެވެ. އިރުގެ ހޫނުކަންގަދަ ދޯދިތަކުން މަގުތައް ދޮންކުރަމުން ދިޔައެވެ. އާހިލު އަދިވެސް އޮތީ ގަދަ ނިދީގައެވެ. “ރައިޝާ…” ނިދީގައި އޮވެ އާހިލު ގޮވަމުން ދިޔައެވެ. ނަމަވެސް އެނދުގެ އެ ފަޅީގައިވަނީ ހުސްކަމެވެ. ޖޫނާ އެ ރަށުން ފުރިތާ މަހަކަށްވުރެ ގިނަ ދުވަސްވީއެވެ. ރައިޝާ ދިޔަތަނެއް އާހިލުއަކަށް ނޭނގެއެވެ. އޭނާ ގެއްލިގެން ހޯދާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ފޯނުވެސް ނަގަނީކީއެއް ނޫނެވެ. ލޯ އުނގުޅާލުމަށްފަހު އާހިލު ފޯނުން ގަޑި ބަލައިލިއެވެ. “ހަތްގަޑި ބައި؟!!” ކުއްލިއަކަށް ފުންމައިގެން އެނދުން ތެދުވިއެވެ. ފާހާނާއަށްވަދެ ތާޒާވެގެން އޮފީހަށް ދާން ނުކުތެވެ.
އ.ދ ދަނގެތީގައި އެންމެންގެ މަގުބޫލުކަން ހޯދަމުން އަންނަ ފީރޯޒު ކުންފުންޏަކީ އާރިފު ހިންގަމުން އައި ކުންފުންޏެވެ. މިހާރު އެ ކުންފުނީގެ ވެރިކަން އޭނާގެ ދަރިފުޅު އާހިލުއަށް ހަވާލުކޮށްފިއެވެ. ކުންފުންޏާ ހަވާލުވިއިރު އާހިލުއަށް ބޮޑެތި މައްސަލަތަކާއި ގޮންޖެހުންތައް ފާހަގަވިއެވެ. މިދިޔަ މަހުގައި އޭގެން ބައެއް މައްސަލަތައް ހަމައަކަށް އެޅުވިފައިވީއިރު އަދިވެސް ބައިވަރު އެތައް ހިރާސްތަކެއް ގިރާކުރަން ޖެހެއެވެ. ބައެއް މީހުން ކުންފުންޏަށް މުއާހަދާކޮށްފައިވެސް ނެތެވެ. އާހިލުއަށް ކެތްނުވާވަރަށް މަސައްކަތްތައް ފުނި ޖެހިފައި ހުއްޓެވެ. ކުންފުންޏަށް ބައިވަރު ގޮންޖެހުންތައް އެބަ ހުއްޓެވެ. މިހުރިހާ ކަމަކަށްވެސް ވިސްނަމުން އާހިލު ސައިކަލު ބެހެއްޓުމަށްފަހު ފީރޯޒު ކުންފުނީގެ އިމާރާތަށް ވަނެވެ. ދިމާވާ ކޮންމެ މީހަކަށް ހިނިތުންވުން ހަދިޔާ ކުރަމުން އާހިލު އޭނާގެ އޮފީހަށް ދިޔައެވެ.
އޮފީހަށް ވަދެވުނު އިރު ޔަފުއާން ގޮނޑީގައި އިށީނދެ އިނެވެ. އިސްތިގުބާލު ކުރުމަށް ތެދުވުމަށްފަހު ޔައުފާން މިއަދުގެ ތާވަލު ކިޔައިދިނެވެ. “އަދި ދަންނަވާލާނަން، އިއްޔެ ތަހުގީގުކުރާ ދެމީހަކު ބައެއް ކުންފުނީގެ މާލީ ކަންކަން ބަލައިގެން. ހުޅުމާލެ އޮފީހުގައި ވައްކަމުގެ ޚިޔާނާތް ވާކަމަށް އެ މީހުން ބުނޭ.” ޔަފުއާން ހުޅުވައިގެން ހުރި ފައިލު ލައްޕާލަމުން ބުންޏެވެ. “ތިކަމާ ބެހޭގޮތުން މިއަދު އިސްވާރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކާނަން.” އާހިލު ބުނެލިއެވެ. ޔަފުއާން ނުކުމެގެން ދިޔުމާއެކު އާހިލު މޮނީޓަރު ހުޅުވާ މަސައްކަތަށް އަވަސްވެގަތެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ގޮތްނޭނގޭ މީހަކު އޮންލައިންކޮށް ފޮނުވާފައިވާ ސިޓީއެކެވެ. ސިޓީގެ އިބާރާތްތަކުގައިވަނީ އިންޒާރެކެވެ. ފީރޯޒު ކުންފުނިން އެންމެފަހުން ރާވަމުންދިޔަ ފޯނު އެޕުލިކޭޝަންގެ ކޯޑާއި އެހެނިހެން ސާމާނު މީސްވިއުގަތަކަށް ދޫކޮށްލާނެ ވާހަކަ ބުނެފައިވެއެވެ. އާހިލު އަވަހަށް ޔަފުއާންއަށް ގޮވިއެވެ. އަދި އޮފީހުގެ މައުލޫމާތާއި ފަންނިއްޔާތުގެ ބަޔަށް މި ސިޓީ ތަހުގީގު ކުރުމަށް އެންގިއެވެ. ލަސްނުކޮށް އާހިލު މޮނީޓަރުން މަސައްކަތަށް ފަށައިގަތެވެ.
“އޭތް. އޭތް. އޮފީހަށް ދާގަޑި ޖެހެނީ. ޖޫނާ. ޖޫނާ!” ނަޒްލާ ގޮވަމުން ދިޔައެވެ. ކުއްލިއަކަށް ޖޫނާ ލޯ ހުޅުވާލާފައި ތެދުވެ ގަޑިއަށް ބަލައިލިއެވެ. “ނަޒް. ކީއްވެ އަވަހަށް ނުގޮވީ؟” ނަޒްލާ އެނދުގެ މަގަތުގައި އިށީނެވެ. “ކިތަށް ފަހަރު ގޮވާނީ. މިހާރު ގަޑިއިރެއްވީ ގޮވާތާ. މަންމަ ސައި ކައްކައިދެން އެހީވާންވެސް ގޮވި.” ޖޫނާ އެނދުން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. “އަހަރެން ހުޅުމާލެ އައިފަހުން ވަރަށް ހަމަޖެހިގެންނޭ މިއުޅެވެނީ. އަހަރެން ދަންނަ އެކަކުވެސް މިތާކު ނޫޅޭ. ނިދިވެސް ގަދަވެއްޖެ.” ނަޒްލާ ތެދުވެ ދޮރާ ދިމާލަށް ދަމުން ބުންޏެވެ. “އަވަސްކުރޭ. ބާކީ ބައިގަޑި އިރު އެއޮތީ!”
ޖޫނާ ފާހާނާއަށްވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އޭނާއަށް އަދިވެސް އޭނާ ކުރިން ހުރި ގޮތް ސިފަވެއެވެ. ހަށިގަނޑުގެ ބޮޑުބައި ސަރުބީ ހުރެ ފަލަވެފައި ހުރުމެވެ. އޭނާގެ މޫނުގައި މަތިމައްޗަށް ނަގަމުން ދިޔަ އޮށާޅައެވެ. ހަށިގަނޑުގައި ތޫނުފިލިކަން ނެތުމެވެ. އެއީ މިއަދު ލޯގަނޑުން ފެންނަމުންދިޔަ އޮމަލަ، ބުރުސޫރަ ރީތި އަންހެނެއް ނޫނެވެ. ސަރުބީގަނޑުގައި ވިހައިގެ އަސަރުތައް ހުރުމުން އެބައި ނަގަން ޖެހުނެވެ. އެއާއެކު ޖޫނާ ބޭނުންވީ ދޫޖެހިފައިވާ ހަންގަނޑުވެސް ރީތިކުރާށެވެ. މޫނުގައިވާ ބިހިތައް ފިލުވަންޖެހުނީވެސް ވިހައިގެ އަސަރެއް ހުރެދާނެތީއެވެ. އަނެއްހެން ބުނާނަމަ ޖޫނާގެ ހަށިގަނޑު ދެފުށަށް ޖަހާ ދޮވެ ސާފުކުރި ކަހަލައެވެ. ލޯގަނޑުން މިހާރު ފެންނަން ހުރި ޖޫނާއަކީ އާ މީހެކެވެ. ބައެއް މީހުންނަށް އެއީ ޖޫނާކަން އެނގުނަސް އަނެއްބައި މީހުންނަށް އެނގޭނީ އެއީ ރައިޝާ ގޮތުގައެވެ. ނަޒްލާ ގަހުވަ ބޯން އަންނާށޭ ގޮވާ އަޑު އިވުމުން އަތްމަތި އަވަސްކޮށްގެން ބަދިގެއާ ދިމާއަށް ދިޔައެވެ.
އޮފީހަށް ދިޔުމަށް މަގުމައްޗަށް ނިކުމެ ޖޫނާ ހިނގައިގަތެވެ. އޭނާ އަދިވެސް ހިނގަނީ ފިލައިގެން ކަހަލަ ގޮތަކަށެވެ. ނަޒްލާވެސް ޖޫނާއާއެކު އޮފީހަށް ދިޔުމަށް މިސްރާބު ޖެހިއެވެ. މައިދޮރު ހުޅުވާ ސަލާން ގޮވުމަށްފަހު، އޮފީހަށްވަނެވެ. ލަސްނުކޮށް އިއްޔެ ނުނިމި ހުރި މަސައްކަތްތަކަށް ޖޫނާ އެނބުރިގަތެވެ. “އޭތް. ރައި! ރައި!” ޖޫނާ ކައިރީ އިށީނދެ އިން ފަރީޝާ ފޯނަށް ބަލަމުން ގޮވަން ފެށިއެވެ. “ހޫނ. ކީކޭ؟” ޖޫނާ ފޫހިގޮތަކަށް ޖަވާބު ދިނެވެ. “ދަނގެތިން ބަޔަކު ހުޅުމާލެ އޮފީހަށް މާދަމާ އަންނާނެޔޯ!” ފަރީޝަ ޖޫނާގެ ސަމާލުކަމަށް ދަހިވެތިވެފައިވިއެވެ. “ދެން؟ އަހަރެން ވަކި ކީތްކުރަންވީ؟” ޖޫނާ އަދިވެސް ލެޕުޓޮޕުގެ އިސްކިރީނަށް ސަމާލުކަންދެމުން ބުންޏެވެ. “މެސެޖުގައި ލިޔެފައި އޮތީ ފާޑެއްގެ ތަހުގީގެކޯ!” ފަރީޝާ ތުންފަތުގެ ހަންގަނޑަށް ވާންވަންދެން ހިނިތުންވެފައި ބުންޏެވެ. “ޕިސް. ފަރީ! މަސައްކަތް ކޮށްބަލަ. މިހާރުވެސް ލަސްވެގެންނޭ މިއުޅެނީ.” ޖޫނާ އެންމެފަހުން ފަރީޝާއާ ދިމާއަށް އެނބުރިފައި ބުންޏެވެ.
ޖޫނާ މިހާރު ފީރޯޒު ކުންފުނީގެ ހުޅުމާލެ އޮފީހުގައި އުޅޭތާ ފަސް މަސް ވަނީއެވެ. މިއީ ނަޒްލާ ބުނެގެން ހޯދި ވަޒީފާއެކެވެ. އެހެން ނޫނަސްވެސް ފަރީދާ ދޮންދައިތައަށް ބަރޯސާވެގެން ނޫޅެވޭނެކަން ޖޫނާ ރަނގަޅަށް ދަނެއެވެ. ދޮނޭއާއެކު އުޅުމަކީ ޖޫނާއަށް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އޭނާއަށް އޭނާގެ މަންމަމަތީން ހަނދާންވަނީއެވެ. މޫނުމަތީގެ ބައެއް ބައިތައް ފިޔަވާ ދެންހުރި ހުރިހާ ބައެއް އޭނާގެ މަންމައާ ވައްތަރެވެ. ނުވިތާކަށް ގިނަ ހަރަކާތްތަކާއި ވާހަކަދެއްކުންވެސް އެފަދައެވެ. މާލޭގެ ނަން މަޝްހޫރު މީހަކާ އިނުމުގެ ސަބަބުން ފަރީދޮނޭގެ ހަޔާތްވަނީ ބާއްޖަވެރިވެފައެވެ. އަލީއާ ކައިވެނިކުރިފަހުން ދެ މީހުންވެގެން ބިނާކުރި ގޭގައި ޖޫނާ އުޅެމުން ދިޔައެވެ. ގޭތެރެ ސާފުކޮށް، ބަދިގޭގައި ކެއްކުމަކީ މިހާރު ޖޫނާގެ އާދައެވެ. އޭނާ ވަކި އިތުރަށް ކަމެއް ކުރެވެން އެބަ އޮތް ހެއްޔެވެ؟
އާހިލު ރައިޝާ ހޯދާކަން ޖޫނާއަށް އެނގެއެވެ. އެކަމާހުރެ ހުޅުމާލެއަށް ކަނޑުމަތީގައި އަތް ދަތުރުގައި ފޯނުގެ ސިމު ކަނޑަށް އެއްލާލިއެވެ. ރަށަށް އެރުނުފަހުން ވީހާވެސް ސިއްރުސިއްރުން އުޅުމަށް ދަސްކުރިއެވެ. އޭނާ ދާން މަޖުބޫރުވާ ތަންތަނަށްނޫނީ ނުދެއެވެ. އޮފީހުން ގެއަށް އެއީ އޭނާގެ އުޅޭ ދެތަނެވެ. މިއާ ޚިލާފަށް އާހިލު ދަނީ ކުންފުނީގެ މަސައްކަތްތައް ކުރަމުންނެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމާއި، ބޮޑެތި ނިންމުންތައް ނިންމުމައިގެން ކުރިއަށް ދިޔައެވެ. ސަމަކާރަ ހެނދުނަކަށްފަހު ކާނާވެނީގައިހުރި ދިގު ގޮނޑީގައި އާހިލު އިށީނެވެ. އޭނާގެ ފޯނު ހުޅުވުމަށްފަހު ރައިޝާގެ ތަސްވީރަށް ބަލަން އިނެވެ. އަދިވެސް އޭނާއަށް ރައިޝާ ފެންނަ ކަހަލައެވެ. އާހިލު ރައިޝާ ގެއްލިގެން ހޯދާތާ މިހާރު އަހަރެއްގެ ދެބައިކުޅަ އެއްބައި ނިމި ދިޔައީއެވެ. މިހާރު އާހިލު ޕޮލިހަށް މައްސަލަ ހުށަހަޅަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ރައިޝާ ފެނުމުން އޭނާއަށް ވަކި ބުނެވޭނެ އެއްޗަކީ ކޮބާ ހެއްޔެވެ؟ ބުނާނެ އެއްޗެއްވެސް އޭނާގެ ހިތަކަށް އަރާފައެއް ނުވެއެވެ.
“ކޮން ޚިޔާލެއްގައި؟” ޝަފްރާ ތައްޓަށް ކާތަކެތި އަޅައިގެން އައިސް މޭޒު ދޮށުގައި އިށީނެވެ. “ޚިޔާލެއް ނޫން!” އާހިލު ފޯނު ނިއްވާލަމުން ބުންޏެވެ. “އެއްކަލަ ލުބުނާ ހުޅުމާލޭގައި މަޑުކުރާނިއްޔޭ ބުނީ.” ޝަފްރާ ތަށީގައިހުރި ނޫޑުލިސްކޮޅު އުލުން ހާވަމުން ބުންޏެވެ. “ދެން އޭނަ އެކޮޅު އޮފީހަށް ބަދަލު ވަނީ؟” އާހިލު ފަނިތަށި ނަގަމުން ބުންޏެވެ. “އަނ. އަހަރެންވެސް މާދަން ފުރަން ޖެހޭ.” ޝަފްރާ ނޫޑުލިސްކޮޅެއް އަނގައަށްލިއެވެ. އާހިލު އިރުކޮޅަކު އާގަމަވެފައި އިނދެ ބުންޏެވެ. “އާނ. އެއްކަލަ ތަހުގީގު. ޝަފްރާއަށް އަހަރެންގެ ހެޔޮ ދުއާ ސަލާން.” އާހިލު ތަށި ހިފައިގެން ތެދުވަމުން ބުންޏެވެ.
ޖޫނާ ބުރަ ދުވަހަކަށްފަހު ވަޒީފާގެ މާހައުލުން ނުކުމެވޭވަރު ވިއެވެ. ހަށިފުރާ ނޭވާއެއްލަމުން އުޑާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ހަވީރުގެ ވަގުތުކަމުން ހުޅަނގު ފަރާތުގައި ހަދާފައިވާ ބޯ ވިލާގަނޑުގެ ތެރެއިން އިރުގެ އަލިގަދަ ދޯދިތައް ފުރޭނިގެން އާދެއެވެ. ޖެހިލާ ކޮންމެ ވައިރޯޅިއަކުން ވިލާގަނޑުގެ ބާރުގަދަކަން އެނގެމުން ދިޔައެވެ. ޖޫނާ ބަނދަރާ ދިމާއަށް ދިޔައީ ހިތްހަމަޖައްސާލުމުގެ ނިޔަތުގައެވެ. ވިލާގަނޑު ފެނިފައި ހުރިހާ އެންމެންވެސް ގެއަށް ދިޔުމަށް ދަތުރު ފަށާފައިވުމުން އިތުރު މީހަކާ ދިމާ ނުވާނެކަމަށް ޖޫނާ ބަނދަރަށް ދިޔައެވެ. ކުއްލިއަކަށް އޭނާގެ ފޯނުން އަޑެއް ގޮވިއެވެ. ހުޅުވާ ބެލިއިރު ޚަބަރު ޖާލަކުން ފަލަސުރުޚީގައި ފީރޯޒު ހުޅުމާލެ ކުންފުނީގައި މައްސަލަތައް އުޅޭކަމަށް ބުނެފައިވެއެވެ. މިއީ އޭނާއަށް ބިރުވެރި ކަމެކެވެ. ޖޫނާގެ ހިތަށް ގޮތްތަކެއްވާން ފެށިއެވެ. އޭނާއަށް ނޭވާލެވެނީ ވަރަށް ހާލުންނެވެ. ނަމަވެސް ދުނިޔޭގެ ކެތަށް ކޮޅަށް ތެދުވެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާ ވަރަށް މަސައްކަތުން ހޯދި ވަޒީފާ އަތުން ބީވެގެން ދާންއުޅޭކަމުގެ އިހުސާސެއް ވަމުންދިޔައެވެ.
ޖޫނާ ގެއަށް ވަދެވުނުހެން ސޯފާ މައްޗަށް ދަބަސް ޖެހުމަށްފަހު، ކޮޓަރިއަށްވަނެވެ. އަންނައުނު ބަދަލުކުރުމަށްފަހު، ބަދިގެއަށްގޮސް ލޮނުކަންތައް ހުރިތޯ ފާސްކުރިއެވެ. އެއްވެސް ކަމަކަށް އަޅައިނުލާ އުޅުނު ޖޫނާ މިއަދު ނަޒްލާއަށް އޮފީހުގެ އުނދަގޫތައް ހިއްސާކުރިއެވެ. “މިއަދުވެސް އެ ފަރީޝާ އަނގަ ހުއްޓައިނުލާ. ހިތަށްއަރާ އަނގަ ބަންދުކޮށްލާނަމޭ.” ނަޒްލާ ތައްޓަށް ގަރުދިޔަކޮޅެއް އަޅަން އުދުޅި ނެގިއެވެ. “ތިއެއް ނޫނޭ. މާާދަން މައި އޮފީހުގެ ބަޔަކު އެބަ އާދެޔޯ.” ޖޫނާވެސް ލޯ ބޮޑުކޮށްލުމަށްފަހު ބުންޏެވެ. “ތަހުގީގު ކުރަން އަންނަ ވާހަކައެއް މިއަދު އޮފީހުގައި ދެއްކި.” ނަޒްލާ ގޮނޑީގައި އިށީންނަމުން ބުންޏެވެ. “އަހަންނަށް ހީވަނީ މި ދޭތެރެ ހިނގާދިޔަ ފައިސާ ކަންތައްގަނޑުހެން އެއީކީ.” ދެ މީހުންވެސް އިށީނދެ ހަވީރުގެ ވަގުތު މެންދުރުގެ ކެއުން އިންސާފު ކުރިއެވެ.
“އަހަރެމެން ގޭތެރެ މާ ސާފުތާހިރުވާނެ. ކަލޭ ކިތަންމެ އެއްޗެއް ކިޔަސް ހެޔޮ.” ފަރީދާ ފޯނުން މީހަކާ ދިމާއަށް ހަޅޭއްލަވަމުން މައިކޮޓަރިއަށް ވަނެވެ. ނަޒްލާ ކާކުތޯ ސުވާލު ކުރިއެވެ. “އެއްކަލަ ޒާލިދާގަނޑު. އަދިވެސް މިގޭތެރެ ސާފު ނުވަނީއޯ.” ފަރީދާގެ އަޑުގައި އަދިވެސް ޒުވާބުކުރާ ގޮތެއް ހުއްޓެވެ. “ދެ މީހުން ކައިފިން. މިހާރު މިދަނީ ކޮޓަރިއަށް.” ނަޒްލާއާއި ޖޫނާވެސް އެއްފަހަރާ ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ކޮޓަރިއަށްވަދެ، އެނދަށް ޖެހިގަތެވެ. ޖޫނާ އަދިވެސް ވިސްނަމުން ދިޔައީ އޭނާގެ މަންމަ މަތީންނެވެ. އަދި އޭނާގެ ދޮންބެ ޒާންގެ މަތިންނެވެ. ‘ޒާން ކޮބައިބާއެވެ؟ ފޯނުވެސް ނެގީކީއެއް ނޫނެވެ. ހިންދޫކަރައަށް ދިޔައީބާވައެވެ.’ ކުއްލިއަކަށް އެ ޚިޔާލުތަކަށް ވެރިކަންކުރީ އާހިލުގެ ޚިޔާލުތަކެވެ. މިއީ މި ފަހަކަށްއައިސް ވާކަމެކެވެ. އާހިލުގެ ކޮންމެވެސް ބައެއް ޖޫނާގެ ސިކުނޑީގައި ހިނގަމުން ދިޔައެވެ. އޭނާގެ ހިތްވެސް ތަފާތުގޮތަކަށް ތެޅެން ފެށިއެވެ. ހީވަނީ އޭނާގެ މެއިން ވަކިވާން އުޅޭ ހެންނެވެ. ގައިމު އާހިލުއާ ވަކިން އުޅޭތާ ހަ މަސް ވަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނު އަޑުކިޔަން ފެށިއެވެ. ކާކުތޯ ބެލުމަށް ލޯގެންދިޔަހެން އޭނާ ބިރުގަތެވެ. އާގަމަވެފައި އިނދެ ފެހި ފިތަށް އޮބާލިއެވެ. “އައްސަލާމް ޢަލައިކުމް!؟”
(ނުނިމޭ) …
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



wow vrh reethi mi part
i am curious about the person who called her phone
when next?
lysm
tc
Thank you so much for reading! Hope you all wait for the next part. We will see who called! Thanks again for every ounce of support! ❤️