“އަހަރެން މިއީ ރައިޝާއެއް ނޫން. މިއީ އަސްލު ޖޫނާ.” އެ އަޑު އިވުނުހެން ސަމާ ޖޫނާ ގައިގައި ބައްދައިގަތެވެ. “އަހަރެން ހީކުރީ ކަލޭ ހަމަ އަސްލުވެސް މަރުވެ ދިޔައީ ކަމަށް. އަޅެ ތިހެން ހަދާކަށް ނުވާނެއެއްނު.” ސަމާ ޖޫނާއަށް އަޑު އިވޭވަރަށް ބުންޏެވެ. ޖޫނާ ދާރިސް ކިލާހަށް އައުމާ ހަމައަށް އޭނާއަށް ވީގޮތް ޚުލާސާކޮށް ކިޔައިދިނެވެ. “މީގެ ހަ މަސް ކުރިން ބަލި އެނދުގައި އޮވެ އަހަރެން ރާވަމުން ދިޔައީ މަލާމާތްކޮށް އުނދަގޫކުރި އެންމެންނަށް ބަދަލު ހިފުމަށް. އަހަރެންގެ ހިތުގެ ވިންދު ދަށްވެ މަރުވީކަމަށް ހުރިހާ އެންމެންނަށް އެންގީ ނަޒްލާ. ނަމަވެސް އޭރު ހާލަތު އަސްލު ދިޔައީ ރަނގަޅު ވަމުން. އޭރު މޫނުގައިވާ އޮށާޅަތައް ފިލައިފި. ހަށިގަނޑުގައިވާ ސަރުބީ ނެގިފަހުން ދަންފުޅީގެ ބައްޓަން އަށަގެން.” ޖޫނާ ސަމާއަށް އަޑުއިވޭވަރަށް އެކަނި ވާހަކަ ދައްކަމުން ދިޔައެވެ. މިހާރު ގެންގުޅޭ ފޯނު ނަންބަރުވެސް ސަމާއަށް ދިނެވެ. “އަދި ކިރިޔާ މަ ހިތަށް ހަމަޖެހުމެއް އައީ. ކަލޭ އެހެން ހަދާކަށް ނުވާނެއެއްނު. އާނ. ކަލޭގެ ސިއްރު ހިފަހައްޓާނަން.” ސަމާ ފޯނުގައިވާ ނަންބަރު ރައްކާކުރަމުން ބުންޏެވެ.
ދާރިސް އައުމާއެކު ހާޒިރީ ގޮވަން ފެށިއެވެ. ލުބުނާއޭ ގޮވުމުން ޝަފްރާ ތެދުވެ، އޭނާ ހަސްފަތާލަށް ރޭގައި ގެންދިޔަ ވާހަކަ ބުންޏެވެ. ސަމާއާއި ޖޫނާ ދެ މީހުން ފާޑަކަށް ބަލައިލިއެވެ. އާހިލު އަދިވެސް އިނީ ޖޫނާއާ ދިމާއަށް ބަލާށެވެ. އޭނާގެ ހިތުގައި ރައިޝާ ފިޔަވާ އެހެން އެކަކުވެސް ނުވެއެވެ. އަދިވެސް އެއީ ޖޫނާކަން އާހިލުއަށް ރެއަކާނުލިއެވެ. ރައްޓެހިންނާއެކު މައްލަވަކުރިޔަސް، އެއީ އޭނާގެ މިޒާޖެވެ. މިހާރު އޭނާއަށް ރައިޝާއާ ދޭތެރޭ އޮތް ގުޅުން ސާފުވެއްޖެއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ރައިޝާއާއެކު މުޅި އުމުރު ދުވަހަށް އުޅުމަށެވެ.
ޕޮލިހުން ދިޔައީ ރޭގައި ހިނގި މަރުގެ ހަގީގަތް ބަލަމުންނެވެ. މީގެ ހަގީގަތުގައި ކާކުކަން ސާބިތު ނުވާތީވެ، އަދިވެސް އިތުރު ހޯދުންތައް ހޯދަން މަޖުބޫރުވިއެވެ. އޮފިސަރު ހާމިދު އާ ކޭހެއް ހިފައިގެން އައެވެ. “ލުބުނާގެ ޑަކުޓަރީ އިމުތިހާނުތަކުން ފާހަގަވޭ. އެމޭނިޓިކު ޓޮކުސިން ހަށިގަނޑުގައި ހުރިކަމަށް.” ހަމީދު އެއަށް ގުޅުވައިގެން ބުންޏެވެ. “އެމޭނިޓިކު ޓޮކުސިން ފުޅި އެތެރެ ކުރެވޭނެ ގޮތްތައް ބަލާ ފާސް ކުރޭ. އަދި އެއީ ކާކުތޯ ޔަގީން ކުރާތި.” ދެ އޮފިސަރުންވެސް ގަދައަށް މަސައްކަތް ކުރަމުން ދިޔައެވެ.
ކޮލެޖު ނިންމުމަށްފަހު، އާހިލު ޖޫނާ ގޮވައިގެން ސައިކަލުގައި ގެއަށް ދިޔައެވެ. “އަހަރެމެންގެ ކައިވެނި ހަފުލާ ހަމަ ނުބާއްވާނަންތަ؟” އާހިލު އިސްނަގާފައި ބުންޏެވެ. ޖޫނާ ގަދައަށް އިންކާރު ކުރިއެވެ. ނަމަވެސް އޭނާއަށް ފިރިމީހާގެ އަމުރުތަކަށް ކިޔަމަންވާން ޖެހޭނެއްނޫން ހެއްޔެވެ؟ ސައިކަލުން ފޭބި ގޮތަށް ޖޫނާ އަވަހަށް ދުއްވައިގަތީ ކޮޓަރިއަށެވެ. އާހިލު ސައިކަލު ހިޔަލުގައި ބެހެއްޓުމަށްފަހު، ޖޫނާގެ ފަހަތުން ދިޔައެވެ. ކޮޓަރިއަށް ވަދެ ޖޫނާ ދަބަސް މޭޒުގެ މަގަތުގައި ބޭއްވިއެވެ. ފާހާނާއަށް ވަދެ ތަޅުލިއެވެ. އިރުކޮޅަކުން އާހިލު ވަދެގެން އައި އަޑު އިވުނެވެ. ކޮޓަރި ތަޅުލާއަޑުވެސް އިވުނެވެ. ރައިޝާ ފާހާނާއިން ނުކުންނާނެ އިރަކަށް ކެތްމަދުވެފައިހުރި އާހިލު ދަބަސް ގޮނޑިއަށް ޖެހިއެވެ.
އިރުގަނޑެއް ފަހުން ޖޫނާ ނުކުތެވެ. އޭރު އާހިލު މަތީކޮޅު ބާލައިގެން އިނދެ ލެޕުޓޮޕުން ފިލާވަޅުތައް ހަދަމުން ދިޔައެވެ. ޖޫނާ ނުކުމެ އެނދުގައި އިއްތާލިއެވެ. އޭރު އާހިލު ގޮނޑިން ތެދުވެ އެނދާ ދިމާއަށް އާދެއެވެ. ޖޫނާގެ މަގަތަށް ވާގޮތަށް އާހިލު އެނދުގައި އޮށޯވެ ޖޫނާއަށް ޖެއްސުންކުރަން ފެށިއެވެ. “އާހިލު… ނޫން” ހެވެމުން ޖޫނާ ނޫނެކޭ ގޮވަމުން ދިޔައެވެ. ގިލިގިލި ކޮށްޓަމުން ދިޔުމުން ޖޫނާއަށް ބާރަށް ހެވެއެވެ. އާހިލު ބޯ ހިއްލާލުމަށްފަހު ޖޫނާގެ މޫނާ ދިމާއަށް އަމާޒު ކުރިއެވެ. ބޮސްދޭން އުޅުނު ނަމަވެސް ޖޫނާ އަނެއްކާވެސް އިންކާރު ކުރިއެވެ. “ކީއްވެތަ؟ ކޮންމެ ފަހަރަކު.” އާހިލު ހިތް ބާރަށް ތެޅެމުން ދިޔައެވެ. “މިއީ ލޯބިވެގެން ކުރެވުނު ކައިވެންޏެއް ނޫނެއްނު.” ޖޫނާ އާހިލުއާ ދިމާއަށް ބުންޏެވެ. އާހިލުގެ މޫނުމަތިން ނުތަނަވަސްކަމާއި ފޫހިކަން ދެއްކިއެވެ. “އެކަމުވެސް އަހަރެން މިއީ ކަލޭގެ ފިރިމީހާ. ކޮންމެ ފަހަރަކު ތިޔަހެން ތި ހަދަނީ.” އާހިލު ހިތްދަތި ކުރުވިއެވެ. ތެދުވެ މޭޒުދޮށަށް ދިޔައެވެ.
ޖޫނާ އާހިލުއާއެކު އުޅެން ބޭނުންނުވަނީ އޭނާ އަމިއްލައަށް ވީ ވައުދަކާ ހުރެއެވެ. އޭނާއަށް އެދުވަހު ފޮތުގައި ނުލިޔުނެއް ކަމަކު އާހިލުގެ މަރަށް ވިސްނައިގެން ހުރީ ހަށިގަނޑުގެ ބައިތައް ވަކިވަކި ކުރުމެވެ. އޭނާ ފުރަތަމަ ލޯބި ހުށަހެޅުމުންވެސް އިންކާރު ކުރީއެވެ. އޭގެ ފަހުން ރައްޓެހީންނާއެކު މައްލަވަ ކުރީއެވެ. ޖޫނާ އަދިވެސް ގަބޫލު ކުރަނީ އޭނާ މަރާލަން ހެދި ރޭވުމުގައި އާހިލުގެ ބައިވެރިވުން އޮތް ކަމަށެވެ. އޭގެ އިދިކޮޅަށް އާހިލު ގަބޫލު ކުރަނީ ޖޫނާގެ ލޯބި ނުލިބެނީ އޭނާ ކުރިން ލުބުނާއާއެކު އުޅުމުން ކަމަށެވެ.
ޖޫނާވެސް ލެޕުޓޮޕު ނަގާ ފިލާވަޅު ހަދަމުން ދިޔައެވެ. އޭނާ ވިސްނަމުން ދިޔައީ އާހިލުގެ ކިބައިން ވަރިއަށް އެދުމަށެވެ. އެކަމު އޭނާގެ މިލްކިއްޔާތެއް ނެތެވެ. ޚުލުއު ކުރެވޭނީވެސް މުދަލެއް ބަދަލުކޮށްގެންނެވެ. އަދި ރުހުންވެސް ދެ ފަރާތުން ދީގެންނެވެ. ޖޫނާ އަމިއްލަ ރުހުން ދިނަސް އާހިލުއާމެދު މިހާރު އޭނާ ޝައްކެވެ. ކޮޓަރިއަށް ވެރިވެފައިވާ މަރުފަދަ ހިމޭންކަން ޖޫނާއަށް ވަރަށް އުނދަގޫވިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާ ހިތަށް އެރީ އޭނާގެ ދޮންބެ އުޅޭތޯ ބެލުމަށް ގެއަށް ދާށެވެ. އާހިލުގެ ފަރާތުން ކޮންމެ ގޮތަކަށް ސަލާމަތް ވެގެންވެސް އޭނާގެ ބަލަދުވެރިއަކަށް ވާނީ ދޮންބެކަމަށް ވާތީއެވެ. އޭނާގެ ބައްޕައަށް ކުޑަވެސް އިތުބާރެއް ޖޫނާއެއް ނުކުރެއެވެ. ގެއަށް ދާން ދިޔައިރު އިރު އޮއްސިފައިވެއެވެ.
ގޭތެރެ ދުރުން ފެނުން އިރުވެސް ފަޅުކަމަށް ދައްކައެވެ. މައިދޮރު ހުރީ ހުޅުވާފައެވެ. އޭނާގެ ބައްޕަ އުޅޭނެކަމަށް އަވަހަށް ވަނެވެ. ސޯފާގައި ހަމަޖެހިލާއިގެން ޓެލެވިޜަން ބަލަން އޮތް ބައްޕަ ފެނުމުން ބިރުވެރިކަން އިތުރަށް ކެކިގަތެވެ. ނަމަވެސް ރަނގަޅަށް ބަލައިލުމުން ސޯފާ މަތީގައި އުފެދިފައިވާ ލޭގެ ކޯރު ފެނުނީ ދެނެވެ. ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. ޖޫނާގެހިތް ބާރަށް ތެޅިގަތެވެ. ޕޮލިހަށް ގުޅާ ޖޫނާ ކިޔައިދިނެވެ. އޭނާގެ ބައްޕަގެ ހަށިގަނޑު ވަކިކޮށް ހުރިހާ ކަމެއް ކުރެވުނެވެ. ތަހުގީގު ކުރުމަށް ހަމީދުއާއި ނުހާދު އައެވެ. މި މަރުވެސް ގުޅުވަން އެ މީހުންނަށް ފެނުނީ ފަހުން ވެދިޔަ ކަންތައްތަކަށެވެ. ޒާންގެ ޚަބަރެއް ނުވިއެވެ. ގުޅާގުޅާ ފޯނުވެސް ނެގީކީއެއް ނޫނެވެ. ޖޫނާއަށް ޒާން ދާނެ ތަންތަނެއްވެސް ނޭނގުނެވެ. އެންމެ ފަހުން އިހަށް އާހިލުމެން ގެއަށް އެނބުރި ދިޔައެވެ.
އެއްވެސް އެއްޗެއް ނުކައި އޮއްވާ ޖޫނާގެ ދެލޮލަށް ނިދިއައެވެ. އޭރުވެސް އާހިލު މަސައްކަތް ކުރަމުން ދިޔައީ ފިލާވަޅުތައް ހެދުމައިގެންނެވެ. ލެޕުޓޮޕު ލެއްޕުމަށްފަހު އެނދަށް ބަލައިލިއެވެ. ޖޫނާ ނިދިފައި އޮތްތަން ފެނި އާހިލުވެސް އެނދުގެ އަނެއް ފަރާތުގައި އޮއްތާލަން ހިނގައިގަތެވެ. އެނދުގައި އޮށޯވެ ހަމަޖެހިލަމުން އާހިލުއަށްވެސް ނިދުނެވެ.
އޭގެ އަނެއް ދުވަހު ހެނދުނުގެ ވަގުތު ޖޫނާ ތެދުވެ އުޅެއެވެ. ގޭތެރެ ކުނިކަހައި ފޮޅާ ސާފުކޮށް ހެދިއެވެ. ހުކުރު ދުވަސްކަމުން މެންދުރުގެ ކެއުން ތައްޔާރުކުރަން ފިޔާ ލޮނުމެދު ކޮށަން ފެށިއެވެ. ލޮނުމެދު ބަތާއި ކުކުޅު ރިހަ ހަދަން ތައްޔާރުވިއެވެ. ހުރިހާ ތައްޔާރީއެއްވުމަށްފަހު، ކައްކަން އުދަން އުޅެނިކޮށް އާރިފު އައެވެ. “އާހިލު އަދިވެސް ނުތެދުވޭ؟” ޖޫނާ ގަޑިއަށް ބަލައިލިއެވެ. “ނޭނގެ. ގޮވާލަންވީ ދެން.” އެހެން ބުނުމަށްފަހު އިހަށް އާހިލުއަށް ގޮވަން ދިޔައެވެ. ގޮވުމުންވެސް އާހިލު އަޅައިނުލާ އޮތެވެ. ކުއްލިއަކަށް ޖޫނާގެ އަތުގައި ހިފާ އެނދަށް ވައްޓާލިއެވެ. “ދެން. ތެދުވެބަލަ ހުކުރު ގަޑި ޖެހެނީއޭ.” ޖޫނާ އެނދުން ތެދުވަން މަސައްކަތް ކުރަމުން ބުންޏެވެ. “ތެދުވާނީ ބޮސްދިނީމައި.” އާހިލު މައްލަވަކުރަން ފެށިއެވެ. “ނުދޭނަން. ތެދުވޭ، ހުކުރަށް ދާން. މީ އެންމެ ފަހު ފަހަރު.” ޖޫނާ އެނދުން ތެދުވެ ދޮރާ ދިމާއަށްދަމުން ބުންޏެވެ. އެވަރުންވެސް އާހިލު އެނދުން ނުތެދުވެ އޮތެވެ.
ޖޫނާ ލޮނުމެދު ބަތް ކެއްކުމަށް އަވަސްވެގަތެވެ. ރޭޑިއޯއިން އައި ކަހަފު ސޫރަށް ހިތާހިތުން ކިޔަމުން ކެއްކުންގަނޑު އެއްކޮށް ނިންމާލިއެވެ. ފެންވަރަން ކޮޓަރިއަށް ދިޔައިރު އާހިލު ފާހާނާއިން ނުކުންނަނީއެވެ. އޭނާގެ ހަށިގަނޑުން ފެންތިކިތައް މުށިތަކު މައްޗަށް ތިކި ޖަހަމުން ދިޔައެވެ. ނުބަލަން ހުރެފައިވެސް ބޭއިޚުތިޔާރުގައި ޖޫނާއަށް ބަލަން ހުރެވުނެވެ. “ތިވަރަށް ނުބަލާ. ތިހެން ބަލަން ބޭނުންވަންޏާ ބޮސްދޭނަންތަ؟” އާހިލު އަދިވެސް ޖޫނާއަށް މައްލަވަ ކުރިއެވެ. “ޕިސް. ނުދޭނަން. ހީކުރީތަ މަގޭ ދޭނެ ކަމަށް.” ތުވާއްޔާއި ހެދުން ހިފައިގެން ފާހާނާއާ ދިމާއަށް ދިޔަ ޖޫނާ މުށިގަނޑުގައިވާ ފެންގަނޑަށް އެރި ކައްސާލައިގެން އާހިލުއާ ދިމާއަށް ވެއްޓެން ދިޔައެވެ. އާހިލުގެ ބޯ ފާރުގައި ޖެހުނެވެ. ނަމަވެސް އޭނާއަށް އެކަމަށްވުރެ ޚާއްސަވީ އިއްތިފާގުން ނަމަވެސް ރައިޝާގެ ތުންފަތާއި އޭނާގެ ތުންފަތް ބައްދަލުވުމުންނެވެ. އާހިލު ބޮލުގައި ރިހުނަސް އެގޮތުގައި އިރުކޮޅަކު ހިފެހެއްޓިއެވެ. ރައިޝާގެ ތުންފަތް އެހާމެ ނިކަމެއްޗެވެ. ރިހައަށްހެދި ސޯސްގަނޑުގެ ރަހަ އާހިލު ލިބިގަތެވެ. ލިބުނު ފޮނި ކާމިޔާބީއަށް ފަޚުރުވެރިވެ ޖޫނާއަށް އިތުރަށް މައްލަވަކުރަން ފެށިއެވެ.
ޖޫނާ ގަދަކަމުން އާހިލުގެ އަތުން ސަލާމަތްވެ ފާހާނާއަށްވަނެވެ. އިރުގަނޑެއް ހިނގައި ދިޔައިރުވެސް ޖޫނާގެ ހިތެއް މައިތިރިއެއް ނުވިއެވެ. މޫނުމަތި އަލިފާނުން އަނދަމުނދިޔަ އިހުސާސެއް އޭނާ ކުރިއެވެ. ފެންވަރަންވެގެން މާގަނޑުދޫކޮށްގެން ހުރީއެވެ. ‘އޭނާގެ ހިތުގައި ވަޅުލެވިފައިވާ ލޯބީގެ ބައި އަލުން ދިރުނީ ހެއްޔެވެ؟’ އޭނާ ހިތަށް އަރަމުން ދިޔައެވެ. ބޯ ހަލުވާލުމަށްފަހު ފެންވެރުމައިގެން ކުރިއަށް ދިޔައެވެ. ފެންވަރާ ތާޒާވެގެން ނުކުމެ އިސްތަށިގަނޑު ހިއްކަން ފަންކާ ޖަހައިގެން އިނެވެ. އޭރު އާހިލު ހުކުރަށް ދިޔަކަން ޔަގީނެވެ. ބޮލުގައި ތެޔޮލައި ފުނާއެޅިއެވެ. ކުޑަކޮށް ޒީނަތްތެރިވުމަށްފަހު ބަދިގެ ބަޔަށް ނުކުތެވެ. އޭރު މެންދުރުން އަނބުރާ އެކެއް ޖެހީއެވެ. ބަދިގެއަށްވަދެ ކުޑަ ލޮނުމެދު ބަތްކޮޅެއް ތައްޓަކަށް އެޅިއެވެ. ކުކުޅު ރިހަކޮޅެއް އެޅުމަށްފަހު ގޮނޑީގައި އިށީނެވެ. އިރުކޮޅަކުން މިހާރު އޭނާ އަހަން ބޭނުންނުވާ އަޑު އިވުނެވެ. އާހިލުވެސް ބަދިގެއަށް ކާން އައެވެ. ޖޫނާއަށް ފާޑުފާޑަށް ބަލަމުން އާހިލު ކާން ތަށި ހިފައިގެން އިށީނެވެ. އާހިލު ހިނިގަނޑެއް ޖެހިއެވެ. އަދިވެސް އޭނާއަށް ލިބުނު ކާމިޔާބީއާމެދު އުފާވެފައި ހުއްޓެވެ. “ދެން…” ޖޫނާ ޕިސްޕިސް ކިޔަމުން ބުންޏެވެ. “އަދި އެއްފަހަރު ހިނގާބަ. ރައިޝާ” އާހިލު މައްލަވަ ކުރިއެވެ. “އަޅޭ. އަނގަމަޑުން ލައިގެން ހުރޭ.” ޖޫނާ ގާތަށް ރުޅި އައެވެ. އިތުރު ވާހަކައެއް ނުދައްކާ ތިބެ ދެ މީހުން ކައިގެން އެނބުރި ކޮޓަރިއަށް ދިޔައެވެ.
ޖޫނާ ވަރުބަލިކަމުން ޖައްސާލިއެވެ. އެނދުގައި ފޯނުން ސަމާއަށް ގުޅަން އުޅެނިކޮށް ނިދިޖެހުނެވެ. އޭރު އާހިލު ބޭރަށް ދިޔައެވެ. އޭނާގެ ރައްޓެހިންގެ ގޭގެއަށް ޒިޔާރަތް ކުރުމަށް ދިޔައެވެ. ހުރިހާ ކަށުކަމާކެމީގެ ކަންތައްތައް ނިމި ދިޔައިރު އަދި އެ ގެތަކަށް ޒިޔާރަތްކޮށް ނެހެދެއެވެ. އާހިލު އަދިވެސް މޮޔައެއްހެން ހިނިތުން ވެފައި ހުއްޓެވެ. އެއީ ރައިޝާއަށް ބޮސްދެވުނީމައެވެ. އޮޅުމަކުން ވިޔަސް އެތައް ދުވަހުގެ އިންތިޒާރެއް ނިމުނީމައެވެ.
ކޮލެޖުގެ އެންމެ ފަހު އަހަރުކަމުން ޖޫނާއާއި އާހިލު ދެ މީހުން ގަދައަޅާ ކިޔެވުމުގައި އުޅުނެވެ. ޖޫނާ އާހިލުއާ އަބަދުވެސް ދުރުވާން އުޅެއެވެ. އާހިލުވެސް އިމުތިހާނު ދުވަސްވަރު އަންނާތީވެ، ޖޫނާއާ ގާތްވާން މާ ބޮޑަކަށް އަޅައެއް ނުލައެވެ. އިމުތިހާނުގެ ދުވަސްވަރު އެކި ހާލަތްތަކުން އަރައިގަނެ ކިލާހުން ދެވަނަ ޖޫނާ ހޯދިއެވެ. އާހިލު ކިލާހުން ވަނައެއް ނުލިބުނު ކަމަކު ހުރިހާ މާއްދާއަކުން ފާސްވިއެވެ. ސަމާއަށް ޖޫނާ ގުޅިއެވެ. “ކިހާވަރެއް ލިބުނީ؟” ސަމާ ޖަވާބު އުފަލުންހުރެ ޖަވާބުދިނެވެ. “ކިލާހުން އެއްވަނަ. އަހަރެން މިހުރީ ހަމަ ހައިރާންވެފައި.” ޖޫނާވެސް އޭނާގެ އެކުވެރި ސަމާއަށްޓަކައި އުފާވިއެވެ. “މަށަށް އިނގެޔޭ ކަލެއަށް ލިބޭނެކަން.” ސަމާ ކެއުމެއް ދޭނަމޭ ބުނެ ފޯނު ކަނޑާލިއެވެ. އާހިލު ލެޕުޓޮޕު ހިފައިގެން އިނދެ މަސައްކަތް ކުރަމުން ދިޔައެވެ. “ކީތް ކުރަނީ؟” ޖޫނާ އަހާލިއެވެ. “ބައްޕަގެ ކުންފުނީގެ މަސައްކަތެއް ކުރަނީ.” އާހިލު ޖޫނާއާ ދިމާއަށް އެނބުރި ޖަވާބު ދިނެވެ.
“ކޮންތާކަށް ވަޒީފާއަށް ވަންނަން ގަސްތު ކުރަނީ؟” އާހިލު ޖޫނާގެ އަތުގައި ހިފާ ތެދުވިއެވެ. “ކޮންމެވެސް ތާކަށް. އަދި ނޭނގެ.” އާހިލު ޖޫނާގެ ގަޔާ ގާތްވިއެވެ. އަދި ކަރުދަށުން ވަސްގަތެވެ. “ދެން އަބަދު މަށާ ދޭތެރޭ ތިފަދަ ޚިޔާލުތައް ދޯ ގެންގުޅެނީ.” ޖޫނާ ދުރަށް ޖެހެމުން ބުންޏެވެ. އާހިލު އާނއެކޭ ބުނެ ހޫނ އަޅުވާލިއެވެ. “މަ ވަރިކުރަނީ ކޮން ދުވަހަކުން؟” ޖޫނާ ކުއްލިއަކަށް އަހާލިއެވެ. އާހިލުގެ ކަންފަތަށް ހީވީ ޒަލްޒަލާއެއް އައިހެންނެވެ. “ނުކުރާނަން. ތި ލަފުޒު މަގޭ ކުރިމަތީ ނަން ނުގަނޭ.” އާހިލު ރުޅިއައިސްގެން ބާރަށް ބުންޏެވެ. އެނދަށް ޖޫނާ އެއްލާލުމަށްފަހު އާހިލު ގޮނޑީގައި އިށީނެވެ. ޖޫނާ އަދިވެސް ކަމުގެ ބޮޑުކަން ދެނެނުގަނެވެއެވެ.
ހަވީރުގެ ފިނި ވަގުތުގައި ޖޫނާ ސަމާއައެކު ގަހުވަޚާނާއަށް ދިޔައެވެ. “ކޮބާ އާހިލުއާއެކު ކުރިއެރުމެއް އާދޭތަ؟” ސަމާ މަޖަލަކަށް ބުންޏެވެ. “އޭނަ ވާހަކަ ނުދެއްކިއްޔާ އެންމެ ރަނގަޅުވާނީ.” ޖޫނާ ގޮނޑީގައި އިށީނދެ ހެދިކާ ގެންނަން ބުންޏެވެ. “ތިއެއްނު އޭނާއާ ނުލައި ނޫޅެވޭނޭ ބުނި މީހާ.” ސަމާ ފޯނަށް ބަލަމުން ބުންޏެވެ. “އޭނާއާ ލައިގެން މަށަކަށް ނޫޅެވޭނެ. އަހަރެމެން ދެ މީހުންނަކީ ތަފާތު ދެ ދުނިޔޭގައި އުޅޭ މީހުން. ތި ދައްކަނީ އެހެން ނޫނަސް ބާރައިގައި އުޅުނު އިރުގެ ވާހަކައެއްނު.” ޖޫނާ ނިކަން ފަސޭހަކާމާއެކު އިންކާރު ކުރިއެވެ. “އަޑު އެހިންތަ އެއްކަލަ ލުބުނާ ހިންދޫކަރައަށް ފޮނުވައިފިއޯ.” ސަމާ ޝަފްރާގެ ފަރާތުން އިވުނު ޚަބަރެއް ކިޔައިދިނެވެ. ޖޫނާ އަޅައިވެސް ނުލައި އިނެވެ. އިރުކޮޅަކުން ޕޮލިހުން އައިސް ގަހުވަޚާނާއަށް ވަނެވެ. ސަމާއާއި ޖޫނާ ދެމީހުން ކާރަށް އަރުވައިގެން ޕޮލިހުންގެ އިމާރާތަށް ގެންދިޔައެވެ.
ކޮލެޖުގައި އެއްކިލާހުގައި ކިޔެވި ހުރިހާ އެންމެން ގެންގޮސްފައިވެއެވެ. ކޮންމެ މީހަކަށްވެސް މަރުވި ކުދިންނާ ބެހޭގޮތުން ސުވާލުތައްކޮށް ތަހުގީގު ކުރަމުން ދިޔައެވެ. ތަހުގީގު އެކުލަވާލުމަށްފަހު ހުރިހާ އެންމެން ދޫކޮށްލިއެވެ. އިތުރު އެއްވެސް މައުލޫމާތެއް ޕޮލިހުންނަކަށް ނުލިބެއެވެ. ޖޫނާވެސް އިތުރު މައުލޫމާތެއް ނުދިނެވެ. އޭނާގެ ބައްޕަ މެރިކަމަށް މިހާރު ފުރިހަމައަށް ޔަގީނެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ތަހުގީގު ނިމުނު އިރު ޖޫނާގެ ބައްޕަ ފަރީދުއަށް އޮތީ ހުރިހާ މަރެއް ތުހުމަތު ކުރެވިފައެވެ.
ޖޫނާ ގެއަށް އައިހެން އާހިލު ކޮޓަރިއަށް އައުމަށް ބުންޏެވެ. އަދިވެސް ބައްޕަގެ ޚިޔާލުތަކުގައިހުރެ ކޮޓަރިއަށް ވަނެވެ. އާހިލު ކޮޓަަރިއަށް ވެއްދުމަށްފަހު، ޖޫނާ ގައިގަ ބައްދާލިއެވެ. ކަރުން ވަސްގަތެވެ. އާހިލު ނިކަން ލޯބިން ޖޫނާގެ ގައިގަ ފިރުމާލިއެވެ. ޖޫނާއަށް މިހާރު އާހިލު ދޫކޮށްފައި ދާނެ ވަކި ތަނެއް ނެތެވެ. އޭނާގެ ގޭގައި ފަޅުކަން އޮންނާނެއެވެ. ޒާން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. މަންމަގެ މަރަށްފަހު ބައްޕަގެ މަރުގެ ޚަބަރު އިވުމުން ޖޫނާގެ ވިސްނުން ދިޔައީ އިތުރަށް ކޮށިވަމުންނެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން އިނގޭނީ ހަމައެކަނި އެންމެ ފަރާތަކަށެވެ. ޖޫނާ ވިސްނަމުން ދިޔައީ މި މާހައުލުން ދުރަށް ދާށެވެ.
ވަރަށް ވިސްނުމަށްފަހު ދޮނޭމެންގެއަށް ހުޅުމާލެއަށް ބަދަލުވުމަށް ނިންމިއެވެ. ސަމާއަށް ގުޅާ ރޭވި ރޭވުން ކިޔައިދިނެވެ. ނަޒްލާއަށް ގުޅައިގެން ހުޅުމާލެއަށް ދިޔުމަށް މިވާދު ހޯދިއެވެ. ފަތިހުގެ ފިނިކަން މާހައުލުން އެއްކޮށްހެން ނުފުހެވެނީސް ދާގީއަށް ބޭނުންވާ ތަކެތި އެޅުމަށް ޖޫނާ ހަރަކާތްތެރިވެ އުޅުނެވެ. އާހިލުގެ ނިދާފައިވާ މޫނަށް އެންމެ ފަހު ފަހަރަށް ބަލައިލިއެވެ. އާހިލުއަށް ފިލައިގެން ދަތުރަށް ފެށިއެވެ. މިނިވަންކަމުގެ އިހުސާސެއް ކުރެވޭނެ މަންޒިލަކަށް ވާސިލުވުމަށް އޮތް ރާސްތާގައި އޭނާ ހިނގަން ފެށިއެވެ. ލާންޗުގައި ފެށި އަމާން ދަތުރު ހުޅުމާލެއަށް ލެފުނުއިރު ޖޫނާގެ ސިކުނޑިއަށް ތާޒާކަން ގެނުވިއެވެ. ނައްސިކޮށް އުޅުނު ހާލަތު އޭނާގެ ގައިގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހުޅުމާލޭގައި ޖޫނާ ކުރާނީ ފަހެ ކީއްހެއްޔެވެ؟
(ސީޒަން 1 ނިމުނީ)
2 Comments!
Comments are closed.



Varah reethi
Thank you! hope everyone waits to read season 2