Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މަލާމާތް ލޯބި – 9

leafy Level 210 Stories100 Login
August 2, 2026 5 Mins Read
0 Comments

ފޯނުން ވާހަކަދެއްކީ ފިރިހެންވަންތަ އަޑެކެވެ. ހައިބަތުބޮޑު އިންޒާރުވެރި އަޑެއް އޭނާގެވެއެވެ. އެއީ ޖޫނާ މަސައްކަތް ކޮށްދޭ މީހާއެވެ. އޮފީހުގެ ބޮޑެތި ނިންމުންތައް ނިންމާ މީހާއެވެ. އޭނާ ގުޅަންވީ ސަބަބެއް ޖޫނާއަކަށް ނުވިސްނުނެވެ. “މާދަން އަށެއްޖަހާއިރު ފެރީ ގިމަތައަށް ދަނގެތި އޮފީހުގެ ތަހުގީގީ މީހުން ބަލައި ދާއިރު، މެހުމާންދާރީގެ ކަންކަން ކުރުމަށް މި ގުޅީ.” ވަދީލު ގުޅައިގެންހުރެ ވާހަކަ ދެއްކިއެވެ. “ލައްބަ. އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް އެކަން ވޭތޯ ބަލާނަން.” ޖޫނާ އަޑުގައި ކުޑަނަމަވެސް ތުރުތުރެއްވެއެވެ. އިތުރު އެއްޗެއް ނުބުނެވެނީސް ވަދީލު ފޯނު ކަނޑާލައިފިއެވެ. ފޯނުން ނަނަބަރުތައް ހާވަމުން އަހުމަދުބޭގެ ނަންބަރަށް ގުޅާ ފަސް ކުރުނބާ ތައްޔާރު ކުރުމަށް ބުންޏެވެ. ޖޫނާ އަވަހަށް ފޯނު ބޭއްވުމަށްފަހު، ފާހާނާއަކަށް ވަނެވެ. އޭނާގެ ހިތް އަދިވެސް ތެޅެއެވެ.

އާދުވަހަކަށް އިރު ފެނުން ހިއްލާލިއެވެ. ނަމަވެސް އުދަރެހުގައި ހަދާފައިވާ ކަޅު ވިލާގަނޑުގެ ސަބަބުން އިރުގެ ރަން ދޯދިތައް ކ އަތޮޅަކަށް ނުލިބެއެވެ. ހުޅުމާލެއަށް ވާރޭ ވެހެމުން ދިޔައިރު ޖޫނާ އަދިވެސް ކުރުނބާތަކުގައި މާޖަހާ ރީތިކުރުމުގައި އުޅުނެވެ. ސަމަކާރިގޮތަކަށް ކުރުނބާތައް ތައްޔާރު ކުރުމަށްފަހު ކުންފުނީގެ ދެ ކާރެއް ފެރީ ގިމަތައާ ދިމާއަށް ދިޔުމަށް އެންގިއެވެ. ރާޅުތައް ލާންޗު ދެކޮޅަށް ހަލުވަމުން ދިޔައެވެ. ޝަފްރާއާއި އަދިވެސް ތިން މީހަކު ލާންޗުގައި ތިބެ ކުދިކިޔަމުން ދިޔައެވެ. އެތަނުން އެކަކު ހޮޑުލަނީއެވެ. ހުޅުމާލެއަށް ލެފުނުއިރު އެ ހަތަރު މީހުންގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ގަދަކަމުން އަނގައިގެ ދެ މިޔަ މައްޗަށް ގެންގޮސް އަސްލުނޫން ހިނިތުންވުމެއް ޖޫނާ ދައްކަމުން ދިޔައެވެ. ޝަފްރާ ލާންޗުން ފައިބާތަންފެނި އޭނާއަށް ނުތަނަވަސްކަން ވެރިވިއެވެ. ޝަފްރާ ކައިރިއަށް ދިޔަ މީހާ ފެނި ޖޫނާގެ މޭގަނޑު އަތަށް އައެވެ. އެއީ ލުބުނާއެވެ. ނެގިނެގިފައި ހިތް ތެޅެމުން ދިޔައެވެ. މައިބަދައާ ދިމާ ގަނޑުވަމުންދިޔަ އިހުސާސެއް ޖޫނާއަށް ކުރެވުނެވެ. “އަހަނ، ރައިޝާ؟” ލުބުނާ ކަންކަށިމަތިން އަވި އައިނު ނަގަމުން ބުންޏެވެ. ޖޫނާ ހަނުހުއްޓެވެ. ނަމަވެސް ފަހަތުން ފަރީޝާ މަރުހަބާއޭ ކިޔައި ކާރުގެ ދޮރުފަތް ހުޅުވައި ދިނެވެ. ހުރިހާ އެންމެންވެސް ކާރަށް އެރުމުން ފީރޯޒު ކުންފުންޏާ ދިމާއަށް ދުއްވާލިއެވެ.

ޖޫނާ އަދިވެސް އާގަމަވެ ގަބުކައިފައި އިނެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ލުބުނާގެ ޚިޔާލުތަކެވެ. އާހިލުއާ ރައިޝާ ކައިވެނި ކުރިކަން އެނގޭނީ އޭނާއަށެވެ. ޝަފްރާއަށްވެސް މިހާރު އެ ވާހަކަ އެނގިދާނެހެން ޖޫނާއަށް ހީވިއެވެ. ނަސީބަކުން އެ މީހުން އެރި ކާރަށް އަރައިގެން ދިޔައީ ފަރީޝާއެވެ. މިއީ ދެން އޮތް ދެ މަހު ޖޫނާ މަސައްކަތް ކުރަންޖެހޭނެ ގޮތް ހެއްޔެވެ؟ ލުބުނާއާއި ޝަފްރާއާއެކުގައި ހެއްޔެވެ؟ ޚިޔާލުތަކުން އަރައިގަނެވުނީ ކާރުގައި އިން މީހަކު ކުންފުނީގެ ބިނާރާ ބެހޭ ސުވާލެއް ކުރުމުންނެވެ. ޖޫނާއަށް އިނގުނު އެންމެ ފުރިހަމަ ޖަވާބު ދިނެވެ.

ވަދީލުގެ އޮފީހަށް ނަޒުރާނާ ވަނެވެ. “ކަލޭގެ ސުންޕާކަމުން އަހަރެމެން ސަލާމަތްވާނީ ކިހިނަކުން. މިހާރު ތަހުގީގުކުރަން ފަށައިފިއްޔާ ނިކަން ސާފުކޮށް ކަލޭ ޖަލަށް ދާނެ.” ނަޒުރާނާ ވަދީލު އިން މޭޒުގެ މަގަތުގައިހުރެ ބުންޏެވެ. “އަދި ހާސް ނުވޭ. އަހަރެންވެސް ކަމެއް ރާވައިފިން.” ވަދީލު ދެއަށް ގޮށިކޮށްލަމުން ބުންޏެވެ. އެހެން ބުނިހެން ވަދީލުގެ ފަލަމަސްގަނޑުގައި ނަޒުރާނާ އިށީނެވެ. “ވަރަށް ލޯބިވޭ، ވަދީލް.” އޮފީހުގެ ބޭރުން މީހުން ވާހަކަދައްކާ އަޑު އިވުމުން ނަޒުރާނާ ތެދުވެގެން ވަދީލުގެ އޮފީހުން ނުކުތެވެ. އޭރު ލުބުނާމެން އޮފީހުގެ ބަޔަށްވަދެއެވެ. ކުރުނބާފެން ބޮމުން އޮފީހުގެ ސަރައްކާލިތަކުން މުޅިތަނަށް ފަރިތަވާން ހިނގިއެވެ. ތަހުގީގަށް އައި ހަތަރު މީހުންވެސް އޮފީސް ފެނުމުން ރަނގަޅު ކުރަންވާ ކަންކަން ވަދީލުއަށް ކިޔައިދިނެވެ. އޭގެ އިތުރުން ހުންނާނެ ތަނަށް ކުލި ދައްކައި ދީފައިހުރި ވާހަކަ ބުނަމުން ވަދީލު އެ މީހުން ފޮނުވާލިއެވެ. މިއަދު އޮފީހުގައި ހާސްކަމާއި ވޭން އެކުލެވިގެންވިއެވެ. އަވަސް އަރުވާލާފައި މުޅި އޮފީސް ސާފުކޮށް ބޭކާރުބައި ވަކިކޮށް އެއްލާލުމަށް ވަދީލު އަމުރު ކުރިއެވެ. މި ކަމާހުރެ އިރުއޮއްސިގެން ދިޔައިރުވެސް ޖޫނާމެން ތިބީ މަސައްކަތުގައެވެ.

ގެއަށް އާދެވުމާއެކު ހަކަތައެއް ނެތް ހަށިގަނޑު އެނދަށް އެއްލާލިއެވެ. ޖޫނާގެ ޖަޒުބާތުތަކުގައި ބިރުގެންފައިވުމާއި ހާސްކަން އެކުލެވިފައިވެއެވެ. މިހާރު އޭނާގެ ހަޔާތުގައި ހުރި ހަމައެކަނި ފަރާތަކީ އޭނާގެ ދޮންބެއެވެ. ނަމަވެސް އޭނާގެ ޚަބަރެއްވެސް ނުވެއެވެ. ދޮންބެވެސް ދިޔައީއޭ ހިތާ އަމިއްލައަށް މަރުވުމަށް އުޅޭނީ ކިތަށް ފަހަރު ހެއްޔެވެ؟ އެކަމު އަބަދުވެސް އާހިލުގެ ހަހަރުވެތި ދެއަތް އޭނާގެ ގައިގައި ފިރުމާހެން ހީވެއެވެ. ފެންނަ ހުވަފެން ތަކުންވެސް ބުނެދޭ ކަހަލައެވެ. މިހާރު އޭނާ އާހިލު ކުރިމައްޗަށް އަރަން ލަދުގަނެއެވެ. ޖޫނާއަށް ރަނގަޅަށް ނުވިސްނުނު އިރުވެސް އާހިލު ބޭނުންވީ އޭނާ ސަލާމަތް ކުރާށެވެ. ފަރީދުގެ ނުބައިކަން އެނގި ހަމައަކަށް އަޅުވައިދިން ހަމައެކަނި މީހަކީ އާހިލުއެވެ. ހޫނުކަންހުރި ލޭ ކަރުނަ އޮހިގެން ދިޔައީ އަންގައިވެސް ނުލައެވެ. ލައިގެންހުރި ހެދުމުގެ މޭމައްޗާ ދިމާއަށް ކަރުނަތަށް ފޭއްދެމުން ދިޔައެވެ. ލޮލުގެ ވަށައިގެން ރަތްވެ ކުޑަކޮށް ދުޅަވެގެން ދިޔައެވެ. އޭނާއަށް މިހާރު އާހިލުގެ ލޯތްބަށް އަނެއްކާވެސް ފެން ބޮވައިގެން ފަދައެވެ. ނަމަވެސް އޭނާ އަމިއްލަ ނަފުސަށް ވީ ވައުދު ހަނދާންވެ ރުޔުން ހުއްޓާލިއެވެ. އާހިލުއާ ދުވަހަކުވެސް ނޫޅެން އޭނާ ނިންމާފައިވުމީ އާހިލު ކައިރިއަށް ދިޔުމަށް ހުރަސްއަޅާ އެއްކަމެވެ.

ރޭގަނޑުގެ ވަގުތު ބޯކޮށް ވިއްސާރަ އޮއްސައިގަތެވެ. ހީވަނީ ޖޫނާގެ ޖަޒުބާތާ އެއްގޮތަށް ވިލާތަށްވެސް ތަބާވާހެންނެވެ. އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ވިލާތަކަށް އެނގޭ ކަހަލައެވެ. އިރުކޮޅުކޮޅާ ގުގުރި ޖަހާ ވިދާލައެވެ. އާހީލުގެ މަތިން ހަނދާންވިހެން ޖޫނާ ގިސްޖަހާފައި ރޯން ފެށިއެވެ. ވިއްސާރައިގެ އަޑުތަކުން ރުޔުމުގެ އަޑު ވަންހަނާވެއެވެ. ތެދުވަން ބޭނުންނުވެ އެނދުގައި މުޅި ރޭ އޮތީއެވެ. އިރުކޮޅުކޮޅާ ބަނޑުން އިވެމުންދިޔަ އަޑުފަށްގަނޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ބޭނުންވާ ކަންކަން މިހާރު އޭނާއަށް ފުއްދޭކަށް ނެތެވެ. ހިތާމައިގައި އޮވެ އޭނާގެ ދެލޮލަށް ނިދި ސަވާރުވިއެވެ.

ޖޫނާގެ ތަސްވީރަކަށް ބަލަހައްޓައިގެން އިން އާހިލުވެސް ހިތުގައި ވޭން އަޅަމުން ދިޔައެވެ. އޭނާއަށް ފުރަތަމަ ފަހަރަށް އަސްލަށްވެސް ވެވުނު ލޯތްބަކީ ރައިޝާދެކެ ވެވުނު ލޯތްބެވެ. އާހިލުގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން އެނދަށް ވެއްޓިގަތެވެ. އޭނާއަށް ރައިޝާ ގެއްލުނީއެވެ. އޭނާއަށް ދެން ރައިޝާ ފެންނާނީ ކޮންތާކުން ހެއްޔެވެ؟ އޭނާ ފުރައިގެން ދިޔައީއެވެ. އެހާ ނިކަމެތި ހާލުގައި އުޅެގެންވެސް ރައިޝާ އާހިލު ދޫކޮށްފައި ދިޔައީއެވެ. ކުރާނެ ކަމެއް ނެތެވެ. މީހުންނަށް ރުފިޔާ ދީގެންވެސް ރައިޝާ ދިޔަ ތަނެއް ހޯދޭތޯ މަސައްކަތްކުރިއެވެ. އެއްވެސް މީހަކަށް ރައިޝާ ދިޔަ ތަނެއް އަދި އުޅޭ ތަނެއްވެސް ނޭނގުނެވެ. އެނދުގެ ބިތްދޮށުގައި ކުރީގައި ރައިޝާ އޮށޯވެ އޮންނަ ދިމާލަށް އާހިލު ނަޒަރު ހިންގާލިއެވެ. އެހާވެސް އާހިލުއާ ދުރަށް ދާން ރައިޝާ ބޭނުންވެފައި ހުރީތާވައެވެ. އާހިލުގެ ހިތަށް އަރަމުން ދިޔައެވެ.

އިރުއަރައިގެން އައީ ޖޫނާ ތެދުވެ ސައި ކައްކާ ނިމޭހާވުމުންނެވެ. ފަރީދާ ނުކުމެ ގޭދޮށް ކުނިކަހާ ސާފުކުރިއެވެ. ބޭރު މަގުމަތި ކުނި ކަހަން ހުއްޓާ ޒާލިދާ ހިނގާފައި ދިޔައެވެ. “ގޭގައި އެހެން އަންހެނުން ތިބޭ އިރުވެސް ކުނިކަހަނީ ކަލޭތަ؟” ޒާލިދާ މަލާމާތްކުރާ ރާގަށް ބުނެލިއެވެ. ފަރީދާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދެ ކަންފަތުން ދުން ނުކުންނަ ހާލު “މިތަނުން ރައްކާވެގެން ދޭ ކަލޭގެ އަމިއްލަ ގެއަށް!!!”މިހެން ބުންޏެވެ. ނުލަފާ ޒާތުގެ ހިނިގަނޑެއް ޖަހާލަމުން ޒާލިދާ މަޑު ހިނގުމުގައި ފިހާރައަކާ ދިމާއަށް ދިޔައެވެ. ފަރީދާ ހަޅޭއްލަވައިގެން އަޑަށް ޖޫނާ ބޭރަށް ނުކުތެވެ. “ދޮނޭ، ކިހިނެތްވީ؟” ފަރީދާ އަދިވެސް މޫނުމަތި ހުރީ ރަތްކޮށެވެ. “ޒާލިދާ!” ނަޒްލާވެސް ކޮޓަރީގެ ޖާލިދޮރު ހުޅުވާ ބޭރަށް ބޯ ދިއްކޮށްލިއެވެ.

ލަސްނުކޮށް ގަޑިއަށް ވަޒީފާއަށް ދިޔުމަށް ޖޫނާ ދުން އަރުވާލާފައި ދިޔައެވެ. ބުރެކި ޖެހޭވަރުވީ ޒީނަތްތެރިވެ ގެއިން ނުކުމެ ހިނގައިގަންނަން އުޅުމުންނެވެ. ވަދީލުގެ އޮފީހަށްވަދެ މިއަދުގެ މަސައްކަތް ހިފައިގެން އައިސް އޮފީސްދޮށުގައި އިށީނެވެ. މަސައްކަތަށް މަޝްޣޫލުވެ ކުރަން ފެށިހެން ފަހަތުން މުށިގަނޑުގައި ‘ޓޮއް’ އަޑު ކިޔާ އުސް ފައިވާނަކުން ހިނގާފައި އައި މީހަކު ރައިޝާއަށް ގޮވިއެވެ. “ރައިޝާ!” ލުބުނާ އޭނާގެ ފައިލުތައް ހިފައިގެން އައިސް އޭނަ ކައިރީ އިށީނެވެ. “ލައްބަ ކީތް ކޮށްދެންވީ؟” ޖޫނާ ކަމެއް ނުވާކަމަށްހެދި ސުވާލުކުރިއެވެ. “މި އޮފީހުގެ މާލީ ކީސާތައް ގެނޭ!” ފުރަތަމަވެސް ކޮށްލީ އަމުރެވެ. ޖޫނާ ރައްދުގައި އެއްޗެކޭ ނުބުނެ އޮފީހުގެ ފަހަތު ބަޔަށް ދިޔައެވެ. އަދި ލުބުނާ ގެންނަންބުނި ފައިލުތައް ހިފައިގެން އައެވެ. “ހޫނ ދެން ދޭ ކަޅު ގަހުވައެއް ގެންނަން.” ލުބުނާ ފައިލުތަކުގައި ހިފަމުން ބުންޏެވެ. މިއީ އޮފީސްކަމުން ޖޫނާ އަމުރުތަކަށް ކިޔަމަންވަމުން ދިޔައެވެ. އެހެން ނޫނަސްވެސް ލުބުނާއަކީ ވަދީލުގެ ދަށު މަގާމަށް ހޮވިފައިވާ މީހާއެވެ. އެހާ އުނދަގުލުން ހޯދި ވަޒީފާއެއް ކުރެވޭ ކުޑަ ކުށަކުންވެސް ގެއްލިދާނެތީވެ ޖޫނާ ހޫނު ގަހުވަ ތަށްޓެއް ގެނެސްދިނެވެ.

އާހިލުއަށް ތެދުވެވުނީ ވަރަށް ލަހުންނެވެ. ކުންފުންޏަށް ދިޔުމަށް އަވަސް އަރުވާލާފައި ސައިވެސް ނުބޮއެ އޭނާގެ ބައްޕައަށް ލިޔެކިޔުންތަކެއް ދީފައި ގެއިން ނުކުތެވެ. ސައިކަލު ދުއްވާފައިގޮސް ކުންފުނީގެ ދޮރާއްޓާާ ދިމާލުގައި ބެހެއްޓިއެވެ. މަގަތުގައިހުރި ކޮށިގަނޑުގައިހުރި ކުއްޖެއް ގާތު ތަހުގީގު މީހުން ދިޔައީތޯ ސުވާލު ކުރިއެވެ. ލައްބައޭ ބުނިހެން އާހިލު އޭނާގެ އޮފީހަށް މިސްރާބު ޖެހިއެވެ.

ނުހާދުއާއި ހަމީދު ރަށުގައި ހިނގި މާރާމާރީ ތަހުގީގު ކުރަމުން ދިޔައެވެ. ހަ މަސް ފުރެން ގާތްވިއިރު އެ މީހުންނަށް ފެނުނު ހަމައެކަނި ހެއްކަކީ ޖޫނާ ލިޔެފައިވާ ފޮތެވެ. އަދި އޭގައިވާ މަޢުލޫމާތެވެ. އޭގައި އެއްވެސް އިނގިލީގެ ނިޝާނެއް ހުރިތޯ ބެލިއިރުވެސް އިތުރު އެއްވެސް ކަމެއް ފާހަގައެއް ނުވިއެވެ. ހަމައެކަނި ފާހަގަވީ ފަރީދުގެ އިނގިލީގެ ނިޝާނެވެ. އެ ލިޔެފައިވަނީ ކާކުކަންވެސް އެ މީހުންނަކަށް ނޭނގެއެވެ. ފަރީދުގެ ދޮށީ ދަރިވެސް ރަށުގައި އޭރު ނެތްކަމާއި، މިހާރުވެސް ނެތްކަމަށް ބުންޏެވެ. އެ ތަންތަނުގެ ފޮޓޯތައް އެކިފަހަރުމަތިން ބެލިއިރުވެސް ކަމެއް ފާހަގަވާކަށް ނެތެވެ. ތަހުގީގު ހުއްޓުމަކަށް އައިސްފައިވުމާއެކު އިތުރަށް ބަދަލެއް ނުގެނެސް ފަރީދުއަށް ހުރިހާ ތުހުމަތެއް ކުރެވުނެވެ. ފަރީދު އަމިއްލައަށް މަރުވެފައިވާ ނިޝާންތައް ހުރިކަންވެސް އެ މީހުންނަށް އެނގުނީ ހަތަރުމަސް ވީ ފަހުންނެވެ.

ޖޫނާ ހުރިހާ މަސައްކަތެއް ކޮށްދިނުމަށްފަހު ގޮނޑީގައި އިށީނދެ ހަމަޖެހެވޭތޯ ބެލިއެވެ. އިރުކޮޅަކުން ފޯނުން އަޑުކިޔަން ފެށިއެވެ. ފޯނު ނެގުމަށްފަހު ސަލާން ގޮވިއެވެ. “ސަމާ. ކީތްކުރަން ތިގުޅީ؟” ސަމާގެ އަޑުއައީ ވަރަށް ފުސްކޮށެވެ. “މިދިޔަ އާދީއްތަ ދުވަހުވެސް އަހަރުން ގެއަށް އާހިލު އައި. ބުނީ ރައިޝާ ކޮންތާކަށްހޯ ދިޔައީ؟ އަހަރެން ބުނީ އަހަންނަށް އިނގޭނެ ހެއްޔޭ؟ އެހެން ކިޔާފައި ފޯނުވެސް އަތިލީ. ނަސީބަކުން ކަލޭގެ ނަން ޖަހާފައި އޮންނާނީ ‘ރައްޓެހި ކުއްޖާ’ގެ ނަމުގައި.” ޖޫނާ ހުރިހާ ޖުމުލައަކަށް ހޫން އަޅުވަމުން ދިޔައެވެ. އޭނާގެ ހިތުގައި އުފާވެރިކަން އަށަގަތެވެ. އާހިލު އޭނާ އަދިވެސް ހޯދާކަން މިހާރު އޭނާއަށް ޔަގީންވިއެވެ. އިރުކޮޅަކުން ވާހަކަދައްކަދައްކާ ހުއްޓާ ފޯނު ކެނޑުނެވެ. އަދި ކުއްލިއަކަށް އެހެން ގޮތްނޭނގޭ ނަންބަރަކުން ގުޅިއެވެ. “ޖޫނާ… ކަލޭ ހުޅަރި ގެއާ ދިމާއަށް މިރޭ އެކަނި އާދޭ. އެހެންނޫނީ ކަލޭ ތިއީ ކާކުކަން ލުބުނާމެންނަން އަންގާލާނަން.” އެފަރާތުން ވާހަކަދެއްކި މީހާގެ އަޑުގައި ކުރަކި އަދި ބަރުކަން ހުއްޓެވެ. ޖޫނާ ދަންނަ އަޑަކާވެސް ވައްތަރެވެ. ނަމަވެސް އެއީ ކާކުކަން އަޑަކުން ނޭނގުނެވެ.

(ނުނިމޭ)…

މި ބައި ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދު ކުރަން…

Share Article

Follow Me Written By

leafy

Level 210 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ހިތުގެ މަގުތައް-4

Previews
August 1, 2026

ހިތުގެ މަގުތައް-4



All Right Reserved!