ގާތުގާ… 34
ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ގޮތް ގޮތަށް އަހަރެން ވިސްނީމެވެ. ޒާނާއާއި އަހަރެންގެ ދަރިފުޅަށް
ދިން އަނިޔާގެ ބަދަލު ރުހާމްގެ ފުށުން ކޮންމެވެސް ސިފައެއްގައި ނަގަން އަހަރެންގެ ހިތް ހަޅޭލަވަމުން ދިއައެވެ. އެ ކުށް ކުރެވުނު މޮޔަ ރުހާމްގެ ހިތަށް އަރާވަރު ކޮށްލަން އަހަރެންގެ ޒަމީރު އެދި ގޮވަމުން ދިއައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. ދުނިޔެއަށް ނޭވާ ލާނެ ފުރުސަތު މީހެއްގެ އަނިޔާވެރި ކަމުން ނުލިބުނު ކަމުގައި ވިޔަސް އެއީ އަހަރެންނަށް ބައްޕައެއްގެ ލަޤަބު ދިން ފުރާނައެވެ.
ވަރަށް ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. އަހަރެން ޖީބުން ފޯނު ނަގަމުން އާކިފްގެ ނަންބަރަށް ގުޅައިލީ އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތިއެވެ. ދެވަނަ ރިންގާއި އެކު އާކިފް ފޯނު ނެގިއެވެ.
” ކޮންތާކު ތިހުރީ…..؟” އަހަރެން ވަގުތު ބޭކާރުކުރުމެއް ނެތި ސުވާލު ކޮށްލީމެވެ.
**************
**************
ޗެޕްޓާ 13
ޒާނާ
ކޮޓަރީގައި ހިފާލާފައި ހުރި ފިނިކަމާއި އެކު ހަށިގަނޑަށް އަރާމް މަޑު ހޫނު ކަމެއްވެސް ލިބެމުން ދިޔައެވެ. ލޯ ހުޅުވައިލަން ބޭނުން ނުވެ އިތުރަށް ނިދީގެ ތެރެއަށް ފީނައި ގަންނަން ބޭނުންވާފަދަ އިހުސާސްތަކެއް ކުރުވަމުން ދިއައެވެ. އިތުރަށް ނިދާލަން ބޭނުންވެ ހުރެ މުޅި ރަޖާގަނޑު ތެރޭގައި އަހަރެން ކުރުގެޅިލަމުން ކައިރީގައި އޮތް މީހާއާއި އިތުރަށް ގާތް ވެލައި ބައްދައިލެވުނީ އެ ހަށިގަނޑުން ލިބެމުން ދިއަ ހޫނު ކަމުން ހީފިލަމުން ދާތީ އިތުރަށް ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންނަށް ލޯ ހުޅުވައި ލެވުނީ ސިކުނޑި ބުނެދިން އެހެން ހަޤީޤަތަކުންނެވެ. ލޯ ހުޅުވައިލަމުން އަހަރެން ރަނގަޅަށް ބަލައިލީމެވެ. އަހަރެންނަށް ބައްދައިގެން މި އޮވެވުނީ ކާކުގެ ގައިގާ ތޯ އަހަރެން ރަނގަޅަށް ބަލައިލީމެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. ނަވީންއެވެ.
ކަނޑީގެ މިޔައަށް ވުރެން ތޫނު، ފުން ކަނޑަކަށް ވުރެން ފުން އެ ދެލޮލުން އަހަރެންނަށް ބަލަހައްޓައިގެން އޮތް ގޮތުން އަހަރެން ހަމަ ރަނގަޅަށްވެސް ލަދުގަތެވެ. މިއޮއް ހުރިހާ އިރު މި އޮވެވުނީ ނަވީންގެ ގައިގާ ބައްދައިގެން ކަން އިހުސާސް ވުމުން ލަދުން މަރުވާވަރު ވިއެވެ. ހަމަ އެހިނދު އަދިވެސް މިއޮވެވުނީ ނަވީންގެ އަތްމަތީގައި ބޯ އަޅައިގެން ނަވީންގެ ގައިމައްޗަށް ފަޔާއި އަތް އެއްލައިގެން ކަން އެނގުމުން އަހަރެންނަށް އަވަސް އަވަހަށް ފުންމައިގެން ތެދުވެވުނެވެ. ލަދުން ގޮސް ބިން ފަޅާލާފައި އަޑިއަށް ދާނެ ނަމައޭ އަހަރެންގެ ހިތަށް އެރީ ނަވީން އަހަރެންނަށް ބަލައިލަމުން ހިނިތުންވެލި ލާނެތް ގޮތް ފެނުމުންނެވެ.
އަހަރެން އެނދުގައި އިށީނުމުން ނަވީން ކުރުއަތް މައްޗަށް އެނދުގައި އޮށޯވެލަމުން އަހަރެންގެ މޫނަށް ބަލަން ފެށިއެވެ. އެ ބެލުމުން އަހަރެން އިތުރަށް ރަކި ކޮށްލިއެވެ. އަވަސް އަވަހަށް ދާންވެގެން އެނދުން ތެދުވެ ހިނގައިގަތް ވަގުތު ނަވީން އަހަރެންގެ އަތުގައި ހިފައި ގެނެސް އެނދު މައްޗަށް ވައްޓައިލިއެވެ. އަހަރެންނަށް ވާނުވާ އެނގުމުގެ ކުރިން އަހަރެންގެ ގައިމައްޗަށް ނަވީން އެރިއެވެ.
” ކޮންތާކަށް ދާން ތިއުޅެނީ ހާދަ އަވަހަށް…….؟” އަހަރެންގެ މޫނާއި މޫނު ގާތް ކޮށްލަމުން ނަވީން އަހައިލީ ކިރިޔާ އަހަރެންނަށް އަޑު އިވޭވަރަށް ވައި އަޑުންނެވެ. އެއަޑުގައި މަސްތު ކަމުގެ ހުރިހާ ކުލަވަރެއްވިއެވެ. އެ ދެލޮލުގައި ވިދަ ވިދައި ހުރި ލާނެތްކަމަށް އަހަރެންގެ ހިތް ފިދާވިއެވެ. އެފަދަ ލޯބިވެތި ސަމާސާއަކަށް އަހަރެން ހިތް ކަރުހިއްކައި ގަނެފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ އަހަރެންގެ ގައިން ހީބިހި ނަގަން ފެށީ ނަވީންގެ އެ ގާތް ކަމުން ކުރުވަމުން ދިއަ އަސަރު ތަކަކުންނެވެ. ކުރުވަން ފެށި އިހުސާސް ތަކަކުންނެވެ. ދުލުން ބަސް ހުސްވެފައި އަހަރެންނަށް އެ ދެލޮލުގެ ތެރެއަށް ގެނބިފައި އޮވެވުނެވެ.
“އަދިވެސް ހާދަ ރީއްޗޭ……..” އަހަރެންގެ މޫނަށް ގޯނާ ކުރަމުން ދިއަ އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލަ ދެމުން ނަވީން އަނެއްކައިވެސް ވައިއަޑުން ބުނެލިއެވެ.
” ކުރިއަށް ވުރެންވެސް…………” އެއަޑު އިތުރަށް ބަރުވެފައި ވުމުންނާއާއި އޮހެމުންދިޔަ ތަޢުރީފުން އަހަރެންގެ ހިއްސުތަކާއި ކުޅެލި ކަހަލައެވެ. އެ އޯގާތެރި ކަމާއި އެލޯބިވެތި އާދަތަކުން އަހަރެންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. ކުޑަ ޖެހިލުންވުމެއް ހިތުގައި އުފެދެން ފެށުމާއިއެކު ވެސް އަހަރެންގެ ނޭވާ ފުންވެ އަރުތެރެ ހިކެން ފެށިއެވެ.
ފަހަރަކަށް ވުރެން ފަހަރެއް ނަވީން އަހަރެންގެ މޫނާއި މޫނު ގާތް ކުރަމުން އައެވެ. ދެމީހުންގެ ނޭވާވެސް އަވަސް ވަމުން، މަސްތު ކަމުގެ އުދާހުން އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ހުސްޖާގަ ފުރަމުން އައެވެ. ނަވީން އަހަރެންގެ މޫނަށް ފުންކޮށް ބަލައިލިއެވެ. އަހަރެންގެ ލޮލަށް ގެނބިގެން ދާން ބެނުންވަމޭ އެދެލޮލުން ބުނެލި ކަހަލައެވެ. ނަވީންގެ ކަޅި އަހަރެންގެ ދެލޮލުން ފެށިގެން ތިރިއަށް ދަމުން ގޮސް ކުއްލިއަކަށް އަހަރެންގެ ތުންފަތަށް ހުއްޓުނެވެ. އެ ބޭނުންވުން، އެ ދެލޮލުގައިވި ދަހިވެތިކަން އަހަރެންނަށް ކިތަންމެ ރަނގަޅަކަށް ވެސް ތަރުޖަމާ ކުރަން އެނގުނެވެ. އިޒުނައަކަށް އެދޭ ފަދައިން އަހަރެންގެ ދެލޮލަށް ނަވީން ބަލައިލިއެވެ. ރޮދިފަށެއްހައި އެ ޢަމަލާއި ކައިރިއަށް އައުމަށް ފަހުވެސް އަހަރެންގެ ހުއްދައަށް ނަވީން އެދުމުން އަހަރެންގެ ހިތް ނަވީންއަށްޓަކައި ތަޢުރީފުން ފުރުނެވެ. އެ އެދުމަށް އިޖާބަ ދިނުމަށް، މަރުޙަބާ ކިއުމަށް އަހަރެންގެ ހިތް އެދި ގޮވި ނަމަވެސް ކޮންމެވެސް ސަބަބަކާއިހުރެ އަހަރެންނަށް ފަސްޖެހެވުނެވެ. އަހަރެންގެ ނަފްސު ނަވީންގެ އަތުތެރެއަށް ވިރިގެން ގޮސްދާނެތީ ހެއްޔެވެ.؟ އޮޔާއި ވަޔާއި އެކު ބެހިގެން ގޮސްދާނެތީ ހެއްޔެވެ.؟ މިވީހާ ދުވަހު ރުހާމްގެ ފަރާތުން އަހަރެންނަށް ލިބިފައި ނުވި ކަންތައް ތަކަކަށް ވާތީ އަހަރެން ފަސް ޖެހެވެނީ ހެއްޔެވެ؟ ނުވަތަ އެފަދަ ލޯބިވެތި ސަމާސާއެއްދެކެ އަހަރެން މިހާރު ބިރު ގަންނަނީ ހެއްޔެވެ؟ ނުވަތަ ހަތް އަހަރު ކުރިން ލިބިފައިވި އެ އިހުސާސްތަކަށް ބަދަލެއް އައިސްފައި ހުރެދާނެތީ އަހަރެން ޖެހިލުން ވަނީ ހެއްޔެވެ؟ އެ ރަހައަށް އެ އަސަރަށް ބަދަލެއް އައިސްފައި ހުރެދާނެތީ ކުރިމަތިލާން ފަސްޖެހެވެނީ ހެއްޔެވެ؟ އެގޮތް އަހަރެން ބޭނުން ނުވަނީ ހެއްޔެވެ.؟
އަހަރެންގެ ފަސްޖެހުން ނަވީންއަށް ދޭހަވީ ކަންނޭނގެއެވެ. ނަވީންގެ މޫނު މަތިން ސުވާލު އުފެދުނު ކަމުގެ ކުލަވަރުތަށް ފެނުނެވެ. ނަމަވެސް އަހަރެންގެ އެ ނިންމުމަށް ނަވީން އިޚްތިރާމް ކުރިއެވެ. ޤަދަރު ކުރިއެވެ. ކެތްތެރިވިއެވެ. އަނެއްކައިވެސް ނަވީންއަށް އަހަރެންގެ ހިތް އިތުރަށް ލެންބުވި ކަމެކެވެ.
ނަވީން އަހަރެންގެ ނިތުގައި ބޮސްދިނެވެ. އެތަށް ކަމަކަށް އެ ކުޑަ ޢަމަލު ހެކިވިއެވެ. އެތަށް ވާހަކަތަކެއް ބުނެދިނެވެ.
“އިޓްސް އޯކޭ…..” ނަވީން އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
” ޒާނާ ފެނުނީމަ…. ހަމަ އަހަރެންނަށް ވާގޮތެއް ނޭނގެނީ…” ނަވީން ބުނެލިއެވެ.
” ޒާނާ ބޭނުންވީމަ ނޫނީ އެއްވެސް ކަމެއް ނުކުރާނަން…….” އެއީ ވަޢުދެކެވެ. އެވަރު އަހަރެންނަށް ޔަޤީނެވެ.
ރިންގު ވާން ފެށި ނަވީންގެ ފޯނުގެ ސަބަބުން އަހަރެމެން ދެމީހުންގެ އެ ވަގުތު ކޮޅަށް ނިމުމެއް ގެނުވިއެވެ. އަވަސް އަވަހަށް ނަވީން އަހަރެންގެ ގައިމަތިން ތެދުވަމުން ފޯނަށް ޖަވާބު ދިނެވެ. އަހަރެންވެސް ތެދުވެ އެނދުގައިފައިލާ ކޮޅުގައި އިށީނދެލީމެވެ. އަހަރެންނާއި ފުރަގަސްދީގެން ހުރި ނަވީން އެކޮޅުން ގުޅި މީހާއާއި ކޮންމެވެސް ވާހަކަ ތަކެއް ދެއްކިއެވެ. ނަމަވެސް އަހަރެން އިނީ ނަވިން ދައްކަމުންދިއަ ވާހަކައަށް ސަމާލުކަމެއް ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެއަށް ވުރެން ކުރިމަތިން ފެންނަން ހުރި އިސްކޮޅުން ދިގު ރީތި ފިރިހެނާގެ ފިރިހެންވަންތަ ކަމުގެ ޖާދޫގައި ޖެހިފައެވެ. ތިރީހުގެ އަހަރުތަށް ގުނަމުންދާ ނަވީން ފެންނަނީ އުމުރަށް ވުރެންވެސް ހަރުދަނާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. ކުރިއަށް ވުރެންވެސް ރޫފަ ރަނގަޅު ވެލާފައި ވުމުން އިތުރަށް ހިތްގައިމު ކަމަށް ބޭރު ފުށުން ދައްކައެވެ. އޭނާގެ ކޮންމެ ހަރަކާތެއް އޭނާގެ ހައިބަތާއި ފިރިހެންވަންތަ ކަން އަނގައިދެމުން ދިއައެވެ. އެފަދަ މާތް ހަރުދަނާ ރަނގަޅު މީހަކަށް ދުނިޔޭގެ ކޮންމެ ހިސާބަކުން ބޭނުން ކޮންމެ އަންހެން ކުއްޖެއް ލިބެން އޮއްވައި އަހަރެންނަށްޓަކައި ހުރި ހުރުމުން އަހަރެންނަށް އަދިވެސް ލިބިފައި މިވަނީ ވަރަށް ބޮޑު ޝޮކެކެވެ. ނަމަވެސް އެއީ ހަޤީޤަތެވެ. ނަވީން އަކީ ދޮގު ހަދާ މަކަރުވެރި ޙީލަތްތެރިއެއް ނޫނެވެ. އެއީ ވަޢުދަށް ކަމޭހިތަން ދަންނަ ތެދުވެރި މީހެކެވެ.
ފޯނުކޯލް ނިންމައިލަމުން ނަވީން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. އަހަރެން އިސްއުފުލައި ނަވީންގެ މޫނަށް ބަލައިލީމެވެ.
” ދާން ޖެހިއްޖެ……..” ނަވީން ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.
” މާލެއިން ދިމާވާނެ އިނގޭ އަދި… އަހަރެން މެސެޖް ކުރާނަން އިނގޭ….” ނަވީން އަހަރެންގެ ދަތްދޮޅީގައި ހިފައި އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އަދި ވަރަށް ފުން ބެލުމަކުން އަހަރެންގެ މޫނަށް އެންމެ ފަހު ފަހަރަށް ބަލައިލުމަށް ފަހު ކޮޓަރިން ނިކުތެވެ.
ތާޒަ ދެ އޮރެންޖް ޖޫސްތަށި ގެނެސް ވެއިޓަރު އަހަރެމެން ތިބި މޭޒުމަތީގައި ބެހެއްޓިއެވެ. މެންދުރުގެ ހޫނު ގަދަ ވަގުތަށް ވުމުން އަހަރެންވެސް ޖަނާވެސް ބޭނުންވީ ފިނި އެއްޗެއް ބޯލުމަށެވެ. ރަތްދައްކާ އަވީގެ ސަބަބުން ދެލޯ ތަރަތަރަ ޖަހައިގެން ދާހާވި ކަމުގައި ވިޔަސް މަގުމަތީގައި ހޭލަމޭލަ ވަމުންދާ މީހުން ހީވަނީ ހައްތަހާ ގިނަވަމުންދާ ހެންނެވެ. އަހަރެމެން ތިބި ރެސްޓޯރަންޓް ވެސް ފެންނަނީ މޭޒުތައް ވަރަށް ފުރިފައިވަނިކޮށެވެ.
” އެނގޭދޯ ރުހާމްގެ ވާހަކަ…..؟” ޖަނާ އަހައިލިއެވެ.
” އާން އެނގޭނެ ދޯ… މުޅި ސޯޝަލް މީޑީއާގަ އެވާހަކަ…..” އަހަރެން ޖަވާބު ދިނީމެވެ.
” ލަދުން ބޯ ހަލާކު……ނަސީބެއް ހަމަ ޒާނާއަށް ދުރު ވެވުން ކަން….” ޖަނާ ރުހާމްދެކެ ފޫހިވެފައި ބުނެލިއެވެ.
ރުހާމް މީހެއްގެ އަންބަކާއި ގުޅުމެއް ހިންގާ ވީޑީއޯއާއި އަދި އެ ވީޑިއޯގައި ދެކެވިފައި ހުރި ވޯޓަށް ރިޝްވަތު ދިން ކަމުގެ ވާހަކަތަށް އާންމު ވެގެން އުޅޭތާ މިއަދަށް މިވަނީ ދެދުވަހެވެ. އެ ވީޑިއޯގެ ސަބަބުން މުޅި ސިޔާސީ މަޝްރަޙު ވަނީ އެކަށް ހަލަބޮލި ވެފައެވެ. މުޅި ސޯޝަލް މީޑިއާވެސް ކެކި އަރަނީއެވެ. އެއްބަޔަކު އެއީ ތެދެއް ނޫން ކަމާއި އެއީ އޭ.އައި ބޭނުން ކޮށްގެން ހަދާފައިވީ ވީޑިއޯއެއް ކަމަށް ބުނަމުން ދާއިރު، އެވާހަކަތަކާއި ރުހާމްގެ އެ ބޭޢަދަބީ އަމަލު ޤަބޫލުކުރާ މީހުން ގިނައެވެ. އިދިކޮޅު ޕާޓީގެ މީހުން ޖައްސައިގެން އުޅޭ ސްޓަންޓެއް ކަމަށް ވެސް ބަޔަކު ބުނަމުން ދެއެވެ. ރުހާމްއަށް ތާޢީދުކުރާ ގިނަބައެއް ރުހާމްއާއި ދެކޮޅަށް ނިކުމެފައި ވާއިރު މިފަހަރު ރުހާމް އެހެން ދައުރަކަށް ހޮވުން އެއީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު މިހާރު ޤަބޫލު ކޮށްފިއެވެ.
ރުހާމް ވާދަކުރާ ޕާޓީގެ ފަރާތުންވެސް ގިނަބަޔަކު ރުހާމްއާއި ދެކޮޅު ވެފައި ވާކަމުގެ އަޑު ތަކަކާއި ޕާޓީން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރެމުން އެބަ ދެއެވެ. ކޮންމެ ގޮތެއް ވިޔަސް ރުހާމްގެ އެ ވީޑިއޯގެ ސަބަބުން މުޅި ސިޔާސީ މައިދާނަށް ވަނީ ބޮޑު ޒަލްޒަލާއެއް އައިސްފައެވެ.
” ހޫމް ދެން ބުނެބަލަ…. ކިހިނެތްވީ..؟ ކޮންވާހަކައެއް ބުނަންވެގެން މިތަނަށް ތިގެނައީ….؟” ޖޫސް ފޮދެއް ރަހަ ބަލައިލަމުން ޖަނާ އަހައިލިއެވެ. އަހަރެންނަށް ކުޑަކޮށް ފަސް ޖެހެވޭ ގޮތް ވިއެވެ. ނަމަވެސް ޖަނާގެ ގާތުގާ އެވާހަކަ ބުނަން އަހަރެން ބޭނުންވިއެވެ.
” އަމްމްމްމް…. އޭނައާއި ދިމާ ވެއްޖެ…..” އަހަރެން ވަރަށް ނުކެރިފައި އިނދެ ބުނެލީ ޖަނާ އެ ޚަބަރު އަޑު އިވުމުން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އެވެ.
” ކާކު….؟” ސުވާލު އުފެދިފައި ޖަނާ އަހައިލިއެވެ. ހަމަ އެހިނދުން ކަންބޮޑުވުމުގެ އަސަރުތައްވެސް ޖަނާގެ މޫނުމަތިން ފެނިގެން ދިއައެވެ.
” ރުހާމް….؟” ޖަނާ ހާސްވެފައި އަހައިލިއެވެ
” ނޫން ނޫން.. ރުހާމްއެއް ނޫން……….. އަމްމްމް…… ނަވީން….” އަހަރެން ނުކެރިފައި އިނދެވެސް ކުޑަކޮށް ރަކިވެފައި ބުނެލީމެވެ.
” ވަޓް…..އޭނައައީތަ..؟” ޖަނާގެ ދެލޯ ބޮޑުވެގެން ދިއައެވެ.
” ކޮންތާކުން….؟ ކިހިނެތް….؟ ހުރިހާ އެއްޗެއް ކިޔައިދީބަލަ….” ޝައުގުވެރި ވެފައި ޖަނާ އަހަރެންގެ އަތުގައި ހިފައި ތަޅުވައި ގަތެވެ. ޖަނާ އުޅުނު ގޮތުން އަހަރެންގެ ގާތަށް ވެސް ހިނިއައެވެ.
” ޖަނާގެ ވެޑިން ތެރެއިން…… ރިސޯޓުން…..” އަހަރެން ބުނެލީމެވެ.
” ދެން…………..؟” ޖަނާ އަހައިލިއެވެ… އިތުރަށް އެނގެން ބޭނުން ވެގެންނެވެ.
” ދެން ކޯއްޗެއް….؟” އަހަރެން ނޭނގޭ ކަމަށް ހަދައިލީ ޖަނާ އިތުރަށް ތަޅުވައި ލުމަށެވެ.
” ސާބަސް…. ދެން ކީކޭތަ ބުނީ….؟ ކިހިނެތްތަ ހެދީ…….؟ ކީއްވެޔޯ މިހާ ގިނަ ދުވަސް ކޮށްފަވެސް…..؟” ޖަނާގެ ސުވާލުތަކެއް ކޮށްލިއެވެ.
” އަދިވެސް އޭނަ ލޯބިވޭ ކަންނޭނގެ……” އަހަރެން ބުނީމެވެ.
” ކަންނޭނގެއޭ…. ސާބަސް ހަމަ… އެއްޗެއް ހިތުގަ ނެތް ނަމަ އެހާ ދުވަސް ކޮށްފައި އަންނާނެތަ…؟ އަދި އެވެސް ޒާނާ ހަމަ ރުހާމްގެ ގާތުން މިނިވަންވީ ދުވަހު އެގޮތަށް އަންނާނެތަ….؟ މީ ހަމަ ފައްކާ މޮޔައެއް…” ޖަނާ ފަތިވަރު އަމުނައިލިއެވެ. އަހަރެންގެ ހިތްވެސް އެކަމާއި އެއްބަސް ވިއެވެ.
” ދެން ޒާނާ އޯ….؟ ކިހިނެތް ޒާ އަށް ފީލް ވަނީ…..؟ ކިހިނެތް ހަދަނީ…؟ ” ޖަނާ އަހަރެންގެ ގާތުގައި އަހައިލިއެވެ.
” އައިމް އޯކޭ…..އެކަމް ވަޤުތު ނަގާނެ ކަންނޭނގެ އެހެން ގުޅުމަކަށް ދާން… އެކަމަކު ނަވީން ވިއްޔާ ބޭނުން ކަންނޭނގެ…. އެނގި ދަސްވެފަ ހުރި މީހެއް ވީމަ ފަސޭހަ ވާނެ ކަންނޭނގެ ދޯ….” އަހަރެން ބުނީމެވެ.
” ޒާ… އަހަންނަށް ހީވަނީ ނަވީން ގުޅެން ހުރިއްޔާ ނަވީންއަށް ފުރުސަތެއް ދޭންވީ ހެން….. ނަވީން ރަނގަޅޭނުން އަސްލު….” ޖަނާވެސް އޭނައަށް ފެންނަ ގޮތް ބުނެލިއެވެ. އާއެކެވެ. ނަވީން ރަނގަޅެވެ. އެކުގައި ހޭދަވި ބާރަ ވަރަކަށް ގަޑިއިރުވެސް އެކަން އަހަރެންނަށް ސާބިތުވިއެވެ. ޔަޤީން ވިއެވެ.
ފޯނުގެ ސްކުރީން ދިއްލުމާއި އެކު އަހަރެން ފޯނު ނަގައި ބަލައިލީމެވެ. އަވަހަކަށް މަރެއްވެސް ނުވާނެ އެވެ. އެއީ ނަވީންގެ މެސެޖެކެވެ.
ނުނިމޭ

