އެހެން ދުނިޔެއެއް؟ – 2
ޝަފީންއަށް ކުއްލިއަކަށް ލޯހުޅުވާލެވުނީ ވިލާތަކުން ފުރިފައިވާ މާހައުލަކަށެވެ. ކުދި ވިނަތަކުން މުޅި ބިން ފޮރުވާލާފައިވެއެވެ. ހޫނުބާރުކަމުން ޝަފީން މެންދުރުގެ ވަގުތުކަމަށް ނިންމިއެވެ. ބޮޑު ގަހެއްގެ ހިޔާދޮށުގައި އޮތް ޝަފީން އެތަނުން ތެދުވެ، ހިނގައިގަތެވެ. ދާނެ ވަކި ދިމާއެއް ނޭނގި ހުއްޓުންއެރިއެވެ. ނަމަވެސް ކައިރީގައިވާ ޖަންގަލިން ދުރަށް ދެވެން އޮތް މަގުން ހިނގަން ފެށިއެވެ. ޝަފީން އަދިވެސް ވިސްނަމުން ދިޔައީ އޭނާ މި ތަނަކަށް އައިގޮތާމެދުއެވެ. އޭނާ އުޅުނު ރަށުގައި މިފަދަ ވިނައެއް ފަޅާފައެއް ނުހުރެއެވެ. ރަށުގެ ބިން އެހާ ބޮޑެއްވެސް ނުވާނެއެވެ. ޖަންގައްޔަކަށް ވާވަރަށް ގަސްގަހާގެއްސެއް ނުހުންނާނެއެވެ. ހުވަފެނެއްހެން ހީވާތީވެ ހަށިގަނޑުގެ އެތައް މިތަނުގައި އަތް ކާއްތާލިއެވެ. ޝަފީންއަށް ޝައްކެވެ. އޭނާ ހަސްފަތާލުގައި އޮވެ މަރުވީ ނޫންބާއެވެ. އޭނާގެ ސިކުނޑިއަށް ޖަވާބެއް ލިބޭނެގޮތް ވިސްނަމުން ދިޔައެވެ.
މާގިނައިރުތަކެއްނުވެ ޖަންގަލީގެ ކައިރީގައިވާ ރަށަކަށް ދެވުނެވެ. ރަށުގެ ވަށައިގެން ބޮޑު ފާރުނަގާފައިވެއެވެ. ދޮރުވާނުންނަށް ތިބީ އާދައިގެ މީހުންނެއް ނޫނެވެ. ބޮޑެތި ބިޔަ އިންސާނުންނެވެ. ޝަފީން އަޖައިބުވެ އަންތަރީސްވިއެވެ. އެއީ އޭނާގެ އިސްކޮޅަށްވުރެ ދެގުނަ ބޮޑެތި މީހުންނެވެ. އެ މީހުންނާ ކައިރިވީވަރަކަށް ޝަފީން ޖެހިލުންވެ، ބިރުވެސްގަތެވެ. ހަށިގަނޑުގައި ވަރު ހުރިކަން އެ މީހުންގެ މަސްތަކުން އެނގެއެވެ. ހަށީގެ މަސްތަކުގެ އޮނިގަނޑު ލައިފައިހުރި ގަންޖުފަރާހުން ފާޅުވެއެވެ. ޝަފީން އެ މީހުންނާ އަރާ ހަމަވުމުން ދިމާލަކަށް ބަލައިވެސްނުލައި، އެ ދެ މީހުންގެ މެދުން ދޮރާ ދިމާއަށް ހިނގައިގަތެވެ.
ދޮރާ ގާތްވީ ހިސާބުން އެތާ ހުރި ބޮޑު މީހާ ޝަފީންއާ ސުވާލުކުރިއެވެ. “ކަލޭގެ ފާސް ކޮބާ؟ އަދި މި ރަށަށް އައުމުގެ ބޭނުމަކީ ކޮބާ؟” ޝަފީން ސުވާލު މާކެއްގައިހުރެ ބުންޏެވެ. “ފާސް؟ ކޮން ފާހެއް؟ އެއީ ކޯއްޗެއް؟” ދެއަތް ނަގާ އުރާލުމަށްފަހު ދޮރުވާނު ބުންޏެވެ. “ކަލޭ އަހަރެމެންނާ މައްލަވަކުރަނީތަ؟ ފާހަކާ ނުލައެއް އެއްވެސް ރަށަކަށް ނުވަދެވޭނެ.” އެ ބުނާ ފާހެއް ފެނޭތޯ ޝަފީން ލައިގެންހުރި އަންނައުނުގައި އަތް ކާއްތާލިއެވެ. ހުރިހާ ޖީބެއްގައި އަތް ހިންގި ނަމަވެސް އެކިޔާ ފާހެއް ނުފެނުނެވެ. ދޮރުވާނު ފޫހިކަމާއެކު ބުންޏެވެ. “ފާސް ނެތިއްޔާ ދެ ރަން ފައިސާފޮތި ގެނޭ! އެވަރުވެސް ނެތް ދޯ؟”
ފާސް ނުފެނުމުން އައިމަގުން އެނބުރި ފަހަތަށް ހިނގައިގަތެވެ. ޝަފީން ދެ ރަން ފައިސަ ފޮތި ނެރޭނީ ވަކި ކޮންތާކުން ހެއްޔެވެ؟ މެންދުރުފަހަށް އިރު ދިޔަހެން ޝަފީން ވިސްނަމުން ދިޔައީ އުޅޭނެ ތަނެއް ހޯދުމަށެވެ. ޖަންގަލީގެ ހިސާބުތަކުގައި އޭނާ ހިނގާތާ އިރުތަކެއް ވެއްޖެއެވެ. ބަނޑުހައިވެ ފެންބޮވައިގަތެވެ. އިތުރަށް ހިނގި ވަރަކަށް ކަރު ހިކެމުން ދިޔައެވެ. ބަނޑުގައި އެއްޗެއް ނެތްތާ އިރުކޮޅުކޮޅާ އަޑުތައް އިވެމުން ދިޔައެވެ. ޖަންގަލީ ތެރޭގައިވާ ގަސްތަކުގައި މޭވާ އަޅާފައިހުރިތަން ފެނުމުން ޝަފީން އެދިމާއަށް މިސްރާބު ޖެހިއެވެ. ގޮފިތަކަށް އަރަމުންގޮސް އެ މޭވާ ބިނދެގެން ފޭބިއެވެ. އޭނާގެ އަތުގައި މޭވާ ފެންނަން އޮތުމުން ކުޅު ދިޔާވެގެންގޮސް ހިންދިރުވާލަން މަޖުބޫރުވިއެވެ. ލައިގެންހުރި ގަންޖުފަރާހުން އެ މޭވާ ފުހެލުމަށްފަހު، ދަތްއަޅާ ހަފާލިއެވެ. އެއާއެކު ޝަފީންގެ އަނގަތެރެއަށް ހުތްފޮނި ދިޔަތަށް އެޅިގެން ދިޔައެވެ. އޭގެ ރަހަ މީރުކަން ޝަފީންގެ ހިނިތުންވުމުން ފާޅުވެއެވެ.
ރޭގަނޑު ނިދާނެ ތަނެއް ހޯދުމަށް ޖަންގަލި ބޯ ހިސާބަށް ޝަފީން ހިނގާފައި ދިޔައެވެ. އިސާހިތަކު ގަސްތަކުގެ ތެރެއިން މިނިކާވަގެއް ފުންމައިގަތެވެ. ޝަފީން އޭނާއަށް ދުވެވުނުހާ ބާރަކަށް ޖަންގަލިން ނުކުތުމަށް ދުއްވައިގަތެވެ. ނަމަވެސް މާދުރަށް ނުދެވެނީސް އެ މިނިކާވަގު ޝަފީންގެ ބުރަކަށްޓަށް ފުންމައިގަތެވެ. އެއާއެކު ޝަފީން މޫނުވަތަށް ވެއްޓެން ދިޔައެވެ. ލައިގެންހުރި ގަންޖުފަރާހާއެކު ކަރުގެ ފަހަތުބައިގައި މިނިކާވަގުގެ ތޫނު ވަކިތައް އަޅުވާލިއެވެ. ތެދުވަން ކުރި މަސައްކަތްވީ ބޭކާރެވެ. މިނިކާވަގު ފައިގެ ކުޑަކަޅުވާ މަސްގަނޑާ ދިމާގައި ދަތްއެޅިއެވެ. ވީތަދުން ބާރަށް ހަޅޭއްލަވައިގަނެވުނެވެ. މިހިސާބުން އަނެއްކާވެސް ޝަފީންއަށް ނިމުމެއް އަންނަނީބާއެވެ؟ އަދި އޭނާ މިތަނަކަށް އައިސް ހަމަޖެހިވެސް ނުލެވެއެވެ.
ދެވަނަ ފަހަރަށްވެސް މަރުގެ ރަހަލުމާއި ގާތވެފައި އޮތް ޝަފީންއަށް ދެން ފެނިގެން ދިޔައީ އެއްކަލަ އަލިގުޅައެވެ. އެއީ އޭނާ މަރުގެ ތުންފަތްމަތީގައި އޮއްވާ އެ ނުބައި މަޚުލޫޤަށް ހަމަލާ ދިން ހުދު ކުލައިގެ އަލިގުޅައެވެ. ނަމަވެސް މިފަހަރު އިންސާނެއްގެ ބައްޓަމަށް އެ އަލިގުޅަ ފާޅުވަމުން ދިޔައެވެ. ޝަފީންގެ ބޮލާ ދިމާއަށް އަނގަ ހުޅުވައިގެން އޮތް މިނިކާވަގަށް އަމާޒުކޮށް އަލިގުޅައިން ފާޅުވި މީހާ އަލިފާން ގުޅައެއް އެއްލިއެވެ. މިނިކާވަގުގެ ކެހެރިތަކުގައި ރޯވެ، އަނދަމުން ދިޔައެވެ. ވަމުންދިޔަ ހޫނަށް ކެތްނުކުރެވި އެ މިނިކާވަގު ފުންމައިގެން ދުރަށް ދިޔައެވެ.
ޝަފީން އަލިގުޅައިން ފާޅުވި މީހާއާ ދިމާއަށް ނަޒަރު ހިންގާލިއެވެ. އެތަނުގައި ކޮޅަށްހުރީ ނޫކަށިފުރައިގެ ޒުވާން ފިރެހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. ޝަފީން އަދިވެސް ދިޔައީ މާނޭވާ ލަމުންނެވެ. ވަމުންދިޔަ ތަދަށް ނުބަލާ ޝަފީން ކޮޅަށްތެދުވިއެވެ. އިރުކޮޅަކުން އެ ޒުވާނާގެ ޖީބުން، ކައިވަތެއްވަރުގެ ތުތިމަސް ބައްޓަމަށް އޮތް ދިގު ފުޅިއެއްނަގާ އޭގައިހުރި ދިޔަތައް ބޯންފެށިއެވެ. ޝަފީން ވާނުވާގައިހުރެ ބޯކަހާލަމުން އެ މީހާ ކައިރިއަށް ހިނގައިގަތެވެ. “ތިއީ ކާކު؟” ޝަފީން އަޑުއިވޭވަރަށް ބާރަށް ބުންޏެވެ. “އަހަންނަކީ ޜަނީފް. އެއްވެސް ތަނެއް ހަލާކުވިތަ؟” ޜަނީފް އަވަސް އަވަހަށް ޝަފީންގެ ހަށިގަނޑަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “މިހުރީ އޭތި ދަތް އަޅާފައި.” ފަހަތަށް އެނބުރި ކަރާއި ކުޑަކަޅުވާ މަސްގަނޑު ދައްކާލަމުން ޝަފީން ބުންޏެވެ.
ޜަނީފް އޭނާގެ ޖީބުން އަނެއްކާވެސް ފުޅިއެއްނަގާ ޝަފީން އަތަށް ދިނެވެ. “މީތި ބުއީމަ ރަނގަޅުވާނެ.” އެ ފުޅީގައިވާ އުނގުރި ނައްޓާލުމާއެކު ޝަފީންއަށް ދުވަންފެށީ ފަތުންދުވާ ހިތި ވަހެކެވެ. ނަމަވެސް ވަހަކަށް ނުބަލާ އެއްފަހަރުން އެ ދިޔަކޮޅު އެއްނޭވާއިން ހުސްކޮށްލިއެވެ. ހަމަ އެ ވަގުތު ޝަފީންގެ ހަށިގަނޑުތެރެ ފެހިކުލައިން ދިއްލިގެން ދިޔައެވެ. އެ މިނިކާވަގުގެ ސަބަބުން ލިބުނު އަނިޔާތައް ހަށިގަނޑުން ފޮހެވި، ލޭ މަނާވެގެން ދިޔައެވެ. މީން ދުވަހަކުވެސް އިހުސާސްކޮށްފައިނުވާ އަރާމެއް އިހުސާސްވިއެވެ. ޝަފީން ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު، އަނެއްކާވެސް ސުވާލުކުރިއެވެ. “މިއީ ކޮންތަނެއް؟ މިއީ ހަމަގައިމުވެސް ރާއްޖޭގެ ރަށެއް ނޫން ދޯ.” ޜަނީފް އޭނާގެ އަސާގަނޑު ބުރަކަށި ފަހަތުގައިވާ ކަމަރަށްލަމުން ބުންޏެވެ. “މިއީ އެހެން ދުނިޔެއެއް. މިހާރު މިތިބެވެނީ ތުޔީރަސް ނަމަކަށް ކިޔުނު ބަރޫދެއްގައި.” ޝަފީން އަދިވެސް ހުރީ ވާނުވާގައެވެ.
“އަހަރެން މަރުވުމުގެ ކުރިން ފާޅުވި އަލި ގުޅައަކީ ކަލޭތަ؟” ޝަފީން އަވަހަށް ސުވާލުކުރިއެވެ. “ލައްބަ. އެއީ އަހަންނަށް ހަވާލުކުރެވުނު މަސައްކަތެއް. އެ ނުބައި މަޚުލޫޤުންނަކީ އެހެން ދުނިޔެތަކަށް ދިޔުމުގެ ބާރު ގެންގުޅޭ މަޚުލޫޤުންތަކެއް.” ޜަނީފް ޚުލާސާގޮތަކަށް އެ މަޚުލޫޤާބެހޭ މައުލޫމާތުކޮޅެއް ހިއްސާކޮށްލިއެވެ. “އެހެން ދުނިޔެތަކަށް ދިޔަޔަސްވެސް، އަހަންނާ އަވަލައިގެން އުޅުނީ ކީއްވެ؟” ޝަފީންއަށް ސުވާލު އުފެދުނެވެ. “އެފަދަ މަޚުލޫޤުންނަކީ ޖާދޫގެ ބާރު ހުންނަ މީހުން ރޮލާ ކައިގެން އުޅޭ އެއްޗެހިންތަކެއް. އަހަންނަށް ހީވަނީ ކަލޭގެ ގައިގަވެސް ޖާދޫގެ ބާރު ހުރީމަހެން އޭތި އަވަލީ.” ޜަނީފްއަށް އޭނާއަށް ވިސްނުނުގޮތަށް ބުނެދިނެވެ.
“މިއީ ޖާދޫގެ ދުނިޔެއެއްނަމަ، އަހަރެންގެ ޖާދޫއަކީ ކޮބާ؟” ޝަފީން ވިސްނަންހުރެ ބުންޏެވެ. “މި ދުނިޔޭގައި މައިގަނޑު ގޮތެއްގައި ދެ ބާވަތެއްގެ ޖާދޫ ހުރޭ. އެއީ އުފެއްދުމާއި ހަލާކުގެ ޖާދޫ.” ޜަނީފް އޭނާގެ އަތަށް އަސާގަނޑު މަހާލަމުން ބުންޏެވެ. އަދި އުފެއްދުމުގެ ޖާދޫ ހެދުމަށް ކިޔެވެއްޔެއް ކިއެވެ. އެއާއެކު ހުދުކުލައިގެ ފަރުމާތަކާއި އަކުރުތަކުން ފުރިފައިވާ ބުރެއް ފާޅުވެގެން ދިޔައެވެ. ޜަނީފްގެ އަތުގައި ފިޔާތޮށިކުލައިގެ މަލެއް އޮތްތަން ފެނުނެވެ. ޝަފީންއަށް އާޝޯޚުވެފައި ހުރެވުނެވެ. “އަހަންނަށްވެސް ތިޔަހެން ހެދޭނެތަ؟” ޝަފީން މަލުގައި އަތްލަމުން ބުންޏެވެ. “އެކި މީހުންނަށް ތަފާތުވާނެ. އެކަމު ޖާދޫގެ ބާރު ހުރިނަމަ ހެދޭނެ.” ޜަނީފް ބުންޏެވެ.
“އަދިވެސް ކަލޭގެ ނަމެއް ނޭނގެ. ކޮން ނަމެއް ކިޔަނީ؟” ޜަނީފް ސުވާލުކޮށްލިއެވެ. ޝަފީން އޭނާގެ ކުޑަ ތައާރަފެއް ދިނެވެ. “ތިޔަ ޖާދޫއެއް ހަދާނީ ކިހިނެއް؟” އަދިވެސް ޝަފީން ޝައުގުވެރިވެގެން އުޅުނީ ޖާދޫ ހެދުމަށެވެ. އެއީ އޭނާގެ ދުނިޔޭގައި ޖާދޫ ހެދުމަކީ ކުރެވޭ ކަމަކަށް ނުވާތީއެވެ. “އަހަރެން ކިޔާ ވަރުން ކިޔާ.” އެހެން ބުނުމަށްފަހު ޜަނީފް ކިޔެވެއްޔެއް ކިޔަވަން ފެށިއެވެ. ޝަފީންވެސް ޜަނީފްގެ އަޑުދަށުން ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ޝަފީންގެ އަތާއި ދިމާއިން ހުދު ކުލައިގެ ބުރެއް ފާޅުވިއެވެ. މިފަހަރު އުފެއްދުނީ ކަނޑިއެކެވެ. “ކީއްކުރަން ކަނޑިއެއް؟” ސުވާލުވެރި މޫނަކާއެކު ޝަފީން އަހާލިއެވެ. “ކަނޑިއަކާ ނުލައެއް މި ދުނިޔޭގައި އުޅޭ މަޚުލޫޤުންގެ އަތަކުން ސަލާމަތެއް ނުވެވޭނެ.” ޜަނީފް ކިޔައިދެމުން ދިޔައެވެ.
ޝަފީންއަކީ ދުވަހެއްގެކޮޅުންވެސް ކަނޑިއެއް ގެންގުޅެފައިވާ ކުއްޖަކަށް ނުވުމުން، ކަނޑި ގެންގުޅުމަށް ވަރަށް ނުފަރިތައެވެ. ނަމަވެސް އޭނާގެ ބައްޕައާއެކު ވަލަށްގޮސް ދަރު ކަނޑާއިރު ކަތިވަޅި ގެންގުޅޭ އުސޫލުން ކަނޑި އަތަށް މަހާލިއެވެ. އަދި ކައިރީގައިހުރި ގަސްގަނޑު ފަޅިފަޅިއަށް ކޮށާލިއެވެ. “ޝަފީން، އަހަރެން ވަރަށް އަވަހަށް ދާންޖެހިއްޖެ. އަހަންނަށް އާ މުހިންމަތެއް ލިބިއްޖެ!” ޜަނީފް ވައިގެތެރޭގައިވާ ފާޅުކޮށްފައިހުރި ފޮތަކަށް ބަލައިލުމަށްފަހު ބުންޏެވެ. ޝަފީންއަށް އެ ފޮތް ފެނުނުހެން އެއާ ބެހޭގޮތުން ސުވާލުކުރިއެވެ. “އަދި ނޭނގޭތަ؟ މިއީ އެ މީހެއްގެ ޖާދޫގެ ބާރު ހުރިވަރު ދައްކުވައިދޭ ފޮތެއް. ޖާދޫ ހެދުމަށް ކިޔަވާ ކިޔެވެލިތައްވެސް ދަސްކުރާވަރުން، މި ފޮތުގައި ލިޔެވޭނެ.” ޜަނީފް އޮޅުންފިލުވައިދިނެވެ. ޝަފީންއަށް އޭނާގެ ފޮތް ވުޖޫދަށް ގެނެވޭތޯ ބެލިއެވެ. އިރުކޮޅަކު މަސައްކަތް ކުރުމަށްފަހު، އެ ފޮތަކާމެދު ޚިޔާލު ކުރުމާއެކު އޭނާގެ އަތްމައްޗަށް އެ ފޮތް ފާޅުވިއެވެ. އޭރު ޜަނީފް އަލިގުޅައަކަށް ބަދަލުވެ އުދުހެމުން ދުރަށް ދިޔައެވެ.
އިރުގެ އަލިކަން ފަނޑުވަމުން ދިޔަވަރަކަށް ޝަފީން ބިރުގަންނަމުން ދިޔައެވެ. ކުދި ސޫފިތަކުގެ އަޑުއަޑަށް އެކި ދިމަދިމާ ބަލައެވެ. އަމިއްލައަށް އެރެމުން ދިޔަ ހިކި ފަތްތަކުން އިވޭ އަޑުތަކަށްވެސް ޝަފީންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަނދިރިވީވަރަކަށް ޖަންގަލިތެރެ ނާމާންވާހެން ހީވިއެވެ. ބަލައިލި ކޮންމެ ދިމާއަކުން ކޮންމެވެސް އެއްޗެއް ޝަފީންއަށް ފާރަލަމުން ދިޔަހެން ހީވިއެވެ. ބިރުންހުރެ ނަމަވެސް ހެޔޮވަރު ވަރަކަށް ގޮފި ލައިފައިހުރި ގަހަކަށް ޝަފީން އެރިއެވެ. ގަހުގެ މަތީބައި ބަލައިލުމަށްފަހު ފެނުނު މަންޒަރަކުން ގޮފިން ކައްސާލައިގެން ބިމަށް ވެއްޓުނެވެ.
ޝަފީންއަށް ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ. ޝަފީންއަށްވުރެ އެތައް ގުނައެއް ބޮޑު ހަރުފައެކެވެ. އޭގެ މުޅި ހަށިގަނޑު ގަހުގެ މަތީ ގޮފިތަކުގައި އޮޅާލާފައިވެއެވެ. ޝަފީން ވެއްޓުނު އަޑަށް އޭތި ގަހުގެ ތިރިއަށް ފައިބަން ފެށިއެވެ. ޝަފީން އޭނާގެ ކަނޑި ނެގުމަށްފަހު، އެ ހަރުފައާ ދުރަށް ދުއްވައިގަތެވެ. ދުވެދުވެ މާނޭވަ ލެވުންއިރުވެސް އެ ހަރުފައަށް ގެއްލޭގޮތެއް ނުވިއެވެ. ހަދާނެ ގޮތް ހުސްވެ، ފަހަތަށް އެނބުރި އޭނާ ގެންގުޅުން ކަނޑި ވައިގެ ތެރޭގައި ހޫރަމުން ދިޔައެވެ. އަނދިރިގަނޑުގެ ތެރެއިން ފާޅުވި ހަރުފައިގެ ބޮލުގެ މެދަށް ކަނޑި ހަރާލިއެވެ. ފެހިކުލައިގެ ލޭތައް މުޅި ތަނަށް ބުރުއްސައިގެން ދިޔައެވެ. ޝަފީން ލައިގެންހުރި ގަންޖުފަރާހުގައިވެސް ލޭ ތިކިތަށް ޖެހުނެވެ.
ކުއްލިއަކަށް ޝަފީންގެ ފޮތް ވައިގެ ތެރެއަށް ފާޅުވިއެވެ. އެ ފޮތުގައި ކުރިން ލިޔެވިފައިވާ ދަރަޖަ އެކެއް، ދެއަކަށް ބަދަލުވެފައިވާތަންފެނި އުފާވިއެވެ. ހަނދުވަރުދެމުން ދިޔަހެން ގަސްތަކުގެ ފަތްތަކުން ފުރޭނެމުން ލިބޭ އައްޔެއް ފިޔަވާ އެހެން ތާކުން އަލިކަމެއް ނެތެވެ. ޝަފީން ހަރުފައިގެ ބޮލުން ކަަނޑި ނައްޓަން އުޅެނިކޮށް ކަނޑިއާއެކު ވިދުންހުރި ގާކޮޅެއްވެސް ނުކުތެވެ. ލައިގެންހުރި ގަންޖުފަރާހުން އެ ގާކޮޅު ފުހެލުމަށްފަހު، ފަޓުލޫނުގެ ޖީބަށްލިއެވެ. ޝަފީން ސިހިގެން ދިޔައީ ހިކި ފަތްތައް މުގުރިގެންދާ އަޑު އިވުމުންނެވެ. ކައިރީގައިހުރި ގަހުގެ ނިވަލަށްވަދެ ފިލިއެވެ. އިރުކޮޅަކުން އެ އަޑު އައި ދިމާއަކުން ބަޔަކު މީހުން ވާހަކަދައްކާ އަޑު އިވުނެވެ. ރޯކޮށްފައިހުރި އަލިފާނުގެ ވޮށުން ފަނޑު އަލިކަމެއް ލިބެމުންދިޔައެވެ. އެ މީހުންގެ ހަރަކާތްތަކަށް ބަލަންހުރި ޝަފީން އަދިވެސް ހުރީ ފިލައިގެންނެވެ. ކަނާތު ފައިތިލައިން އެއްޗެއް ކޭއްތޭހެން ހީވާތީވެ ބަލައިލިއިރު ޝަފީންއަށް ހުރެވުނީ ކުރެފިކަހަލަ މަޚުލޫޤުންތަކެއްގެ ހާލިގަނޑު މަތީއެވެ. ގެންފައިހުރި ފަކުރާއި ބިރުގެ ސަބަބުން ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަލިފާނުގެ ވޮށުން އެކި ދިމަދިމާއަށް އަލިކުރަމުން ޖަންގަލި ތެރެއިން ހިނގަމުންދިޔަ މީހުން ޝަފީންހުރި ދިމާއަށް އައެވެ. ކަނޑިޔާއި، އަސާގަނޑުތައް ދިއްކުރަމުން އެމީހުން ޝަފީން ހުރި ގަހާ ދިމާއަށް އައެވެ.
(ނުނިމޭ)


