އެހެން ދުނިޔެއެއް؟ – 3
އެމީހުން ހަމަޖެހުމުގެ ނޭވާއެއްލީ އިންސާނެއްކަން އެނގުމުންނެވެ. އެ ހަތަރު މީހުންވެގެން އެއްފަހަރާ ޝަފީންއަށް ސުވާލުތައް ކުރަންފެށިއެވެ. ލަސްނުކޮށް އެ ހަތަރު މީހުންނަށް ޝަފީން ތަޢާރަފުވިއެވެ. އަލްފަން، ސަޔާރާ، ގިވަން އަދި ޒޫލާވެސް ތަޢާރަފުވެލިއެވެ. އެ ހަތަރު މީހުންނަކީ އާހިތަވެރިންނެވެ. މުހިންމަތުތައް އަދާކޮށް އޭގެން ނަފާލިބިގެން އުޅޭ މީހުންނެވެ. އެ ބައި މީހުންގެ ނަމަކަށްވަނީ ‘އަލިފާން ކަނޑި’ކަމަށް އެ މީހުން ބުންޏެވެ. “ޖަންގަލިތެރޭގައި އަމިއްލައަށް ކީތްކުރަނީ؟” އަލްފަން ސުވާލުކުރިއެވެ. “އެ ކިޔާ ފާސް ގެއްލިގެން ރަށަށް ނުވަދެވިގެން މިއުޅެނީ.” ޝަފީން ދޮރުވާނުން ދެއްކި ވާހަކަތައް ހަނދާނަށް ގެންނަމުން ބުންޏެވެ. “ހިނގާ އަހަރެމެންނާއެކު ދާން. މިފަހަރު އަހަރެމެން ކަލޭ ވެއްދޭތޯ މަސައްކަތް ކުރާނަން.” ގިވަން ބުންޏެވެ.
ލަސް ހިނގުމުގައި ވާހަކަތައް ދައްކަމުން ޖަންގަލިތެރެއިން ހުރިހާ އެންމެންވެސް ދިޔައެވެ. ޝަފީންއަކީ މި ދުނިޔޭގެ މީހެއް ނޫންކަން އެ މީހުން ކައިރިއަކު ނުބުނެއެވެ. އޭގެ އިތުރުން ޜަނީފްގެ އެއްވެސް ވާހަކައެއްވެސް ނަންނުގަނެއެވެ. ޝަފީން މަޑު ހިނގުމުގައި އަލްފަންމެންނާއެކު ޖަންގަލިން ނުކުތެވެ. އަދި މެންދުރުފަހު ދިޔަ ރަށުގެ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. އެއްކަލަ ދޮރުވާނުން ފޫހިގޮތަކަށް ޝަފީންއާ ދިމާއަށް ބަލައިލިއެވެ. ހީވަނީ ޝަފީންއަށް ވަކި ޚާއްސަ ފޫހިކަމެއް އޮތްހެންނެވެ. ނަމަވެސް އަލްފަން އެ މީހުންނާ ވަހަކަދައްކަން ފެށިއެވެ. “ޝަފީން މި ރަށަށް ވަދެވޭނެ ގޮތެއް އެބައޮތްތޯ؟” ދޮރުވާނުން ބަރު އަޑަކުން ބުންޏެވެ. “ދެ ރަން ފައިސާ ފޮތި ދެއްކުމުން ނޫނީ ނުވަދެވޭނެ.” އަލިފާން ކަނޑީގެ ރަޖިސްޓަރީ ކާޑު ޒާރާ ދަބަހުން ނަގާ ދައްކާލިއެވެ. އެ ހަތަރު މީހުންނަށް ވަދެވެން ހުއްދަ ދެވުނެވެ. ސަޔާރާ ދެ ރަން ފައިސާ ފޮތި ދޮރުވާނުގެ އަތަށް ދިއްކޮށްލިއެވެ.
ޝަފީން އާއެކު އަލްފަން، ސަޔާރާ، ޒޫލާ އަދި ގިވަން ރަށުތެރެއަށްވަނެވެ. ރަށުގެ ބޮޑު ބައެއް އަލިފާން ވޮށްތަކުން ދިއްލާފައިވެއެވެ. ދަންވަރުގެ ވަގުތުކަމާއެކު މަގުތަކުގައި މީހުން މަދެވެ. އަލްފަން އަހާލިއެވެ. “ކޮންގެއަކު އުޅެނީ؟” ޝަފީން ވިސްނަންހުރެފައި ބުންޏެވެ. “އަހަރެން ހުންނަނީ ކުއްޔަށް ދޫކުރާ ކޮޓަރިއެއްގައި. އަހަރެން ދަނީ ދެން.” އެހެން ބުނުމަށްފަހު ޝަފީން އަލްފަންމެން ދިޔަ މަގު ނޫން މަގަކުން ކުރިއަށް ދިޔައެވެ. އަތުގައި އެއްވެސް ރުފިޔާއެއް ނެތުމާއެކު މީހުން ނޫޅޭ ސަރަހައްދެއް ހޯދަމުން ދިޔައެވެ. ވަރަށް ގިނަ އިރު ހިނގުމަށްފަހު ރަށުގެ ބޮޑު ފާރާ ދިމާއިން ބޮޑެތި ގަސްތަކެއް ފެނުނެވެ. ގޮފިލައިފައި ހުރި ގަހަކަށް ޝަފީން އޭނާގެ ކަނޑި ހިފައިގެން އެރިއެވެ. ގަހުގެ މަތީ ގޮފިތަކަށް ނަޒަރު ހިންގާ ބަލައިލިއެވެ. އެއީ އެއްވެސް ނުރައްކާތެރިކަމެއް ފެނޭތޯއެވެ. އޭނާ ގޮފިގަނޑުގައި ހަމަޖެހެވުނުހެން އޭނާގެ ދެ ލޯ މެރުނެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ ޝަފީން ގަހުގެ ގޮތްޕެއްގައި ނިދިފައި އިންދައެވެ. އިރުގެ ދޯދިތައް ޝަފީންގެ މޫނުގައި ޖެހުމާއެކު އޭނާއަށް ހޭލެވުނެވެ. ލަސްނުކޮށް ކަނޑި ހިނފައިގެން ގަހުގެ ތިރިއަށް ފައިބައިގެން ރަށުގެ ހުޅަނގު ފަރާތުގައިވާ ކޯރަށް މިސްރާބު ޖެހިއެވެ. ބޮޑުމަގުން ހިނގާފައި ދިޔައިރު ގެތަކާއި އޭގެ ފަރުމާތަކަށް ޝަފީން ބެލިއެވެ. އޭރު މަގުތަކުގައި އުޅުނު މީހުން ލައިގެން އުޅުނު ހެދުންތަކަށްވެސް ބަލައިލިއެވެ. ޝަފީންއަށް ވިސްނޭގޮތުގައި މި ރަށުގެ ގެތަށް އެޅިފައިވަނީ އިހުގެ ދިވެހިރާއްޖޭގެ ފަންގެތަށް ހުންނާނޭފަދަ ގޮތަކަށެވެ. ނަމަވެސް ގޭގެ ފާރުތައް ބިނާކޮށްފައި ހުރީ ގެރިފަދަ ޖަނަވާރުންގެ ހަން ބޭނުންކޮށްގެންނެވެ. ފުރާޅު އަޅާފައި ހުރީވެސް ފަންގެތައް ހުންނަހެން ހިމަ ދިގު ވިނަތަކެއްފަދަ އެއްޗަކުންނެވެ. “މި މީހުން ވިއްސާރައިން ހިޔާވަނީ ކޮންފަދައަކުން ހެއްޔެވެ؟” ޝަފީންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
މަގުގައި މީހުންތައް ގިނަވުމުގެ ކުރިއަށް ޝަފީން ކޯރަށްގޮސް މޫނުދޮވެ ތާޒާވެލިއެވެ. އެ ކޯރަށް އެޅިފައިވާ ރިވެލިން ޝަފީން އޭނާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އެއީ އޭނާގެ މޫނެއް ނޫނެވެ. ނަމަވެސް އެހެން މީހެއްގެ މޫނެކެވެ. އޭނާ އަދިވެސް މިއީ ހުވަފެނެއްކަމަށް ގަބޫލު ކުރެއެވެ. ޝަފީންގެ ޚިޔާލުތައް ހީވަނީ ތޫފާނެއް ހެންނެވެ. ނަމަވެސް އޭނާއަށް ޖަވާބުދޭނެ ފަރާތެއް ނެތްކަން އޭނާ ގަބޫލުކުރެއެވެ. މާގިނައިރު ނުހުރެ މީހުންތަކެއއ އެއްވަމުންދިޔަ ދިމާއަކަށް ޝަފީން މިސްރާބު ޖެހިއެވެ.
މީހުންތައް އެއްވަމުންދިޔައީ ހަރުގެއެއް ކައިރިއަށެވެ. އެތަނުގައި އެކި ގިންތީގެ މީހުން ތިއްބެވެ. އަސާގަނޑު ހިފައިގެން ބޮޑެތި ތިނެސްކަން ތޮފި އަޅައިގެން ތިބި ބަޔަކާއި ކަނޑި ހިފައިގެން ދަހަނާގައި ހަނގުރާމައަށް ދާން ތައްޔާރުވެފައިތިބި ބަޔަކުވެސް ތިއްބެވެ. ހަށިގަނޑުން ބިޔަ މީހުންވެސް އެތާގައި ތިއްބެވެ. ޝަފީންއަށް މިކަންވީ މަޖާ ކަމަކަށެވެ. އެއީ އޭނާއަށް ދުވަހަކުވެސް ފެނިފައިނުވާ މަންޒަރަކަށްވާތީއެވެ. ނަމަވެސް ހިނިގަނޑު ހިފަހައެްޓައިގެންހުރެ އެތަނުގެ ވަށައިގެން މީހުންތައް ކައިރިން ހިނގާލިއެވެ. ޝަފީން އެ މީހުންގެ ވާހަކަތަކުން ފަހުމުވީ ވަރަށްގިނަ ފައިސާ ލިބޭ ގޮތަށް ކޮންމެވެސް މުހިންމަތެއް އަދާކުރަން ބޮޑު ބޯޑަކަށް ނެރެފައިވާކަމެވެ. އިރުކޮޅަކު މުހިންމަތަކީ ކޯއްޗެއްކަން ނޭނގިގެން ވިސްނަން ހުއްޓާ އަލްފަންއާއި ގިވަން ޝަފީންގެ ކައިރިއަށް އައެވެ.
“އެކިޔާ މުހިންމަތަކީ ކޯއްޗެއްތަ؟”ޝަފީން އަލްފަންއާ ސުވާލުކުރިއެވެ. “އެއީ އަދާކުރަންޖެހޭ ލަނޑުދަނޑިއެއް ކަހަލަ ކަމެއް.” އަލްފަން ވިސްނަން ހުރުމަށްފަހު ބުންޏެވެ. “އެކަމު އެކަމެއްކޮށް ނިމުމުން، ހެކި ގެނެސްދީފިނަމަ އެކަށީގެންވާ އިނާމު ލިބޭނެ.”ގިވަން އަލްފަންގެ ޖަވާބަށް އިތުރުކޮށްލިއެވެ. “ކޮން ހެއްކެއް ތިބުނީ؟”ޝަފީން އަދިވެސް ހުރީ ވާނުވާގައެވެ. “މިސާލަކަށް މަޚުލޫޤެއް މެރުމަށް އޮތްނަމަ، އޭގެ ބޮލުގައި ނޫނީ، މެއާ ދިމާލުގައިވާ ޖާދޫގެ ގާކޮޅެއް ގެނެސް ދެއްކުމުން ފުދޭނެ. އޭރަށް އިނާމު ލިބިގެންދާނެ.”އަލްފަން އޭނާގެ އިސްތަށިގަނޑު ވިނުވާލަމުން ބުންޏެވެ. “އޭ ތިޔެއް ނޫނޭ، ރަޖިސްޓަރީ ހައްދައިފިންތަ؟”ގިވަން ކުއްލިއަކަށް ހަނދާންވެގެން އެހިއެވެ. “ނޫނޭ. އަހަންނަކަށް އަދި ނޭނގެ ރަޖިސްޓަރީވާން ދާންވީ ތަނެއް.”ޝަފީން އަދިވެސް ހުރީ ވާނުވާގައެވެ. “ރަޖިސްޓަރީވުމަށް އާހިތަވެރިންގެ ހަރުގެއަށް ދެވޭނެ. އޭރަށް އެމީހުން ފާސްވެސް ހައްދަދޭނެ.”އަލްފަން ފުން ނޭވާއެއްލުމަށްފަހު، ކިޔައިދިނެވެ. އަލްފަންއާއި ގިވަން ކިޔައިދިން މައުލޫމާތަށް ޝުކުރުއަދާކޮށް އެ ދެ މީހުންނާ ދުރަށް ދިޔައެވެ.
ޝަފީން ދިޔައީ އޭނާ ރޭގައި މަރާލި ހަރުފައިގެ ބޮލުން ނެގި ގާކޮޅަށް ވިސްނަމުންނެވެ. ދަތްދޮޅިދަށުގައި އަތް ވިއްދާލައިގެންހުރެ ވިސްނަމުން ކުރިއަށް ހިނގައިގަތެވެ. މީހުންތައް އެއްވެފައި ތިބި ބޯޑުގެ މަތީގައި ބޮޑުއަކުރުން ޖަހާފައިވާ ‘އާހިތަވެރީންގެ ހަރުގެ’ ފެނުނީ ދެނެވެ. މައިދޮރުން ވަދެގެން ދިޔައިރު އެތައް އެތައް މީހުން އެކި ކަންތައްތަކުގައި މަޝްޣޫލުވެފައި ތިބިތަން ފެނުނެވެ. އެއްބަޔަކު ފޯމު ފުރުމުގައި އަވަދިނެތި އުޅެއެވެ. އަނެއްބަޔަކު އެ މީހުންގެނައި ހެކި ދައްކަނީއެވެ. ޝަފީން ލަސްނުކޮށް ބޮޑު މޭޒެއް ކައިރީ ޔުނީފޯމެއް ލައިގެން ހުރި ކުއްޖަކާ ސުވާލު ކުރިއެވެ. “މިތާ އަލަށް ރަޖިސްޓަރީ ކުރަނީ ކިހިނެތްތޯ؟”
“އާހިތަވެރިންގެ ހަރުގެއަށް މަރުހަބާ! އާދެ މިތަނުން ރަޖިސްޓަރީ ކުރެވޭނީ އުމުރުން ފަނަރަ އަހަރަށްވުރެ މަތީ މީހުންނަށް އެކަނި. ކޮން ރަޖިސްޓަރީއެއްތޯ ބޭނުންފުޅުވަނީ؟” އެ ކުއްޖާ ސުވާލު ކުރިއެވެ. “އާހިތަވެރިކަމަށް!” އެ ކުއްޖާ ސުވާލުކޮށް ނިމުނުހެން ޝަފީން ބުންޏެވެ. “އާހިތަވެރިކަމަށް ކުރިމަތިލާނަމަ މި ފޯމު ފުރިހަމަ ކުރައްވާ. އަރިމަތީގައިހުރި މޭޒުތަކުގައި އިށީންނަވާ. ލިޔާނެ ގަލަމާއި ގަލަންދާނި މޭޒުން ލިބެން ހުންނާނެ.” ސުވާލުތަކަކާއި ހުސް ގޮޅިތަކެއް ކުރަހާފައިވާ ކަރުދާހެއް ދިއްކޮށްލަމުން އެ ކުއްޖާ ބުންޏެވެ. ލަސްނުކޮށް އެ ކަރުދާސް ހިފައިގެން އެންމެ ކައިރީގައިހުރި މޭޒަށް ޝަފީން މިސްރާބު ޖެހިއެވެ.
އިށީނުމަށްފަހު ފުން ނޭވާއެއްލިއެވެ. ފޯމުގެ ބައިތައް ފުރަމުން ދިޔައެވެ. ޝަފީންގެ ނަމާއި، އުމުރު ޖަހާލިއެވެ. ޖާދޫގެ ބައިތައް ޖަހާފައިވާ ބައިގައި ޖާދޫ ނެތްކަމަށް ޖެހިއެވެ. އެއީ ޝަފީން އަދިވެސް މި ދުނިޔޭގެ ޖާދޫގެ ނިޒާމަށް ފަރިތަނުވާތީއެވެ. ފޯމު ފުރުމަށްފަހު އެ ކުއްޖާއަ ހަވާލުކުރަން ދިޔައެވެ. އޭރު ބައިވަރު މީހުން އެ މޭޒު ކައިރީ ތިއްބެވެ. އެ މީހުން ނިމޭނެ އިރަކަށް ޝަފީން މަޑު ކުރިއެވެ. އެތައް އިރެއްވީފަހުން، އެ މީހުން އެ މޭޒުން ދުރަށް ދިޔައެވެ. ފުރުސަތު ތަންދިނުމުން އަވަހަށް ޝަފީން އެ ކަރުދާސް ހަވާލުކުރަން ދިޔައެވެ. އިރުކޮޅަކު އެ ކަރުދާހުގައި ލިޔެފައިވާ ޖަވާބުތަކަށް ބަލަންހުރެ އެ ކުއްޖާ ސުވާލު ކުރިއެވެ. “ހަމަ އެއްވެސް ޖާދޫއެއް ނެތްތަ؟ ޔަގީން؟” ޝަފީން ވާނުވާގައިހުރެ ބުންޏެވެ. “ޖާދޫ ހުންނަން ޖެހޭތަ؟” އެ ކުއްޖާ ހައިރާންވެހުރެ ބުންޏެވެ. “ޖާދޫ ނެތިއްޔާ ހަނގުރަމަ ކުރާނީ ކޯއްޗަކުން؟” އެހެން ބުނިހެން ޝަފީންގެ ފަޓުލޫނުގެ ބައިގައި އައްސާފައިހުރި ކަނޑިނަގާ ދައްކާލިއެވެ.
“މަޢާފު ކުރައްވާ މިހާ ގިނައިން ސުވާލު ކުރެވޭތީވެ. އެކަމު ހަމައެކަނި ކަނޑިއަކުން ހަނގުރާމަ ކުރެވޭނެ؟” އެ ކުއްޖާ މޭޒުގައި ހިފަހައްޓައިގެންހުރެ ސުވާލު ކުރިއެވެ. “އާނ. ހަމައެކަނި ކަނޑިން ވާނެ.” ޝަފީން ޔަގީންކަމާއެކު ބުންޏެވެ. “އެންމެ ރަނގަޅު. އަޅުގަނޑުގެ ނަމަކީ ޒަޥްލާ. ފާސް ކާޑު ތައްޔާރުވާނީ މެންދުރުފަހުން. މެންދުރުފަހުން އަޅުގަނޑާ ބައްދަލު ކުރައްވާ!” ޒަޥްލާ ތަޢާރަފުވެލިއެވެ. “އަދި އެއްކަމެއް. މީތި ވިއްވާލެވޭނެތަ؟” ޝަފީންގެ ޖީބުތެރެއިން ދިއްލޭ ގާކޮޅު ނަގާ މޭޒުމަތީގައި ބޭއްވިއެވެ. ޒަޥްލާ ހައިރާންވެ އަނގަ ހުޅުވާފައި ހުއްޓެވެ. “މިއީ ކޯއްޗަކުން ނެރުނު ގާކޮޅެއް؟” ޒަޥްލާ ހައިރާންވެހުރެ ސުވާލުކުރިއެވެ. “ހަރުފައެއް. ކީއްވީ؟” އާދައިގެ ގޮތަކަށް ޝަފީން ބުނެލިއެވެ. “މިއީ ދަރަޖަ ފަހެއްގެ މަޚުލޫޤެއް. އަދި އަލަށް ރަޖިސްޓަރީވީމަ އަހާލެވުނީ.” ޒަޥްލާ ބުންޏެވެ. “މީތި ވިއްކައިގެން ލިބޭނީ ތިން ރިހި ފައިސާ ފޮތި.” އެހެން ބުނުމާއެކު ޝަފީން ޒަޥްލާގެ އަތަށް އެ ގާކޮޅު ދިނުމަށްފަހު ލިބުނު ރިހި ތިން ފައިސާ ފޮތި ނަގާ ޖީބަށްލިއެވެ. “ގަހުވަޚާނާއެއް ހުންނަތަނެއް އިނގޭތޯ؟” ޝަފީން ބަނޑުހައިވާތީވެ، ސުވާލު ކުރިއެވެ. “ހަރުގޭގެ ފަހަތު ބައިގައި ކާތަކެތި ލިބެން ހުންނާނެ.” ޒަޥްލާ ދާންވީ ދިމާ ބުނެދިނެވެ.
ހަރުގޭގެ ފަހަތު ބަޔަށް ޝަފީން މިސްރާބު ޖެހިއެވެ. އެ ހިސާބަށް ނުދެވެނީސް ކާތަކެތީގެ މީރުވަސްގަނޑު ދުވަންފެށިއެވެ. ރިހަތަކުގެ ވަސްތައް ދުވަންފެށިއެވެ. ލަސްނުކޮށް އެތަނަށްވަދެ، އަގުތަކަށް ބަލައިލިއެވެ. ޝަފީންއަށް ހީވީ ބޮލަށް ބަރެއް ވެއްޓުނުހެންނެވެ. ކުޑަ ބަތް ތައްޓެއްވެސް ލިބެނީ ދެ ރިހި ފައިސާ ފޮއްޗަށެވެ. ބަނޑުހައިވެފައި ހުރުމުން، ކުޑަ ބަތްތައްޓަކަށް ރުފިޔާ ދެއްކުމަށްފަހު މޭޒެއްދޮށުގައި އިށީނެވެ. ބަތުގެ ވަސްގަނޑު ދުވުމުންވެސް އޭނާ ކުޅު ދިޔާވެއެވެ. އޭނާ ބަތްކޭ ހަނދާންވަނީވެސް މީގެ ތިން ދުވަސް ކުރިންނެވެ. އޭނާގެ މޭޒަށް ހޫނު ބަތްތައްޓެއް ގެނައުމާއެކު ސަމުސާ ނަގާ ކާންފެށިއެވެ. ހީވަނީ އެތައް ދުވަހަކު ނުކައިހުރި މީހެއް ހެންނެވެ. ދެ ސުވައެއްގެ ބަތް ހުސްވިއިރުވެސް އޭނާގެ ބަނޑު ފުރޭ ގޮތެއް ނުވިއެވެ. ތަށި ހުސްވިއިރުވެސް ޝަފީންއަށް ކޭހެންވެސް ހީނުވެއެވެ. ނަމަވެސް އިތުރު ބަތް ތައްޓެއް ލިބޭނެ ގޮތެއް ނެތެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި އެންމެ ރުފިޔާ ފޮއްޗެކެވެ.
ހެނދުނުގެ ވަގުތުކަމުން ރަށްތެރެ ބަލައިލަން ޝަފީން ދިޔައެވެ. އެ ދިޔަ މަގުމަތީގައި ‘އަލިފާން ކަނޑި’ގެ ހުރިހާ އެންމެންވެސް ހަތިޔާރު ހިފައިގެން ދާތަން ފެނުމުން ޝަފީން ސުވާލުކުރިއެވެ. “ކޮންތާކަށް އެހާ ތައްޔާރުވެލައިގެން ތި ދަނީ؟” އަލްފަން ޝަފީން ހުރި ދިމާއަށް އެނބުރެމުން ބުންޏެވެ. “މިދަނީ މުހިންމަތެއް އަދާކުރުމުގެގޮތުން މިނިކާވަގުތަންތަކެއް މެރުމަށް.” ޝަފީންއަށް އެތަކެއް ސުވާލެއް އެ ހަތަރު މީހުން ކުރިއެވެ. އޭނާ ކައިގެން ހުރިތޯއާ، ރަޖިސްޓަރީކުރަން ލައިފިތޯވެސް އެހިއެވެ. އޭގެ އިތުރުން ސުވާލެއް ނޭހެނީސް ޝަފީން އެތަނުން ދުރަށް ޖެހުނެވެ. ހޫނު ބާރުވަމުން ދިޔަވަރަކަށް ޝަފީން ގަހެއްގެ ހިޔަލެއް ހޯދަން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


