އެހެން ދުނިޔެއެއް؟ – 1
އިރުގެ ފަނޑު ރަން ދޯދިތައް އުދަރެސް ތޮރުފަމުން އަލިކުރަމުން ދިޔައެވެ. ވިލާތައްވެސް ދުނިޔެމަތީގައި އެނބުރެމުން ދިޔައީ ނަޝަމުން ކަހަލަ ގޮތަކަށެވެ. ޖެހިލާ މަޑު ވައިރޯޅިތައް ފަތިހުގެ ފިނިކަން ފޮހެމުން ގެންދިޔައެވެ. ރޭގައި ވެހުނު ވާރޭއާއެކު ތެމިފައިވާ ބިންގަނޑަށް ހޫނުކަން އަންނަން ފެށިއެވެ. އެހާ މައިރު ގަޑިއެއްގައިވެސް ތެދުވެއުޅޭ މީހުން މަދެއް ނޫނެވެ. ކޮޓަރީގައިވާ ލޯގަނޑުން އޭނާގެ އަމިއްލަ ހަށިގަނޑަށް ޝަފީން ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އޮނިގަނޑުން ފުރިހަމަކަން ދައްކައެވެ. އޭނާ އަދިވެސް ވިސްނަމުން ދިޔައީ މާޒީވެދިޔަ ދުވަސްތަކުގައި ހިނގި ކަންތައްތަކާމެދުއެވެ. އޭނާ އަދިވެސް ގަބޫލުކުރަނީ އެއީ ހުވަފެނެއް ކަމުގައެވެ.
*******
ފެހިވިލާގެއަށް އިރުގެ ދޯދިތައް އަރައިގެން އައީ މީހުން މަސައްކަތަށް ހޭވެރިވެގެން ވަގުތުއެވެ. އެކި ގޭގެއިން މީހުން އައިސް މަސް ކެއްކުމުގައި އެހީތެރިވާން އުޅެއެވެ. ކައްކަމުންދިޔަ ބޮޑު މަސްތެލިން ދުވަމުންދިޔަ ވަސްގަނޑު މުޅި ގެއަށްވެސް އަސަރުކޮށްފައިވެއެވެ. ގޭގެ ފެންޑާތެރޭގައި ކުޑަކުދިން ތިބެ ކުޅެމުން ދިޔައެވެ. ތާސްބަޔާއި ކެރަމުފަދަ ކުޅިވަރުތަކެވެ. ގޭގެ ފެންޑާގައި ބަހައްޓާފައިވާ ރޭޑިއޯއިން ހެނދުނު ހަތެއްގެ ޚަބަރު ގެނެސްދެމުން ދިޔައެވެ. ނަމަވެސް އެ ރޭޑިއޯއަށްވުރެ އަޑުގަދައީ އެގޭގެ ފާރުމަތީގައި މުޒާހަރާ ކުރަމުންދިޔަ ކާޅުތަކުގެ އަޑެވެ. ކައްކާފައިވާ މަސްތައް ކަށިތަކާއި ވަކިކުރަން ތިބުމާއެކު މިއަދު އަމުދުން ކާޅުގެ އުނދަގޫ ބޮޑެވެ. ރޭގައި މަސްކައްކަން އެހީތެރިވި މީހުންނަށް ރުފިޔާ ދީފައި އަހުމަދު އެ މީހުންގެ މަސައްކަތަށް ޝުކުރު އަދާކުރިއެވެ. އެއަށްފަހު އަހުމަދު ބަދިގެއަށްވަދެ ޖޯޑެއްގަައި ގަހުވަ ގިރާ މަސްކައްކާ ދިމާގައި ޖަހާފައިހުރި ހިޔަލަށް ދިޔައެވެ.
ސޯނާގަޑީގެ އަޑަށް ހޭލެވުނު ޝަފީންވެސް ދުވަހަށް ތައްޔާރުވެ، ގެއިން ނިކުތެވެ. ކޮޓަރިން ބޭރަށް ނިކުމެވުނުހެން މަސް ކައްކާ ވަސްގަނޑު ޖެހުނެވެ. ޝަފީން ފެނުމާއެކު އޭނާގެ މަންމަ ރަމީޒާ ކަށި ތެލީގައި ހިފުމަށް އަންނާށޭ ކިޔާ ގޮވަމުން ދިޔައެވެ. ޝަފީން ފައިވާނަށް އެރުމަށްފަހު، މަސްކައްކާ ތެއްޔާ ދިމާއަށް ދިޔައެވެ. އަދި އޭނާގެ ބައްޕަ އަހުމަދުއާއެކު އޭގައި ހިފަން ފޮތިގަނޑެއް އަތަށް ހެޔޮވަރުކޮށްލިއެވެ. ހޫނުކަންހުރި ތެލިން މަހުގެ ކަށިތައް ބަރޯއަށް އޮއްސާލެވުމާއެކު ޝަފީން އާއި އޭނާގެ ބައްޕަ ބަނދަރާ ދިމާއަށް މިސްރާބު ޖެހިއެވެ.
ވަލުތެރޭގައި އޮތް ހަނި ގޯޅިއަކުން ލައިފައި ދެ މީހުންވެސް ހިނގަމުން ދިޔައެވެ. އިރުކޮޅަކުން ފުއްޓަރުފަރާތަށް ބަރޯ ހިފައިގެން ނިކުމެވުނެވެ. ޝަފީން ބަރޯ ފުރާހުރި ކަށިތައް މޫދަށް އޮއްސާލިއެވެ. އޭރު ކުޑަ ފާހާނާއަކަށް ދިޔުމަށް އަހުމަދު ބޯކަށިކެޔޮ ގަހެއްގެ ފަހަތަށް ދިޔައެވެ. މޫދު ލޮނުން ބަރޯ ދޮވެލުމަށްފަހު ޝަފީން ބަރޯ ހިފައިގެން ވަލުތެރެއަށް އެނބުރި ވަނެވެ. އޭނާ ދިޔައީ ބިރުންހުރެ އެހާވެސް އަވަހަށެވެ. ބޮޑެތި ބިޔަ ގަސްގަސް ފެނުނުހެން އޭނާ ބިރުގަންނަން ފެށިއެވެ. އޭނާ ވަލުތެރޭގައި ހިނގާތާ އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް ވަލުތެރެއަކުން ނުނިކުމެވުނެވެ. ކޮންމެ ފަހަރަކުވެސް ބޮޑު ނިކަގަހެއް ދިމާވެއެވެ. ތިންވަރަކަށް ފަހަރު އެ ނިކަގަހާ ދިމާވުމުން ކޮންމެވެސް ކަމެއް ގޯސްކަން އޭނާއަށް ނަގައިގަނެވުނެވެ. މާހައުލަށް ނަޒަރު ހިންގާލިއެވެ. މަޑުމަޑުން ފަހަތަށް އެނބުރެމުން ދިޔައެވެ. ބަރު އަދި އުނދަގޫ އަޑުތަކެއް ފަހަތުން އިވެން ފެށިއެވެ. ކުދި ވައިރޯޅިތައް ޖެހެމުން ދިޔައިރު، ޝަފީންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
ބޮލުގައި އެއްޗެއް ހިފިހެން ހީވާތީވެ، ބާރަށް އަތް ފޮޅުވާލިއެވެ. “އޭތް ކިހިނެތްތަ ތިވަނީ ޝަފީން؟” އަހުމަދު ތަންކޮޅެއް ބާރަށް ބުނަމުން ދިޔައެވެ. ޝަފީން އަދިވެސް ހުރީ ވާނުވާގައެވެ. އޭނާ އަދި ވަލުތެރެއަކަށް ނުވަދެއެވެ. ދެންމެ ފެނުނު މަންޒަރު އެއީ އަދި ނުވެސް ވާކަމެކެވެ. ނިތްކުރިމަތީގައި ހިއްލާފައިވާ ދާތަށް އަތުގެ ނުފުށުން ފުހެލިއެވެ. ދެންމެވީ ކަންތަކާމެދު އޭނާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވެއެވެ. އޭނާގެ ބައްޕަ ކައިރީގައި ކަމާބެހޭގޮތުން އަހާލަންވެސް ނުކެރި ދެމީހުން ގެއަށް ދާން ހިނގައިގަތެވެ.
ގެއަށް ވަދެވުމާއެކު، ރަމީޒާ ބަރޯގައި ހިފަން އައެވެ. ޝަފީން އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. އޭނާއަށް ދެންމެ ފެނުނު މަންޒަރުތައް އަދިވެސް ގަބޫލު ނުކުރެވިގެންނެވެ. ވަލުތެރޭގައި އިވިގެންދިޔަ އަޑުތައް އަދިވެސް އޭނާގެ ކަންފަތްބުޑުގައި ގުގުމައެވެ. ތެތް ފަޔާއެކު ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ބޮކިތައް ނިވިދިއްލެން ފެށިއެވެ. ކުޑަދޮރާވީ ދިމާއިން ކަޅު ހިޔަންޏެއް ފެނުނެވެ. ދޮރުގައި ލެނގިގެން ކަކޫކޮޅު މެއާ ގާތްވާ ގޮތަށް އިށީނެވެ. ބިރުންހުރެ އޭނާގެ ދެ ކަންފަތުގައި އަތްވެސްއެޅިއެވެ. ލޯވެސް މަރާލުމާއެކު ބާރަށް ފިއްތާލިއެވެ.
އިރުކޮޅެއްފަހުން ދުވަންފެށި ވަހުން ނޯއްދަމާލާކަށް ނުކެރުނެެވެ. ޝަފީންއަށް ބޭއިޚްތިޔާރުގައި ނޭފަތުގައި ހިފާލެވުނެވެ. އިށީނދެ އިން ތަނުގައި ތެތްކަމެއް ހިނގާހެން ހީވެ، ލޯ ހުޅުވާ ބަލައިލިއެވެ. ފެނުނު މަންޒަރުން ހޮޑުނުލެވުނީ ހަމަކިރިޔާއެވެ. ދޮރުދަށުން ފެހިކުލައިގެ ބޮޑު އަތެއް ނިކުމެފައި އޮތެވެ. ގަދަ ފެހިކުލައިގެ ހުޅުނބުތަކެއް އެ އަތުގައި ހުއްޓެވެ. ފަރުހަކިވަސް ދުވަނީ ކެތްނުވާވަރަށެވެ. ބޮކިތައް ނިވިދިއްލެމުންގޮސް ކުއްލިއަކަށް މުޅި ކޮޓަރި އަނދިރިވިއެވެ.
ދޮރުގެ އަތްގަނޑުގައި ޝަފީން ބާރަށް ހިފައިގަތެވެ. ނަމަވެސް ދޮރު ހުޅުވޭގޮތެއް ނުވިއެވެ. ހާސްވެ ކަންބޮޑުވެ، ބޮލަށް އެނބުރުން އަރަން ފެށިއެވެ. އަނގަ ހުޅުވިޔަސް އަޑެއް ނުނިކުތެވެ. ދެން އިވެންފެށީ ތެތްކޮށްހުރި ފައިން މުށިތަކުގައި ހިނގާ އަޑެވެ. އަނދިރިގަނޑުގެ ތެރެއިން އެއްޗެއް ވަކިވާވަރެއް ނޫނެވެ. ނަމަވެސް ކުޑަދޮރުން ފެންނަ ފަނޑު އަލިކަމުން އޭތީގެ ހިޔަނި ފެނެއެވެ. ދުވަމުން ދިޔަ ވަހަށް ކެތްނުކުރެވި ޝަފީންއަށް ހޮޑުލެވުނެވެ. ބޮލަށް އެނބުރުން އަަރައިގެން މުށިގަނޑު މައްޗަށް ވެއްޓުނެވެ. ނަމަވެސް އޭތި މަޑު ހިނގުމުގައި ޝަފީން ކައިރިއަށް އައެވެ. ތެތް އަތުން ޝަފީންގެ އަތްތިލައިގައި ހިފާ ދަމާލިއެވެ. އެއާއެކު ޝަފީންގެ އަތްތިލަ ވަކިވެދިޔައެވެ. ލޭނާރުތަކުން ލޭތައް ބުރުއްސައިގެން ދިޔައެވެ. ޝަފީންގެ އަތްތިލަ އެއެތީގެ އަނގަ ހުޅުވާލުމަށްފަހު، ހަފައިގެން ކާންފެށިއެވެ. ކަށިތައް މުގުރެމުންދާ އަޑު އިވެއެވެ. ލޭ މަނާވޭތޯ އަތް ބަނޑުދޮށަށް ލައިގެން އޮތް ޝަފީން ހޭނެތުނެވެ.
ޝަފީންއަށް ލޯ ހުޅުވާލެވުނުއިރު އޭނާގެ ބައްޕަ އެނދު ކައިރީހުރި ގޮނޑިއެއްގައި އިށީންދެލައިގެން އިނެވެ. ލޯހުޅުވާލިތަންފެނި އަހުމަދު ސުވާލު ކުރިއެވެ. “ދަރިފުޅާ، ކިހިނެތްތަ ތިވަނީ؟” ލަސްނުކޮށް ޝަފީން އޭނާގެ ކަނާއަތުގެ އިނގިލިތައް ގުޑުވާލެވޭތޯ ބެލިއެވެ. ނަމަވެސް އޭނާގެ އިނގިލިތައް އިހުސާސެއް ނުވިއެވެ. ޝަފީން އޭނާގެ ކަނާއަތަށް ބަލައިލިއެވެ. އަތްތިލަވަނީ ބިންދައިގެންގޮހެވެ. ޝަފީންއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ރަމީޒާވެސް ކޮޓަރިއަށްވަނެވެ. އަހުމަދު އަނެއްކާވެސް ސުވާލުކުރިއެވެ. “ކިހިނެތްތަވީ ދަރިފުޅާ؟” ޝަފީން ތުރުތުރުއަޅާ ހާލު ކަނާއަތް ދައްކާލަމުން ބުންޏެވެ. “އަތްތިލަ ކިހިނެތްވެފައި މިއޮތީ؟” ޝަފީންގެ އަތް ފެނުމާއެކު އަހުމަދު ޝަހާދަތުގެ މައްޗަށް ޝަހާދަތްކިއެވެ. ކުޑަ ހުޅުން ފެށިގެން އަތުގެ އިނގިލިތައްވެސް ވަނީ ފެހި ކުލައެއް އަރާފައެވެ. ހަރަކާތެއް ނެތުމާއެކު ކުޑަހުޅު ވަށައިގެން ލޭ ކުލައެއް ހުއްޓެވެ.
ވާނުވާ ބެލުމަށް ހަސްފަތާލަށް ދިޔައެވެ. ބޮޑެތި އިސްކޭނުތަކާއި، އިމްތިހާނުތަކަށްފަހު ފާހަގަވި ކަންކަން ބައިވަރެވެ. ކަށިތައްވަނީ މުގުރިފައެވެ. ކަށީގެ ބައިތައްވަދެ ލޭ ނާރުތައްވެސް ވަނީ ފަޅައިގެން ގޮހެވެ. ނުވިތާކަށް ލޭ މަނާނުވެގެން އަތުގެ އިނގިލިތަކުގެ މަސްތަކާއި ހަންގަނޑުގެ ތެރެއަށް ލޭ ނިކުމެފައިވެއެވެ. އަތުގެ ކުޑަހުޅާ ހިސާބުން އަތް ބުރިކުރަން މަޖުބޫރުވިއެވެ. ހަސްފަތާލުގައި މުޅި ދުވަސް ހޭދަވިއިރު ދޫކޮށްލީ، އިރު އޮއްސެންދިޔަ ވަގުތުގައެވެ. އޭރު ބަނދަރާވީ މަގުގައި ހިޔަންޏެއް ހުރިތަން ޝަފީންއަށް ފެނުނެވެ. ނަމަވެސް މާބޮޑަށް ސަމާލުކަންނުދީ އަޅައިނުލައި ކުރިއަށް ދިޔައެވެ.
އަހުމަދުއާއެކު ހިނގާފައި ގެއަށް ވަދެވުނުއިރު ކުޑަ މަސް ތެއްޔެއް ހިފައިގެންހުރި ރަމީޒާ ދުވެފައި އައެވެ. އަތްތިލަ ކިހިނެތްތޯ ޝަފީން ކައިރި އެއްސެވެ. ކަނާތު އަތް ނަގާ ދަށްކާލުމުން ރަމީޒާ ރޯން ފެށިއެވެ. “ދަރިފުޅާ! އެކަމު ކީއްވެ؟” ޝަފީން އިސްދަށަށް ޖަހާލުމަށްފަހު ބުންޏެވެ. “ނޭނގެ އަޅުގަނޑަކަށްވެސް.” އޭނާއަށް ވަމުންދިޔަ ކަންކަން ސިއްރު ކުރަން ބޭނުންވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެހެންކަމަށް ވާތީއެވެ.
އަވަސް ހިނގުމުގައި ކޮޓަރިއަށްވަދެ ޝަފީން ދޮރު ލެއްޕިއެވެ. ލަސްވެފައިވުމުން އޭނާ އަވަހަށް ފާހާނާއަށްވެދެ ތާޒާވެލައިގެން ނުކުތެވެ. ބޮލުގައި ތެޔޮ ހާކަން ފެށިހެން ބޮލުގައިވާ އިސްތަށިތައް ފައިބަން ފެށިއެވެ. އަވަސް އަވަހަށް ލޯގަނޑު ކުރިމައްޗަށް އެރިއިރު ބޮލުގެ މެދުން ފެށިގެން ވަށައިގެން އިސްތަށިތައް ފައިބަމުން ދިޔައެވެ. ކުއްލިއަކަށް އަނެއްކާވެސް ބޮކިތައް ނިވިދިއްލެން ފެށިއެވެ. ޝަފީންގެ ނޭވާލުން އަވަސްވިއެވެ. އޭނާގެ ކަނާތު ކުޑަހުޅު މޭގައި ޖައްސާލިއެވެ. އެއްލި ކަޅިއަކުން އޭނާގެ ފަހަތުގައި ހުރިތަން ފެނުނީ ކުރިންރޭ ފެނުނު އެއްޗެވެ. އޭގެ އަތުން ޝަފީންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެ ކޮންމެ ފިރުމުމަކުން އޭނާގެ އިސްތަށިތައް ފައިބަމުން ދިޔައެވެ. ވާއަތުން ހިފައިގެން ހުރި ތެޔޮފުޅި ނަގާ ފަހަތަށް އެއްލިއެވެ.
ތެޔޮފުޅި ފަޅައިގެން ދިޔަ އަޑަށް ރަމީޒާ ދުވެފައި ޝަފީންގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ދަރިފުޅު ހުރި ދިމާއަށް ބަލަމުން ގުޑާލަންވެސް ނުކެރިފައި ހުއްޓެވެ. ޝަފީންގެ ބޮލުގެ ނާށިގަނޑު ނެއްޓި ނިތްކުރިން ލޭފައިބަމުންދިޔަ މަންޒަރު ބަލަންހުރެ، ރަމީޒާ ހަޅޭއްލަވައިގަތެވެ. އަހުމަދުވެސް ކޮށަންހުރި މަސްއެތި ބަހައްޓާފައި އެތަނަށް އައެވެ. ވަގުތުން ހަސްފަތާލަށް ގެންދިޔުމަށް ގުޅިއެވެ. އެންބިއުލަންސް އައުމުން ހަސްފަތާލަށް ގެންދެވި ޝަފީން އަނެއްކާވެސް އެޑުމިޓުކުރިއެވެ.
އެރޭ ދަންވަންދެން ޑަކުޓަރުން ލުއިފަރުވާ ދެމުން ދިޔައެވެ. ނަމަވެސް ޝަފީންގެ ސިކުނޑިން ލޭ މަދުވެފައިވުމުން އޭނާ އައި.ސީ.ޔޫ އަށްވެސް ބަދަލުކުރިއެވެ. ޝަފީންއަށްވަމުންދިޔަ ކަންތައްތައް އެންމެ ގާތުން ބަލަމުންދިޔައީ ޑަކުޓަރުންނެވެ. ކިރިޔާވެސް ގޯހެއް ވާނަމަ އަވަސް ފަރުވާތައް ދެމުން ދިޔައެވެ.
ދަންވަރު ދޭއް ޖެހިއިރު ޝަފީންއަށް ހޭވެރިކަންވިއެވެ. ނަމަވެސް އޭނާގެ ކައިރީ ހުރީ ޑަކުޓަރެއް ނޫނެވެ. ހުރީ ގައިން ފަރުހަކިވަސް ދުވަމުންދިޔަ ނުބައި މަޚްލޫޤެކެވެ. މުޅި ގައިގެ އެތައްމިތަނުގައި ހުޅުނބުތައް ހުއްޓެވެ. އޭގެ ދެއަތުން ޝަފީންގެ ކަރުގައި ހިފާ ބާރުކޮށްލިއެވެ. ޝަފީން ހަޅޭއްލެވި ނަމަވެސް އޭނާގެ ހަޅޭކުގެ އަޑު އަހާނެ ފަރާތެއް އެތާކު ނެތެވެ. ނޭވާލެވުން ހުއްޓި އޭނާގެ ކަރު ރަތްވާން ފެށިއެވެ. ޝަފީންގެ ވާއަތުން އޭގެ އަތުގައި ހިފާ ދުރުކުރަން އުޅުނެވެ. ކުރި މަސައްކަތް ނާކާމިޔާބުވީކަމަށް އޭނާ ނިންމާކަށް ބޭނުމެއް ނުވިއެވެ.
ނޭވާ ކޮޅަށްގޮސް މަރުގެ ތުންފަތްމަތީގައި އޮތް ޝަފީންއަށް އަނދިރި ގަނޑުގެ ތެރެއިން އަލިގުޅައެއް ފެނުނެވެ. އޭނާ ކައިރީހުރި މަޚުލޫޤުގެ ވަށައިގެން އެނބުރެމުން ދިޔައެވެ. ވަގުތުން އެ މަޚުލޫޤު ފަނޑުވަމުން ބާރު ކެންޑެމުން ދިޔައެވެ. ނަމަވެސް އޭތި ދިޔުމުގެ ކުރިއަށް ޝަފީންގެ ކަރަށް ވަރުގަދަ ހަމަލާއެއް ދިނެވެ. އެއާއެކު ޝަފީންގެ ރޫހު ހަށިގަނޑުން ނުކުމެ ފަނޑުވެ ދިޔައެވެ. ޝަފީންގެ އެނދު ކައިރީގައިވާ މޮނީޓަރުން އަޑު ކިޔަންފެށީ ދެނެވެ. ޑަކުޓަރުން ހާޒިރުވިއިރު ޝަފީންގެ ވިންދެއް ނެތެވެ.
ދަންވަރުގެ ވަގުތު ކުއްލި މަރެއްގެ ޚަބަރު ލިބިގެން ދިޔައެވެ. ގޭގެ ސޯފާގައި އިން އޭނާގެ މަންމައާއި ބައްޕައަށް ހީވީ ގަޔަށް ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ކިތަންމެ ނުރޯން ހުރި ނަމަވެސް ގިސްޖަހާފައި ކަރުނަތައް އޮހެމުން ދިޔައެވެ. ފަތިހުގެ ވަގުތު ދުނިޔެމަތީ އެނބުރެމުންދިޔަ ބޮޑު ވިލާގަނޑުން ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މައްޔިތާ ހިނަވާ ކަންކަން ކުރުމަށް އޭނާގެ މައިންބަފައިން އުޅުނެވެ. ފަތިސް ނަމާދަށްފަހު، ކަށިނަމާދު ކުރެވުނެވެ. ވަޅުލެވިފައިވާ ތަނަށް އެންމެ ފަހު ފަހަރަށް އަހުމަދާއި ރަމީޒާ ބަލައިލިއެވެ. ދެ މީހުންވެސް ރޮމުން، މަޑު ހިނގުމުގައި ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
(ނުނިމޭ)


